12 Sep 2023

އެތާއެތެރޭ ފާރުގައި ލެނގިލައިގެން ހުރެ ލޯ މަރާލީމެވެ. މިހާ ދުވަސް ފަހުންވެސް މިހެންވެދާނެއޭ އަހަރެން އެއްގޮތަކަށްވެސް ހިތަކަށް ނާރައެވެ. އިޝާންގެ އެންމެ ޖުމްލައަކުން އެ ހަނދާންތައް އާވެ މިހެންވަންޏާ އޭނާއާއި އެކު ދިރިއުޅެވިދާނެބާވައެވެ؟

އިޝާން ދޮރުގައި ޖަހާލަމުން 'އޯކޭ" ތޯ އަހާލިއެވެ. އަހަރެން އާނއެކޭ ބުނެލީމެވެ. ލޯގަނޑު ދޮށަށް ހުއްޓި ބަލާލުމުން ފެނުނީ މުޅިން ދާހިތްލާ ކަންބޮޑުވެފައިވާ މޫނެކެވެ. އަހަރެން އޭނާ އާއި ކުރިމަތިލާނީ ކިހިނެތް ހެއްޔެވެ؟ ހަދާނެ ގޮތް ނޭނގިފައި އަހަންނަށް ހުރެވުނެވެ.

ދެވަނަ ފަހަރަށް އިޝާން ދޮރުގައި ޖަހާލާފައި ގޮވާލުމުން އަހަރެން އަވަސް އަވަހަށް ފެން އިސްކުރު ދޫކޮށްލާފައި މޫނަށް ފެންޖަހަން ފެށީމެވެ. އެވަގުތު އޭނާ ދޮރުހުޅުވާލިއެވެ. އިޝާން ފެނުމުން އަހަރެންގެ ދެލޮލުން ކަރުނަ ހިލުނެވެ.

"މީ އަސްލު އަހަރެން ދުރަށް ދިޔަ ސަބަބަކީ!... ކޮޓަރި ދައްކާފައި އެހެންބުނީމާ، ކުއްލިއަކަށް ހިތަށް ފެނުނީ ރިސޯޓު!...އެދުވަސް ހަނދާންވީ....." އަހަރެން ކިޔައިދޭން މަސައްކަތް ކުރީމެވެ.

އެވަގުތު އޭނާ އަހަރެންގެ ގައިގަ ބައްދާލިއެވެ. އަދި ހިނގާށޭ ބުނަމުން އަހަރެން ގޮވައިގެން އެތަނުން ނުކުމެގެންގޮސް، ސިޓިންރޫމް ސޯފާގައި ބައިންދާފައި ޓިޝޫއަކުން މޫނު ފޮހެލަދިނެވެ. އެޓިޝޫތައް އެއްލާލަން ބަދިގެއަށް ގޮސްފައި އައީ ފެންތައްޓެއް ހިފައިގެންނެވެ. އަހަންނަށް ދިއްކޮށްލާފައި ފެންފޮދެއް ބޯލާށޭ ބުނެލިއެވެ.

"މިހާރު އޯކޭތަ؟" ފެން ފޮދެއް ބޯލާފައި މޭޒުމަތީގައި ތަށިބެހެއްޓުމުން އޭނާ އާހާލިއެވެ. އަހަރެންގެ ކައިރީގައި އިށީދެ ކޮނޑުގައި ހިފާ އޭނާއާއި ގާތްކޮށްލިއެވެ.

"ވަރަށް ދުވަސް ވެއްޖެ މިގޮތަށް ޕެނިކް އެޓޭކެއް ނުޖެހޭތާ!" އަހަރެން ނަށް ވީގޮތް އޮޅުންފިލުވައިދިނީމެވެ. އޭރުވެސް އަހަރެން މުޅިން ހަމައަކަށް ނޭޅެއެވެ. ބޭނުންވީ އޭނާގެ އަތުތެރެއިން ވީއްލިގެން ދުރަށް ދާށެވެ. އެކަމަކު، އަހަރެން މިވަގުތު ބޭނުމީ ގެއަށް ދާށޭ ބުނާކަށް ނުކެރުނެވެ.

އޭނާ އިހަށްވުރެވެސް ބޮޑަށް އަހަރެން ކައިރިކޮށްލިއެވެ. އެދެއަތުން އަހަރެން ހިމާޔަތް ކޮށްދޭނަމޭ ބުނާކަހަލައެވެ. އެމޭމަތީގައި އަހަރެން މޫނު ޖައްސާލީ ހިނދު ، ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސް ކަމުގެ ތެރެއިން ، ވަރަށް ފަނޑުފަނޑުކޮށް އެ ހިތުގެ ހިނގުމުގެ އަޑު އަހަންނަށް އިވެންފެށިއެވެ. އެހިތުގައި ވިންދު ޖަހަނީ އަހަންނަށްޓަކާ އޭ އޭނާ ބުނި ހަނދާންވިއެވެ.

"ހެލްޕް މީ އިޝާން! އަހަރެން ބޭނުން މިކަމުން އަރައިގަންނަން!" އަހަރެން ބޯހިތްލާލާފައި އޭނާއަށް ބަލާލަމުން ވާހަކަ ދެއްކީމެވެ. އަހަރެން ކިތަންމެ ލޯބިވިޔަސް، މިހެންވަންޏާ އިޝާން އާއި އެކީ އުޅެނީ ކިހިނެއްތޯ އަހާލީމެވެ.

އެކަމާ ފިކުރު ބޮޑު ނުކުރާށޭ އޭނާ ބުންޏެވެ. މިކަމުން އަރައިގަންނަން ދެމީހުން އެކީގައި މަސައްކަތް ކުރާނީ ކަމުގައި ބުނެލިއެވެ. އަހަރެން ގޮވައިގެން ރާއްޖެއިން ބޭރަށްގޮސް ނަފްސާނީ ފަރުވާ ހޯދަން އިޝާން ހުރީ ތައްޔާރަށެވެ. އޭނާ އަށް ވެސް އެކަމުގެ އަސަރު ހަމަ ވަރަށް ބޮޑަށް ކުރިކަމަށް ބުނެ އޭނާގެ ވާހަކަ ކިޔިއދޭން ފެށިއެވެ.

އެވަރުގެ ބޮޑު ފާފައެއް ކުރެވުނީތީ މިދުނިޔެމަތީގައިވެސް އޭގެ ސަޒާ ލިބެނީކަމަށް ގަބޫލުކުރިން ކަމުގައި ބުންޏެވެ. "އަހަންނަށް ރީނާ ގެއްލުން އެއީ އޭނގެ ސަޒާ ކަމަށް ގަބޫލުކުރިން އޭރު!" އަދި އޭނާވެސް އެކަމަށް ފަރުވާ ހޯދިން ކަމުގައި ބުނެދިނެވެ.

"އަސްލު އަހަރެންވެސް ވަރަށް ގިލްޓީވިއޭ..!" އިޝާން ކިޔައިދިނެވެ. އަދި އެއީ ދެމީހުންނަށްވެސް ކުރިމަތިވި ބޮޑު ހިތާމަވެރި ހާދިސާއެއް ކަމުގައި ބުންޏެވެ.

"އެކަމަކު އެއީ އޭގެ ސަބަބުން މުޅި އުމުރަށް ކަސްތޮޅު އެޅެން ޖެހޭނެ ކަމެއްނޫން!... އަހަރެންގެ ތެރަޕިސްޓު ބުނީ ޓްރޯމާއަކީ ލައިފް ސެންޓެންސެއް ނޫނޭ... އެއީ ދިރިއުޅުމުގެ ވަކި ހިސަބަކުން ދިމާވި ހާދިސާއެއް ކަމުގައި ދެކޭށޭ!"

އިޝާން އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. " ރީނާ ވިސްނާލަބަލަ!، މިހާރު އޭގެ ފަހުން ވިހި... ނޫނޭ އެކާވިސް އަހަރު ވީ..........ދެން، ލަތީ އެނބުރި ނުވެސް އަންނާނެދޯ، އޭނާ ބޭނުންވާނެތަ ރީނާ އަބަދު ދެރަވެފައި ހުންނަން؟" އިޝާން އަހާލިއެވެ.

އަހަރެން ނޫނެކޭ ބުނަން ބޯހޫރާލީމެވެ.

"އަހަރުމެން ދެމީހުންވެސް އެހެން ލައިފެއް ފަށައިގެން ސްޓަރަގުލް ދޯ ކުރީ... އަހަންނަށް ޔަގީން ރީނާވެސް ހުސޭނުއާއި އެކީ ހިތްހަމަޖެހިގެން އުޅުނު ނަމަ މިއަދު މިތާނގައި ނީންނާނެކަން!" އިޝާން ބުނެލިއެވެ.

އަހަރެން އެއްބަސްވީމެވެ. ލަތީފު ވަކިވި ހިސާބުން އަހަރެން އުޅެންޖެހުނީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ އެހުރިހާ ވާހަކައެއް އަހަރެން އިޝާން އަށް ކިޔަދޭން ބޭނުންވިއެވެ.

އަހަރުމެން ދެމިހުން ވާހަކަ ދައްކަން ބެލްކަންޏަށް ނުކުތީމެވެ. އެގެޔަށްވެސް ފެންނަން އޮތީ އަހަރުމެންގެ އެޕާޓުމެންޓަށްވެސް ފެންނަން އޮންނަ ބުރިޖާއި އެއަރޕޯޓެވެ. އެއަށްވުރެ މަތިން އަދި ދުރުންނެވެ. އެތާނގައި ވާ މޭޒު ދޮށުގައި އިޝާން އިށީނދެ ސިނގިރޭޓެއް ނަގާފައި އަހަރެންގެ އިޒުނައަށް އެދުނެވެ. އަހަރެން އާނއެކޭ ބުނީމެވެ. އޭނާގެ އެ އަމަލުން އަހަންނަށް ވަރަށް އާދަޔާ ޚިލާފު އިހުސާސެއް ކުރެވުނެވެ. އަހަންނަށް ލިބެން މިއުޅެނީ ހަމަ 'ޓުރޫ ޖެންޓުލްމަން' އެކޭ ހިތަށް އެރިއެވެ.

ކޮންމެއަކަސް އެތާނގައި ތިބެ، ދެމީހުންގެ ހަޔާތުގައި ހިނގާފައިވާ ވަރަށް ގިނަ ކަންކަން އެކަކު އަނެކަކަށް ހިއްސާ ކުރީމެވެ. އަހަންނަށް ފެންނަން ފެށި ބިރުވެރި ހުވަފެންތަކުން ފެށިގެން ގޮސް ހުސޭނުއާއި ދިމާވެ އޭނާއާއި އެކީ ދިރިއުޅެން ނިންމި ސަބަބެވެ. އޭނާ ގެ ރަށަށް ބަދަލުވެ ދެން އުޅެން ޖެހުނު ގޮތެވެ. ހުސޭނު ދެވަނަ މިހަކާ ކައިވެނި ކުރި ސަބަބެވެ. ހުސޭނުގެ މަންމަ ބަލަން އަހަރެން ހޭދަކުރި ދުވަސް ތަކުގެ ވާހަކައެވެ.

"މައިދައިތަ ނިޔާވީމާ މާލެއައީ އިޝާން ހޯދަން އަޒުމު ކަނޑައަޅައިގެން... އެތަނުން އެނގުނީ... އުހޫ ފެނުނީ ޝެރީން އާއި އެކީގައި ހުއްޓާ!" އަހަރެން އެހެންބުނެލާފައި ހުއްޓާލީމެވެ.

"އައި އޭމް ސޯ ސޮރީ!" އެވަގުތު އިޝާން ބުނެލިއެވެ.

"ވަރަށް ވަރަށް ދެރަވި އެދުވަހު.... އެހިސާބުން ނިންމީ ތި ހަނދާންތައް ފޮހެލަން، ހިތަށް އެރި ރަށަށްގޮސްސަ ދެން ދުވަހަކުވެސް މާލެ ނާންނާމޭ.... އެހެންހުއްޓަ އިފާ އާއި ދިމާވީ!"

“އިފާ އެފަހަރު އައިސްފައި ބުނި އިޒް މަންމައަކީ ވަރަށް ދޮން މީހެކޭ.. އޮންނަނީ ވަރަށް ރީތި ބުޅި އިސްތައިގަނޑެކޭ... އެވަގުތު އަހަރެންގެ ހިތަށް ރީނާ ހަމަ ފެނިގެން ދިޔަ!" އިޝާން އަހަންނާއި ވާހަކަ ދައްކަން ޝައުގުވެރި ވީ ކީއްވެގެންކަން ބުނެދިނެވެ.

"އަދި ބުނެފިއެއްނު އަހަރެން ވީ މަރުވެފައޭ!.. ކީއްވެގެންތަ އެހެންބުނީ؟" އަހަރެން އަހާލީމެވެ.

"އެއީ ހަމަ "ފާތުން" ރިއެކްޓް ކުރަނީ ކިހިނެއްތޯ ބަލަންވެގެން ދެއްކި ވާހަކައެއް!" އިޝާން ހީލިއެވެ.

"އެކަމުވެސް ނޭނގުނެންނު! މިއޮއްހާ ދުވަހު ހަމަ އޮޅިފައެއްނު ތިހިރީ.!" ކުޑަ ހިނދުކޮޅަކަށް އެތަނަށް ވެރިވެފައިވާ ސީރިއަސްކަން ކެނޑިގެން ދިޔައެވެ. ދެމީހުންނަށް އެކަކު އަނެކަކަށް އުފާވެރިކަމާއި އެކު ހިނިތުންވެލެވުނެވެ.

އިޝާން އަށް އަހަރެން ހޯދަން އަންނަން ނުކެރުނީ އެ ހާދިސާގެ ސަބަބުން އޭނާއަށް ވެސް ކުރި ފުން އަސަރުން ކަމުގައި އޭނާ ބުންޏެވެ. "އަހަރެންވެސް ހަމަ ވަރަށް ގިލްޓީވި... ތިބުނާކަހަލަ ޕެނިކް އެޓެކްވެސް ދިމާވި... ވިއްސާރަވެ ކަޑުގަދަވީމާ ގޮނޑުދޮށަށް ނުކުމެ މީހުން ސާރފް ކުރަން އުޅޭތޯވެސް ބެލޭ!"

"ވަރަށް އުއްމީދުކުރިން ކޮންމެވެސް ދުވަހަކުން ރީނާގެ ޚަބަރެއް ވާނެކަމަށް... އެހެންހުއްޓާ މުހުސިނު ބުނީ!" އިޝާން ކިޔައިދިނެވެ. އެހިސާބުން އޭނާއައި ޝެރީންގެ ދިރިއުޅުމުގެ ވާހަކަ ފެށިއެވެ. ކައިވެނީގެ ކުރީކޮޅު ޖެހުނު މައްސަލައިގައި ޝެރީން ވަރިވި ވާހަކައާއި އޭނާ އިފާއަށް ބަނޑުބޮޑުކަން އެނގުނީމާ އަލުން އެކީގައި އުޅުނު ވާހަކައެވެ.

"މިއޮއްހާ ދުވަހުވެސް ކެތްކުރީ އިފާ އަށްޓަކާ!" އިޝާން ބުނެލިއެވެ. އަދި އިފާ އޭނާގެ ކައިރިއަށް މާފުއްޓަށް ބަދަލުވި ހިސާބުން އެގުޅުން ނިމުމަކަށް އައީ ކަމުގައިވެސް އޭނާ ބުނެދިނެވެ.

"އެންމެ ބޮޑު މައްސަލައަކީ ޝެރީން އަށް އަހަންނަށް އިތުބާރު ނުކުރެވޭ މައްސަލަ!" އިޝާން ބުނެލިއެވެ. "ލަވަކިޔަން ފެށި ހިސާބުން ވަރަށް ބައިވަރު ފޭންސް ލިބުނު... އެއިން ކުއްޖަކާ ވާހަކަ ދައްކާލިއަސް... އަދި އަމްދުން މާފުށިން ގެސްޓަކު ބައްދާލާ ވާހަކަ ދައްކާލާ ހަދައިފިއްޔާ އެނިމުނި!"

އެވަގުތު އަހަރެންގެ ހަނދާނަށް އައީ އޭނާ އޭރު ފޮޓޯ ދެއްކި ސްޕެއިން އަންހެން ކުއްޖާ މަތިންނެވެ. އޭނާ ކޮބައިތޯ އަހަރެން އަހާލީމެވެ.

"ކޮން؟" އިޝާން އަހާލިއެވެ.

"ކުރިސްޓީނާ ކިޔާ އަންހެންކުއްޖެއްގެ ފޮޓޯ ދެއްކީމެއްނު ގާރލު ފުރެންޑޭ ކިޔާފަ!" އަހަރެން އޮޅުންފިލުވައި ދިނީމެވެ.

އެޔާއިއެކު އިޝާން ހޭން ފެށިއެވެ. "ރީނާ އޭނާގެ ނަންވެސް ހަނދާން އެބަހުރި ދޯ؟" އޭނާ ބުނެލިއެވެ. އެއީ އެރިސޯޓަށް އައި ހަނީމޫން ކަޕަލްއެއް ކަމަށާއި އެފޮޓޯގެ އަނެއްފަރާތުގައި އޭނާގެ ފިރިމީހާ ވެސް ހުންނާނެ ކަމުގައި ބުނެދިނެވެ.

"އެއީ ހަމަ ރީނާ ޖޭ ވަނީ ކިހާވަރަކަށް ތޯ ބަލަން ވެގެން ދެއްކި ފޮޓޮއެއް!" އިޝާން ބޯ ހޫރާލިއެވެ. އެކަންވެސް ހަނދާން ބަހައްޓައިގެން ދޯއޭ ތިއުޅެނީ ބުނެލިއެވެ. އަހަރެން ރަކިވިއެވެ. އެވަގުތު އެއަރޕޯޓަށް ފުލައިޓެއް ޖައްސަން އަންނަތަން ފެނިގެން، ތެދުވެގެން ގޮސް ބެލްކަނީ ރެއިލިންގގައި އަތްއަޅުވާލައިގެން ހުއްޓުނީމެވެ.

އިރުކޮޅެއް ނުވަނީސް އިޝާން އައިސް އަހަރެންގެ ކައިރިއަށް ހުއްޓުނެވެ.

"ސަންރައިޒް ސެލްފީ ނަގަން ވަރަށް ފަސޭހަވާނެ" އޭނާ އަހަރެންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެޖުމްލައިން އަހަންނަށް ނެގުނީ މުޅިން އެހެން މާނައެކެވެ.

" މިހާރު ކުރިއާ ވަރަށް ތަފާތު ދޯ، މިބުނީ އަހަރުމެންނަކީ ނުވިސްނޭ ޒުވާނުންނެއްނޫނޭ ... ކުރިން، ދެމީހުން ދިމާވީމާ އުޅުނުގޮތަށް އުޅޭކަށް ބޭނުމެއް ނޫން!" އަހަރެން އެހެންބުނުމުން އިޝާންގެ މޫނުމަތިން ހިނިތުންވުމުގެ ނިޝާނެއް ފެންނަން ފެށިއެވެ.

"ތި ބުނަން އުޅޭ އެއްޗެއް އެބަ އިނގޭ ކަންނޭނގެ..އެހެންވެގެންނޭ ވީހާވެސް އަވަހަށް އިންނަން ބޭނުމީ!" އިޝާން ބުނެލިއެވެ.

" މިކަހަލަ ކޮންމެ މާހައުލެއްގައި ތިންވަނަ މީހަކަށް ޝައިތޯނާ ހުންނާނެކަމަށް ވަނީ .." އަހަރެން އެހެންބުނި ވަގުތު ހަނދާންވީ ހުސޭނު މަތިންނެވެ. އަހަންނާއި އިޝާންގެ ގުޅުން އެނާއަށް އިނގުނީމަ ބުނާނީ ކީކޭ ބާވައޭ ހިތަށް އެރިއެވެ.

"އޭގެ ވަސްވާހުގައި ޖެހި ރަނގަޅަށް އަލާ ފިލާފައެއްނު މިތިބީ ދެމީހުން..ދެން ހަމަ ހިލާ އެހެންވިޔަކަ ނުދޭނަން!" އިޝާން ވަރަށް ޖޯޝުގައި ބުނެލިއެވެ. އެވަގުތު ސިޓިންރޫމް ތެރެއިން އިޝާންގެ ފޯނުވާން ފެށީމާ ބޮޑު ޗޮކެއް ކަނޑާފައި އެދިމާލަށް ހިނގައިގަތެވެ.

ރެއަކީ އުޑުމަތި ސާފު ރެއެކެވެ. އުޑުމަތީގެ އެކި ދިމަދިމާލުން ތަރިތައް އަހަރެން ނިންމާގޮތެއް ބަލަން ތިބިކަހަލައެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އަހަންނަށް އެވީ ގޮތާއިމެދު އަހަރެން ވިސްނާލީމެވެ. އަހަންނަށް އިޝާންއާއި އެކީ އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ބާވައެވެ؟

އިޝާން އެއީ އުމުރުން އެންމެ ސޯޅަ އަހަރުގައި ހިތަށް ހެރުނު ލޯބީގެ ތީރެވެ. އަހަރެންގެ އުމުރުން ސާޅީސް ދެ އަހަރު ވެގެން ދިޔައިރުވެސް ފަސޭހަ ނުވި ޒަހަމްއެވެ. ހާސިލް ނުވި އެދުމެކެވެ. އަހަރެން އޭނާއަށް ފުރަގަސްދޭނީ ކިހިނެއްހެއްޔެވެ؟ އަހަރެންގެ ސަބަބުން އޭނާއަށްވެސް ކިހާ ވޭނަކާއި ތުރާ ދެވިއްޖެ ހެއްޔެވެ؟. އޭނާ އެބުނީ ތެދެކެވެ. އޭނާ ޝެރީންއާއި ދިމާލަށް އަނބުރާ ދާންޖެހުނީ އަހަންނާއި ހެދިކަމަށް އަހަންނަށް ގަބޫލުކުރެވުނެވެ.

އަހަންނަށް ހިންދިރުވާލެވުނެވެ. މާޔޫސްކަމުގެ ނޭވާއެއް ލެވުނެވެ. ވެދިޔަތަނެއް އަނބުރާ ނުގެނެވޭނެއެވެ. އެކަމާއި ވިސްނުމުގެ ބޭނުމެއް ދެން ނެތެވެ. އުޑުމަތިން އެކި ކުލަކުލަ އަރަމުން، ވިދަމުންދާ ތަރިއެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ.

"ކޯއްޗެއް ތިވިސްނާލަނީ؟" އިޝާން އައިސް އަހަރެންގެ ފުރަގަހުގައި ހުއްޓި އޭނާގެ ދެއަތުން އަހަރެންގެ އުނަގަނޑު ވަށާލިއެވެ.

" ތަރިތަކަށް ބަލާލީ" ތަރިތައް ފެނުނީމާ އަހަރެންގެ ހިތަށް އަރަނީ ކީކޭ ކަން އަހަރެން ބުނެދިނީމެވެ. އެހިނދު ރީނާ އަދިވެސް އެހާ މޮޔަ ޚިޔާލު ކުރަންހެއްޔޭ އިޝާން އަހާލިއެވެ.

"މިހާރަކު ނޫން. އެއީ މާމަ ނިޔާވިތާ ކައިރީގައި!"

"ބުނާތީ އިވޭ ދުނިޔެ ދޫކޮށްފައިވާ މީހުންނަށް އަހަރުމެން އުޅޭ ނޫޅޭ ގޮތް އިނގޭނެޔޭ... އެހެންކަމަށް ވަންޏާ ލަތީއަށްވެސް އަހަރުމެން ދެމީހުންގެ ހާލު އިނގޭނެތާ!" އިޝާން މަޑުމަޑުން ބުނެލިއެވެ.

އަހަރެން އޭނާއާއި ދިމާލަށް އެނބުރުނީމެވެ. އޭނާގެ މޭގައި ބޯޖައްސާލިއިރު އަހަރެން ޖެހިލުންވެއްޖެއެވެ.

"އަހަރެން ވަރަށް ގިލްޓީވޭ!" އަނެއްކާވެސް އަހަރެންގެ ސިކުނޑި އެދިމާލަށް ދާން މަސައްކަތް ކުރިއެވެ.

"ނޯ ރީނާ!" އޭނާ ވަރަށް ލޯބިން ވާހަކަ ދެއްކިއެކެވެ. އެއީ މާޒީ ކަމުގައި ބުނެދިނެވެ. ކިތަންމެ ދެރަވިޔަސް، އުފާވިޔަސް އަދި ގިލްޓީވިޔަސް އެމާޒީއެއް ބަދަލެއް ނުކުރެވޭނެކަން އޭނާ ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ރީނާގެ އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭ ދޯ އަދިވެސް؟" އިޝާން އަހާލިއެވެ.

އޭނާ އެބުނިއެއްޗެއް އަހަންނަށް ނުވިސްނުނީމާ އޮޅުން ފިލުވައިދިނެވެ. އަހަންނަށް މިކުރަމުންދާ އިހުސާސްތަކުން އަރައިނުގަނެވިގެން އުޅެނީ އެ ކުރެވުނު ކުށާއި އެކީ އަދިވެސް އަހަރެންގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭތީ ކަމުގައި އޭނާ ކިޔައިދިނެވެ.

" ޔޫ ހޭވް ޓު ފޮގިވް ޔޯރ ސެލްފް!" އޭނާ ބުނެލިއެވެ.

އެހިސާބުން އޭނާ ނަފްސާނީ ކަންކަމާއި ބެހޭގޮތުން ލިޔެފައި ވާ އެކި ލިޔުންތައް ގޫގުލް ސާރޗް ކޮށްގެން ހޯދަން ފެށިއެވެ.

"މިއޮތީނު!" އޭނާގެ ފޯނު އަހަންނަށް ދައްކާލިއެވެ. އެކަހަލަ ބައިވަރު މަޢުލޫމާތު ގޫގްލް ސާރޗް ކުރީމާ ފެންނާނެ ކަމުގައި ބުނަމުން އޭނާ އެލިންކު އަހަރެންގެ ފޯނަށް ފޮނުވައި ދިނެވެ. ވަގުތު ވީމާ ކިޔާލާފައި އެއާއި ދޭތެރޭ ވިސްނާލާށޭ ބުނަމުންނެވެ.

"ރީނާ! ވީކޭން ޑޫ ދިސް.. ޓުގެދަރ!" އޭނާ ބުނެލިއެވެ.

ކޮންމެއަކަސް ގެއަށް އައިއިރު އަހަރެން ހުރީ ހަމަ ޖެހިފައެވެ. އިޝާންއަށް އިތުބާރު ކުރީމެވެ. އޭނާގެ އެހީތެރިކަމާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމަށް ގަބޫލުކުރެވުނެވެ.

އަނެއްދުވަހު އަހަރެންގެ މަންމައަށާއި ދޮންބެދައްތައަށް އެޚަބަރު ދިނީމެވެ. އެމީހުން އެކަމަކާ ހައިރާނެއްނުވިއެވެ. މިދެދުހަކު އަހަރެންގެ މޫނުމަތިން ފެންނަން ހުރީ އާދަޔާ ޚިލާފު އުފާވެރިކަމެއް ކަން އެމީހުންނަށް ވަނީ ފާހަގަވެފައެވެ.

އެރޭވެސް އަހަރެން އިޝާންމެންގެއަށް ދިޔައީމެވެ. ސަމީރު އައުމުން ކައިވެނީގެ ކުރިން އަހަރެންގެ އައި ޑީ ކާރޑު ނަން ބަދަލުކުރަން ބޭނުން ވާހަކަ ބުނީމެވެ. އަހަރެން އެކަން އެގޮތަށް ކުރީ ހަމަ ސިދާ އެންމެންނަށް ފިލަންވެގެން ކަމުގައި ވެސް އަހަރެން ބުނެދިނީމެވެ.

"ހުސޭނު އަހަންނަށް ކިޔަނީ ފާތުން.. އެރަށު އެންމެންނަށް ވެސް އެނގެނީ އެނަމުން.. އެހެންވެ ހިތަށް އެރީ ހަމަ!" އަހަރެން ކިޔައިދިނީމެވެ.

"އެއީ އަސްލު އަހަންނަށްވެސް އޮޅުނު ތަންކޮޅަކީ.. ރީނާ ވަރަށް މޮޅު އިނގޭ!" އެވަގުތު އިޝާން ބުނެލިއެވެ.

އަހަރުމެން ތިންމީހުން ބެލްކަނީގައި ވާހަކަދައްކަން ތިއްބާ އިޒާން ގުޅިއެވެ. އެފޯނަށް ޖަވާބުދޭން އަހަރެން ގޭތެރެއަށް ވަނީ، އޭރު އަދި އަހަރުމެންގެ ދަރިންނަށް އެ ޚަބަރު ދޭނެ ގޮތަކާއިމެދު ވަކި ގޮތެއް ނުނިންމި އޮތީމައެވެ.

އިޒާން ވާހަކަ ދައްކަމުން އޭނާ ބޯކޮށާލި ވާހަކަ ބުންޏެވެ. އަދި މިހާރު ހުރިގޮތް ދައްކަންހޭ ކިޔާފައި ވީޑިޔޯ ޖެއްސިއެވެ.

"މަންމަ ކޮންތާކު ތީނީ؟" އޭނާ ސުވާލުކުރިއެވެ. އެވަގުތު އިޝާން އެތެރެއަށް ވަނުމުން އަހަރެން އަތުން އިޝާރާތް ކޮށްލާފައި ދުރުގައި ހުރުމަށް އެދުނީމެވެ.

"ތިއީ އިފާމެންގެ ދޯ؟" އަހަންނަށް ޖަވާބު ނުދެވެނީސް އިޒާން އަހާލިއެވެ. އަހަންނަށް ބަލާލެވުނީ އިޝާންގެ މޫނަށެވެ. އޭރު އޭނާ އާއެކޭ ބުނާށޭ ބުނަމުން ދިޔައެވެ.

އަހަރެން ކުއްލިއަކަށް ހާސްވިއެވެ. ތިހެން ތިއެހީ ކީއްވެގެން ތޯ އަހާލީމެވެ. އިޒާން ދެއްކީ އަހަރެންގެ ފުރަގަހުން ފެނުނު މަންޒަރުގެ ވާހަކައެވެ. އެއީ އޭނާއާއި އިފާ އާއި ދެމީހުން ކުރި ދަތުރެއްގައި ނަގާފައިވާ ފޮޓޯތަކެއް ކަމުގައި އޭނާ ކިޔައިދިނެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގިފައި އިންދާ އިޝާން އައިސް ފޯނު އަތުލިއެވެ.

"އާނ އިޒް މަންމަ އޭނީ މިގޭގައި !" އިޝާން ހިނިތުންވެލާފައި ބުނެލިއެވެ. އަދި އިޒް ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުމޭ ކިޔާފައި އިޝާން ކިޔައިދޭން ފެށިއެވެ. ޝޯ އިން ދިމާވެގެން އިޒް މަންމަމެސް މިހާރު ދިރިއުޅެނީ އެކަނި ކަމުގައި އޭނާއަށް އެނގުނު ވާހަކައެވެ. އެހެންވެ ދެމީހުން އެކީގައި ދިރިއުޅެވޭތޯ ބަލަން ނިންމީކަމުގައެވެ.

އިޒާންއަށް ލިބުނީ ޝޮކެކެވެ. އޭނާ ބަސްހުއްޓިފައި އިންތަން ފެނުމުން އަހަރެން ފޯނު އަތުލާފައި ދަރިފުޅަށް އޯކޭ ތޯ އަހާލީމެވެ.

"އިޒް އަށް އޯކޭ މަންމަ ހެޕީ ވަންޏާ!" އެންމެފަހުން އޭނާ ބުނެލިއެވެ.

އެފޯނު ބާއްވާފައި އިޝާން ބޭނުންވީ އިފާއަށް ގުޅާށެވެ. އިޒްގެ ފަރާތުން އޭނާއަށް އެނގުމުގެ ކުރީން އެ ޚަބަރު ދޭށެވެ. އަހަރުމެން ގުޅިއިރު އިފާ އޮތީ ނިދާފައެވެ. ސިޑްނީއަށް މެންދަމު ބާރަޖަހާ ބޮޑުވެދާނެކަން އަހަރުމެން ދެމީހުންކުރެ އެކަކުވެސް އެވަގުތު ހަނދާނެއް ނެތެވެ.

" ދަރިފުޅު ބައްޕަ މެރީ ކުރަންވެގެން މިއުޅެނީ" އިޝާން ވާހަކަ ދައްކަމުން ގޮސް ބުނެލިއެވެ.

"ވަޓް!" ފޯނު ސްޕީކަރަށް ލާފާއި ހުރީމާ އިފާ އެހެންބުނެލިއަޑު އަހަންނަށް އިވުނެވެ.

"ދަރިފުޅު ހަނދާން އެބަހުރިތަ އެއްދުވަހަކު ބުނީމެންނު ބައްޕަ ކައިރީ އިޒް މަންމަ ކަހަލަ މީހަކު ހޯދާށޭ!" އިޝާން އަހަންނާއި ދިމާލަށް ބަލާލާފައި ހިނިތުން ވެލަމުން ވާހަކަ ދެއްކިއެވެ. އެޔާއިއެކު އިފާ އާ ފުރިލާފައި 'ހޫމް' އޭ ބުނެލި އަޑު އިވުނެވެ.

"ބައްޕަ ވަރަށް މަސައްކަތް ކޮށްފިން އެކަމު އިޒް މަންމަ ކަހަލަ މީހެއް ނުފެނުނު ... އެހެންވީމާ އޭގެ ބަދަލުގައި އިޒް މަންމަ މި ހޯދީ!"

"ވެއިޓް! ވެއިޓް... އާރ ޔޫ މެރީން ހަރ؟" ކުޑަ އިރުކޮޅަކަށް ފަހު އިފާ ގެ އަޑުއައެވެ. އޭރު އޭނާގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ވަގުތުން ވީޑިއޯ ޖައްސަން އެދުނެވެ. އަދި އޭނާގެ ކޮޓަރި ބޮކި ދިއްލިއެވެ.

"އޯ މައި ގޯޑް!... އިޓްސް ރިއަލީ ޓްރޫ!" އަހަރެން ފެނުމުން އޭނާ ތެޅިފޮޅިގަތެވެ. "އައި ވިޝް އައި ކޭން ހަގް ޔޫ ބޯތު ރައިޓް ނައު!" އޭނާގެ އުފާވެރިކަން އިންތިހާއަށް ދިޔައެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular