16 Apr 2024

އިންތިޒާރުގައި - 18

އިއްމަ ބޯޖަހާލިއެވެ. އެކަމަކު އަހަންނަކަށް އެބުނީ ކީކޭ ކަމެއް ނުވިސްނުނެވެ.

އަހަރެން ބޭސް ކާން ފެށީމެވެ. އެ ބޭސް ކާއިރު ޓޮމާޓޯ އާއި ގުރޭޕް ފުރުޓް އެއްގޮތަކަށްވެސް ނުކާށޭ ޑޮކްޓަރު ބުނިކަމަށް ވެއެވެ. އަދި އޭގެ އިތުރުންވެސް ހުތް އެއްޗެތި ބޭނުންކުރުން މަދުކުރަން ބުނެފައިވާތީ އެގޭގައި އަހަންނަށް ވަކިން ކާއެއްޗެތި ތައްޔާރު ކޮށްދޭން ފެށިއެވެ. ބޭސް ކެއީމާ އަހަރެންގެ ބޯ އަނބުރާ މޭ ނުބައިކުރާ ގޮތް ވެއެވެ. އެހެންކަމުން އަހަރެން އެއްގޮތަކަށްވެސް ތެދުވާ ހިތެއް ނުވެއެވެ. ބޭނުންވަނީ އަބަދު ނިދާށެވެ. އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އަހަރެންގެ ހަށިގަނޑު ބޭހަށް ހޭނެން ދުވަސްކޮޅެއް ނަގާނެ ކަމުގައި ސަލީނާ ބުނެދިނެވެ. އަދި އަހަރެން ގޮވައިގެން ބޭރަށް ގޮސްލާ ހެދުމަށް އިއްމަ ކައިރީގައި ބުނެއެވެ.

"ލިޔު އަކީ ބަލި މިހެއް ނޫނޭ، ހަމަ ކުރިން އުޅޭހެން އުޅެވޭނެ.. ނުކުރެވޭނެ އޮތީ އެންމެ ކަމެއް!" އެދުވަހު ސަލީނާ ބުންޏެވެ. އޭނާ ދިޔުމުން އެބުނީ ކީކޭތޯ އަހަރެން އެހީމެވެ.

"ދެން އަހަރުމެން ދެމީހުންނަކަށް އެގުޅުމެއް ނުހިންގޭނެ! އިޓްސް ޓޫ ރިސްކީ!" އިއްމަ ވަރަށް ދެރަވެލާފައި އިނދެ ވާހަކަ ދެއްކިއެވެ. އަހަރެން ފެންކަޅިވިއެވެ. އެތައް ދުވަހެއް މެދު ކެނޑުމަށްފަހު އަހަރުމެން ދެމީހުންގެ ގުޅުން ރަނގަޅުވެ، އަލުން އެހިސާބަށް މިދިޔައީ ދާދި އިހަކަށް ދުވަހުއެވެ. އަނެއްކާވެސް އެކަމުން މަހުރޫމް ވާންވީ ހެއްޔެވެ؟ އަހަރެންގެ ލޮލުގައިވާ ކަރުނަތި ބިންމައްޗަށް ވެއްޓުމުގެ ކުރިން އަވަހަށް ފޮހެލާފައި އަހަރެން ތެދުވީމެވެ.

"އާދެ ބަލަ!" އެވަގުތު އިއްމަ ބުނެލިއެވެ. އަހަރެން އޭނާގެ އަތުތެރެއަށް ވަނީމެވެ. އޭނާ ވަރަށް ބާރަށް އަހަރެންގެ ގައިގަ ބައްދާލިއެވެ. އަހަރުމެން ދެމީހުންނަށް ދެމަފިރިންގެ ގޮތުގައި ދެން ކުރެވޭނެ އެންމެ ބޮޑުވަރަކީ މިއީ ބާއެވެ؟

އަހަރުމެން އިންޑިޔާއަށް ދިޔައީ އެންމެ ހަފްތާއަކު ތިބޭ ގޮތަށެވެ. އެހެންކަމުން މިހާރު ކަންތައް މިވީގޮތުން ދެން ހަދާނެ ގޮތެއް ނިންމަން އަހަރެންގެ ފިރިމީހާ އަކަށް ނޭނގުނެވެ.

"ލިޔުޝާ ބަހައްޓަން ވީނު ދުވަސްކޮޅެއް ވަންދެން މިކޮޅުގަ؟" ސަލީނާ އެހެން ބުނުމުން ދޮންބެވެސް އެއީ ތެދެކޭ ބުނެލިއެވެ. ބޭސްތަކަށް އަހަރެންގެ ހަށިގަނޑު ހޭނެން ދުވަސްކޮޅެއް ނަގާނެ ކަމަށް ސަލީނާ ބުނެދިނެވެ. އަހަންނަށް ވާނުވާ ބެލޭނީ މިކޮޅުގައި ބެހެއްޓިއްޔާ ނޫންހޭ އޭނާ ބުނެލިއެވެ. އަހަރެން އިއްމައާއި ދިމާލަށް ބަލާލީމެވެ. އޭނާ އާއި ނުލާ އަހަރެން މިތާނގައި ހުންނާކަށް ބޭނުމެއްނޫނެވެ. އޭނާވެސް ނޫރާ ގޮވައިގެން ދުވަސްކޮޅަކު މިކޮޅުގައި މަޑުކޮށްލަން އަންނާނެ ނަމައޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތް ހުއްޓާލާފައި އޭހާ ގިނަ ދުވަހު ނުހުރެވޭނެ ކަން އަހަންނަށްވެސް އިނގެއެވެ.

އިއްމަ ފުރައިގެން ދިޔައީ ހިތާ ދެކޮޅަށެވެ. އަހަރެންވެސް އެކަމާ ދެރަނުވާން ވަރަށް މަސައްކަތް ކުރީމެވެ. އެކަމަކުވެސް ހަމަ ވަރަށް ކަންބޮޑުވެވެއެވެ. އަހަރެންގެ އުމުރުގެ ބާކީ އޮތް ބައި ދެން ހޭދަކުރަން ޖެހޭނީ މިގޮތަށް، އެމީހުންނާއި ވަކިން ހެއްޔެވެ؟

ސަލީނާ އަހަރެން ހީކުރި ވަރަށް ވުރެ މާ ރަނގަޅެވެ. އިއްމަ ފުރީމާ އަހަރެން އެކަނިމާއެކަނި ޓެރަސް ކޮޓަރީގައި ނުބަހައްޓަން ވެގެން ސަލީނާމެން އުޅޭ ދެވަނަ ފުލޯގެ ކޮޓަރިއަކަށް ބަދަލުކުރިއެވެ. އަހަރެން ކޮޓަރީގައި އޮންނަ އިރުވެސް ދޭތެރެއަކުން ސަލީނާ ބޯދިއްކޮށްލާ އަހަރެން ކޮބައިތޯ ، ކިހިނެތްތޯ އަހާ ހާލު ބަލަމުން ގެންދިޔައެވެ. އަދި އަބަދު ކޮޓަރީގައި ނޯވެ ބޭރަށް ނުކުމެލާ ހަދާށޭ ބުނެ ނަސޭހަތްދެއެވެ.

އެގެއަށް އައިސް ތިބި ދެމަފިރިން ފުރަންވެގެން ބާޒާރު ކުރަން ދިޔަ ދުވަހު ސަލީނާ އަހަރެން ގެންދިޔައެވެ. އެމީހުން ފޮތި ފިހާރައަކަށް ވަނީމާ، އެ މޯލުގެ އަނެއްކޮޅުގައި ހުރި ބުކްޝޮޕަކާއި ދިމާލަށް އަހަރެން ހިނގައިގަތީމެވެ. އެވަގުތު ސަލީނާވެސް އަހަންނާއި އެކީގައި ދާނަމޭ ކިޔާފައި ފަހަތުން އައެވެ.

އަހަރުމެން ކުރި ކެނޑި ފިހާރައެއްގެ ދޮރުމަތީގައި ކާޖޮލު އާއި ޢާމިރު ޚާންގެ އައު ފިލްމެއްގެ އިސްތިހާރު ހުއްޓާ ފެނުނެވެ.

"ސަޖުނާގެ ހުރޭ ދޯ އޭނާ ހަނދާން ކުރާގޮތެއް!" އަހަރެން އެ އިޝްތިހާރަށް އިޝާރާތް ކޮށްލީމެވެ.

"އާނ ތިއޮތީ ވާ ކަމެއް!" ސަލީނާ ކުޑަކޮށް ހިނިއައިސްފައި ވާހަކަ ދައްކަން ފެށިއެވެ. "ވަރަށް ފަހުން ... މިދިޔަ އަހަރު އޭނާއަށް ލިބުނު ކާޖޮލުގެ ކޮއްކޮއެއްގެ ބައި ކުޅެން ޗާނސްވެސް! އެކަމަކު އަހަރެންގެ ބޭބެ ގަބޫލެއްނުވި! ޝޫޓިންއަށް ދާން މިޖެހެނީ ނިއު ދިއްލީއަށް!" ސަލީނާ ކިޔައިދިނެވެ. ސަޖުނާ އަކީ އޭނާގެ ދޮށީ ބޭބެ ގެ ދަރިއެއްކަން އެނގުނީ އެހިސާބުންނެވެ.

"ކުރިން އަދި މާ ވައްތަރުވާނެ.. އިމްރާންއަށް އޭނާ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އެއީ ކާޖޮލް ހެއްޔޭ އެހި"

ސަލީނާ އެހެން ބުނުމުން އަހަރެންގެ މެޔަށް ކޮންމެވެސް ގޮތެއްވީކަން އިހުސާސް ކުރެވިގެން ދިޔައެވެ. އިއްމައަށް އޭނާ އެންމެ ފުރަތަމަ ފެނުނީ އެ އަވަށުގައި އޮތް ކައިވެންޏަކުން ކަމުގައި ސަލީނާ ކިޔައިދިނެވެ. " އިއްމަ އެގެއަށް ވަދެފައި އޭނާ ފެންނައިރަށް ސިއްރު ސިއްރުން އަހަރެންގެ ގައިގަ ކޮށްޓާލާއި އަހަނީ އެހެރީ ކާޖޮލް ހެއްޔޭ" ސަލީނާ ކިޔައިދެމުން ގެންދިޔައެވެ.

އަހަރުމެން ދެމީހުން ގޮސް ބުކްޝޮޕް ތެރެއަށް ވަންއިރު ސަލީނާ ދައްކަނީ އިއްމަ އޭނާގެ ކުލާސްކަށް ދިން ލަނޑެއްގެ ވާހަކައެވެ. ސަޖުނާ ދައްކާފައި އެއީ ކާޖޮލު އޭ ކިޔައިގެން އެކުއްޖާ ގަބޫލުކޮށް، ސަޖުނާގެ އޮޓޮގްރާފް އަތުލި ވާހަކައެވެ. ސަލީނާއަށް މަޖާވެފައި އެވާހަކަ ދެއްކިއެއްކަމަކު އޭރު އަހަރެންގެ މޫޑު މުޅިން ޚަރާބު ވެއްޖެއެވެ. ވާހަކަ ފޮތެއް ނަގައިގެން އޭގެ ފަހަތުގައި ލިޔެފައިވާ ޚުލާސާ ކިޔާކަމަށް ހަދައިގެން ހުރިއިރު އަހަންނަށް ވިސްނެމުން ދިޔައީ ސަޖުނާއޭ ކިޔާފައި އިއްމަ އަހަރެން ކައިރީގައި ދައްކާފައި ހުރި ވާހަކައާއި ސަލީނާ ދެއްކި ވާހަކަ އާއި ދިމާ ނުވާކަމެވެ. އެހިސާބުން އޭނާ ކުރަހާފައި އެއީ ސަޖުނާގެ ފޮޓޯއެއް ކަމަށް އަހަންނަށް ގަބޫލު ކުރެވުނެވެ. އަދި އިއްމައާއި އެ ސަޖުނާ އަކާ އޮތް ގުޅުމެއް އަހަންނަށް ވަންހަނާ ކޮށްފިކަންވެސް އަހަންނަށް ހަމަ ޔަގީންވިއެވެ.

ހަވީރުގެ ވަގުތެވެ. އެދުވަހު ގަނެގެން ގެނައި ވާހަކަ ފޮތްތަކުން ފޮތެއް ނަގައިގެން އެނދުމަތީގައި އޮށޯވެލައިގެން އޮއްވާ ސަލީނާ ދޮރުހުވާލިއެވެ.

"ސީޓީ އޮފް ޖޯއި.. ތިއީ ކަލްކަޓާ ގެ ވާހަކަ... ވަރަށް މޮޅު ފޮތެއްތީ" އަހަރެންގެ އަތުގައު އޮތް ވާހަކަ ފޮތަށް އޭނާ އިޝާރާތް ކޮށްލިއެވެ. އެއަށްފަހު އޭނާގެ އަތުގައި އޮތް ކުޑަ ޕުލާސްޓިކް ދަޅެއް ދައްކާލަމުން އިތުރު ބޭހެއް ފަށަންވީ ކަމުގައި ބުނެލިއެވެ.

"އެކަމަކު ސައި ތައްޓަކާ އެއްޗެތި ބޯލައިގެން މި ކާންވާނީ... އާދޭ ދައްތަ ހުންނާނެ މައްޗަށް ގެނެސްފަ" ސަލީނާ ބުނެލިއެވެ.

އަހަރެން ނުކުތްއިރު މަތީގައި އިށީންނަން ބަހައްޓާފައި ހުރި ކުޑަ ސޯފާ ގޮނޑި ކައިރީގައި ހުރި މޭޒުމަތީގައި ކިރު ސައިތައްޓަކާ ދެ ބިސްކޯދު އޮތެވެ.

އަހަރެން ސައިބޯން އިށީނުމުން ޖެހިގެންހުރި ގޮނޑީގައި އޭނާވެސް އިށީނެވެ. އެއީ ޑޮކްޓަރީ ބޭހެއްތޯ އަހަރެން އަހާލީމެވެ.

"ނޫން މިއީވެސް ހަމަ އެމީހުން ދިން ބޭހެއް... އަނެއް ބޭސްތައް ކައި ހަށިގަނޑު ކުޑަކޮށް ހޭނުނީމާ މި ފަށަން އޮންނަނީ.. ފުދޭ ވަރަކަށް ބާރުގަދަ ވާނެޔޯ މިބޭހުގެ" ސަލީނާ އޮޅުންފިލުވައި ދިނެވެ.

ސައިބޮއެ ނިންމާލުމުން އޭނާ އެދަޅުން ބޭސް ގުޅައެއް ނަގާފައި ސަލީނާ ދިއްކޮށްލިއެވެ. ބޭސް ގުޅަ ދިރުވާލިތާ މާގިނަ އިރެއް ނުވަނީސް އަހަރެންގެ ބޮލަށް ބަރުވާން ފެށިއެވެ. އަހަންނަށް ސޯފާ ގޮޑީގައި ލައްގަނެވުނެވެ. އެމަންޒަރު ބަލަން އިނދެފައި ކިހިނެތްތޯ ވަނީ ސަލީނާ އަހާލިއެވެ. އަހަރެން ބޮލަށް ބަރުވަނީ ކަމުގައި ބުނީމެވެ. އަހަންނަށް ވާހަކަ ދެއްކުނީ އަނގައިގަ ވާގި ނުލާކަން އަހަންނަށް ވިސްނުނެވެ. އަހަރެން ބޭނުންވީ އޮށޯންނަން ދާށެވެ.

ސަލީނާ އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. އެވަގުތު އަހަރެން އެ ގޮދަޑި ތެރެއަށް ވަންނަން ފެށިހެން ހީވިއެވެ. ފައިކޮޅުން ވާގި ދާހެން ފެށިއެވެ. ފައިން ފެށިގެން މަޑުމަޑުން ވާގި ދޫވަމުން ގޮސް މެއާއި ހަމައަށް އެރުމުން އަހަރެން މަރުވަނީ އޭ ބުނީމެވެ. އޭރު އަހަރެން އޮތީ ވަރަށް ބިރުންނެވެ.

"ތިއީ އެ ބޭހުގެ ސައިޑް އިފެކްޓް... އެއްވެސް ކަމެއް ނުވާނެ ރީތިކޮށް ލޯމަރާލައިގެން އޮވޭ... ލޯމަރާލައިގެން އޮވެ ލިޔުޝާ އެންމެ އުފާވާ ކަމަކާއި މެދު ޚިޔާލު ކުރޭ!" ސަލީނާގެ އަޑު އިވުނެވެ.

އިރުކޮޅެއް ނުވެ އަހަންނަށް ދެވުނީ ރަކީދޫ ފާލަން މައްޗަށެވެ. ހަނދު ވިލާގަނޑުގެ ތެރޭގައި ފީކޯތް ކުޅޭތަން ބަލަން އަހަންނަށް އިނދެވުނީ ފާރިޝްގެ އަތުތެރޭގައެވެ.

"ފާރިޝް! ފާރިޝް!" އަހަރެން އޭނާގެ ނަން ކިޔަމުން އޭނާގެ ގައިގާ ލޯބިން ފިރުމީމެވެ.

ދެން އަހަންނަކަށް ވީނުވީ އެއް ނޭނގުނެވެ. ހޭލެވުނު އިރު ކޮޓަރިތެރޭގައި ހުރީ ނިދާ ބޮކީގެ ފަނޑު އައްޔެވެ. ތެދުވެ ގަޑި ބަލާލިއިރު ފަތިހު ހަތަރެއް ޖަހައިފިއެވެ. އެނދުކައިރީގައިވާ ކުޑަ މޭޒުމަތީގައި މަތި ޖަހާފައި ހުރި ކިރު ތައްޓަކާ، ދޮންކެޔޮ ވަކަކާއި ކޮށާފައި ހުރި ދޮން އަނބުތައްޓެއް ހުއްޓެވެ. އެފެނުމާއި އެކު ބަނޑުހައިކަން އިހުސާސް ވިއެވެ. އަހަރެން ތެދުވެ، އޭގެ ކުރިން ހިނގާ ދިޔަކަންތައް ހަނދާން ކުރަން އަހަރެން މަސައްކަތް ކުރީމެވެ. އެޔާއި އެކު ފާރިޝް މަތިން ހަނދާންވިއެވެ. އަހަރެން އެންމެ އުފާވާކަމެއް ހަނދާން ކުރާށޭ ބުނީމާ ފާރިޝް އެފެނުނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާވެސް އޭނާއާއި މެދު ޚިޔާލު ކުރެވެން ފެށިއެވެ. އެބީހިލުމުގައި ހުރި ލޯތްބާ އޯގާތެރިކަން ހަނދާންވެފައި އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އާނއެކެވެ. އަހަރެން ކިތަންމެ ނޫންކަމަށް ހެދެން އުޅުނަކަސް އޭނާއާއި އެކު އެކުރެވުނު ތަޖުރިބާ ހިތުން ފިލުވައެއް ނުލެވުނެވެ.

އޭނާ މިހާރު ކޮބައި ބާވައޭ އަހަރެންގެ ހިތަށް އަރަންފެށިއެވެ. އޭނާ ހުރީ ގަދަވެ ހެޔޮހާލުގައި ބާވައެވެ؟ ނޫނީ އޭނާ ވެސް އުޅެނީ މި ބަލީގައި ހެއްޔެވެ؟ ނޫނީ އޭނާ އަދިވެސް ހުރީ އަހަރެންގެ އިންތިޒާރުގައި ހެއްޔެވެ؟

"ފާރިޝް އަޅެ އަހަންނަށް އިންތިޒާރު ނުކުރޭ.. އަހަންނަކީ މިހާރު މަރުގެ އިންތިޒާރުގައި ހުރި މީހެއް!" އަހަރެން އެކަނި އިނދެގެން ވާހަކަ ދެއްކާފައި ރުއީމެވެ.

އަނެއްދުވަހު އެ ބޭސް ކާން ޖެހުމުން އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ. އަހަންނަށް ވީ ގޮތް ސަލީނާ އަށް ކިޔައިދިނީމެވެ. އޭނާ އެކަމަކާ މާބޮޑަކަށް އަޅައެއް ނުލިއެވެ. ދެދުވަހެއް ވަރު ބޭސް ކާލީމާ ހޭނިދާނެ ކަމުގައި ބުންޏެވެ.

އެދުވަހުވެސް ހަމަ ކުރީ ދުވަހު ވީގޮތްވާން ފެށިއެވެ. އެނދުގައި އޮށޯވެ ލޯ މަރާލުމަށް ފަހު އަހަރެންގެ ޚިޔާލުތައް ނޫރާ އާއި ދިމާލަށް ފޮނުވާލަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޚިޔާލުތައް އުދުހެމުން ދިޔަ މިސްރާބު މުޅިން ބަދަލުވެ، ކުރީ ދުވަހެކޭވެސް އެއްގޮތަށް ފާރިޝް އާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާގެ އަތުތެރޭގައި، އޭނާގެ ލޯބި ފިރުމުންތަކުން ހިތް ފުރަމުން ގެންދާ މަންޒަރު ފެންނަމުން ދިޔައެވެ.

އަނެއްދުވަހު ހޭލެވުމާއިއެކުގައި އަހަރެންގެ ސިކުނޑި ފުރާލީ ހަމަ ފާރީޝްގެ ހަނދާންތަކެވެ. އަހަރެންގެ އުފާވެރި މަންޒިލަކީ އެއީ ހެއްޔެވެ؟ އޭނާ އާއި އަހަންނާއި ބައްދަލުވީ ހަމަ އެންމެ ރެއަކުއެވެ. އެކަމަކުވެސް އޭނާގެ ހަނދާންތައް އަހަރެންގެ ހިތުގެ އެންމެ ފުނުގައި ނުފިލާ މިހުންނަނީ ކީއްވެގެން ބާވައެވެ؟ އޭނާ އަހަރެން އިންތިޒާރުގައި ހުރެގެން، އަހަރެންގެ މަތިން މާ ބޮޑަށް ހަނދާން ކުރަނީ ހެއްޔެވެ؟ އެންމެ ފަހުން އެގޭ ފޮތް ހަރުގަނޑުގައި އޮތް އިންޑިޔާގެ ޗާޓެއް ނަގައިގެން މައިސޫރު އޮންނަ ހިސާބަށް ދަންދެން އަހަރެން ބެލީމެވެ. އަހަރެން ފަދައިން، އޭނާވެސް ވަނީ މި ބަލީގެ ޝިކާރައަކަށް ވެފައި ތޯ ނުވަތަ ނޫންތޯ ބަލަން އަހަރެން ކިތަންމެ ހާވެސް ބޭނުމެވެ. އެހެނަސް އަހަރެން އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular