'އޯ.. ހީކުރީ ޝަހުދުކޮއްކޮ ކަމަށް" އޭނާއަށް ޖޯލީގައި އިން ޒިލާލު ފެނުމާއިއެކު ޝިއުނާގެ ގައިން ދޫކޮށްލިއެވެ. އަދި ގެނައި މާބޮނޑި ދިއްކޮށްލަމުން މިއޮތީ ޝިއުގެ ފޭވަރިޓް ޕީސް ލިލީއޭ ބުނެލިއެވެ.
" މިއީ ޒިލާ... އެރަށުގައި ޗާޖަރު ބާއްވާފައި އާދެވުނީމާ އެގެނެސްދިނީ" އަތުގައި އޮތް ފޯނު ޗާޖަރު ދައްކާލަމުން ޝިއުނާ އޮޅުންފިލުވައިދިނެވެ.
އެޔާއިއެކު ހައިޝަމް އަމިއްލެއަށް ހެލޯ މިއީ ހައިޝަމް އޭ ބުނެ ޒިލާލުއަށް ތަޢާރަފު ވެލިއެވެ. އޭނާއާއި ސަލާމް ކޮށްލާފައި ޖެހިގެން ހުރި ޖޯލީގައި އިށީނެވެ.
" ދީބަ.. މަށަށްވެސް ކޮފީއެއް!" ޒިލާލު އަތުގައި ހުރި ކޮފީތަށި ފެނުމުން ހައިޝަމް ބުނެލިއެވެ. އެވަގުތު ޒިލާލު ތެދުވިއެވެ. ދެން ދަނީއޭ ބުނަމުން ޖޯލި ކައިރީގައި ކޮފީތަށި ބަހައްޓާފައި ދަބަސް ނަގައިގެން ހިނގައިގަތެވެ.
އޭނާގެ ފަހަތުން ދޮރާއި ހަމައަށް ދާން ޝިއުނާ ބޭނުންވިއެވެ. އެކަމަކު ނުކެރުނެވެ. ތެންކިޔޫއޭ ބުނެލާފައި އޭނާ ދާތަން ބަލަހައްޓައިގެން ހުރެވުނީއެވެ.
ޒިލާލު ނުކުތުމުން މާބޮނޑި ގޮނޑި މަތީގައި ބާއްވާފައި އެތެރެއަށް ހިނގައިގަތްއިރު ޝިއުނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ހައިޝަމް ދެކެ ރުޅި އައިސްފައެވެ. ނުވެސް ބުނެލާ، އެގަޑީގައި އެގެއަށް އައީތީއެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން ހުސް ހޫނު ފެންއަޅައިގެން ކޮފީ ހަދައިގެން އޭނާ ނުކުތެވެ.
"ތޭންކްސް ބޭބީ" ކޮފީ ތަށީގައި ހިފަމުން ހައިޝަމް ބުނެލިއެވެ.
ހައިޝަމް އޭގައި އަނގަޖަހަން އުޅެފައި ހާދަ ހޫނޭ ބުނަމުން މަޑުކޮށްލިއެވެ. އެހެންކަމުން ޝިއުނާ ބޭނުންވިގޮތަށް އެއިން އެތި ފޮދެއް ބޯލާފައި ހައިޝަމްގެ ދޫ ފިހިގެން އުޅޭ މަންޒަރެއް ނުފެނުނެވެ.
"ކީއްވެ މާ ދުރުގައި ތިހިރީ؟ ..އާދެ ބަލަ!"
ދެންވެސް ޝިއުނާ އެ ހުރި ފިޔަވަޅު މަތިގައި ހުރީއެވެ. އޭނާ ހުރީ ރުޅިއައިސްފައިކަން ހައިޝަމްއަށް ފާހަގަ ނުކުރެވުނީތީ ، އިތުރަށް ރުޅިގަދަވިއެވެ.
"ހައު އިޒް ޔޮރ ކާފަ؟" ހައިޝަމް އަހާލިއެވެ.
ޝިއުނާގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އެހިސާބުންނެވެ. ހައިޝަމް އެއަންހެން ކުއްޖާ ގޮވައިގެން ލަންކާއަށް ގޮސް ސަކަރާތް ޖަހާ މަޖާކޮށް ހެދިއިރު އޭނާ އިނީ ކާފަ ގޮވައިގެން ހޮސްޕިޓަލުގައި ކަމަށް ބުނެދިނެވެ. އަދި އޭނާ އެނބުރި އައީ ކާފަ ވަޅުލާފައި ކަމުގައިވެސް ބުނެލިއެވެ.
"އޯ އައި އޭމް ސޯ ސޮރީ ބޭބީ!"
އަނެއްކާވެސް އޭނަގެ ކައިރިއަށް އަންނާށޭ ބުނެ އިޝާރާތް ކޮށްލިއެވެ. އެފަހަރު ޝިއުނާ ނޫނެކޭ ބުނަން ބޯހޫރާލިއެވެ. އަދި ތީއީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއްކަމަށާއި އަބަދުވެސް އިސްކުރަނީ އަމިއްލަ އުފާ ކަމުގައި ހައިޝަމްއާއި ދިމާލަށް ބުނެލިއެވެ.
އެޔާއިއެކު ކާފަގެ ވާހަކައެއް ނުބުނަމެއްނޫންހޭ ، އެހެންވީމާ އިނގޭނި ކިހިނެއްހެއްޔޭ ހައިޝަމް ބުނެލިއެވެ.
"ކީއްކުރަން ބުނަންވީ؟ ޔޫ ޑޯންޓް ރިއަލީ ކެއަރ އެބައުޓް ވަޓް ހެޕަންސް އިން މައި ލައިފް!"
"އުނހޫ ތިހެންނުބުނެވޭނެ! ... އަހަރެން ގުޅިން.. މެސެޖްވެސް ކުރިން... އެކަމަކު ޝިއު ޖަވާބު ނުދޭ!" ހައިޝަމް ރައްދު ދިނެވެ.
***
ޒިލާލުއަކަށް ހެންވޭރުކޮޅު އެހިސާބުގަނޑެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭނގި އެއްގޯޅިން އަނެއްގޯޅިން އޭނާ ހިނގަމުން ދިޔައެވެ. އޭރު އޭނާ ހުރީ ވަރަށް ދެރަވެފައެވެ. ޝިއުނާ ހައިޝަމްއަށް އޭނާ ތަޢާރަފު ކޮށްދިން ގޮތް ހިތަށް އަރާފައި އޭނާގެ އަމިއްލަ ނަފްސަށް މަލާމަތް ކޮށްލެވުނެވެ.
ގުރޭޝާއާއި އެ މާލޭ ކުއްޖާގެ މައްސަލަ ހިލިގެން އުޅުނުއިރު ރަށަށް އަރާ ބީރައްޓެހިން އުޅޭނީ ވަގުތީ ފައިދާއަށޭ ކިޔާ އެންމެ ބޮޑަށް ވަކާލާތު ކުރީ އޭނައެވެ. އެންމެފަހުން އޭނާއަށް ވެސް މިޖެހެވުނީ އެ މަޅީގައި ތާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ޝިއުނާގެ ހިތުގައި އޭނާއަށްޓަކައި ޚާއްސަ މަގާމެއް އުފެދުނޭ ހީވި ހީވުމަކީ ކުށްހީއެއްކަން މިހާރު އޭނާއަށް ޔަގީން ވެއްޖެއެވެ.
ޒިލާލު އަށް ހަމަ ނޭވާލެވުނީ ހިނގަމުން ހިނގަމުން ގޮސް ފަތާ ޓުރެކް ސަރަހައްދަށް ނުކުމެވުމުންނެވެ. އެހިސާބުން އޭނާ ފެރީޓާރމިނަލް އާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރުވެސް އޭނާގެ ހިތަށް ފެންނަމުން ދިޔައީ ހައިޝަމްއެވެ. ލާފައި ހުރީ އެންމެ ޒަމާނީ ބޮޑުމާ ޖެހި ގަމީހަކާއި ޖީންސެކެވެ. މާބޮނޑި ހިފައިގެން އައިސް ހުއްޓުމުން އޭނާ ޖަހާފައި ހުރި ސެންޓުގެ މީރު ވަސް މުޅިއެހިސާބަށް ފެތުރިގެން ދިޔަގޮތެވެ.
ހައިޝަމް ނައިކީ ޓެނިހުގައި ހުއްޓަސް ޒިލާލު އަރައިގެން ހުރި ބާޓާ ފައިވާން ވަނީ ޝިއުނާއަށް އެހީތެރިވެދީފައެވެ. ފައި ވެލީގައި ޖެހި ކިލާވުމުން ސަލާމަތް ކޮށްދީފައެވެ. އެކަން ހަނދާންވުމުން ޒިލާލުއަށް ފައިވާނާއި ދިމާލަށް ހިނިތުންވެލެވުނެވެ. އެހެންނަމަވެސް، އޭނާއަށް ހައިޝަމްއާއި ވާދަ ނުކުރެވޭނެކަން މިހާރު މުޅިން ޔަގީން ވެއްޖެއެވެ. އެނާގެ ހިތުގެ ހާލު ބަޔާންކޮށް، ޝިއުނާ ކުރިމަތީގައި ފަޟީހަތް ނުވަނީސް އެތަނުން ސަލާމަތް ވެވުނީތީ ޝުކުރުވެރިވެވުނެވެ.
އޭރުވެސް ޝިއުނާއާއި ހައިޝަމްއާއި ދެމިހުންގެ ދެބަސްވުން ދިޔައީ ކުރިއަށެވެ. ޝިއުނާ މާހުނާޒުގެ ވާހަކަ ފެށުމުން އެއީ އެކަހަލަ ގުޅުމެއް ނޫންކަމަށް ހައިޝަމް ބުނަމުން ގެންދިޔައެވެ. އެހެންނަމަވެސް، އޭނާއާއި އެކީގައި ލަންކާއަށް ދާ ވާހަކަ ޝިއުނާކައިރިގައި ކުރިން ނުބުނުން އެއީ ހެދުނު ގޯހެއްކަމަށް އެއްބަސްވެ އެކަމަށް މަޢަފަށް އެދުނެވެ.
އެހިސާބުން ހައިޝަމް ފެށީ ޝިއުނާއަށް، ނުކޮށްދޭ އަދި ކުރަން ނުކެރޭ ކަންތައްތަކުގެ ވާހަކައެވެ. އޭނާއާއި އެކީ ޝިއުނާ އެދަތުރުގައި ބައިވެރިވިނަމަ މާހުނާޒުއަކަށް އެފުރުސަތެއް ނުލިބުނީސް ނޫންހޭ ބުނެ އެކަމުގު އިލްޒާމްވެސް ޝިއުނާގެ ބޮލުގައި އެޅުވިއެވެ. ޝިއުނާގެ ރުޅި އިންތިހާއަށް ދިޔައީ އެހިސާބުންނެވެ.
"ދެން ބޭނުމެއްނޫން މި ރިލޭޝަންޝިޕް ކުރިއަށް ގެންދާކަށް!" ޝިއުނާއަށް ދަތްކުނޑި ވިކާލެވުނެވެ.
އެއަޑު އިވުމުން ހައިޝަމްއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ ތެދުވިއެވެ. 'ސޮރީ' އޭ ބުނަމުން ޝިއުނަގެ ގައިގަ ބައްދާލަން މަސައްކަތް ކުރިއެވެ. އެހެންނަމެވެސް ޝިއުނާ ފޮޅުވާލަފައި އެތެރެއަށް ވަދެގެން ދިޔައީއެވެ. ހައިޝަމް މަޑުކޮށްބަލާށޭ ގޮވަގޮވާ ހުއްޓައެވެ.
ޝިއުނާ ކޮޓަރިއަށް ވައިންގޮތަށް ދޮރުތަޅުލާފައި ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭރު އޭނާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. އެވަގުތު ހައިޝަމް އޭނާގެ ފޯނަށް ގުޅަން ފެށުމުން ނުނަގާ ބިޒީ ކޮށްލިއެވެ. ދެވަނަ ފަހަރަށްވެސް ހައިޝާމް ގުޅިއެވެ. އެފަހަރުވެސް ފޯނު ބިޒީކޮށްލާފައި އޭނާ ހައިޝަމްއަށް މެސެޖެއް ފޮނުވިއެވެ. މިހިސާބުން މިގުޅުން ނިމުނީ ކަމުގައި ބުނެފައެވެ. އެއާއި ވިދިގެން ގުޑްބައި ޖަހާފައި ދެވަނަ މެސެޖެއްވެސް ފޮނުވާލިއެވެ. އަދި ފޯނު ސައިލެންޓަށް ލައިގެން ދެލޯ މަރައިގެން އެނދުގައި ރަނގަޅަށް ހަމަޖެހިލިއެވެ.
ޒިލާލުއާއި އެކީގައި ދޮރާށި ދޮށަށްނުކުމެ، އޭނާއާއި ހައިޝަމްއާއި އޮތް ގުޅުން ނިންމާލާނޭ ކަމުގެ އިޝާރާތެއް ދެވުނު ނަމައޭ ޝިއުނާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ މާޔޫސްވީ ހައިޝަމްއާއި އޮތް ގުޅުން ނިމުނީތީއެއް ނޫނެވެ. ޒިލާލުއަށް ދައްކަން ބޭނުންނުވާ މަންޒަރެއް ފެނުނީތީއެވެ. އޭނާގެ ހިތަށް އަރާނީ ކީކޭކަން ނޭނގޭތީއެވެ. އޭނާ ޒިލާލުއާއި ގުޅައިގެން ވާހަކަ ދައްކަން ބޭނުންވިއެވެ. އެހެންނަމަވެސް އެވަގުތު ޒިލާލު ކައިރީ ކިޔާނެ އެއްޗެއް އޭނާގެ ބޮލަކަށް ނުވަނެވެ.
ޝިއުނާއަށް އެގޮތަށް އެނދުމަތީ އޮވެވުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. ހޭވެރިކަންވީ އޭނާގެ މަންމަ އައިސް ދޮރުގައި ހިފާލަފައި ގޮވީމައެވެ. ދޮރުހުޅުވާލިއިރު މަންމަ ހުރީ އެ މާބޮނޑި ހިފައިގެންނެވެ. މިއީ ކޮން މާބޮނޑިއަކާ އެއްޗެތި ތޯ ސުވާލު ކުރިއެވެ. އެއީ ހައިޝަމް ގެނައި އެއްޗެއްކަމަށް ޝިއުނާ ބުނެދިނުމުން އަނެއްކާ ހައިޝަމް ކޮޓަރިއަށް ގެނެސްގެންތޯ ތިއުޅެނީ އޭނާގެ މަންމަ އަހާލިއެވެ.
"ދެން ނޫން މަންމާ!"
"ނޭނގޭނެއެއްނު... ނުބޮއެ ހުރި ކޮފީތައްޓެއްވެސް އެބަހުރި ވިއްޔަ ބޭރުގައި" އެހެންބުނަމުން ހައިޝަމް ގެނައި ޑިއުޓީފުރީ ކޮތަޅުގެ ތެރެއިން ފެރާރޯ ރޮށޭ ޗޮކްލެޓް ފޮއްޓެއް ނަގާ ދައްކާލިއެވެ.
" ބޭނުމެއްނޫން ތިއެއް! އޭނައާއި އެކީގައި ދެން ނޫޅެނަމޭ ބުނެފައި އައިސް މިއޮތީ" އެހެންބުނެފައި ހައިޝަމްއާއި އޭނާއާއި ދެމެދު ޖެހުނު މައްސަލަ ކިޔައިދޭން ފެށިއެވެ.
އަޒީމާއަށް ގުޅާފައި ހައިޝަމް އާއި ރުޅިވިވާހަކަ އޭނާ ކިޔައިދިނެވެ. އޭނާ ޒިލާލު އައި ވާހަކަ ބުނީ އެރޭ އަޒީމާ އާއި ދިމާވީމައެވެ. އޭރު އެމީހުން ތިބީ މަގުމަތީގައެވެ. ޝިއުނާ ބޯހަމަޖައްސާލަން ހިނގާލަންދާން ހިނގާށޭ ކިޔާފައި ނުކުމެއެވެ.
"އަޅެ ކީއްވެ ތިވާހަކަ ކުރިން ނުބުނީ؟"އަޒީމާއަށް މުހިއްމުވީ އެކަމެވެ.
އެޔާއިއެކު ޝިއުނާއަށް ޖެހުނީ ދޮގެއް ހަދާށެވެ. ޒިލާލު އޭނާއަށް ގުޅީ މާލެ އައިސްފައި ކަމުގައި ބުނެލިއެވެ.
"ގުޅާނެ ވަގުތެއްވެސް ނުލިބުނު ... އޭނަ ހަމަ އައިތަނާ ހައިޝަމް ވައްޓާލީ" ޝިއުނާގެ ހިތްހަމަ ނުޖެހުން، އޭނާގެ ރާގުން ރީތިކޮށް ހާމަވެގެން ދިޔައެވެ.
ޝިއުނާ ކަންވީގޮތް ކިޔައިދިނުމުން ޒިލާލުއަށް ގުޅާފައި ކޮފީއަކަށް އަންނާށޭ ބުނަމާ ހިނގާށޭ އަޒީމާ ބުނެލިއެވެ. އޭނާ ހުރީ ޒިލާލުއާއި ދިމާވާހިތުން ކެތް މަދުވެފައި ކަމުގައި ބުނެލިއެވެ. ޝިއުނާއަކަށް ގުޅާކަށް ނުކެރުނެވެ. ޒިލާލު މިހާރު ވާނީ ވިލިނގިލީގައޭ ކޮފީއަކަށް ނާދެވޭނެއޭ ބުނެފައި ނިންމާލީއެވެ.
އޭރު ޒިލާލު އޮތީ ނިދަން އޮށޯވެއެވެ. މިނަށްވުރެ ބޮޑަށް ކަންތަކާ ދެރަވެ، ފިކުރު ބޮޑުވީމާ އޭނާ ބޭނުންވާނީ އަރާ އޮށޯވެ ނިދާށެވެ. ނުވައެއްވެސް ނުޖަހަނީސް އޭނާ އެނދަށް އަރާ އޮށޯތެއްކަމަކު އޭނާގެ ގާތަކަށް ނިންޖެއްނައެވެ. އެދުވަހު ހިނގާ ދިޔަކަންތަކާއި މެދު ވިސްނާ ފިކުރުކުރަން އޮވެވުނީއެވެ.
ޝިއުނާއަށް ޗާޖަރު ހަވާލުކުރިތޯ ބަލަން ޒުހުދާ ގުޅީ އޭނާ އެހެން ފުރޮޅި ފުރޮޅި އޮންނަތާ އެތައް އިރެއްވީ ފަހުންނެވެ. އޭނާ އެގެއަށް ދިޔަވާހަކައާއި އެގެއިން ހައިޝަމްއާއި ދިމާވި ވާހަކަ ކިޔައިދިނެވެ. އެވަގުތު ޒިލާލުއަށް ކޮށްފައިވާ އަސަރުން ޝިއުނާގެ މަންމައާއި ބެހޭގޮތުން އޭނާއަށް އިވިފައިވާ ހުރިހާ ވާހަކައެއް ޒުހުދާއަށް ކިޔައިދިނެވެ. ޝިއުނާ މަންމަގެ ޑައިރީގެ ވާހަކައަށް ދަންދެންނެވެ.
" ބޭބެ ދެން ޝިއުނާއާއި ދޭތެރޭ ނުވިސްނާ!" ޒުހުދާ ފެށިއެވެ. މިހިސާބުން އެމީހުންގެ ވާޖިބު ނިމުނީ ކަމަށާއި ދެން އެކަމުގެ ތެރެއަށް ނުވަދެ ރަށަށް އަންނާށޭ ބުނެ ޒުހުދާ ނަސޭހަތްދިނެވެ.
"ބޭބެއެއް ނުވިސްނަމޭ އޭނާއާއި މެދަކު... އެގޮތަކަށް!" ޒިލާލު ގަދަކަމުން ހީލަމުން ބުނެލިއެވެ. އަދި ނޫންކަމަށް ހެދެންވެގެން މުބީންމެން މަހަށް ދިޔަހެއްޔޭ ކިޔާފައި މައުލޫޢު ބަދަލުކޮށްލަން މަސައްކަތްކުރިއެވެ. ޒުހުދާ ފެށީ ގުރޭޝާގެ ވާހަކައެވެ.
ފޯނު ނިންމާލާފައި ބަލައިލިއިރު ޑައިރީއާއި ޗާޖަރު ގެނެސްދިނީތީ ޝުކުރު އަދާކޮށްފައި ޝިއުނާ މެސެޖްކޮށްފައި އޮތެވެ.އެކަމަކު އޭނާ އެއަށް ޖަވާބު ދޭކަށް ބޭނުމެއްނުވިއެވެ. އޭނާ ދެން މަސައްކަތްކުރާނީ ޝިއުނާ މަތިން ހަނދާން ނައްތާލާށެވެ. އޭނާގެ ކޮއްކޮ ދެއްކި ވާހަކައާއި ދޭތެރޭ ކުޑަކޮށް ވިސްނާލިއެވެ. ކިތަންމެ ލޯބިވާ މީހާއަށްވެސް ކުށެއް ކުރެވިދާނެކަމަށާއި އެއްފަހަރެއް ކަމަށް މަޢާފުކުރުން އެއީ ރިވެތިގޮތޭ ޒުހުދާ އަބަދުވެސް ބުނާނެއެވެ.
އެކަން ގަބޫލުކުރެވުމުނު ހިނދު ގުރޭޝާއަށް މަޢާފުކުރަން އޭނާ ބޭނުންވިއެވެ. އޭނާގެ ފޯނުން ގުރޭޝާ އަންބުލޮކް ކޮށްލަމުން މިހާ ދުވަސްކޮށްފައި އޭނާ ގުޅީމާ ގުރޭޝާ ބުނާނީ ކީކޭ ބާވައޭ ހިތަށް އެރިއެވެ.
-- ނުނިމޭ --