އިއްމަ އޭރުވެސް އެއީ އޮޅިފައޭ އަލުން ޓެސްޓު ހަދަން ދާން ހިނގާށޭ ކިޔަމުން ގެންދެއެވެ. އެންމެފަހުން ދޮންބެވެސް އެހެން ބުނުމުން އަލުން ޓެސްޓު ކުރަން ދާން ސަލީނާ ނިންމިއެވެ. މިފަހަރު އެހެން ކުލިނިކަކަށް ދަމާހޭ ދޮންބެ ބުނެލިއެވެ. އެޔާއިއެކު އެމީހުން ވެސް ގަސްތުގައި އެވަރުގެ މަކަރެއް ދެން ނަހަދާނެ ނޫންހޭ ސަލީނާ ބުނެލިއެވެ.
"ދެން އެހެންތަނަކަށް ދިޔައީމާ އެނގިދާނެތާ!" ދޮންބެ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.
ކޮންމެއަކަސް ދޮންބެއާއި ސަލީނާ އާއި ދެމީހުން އަހަރެން ގޮވައިގެން އެހެން ކުލިނިކަކަށް ދާން ނިންމިއެވެ. އެވަގުތު އެގޭ ޑުރައިވަރ ގޭގައި ނެތީމާ އޭނާ ދުއްވަފާނަމޭ ކިޔާފައި އިއްމަ ތެދުވިއެވެ.
"އުހޫ ތިލޯ އިންފެކްޓް ވެދާނެ! އިއްމަ މަޑޫކުރޭ އަހަރުމެން ކުރޮޅިއެއް ނަގާނީ" ސަލީނާ ހޭންޑު ބޭގް ނަގައި ތައްޔާރު ވިއެވެ. "ޝަމީމް ވެސް މަޑުކުރަންވީނު .. ތިންމީހުންނަށް ކުރޮޅީގައި ދާން އުނދަގޫވާނެ!" ސަލީނާ ދޮންބެއާ ދިމާލަށް ބުނެލިއެވެ.
އެފަހަރު އަހަރުމެން ދިޔައީ ތަންކޮޅެއް ކައިރީގައި ހުރި ކުލިނިކަކަށެވެ. އެއީ ބޮޑު މަގެއްގައި ހުރި ތަނެކެވެ. ލޭ ނަގާ ނިމިގެން ނުކުމެ ސަލީނާ ވަނީ އެތަނާއި ޖެހިގެން ހުރި ޝާލީމާރު ހޮޓެލް ކިޔާ ތަނަކަށެވެ. އޭތާނގެ ބިރިޔާނީ ވަރަށް މީރުވާނެކަމުގައި ބުނެ ބިރިޔާނީ ގަތެވެ.
އެރޭ އަހަރުމެން ދެމީހުންނަކަށްވެސް ނުކެވުނުވެ. އަހަރުމެން ތިބީ ނަތީޖާގެ އިންތިޒާރުގައެވެ. ކޮޓަރި ދިޔަގޮތަށް ދެމީހުންނަށްވެސް އެކަމާ ފިކުރު ކުރަން ތިބެވުނީއެވެ. އެއީ އޮޅިފައިކަމަށް ޔަގީންވާ ކަމުގައި އޭރުވެސް އިއްމަ ބުނަމުން ގެންދިޔައެވެ. އޭނާ ގެ މޫޑު މާ ގޯހެއްނޫނެވެ. އެހެންނަމަވެސް އޭރު އަހަރެންގެ ސިކުނޑީގައި ވަނީ މުޅިން އެހެން ކަމެކެވެ. ވަނީ އެހެން ދިމާލެއްގައެވެ. 'ފާރިޝް' އަހަރެންގެ ހިތުތެރެގައި އެނަން ރަތްބޮތްކެއް ހެން ދިއްލިފައި އިންނަތާ އެތައް އިރެއް ވެއްޖެއެވެ. އެކަމަކުވެސް އަހަރެން އޮތީ އޭނާޔާއި މެދު ވިސްނަންވެސް ނުކެރިފައި އޮތީއެވެ. އަހަރެންގެ ހިތުގައި ހިނގާ ހިޔާލުތައް އިއްމައަށް އެނގިދާނެތީ ބިރުންނެވެ.
އަނެއްދުވަހު ހެނދުނު ހޭލައިގެން އަހަރުމެން ދެމީހުން ތިރިއަށް ދިޔައިރު ދޮންބެމެންނެއް ގެއަކު ނެތެވެ. ސައިބޯން އިން އިރުވެސް އަހަންނަށް އިނދެވެނީ ކަންބޮޑުވެފައެވެ. އަހަރެން ހަމަ އަސްލުވެސް އެޗް. އައި. ވީ އަށް ޕޮޒިޓިވް ވީ ހެއްޔެވެ؟ އަހަންނަށް އެބަލި ދިނީ ފާރިޝް ހެއްޔެވެ؟
"އޭތް! ދެން އެވަރަށް ނުވިސްނަބަލަ އެކަމާ!" އިއްމައަށް އަހަރެން އިންގޮތް ފެނިގެން ބުނެލިއެވެ. އަހަރެން އާނއެކޭ ބުނީމެވެ. އެވާނީ އޮޅިފައި ކަމަށޭ އަހަރެންވެސް ބުނީމެވެ. އެކަމަކުވެސް އަހަރެންގެ ހިތް ބިރުގަންނަނީއެވެ. އެކަން އިއްމައަށް ދައްކާކަށް އަހަރެން ބޭނުމެއްނޫނެވެ.
މެންދުރުވީ އިރު ދޮންބެއާއި އެގެއަށް އައިސްތިބި ދެމީހުން ޑޮކްޓަރަށް ދައްކާފައި ގެއަށް އައެވެ. ދޮންބެ އައިގޮތަށް އައިސް ސަލީނާދައްތަ ނާދޭތޯ ސުވާލުކުރިއެވެ. ދޮންބެގެ ފަރާތުން އެނގުނު ގޮތުގައި އެމީހުންނާއި އެކީ ހޮސްޕިޓަލަށްގޮސްފައި، ނަތީޖާ ނަގާށޭ ކިޔާފައި އޭނާ ދިޔަތާ އެތައް އިރެއްވެއްޖެއެވެ.
ސަލީނާ އައީ އަހަރުމެން މެންދުރު ކައިގެން ގޮސް ކޮޓަރީގައި ޖައްސާލައިގެން ތިއްބައެވެ. އޭނާ އަހަރުމެންގެ ކޮޓަރިއަށް ވަންތަނާ އޭނާގެ ފަހަތުން ދޮންބެވެސް ވަނެވެ. ސަލީނާގެ އަތުގައި ރިޕޯޓު އޮތެވެ.
"ކިހިނެއްވީ؟" އިއްމަ ފުންމައިގެން ތެދުވިއެވެ.
ސަލީނާ ބޯ ހޫރާލިއެވެ. "ހަމަ ޕޮޒިޓިވް ކަމަށް ދައްކަނީ!"
އެއަޑު އިވުމާއިއެކު އަހަންނަށް ރޮވިއްޖެއެވެ. އިއްމަ އައިސް އަހަރެންގެ ގައިގަ ބައްދައިގަނެފައި އޭނާވެސް ރޯން ފެށިއެވެ.
"އޭ ރޯކަށް ނުވާނެ! ތި ލޯ އަދި ހީލްއެއް ނުވާނެ!" ސަލީނާ ބެލީ އިއްމަ ހަމައަކަށް އެޅުވޭތޯއެވެ.
އެއީ އަހަރެން ވިހޭއިރު ލޭ އެޅުމުގެ ތެރޭގައި ވެފައި ހުރިކަމެއްކަމަށް އެމީހުންނަށް ވެސް ގަބޫލު ކުރެވޭ ކަމުގައި ބުނެ ސަލީނާ ވާހަކަ ދައްކަން ފެށިއެވެ. އޭރު ދޮންބެއާއި އިއްމަ އާއި ދެމީހުންވެސް ސަލީނާ ކުރެން ދެން ކިހިނެތްތޯ ހެދޭނީ އަހާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އަހަންނަކަށް އެމީހުން ދައްކަމުން ދިޔަ ވާހަކައެއް އެނގޭ ވަރެއްނުވިއެވެ. އަހަރެން އިނީ އެއަށް ވުރެ ބޮޑަށް ބިރުގަނެފައެވެ. ދެން އަހަންނަށް ވާނީ ކިހިނެތްހޭ ހިތަށް އަރާފައެވެ. އަހަރެންގެ ލޮލުން ކަރުނަ އައުމެއް ނުހުއްޓުނެވެ. އެންމެފަހުން ސަލީނާ އަހަންނަށް ކުޑަކުޑަ ބޭސް ގުޅައެއް ގެނެސްދީފައި އެކާލައިގެން އޮށޯވެލާށޭ ބުންޏެވެ.
ދެން އަހަންނަށް ހޭލެވުނު އިރު އޮތީ އަނދިރިވެފައެވެ. ގަޑި ބަލާލިއިރު ރޭގަނޑު އެގާރަ ޖަހައިފިއެވެ. އިއްމައެއް ކޮޓަރި ތެރެއަކު ނެތެވެ. އަހަރެން އެޗް.އައި. ވީ ޕޮޒިޓިވް ކަން ހަނދާން ވުމާއިއެކު އަހަރެން ހާސްވާން ފެށިއެވެ. ކޮޓަރި ތެރޭގައި އެކަނި ނީންނާންވެގެން ތިރިއަށް ފޭބީއެވެ. އޭރު ތިރީގައިވެސް އެއްވެސް މީހަކު ނެތެވެ. ފުރިޖު ހުޅުވާފައި ފެންފުޅިއެއް ނެގިތަނާ ސަލީނާ މަތިން ބޯ ދިއްކޮށްލިއެވެ. ތިރީގައި އުޅެނީ އަހަރެންކަން އެނގުމުން އޭނާ ތިރިއަށް އައެވެ.
"އިމްރާން އަދި ނާދޭ ދޯ؟' ސަލީނާ އަހާލިއެވެ. އަދި އޭނަ ބޯހާސްވެގެން އުޅޭތީ ބޭރަށް ދާށޭ ކިޔާފައި ފޮނުވީކަމުގައި ސަލީނާ ބުނެދިނެވެ. އަހަރެން ކައިރީގައި ކާންވީ ނޫންހޭ ބުނެލިއެވެ. އަހަރެން ބަނޑުހައިވެފައި ހުއްޓެއްކަމަކު ކާކަށް ބޭނުމެއްނުވިއެވެ. އެއަށް ވުރެ ބޮޑަށް އަހަރެން ބޭނުންވީ ދެން އަހަންނަށް ވާނީ ކިހިނެއްތޯ އޮޅުންފިލުވާށެވެ.
ސަލީނާ އަހަންނަށް ކިރުސައި ތައްޓެއް ހަދާދިނެވެ. އަހަރެން ގޮވައިގެން ގޮސް ކާމޭޒު ދޮށުގައި ބޭންދިއެވެ.
"މިހާރު އެބައުޅޭ އަޔުރުވެދިކް ބޭސް ކުރާބައެއް... އެމީހުންގެ ބޭސްކެއީމާ އެއިޑްސް އަށް ބަދަލު ނުވެ ހުރެޔޯ" ސަލީނާ ކިޔައިދިނެވެ. "ދައްތަ މާދަން ދާނަން އެމީހުން ކައިރިއަށް!...އިރާދަ ކުރެއްވިއްޔާ ގޯހެއްނުވާނެ!" އޭނާ ވަރަށް އޯގާތެރިކޮށް އަހަރެންނާއި މުޚާތަބު ކުރިއެވެ. އޭރު އަހަރެންގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. އަހަރެން މަޑުމަޑުން ލޯ ފޮހެމުން ގެންދާތަން ބަލަހައްޓައިގެން އޭނާ އިނެވެ.
"ލިޔުޝާއަށް އިނގޭ ދޯ ލޭ އެޅުމުގެ އިތުރުން ކިހިނެތް ކަން މިބަލި އަރަނީ؟" އެހެން އިނދެލާފައި ސަލީނާ ބުނެލިއެވެ. " ހަމަ ޔަގީންތަ މިބަލި ޖެހޭކަހަލަ އެހެންކަމެއް ނުކުރަންކަން؟" ސަލީނާ އަހާލިއެވެ. އަހަރެން އިސްޖަހާލީމެވެ. "ދައްތަ ކައިރީ ތެދަށް ބުނޭ... ދައްތައަށް އިތުބާރު ކުރޭ... އެއްވެސް މީހަކު ކައިރީ ނުބުނާނަމޭ!"
"ނުކުރަން!... އިއްމަ ނޫން މީހަކާ އެކީގައި އެކަހަލަ ކަމެއް ނުކުރަން" ދޮގެއް ހަދަން ޖެހުނީތީ ބިރުން އިނދެ އަހަރެން ވާހަކަ ދެއްކީމެވެ. "އަހަރުމެން ދެމީހުންވެސް....!"
"ނަސީބެއްނު ތިދެމީހުން ޕުރޮޓެކްޝަން ބޭނުން ކުރާކަން... އެހެންނޫންނަމަ މިހާރު އިއްމައަށް ވެސް ހުންނާނީ ބަލި އަރާފަ" އަހަރެންގެ ވާހަކަ ނުނިމެނީސް ސަލީނާ ފެށިއެވެ. "އެކަމަކު ދެން އެރިސްކު ނުނަގާތި ... ދެމީހުން ބަލިވެއްޖިއްޔާ ނޫރާއަށް ވާނީ ކިހިނެތް؟" ސަލީނާ އެހެންބުނުމާއިއެކު އަނެއްކާވެސް އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އަހަރެންގެ ދަރިފުޅު ބޮޑުނުވަނީސް އަހަރެން މިދުނިޔެއާއި ވަކިވާނީ ބާވައެވެ؟
ގޭ ދޮރުމައްޗަށް އޮޓޯ އެއް މަޑުކުރި އަޑު އިވުމުން އެވާނީ އިއްމަ ކަމަށޭ ސަލީނާ ބުނެލިއެވެ. އަދި ރުއިން ހުއްޓާލާފައި ދެލޯ ފޮހެލާށޭ ބުނަމުން އޭނާ ގޮސް ދޮރު ހުޅުވިއެވެ.
"ލިޔޫ ޔޫއަރ އަވޭކް!" އެތެރެއަށް ވަންނަމުން އިއްމަ ގޮވާލިއެވެ. އަދި އެއައި ގޮތަށް އައިސް އަހަރެންގެ ގައިގަ ބެއްދިއެވެ. އެވަގުތު އޭނާ އެހުރީ ހަމަޔަކު ނޫންކަން އަހަންނަށް ވިސްނުނެވެ.
"ލިޔޫ އައިމް ސޮރީ... އެކަމަކު މިރޭ އަހަރެން ބޭނުންވީ ހަމަ އޮޔާ ދުއްވާލަން!" އޭނާ ވާހަކަ ދެއްކިއެވެ.
އަހަރެންގެ ކޮނޑުގައި އޭނާގެ ދަތްދޮޅި ޖެހިފައި އިންގޮތުން އެތަނަށް ތަދުވާން ފެށިއެވެ. އަހަރެން އޭނާ ދުރުކުރަން މަސައްކަތް ކުރީމެވެ. ވާހަކަ ދައްކަން އުޅެން ފެށުމުން ސަލީނާ 'ޝްޝްޝް' އޭ ބުނެ އަހަރެންނަށް އެކަން މަނާ ކުރިއެވެ. އެވަގުތު އިއްމަ އަހަރެންގެ ގައިން ދޫކޮށްލާފައި ސޯފާ ސެޓާއި ދިމާލަށް އެއްލެމުން ކަހަލަ ގޮތަކަށް ހިނގައިގަތެވެ.
"އިއްމާ ހިނގާ ކޮޓަރިއަށް" އޭނާ އެތާނގައި އިށީނުމުގެ ކުރިން ސަލީނާ ގޮސް ހިފެހެއްޓިއެވެ.
"މިތާ އޮށޯވެ... މިތާ އޮށޯވެ ކުޑަކޮށް ރެސްޓު ކޮށްލާފަ ދާނީ... އޯކޭ ދޯ ލިޔޫ!" އިއްމަ ވާހަކަ ދެއްކިއެވެ.
"އުނހޫ ކޮޓަރިއަށް ދާނީ... ގޮސް އެނދުގައި ނިދީމާ މާ އަރާމް ވާނެ!" ކުޑަކުއްޖަކާ ވާހަކަ ދައްކާ ފަދައިން ސަލީނާ ވާހަކަ ދެއްކިއެވެ. އެންމެފަހުން އިއްމަ މައްޗަށް ދާން އެއްބަސް ވިއެވެ. އަހަންނާއި ސަލީނާ އާއި ދެމީހުންވެގެން އޭނާގެ ދެއަތުގައި ހިފައިގެން އޭނާ މައްޗަށް އެރުވުނީ އެތައް ހާލަކުންނެވެ. އޭނާ ކޮޓަރިއަށް ވަންގޮތަށް އެނދުމައްޗަށް ވެއްޓިގަތީއެވެ.
"ދައްތައަށް އިނގޭ އޭނާ މިހާރު ޑްރިންކު ނުކުރާކަން... މިރޭ މާ ސްޓްރެސް ބޮޑުވީ.. އެހެންވީމާ އޭނާއާއި ދިމާލަށް މާދަންވެސް އެއްޗެއް ނުބުނާތި" ސަލީނާ ވަރަށް މަޑުމަޑުން އަހަރެން ކައިރީގައި ބުނެލިއެވެ. އޭރު އިއްމަގެ ގުގުރީގެ އަޑުއިވެއެވެ.
"ދެން ނިދާލާ ލިޔުވެސް، މާދަން ދައްތަ ބޭސް ހޯދައިދޭނަން" ސަލީނާ ނުކުމެގެން ދަމުން ބުނެލިއެވެ.
އަހަންނަކަށް ނުނިދުނެވެ. އަހަންނަށް ހަމަ ވިސްނެނީއެވެ. އަހަންނަށް މިހެންމިވީ ކީއްވެގެން ހެއްޔެވެ؟ ސަލީނާ އަހަންނަށް ޝައްކު ކުރާތީވެސް އަހަރެން ކަންބޮޑުވިއެވެ. ވިހައިގެން ލޭ އެޅިއިރު ވީކަމެއްނަމަ މިހާ ދުވަސް ވާއިރު ނޭނގި ނުހުންނާނެކަން އަހަންނަށްވެސް ވިސްނެއެވެ. އެކަމަކު މިއޮއްހާދުވަސް ވީ އިރުވެސް އަހަރެން ލޭގެ ޓެސްޓެއް ނަހަދަމެވެ. އެހެންވީމާ ހަމަ އޭރުވެސް ޕޮޒިޓިވް ވެފައި ހުރީ ބާވައެވެ؟ އޭރުއްސުރެ އަހަރެން ޕޮޒިޓިވް ކަމުގައި ވަނީނަމަ ...
އެހިސާބަށް އަހަރެންގެ ވިސްނުން ދިޔަވަގުތު ހީވީ މެއަށް ފިނިފެން އެއްޗެއް އަޅާލިހެންނެވެ. އަހަރެންގެ ފަރާތުން ފާރިޝް އަށް އެބަލި އަރާނެއޭ ހިތަށް އެރީއެވެ.
"ނޫން! ނޫން!... އަޅެ ޕްލީޒް ނޫން!" އަހަންނަށް ހިތާ ހިތުން ބުނެލެވުނެވެ. ފާރިޝްއާއި ގުޅޭނެ ނަމްބަރެއް ނުހޯދުނީތީ ފުރަތަމަ ފަހަރަށް ދެރަވިއެވެ. އަހަރެންގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެވެ. އޭރުވެސް އިއްމަ މަރުވެފައިވާ މައްޔިތެއްހެން އަހަރެންގެ ކައިރީގައި ނިދާފައި އޮތެވެ.
ސަލީނާ އެވާހަކަ ނުދައްކާށޭ ބުނެފައި އޮތަކަސް އަހަންނަކަށް ނުހުރެވުނެވެ. އަނެއްދުވަހު ހެނދުނު އިއްމަ ހޭލީމާ އެވާހަކަ ފެށީމެވެ. އޭނާއަށް ގެއަށް އާދެވުނު ކަން އިނގޭކަމަށާއި އޭގެ ފަހުން ދެން އުޅެވުނު ގޮތެއް ނޭނގޭކަމުގައި އޭނާ ބުނެލިއެވެ. އަހަރެން އޭނާ ކައިރީ ވަރަށް އާދޭސްކޮށްފައި ކުރިން އުޅުނު ގޮތަށް އަލުން އުޅެން ނުފަށާށޭ ބުނީމެވެ. އަހަރެން ބަލިވީމާ ނޫރާ ބަލާނީ ކާކުހެއްޔޭ ކިޔާފައި ވަރަށް ވިސްނައިދިނީމެވެ. އެންމެ ފަހުން ދެމީހުން އެކަކު އަނެކަކުގެ ގައިގަ ބައްދާލައިގެން ތިބެ ރުއީއެވެ.
ސަލީނާ ބުނި އަޔުރުވެދިކް މީހުންގެ ކައިރިއަށް ގޮސް ބޮޑު ބޭސް ކޮތަޅެއް ހިފައިގެން އައެވެ. އޭގާއި ހުރީ ފެހި ކުލައިގެ ގުޅަތަކަކާއި މުސަޅު ގުއި ހެންހީވާ ކަޅު ކުލައިގެ ގުޅަތަކެކެވެ.
"ވަރަށް ހާލަކުން އެތަން ހޯދުނީ" ސަލީނާ ބުނެދިނެވެ. އެވަގުތު އެމީހުންނަށް އަހަރެން ދައްކަން ގެންދާކަށް ނުޖެހޭތޯ ދޮންބެ އަހާލިއެވެ.
"އާ ނުޖެހޭނެ! ދެން އިތުރަށް ބަލަން އޮތީ ކޮންކަމެއް؟"
އެމީހުންނަކީ އެކަން ވަރަށް ސިއްރުން ކުރާ ބައެއް ކަމުގައި ސަލީނާ ކިޔައިދިނެވެ. ސަބަބަކީ ޑޮކްޓަރީ ބޭސް ވިއްކާ މީހުންނަށް އެކަން އެނގިއްޖިއްޔާ ހުއްޓުވާނެތީއެވެ.
"އިނގޭތަ ބިގް ފާރމާ އަކީ ދުނިޔޭގެ އެންމެ ފައިދާވާ އެއް ބިޒްނަސް.... މިބުނީ ޑޮކްޓަރީ ބޭސް އުފައްދާ މީހުންނަކީ!" ބިގް ފާރމާ އަކީ ކޮންއެއްޗެއްކަން އޭނާ އޮޅުން ފިލުވައި ދިނެވެ.
"ދެން މި ބޭސް ބޭނުންކުރީމާ ކިހިނެކޯ މިވަނީ؟" ދޮންބެ ސުވާލު ކުރިއެވެ.
"މިހާރުވެސް އެތައް ބަޔަކު އެބަތިބި މި ބޭސް ބޭނުންކުރާތީ އެބަލި އެއިޑްސް އަށް ބަދަލުނުވެ.... ދެއަހަރު، ތިން އަހަރު ވެފައިވާ މީހުންވެސް އެބަތިބި ކަމުގައި ވަނީ!" ސަލީނާ ކިޔައިދިނެވެ.
"މި ބޭސްތަކުގެ އެންމެ ބޮޑު ބޭނުމަކީ ލިޔުޝާގެ އިމިއުނު ސިސްޓަމް ބަލިކަށިވިޔަ ނުދިނުން...އެއިޑުސް އަށް ބަދަލުވަނީ މީހާގެ ދިފާއި ބާރު ބަލިކަށި ވީމާ ވިއްޔަ!" ސަލީނާ އަހަރުމެންނަށް އޮޅުން ފިލުވައި ދިނެވެ. އަދި އެއީ ވަރަށް ބާރުގަދަ ބޭސްތަކެއްކަމަށާއި ވަރަށް ގަޑިން ގަޑިއަށް ވަރަށް ފަރުވާ ތެރިކަމާއިއެކު ކާންވާނެ ކަމުގައިވެސް އޭނާ ބުނެދިނެވެ.
"އެހެންވީމާ ދައްތަ ތިބުނާގޮތުން ލިއު މިބޭސް ކަންޏާ ބަލި ނުވެ ހުރެވޭނެ ދޯ؟" އިއްމަ އަހާލިއެވެ.
އެއާއިއެކު ސަލީނާ ބޯ ޖަހާލިއެވެ. "އެކަމަކު އެއްގޮތަކަށްވެސް ހަނދާން ނައްތާނުލާތި ލިޔު އެޗް. އައި. ވީ. ޕޮޒިޓިވް ކަން.. ރިސްކެއް ނަގާ ވަރަށް ވުރެ ބޮޑު ކަމެއްމިއީ.. ދައްތަ މިބުނިއެއްޗެއް ކަލޭމެންނަށް ވިސްނޭނެ ކަމަށް ހީކުރަން!" އިއްމަ ބޯޖަހާލިއެވެ. އެކަމަކު އަހަންނަކަށް އެބުނީ ކީކޭ ކަމެއް ނުވިސްނުނެވެ.
-- ނުނިމޭ --