18 Sep 2024

ބައްޕަ ދިޔައީ ފަހީމްއަށް ވީގޮތް މިހާރު ހަނދާން ނެތުނީހޭ ބުނެ އަހަންނަށް ބިރުދައްކާފައެވެ. އަހަރެން ހަނީފުއަށް ނޯޓެއް ލިޔުނީމެވެ. އަހަރުމެން ދެމީހުންގެ މިގުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށާއި ދެން އެންމެ ރަނގަޅުވާނީ ވީހާވެސް އަވަހަކަށް ހަނީފު މިރަށުން ދިޔައިއްޔާ ކަމުގައި އަހަރެން ލިޔުނީމެވެ."

"ހެނދުނު ހޭލިތަނުން ވަރަށް ފޮނިގަދަ ކޮށް ހުރި ކަޅުސައިތައްޓެއް ބައްޕަ ދިއްކޮށްލިއެވެ. އެބޯލައިގެން އަވަސް އަވަހަށް އަހަރެން ވަނީ ގިފިއްޔަށެވެ. އަހަރެން ބޭނުންވީ ގަދަކަމުން ނަމަވެސް ހޮޑުލާ ބައްޔޭ ކިޔައިގެން ސެންޓަރަށް ދާށެވެ. އެތަނުން ދިމާވާ ކޮންމެވެސް މީހެއްގެ އަތަށް އެނޯޓު ކޮޅު ދީފައި ހަނީފުއަށް ފޮނުވާށެވެ.

ވަރަށް ގަދަޔަށް އޯކަށް ދެމިދެމިފައި އަހަރެން ނުކުތްއިރު ގިފިލިކައިރީގައި ބައްޕަ ހުއްޓެވެ. ބައްޕަގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ. އޭރު އަހަންނަށް މާމޮޅު ގޮތެއް ވިސްނިއްޖެއެވެ. އަހަރެން ބައްޕަގެ ކުރިމައްޗަށް ހުއްޓި އިސްޖަހާލައިގެން ހުރީމެވެ. އޭރު އަހަރެންގެ މޭ ބާރަށް ތެޅެއެވެ. އަހަރެން ޖެހިލުންވިއެވެ. ބައްޕަގެ ގޮތެއް ނޭނގެއެވެ. އަންނަ ރުޅީގައި ހަނީފުގެ ދުވަސް ދުއްވާލަފާނެބާވައެވެ؟

"ބައްޕާ.. އަހަރެން.. އަހަރެން ބަނޑުބޮޑު ކަންނޭނގެ!" ވަރަށް މަސައްކަތުން އަހަރެން އެހެން ބުނެލީމެވެ. ވަރަށް ބިރުންހުރެއެވެ.

ބައްޕައަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު އަހަންނާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި އެތެރެއަށް ހިނގައިގަތެވެ ."

އެހިސާބަށް ކިޔާފައި ޝިއުނާ ހިސާބު ހަދާލިއެވެ. އެގައިވާ ގޮތުން ވިއްޔާ ޝިއުނާ ދުނިޔެއަށް އަންނަން ޖެހޭނީ ޖެނުއަރީ މަހުއެވެ. އޭނާގެ އުފަން ދުވަހަކީ ފެބުރުއަރީ ނަވާރައެވެ. އެވީގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އަނެއްކާވެސް ފޮތް ކިޔަން ފެށިއެވެ.

" ދެން ފެނުނީ ބައްޕަ ކަތިވަޅި ހިފައިގެން ބޭރަށް ނުކުންނަން ދިޔަތަނެވެ. އަހަރެން ބިރުން ތުރުތުރު އަޅައިގަތެވެ. އެދަނީ ހަނީފު ހޯދާފައި އޭނާގެ ދުވަސް ދުއްވާލަންކަން އަހަންނަށް ޔަގީނެވެ. އަހަރެން ހިނގައިގަތީމެވެ. ބައްޕައަށް ގޮވާފައި އެއީ ދޮގެކޭ ބުނާށެވެ. އެކަމަކު ދެން އެއީ ދޮގެކޭ ބުންޏަސް ބައްޕަ ގަބޫލު ކުރާނެހެއްޔެވެ؟

އަހަންނަށް ނުކުމެވުނު އިރު ބައްޕަ ހުރީ ފާރުމައްޗަށް އަރައެވެ. އެދިމާލުން މަގުމަތީގައި ހުރިރުކުން ކުރުނބާ އަޅަނީއެވެ.

އަހަރެން ކޮޓަރީގައި އޮއްވާ ކުރުނބާ ހަދައިގެން ގެނެސްދިނެވެ. އަހަރެން ހީކުރިގޮތާއި ޚިލާފަށް ބައްޕަގެ މޫނުމަތިން ރުޅިވެރިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އޭގެ މާނައަކީ ބައްޕަގެ ރުޅިގަނޑު ބާލާނީ ހަނީފުއަށް ކަންނޭގެއޭ ހިތަށް އެރުމުން އަނެއްކާވެސް އަހަރެން ބިރުގަންނަން ފެށިއެވެ. އަހަރެން ސެންޓަރަށް ދާން ބޭނުންވާހަކަ ބުނުމުން ބައްޕަ ހަޅޭއްލަވައިގަތެވެ. ތިއުޅެނީ މުޅިރަށަށް ފަޞީހަތް ވާނެގޮތެއް ނޭނގިގެން ހެއްޔޭ ކިޔާފައެވެ.

މެންދުރުފަހު އަހަންނަށް ނިދިފައި ހޭލެވުނީ ބައްޕައައިސް ގޮވީމައެވެ. ހެދުން ބަދަލުކޮށްލާ ރީތިވެލައިގެން ނުކުމެ ބަލާށޭ ބުނެފައި ބައްޕަ ދިޔައީއެވެ. އަހަރެން ނުކުތްއިރު ބޭރުގޭތެރޭގައި ތިބީ ގާޒީއާއި އަލީ ރަޝީދެވެ. މިމީހުން އައިސް މިތިބީ ހަނީފު ފޮނުވައިގެން ރަން ކިޔަން ކަމުގައި ބައްޕަ ބުންޏެވެ.

ފުރަތަމަ އަހަންނަށް ހުރެވުނީއެވެ. ގަބޫލު ކުރަން ދަތިވެފައެވެ. އަހަރެންގެ އެ އުކުޅު ކާމިޔާބުވީކަން ވިސްނުނީ އިރުކޮޅެއް ފަހުންނެވެ. އަހަރެން ވީ އުފަލެއް ބުނެދޭކަށް ނޭނގެއެވެ. އެކަމަކުވެސް ބައްޕަ ކުރިމަތީގައި މޫނުމަތިން އެއްވެސް އަސަރެއް ދައްކަން ބޭނުން ނުވާތީ އިސްޖަހާލައިގެން މަޑުމަޑުން ހުރީއެވެ. އެންމެފަހުން ހަނީފުއާއި އިންނަން ހަތް ރުފިޔާއަށް އަހަރެން ރަންކީއެވެ.

އެމީހުން ދިޔުމުން އަހަރެން ބައްޕަގެ މޫނަށް ބަލައިލީމެވެ. ބައްޕަ އަހަންނާއި ދިމާލަށް ހީލިތަން ފެނުމުން އަހަރެންގެ ހިތަށް ލުއިވެގެން ދިޔައެވެ. އަހަރެންވެސް ހީލީމެވެ. ދެން ތިހެން ނުހުރެ ހަނީފު އާއި ބައްދަލުކޮށް ކައިވެނީގެ ވާހަކަ ދައްކަން ދޭބަލާށޭ ބައްޕަ ބުނެލިއެވެ. އެޔާއިކު އަހަރެން ގެއިން ނުކުތީމެވެ.

އޭރު ހަނީފުއާއި އަލީ ރަޝީދާ ދެމީހުން ގޭދޮށޫގައި ، ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަން ތިއްބެވެ. އަހަރެން ފެނުމުން އޭނާ އަހަންނާއި ދިމާލަށް އައެވެ. އޭނާ ވާހަކަ ދައްކަން އުޅެންފެށުމުން މިތާކު ނޫނޭ ބުނެފައި އޭނާ ގޮވައިގެން އަތިރިމައްޗަށް ދިޔައީއެވެ. ދިޔަމަގުމަތީގައި ބައްޕަ އޭނާ ގެންގޮސްފައި އިންނަން ބޭނުމިއްޔާ ހަމަ މިހާރު ރަން ކިޔަން ފޮނުވާށޭ ބުނެ ވީގޮތް ކިޔައިދިނެވެ. އަދި ބައްޕަ އެހާ ފަސޭހައިން ރުހުނީ ކިހިނެތް ހެދީމާތޯ އަހާލިއެވެ.

އަހަރެން ކިޔައިދިނީމެވެ. ނުކައި އިންދާ ބަނޑަށް ވައި އަރައިގެން ހޮޑުލެވުނީމާ އައި ޚިޔާލެއްކަމަށް ބުނީމެވެ. ހަނީފު ހިތްހަމަ ނުޖެހުނެވެ. އެކަހަލަ ކަމެއްގައި ބޮޑު ދޮގެއް އަހަރެން ހެދީތީއެވެ. އަހަންނަށް ޖެހުނީ ހަނީފުއަށް ވިސްނައިދޭށެވެ. އެހެން ނެހެދިނަމަ ހަނީފު ފުރައިގެން ދަންދެން އަހަރެން އިންނާނީ ކޮޓަރިންވެސް ނުނުކުމެ ބަންދުވެފައި ކަމުގައި ބުނީމެވެ."

އެހިސާބަށް ކިޔާފައި ޝިއުނާ ޑައިރީ ބޭއްވީއެވެ. އޭރު ދަންވަރު ދޭއްޖަހައިފިއެވެ. އޭނާ ނިދަން ލޯމަރާލީ މަންމައާއި ބައްޕަގެ ލޯބި ކާމިޔާބު ކުރެވުނީތީ އެކަމާ އުފަލުން އޮވެއެވެ.

އަނެއްދުވަހު ހެނދުނު ޝިއުނާއަށް ހޭލެވުނީ ކޮޓަރި ދޮރުގައި ޓަކިޖަހާލި އަޑަށެވެ. ތެދުވެގެންގޮސް ދޮރު ހުޅުވާލި ވަގުތު އޭނާގެ ބައްޕަ ފެނުމުން ކުޑަކޮށް ކަންބޮޑުވިއެވެ. އެހެންނަމަވެސް ބައްޕަ ހިނިތުންވެލާފައި ދަރިފުޅުވެސް މިއަދު ނުހޭލަނީހޭ ސުވާލު ކުރިއެވެ. ޝިއުނާ ގަޑި ބަލައިލީ ދެނެވެ. އޭރު ނުވައެއް ޖަހައިފިއެވެ. ޝިއުނާއަކީ ބަންދުދުވަހެއް އަޔަސް އޭހާ ލަސްވަންދެން ނިދަން އޮންނަ ކުއްޖެއްނޫނެވެ.

ޝިއުނާ ރީތިވެލާ ހަދައިގެން ނުކުތްއިރު މުޅި ގޭތެރެއިން ދުވަނީ ކަށިކެޔޮ ބަތްޕެން ވަހެވެ. ކޮފީއަށް ހަދަން ވަދެފައި ބަލައިލިއިރު އުނދުން މަތީގައި ބަތްޕެން ތެލި ހުއްޓެވެ. އެނާ ކޮފީތަށި ހިފައިގެން ނުކުތް އިރު ސޯފާގައި އޭނާގެ ބައްޕަ އިނެވެ.

"މަންމަ ވީތަނެއް އިނގޭތަ؟" ޝިއުނާ ފެނުމުން އޭނާގެ ބައްޕަ އަހާލިއެވެ. މަންމަ ބޭރަށް ގޮސްފައިވަނީ ފޯނުވެސް ގޭގައި ބާއްވާފައިއޭ ބައްޕަ ބުންޏެވެ.

"ތިވާނީ ހަދީޖާއްތައަށް ބަތްޕެން ގެންގޮސްދޭން ދިޔައީ ކަމަށް" ޝިއުނާ އޭނާގެ ބައްޕަ ކައިރީ އިށީންނަމުން ބުނެލިއެވެ. ޝިއުނާ ދުށީ އެއީ އޭނާގެ ބައްޕައާއި ސުވާލުކުރަން ރަނގަޅު ފުރުސަތެއް ކަމުގައެވެ.

" ކުރީ ދުވަހު ދެއްކި ވާހަކަ... ބައްޕަ އެ ޗެލެންޖު ކާމިޔާބު ކުރިގޮތް ކިޔާއިދެއްވަފާނަންތޯ؟" ޝިއުނާ އެދުނެވެ. "އެންމެފަހުން މަންމައާއި އިނދެވުނީ ކިހިނެއްކަން؟"

ހަނީފު ކުޑަކޮށް ވިސްނާލާފައި އެވާހަކަ ކިޔައިދޭން ފެށިއެވެ. ކަން ހިނގާފައިވަނީ އޭނާގެ މަންމަ ލިޔެފައިވާ ގޮތަށެވެ. އެދެމީހުން ސިއްރުން ބައްދަލު ކުރަމުން ދަނިކޮށް މާގިނަ ދުވަސްތަކެއް ނުވަނީސް ބައްޕައަށް ފަޅާއެރިވާހަކައެވެ. އޭގެފަހުން ކާފަ ރުޅިއައިސްގެން މަންމަ ގެއިން ނުކުތަ ނުދީ ގެންގުޅުނު ވާހަކައެވެ.

"ބައްޕަ ހުރީ ވަރަށް ކަންބޮޑުވެފައި... އޭގޭ ދޮށަށް ގޮސް ޚަބަރު ބަލަން ކެރޭވަރުގެ މީހަކުވެސް އެރަށަކު ނެތް.. އަނެއްކާ އަލީ ރަޝީދުގެ މަންމަމެން ކިޔަން ފަށައިފި ކޮންމެސް ކޮންމެސް އެގޭ ދޮށަށް ނުދައްޗޭ ބައްޕަ" އެހިސާބަށް ބުނެފައި ޝިއުނާގެ ބައްޕަ ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ދެން އެންމެންވެސް ބުނި ބައްޕަ ފުރައިގެން ދިޔައިއްޔާއޭ އެންމެ ރަނގަޅުވާނީ.. ބައްޕަ އެރަށުގައި ހުރިހާ ދުވަހަކު އޭނާ ގެއިން ނުކުތަކަ ނުދޭނެއޭ... އެހެން ހުއްޓާ އެއްދުވަހު މެންދުރުވާން ކައިރިވެފައިވަނިކޮށް ކުއްޖަކު އައިސް ބުނެފި އިބްރާހިމްބެ ބުންޏޭ އައިސްބަލާށޭ .. ދެން ވަރަށް ބިރުންހުރެ މިދިޔައީ އަލީ ރަޝިދު އާއި އަދިވެސް އޭނާގެ ރައްޓެހި އެހެން މީހެއް ގޮވައިގެން .. ދިޔައިރު ކާފަ ހުރި ނިކަގަސް ދޮށުގައި.. ބައްޕަ ފެންނައިރަށް ހަނާ އަޅާލީ.. ދެން އަލީ ރަޝީދުމެން ދުރުގައި ބައިތިއްބާފައި ބައްޕަ ދިޔައީ.. ދިޔައިމާ ކާފަ އެހީ މަންމައާއި އިންނަން ބޭނުންހޯ... ބައްޕަ ވަގުތުން ބުނެފިން އާނއެކޭ.. ހަމަ ބުނާއިރަށް ބުނެފި އެހެންވިއްޔާ މިރޭ އިރުއޮއްސުމުގެކުރިން ރަންކިޔަން ފޮނުވާށޭ..."

ހަނީފުގެ ވާހަކަ އެހިސާބަށް ދިޔަތަނާ ގޭ ދޮރާށި ހުޅުވުނު އަޑު އިވުނެވެ. އެޔާއިއެކު އެއީ މަންމަ ކަންނޭނގެއޭ ޝިއުނާއާއި ދިމާލަށް ބުނެލިއެވެ. އަދި ސިއްރުސިއްރުން މަންމައަށް އިވޭ ހިސާބުގައި މިވާހަކަ ދެއްކުން ކަމަކު ނުދާނެއޭ ބުނެލިއެވެ. ޝިއުނާ އެކަމާ އެއްބަސްވެ ބޯޖަހާލިއެވެ.

"ފޯނުވެސް ނުލާ ކޮންތާކަށް ގޮސްފައި ތިއައީ؟" ހުސްނާ އެތެރެއަށް ވަނުމުން ހަނީފު އަހާލިއެވެ.

"އެންމެ ފަހަރަކު މަންމަ ވީތަނެއް ނޭނގުނީމާ ބަލައިލަ ބައްޕައަށް ވީވަރު.... މިހާރު ވިސްނިއްޖެދޯ ފޯނުން ނުގުޅުނީމާ އަހަރުމެންވެސް ކަންބޮޑު ވާނެކަން" ޝިއުނާއާއި ދިމާލަށް ނިތްއެއްލަމުން އޭނާގެ މަންމަ ޖަވާބުދިނެވެ.

"ސައިކަލު ދުއްވަމުން ފޯނެއް ނުނެގޭނެދޯ" ޝިއުނާގެ ބައްޕަވެސް އޭނާއައި ދިމާލަށް އިޝާރާތް ކޮށްލަމުން ޖަވާބުދިނެވެ.

ކޮންމެއަކަސް އެ ވާހަކައިގައި ތިންމީހުން އެކީގައި ސައިބޯން އިށީނެވެ. އޭނާގެ މަންމަ ދިޔައީ ޚަދީޖާ މެންގެއަށް ކަމަށާއި އޭނާގެ ވާހަކައިގައި ޖެހިފައި ހުރެވުނީ ކަމުގައި ބުނެދިނެވެ. އަދި ފޯނު ގެންދަން ހަނދާންނެތުނީ ކަމަށްވެސް ބުންޏެވެ.

"ބައްޕައަށް ހީވަނީ ހަމަ ގަސްތުގައި ނުގެންދިޔައީހެން... މަންމަ ގެއްލިގެން އަހަރުމެން ތެޅޭ ވަރުބަލަން" ހަނީފު ސިއްރު ސިއްރުން ޝިއުނާ ކައިރީ ބުނެލިއެވެ. އެހިނދު ޝިއުނާއަށް ހިނިތުންވެލެވުނެވެ. އޭނާގެ ބައްޕައާއި ދޮންމަންމައާއި ދެމީހުން ވާހަކަ ދައްކަމުން ސަމާސާ ކުރަމުންދާ މަންޒަރު ބަލަން އިންއިރު އެދެމީހުންގެ ދެމެދުގައިވެސް އޮތީވެސް ވަރުގަދަ ގުޅުމެއްކަން ޝިއުނާއަށް ވިސްނުނެވެ. އޭނާގެ ދޮންމަންމަގެ ލޯތްބާ އަޅާލުން ނުލިބުނުނަމަ ބައްޕައަށް ދިމާވި ހިތާމަވެރި ހާދިސާއިން އަރައިނުގަނެވުނީސްކަން ހަމަ ޔަގީނޭ އޭނާގެ ހިތަށްއެރިއެވެ.

***

އެދުވަހު ހޭލެވުނީއްސުރެން ޒިލާލު ހުރީ ހިތް ނުތަނަވަސްވެފައެވެ. އޭނާއަށް އެންމެ ފުރަތަމަ ދެތިން ދުވަހަކު އެރަށާއި އެ މާހައުލު ކަމުދިޔަ ނަމަވެސް މިއަދު ހޭލީއިރު އޭނާ ހުރީ އެރަށުން ދާން ބޭނުންވެފައެވެ. އޭނާ ބޭނުމީ ގޮސް މާލޭގައި މަޑުކުރާށެވެ. ޝިއުނާގެ ޚަބަރެއްވޭތޯ، އެ އިންތިޒާރުގައެވެ. ކިތަންމެ ނުވިސްނާން މަސައްކަތް ކުރިއަސް އޭނާއަށް ޝިއުނާއާއިމެދު ހަމަ ވިސްނެނީއެވެ. އޭނާގެ މަންމަގެ ޑައިރީއިން ވަކި ހިސާބަކަށް ކިޔާފައި އޭނާގެ ހިތްނުތަނަވަސްވެ ދެރަވާނެކަން ޒިލާލުއަށް ހަމަ ޔަގީނެވެ. އެދުވަހަކުން އޭނާ ޒިލާލުއަށް ގުޅާނެޔޭ އޭނާގެ ހިތް ހަމަ ބުނަނީއެވެ.

އެކަމަކު ޝިއުނާ އޭނާގެ އެހީތެރިކަން ބޭނުންވެދާނެ ބާވައެވެ؟ ރަނގަޅަށް ވިއްޔާ މިހާރު އެޑައިރީގެ ވާހަކަ އޭނާގެ ލޯބިވެރިޔާ ހައިޝަމްއާއި ހިއްސާކޮށް ނިމިދާނެއެވެ. އެހެން އޭނާގެ ސިކުނޑި ބުނެދިން ވަގުތު އޭނާ ވަރަށް މާޔޫސްވިއެވެ. އޭނާގެ ވިސްނުން އެހެން ދިމާލަކަށް ފޮނުވާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ.

ޒިލާލު އޭނާގެ މަންމައަށް ގުޅާލިއެވެ. ވާހަކަ ދައްކަމުންގޮސް ދެން އިހަށް ރަށުގައި ދުވަސްކޮޅަކު މަޑުކޮށްލަން ވިސްނާ ވާހަކަ ބުނެލިއެވެ. އެޔާއިއެކު އޭނާގެ ބައްޕަވެސް މިހާރު ޒިލާލުއާއި މެދު ކަންބޮޑުވެގެން އެވާހަކަ ދައްކައިފި ކަމުގައި ބުންޏެވެ.

"ބައްޕަ ކައިރީ ބުނޭ ހާސް ނުވާށޭ .. އެހެންގޮތެއް ނެތިއްޔާ ބައްޕައާއި އެކީގައި ކަންނެއްޏަށް ގޮސްގެން ނަމަވެސް ލާރި ހޯދާނަމޭ" ޒިލާލު ބުނެލިއެވެ.

"މަންމާ! އަހަރެންވެސް އެބަ ވިސްނަން މީހަކާ އިންނަން" ފޯނު ބާއްވަން އުޅެފައި ޒިލާލު އެހެންބުނެލީ އޭނާގެ މަންމަ ބުނަނީ ކީކޭތޯ ބަލާށެވެ.

"އެހެންތަ؟ ކާކާ؟"

އެޔަށް ޒިލާލު ޖަހާލީ ކުރު ހިނިގަނޑެކެވެ. "ތިއެއް ނޭނގެ އަދި" އޭނާ ބުނެލިއެވެ.

ފޯނު ބާއްވާފައި އޭނާ ވިސްނާލިއެވެ. ޝިއުނާ ނުލިބޭނެކަމަށް ނިންމާފަ ގުރޭޝާއާއި ހަމަ އިންނަންވީ ހެއްޔެވެ؟

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular