24 Mar 2024

އިންތިޒާރުގައި - 8

އެމީހުން ބޭނުންވީ މިއަރާމު ރޭ އަރާމު ނިންޖަކަށް އިންސާފު ކުރާށެވެ. އެހެންކަމުން، ބޯހިއްކާ ނިންމާފައި އެއްޗެތި ބަދަލުކޮށްގެން އަހަރެންވެސް އޮށޯތީއެވެ.

އެހެންނަމަވެސް އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ފުރާޅަށް ވާރޭ ވެހެމުންދާ ގަދަ އަޑު އަހަން އޮތީއެވެ. ހިތް އެދެމުން ދިޔައީ ތެދުވެގެން ބޭރަށް ނުކުންނާށެވެ. ބޭރު ފެންޑާގެ ގޮނޑީގައި، ވާރޭ ވެހޭތަން ބަލާލާށޭ ބުނެ އަހަރެންގެ ހިތް އަހަންނަށް އޮޅުވާލަން އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ. އެހެންނަމަވެސް އަހަރެންގެ ހިތަށް އަހަންނަށް އޮޅުވާލެވޭނީ ކިހިނެތްހެއްޔެވެ؟ ހިތް އެ އެދެނީ ފާރިޝްއަށެވެ. މިފަދަ ދަނޑިވަޅެއްގައި، މިކަހަލަ މާހައުލެއްގައި އަހަރެން ފާރިޝްގެ ކުރިމައްޗަށް ގޮސްފިއްޔާ ދެންވާނެގޮތް މަންޒަރުތަކެއްގެ ސިފައިގައި ފެންނަންފެށިއެވެ.

އައު ދުވަހަކަށް ދުނިޔެ މަރުހަބާ ކީ އިރު އަހަރެން ހުރީ ގެއާއި ދިމާލުން އަތިރިމަތީގައެވެ. ވެހުނު ވާރޭގެ ސަބަބުން މުޅި އެހިސާބުގައިވާ ރުއްގަސްތަކުގެ ފަތްތައް ވަނީ މުޅިން ތާޒާވެލާފައެވެ. އުދަރެހުގައިވާ ބޯ ވިލާތަކުގެ ބިއްދޮށުން އިރު އަރައި، އޭގެ ރިވެތި ކުލަތަކުން މުޅި އުދަރެސް ޖަރީވާން ފެށިއެވެ. އަހަރެން މިސްރާބު ޖެހީ ބާ ފާލަމާއި ދިމާލަށެވެ. އަހަރެން ބޭނުންވީ އެކަނި އިނދެ ވިސްނާލާށެވެ.

ރޭގައި ނިދެމުން ދިޔައިރު އަހަންނަށް ކުރެވުނު ޚިޔާލުތަކާއި، އެޚިޔާލުތަކުގެ ސަބަބުން ކުރި އަސަރުތައް އޭގެ އެންމެ ތަޒާކަން މަތީގައި ހިތުތެރޭގައި އާވެ އާލާ ވޭވޭ ހުއްޓެވެ. މިއަދު ފާރިޝްއާއި ކުރިމަތިލާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ އަހަންނަށް ފުންފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަޅެ އަހަރެންގެ ފިރިމީހާ އަކީ ފާރިޝް ކަހަލަ މީހަކަށް ވީނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟

ރޭގައި އަހަރެންގެ ޚިޔާލުތައް ފާރިޝް އާއި ދިމާލަށް ދުއްވާލީ ގަސްތުގައެވެ. އަހަރެންގެ ފިރިމީހާ މަތިން ހަނދާން ނައްތާލަން ބޭނުންވެގެންނެވެ. އޭނާ ރުޅިއައިސްފައި ހުރިކަން ދޮންތަ ބުނީއްސުރެ އަހަރެންގެ ހިތް ބިރުގެންފައި ވާތީއެވެ. މާދަމާ އެނބުރި މާލެ ގޮސް އޭނާއާއި ކުރިމަތިލީމާ ދެން ވާނެގޮތެއް ނޭނގޭތީ އަހަރެންގެ ހިތާއި ނަފްސް މުޅިން ހާސްވެ، ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުމުން ސަލާމަތް ވާށެވެ.

"ލިއު!" ދުރުން މީހަކު އަހަންނަށް ގޮވާހެން ހީވެގެން އަހަރެން ސަމާލު ވީމެވެ. އިރުކޮޅަކުން ބާބަރާއާއި ފާރިޝް ގޮނޑުދޮށުން ފެނުނެވެ. އަހަންނަށް އާދެވުނީ ގަޑިވެސް ނާޅާކަމުން ވީ ކިހާ އިރެއްކަމެއް ބުނެދޭކަށް ނޭނގެއެވެ. ވިލާތަކުގެ ނިވަލުން އިރު ނެއްޓި އެތައްތަނެއް މައްޗަށް އަރާފައި އިންދާ ފެނުމުން އަހަންނަށް މިތާނގައި ވަރަށް ގިނަ ވަގުތު ހޭދަކުރެވިއްޖެކަން ވިސްނުނެވެ. އަހަރެން އަވަހަށް ތެދުވެގެން އެމީހުންނާއި ދިމާލަށް ދިޔައީމެވެ.

"ހޯދާ ހޯދާ ވަރުބަލި ވެއްޖެ! ބޫތަށްވެސް ގޮސްފައި މިއައީ" ފާރިޝް ހުރީ މާނޭވާ ލެވިފައެވެ.

އެއީ މަސައްކަތު ބައްދަލުވުން ނިމޭދުވަހެވެ. ރަށުއޮފީހަށް ގޮސް ފޮޓޯ ކޮޕީ ހައްދައިގެން އަހަރެން އައިއިރު ދުވަހުގެ ސެޝަން ފެށިގެން ކުރިއަށް ދަނީއެވެ. ހުރިހާ ބައިވެރިންނަށް ގަނޑުތައް ބަހާ ނިންމުމަށްފަހު އަހަރެން ގޮސް މޭޒު ދޮށުގައި އިށީނީމެވެ. ފާރިޝް ހުރީ ހުދު ގަމީހެއް ލާފައެވެ. އޭނާއާއި ދިމާލަށް ބެލިވަރަކަށް އަހަންނަށް އޭނާ ރީތިވާކަން އިހުސާސް ކުރެވެމުން ދިޔައެވެ. އަޅެ އޭނާއާއި ކުރިން ދިމާނުވީ ކީއްވެގެން ހެއްޔޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ.

އަހަރެން ދެރަވާން ފެށިއެވެ. އަރުތެރެ ބެދެން އުޅޭކަން އިހުސާސް ކުރެވުނެވެ. އެންމެފަހުން އިސްޖަހާލައިގެން އިނދެ މޭޒުމަތީގައި އޮތް ނޯޓު ފޮތުގައި ގަލަމުން ރޮނގުއަޅާ ތާކުންތާކު ނުޖެހޭ އެއްޗެތި ކުރަހާލަ ކުރަހާލަ އިނީއެވެ.

މެންދުރުފަހުގެ ސެޝަން ފެށުމުން އަހަންނަށް ޖެހުނީ ބައިވެރިންނަށްދޭ ހަނދާނީ ލިޔުންތައް ޕުރިންޓް ކުރަން އުޅޭށެވެ. މަސައްކަތު ބައްދަލުވުން ނިންމާލާ، ރަށު ކަތީބުގެ އަތްޕުޅުން ބައިވެރިންނަށް ހަނދާނީ ލިޔުން ދީ ނިމުނުއިރު އެހެން ދުވަސް ދުވަހު ނިންމާގަޑިއަށް ވުރެ މާލަސްވެގެން ހިނގައްޖެއެވެ.

އެދުވަހު ހަވީރު ސައިބޯން ދެގެއަކުން ދަޢުވަތު ދީފައި އޮތެވެ. އެހެންކަމުން އެންމެންވެސް ފުރަތަމަ ގެއަށް ގޮސް ބަނޑުގައި ތަންބަހައްޓައިގެން ކާން ޝަކީލާ ހަނދާން ކޮށްދިނެވެ. ދެވަނަ ގެއަށް ގޮސް، އެގެއިން ސައިބޮއެގެން ނިކުތްއިރު އިރުއޮއްސެން ކައިރިވަނީއެވެ. ދޮރުމައްޗަށް ނުކުމެފައި ފާރިޝް ނުފެނުމުން އޭނާ ކޮބައިތޯ އަހާލީމެވެ. އޭނާ ދިޔައީ ގެއަށް ފޯނުކުރަން ކަމުގައި ބާބަރާ ބުނެދިނެވެ. އެވަގުތު ކުޑަ ހިނދުކޮޅަކަށް ބޫތާއި ދިމާލަށް މިސްރާބު ޖަހަން އަހަރެންގެ ހިތް އެދުނެވެ. މިއަދު އޭނާގެ ހަރަކާތްތައްވެސް އެހެން ދުވަސް ދުވަހަ ޚިލާފުކަން އަހަންނަށް ފާހަގަ ކުރެވުނެވެ. މެންދުރު ކާން އިންއިރުވެސް އަހަންނަށް މާބޮޑު ސަމާލުކަމެއް ނުދީ ގޮސް އޭނާ އިށީނީވެސް މާ ދުރުގައެވެ. އެއީ ކީއްވެގެންބާވައެވެ؟

"ލިއުޝާ ޔޫ ކަމިންގ؟" އަހަންނަށް ބާބަރާގެ އަޑަށް ކުޑަކޮށް ސިހޭގޮތްވިއެވެ. އޭރު އަހަރުމެން ތިބީ ސައިބޯން ދިޔަގޭ ކައިރީ މަގުމަތީގައެވެ. އަހަރެން އެމީހުންނާއި އެކު ހިނގައިގަތީމެވެ. އެމީހުން ބޭނުންވީ ކުޑަކުޑަ އިރުކޮޅަކަށް ނަމަވެސް މޫދަށް އެރިލާށެވެ.

އެދެމީހުންނާއި އެކީގައި އަހަރެންވެސް މޫދަށް އެރުނީމެވެ. ރާއްޖެތޭރޭގެ ރަށަކަށް އައިސް މޫދަށް ނޭރި އެނބުރި ދާނީ ކާކުހެއްޔޭ ބުނަމުންނެވެ. މޫދުގައި ހުރި އިރުވެސް އަހަންނަށް އިރު އިރުކޮޅާ އެއްގަމަށް ބެލެއެވެ. ފާރިޝް އަންނާނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. އެހެންނަމަވެސް އިރުއޮއްސި، އަނދިރިވާން ފެށިއިރުވެސް އޭނާގެ ޚަބަރެއް ނުވެއެވެ.

އެރޭ އޮތީ އަހަރުމެންނަށް އަލްވަދާއު ކިޔުމަށްޓަކައި ތައްޔާރުކޮށްފައިވާ ޚާއްސަ ކެއުމެކެވެ. އޮތީ ބަނދަރުމަތީ ކެފޭގައެވެ. ރަސްމީގަޑީގައި ލަމުން ގެންދިޔަ ހަރުވާޅާއި ޓޮޕުގެ ބަދަލުގައި ކަކުލާހަމައަށް އަންނަ ހެދުމެއް ލައިގެން އަހަރެން ނުކުތުމުން ޖޭން އާއި ބާބަރާ އާއި ދެމީހުން އެކީގައި 'ޔޫ ލުކް ސޯ ބިއުޓިފުލް" އޭ ބުނެލުމުން އަހަރެން ވަރަށް އުފާވިއެވެ. އެދެމީހުންނަށް ޝުކުރު އަދާކުރަމުން ކޮޓަރިން ނުކުތީމެވެ. އޭރު ފާރިޝްވެސް ތައްޔާރުވެގެން ނުކުމެ ފެންޑާމަތީގައި އިނެވެ. އޭނާގެ ކައިރީގައި ހަމީދުއާއި އަދިވެސް އެހެން ދެ ޒުވާނަކު ތިއްބެވެ. އަހަރުމެން ކައިރީގައި ދާށޭ މިދަނީއޭ ބުނެފައި އޭނާ މަޑުކުރީއެވެ.

ކެފޭގައި އަހަރުމެންނަށް ޓަކައި ވަރަށް ފުރިހަމަ ބުފޭ އެއް ތައްޔާރު ކޮށްފައި އޮތެވެ. އެހެންނަމަވެސް ހަވީރު އެވަރަށް ސައިބޮވުނީތީ އަހަރުމެން އެކަކަށްވެސް ކެއުމަކާ އެހާ ގަޔާއެއް ނުވެވުނެވެ. ކައިނިމުމުން ބާބަރާމެންގެ ޝަރަފުގައި އެރަށު މީހުންގެ ސަގާފީ ކުޅިވަރު އައިޓަމް ތަކެއް އޮތް ވާހަކަ ކަތީބު އިއުލާނު ކުރެއްވިއެވެ. އަހަރެންވެސް އެމީހުންނާއި އެކީ ގޮނޑިބަރީގައި އިށީނީމެވެ.

ފާރިޝް ކޮބައިތޯ ހޯދާލިއިރު، ހަމީދުމެންނާއި އެކީ ތަންކޮޅެއް ދުރުގައި ހުއްޓެވެ. އޭނާ އެތަނަށް އައީވެސް އެމީހުންނާއި އެކީގައެވެ. ކެއި ގަޑީގައިވެސް އަހަރުމެން ކައިރިއަކަށް ނާދެއެވެ. އޭނާ ދުރުގައި އިށީންތަން ފެނުމުން އަހަރެން ކުޑަކޮށް ނުތަނަވަސް ވާން ފެށިއެވެ. އޭނާއަށް މިއައީ ކޮން ބަދަލެއް ހެއްޔެވެ؟ ކުއްލިއަކަށް ދުރުއެވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އަހަރެންގެ ހިތުތެރޭގައި ހިނގާ ޝުއޫރުތައް އޭނާއަށް އިނގުނީ ހެއްޔެވެ؟

ކޮންމެއަކަސް، އަންހެންވެރިންގެ ބަނޑިޔާ އަދި މާފަތި ނެށުން ނިމުނުއިރު އަހަރެން އިނީ މުޅިން މާޔޫސްވެފައެވެ. އެ މާހައުލުގައި އިނަސް، އަހަރެންގެ ސިކުނޑި ދަތުރު ކުރަމުން ދިޔައީ މުޅިން އެހެން ދިމާލެއްގައެވެ. އަހަރުމެންގެ ސަގާފަތާއި ބެހޭގޮތުން، ބާބަރާ އާއި ޖޭން ކުރަމުން ގެންދިޔަ ސުވާލުތަކަށް ޖަވާބު ދޭންވެސް ބައެއްފަހަރަށް އުނދަގޫވިއެވެ.

ބޮޑު ބެރު ފެށުމަށްޓަކައި ތައްޔާރުވަމުން ދިޔަވަގުތު ފާރިޝް އާއި ޖެހިގެން ތިބި ދެކުދިން އެތަނުން ތެދުވެގެން ދިޔަތަން ފެނުނެވެ. އޭރު ހަމީދެއް ވެސް އެތާކު ނެތެވެ. އެކަމަކުވެސް އޭނާ، އެއިން ތަނުން ގުޑާލާކަށް ހިތަކަށް ނޭރިއެވެ.

ފުރަތަމަ ލަވަ ނިމެންވީ އިރު އަހަރެންގެ މެޔަށް އުނދަގޫވާން ފަށައިފިއެވެ. އެހާ ކައިރިން ބެރުގައި ޖަހާލާ އަޑު އިވޭ ކޮންމެ ފަހަރަކު ހީވަނީ އަހަރެންގެ މޭގައި ޖަހާލާހެންނެވެ. އެންމެފަހުން އަހަރެން ތެދުވީމެވެ. ޖޭންމެން ކައިރީ އެބަ އަންނަމޭ ކިޔާފައި ގެއާއި ދިމާލަށް ހިނގައިގަތީއެވެ.

އުޑުމަތީގައި ވާ ބޯވިލާތަކުގެ ތެރެއިން ފަނޑު ހަނދުވަރެއްގެ އަލި މުޅި އެހިސާބަށް އެޅިފައި ހުއްޓެވެ. ފާލަމާއި ދިމާލުގައި ވާ ގަސްތަކުގެތެރެ ވެސް އެހާ އަނދިރިއެއްނޫނެވެ. އެހެންކަމުން އަހަރެން އެދިމާލަށް މިސްރާބު ޖެހީމެވެ. އަހަރެން ބޭނުންވީ ހަމަ ހިމޭން މާހައުލެއްގައި އެކަނި އިނދެ ވިސްނާލާށެވެ. އަހަރެންގެ ސިކުނޑިއަށް ވެފައިވާ ބުރައަށް ލުއި ވާނެ މަގެއް ފެނޭތޯއެވެ. އަހަރެން ހިނގަމުން ހިނގަމުން ފާލަމުގެ ކޮޅާއި ހަމައަށް ދިޔައީމެވެ. އެތާނގައި ޖަހާފައި ހުރި މުޑިއެއްގައި ލެނގިލައިގެން ހުއްޓުނީމެވެ. ކުރިމަތިން ފެންނަން އޮތީ ބޯވިލާތަކުން ފުރާލަފައިވާ އުދަރެހެވެ. މިރޭވެސް ވިއްސާރަ ވާނެ ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.

ކުއްލިއަކަށް އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އެ ކަރުނަތައް ކޯތާ ފަތްމައްޗަށް ފޭބި ހިނދު އަހަރެން ދެއަތުން ދެލޯ ފޮހެލީމެވެ. އަހަރެން މި ދެރަވަނީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ އަހަންނަކަށް ޔަގީނުން ބުނާކަށް ނޭނގުނެވެ.

މާދަމާރޭ އަނެއްކާވެސް އަހަރެންގެ އާއްމު ދިރިއުޅުމާއި ކުރިމަތިލާން ޖެހޭނެއެވެ. އަހަރެންގެ ކުޑަ ދަރިފުޅު ފެންނާނެކަން ހަނދާނަށް އައީމާ އުފާވެވުނެވެ. އެހެންނަމަވެސް އިއްމަގެ މޫޑް އާއި ކުރިމަތި ލާން ޖެހޭނެކަން ހިތަށްއެރުމާއިއެކު، އެއުފާވެރިކަން އެއްފަހަރުން ފިލައިގެން ދިޔައެވެ. މާދަމާރޭވެސް އަހަރެން ހޭދަކުރަން ޖެހޭނީ އޭނާގެ ހަޅޭކުގެ އަޑުއަހަން ހެއްޔެވެ؟ ނޫރާއަށް އޭނާގެ ބައްޕަ ރުޅިއައިސްގެން އުޅޭކަން އެނގި ބިރުން ރޯންފެށީމާ އޭނާ މަސަލަސް ކުރަން ހެއްޔެވެ؟

އިއްމަގެ ރުޅި ގުޅިފައިވާނީ ކޮންއެއްޗަކާކަން އަހަންނަށް އެނގެއެވެ. އެވާހަކަ ނުދައްކާ ހުރުމުން އެއީ ހަގީގަތަކަށް ނުވާނެ ކަމަށް އަމިއްލެއަށް ގަބޫލުކޮށް މިހާހިސާބަށް މިއައީ އެވާހަކަ އަހަރެން ދުލުން އަދި އެއްފަހަރުވެސް ބޭރުނުކޮށެވެ. އެހެންނަމަވެސް، އަހަރެން އެވަހަކަ ނުދެއްކިޔަސް ހަގީގަތް ވާނީ ހަމަ ހަގީގަތަށްކަންވެސް އަހަންނަށް އެނގެއެވެ.

އެކަމަކުވެސް، އެއީ އަހަންނަށް މީހަކު ކައިރީގައި ދައްކަން ކެރޭ ވަރަށް ވުރެ ބިރުވެރި ވާހަކައެކެވެ. ލަދުވެތި ކަމެކެވެ. އެވާހަކަ އަޑު އަހާފައި އެއްވެސް މީހަކު އަހަންނާއި ދޭތެރޭ ދެކޭގޮތް ބަދަލު ވާކަށްވެސް އަހަންނެއް ބޭނުމެއް ނޫނެވެ.

އަހަރެން ނިންމައިގެން ހުރީ މިރަށުން ފުރުމުގެ ކުރިން ފާރިޝްއަށް އެހުރިހާ އެއްޗެއް ކިޔައިދޭށެވެ. އޭނާ އަކީ ސިއްހީ ދާއިރާގައި އުޅޭ މިހާކަށް ވީމާ އަހަރެންގެ ފިރިމީހާއަށް ވެވޭނީ ކޮން އެހީތެރިކަމެއްތޯ އޮޅުން ފިލުވާ މަޝްވަރާ ކޮށްލާށެވެ. އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދަން ދެން ހަދާނީ ކިހިނެތްތޯ އަހާ އޭނާގެ ލަފާ ހޯދާށެވެ. އެކަމަކު ފާރިޝްގެ ސަމާލުކަމެއް، ޝައުގުވެރިކަމެއް މިއަދަކު އަހަންނަކަށް އެއްގޮތަކަށްވެސް ނުލިބުނެވެ.

ފާރިޝް އެހެން ފިރިހެނުންނާއި ތަފާތު ވާނެއޭ އަހަންނަށް ހީކުރި ހީކުރުން އެއީ ކުށްހީ އަކަށް ވީބާވައެވެ؟ އޭނާއަށް އިތުބާރުކޮށް އަހަރެންގެ ހަޔާތުގެ ސިއްރުތައް ހާމަ ކުރަން ބޭނުންވީ އެހެންވެއެވެ. އަހަރެންގެ ލޮލުން މި ހިލުނު ކަރުނައިގެ އަސްލަކީ އެއީ ކަންނޭގެއެވެ. ކޮންމެ މީހެއްގެވެސް ހަގީގި ސިފަ ފެންނާނީ އެމީހަކާއި ދިމާލަށް ގިނައިރު ބެލީމާތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެވަރު ނުވިސްނާ އަހަންނަށް ކަންތައްތައް މާއަވަހަށް ނިންމެނީ ކީއްވެގެން ހެއްޔެވެ؟

***

ކައިވެންޏަށް ފަހު އިމްރާން، އަހަރެން ގޮވައިގެން އިންޑިޔާއަށް ދިޔައެވެ. އެއީ އޭނާގެ ދޮންބެގެ ދެމަފިރިންނަށް އަހަރެން ދައްކާ ތަޢާރަފު ކޮށްދޭށެވެ.

"އަސްލު މިއީ އަހަރުމެންގެ ހަނީ މޫން! އެކަމަކު ދޮންބެ ކައިރީ އެހެން ބުނާކަށް ނުކެރޭނެއެއްނު!" ފުރަން ދަމުން އޭނާ އަހަރެންގެ ކައިރީ ބުނެލިއެވެ. އެއީ އަހަރުމެން ކައިވެނި ކުރިތާ ފަސްވަނަ ދުވަހެވެ. އޭރު އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އެއީ އަހަންނަށް ރާއްޖެއިން ބޭރަށް ދޭވޭ ފުރަތަމަ ފަހަރެވެ.

"އެހެންވީމާ އަލަށް ދޯ ފުލައިޓަކަށް ތިއަރަނީވެސް؟" އެއަރޕޯޓް ދިޔަ މަގުމަތީގައި އަހަރެންގެ ފިރިމީހާ އަހާލިއެވެ.

"އުނހޫ އޮފީހަށް ވައިންތާ ކައިރީގައި އައްޑޫއަށް ދިޔައިން. އިންޑިޔާ ބަޔަކުގޮވައިގެން ..އެޗް.އައި.ވީ. އާއި ބެހޭގޮތުން މައުލޫމާތު ދޭން ބޭއްވި މަސައްކަތު ބައްދަލުވުމަކަށް." އަހަރެން ބުނެދިނީމެވެ.

ޓުރިވެންޑުރަމް އެއަރޕޯރޓަށް ފޭބުމުން އެއީ އެއްގޮތަކަށްވެސް އަހަންނަށް އަލަށް ފެނުނު ތަނެއްހެނެއް ހިޔެއްނުވިއެވެ. އެއީ ހިންދީ ފިލްމް ބަލާ ބަލާ ކަމުގައި އަހަރެން ނީންމީމެވެ. އިމިގްރޭޝަން އިން ސަލާމަތް ވެގެން އަހަރުމެންނަށް ނުކުމެވުނި އެތައް އިރެއް ފަހުންނެވެ. އޭރު އިއްމަގެ ބޭބެ އަހަރުމެން ބަލާ އައިސް ހުއްޓެވެ. އެއި ދެބައި އުމުރުގެ މީހެކެވެ. ނުރަވާން ފަށައިފައިވާ ވަށް ތުނބުޅިއެއް ބަހައްޓާލާފައި ހުރި، އިއްމައަށްވުރެ އިސްކޮޅުން ކުރު، ފުޅާކޮށް ހުރި މީހެކެވެ. އިއްމަ އެދިޔަގޮތަށް ގޮސް އޭނާގެ ގައިގަ ބައްދާލާ ސަލާމް ކޮށްލާފައި އަހަރެން މިއީ އޭނާގެ އަންހެނުންނޭ ބުނެ ތަޢާރަފު ކޮށްދިނެވެ. އަދި ކާރު ޑުރައިވަރާވެސް ސަލާމްކޮށް އޭނާގެ ރަށުބަހުން ކޮންމެވެސް އެއްޗެއް ބުނެލުމުން އޭނާގެ ބޭބެ އަހަރުމެން ބަލާ އައިސް އެހެރީ އަމިއްލަ ކާރުގައިކަން އަހަންނަށް އެނގުނެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular