26 Mar 2024

އިންތިޒާރުގައި - 9

ކާރު ޑުރައިވަރާވެސް ސަލާމްކޮށް އޭނާގެ ރަށުބަހުން ކޮންމެވެސް އެއްޗެއް އިއްމަ ބުނެލުމުން އޭނާގެ ބޭބެ އަހަރުމެން ބަލާ އައިސް އެހެރީ އަމިއްލަ ކާރުގައިކަން އަހަންނަށް އެނގުނެވެ.

އިއްމަގެ ބޭބެ، ޝަމީމްއަކީ ބަސްމަދު މީހެއްކަން އަހަންނަށް ފާހަގަވިއެވެ. ގެއަށް ދިޔަ މަގުމަތީގައި ދޮންދައްތަމެންގެ ހާލު ރަނގަޅުތޯ އަހާލުން ފިޔަވާ އިތުރު ސުވާލެއްނުކުރެއެވެ. ގޭގައި އިތުރު ބަޔަކު އުޅޭތޯ އިއްމަ އަހާލުމުން އައްޑޫ ދެމަފިރިއަކު އެބަ އުޅޭކަމުގައި ބުންޏެވެ. އަދި އެމީހުންވެސް މާދަމާ މާލެދާން ފުރާނެ ކަމުގައި ބުނެދިނެވެ.

"ސަލީނާ ދައްތަގެ ގޭމީހުންނެއްވެސް ނެތް ދޯ" އިރުކޮޅަކަށްފަހު އިއްމަ ސުވާލުކުރިއެވެ. އެޔާއިއެކު ދޮންބެ ބޯޖަހާލިއެވެ.

ހަނި ގޯޅިއަކަށް ވަދެވުމުން މިއާދެވެނީ އޭ އިއްމަ ބުނެލިއެވެ. އެއީ ފިލްމުތަކުން ފެންނަކަހަލަ ފަގީރު ހިސާބެކެވެ. އެ ގޯޅީގެ އެއްފަރާތުގައި ހުރި ފެން އިސްކުރެއްކައިރީ މީހުން ފެންވަރަން ތިއްބާވެސް ފެނުނެވެ. އެގޯޅިއާއި ގުޅިފައިވާ އެހެން ގޯޅިއެއްގެ ތެރެއިން 'މޫ' ކިޔާފައި އަޑުލައްވަމުން ބޮޑެތި ގެރިތަކެއް އަންނާތީ ފެނުނެވެ. ދެން ޖެހުނު ގޯޅިއަށް ލަނބާލާފައި ކާރު މަޑުކޮށްލީ ތިންބުރި ގެއެއްގެ ކުރިމައްޗަށެވެ. ބަރުގަނޑު އަޅާލުމުން ގޭޓު ހުޅުވާލީ އަންހެނެކެވެ. ކާރު ވަދެގެން ދާން ފެށުމުން އޭނާ ހީލިއެވެ. އަހަރެން އަޅައިގަތީ އޭނާގެ ރަތްވެފައިވާ ދަތް ޕިލައިގައެވެ. އޭރުވެސް އޭނާ ހުރީ އަނގަފުރެންދެން ކޮންމެވެސް އެއްޗެއް އަޅައިގެން ހަފާލަ ހަފާލައެވެ. ދޮންބެ އަންހެނުންނަކީ އެއީ ބާވައޭ އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ.

ކާރުން ފޭބިތަނާ ގޭތެރެއިން ގިގުންޏަކާއި އެކުވެގެން ފިޔަވަޅެއްގެ އަޑު އިވެން ފެށިއެވެ. ފެނުނީ ވަރަށް ރީތިކޮށް ހެދުން އަޅާފައި ހުރި އަންހެނެކެވެ. އިސްތަށިގަނޑުގައި ވަނީ ރަތްކުލަ ޖައްސާފައެވެ. ތުންފަތުގައި ގަދަ ރަތް ލިޕްސްޓިކްގެ ތެރެއިން އޭނާގެ ހިނިތުންވުން ސީދާ ވެފައި ހުރީ އަހަރެންގެ ފިރިމީހާ އަށެވެ.

"އިއްމާ! އާދެވިއްޖެ ދޯ!" އޭނާ ދިވެހިބަހުން ވާހަކަ ދެއްކިއަސް އެއީކީ ދިވެއްސެއް ނޫންކަން އަޑުއަހާ މީހަކަށް އެނގޭނެއެވެ. އަހަރެންގެ ފިރިމީހާ އޭނާއާއި ދިމާލަށް ގޮސް އޭނާގެ ގައިގަ ބައްދާލިއެވެ. އެވަގުތު ބާރަށް "އުއްމަ" އޭ ބުނަމުން އިއްމަގެ ކޮލަށް ދޮނެއް ދިނެވެ. އެމަންޒަރު ބަލަން އަހަރެން ހުރި ފިޔަވަޅު މަތީގައި ހުއްޓިގެން ހުރީމެވެ. ބައްދާ ސަލާމްކޮށް ނިމުމުން އިއްމަ އަހަންނާއި ދިމާލަށް އެނބުރިލިއެވެ.

"ލިޔު" އޭނާ އިޝާރާތް ކޮށްލަމުން ގޮވާލިއެވެ.

"މިއީ މަގޭ އަންހެނުން ..ލިޔުޝާ!" ތަޢާރަފު ކޮށްދެމުން އިއްމަ އަހަރެންގެ އަތުގައި ހިފާލިއެވެ.

"ވަޓް!" އޭނާގެ މޫނުމަތީ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

"ދައްތަކައިރީ ބުނީމެއްނު ސަޕްރައިޒެއް އެބައޮތޭ.. މިއީ އެސަޕްރައިޒް އަކީ!" ކުރިއަށް ވުރެވެސް ބޮޑަށް އަހަރެން ގާތްކޮށްލަމުން އިއްމަ ބުނެދިނެވެ.

އޭނާގެ ހިތްހަމަ ނުޖެހުން ފޮރުވާކަށް އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރެއެވެ. ގޭތެރެއަށް ވަދެގެން ދަމުން އިމްރާން ތިވަރުގެކަމެއް ކުރުމުގެ ކުރިން އަހަރުމެންނަށް އަންގާލަން ވާނެއެއް ނޫންހޭ ބުނެލިއެވެ.

"އޭރުން ސަޕްރައިޒަކަށް ނުވާނެ އެއްނު!" އިއްމަ ހީލީ ނުތަވަސްކަމާއި އެކުކަން އަހަންނަށް ފާހަގަ ކުރެވުނެވެ.

އަހަރުމެން ތިބީ އެގޭގެ ތިންވަނަ ބުރީގައިވާ ޓެރަސް މަތީގައި ހުރި ކޮޓަރިއެއްގައެވެ. އަހަރެން ކޮޓަރިއަށްލާފައި ގޯޅި ކަންމަތީ ފިހާރައަށް ގޮސް ރީލޯޑު ކޮއްގެން އެބަ އަންނަމޭ ކިޔާފައި އިއްމަ ނައްޓާލީއެވެ. އޭނާ އެނބުރިއައީ ބޮޑު ކޮތަޅެއް ފުރާ އެއްޗެތި ގަނެގެންނެވެ.

"ލިޔު.. ސޮރީ ކުރިން ނުބުނެވުނީތީ.. އެކަމަކު މިތަނަށް އައިސްފަ އަހަރެން މިކަން ކުރަން" އެ ކޮތަޅު ތެރެއިން ބިއްލޫރި ފުޅިއެއް ނަގާ އަހަންނަށް ދައްކާލިއެވެ. 'ރެޑް ލޭބަލް' އަހަންނަށް އެތަންކޮޅު ފެނުމާއިއެކު އެއީ ކޮންއެއްޗެއްކަން އެނގިއްޖެއެވެ. އަހަރެން ގަތީ ބިރެވެ. ބޭއިޚުތިޔާރުގައި އަނެއްފަރާތަށް އެނބުރެވުނެވެ. އޭނާ އަކީ އެކަހަލަ ނުބައި އަމަލު ކުރާ މީހެއް ހެއްޔެވެ؟

ކޮންމެއަކަސް އަހަރެންގެ ފިރިމީހާގެ ހަގީގީ ސިފަ ފެނުނީ އެރެއެވެ. އޭނާ އެކަހަލަ ކަންތައް 'ކޮންމެވެސް ވަރަކަށް' ކުރާކަމުގައި ކިޔައިދިނެވެ. އަހަންނަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީއެވެ. އޭނާއަށް އެކަންކަން ކުރަން ފެށުނު ގޮތް ކިޔައިދިނެވެ. އޭނާ ވަރަށް ކުޑައިރު ބައްޕަ ނިޔާވެ، ޒުވާން އުމުރު ފަށައިގަތްތަނާ މަންމަ ބަލިވެގެން އިންޑިޔާއަށް ބަދަލުވީ ހިސާބުން އެކަންކަމާއި ދިމާލަށް ދެވުނީކަމުގައި އޭނާ ބުނެދިނެވެ.

"ސޮރީ!" އޭނާ ވާހަކަ ނިންމާލަމުން ތަކުރާރު ކޮށްލިއެވެ.

ރޭގަނޑުގެ ކެއުމަށް ފަހުވެސް އޭނާ އަވަސްވެގަތީ ކޮޓަރިއަށް އައިސް އޭނާ ގަނެގެން ގެނައި ފުޅި ކޮބައިތޯ ބަލާށެވެ. އަހަރެން ކަންބޮޑުވެފައި އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން އިނީއެވެ. އިއްމަ އެހެން އިދެގެން އެކި ވާހަކަ ދައްކަމުން ދައްކަމުން ގޮސް އޭނާގެ މަންމަގެ ވާހަކަ ފެށިއެވެ.

"އަހަރެންދެކެ ލޯބިވާނެ، އަހަންނަށް އަޅާލާނެ އެއްވެސް މީހަކު މިދުނިޔެއަކު ނުހުންނާނެ އަހަރެންގެ މަންމަ ނޫނީ" އެހެން ބުނި އިރު އޭނާގެ ދެލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. އިރުކޮޅެއް ނުވެ އޭނާ މަންމަ މަތިން ހަނދާން ވަނީ އޭ ކިޔާފައި ހަމަ ގަދައަށް ރޯން ފެށިއެވެ. އަހަރެން ވަރަށް ކަންބޮޑުވިއެވެ. އެހެންނަމަވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އިއްމަގެ އެއަމަލުތައް އޭނާގެ ބޭބެމެންނަށް އެނގުނީމާ ބުނާނީ ކީކޭ ހެއްޔެވެ؟

އަހަރެންނަށް ހަނދާނެ ގޮތެއް ނޭނގިފައި އޭނާގެ ގައިގަ ފިރުމާލަ ފިރުމާލަ އިނީއެވެ. އެހެން އިނދެގެން އަހަރެން އޭނާއަށް ލޯތްބާ އަޅާލުން ދޭން ވަޢުދުވީމެވެ. އޭނާގެ ދިރިއުޅުން އުފާވެރިކޮށްދީ ބާއްޖަވެރިކޮށްދޭން އަޒުމު ކަނޑައެޅީމެވެ. އަހަރެން އޮށޯތީ އޭނާއަށް ނިދުނީމައެވެ.

އަނެއްދުވަހު ހެނދުނު ހެނދުނާ ހޭލައިގެން ބޭރަށް ނުކުތްއިރު ދޮންބެގެ އަންހެނުން ޓެރަސްމަތީގައި ގަސްތަކަށް ފެންޖަހަން ހުއްޓާ ފެނުނެވެ. އޭނާ ފެނުމުން އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ. އެކަމަކު އެވަގުތު އޭނާ ހިނިތުންވެލަމުން އަހަރެންގެ ކައިރިއަށް އައެވެ. އިމްރާން ހޭނުލާދޯ އޭ ބުނެލިއެވެ. އަދި ކޮފީ ބޯން ހިނގާށޭ ކިޔާފައި އަހަރެން ގޮވައިގެން ތިރިއަށް ފޭބިއެވެ. އޭރު ގޭތެރެއިން އިތުރު މީހަކު ފެންނާކަށް ނެތެވެ.

"ރޭގައި ދިޔައީމޭ މައްޗަށް ލިޔުޝާ އާއި ވާހަކަ ދައްކާލާ ހަދާލަން!"

އޭނާވެސް އަހަރެންގެ ނަން ކީ އިއްމަ ކިޔާގޮތަށް އަލިފުގެ ބަދަލުގައި ޔާ ލާފައިކަން ފާހަގަ ކުރެވުނެވެ. ލިޔުޝާ އެއް ނޫނޭ ލިއުޝާ އޭ ބުނެފާނަމޭވެސް އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު ނުކެރުނެވެ.

".....އެކަމަކު މާ ރަނގަޅު ވަގުތެއް ނޫންހެން ހީވީމާ އަޅާނުލީ!" އޭނާ ފާޑަކަށް ހިނިއައިސްފައި އިދެގެން ވާހަކަ ދެއްކިއެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ. އެ ޓެރަސް މައްޗަށް އެރި މީހަކަށް ވިއްޔާ އިއްމަ ރުއި އަޑު ނީވި ނުދާނެއެވެ.

"ލިޔުޝާ! ބުނަން ވާހަކައެއް! ބައެއް ކަންކަމަކީ ފެނުނަސް ނުފެންނަކަމަށް ހަދަންޖެހޭ ކަންކަން" އޭނާ އަހަރެންގެ އަތުގައި އަތް ޖައްސާލަމުން ބުނެލިއެވެ. "އިމްރާނަކީވެސް ޒުވާނެއް!"

އަހަންނަށް އެނާ އެދައްކާ ވާހަކަ ނޭނގޭކަމަށް ހެދިގެން އިނދެ ކޮފީތަށި ނަގާ ކޯވަރެއް ބޯލީމެވެ.

"ވަރަށް ގިނަ މީހުންނަށް ހީވާނެ ކައިވެނި ކުރެވުނީމާ އެމީހާއަށް އަނެއްމިހާ އޯން ކުރެވުނީއޭ.. އަމިއްލަ ވީއޭ...އެހިސާބުން އޭނާގެ ގައިގަ ހުންނަ ތިމާއަށް ކަމުނުދާ ސިފަތައް ބަދަލުކުރަން މަސައްކަތް ކުރަނީ.. އެއީ ގޯސްވާ ހިސާބަކީ، އޭގެ ބަދަލުގައި ކައިވެންޏަކީ އެކަކު އަނެކަކުގެ އުނިސިފަތައް ބަލައިގަނެގެން އެއާއި އެކީގައި ދެމީހުން އުޅެން ދަސްކުރުން!"

ސަލީނާ ދިވެހިބަހުން ވާހަކަ ދައްކާލިލެއް ރީތިކަމުން އަހަރެން އިނީ އެކަމާ އަޖައިބު ވެފައެވެ. ދެންވެސް އަހަރެން އެއްޗެއް ނުބުނީމާ އޭނާ ހިތްހަމަ ނުޖެހުނެވެ. ދައްތަ މިކީ އެއްޗެއް ވިސްނިއްޖެތޯ ސުވާލު ކުރިއެވެ. އެއާއިއެކު އަހަރެން ބޯޖަހާލީމެވެ.

"މިހިސާބުގައި ރަނގަޅު ރީހެބެއް ނުހުރޭތަ؟" އެންމެފަހުން އަހަރެން އަހާލީމެވެ.

"ތީއޭ މިބުނާ ވާހަކަ!" ސަލީނާ ދިޔައީ ފުންމައިގެންނެވެ. "ރީހެބެއް ނޫން ކޮންމެތަނަކަށް ލިޔަސް މަސްތުވާ އެއްޗިއްސަކީ އެމީހަކު އަމިއްލައަށް ސަލާމަތްވާން ނިންމީމާ ނޫނީ ސަލާމަތް ވެވޭ އެއްޗެއް ނޫން!" އެހެންބުނެފާ އޭނާގެ ކޮފީތަށި ހުސްކޮށްލައިގެން ތެދުވެގެން ދިޔައީއެވެ.

އެދުވަހު ހޭލިއިރު އިއްމަ ހުރީ އިހެކޭ އެއްގޮތަށް ރަނގަޅުވެފައެވެ. އެހެންކަމުން ސަލީނާ ދައްތަ ދިން ނަސޭހަތް އަޑުއަހާފައި އެވާހަކަ އިހަށް ނުދައްކާން ނިންމީމެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އެއީ ކީ އަހަންނަށް ރުހެވޭނެ އަމަލެއް ނޫނެވެ. އަހަރެން އިއްމަ އާއި ވާހަކަ ދައްކާނަމެވެ. މާލެ ދެވުނީމައެވެ.

އޭގެފަހުން ، އަހަންނާއި ސަލީނާ އާއި ދެމީހުން އެކަނި ވާހަކަ ދެއްކޭގޮތަކަށް ދިމަލެއް ނުވެއެވެ. ދިމާވާކަށްވެސް ބޭނުމެއް ނޫނެވެ. އެނާ އަހަރެން ދެކެ އެހާ ލައިކު ނުވާކަން އެންމެ ފުރަތަމަ ފެނުނު ވަގުތުވެސް ވަނީ ހާމަ ވެފައެވެ. އޭނާގެ ވިސްނުމާއި ވާހަކަ ދެއްކުން ހުރިގޮތުން އަހަރެންވެސް އޭނާޔާއި ގަޔާ ނުވާކަމަށް ނިންމީމެވެ. އަހަރުމެން އިންޑިޔާ އަށް އަންނަން އުޅުނު އިރު ދޮންތަ ބުނި ވާހަކަވެސް އަހަރެންގެ ހަނދާނަށް އައެވެ. "ސަލީނާ އަކީ ވަރަށް ފާޑެއްގެ މީހެއް، ލިއުޝާ ވިސްނައިގެން އުޅޭތި!" ދޮންތަ ބުނެފައިވެއެވެ.

އެހެންނަމަވެސް އިއްމަ އަށް ސަލީނާ ދައްތަ ވަރެއް ނެތެވެ. އެހެންކަމުން އަހަންނާއި ސަލީނާއާއި އެކަނި ބައްދަލުވެ ވާހަކަ ދެކެވުނު ކަން އޭނާއަށް ކިޔައިދޭ ހިތެއްނުވިއެވެ. އެކަމަކުވެސް ސަލީނާ ދައްތަ އަހަންނަކާ އެހާ ލައިކެއް ނުވޭދޯއޭ ބުނެލީމެވެ. އެކަމާ އިއްމަ ދެކޮޅު ހެދިއެވެ. އޭނާއަށް އަހަރެން ތަޢާރަފު ކޮންދިން ވަގުތު އޭނާ އެގޮތަށް އެވާހަކަ ދެއްކީ ސަޕްރައިޒު ވެގެން ކަމުގައި އިއްމަ ބުންޏެވެ. ސަލީނާ ދައްތަ އޭނާ ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައި ކަމަށާއި އޭނާ ދެކެ ވަރަށް ލޯބިވާނެ ކަމުގައި ވެސް އިއްމަ ބުންޏެވެ.

އެކަމަކު، ދެދުވަހެއްގެ މަތިން ސަލީނާ ވަރަށް ހިތްހަމަ ނުޖެހިފައި އިއްމައާއި ވާހަކަ ދައްކަނިކޮށް އަހަންނަށް ފެނުނެވެ. ފުރަތަމަ ދުވަހު އަހަރެން މަތިން ފައިބަން އައިއިރު އެދެމީހުން އެންމެ ތިރީގައި ތިބެގެން ވާހަކަ ދައްކަނީއެވެ. ސަލީނާ ވާހަކަ ދެއްކީ އޭނާގެ ރަށު ބަހުންނެވެ. އިސްޖަހާލައިގެން އިދެ އޭނާ ކިޔާއެއްޗަކަށް ވަރަށް މަޑުމަޑުން އިއްމަ ޖަވާބު ދިން މަންޒަރު އަހަންނަށް ފެނުނެވެ. އަހަރެން ފަހުން އެވާހަކަ އެހީމާ އެއީ އޭނާގެ ދޮންތައާއި ދޮންބެއައި ދެމެދު އޮތް ރުޅިވެރިކަމުގެ ވާހަކަ ކަމުގައި ބުނެދިނެވެ. ދެވަނަ ދުވަހަކު އަހަންނަށް ބޭރަށް ނުކުމެވުނު އިރު އެދެމީހުން ވާހަކަ ދައްކަން ތިބީ ބޭރު ފެންޑާގައެވެ. އިއްމަ ޖަވާބު ދިނީ އިނގިރޭސި ބަހުންނެވެ.

"ނޯ އައި ވިލް ނޮޓް ޑޫ އިޓް!" އޭނާ ވަރަށް ހަރުކަށިކޮށް ބުނެލިއަޑު އަހަންނަށް އިވުނެވެ. އެހިސާބުން އެދެމީހުންނަށް އަހަރެން ފެނިގެން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީއެވެ. އެފަހަރު ސުވާލު ކުރުމުން އިއްމަ އަހަރެންދެކެ އައީ ރުޅިއެވެ. ހަމަ ދެމީހަކު ދައްކާ ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ލިޔުޝާއަށް ކިޔައިދޭން ޖެހޭހޭ އަހަންނާއި ދިމާލަށް ބުންޏެވެ.

އެއީ އިއްމަ އަހަންނާއި ދިމާލަށް އަޑު ހަރުކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އަހަރެން ވަރަށް ދެރަވިއެވެ. އިތުރު އެއްޗެއް ނުބުނަމެވެ. އޭނާ ފަހުން އަހަރެންގެ ކިބައިން މަޢާފަށް އެދުނެވެ. އެރޭވެސް އޭނާ އަމަލުވެގެން އިނދެ ހަމަ ކުރީރޭ ދެމި ކަހަލަ ފަތިވަރު ދަމާފައި މަންމަ މަތިން ހަނދާން ވަނީއޭ ކިޔަމުން ގެންދިޔައެވެ.

އެދަތުރު ނިންމާފައި އެނބުރި މާލެއައިސް އިއްމަ ކައިރީގާ އޭނާ އެކުރާ ނުބައި އަމަލުގެ ވާހަކަ ދައްކާނެ ރަނގަޅު ދަނޑިވަޅެއް ނުލިބެން އުޅެނިކޮށް އަހަރެން ބަނޑުބޮޑު ކަން އެނގުނެވެ. އެވާހަކަ ބުނުމުން އިއްމަ ވީ އުފަލެއް ނޫނެވެ. ކައިވެނި ކުރިއިރުވެސް އެހާ އަވަހަށް ކުއްޖަކު ބޭނުމެއްނޫނޭ އޭނާ ބުނާނެއެވެ. އަހަރުމެން އުޅުނީ ބަލައިގެންނެވެ. އެހެންނަމަވެސް އެކަން އެގޮތަށް ދިމާވީއެވެ. އަހަރެން ހީކުރީ އެކަން އެގޮތަށް ދިމާވީމާ އޭނާ ގަބޫލު ކުރާނޭކަމަށެވެ. އެހެންނަމަވެސް އޭނާ އައީ ރުޅިއެވެ. އޭނާގެ ނަޒަރުގައި އެއީ އަހަރެންގެ މައްސަލައެވެ. އަހަރެންގެ ފަރުވާ ކުޑަކަމެވެ.

ކޮންމެއަކަސް އޭނާ އަހަންނާއި ދުރުވާން ފެށީ އެހިސާބުންނެވެ. އޭނާގެ ސްޓޫޑިޔޯ ތެރެއިން އިންޑިޔާގައި އެރޭ ގަނެގެން ގެނައިކަހަލަ ފުޅިފުޅިވެސް ފެންނަން ފެށިއެވެ. އަހަރެން އެވާހަކަ ދެއްކީމާ ކުރަންވީ ކަންތަކާ ނުކުރަންވީ ކަންތައް ކިޔައިދޭން ތިއީ ކާކުހޭ އަހަންނާއި ދިމާލަށް ބުނީ ނުހަނު ބާރަށެވެ. އެހނދު ދޮންތަމެންނަށް އަޑު އިވިދާނެތީ އަހަރެން ވަރަށް ލަދުގަތެވެ. އަޑުގަދަ ނުކުރާށޭ މަޑުމަޑުން ބުނީމެވެ.

ކޮންމެއަކަސް، އިއްމަގެ އަޅާލުން ކުޑަވާން ފެށިއެވެ. ރޭގަނޑު ހަތަރު ދަމު ހޭލާ ހުރެ މަސައްކަތް ކޮށްފައި އިރުއެރުމުން ނިދަން އަންނަން ފެށިއެވެ. އަހަރެން އެކަމާ ޝަކުވާ ކުރުމުން ރުޅި އަންނަން ފެށިއެވެ. ރުޅި އަންނަ ކޮންމެފަހަރަކު އެހާ އަޑު ގަދަކޮށް ބަސް ބުނަން ފެށިއެވެ. ކުއްޖަކު ގޮވައިގެން އުޅެން ގިނަ ލާރި ހޯދަން ޖެހޭނެތީ ގިނަ މަސައްކަތް ކުރަނީ ކަމުގައި ބުނަންފެށިއެވެ. އެކަމުގައިވެސް ކުއްވެރިވީ އަހަރެންނެވެ. އޭގެ ފަހުންވެސް އޭނާ ހިތްހަމަ ނުޖެހޭ ފަހަރެއްގައި ވިއްޔާ އެހާ އަޑު ގަދަ ކުރާނެއެވެ. އެއިން ކޮންމެފަހަރަކު ދޮންތަ މެންނަށް އިނގިދާނެތީ އަހަރެން ހުންނީ ބިރުންނެވެ. އޭނާ އެހާ ބާރަށް ހަޅޭއްލަވާތީ އެކަހަލަ ވަގުތު ތަކުގައި އޭނާ އެހުންނަނީ ހަމަ އަކު ނޫނޭ އަހަރެން އަބަދުވެސް ހިތަށް އަރައެވެ.

އެހެންނަމަވެސް މިއީ އަހަންނަން އެކަކަށް ވެސް ކިޔައިދޭން ކެރޭނެ ކަހަލަ ކަމެއް ހެއްޔެވެ؟

އިމްރާން ކަހަލަ މަޝްހޫރު، އެންމެން ދަންނަ މީހަކީ އެފަދަ ކަމެއްގައި އަޅުދާސްވެފައިވާ މީހެއްކަން އެނގުމުން ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އެހެންނޫނަސް އޭނާ ހައްޔަރު ކޮށްފިއްޔާ ދެން އަހަރުމެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު ބައްޕައެއްގެ ލޯބިން މަހުރޫމްވެގެން ދާކަށް އަހަންނެއް ބޭނުމެއްނޫނެވެ. އެހުރިހާ ކަމެއް ސިއްރުކޮށްގެން، އަހަރެންގެ ފިރިމީހާގެ ހަރުކަށި މިޒާޖަށް ސިހި ސިހިފައިވެސް ކެތްކޮށްގެން މިހުންނަނީ މިކަހަލަ މިކަހަލަ ސަބަބުތަކަށް ޓަކައެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular