22 Mar 2024

އިންތިޒާރުގައި - 7

ދެދުވަސް ފަހުން އެނބުރި މާލެ ދިޔައީމާ ދެން ވާނީ ކިހިނެތް ބާވައޭ އޭރު އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަހަންނަށް އިއްމަ އާއި ކައިވެނި ކުރެވުނީ އޭނާ ރަނގަޅަށް ދަސްނުވަނީސް އެވެ. އެއީ އަހަންނަށް ހެދުނު ގޯހެއްކަންނޭގެއެވެ.

***

އިމްރާން އެ ފޮޓޯ ކުރެހުމުން އެންމެ ފުރަތަމަ އަހަންނަށް ވީ މަޖާކަމަކަށެވެ. އަނެއްދުވަހު އޮފީހަށް އައިގޮތަށް އެންމެނަށް އެ ފޮޓޯ ދައްކާފައި ހުނީމެވެ. އެ ފޮޓޯ އަހަންނަކާއި އެހާ ވައްތަރެއް ނޫނޭ ބުނަމުން ގެންދިޔައީމެވެ. އެމީހުން އޭނާގެ ހުނަރުވެރިކަމަށް ތަޢުރީފު ކުރިއެވެ. އަދި އަހަންނާއި ދިމާކުރިއެވެ. އޮފީހަށް އައިސް ނިދާކަން ބަސްޓުވީ ކަމުގައި ބުނަމުންނެވެ. އޭރު އެގަނޑު ހަފީޒާއާއި ހަމައަށް ވެސް ގޮސްފިއެވެ. އެބޭފުޅާ އަށްވެސް އެ ކުރެހުން ވަރަށް ކަމުގޮސްގެން ތަޢުރީފު ކުރެއްވިއެވެ.

އެދުވަހު އޮފީސް ނިމެން ކައިރިވެފައި ވަނިކޮށް ބަޖެޓް ބަލަހައްޓާ ކުއްޖާ އަހަންނަށް ގޮވާލާފައި ޗެކް ބަލާ އިމްރާން އެބައާދެޔޭ ބުނެލިއެވެ. އަހަރެން އޭނާ އާއި ކުރިމަތިލާ ހިތެއްނުވިއެވެ. އެހެންކަމުން އަވަސް އަރުވާލާފައި ގެއަށް ދާން ތައްޔާރުވީމެވެ. ކަންދިމާކުރިގޮތުން އަހަންނަށް ނުކުމެވުނީ އޭނާގެ ކުރިމައްޗަށެވެ. އޭރު އޭނާ ސައިކަލުން ފައިބައިގެން އޮފީސް ދޮރާއި ދިމާލަށް އަންނަނީއެވެ. އަހަންނަށް ހިނގައިގަންނަން ނުކެރިފައި ދޮރުމަތީގައި ހުރެވުނީއެވެ. އޭނާ އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނު ވަގުތު ވަރުގަދަ އާފްޓަރ ޝޭވް އެއްކަހަލަ އެއްޗެއްގެ ވަސް މުޅިހިސާބަށް ފެތިރިގެން ދިޔައެވެ. އޭނާގެ ކޮޑުގައި ޖެހޭވަރަށް އޮތް ފަން އިސްތަށި ގަނޑުގެ ތެތްކަން ފެނިފައި އޭނާ އެއައީ ހަމަ ދެންމެ ފެންވަރައިގެންކަން ދޭހަވިއެވެ. އޭނާ ލާފައި ހުރީ ގަދަ ފެހި ކުލައިގެ ޓީޝާޓެކެވެ. ކުލަގޮސްފައިވާ ނޫ ޖިންސެކެވެ. ލޮލުގައިވާ ރޭބަން އައިނުގެ ސަބަބުން އޭނާގެ ނަޒަރު ހުރީ ކޮންދިމާލަކަށް ކަން ބުނެދޭކަށް އަހަންނަކަށް ނޭނގުނެވެ.

އަހަރެން ހަމައަކަށް އެޅެން ކުޑަ ހިނދުކޮޅެއް ނެގިއެވެ. އެއީ އަހަރުމެން އޮފީހަށް ޚިދުމަތެއް ކޮށްދޭން އައި މީހެއްކަން ހަނދާންވުމުން އިސްވެ ހިނިތުންވެލީމެވެ. އަދި އޭނާ ވަންނަން ތަން ދެއްކުމުގެ ގޮތުން އެއްކައިރިއަށް ޖެހިލީމެވެ.

"ޝުކުރިއްޔާ ކުރެހުމަށް!" އަހަރެން ހަނދާންވެގެން ބުނީމެވެ.

އޭނާއަށް އަހަރެން ބުނިއެއްޗެއް އެނގުނު ހެނެއް ހިޔެއްނުވެއެވެ. އައިނު މަތިން އަހަންނާއި ދިމާލަށް ބަލާލަމުން ކީކޭ ތޯ އަހާލިއެވެ.

"ދިން ކުރެހުމަށް ޝުކުރިއްޔާއޭ!" ދެވަނަފަހަރަށް ބުނަން އަހަރެން ލަދުގަތެވެ. އެއީ ކީއްވެގެން ކަމެއް ނުވިސްނުނެވެ.

"އަހަރެން ހިލޭ ކުރަހައި ދީއެއް ނޫޅެން .. އެއީ އަހަރެން ކާން ބޯން ކުރާމަސައްކަތް!" އޭނާ ބުނެލިއެވެ.

އަހަރެން ހިތްހަމަ ނުޖެހުނެވެ. އޭނާ އެފޮޓޯ ކުރެހީ އަހަރެން ބުނެގެނެއް ނޫނެވެ. އެއަށް އަގުދޭކަށް އަހަރެން ނެތީމެވެ. އެކަމަކުވެސް އަހަންނަކަށް އޭނާއާ ދިމާލަށް އެހެން ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. އަހަރެން އިސްޖަހާލީމެވެ.

"މާ ބޮޑު އެއްޗެއް ނޫން... ކޮފީ އަކުން ފުދޭނެ!" އޭނާ އަހަންނާއި ދިމާލަށް ހީލަމުން ބުނެލިއެވެ. އެއީ އަހަރުމެން ދެމީހުންގެ ގުޅުން ފެށުނު ގޮތެވެ. ދެވަނަ ދުވަހު ކޮފީ ދޭށޭ ކިޔާފައި އަހަރެން ގެންދިޔައީ އޭނާގެ ގެއަށެވެ. އެގޭގައި ހުރީ ހަވީރު ސައި ހަދާފައެވެ. އޭނާ މައެއްގެ ގޮތުގައި ދެކޭ ދޮންތައަށް އަހަރެން ތަޢާރަފު ކޮށްދިނެވެ.

"އިމްރާން އަދި ދުވަހަކުވެސް އަންހެން ކުއްޖަކު ގެއަކަށް ނުގެނޭ... ވަރަށް އުފާވެއްޖެ!" ދޮންތަގެ ވާހަކަ ހުރީ އެހެންނެވެ.

ސައިބޮއެ ނިމުގެން އޭނާ މަސައްކަތް ކުރާ ސްޓޫޑިއޯ އަހަންނަށް ދައްކާލިއެވެ. އެތާ އެތެރެއިން ދުވަނީ ކުލައާއި ދަވާދުގެ ވަހެވެ. އޭނާ ކުރާ މައިގަނޑު މަސައްކަތަކީ ޓުއަރިސްޓު ފިހާރަތަކަށް ޓީޝާޓު ތައްގަނޑު ޖެހުންކަމުގައި ކިޔައިދިނެވެ. އަދި އޭނާގެ ތަފާތު ޑިޒައިންތައްވެސް ދައްކާލިއެވެ. އަހަރެން ކައިރީ އެތަނުން އެންމެ ރީތީ ކޮން ޑިޒައިނެއް ތޯ ސުވާލު ކުރުމުން ވަރަށް ވިސްނަ ވިސްނާފައި ބޮޑު މުރަކަ ގަނޑެއްކައިރީ އެކި ކުލަކުލައިގެ މަސްތައް ހުރި ކަނޑުއަޑީގެ މަންޒަރެއް ދެއްކީމެވެ.

އޭނާ އަލަށް ކުރަހަމުން ގެންދާ އެއްޗެތި ދައްކާލަން މޭޒުމަތީގައި އޮތް ސްކެޗް ފޮތެއް ނެގި ވަގުތު އޭގެތެރެއިން ގަނޑުތަކެއް ބިންމައްޗަށް ވެއްޓި ވިއްސައިގެން ދިޔައެވެ. އަހަންނަށް ނެގުނު ގަނޑުގައި އިނީ އަހަރެންގެ ފޮޓޯ ހެން ކުރާހާފައި އިން އަންހެން ކުއްޖެއްގެ ފޮޓޮއެކެވެ. އެންމެ ފުރަތަމައިނުންވެސް އެއީ ދަންނަ ކުއްޖެއް ހެން އަހަންނަށް ހީވިއެވެ. އެއީ ކާކުކަން އަހަންނަށް ވިސްނުނީ އެ ގަނޑު އޭނާ އަތަށް ދިން ފަހުންނެވެ.

"އެއީ ފިލްމް ސްޓާރ ކާޖޮލް ދޯ!" އަހަރެން އަހާލިމެވެ.

އެޔާއިއެކު އޭނާ ބޯޖަހާލިއެވެ. އަދި އެގޮތަށް ޕޯޓްރެއިޓް ވަރަށް ނުކުރަހާ ކަމަށާއި އަހަރެން މިއީ އޭނާގެ ދެވަނަ ޕޯޓްރެއިޓް ކަމުގައި ބުނެދިނެވެ.

ކޮންމެއަކަސް، އޮފީސް ތެރޭގައި އިއްމައޭ ކިޔާފައި އަހަންނާއި ދިމާކުރަން ފެށުނެވެ. އޭރު އަހަންނަށްވެސް އޭނާއާއި ގަޔާވެވެން ފަށައިފިއެވެ. އޭނާ އަކީ މޮޅު ކުރެހުންތެރިއެވެ. އެކަހަލަ ހުނަރުވެރި މީހެއް ހަޔާތުގެ ބައިވެރިއަކަށް ލިބުމަކީ ފަޚުރެއްކަމުގައި އަހަރެން ދުށީމެވެ.

އެއްދުވަހަކު ހަފީޒާ އަހަރެން ގެންދަވާފައި އިމްރާންގެ ވާހަކަ ދެއްކެވިއެވެ.

"ލިއުޝާ މާލޭގައި ދިރިއުޅެން ބޭނުމިއްޔާ ތިއީ ރަނގަޅު ކަމެއް!"

ހަފީޒާ އެހެން އެވިދާޅުވީ އިމްރާން އަކީ މާލޭގެ ގެދޮރުވެރިއެއް ވީމާކަން އަހަންނަށް ވިސްނުނެވެ. ހަފީޒާއަށް އެއާއިލާ އެނގޭކަމަށާއީ އިމްރާން އަކީ ގޯސް ކުއްޖެއް ނޫންކަމުގައިވެސް އޭނާ ވިދާޅުވެ ދެއްވިއެވެ.

އަހަންނަށް ރީތިވެގެން ދެއްކި މަންޒަރު ޖަހާފައި އޮތް ޓީޝާރޓެއް އޭނާ އަހަންނަށް ދިނެވެ. އޭގެ އަނެއްދުވަހު އަހަރެން އޮފީހުގައި އިންދާ ގުޅާފައި އެޓީޝާޓް ކަމުދިޔަތޯ ސުވާލު ކުރިއެވެ. އަހަރެން އާނއެކޭ ވަރަށް ރީއްޗޭ ބުނެ ޝުކުރު އާދާކުރުމުން އޭގާއި ލިޔެފައި އިން އެއްޗެއް ނުދެކެން ދޯއޭ އޭނާ ބުނެލިއެވެ. އެދުވަހު ގެއަށް އައިސް އެންމެ ފުރަތަމަވެސް ނެގީ އެޓީޝާރޓެވެ. އޭގާއިވާ މުރަކަގަނޑުގައި ވަރަށް ފަނޑުކޮށް 'އައި ލަވް ޔޫ' ޖަހާލާފައި އިންދާ ފެނުނެވެ. އެތަން ފެނުމުން އަހަންނަށް ލިބުނު އުފަލެއް ބުނެދޭންވެސް ނޭގުނެވެ. އެކަހަލަ މަޝްހޫރު މީހަކު އަހަރެންކަހަލަ ނިކަމެތި ރާއްޖެތޭރޭ މީހަކާ ހެދި އުޅެފާނެކަމަކަށް އަހަންނަކަށް ގަބޫލުކުރަން ދަތިވިއެވެ.

އަހަރުމެން ދެމީހުންގެ އިތުރަށް ތަރައްގީވެގެން ދިޔައީ އެދުވަހުއެވެ. އަހަރެން އޮފީސް ނިމޭގަޑިއަށް އޭނާ ބަލާ އަންނަން ފެށިއެވެ. އޭނާއާއި އެކީގައި އެގެއަށް ގޮސް އޭނާގެ ދޮންތަމެންނާއި އެކީގައި ހަވީރު ސައި ބޮއެ ވަގުތު ހޭދަކޮށް ހަދަންފެށީމެވެ.

އެއްދުވަހަކު ހަވީރު އޭނާ އަހަރެން ބަލާ ނައިމާ އެގެއަށް ގުޅީމެވެ. ދޮންތަގެ ފަރާތުން އެނގުނު ގޮތުގައި އޭނާ އުޅުނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީއެވެ. އޭނާއަށް ނިދިފައި އޮތީ ކަމަށް ވެދާނެކަމުގައި ދޮންތަ ބުނެދިނެވެ. އެދުވަހު އަހަރެން ހިނގާލާފައި އެގެއަށް ދިޔައީމެވެ. އޭނާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި ހަބަރެއް ނުވީމާ މަޑުމަޑުން ދޮރު ހުޅުވާލާފައި ވަނީއެވެ. އޭރު އޭނާ އޮތީ އެނދުމަތީގައި ބަންޑުންނެވެ. ކޮޓަރީގެ ދޮރު ލައްޕާލި ވަގުތު ދޮރުގައި ހަރުކޮށްފައި އިން ކާޖްލުގެ ބޮޑު ޕޯސްޓަރ ލޮލުގައި އަޅައިގަތެވެ.

"ލިޔު!" އަހަރެން ދޮރުލެއްޕިއަޑަށް އޭނާ ލޯ ހުޅުވާލިއެވެ. އޭނާގެ ކައިރީ އިށީދެ ނިއްކުރީގައި އަތް ޖައްސާލިއިރު ވަރަށް ހޫނެވެ. އެދުވަހު އޭނާއަށް ސައިދީ، ޕެނެޑޯލް ކާންދީ ހަދާފައި ބޯ މޮޑެދޭން ކައިރީގައި އިނީމެވެ. އިރުއޮއްސުމުން ގެއަށް ދަނީއޭ ބުނުމުން އޭނާ އަހަރެންގެ އަތުގައި ހިފާފައި ނުދާށޭ ބުނެލިއެވެ.

"ދެން އެހެންވިއްޔާ އަހަރެން މިގެއަށް އެކީގައި ގެންނަން ވީއެއްނު!" އަހަރެން ބުނީމެވެ.

އަހަރެން އިމްރާން އާއި ކައިވެނިކޮށްގެން އެގެއަށް އައީ އޭގެ އަނެއް ހަފްތާގައެވެ. އޭނާ އުޅެނީ ވަރަށް ބާވެ، ފާރުގައި ރެނދުލާ، ކުލަ ފޮޅިފައިވާ ކޮޓަރިއެއްގައި ކަމަކު އަހަންނަށް އެކޮޓަރި ފެނުނީ އުފާވެރި މަންޒިލެއްގެ ގޮތުގައެވެ. އަހަރެންގެ ފިރިމީހާ އާއި އެކީގައި އަހަރެންގެ ދިރިއުޅުމުގެ ރާސްތާގެ ކުރިމަގު ބައްޓަން ކުރާނެ ޖަގަހައެއްގެ ގޮތުގައެވެ. އެކަމަކު، އަހަންނަށް އެކޮޓަރި ތެރެއިން އުދަނގޫވާ އެއްކަމެއް ފެނުނެވެ. އެއީ އަހަރުމެން ދެމީހުން ޒަވާޖީ ހަޔާތުގެ އުފާ ހާސިލު ކުރަމުން ދާ ވަގުތުތަކުގައި 'ކާޖޮލް' އަހަރުމެންނާއި ދިމާލަށް ބަލަން އިންނާތީއެވެ.

އޭގެ ފަހުން ކާޖޮލުގެ އިސްތިހާރެއް ފެނުނަސް އަހަންނަށް އުނދަގޫވެއެވެ. އޭނާ އުޅޭ ފިލުމެއް ވިއްޔާ ބަލާކަށްވެސް ބޭނުމެއް ނުވެއެވެ.

***

އަހަންނަށް ހޭލެވުނީ ޖޭން ގޮވީމައެވެ. ޑިނަރ ޓައިމް އޭ އޭނާ ބުނެލިއެވެ. އޭރު އެމީހުން ތިބީ ތައްޔާރު ވެގެންނެވެ. ފާރިޝް ވެސް އެމީހުންނާއި އެކީ މޫދަށް އެރުނުކަމަށާއި ވަރަށް މަޖާކަމުގައި އެދެމީހުން ކިޔައިދިނެވެ. އަހަރެން ވާޅަށް ދެމިލަމުން ވަރަށް ބޮޑަށް ވަރުބަލިވެގެން ޖައްސާލި ތަނާ ނިދުނީކަމުގައި ބުނީމެވެ.

ކާންދާން ނުކުމެފައި ފާރިޝް އަހަރެންގެ ކައިރިއަށް ޖެހިލިއެވެ. އަދި އަހަރެންގެ އިންތިޒާރުގައި އެތައް އިރަކު އެމީހުން މޫދުގައި ތިބިން ކަމުގައި ބުނެލިއެވެ.

"ނުބުނަމެއްނު! އެހެންނަމަތާ!" އޭނާ އިނގިރޭސި ބަހުން ބުނި ޖުމްލައަށް އަހަރެން ޖަވާބު ދިނީ ދިވެހިންނެވެ.

"އަހަރެން ބުނިނަމަ އެރުނީމުސްތަ؟" އޭނާވެސް ދިވެހިން ވާހަކަ ދެއްކިއެވެ.

ޔަގީނެއްނޫންހޭ ކިޔާފައި އަހަރެން ޖަވާބު ދިނީމެވެ. އެވަގުތު އޭނާ އިހަށްވުރެވެސް ބޮޑަށް އަހަންނާއި ކައިރިވެލިއެވެ. ކޮނޑާއި ކޮނޑު ޖެހޭހިސާބަށެވެ. އޭނާގެ އުޅަނބޮށި އަހަރެންގެ އަތުމުލައްދަޑީގައި ބީހިލި ހިނދު އަހަރެންގެ މުޅި ނަފްސަށް އާދަޔާ ޚިލާފު ދިރުމެއް އަންނަން ފެށިއެވެ.

"އޯކޭ.. މިރޭ ކައިގެން އައިސް.... ދުވަހަކުވެސް ރޭގަނޑު މޫދަށް އެރުނިންތަ؟" އޭނާ އަހަންނާއި ދިމާލަށް ބަލަމުން ދިޔައީ އާދަޔާ ޚިލާފުގޮތަކަށް ކަން އަހަންނަށް ޔަގީނެވެ. އެހިތުގައިވެސް އެހިނގަނީ ހަމަ އަހަންނަށްވެސް މިވަގުތު މިކުރަމުންދާ އަސަރުތައް ބާވައެވެ؟ އަހަންނަށް ބޭއިޚުތިޔާރުގައި ތުންފަތުގައި ދަތްއެޅުނެވެ. އޭނާގެ ސުވާލަށް ނޫނެކޭ ބުނަން ބޯ ހޫރާލީމެވެ.

"ކެރޭނެތަ؟" އޭނާ މަޑުމަޑުން އަހާލިއެވެ.

އެއަށްވެސް އަހަރެން ނޫނެކޭ ބުނަން ބޯ ހޫރާލީމެވެ.

އެހިސާބުން ފާރިޝް ހޭންފެށިއެވެ. އޭނާ އަހަންނާއި ސަމާސާ ކޮށްލީ ކަމުގައި ބުނަމުންނެވެ. ޖޭން އާއި ބާބަރާ އޭނާގެ ހުނުމަށް ސަމާލުވުމުން "މޫންލައިޓް ސްކިނީ ޑިޕް" އަކަށް ދާން ކެރޭނެތޯ އަހަރެންކުރެން އެހީ ކަމުގައި ފާރިޝް އޮޅުން ފިލުވައިދިނެވެ.

"ނޯ އިޓްސް ނޮޓް ޓުރޫ... ހީ ޑެއާރޑް މީ!" އަހަރެން ބުނެލީމެވެ.

އެހިސާބުން އެދެމީހުންވެސް އެ މައުލޫއު އަށް ވާހަކަ ދައްކަންފެށިއެވެ. އެއީ ދެލޯބިވެރިއަކަށް ލިބޭނެ ވަރަށް މުހިއްމު ދަނޑިވަޅަކަށް ވާނެކަމުގައި ޖޭން ބުނެލުމުން އަހަންނަށާއި ފާރިޝް އަށާ ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ހަތަރު ކަޅި ހަމަ ވެގެން ދިޔަވަގުތު އެއް ހިތުން އަނެއް ހިތަށް، އަހަރުމެންނަށްވެސް ސިއްރުން މެސެޖްތަކެއް ބަދަލުވެގެން ދިޔައެވެ.

ކައި ނިންމައިގެން ނުކުތްއިރު އޮތީ ވިއްސާރަ ހަދާފައެވެ. އެހެންކަމުން އެންމެންވެސް އެމީހަކު އުޅޭ ގެއަކާއި ހަމައަށް ދެވޭތޯ އަވަސްވެގަތެވެ.

"ކިހާ ދެރަ! އަހަރުމެން އެރިދާނެތީ ހަނދުވެސް އެ ފިލީ" އުޑުމަތީގައިވާ ވިލާތަކަށް ނަޒަރު ހިންގާލަމުން ފާރިޝް އާއި ދިމާލަށް ބުނީމެވެ. މާގިނައިރެއް ނުވަނީސް ވިލާގަނޑު އައިސް އަހަރުމެންނާއި އަރާ ހަމަ ކުރިއެވެ. ވާރޭ ކަނި ޖަހަން ފެށުމުން ހަތަރު މީހުން ގެއާއި ދިމާލަށް ދިޔައީ ދުވެފައެވެ.

އަހަރެން އެދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަވަހަށް ބޯހިއްކަން ދާށޭ ފާރިޝް ބުނީމައެވެ. އަހަންނާއި އެކީގައި ކަހަލަ ގޮތަކަށް ބާބަރާމެންވެސް ކޮޓަރިއަށް އައީއެވެ. އެމީހުން ބޭނުންވީ މިއަރާމު ރޭ އަރާމް ނިންޖަކަށް އިންސާފު ކުރާށެވެ. އެހެންކަމުން، ބޯހިއްކާ ނިންމާފައި އެއްޗެތި ބަދަލުކޮށްގެން އަހަރެންވެސް އޮށޯތީއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular