9 Apr 2024

އިންތިޒާރުގައި - 15

އިއްމަގެ ލޮލުގެ އޮޕަރޭޝަނަކީ ފުދޭވަރެއްގެ ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށް ވީތީ ބޭކާރު ޚަރަދެއް ކުރަނީ ކީއްކުރަންތޯ އަހަރެން ސުވާލު ކުރީމެވެ.

"އަހަރެންގެ އަންހެނުންނަށް ކުރާ އެއްވެސް ޚަރަދަކީ ބޭކާރު ޚަރަދަކަށް ވަންޏާ ދެން ކީއްކުރަން އަހަރެން މިވަރަށް މަސައްކަތް ކޮށްގެން ލާރި މިހޯދަނީ؟" އޭނާ ބުނެލިއެވެ. އަދި ސަލީނާގެ ޚިޔާލަށް ތާއީދުކުރިއެވެ. އެއީ މާބޮޑު ކަމެއް ނޫންކަމަށާއި ހަމަ އެކަނި ފުލް ބުލަޑް ޓެސްޓެއް ހަދާލީމާ އެނިމުނީ ކަމުގައި އިއްމަ އޮޅުން ފިލުވައިދިނެވެ. އަހަރެން އެއްބަސް ވީމެވެ. އެކަމަކު އަހަންނާއި އެކީގައި އިއްމަ ދާން ވާނެޔޭ ބުނަމުންނެވެ.

އެހިސާބުން އެދުވަހު ސަލީނާއާއި އެކީގައި ދިޔައިރުގެ ވާހަކަ ކިޔައިދިނީމެވެ. ސަލީނާ އަހަރެންގެ ވަރަށް އަމިއްލަ ކަންތައްތަކާއި ބެހޭގޮތުން ސުވާލު ކުރި ވާހަކައަށް ދަންދެންނެވެ. އަހަންނަށް އެވާހަކަ ދެއްކުނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.

"ސަލީނާ ދައްތަ އަކީ މިހާރު އަހަރެންގެ މައެއްގޮތުގައި ދެކޭ މީހެއް.. އަހަރުމެން އިތުރު ދަރިއަކު ހޯދާތޯ އަދި ނުހޯދާތޯ އެހިއަސް އެއީ މައްސަލައެއް ކަމަކަށް އަހަންނެއް ނުދެކެން!" އިއްމަ ބުނެލިއެވެ.

އޭނާ ހިތްހަމަ ނުޖެހުނުކަން އަހަންނަށް ވިސްނުނެވެ. މިވޭތުވި ހަތަރު މަސްދުވަހުގެ ތެރޭގައި އޭނާގެ ރާގަށް ނާންނަ ބަދަލެއް އައިކަން އަހަންނަށް ފާހަގަވިއެވެ.

"އުނހޫ މައްސަލައަކީ ސަލީނާ ދައްތަ އެވާހަކަ ދެއްކީމައެއް ނޫނޭ" އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. އަދި އަހަރެން އެވާހަކަ ދައްކަން ލަދުގަތީ ކަމުގައި ބުނީމެވެ. އެހިސާބުން އަހަރެން ބޭނުންވީ އަހަރެންގެ ފިރިމީހާގެ މޫޑު ބަދަލުނުވަނީސް މުޅިން ވާހަކަ ބަދަލުކޮށްލާށެވެ.

"ދެވަނަ ހަނީމޫންގެ ފުރަތަމަ ރޭ!" ކޮޓަރީގެ ބޮކިތައް ނިވާލާފައި އޭނާއާއި ދިމާލަށް އަންނަމުން އަހަރެން ބުނެލީމެވެ.

ހެނދުނު އަށެއް ޖަހަން ވީ އިރަށް އަހަރުމެން ދެމީހުން ތައްޔާރުވެގެން ތިރިއަށް ފޭބީމެވެ. އޭރު އެގެއަށް އައި ދެމީހުންނާއި ދޮންބެ މޭޒުދޮށުގައި ސައިބޯން ތިއްބެވެ. ސަލީނާ، ބޭރަށް ދާން ތައްޔާރުވެގެން އަތްދަބަސް އަޅުވައިގެން ފައިބައިގެން އައީ އިރުކޮޅެއް ފަހުންނެވެ. ގަރާޖުތެރޭގައި ކާރު ސާފުކުރަން ފިރިހެނަކު ހުރިތަން ފެނުމުން އަހަރެންގެ ފިރިމީހާއަކަށް ދެން ޑުރައިވަރު ހެދިގެން މީހުންގޮވައިގެން ތަންތަނަށް ދާން ނުޖެހޭނެކަން ހިތަށް އަރާފައި އަހަރެން ހިތްހަމަ ޖެހުނެވެ.

"ލިޔޫ ރެޑީދޯ ... ހިނގާ ދަމާ!" ސަލީނާ ސިޑިން ފައިބަމުން ވާހަކަ ދެއްކިއެވެ. އިއްޔެގައި އައި ރަޝީދުގެ ދެމަފިރިންވެސް ޑޮކްޓަރަށް ދާން ޖެހޭތީ އަހަރެން ގޮވައިގެން ސަލީނާ ވަކިން ދާން ނިންމިކަން އެނގުނީ އެހިސާބުންނެވެ.

"އެހެންނޫނަސް އާދައިގެ ކުލިނިކަކުންވެސް ފުލް ބުލަޑް ކައުންޓެއް ހަދާލެވޭނެ!" ސަލިނާ އެހެންބުނި އިރު އަހަރެން ހާސްވެއްޖެއެވެ. އަހަރެންގެ ފިރިމީހާއަށް އެކަން ވިސްނުނެވެ. އޭނާގެ ޓެސްޓު ހަދާ ނިމުނީމާ ދާން މަޑުކުރަން ވީ ނޫންތޯ އަހާލިއެވެ.

"އޭރުން ލިޔުގެ ފާސްޓިން ގަޑި ހަމަ ވާނެއެއްނު!.... އަހަރުމެން ނިމިގެން ތިކޮޅަށް ދާނަމޭ" ސަލީނާ ބުނެލިއެވެ.

އެހިސާބުން އިއްމަ އިތުރު އެއްޗެއް ނުބުންޏެވެ. އެކަމާ އަހަރެން ހިތްހަމަ ނުޖެހުނެވެ. ނުކުމެގެން ދިޔައީ އޭނާއާއި ދިމާލަށް ބަލާވެސް ނުލައެވެ. އަހަރެން ލައްވާ މަޖުބޫރުން ކަންކަން ކުރުވަން އުޅެންޏާ އަހަރެން އެމީހެއް ދެކެ ވަރަށް ފޫހިވާނެއެވެ. މިއަދު އަހަރެން ބޮޑަށް ހިތްހަމަ ނުޖެހުނީ އިއްމަ ދެކެއެވެ. އޭނާއަށް ސަލީނާ ދައްތަގެ ކުރިމަތީގައި އަހަރެންގެ ދިފާއުގައި އެއްޗެއް ބުނަން ނުކެރުނީތީއެވެ.

ސަލީނާއަކީ އިއްމަ ވަރަށް ލޯބިވާ އޭނާ ގަދަރު ކުރާމީހެއްކަން އަހަންނަށްވެސް އިނގެއެވެ. އެމީހުންގެ މަންމަގެ އެންމެ ފަހު ދުވަސްތަކުގައި ހުރިހާ ބުރައެއް އުފުލާ މަންމަ ބެލީ އޭނާ ކަމުގައިވާތީ އޭނާގެ ހިތުގައި ސަލީނާއަށްޓަކައި ވަރަށް ޚާއްސަ ލޯތްބެއް އޮންނަކަން އަހަރެން ގޮވައިގެން އެންމެ ފުރަތަމަ އިންޑިޔާއަށް އައި ދަތުރުގައި އޭނާ ވަނީ ކިޔައިދީފައެވެ. އެކަމަކުވެސް އޭގެ މާނައަކީ ސަލީނާ ބޭނުންހާ ގޮތަކަށް ހުރިހާ ކަމެއް ކުރަން ދޫކޮށްލުން ހެއްޔެވެ؟

***

އަހަރެން އެންމެ ފުރަތަމަ އިންޑިޔާއަށް ކުރި ދަތުރުގައި އެނބުރިގޮސް ދޮންތައަށް ސަލީނާ ދައްތަގެ ހެޔޮކަމުގައި ވާހަކަ ކިޔައިދިނީމާ ދޮންތަ ފާޑަކަށް ހިނިގަނޑެއް ޖަހާލާފައި "އެދުމެއް ނެތި ވެދުމެއް ނުކުރާނެޔޭ" ބުނިކަން އަހަރެން ހަމަ ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

އިއްމަގެ ދޮންބެއާއި ދޮންތައާއި ދެމީހުންގެ ގުޅުން ހީނަރުވެގެން ދިޔައީވެސް އެ ސަލީނާގެ ސަބަބުން ކަމުގައި އެދުވަހު އޭނާގެ ދޮންތަ ކިޔައިދިނެވެ. މަންމަ ބަލިވެގެން ދިގުމުއްދަތުގައި އިންޑިޔާގައި ތިބެން ޖެހުނީއޭ ކިޔާފައި ދޮންތައާއި މަޝްވަރާ ނުކޮށް ގޭގެ ދޮރުމަތީގައިވާ ހުސްތަންކޮޅު ބަޔަކަށް ކުއްޔަށް ދީފައި އެއްފަހަރާ ލާރި ނެގީއެވެ. ދޮންތަ ބުނެދިންގޮތުގައި ސަލީނާމެން މިއުޅޭ ގެއަކީ އެލާރިން ގަނެފައިވާ ގެއެކެވެ. ގެ ރަޖިސްޓަރީ ކޮށްފައިވަނީ ސަލީނާގެ ނަން މަތީގައެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެޔޭ ބުނާ ބަހުގެ މާނައަކީ އެއީ ކަމުގައި ދޮންތަ ބުނެދިނެވެ. އެކަމާ ދޮންތަ ނުރުހިގެން ވާހަކަ ދައްކަން ފެށީމާ އެމީހުން އިއްމަ އިންޑިޔާއަށް ގެންދިޔައީއެވެ. އޭރު އިއްމަ އުޅުނީ މަޖީދިއްޔާގެ ނުވަ ވަނަ ކުލާހުގައެވެ. އޭނާގެ ކިޔެވުން ދެން ކުރިއަށް ގެންދިޔައީ އިންޑިޔާގައެވެ.

ސަލީނާ އަކީ އަސްލު އެމީހުންގެ މަންމަ ބަލަން ގެއަށް ގެނައި ނަރުހެވެ. މާގިނަ ދުވަހެއް ނުވަނީސް އޭނާއާއި ދޮންބެއާއި ކައިވެނި ކުރީއެވެ. މަންމަ ނިޔާވުމާއިއެކު ބޭހަށް ދާ ދިވެހިން ބައިތިއްބައިގެން އެމީހުންގެ ކަންތައް ބެލެހެއްޓުމުގެ މަސައްކަތް ފެށީއެވެ.

ދޮންތަގެ ވާހަކައަކާ އަހަރެންގެ ފިރިމީހާގެ ވާހަކައަކާ ދިމަލެއް ނުވެއެވެ. އޭނާ ދެކޭ ގޮތުގައި އޭނާގެ ދޮންބެމެން އޭރު ނެގި ލާރީގެ ފައިދާ އޭނާއަށް ވެސް ކުރިއެވެ. އޭނާ ކޮލެޖަށް ވައްދާ ކުރެހުމުގެ ދާއިރާއިން އިތުރަށް ކިޔަވާދީ، އެކޯސް ނިމުމުން މާލެ އައިސް އެމަސައްކަތް ފައްޓަން ޚަރަދުކޮށްދިނީވެސް އޭނާގެ ދޮންބެމެންނެވެ.

***

ހަނި ހަނި ގޯޅި ގޯޅިން ލާފައި ގޮސް ބޮޑު މަގެއްގައި ހުރި ތާކަށް ކުރޮޅި މަޑުކޮށްލިއެވެ. އެއީ ލެބޯޓްރީއެކެވެ. ވަންނަ ދޮރުގައި 'ބުލަޑް އެންޑު ޔޫރީން' އިނގިރޭސިން ލިޔެފައި އޮތެވެ. ދެން ހުރި އެއްޗެތި ހުރީ އެމީހުންގެ އަވަށު ބަހުރުވައިންނެވެ. އެތާކު މާގިނަ މީހުންނެއް ނެތެވެ. އެހެންކަމުން ވަރަށް އަވަހަށް ލޭ ނަގާ ނިމިއްޖެއެވެ. އެތަނުން ނުކުމެފައި ސައިބޯން ދަމާހޭ ސަލީނާ ބުނެލިއެވެ. އެހެންނަމަވެސް އަހަރެން ބޭނުންވީ އިއްމަ ކައިރިއަށް ދާށެވެ. އެނާވެސް ހުންނާނީ ސައި ނުބޮއެ ނޫންހޭ އަހަރެން ބުނީމެވެ.

އަހަރުމެން ދެމީޙުން ހޮސްޕިޓަލަށް ދިޔައިރު އިއްމަވެސް ޓެސްޓު ހަދާ ނިމިއްޖެއެވެ. އަހަރެންގެ އަތުގައި މަލަންކޮޅެއް އަޅާފައި އޮތްގޮތަށް އޭނާގެ ލޭ ނެގިތާނގައިވެސް މަލަން ކޮޅެއް އަޅާފައި ހުއްޓެވެ. އިއްމަ ކައިރިއަށް އާދެވުމުން އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ.

"ދެކުދިން ދޭ ކޮންމެވެސް ތާކަށް ގޮސް ސައިބޯލާ ޑޭ އައުޓެއް ހަދާލަން! ލޯ އޮޕަރޭޝަން ކުރީމާ އިއްމައަކަށް މި ހިރަފުސްގަނޑު ތެރެއަކަށް ނުނިކުމެވޭނެ!" ސަލީނާ ބުނެލިއެވެ. ސަލީނާ ދަބަސް ހުޅުވާފައި ލާރި ނަގާ ދިއްކޮށްލިއެވެ. އިއްމަ އެލާރީގައި ހިފާކަށް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ސަލީނާ ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ އަތަށް އެލާރި ދިނެވެ. ދައްތަގެ ޓްރީޓް އެކޭ ބުނަމުންނެވެ.

އެދުވަސް އަހަރުމެން ހޭދަކުރީ ބޭރުގައެވެ. އިއްމަ ބަލަން ބޭނުންވި އާޓު މިއުޒިއަމް އަކަށް ގޮސްލާ، އެހިސާބުގައި ހުރި މަޝްހޫރު އެކިއެކި ފައްޅިތަކާއި ތަންތަން ބަލާލަން ދެމީހުން އެކީގައި ހިނގަމުން ގެންދިޔައީ އަތާ އަތް ގުޅާލައިގެންނެވެ. އަހަރުމެން ދެމީހުންނެކޭ އަލަށް ކައިވެނި ކޮށްގެން އުޅޭ ދެމީހުންނެކޭ އެއްވެސް ތަފާތެއް ނެތެވެ. އަހަރުމެން އެކި ތަންތަނުގައި ހިނގަމުން ހިނގަމުން ގޮސް ބޮޑު ކާނިވަލެއް ކަހަލަ ހަރަކާތެއް ހިނގަމުންދާ ސަރަހައްދަކަށް ވަދެވުނެވެ. އެތާނގައި އެކި އެއްޗެތި ވިއްކާ ސްޓޯލް ތަކާއި ކުޅިވަރުތައްވެސް އޮތެވެ. އަހަރުމެން ދެމީހުން ކާއެއްޗެއް ހޯދަން ތަންތަން ބަލަމުން ދަނިކޮށް މޭޒެއް ބަހައްޓައިގެން އިން މުސްކުޅި ވަރެއްގެ އަންހެނަކާ ދިމާވިއެވެ. އެނާ އަހަރުމެން ދެމީހުންނަށް ގޮވިއެވެ. އެއީ އަތްބަލާ މީހެއްކަން އޭނާގެ މޭޒު ކައިރީގައިވާ ތަސްވީރު ފެނުމުން އަހަންނަށް އެނގުނެވެ.

"އިއްމަ ހިނގާބަލަ އެތަނަށް!" އަހަރެން ބުނެލީމެވެ. އޭނާ ފުރަތަމަ އެކަމާ ދެކޮޅު ހެދިއެވެ. އެއީ ފޭކް މީހުން ކަމަށާއި އެމީހުން ލާރި ހޯދަން މޮޅެތި އެއްޗެތި ކިޔާނެ ކަމުގައި ބުނަމުންނެވެ. އެކަމަކުވެސް އަހަރެން އެކަން ކުރާ ހިތްވީއެވެ. ސަލީނާގެ ކޮއްކޮ އާއި ކާޖޮލް އާއި ވައްތަރުކަން އެނގުނު ހިސާބުން އަހަންނަށް މި ހުންނަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ. އެކަމަކު އެވާހަކަ އިއްމަ ކައިރީގައި ދައްކާނެ ރަނގަޅު ދަޑިވަޅެއް ނުލިބިފައެވެ. ކޮންމެއަކަސް އަހަރެން ބުނިބުނުމަށް އިއްމަ އެމޭޒު ދޮށަށް ކައިރިވިއެވެ. އަހަރެންގެ އަތް ބޭއްވީމާ ބަލާލާފައި ދިނީ ތަމްބްސް އަޕް އެކެވެ. އަދި އޭނާގެ ރަށު ބަހުން ކޮންމެވެސް އެއްޗެއް ބުނެލިއެވެ.

"ކީކޯ؟" އިއްމަ ކައިރީ އަހަރެން އަހާލީމެވެ.

"އެބުނީ ލިޔުގެ އޮންނަނީ ގޯލްޑަން ހާރޓް އެކޯ" އިއްމަ އެހެންބުނަމުން އޭނާގެ ހިތުގައި އަތްޖައްސާލާފައި އިޝާރާތުން އެ މީހާއަށް ދައްކާލިއެވެ. އެއާއިއެކު އޭނާ ހީލަމުން 'ޔެސް، ޔެސް' އޭ ބުނަންފެށިއެވެ. އޭނާ ދެން އެދުނީ އިއްމަގެ އަތް ދައްކާށެވެ. އިއްމަގެ އަތް ބަލާފައި އޭނާ ވާހަކަތަކެއް ދައްކަން ފެށިއެވެ. އެޔާއިއެކު ވަގުތުން އޭގެ ތަރުޖަމާ އަހަންނަށް އިއްމަ ކިޔައިދެމުން ގެންދިޔައެވެ.

"ކުރެހުން ކަހަލަ އަތް ބޭނުންކޮށްގެން ކުރާ މަސައްކަތެއް ކޮށްގެން ދިރިއުޅޭ މީހެކޯ" އިއްމަ އެހެން ބުނުމުން އަހަންނަށް މަޖާވިއެވެ.

"ކައްކާ މީހުންވެސް އަތް ބޭނުންކުރޭ ދޯ...ފުށް މޮޑެން، ރޮށިފިހެ ހަދަނީވެސް " އަހަރެން ވާހަކަ ދައްކަން ހުއްޓާ އެމީހާ ބުނިބުނުމަށް އިއްމަގެ އަނެއް އަތްވެސް މޭޒުމަތީގައި ބޭއްވިއެވެ. އެޔާއިއެކު އެމީހާ ބުނި އެއްޗަކުން އިއްމަގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔަ މަންޒަރު އަހަންނަށް ފެނުނެވެ.

"ހިނގާ ދާން މިއީ ފޭކް މީހެއް!" މޭޒުމަތީގައި ލާރި ބާއްވަމުން އަހަރެންގެ އަތުގައި ހިފައިގެން އެތަނުން ދުރަށްދާން އިއްމަ ހިނގައިގަތެވެ.

"އެހެންނޫނަސް އަތްބަލާކަށް ނުވާނެ.. ކާކަށްތަ އިނގެނީ ވާން ހުރި ކަންތައް.. އެކަން އިނގޭނީ އަހަރުމެން ހެއްދެވި ފަރާތަށް އެކަނި!" އެތަނުން ދުރަށް ދަމުން އޭނާގެ ހިތްހަމަ ނުޖެހުން ފައުޅު ކުރަމުން ގެންދިޔައެވެ.

އެޔާއިއެކު އޭނާ ބުނީ ކީކޭތޯ އަހަރެން އަނެއްކާވެސް އެހީމެވެ. އިއްމަ އުޅުނީ އެވާހަކަ އަހަންނަށް ބުނެނުދޭށެވެ. އެކަހަލަ ވާހަކަ ގަބޫލު ކުރާކަށް ނުވާނެ ކަމުގައި އޭނާ ބުނެލިއެވެ. އެޔާއިއެކު އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.

"ގަބޫލު ކުރިއަސް ނުކުރިއަސް އޭނާ ބުނިއެއްޗެއް އަހަރެން ކައިރީ ބުނެވިދާނެއެއްނު... އެހެންނޫނީ އެއީވެސް އަހަރެންކައިރީ ނުބުނެވޭ ވަރުގެ ވާހަކަ އަކީތަ؟" އަހަރެން އަހާލީމެވެ.

އެޔާއިއެކު އޭނާ ހުއްޓުނެވެ. "ކީއްވެ އެއީ ވެސް އޭ ތިބުނީ؟"

"ސަލީނާގެ ކޮއްކޮ އާއި ކާޖޮލް އާއި ވައްތަރު ވާހަކައެއްވެސް ނުބުނަމެއްނު!" އަހަރެންގެ ހިތުގެ އުދާސް އެއް ނޭވާއިން ބޭރުކޮށްލީމެވެ.

"އޭ؟ ސަޖުނާ އާއި ކާޖޮލްއާ!" އިއްމަ ހޭން ފެށިއެވެ. "ކޮން ތަނެއް ވައްތަރީ؟ އޭނާ އާއި ކާޖޮލް އާއި ވައްތަރިއްޔާ ލިޔު އާއިވެސް ކާޖޮލް އާ ވައްތަރު .. ލިޔުގެވެސް ތި އޮންނަނީ ހަމަ އެވަރުގެ އިސްތަށިގަނޑެއް!"

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular