21 Sep 2024

ފޯނު ބާއްވާފައި އޭނާ ވިސްނާލިއެވެ. ޝިއުނާ ނުލިބޭނެކަމަށް ނިންމާފައި ގުރޭޝާއާއި ހަމަ އިންނަންވީ ހެއްޔެވެ؟

***

މެންދުރުފަހު ޝިއުނާގެ މަންމަ ބޭރަށް ދިޔުމުން އޭނާ ކޮޓަރިއަށް ވަދެ ޑައިރީ ނަގައިގެން އޮށޯތެވެ.

" ހަވީރު ބައްޕަ މިސްކިތައް ދިޔައީ އަސުރުން ފައިބައިގެން ކައިވެނިކުރާ މީހުން އަންނާނެއޭ ތައްޔާރުވާށޭ ބުނެފައެވެ. އަހަރެންގެ ހިތް ވަގުތުން އުފަލުން ފޮޅުނެވެ. އެކަމަކުވެސް އަހަންނަށް ގަބޫލުކުރަން ދަތިވިއެވެ. އަހަރެން ނަމާދުކޮށްލައިގެން ނުކުތް އިރު ރުގިއްޔާއްތަ ފެން ކުރާ އުދައިގެން ބަދިގެ ތެރޭގައި ހުއްޓެވެ. އަހަރެން ފެންނަ އިރަށް ބައްޕަ ބުނެގެން ސައި ހަދާށޭ މިއައީ ކިޔާފައި ގެރިކިރު ދަޅަކާއި ބިސްކޯދު ބޮނޑިއެއް ދައްކާލިއެވެ. އަހަންނަށް ލިބިފައިވާ އުފަލުގައި ގޮސް ރުގިއްޔާއްތަ ގައިގަ ބައްދާލީއެވެ. އެއީ އަހަރެންގެ މަންމަގެ އާއިލާއިން މިހާރު އަހަރުމެންނާއި ކިރިޔާވެސް ގުޅުމެއް އޮންނަ ހަމައެކަނި މީހާއެވެ.

ރުގިއްޔާއްތައަކަށް އަހަރެން ލައިގެން ހުރި ހެނދުން ކަމަކު ނުދިޔައެވެ. ތިއަށް ވުރެ ރީތި ހެދުމެއް ނެތީތޯ އަހާލިއެވެ. ދެން އަހަރެން ލީ އަހަރެންގެ އަތުގައި އޮތް ނޫކުލައިގެ ދޯޕައްޓާ ހެދުމެވެ.

ކައިވެނީގެ ކަންތައް ހިނގަމުން ދިޔައިރު އަހަރެން އިނީ ކޮޓަރީގައެވެ. ބައްޕަ އައިސް އަހަންނަށް ގޮވީ އެތައް އިރެއް ފަހުންނެވެ. އޭރު ކައިވެނި މަޖުލިސް ނިމިއްޖެއެވެ. ބައްޕަގެ ފަހަތުން އަހަރެން ނުކުތުމުން އަނބި ބަލައިގަންނާށޭ ކިޔާފައި ގާޒީ އަހަރެން ދެއްކިއެވެ. އަހަންނަށް ހަނީފުއާއި ދިމާލަށް ބަލައިލެވުނެވެ. އޭނާ ހުރީ ވަރަށް ހެވިފައެވެ. އަހަރެން ލަދުން އިސްޖަހާލީމެވެ.

ކައިވެނި ކޮށްދިން މީހުން ދާން ހިނގައިގަތުމުން އަލީ ރަޝީދު އަހަރެންގެ ބައްޕަ ކައިރިއަށް ގޮސް އޭނާގެ މަންމަ އެގޭގައި ސައި ހަދާފައި ހުރިވާހަކަ ބުންޏެވެ. ބައްޕަ ދާކަށް ބޭނުމެއްނުވިއެވެ. އެހިސާބަށް ނުހިނގޭނެއޭ ބުންޏެވެ. އަދި ހަނީފުއާއި ދިމާލަށް އަަހަރެން ގޮވައިގެން ދިޔަޔަސް އެންމެ ރަނގަޅޭ ބުނެލިއެވެ.

އަހަރުމެން ދިޔައިރު އަލީ ރަޝީދުމެންގޭ ތެރޭގައި ފުދޭ ވަރަކަށް މީހުން ތިއްބެވެ. ހައްތަހާވެސް އަހަރެން ދެކެފަރިތަ ރަށު މީހުންނެވެ. އެކަމަކު ގިނައީ އަހަންނާއި ދިމާލަށް އިސް އުފުލާ ބަލައިވެސް ނުލާ މީހުންނެވެ. އެެއެންމެންވެސް ހަނީފުއާއި އަހަންނާއި ދެމީހުންނާއި ސަލާމް ކުރިއެވެ. ހަނީފުއަށް ކެރޭ ކަމާއިމެދު ތަޢުރީފުކޮށް ކައިވެންޏަށް މަރުހަބާ ކިޔަމުން ދިޔައެވެ. އެގޭގައި ވަރަށް ގަދައަށް ސައި ހަދާފައި ހުއްޓެވެ. ގުޅަ ، ދެވައްތަރު ބޯކިބާ އަދި ކަވާބާއި ކިރުސައެވެ. އަދި ޖޫހެވެ. އަހަރެން ވަރަށް އުފާވުއެވެ. އަލީ ރަޝީދުގެ މަންމައަށް ވަރަށް ވަރަށް ޝުކުރު އަދާކުރީމެވެ.

އިރުއޮއްސެން ކައިރިވީމާ އަހަރުމެން ދެމީހުން ގެއަށް އަންނަން ނުކުތީއެވެ. ތަންކޮޅަކަށް ގޮސްފައި ފަރީ ބައްޕައަށް ހެދި ދޮގު ފަޅާ އެރީމާ ވާނީ ކިހިނެއްހެއްޔޭ ހަނީފު އަހާލިއެވެ. އެކަން ފަޅައެއް ނާރާނެ ކަމަށާއި އަންނަ މަހުގެ އެދުވަސްކޮޅު ބައިގެންދިޔައީ ކަމަށް ބުނެ އެކްޓު ޖައްސާނީކަމުގައި އަހަރެން ބުނީމެވެ."

އޭގެ ފަހުން އެގަނޑުގައި ލިޔެފައެއް ނެތެވެ. ޝިއުނާ އަނެއް ގަނޑަށް އެއްލި އިރު އެގަނޑުގައިވެސް އޮތީ އަޅާލާފައި އޮތް ސުރުޚީއެކެވެ. ކައިވެނީގެ ފުރަތަމަ ދުވަސް ޖަހާފައި ބުރެކެޓެއްގައި ފަހުން ލިޔަން މިހެން ޖަހާލާފައި އޮތެވެ. ދެން އޮތް ގަނޑުވެސް އޮތީ ހަމަ އެގޮތަށެވެ. ބުރެކެޓްގައި ލިޔެފައި އޮތީ ބޮއްކުރާގައި ފަޅުރަށަށް ދިޔުން މިހެންނެވެ. އޭގެ ފަހުންވެސް ގަނޑުތަކެއް ދޫކޮށްފައި ފުރެންދެން ލިޔެފައިވާ ގަނޑެއް ފެނުމުން ޝިއުނާ ކިޔަންފެށިއެވެ.

"އަހަންނާއި އެކު ހޭދަކުރާ ކޮންމެ ދުވަހަކީ ހަނީމޫންގެ ދުވަހެއްކަމަށް މިއަދު ހަނީފު ބުންޏެވެ. އެހެންނަމަވެސް އަހަންނަށް ހަނީފުގެ މޫނު މަތިން ކޮންމެވެސް ނުތަނަވަސްކަމެއް ފާހަގަ ކުރެވުނެވެ. އެއީ އޭނާ ފުރާ ދުވަސް ކައިރިވާތީ ކަމަށް އަހަންނަށް ހީކުރެވުނެވެ. އެރޭ ނިދަން ވަދެފައި އަހަރެން ހަނީފުއާއި ސުވާލުކުރީމެވެ. އޭނާ ކޮންމެވެސް ފިކުރެއްގައި ވާހެން އަހަންނަށް ހަމަ ހީވަނީއޭ ބުނީމެވެ.

ހަނީފު ފުރައިގެން ދިޔައީމާ މާލެގޮސް މަންމަމެން ކައިރީ އެގޭގައި އަހަންނަށް ހުންނަން ކެރޭނެތޯ އޭނާ ސުވާލު ކުރިއެވެ. އަހަރެން ވިސްނާލާފައި އޭރުން ބައްޕަ އެކަނި ވާނެ ނޫންހޭ ބުނީމެވެ. އަދި އަހަރެން މާލެ ބަދަލުވާނީ ހަނީފު އެނބުރި އައީމާ ކަމުގައި ބުނީމެވެ. އެގޮތް އެންމެ ރަނގަޅުތޯ އަހަރެން އަހާލީމާ ހަނީފު އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ.

"މިއޮއްހާ ދުވަހު މި ކެތްކުރީ ފަރީ ކައިރީ މިވާހަކަ ނުބުނާން... އެކަމު ބައްޕަ ކައިވެންޏަށް އެއްބަސްވީ ޝަރުތަކާއި އެކު..އެ ޝަރުތު ބުނެދިނީ ކައިވެނި ކުރިފަހުން" އެވާހަކަ ދެއްކަން ފެށިއިރު ހަނީފު ފެންކަޅި ވެއްޖެއެވެ. "ފަރީ.. ބައްޕަގެ ޝަރުތަކީ އަހަރެން މިރަށުން ފުރައިގެން ދަމުން ވަރިކޮށްފައި ދިޔުން" އެހިސާބުން ހަނީފުގެ ލޮލުން ކަރުނަ ފޭބިއެވެ. އަހަންނަށްވެސް ރޮވުނެވެ. އަހަރެން ހަނީފުއާއި ވަކި ވާކަށް ބޭނުމެއްނޫނެވެ. އޭނާވެސް އަހަރެން ދޫކޮށްލަން ބޭނުން ނޫންކަމަށް ބުނަމުން ގެންދިޔައެވެ. ބައްޕަ މިކައިވެންޏަށް އެއްބަސް އެވީ އަހަރެން ބަނޑުބޮޑު ވާހަކަ ބުނީމާ ކަމަށާއި ދެން ހަނީފު ވަރިކޮށްފައި ދިޔައީމާ އަހަރެން މުޅި ރަށަށް ފަޟީހަތްވުމުން ސަލާމަތްވީކަން އަހަންނަށް ވިސްނުނީ އެހިސާބުންނެވެ."

އޭރު ޝިއުނާގެ އަރުތެރެވެސް ބެދިއްޖެއެވެ. އޭނާގެ މަންމައާއި ބައްޕަގެ ހިތާމައިގެ އަސަރު އޭނާއަށްވެސް ވަނީ ކޮށްފައެވެ. ލޯބިވާ މީހަކާ ވަކިވެ ދިޔުމަކީ ކިހާ ވޭންދެނިވި އިހުސާސް އެއްކަން އޭނާއަށް މިހާރު ރަނގަޅަށް ވިސްނެއެވެ.

ޝިއުނާ ބޭރަށް ނުކުމެ ކޮފީއެއް ހަދާލިއެވެ. ގޭގައި އެކަކުވެސް ނެތީމާ ކޮފީތަށި ހިފައިގެން ކޮޓަރިއަށް ވަދެ އަނެއްކާވެސް ޑައިރީ ކިޔަން ފެށިއެވެ.

" ހަވީރު ގަޑީގައި އަހަރުމެން ތުނޑިއަށް ދިޔަތަނާ އެތަނަށް އަލީ ރަޝީދު އައެވެ. އޭނާއަށް ބައްޕަގެ ޝަރުތުގެ ވާހަކަ ހަނީފު އޮތީ މާކުރިން ކިޔައިދީފައެވެ. އެދެމީހުން ސައްލާ ކޮށްފައި ނިންމީ ބައްޕައަށް ވަގަށް ހަނީފު ފުރައިގެން ދިޔުމަށެވެ. ބައްޕައަށް އެގިއްޖިއްޔާ ވަރިކުރަށޭ ބުނެފާނެތީއެވެ.

އެރޭ ކާންތިބެފައި ހަނީފު ފުރަނީ ކޮންދުވަހަކުން ތޯ ބައްޕަ ސުވާލު ކުރިއެވެ. އޭނާ ފުރާ ދުވަހެއް ހަމަނުޖެހޭ ކަމުގައި ބުނެ ޖަވާބު ދިނެވެ. އަހަރެން ގަރުދިޔަ ބާލާ ބަދިގެއަށް ދާން ތެދުވިވަގުތު ހަނީފުއާއި ދިމާލަށް އޭރު ބުނި ވާހަކަ ހަނދާން އެބަހުރިހޭ ބައްޕަ ބުނި އަޑު އިވުނެވެ. އަހަރެން ވަރަށް ދެރަވިއެވެ.

އަހަރެން އެވާހަކަ ބައްޕަކައިރީ ދައްކަން ބޭނުންވިއެވެ. އެކަމާ ހަނީފު އެއްބަހެއް ނުވިއެވެ. ދެން އަހަރެން ބޭނުންވީ ބައްޕައަށް ފިލައިގެން ހަނީފުއާއި އެކީގައި މާލެ ދާށެވެ. އޭނާގެ މީހުންކައިރީގައި ދިރިއުޅޭށެވެ. އެގޮތެއް ހަނީފުއަކަށް އެހާ ކަމަކު ނުދިޔައެވެ. އެނާ ކުރިން އެހެންބުންޏެއް ކަމަކު އެއީ މާރަނގަޅު ޚިޔާލެއް ނޫންކަމުގައި ބުނެލިއެވެ. އޭރުން ހަނީފުއަކަށް ދުވަހަކުވެސް ބައްޕަގެ ރުހުމެއް ނުލިބޭނެކަމުގައި ބުނެ އަހަންނަށް ވިސްނައިދިނެވެ."

އެހެންވީމާ ބައްޕަ ކާފަދެކެ ރުޅިއަންނަނީ އަންނަންވެގެން ތާއޭ ޝިއުނާގެ ހިތަށް އެވަގުތު އެރިއެވެ. އޭނާ އަނެއްގަނޑަށް އެއްލިއެވެ. އެގަނޑުގެ މަތީގައި ޖަހާފައިވަނީ އޭގެ ދެދުވަސް ފަހުގެ ތާރީޚެކެވެ.

"ހަނީފު ފުރަންދާން ނުކުތީ ދަންވަރު އެއްގަޑި ބައިވީ އިރުއެވެ. ރަށުގައި ބަނދަރުކޮށްފައި އޮތް ހުވަދޫ ބޯޓަކުންނެވެ. އެމީހުން ނައްޓާލާނީ ފަތިސް ނަމާދަށް ފަހުގައިކަމަށް ވިޔަސް ފަތިސްވާން ވާއިރަށް ބައްޕަ ހޭލާނެތީ ހަނީފު އަވަހަށް ދިޔައީއެވެ. އަހަރެން ވަރަށް ބޮޑަށް ދެރަވިއެވެ. ނުދާށޭ ބުނަންވެސް ބޭނުންވިއެވެ. އެކަމަކު ވެސް އަހަރެން ހިތްވަރުކުރީމެވެ. އަހަރެންގެ ހިތާމަވެރި މޫނު ފެނި ހަނީފުގެ ހިތަށް އުނދަގޫ ނުޖައްސާންވެގެން އެންމެ ފަހުވަގުތު ހިނިތުންވެލީމެވެ. އަދި އެއް އަހަރު ވަރަށް އަވަހަށް ހިނގައިދާނެއޭ ބުނީމެވެ. އަދި ހަނީފުދެކެ ވަރަށް ލޯބިވާ ވާހަކައާއި ދުވަހަކުވެސް އެހެން ފިރިހެނަކާއި ދިމާލަށް އެފަދަ ނަޒަރަކުން ނުވެސް ބަލައިލާނަން ކަމަށް ބުނެ ވައުދުވީމެވެ.

އަހަރެން ހިފަހައްޓައިގެންހުރި ކަރުނަތައް އޮހޮރެންފެށީ ހަނީފު ގޮސް އޮބާލީމާއެވެ. ހަނީފުއާއި ނުލާ އަހަރެން ދިރި އުޅޭނީ ކިހިނެތް ހެއްޔެވެ؟

އަހަންނަކަށް ދެން އިތުރަކަށް ނުލިޔެވޭނެއެވެ. ކަރުނައާއިހެދި މުޅި ދެލޯ ފުސްވާން ފަށައިފިއެވެ."

އެހިސާބަށް ކިޔައި ނިންމާލާފައި ޝިއުނާއަށް ޖެހުނީ އޭނާގެ ލޮލުން ފޭބި ކަރުނަ ފޮހެންއުޅޭށެވެ. އޭރު އޭނާގެ މެޔަށް ބާރުވެ ފިތެން އުޅޭހެން ހީވާން ފަށައިފިއެވެ.

އެވަގުތު އޭނާގެ ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ހޯދައިދެވޭނެ ހަމަ އެކަނި ފަރާތަށް އެނާ ފޯނުން ގުޅާލިއެވެ.

ފޯނު ރިންގުވާ އަޑު އަހަން ހުރިއިރު ޝިއުނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ފޯނު ރިންގު ވޭވޭ ގޮސް ކެނޑުނު އިރުވެސް ޒިލާލު ޖަވާބެއް ނުދިނެވެ. އެއާއިއެކު ޝިއުނާއަށް ލިބުނީ އިތުރު ނުތަނަވަސް ކަމެކެވެ. ޒިލާލު މިހާރު އޭނާ ރައްޓެއްސެއްގެ ގޮތަށްވެސް ގަބޫލު ނުކުރަނީ ހެއްޔޭ ހިތަށް އެރިއެވެ.

އޭގެ ދިހަވަރަކަށް މިނެޓް ފަހުން ޒިލާލު ގުޅިއެވެ. އެކޯލު އަންނަން ފެށުމާއިއެކު ޝިއުނާގެ ހިތަށް ފިނިވެގެން ދިޔައެވެ. އޭނާ ގުޅިއިރު ޒިލާލު ހުރީ މިސްކިތުގައިކަމަށް އެންމެ ފުރަތަމައިނުންވެސް ބުނެލިއެވެ.

"އެހެންތަ .. އަހަރެން ހީކުރީ މިހާރު އަހަރެން މަތިން ހަނދާން ނެތުނީކަމަށް" ޝިއުނާ ބުނެލިއެވެ.

"ނޫނޭ ހަމަ ވަރަށް ބިޒީކޮށް މިދަނީ .. މީހަކަށް ފޯނުން ވާހަކަދެއްކޭ ވަރަށްވުރެ މާ ހަލަބޮލި މާހައުލެއް މިއީ އެހެން ނޫނަސް" ޒިލާލު އަވަސް އަވަހަށް އޮޅުން ފިލުވައިދިނެވެ.

"ވަރަށް ހިތަށް އަރާ ގުޅަންވެސް ..ޑައިރީގެ ވާހަކަ ދައްކާލަން.. އެކަމަކުވެސް ޒިލާ ބިޒީ ވާނެތީ ނުކެރެނީ" ޝިއުނާ އެހެން ބުނެފައި މަޑުކޮށްލިއެވެ. ޒިލާލު އެއްޗެއް ބުނޭތޯއެވެ.

"ޒިލާވެސް ގުޅަން ހިތަށް އަރާ... ހަނދާންވެސް ވޭ އެކަމަކު މިބުނާހެން ހަމަޖެހިލައިގެން ވާހަކަ ނުދެއްކޭނެތީ..."

ޒިލާލުއެ ޖުމްލަ ފުރިހަމަ ނުކޮށްދޫކޮށްލީއެވެ. އެހިސާބުން ޝިއުނާ، އެޑައިރީއިން އޭނާއަށް ކިޔުނު ބައިތަކުގެ ކުރު ހުލާސާއެއް ކިޔައިދިނެވެ. އޭނާގެ ބައްޕަ ފިލައިގެން ފުރައިގެން ދިޔަ ހިސާބަށެވެ.

"މަންމަ ދެރަވާނެވަރު ހިތަށް އަރާފައި ޝިއު ދެރަވީ ހަމަ .. އެހެންވެ މިގުޅާލީ... ބޭނުންވީ ހަމަ އެވާހަކަ ޝެއާ ކޮށްލަން"

ޝިއުނާ އެހެން ބުނުމުން ޒިލާލުގެ ހިތުގައި އުއްމީދުގެ ކުޑަކުޑަ ހުޅުކޮޅެއް ދިއްލިގެން ދިޔައެވެ. އޭނާއާއި ގުޅީތީ ވަރަށް އުފާވެއްޖެ ކަމުގައި ބުނެލިއެވެ.

ހިތާނީ ކަންތައް ނިމުނީމާ ދެން ޒިލާ ކުރާނީ ކޮންކަމެއްތޯ ޝިއުނާ އަހާލުމުން ދެން ދާނީ ރަށަށް ކަމުގައި ޒިލާލު ބުނެދިނެވެ. އޭނާގެ މަގުސަދަކަށްވީ ޝިއުނާގެ ހިތުގައި އޭނާއަށްޓަކައި ވާ މަގާމެއް އޮޅުން ފިލުވޭތޯ މަސައްކަތް ކުރުމެވެ. އެހެންކަމުން އޭނާ މުބީން މެންނާއިއެކު ފަރުމަސްވެރިކަން ކުރަން ރަށުގައި މަޑުކުރަން ޚިޔާލުކުރާ ވާހަކަ ބުނެލިއެވެ.

"އެހެންތަ؟" ޝިއުނާ ބުނެލިއެވެ.

އެއީ ޒިލާލު ބޭނުންވި ކަހަލަ ޖަވާބެއް ނޫނެވެ.

"އެހެން ނޫނަސް ރަށުގައި މަސައްކަތްވެސް ކުރަން އެބައޮތް" ޒިލާލު އިހަށްވުރެ ތިލަކޮށްލިއެވެ. އޭނާ ގުރޭޝާމެންގޭގައި ހަދާ ތަން ނިންމަން ވިސްނި ވާހަކަ ބުނެލިއެވެ. ދެންވެސް ޝިއުނާގެ ފަރާތުން އައީ ހަމަ އެއްޖަވާބެކެވެ. 'އެހެންތަ' އެކަންޏެވެ.

"މިހާރު މިވިސްނަނީ އަލުން އެކަމާ އުޅެން.. ޒުހު ބުނާހެން އެއްފަހަރެއް ކަމަށް މަޢާފުކުރުން އެއީ ރަނގަޅު ގޮތެއްނު؟"

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular