5 Oct 2024

އެސޮރުމެން މާ ތެދުވެރިވާނެއޭ ބުނުމުން އެއީ ބައްޕައަށްވެސް އެނގިގެން ހިނގިކަމެއްކަން އަހަންނަށް ޔަގީންވިއެވެ. އެހެންނޫންނަމަ އޭނާ ލައްވާ މަސް ހޯދިކަން ބައްޕައަކަށް ނޭނގުނީސްއެވެ. މީގެ ކުރިން ނުފެނުނު އެއްޗެއް ކުއްލިއަކަށް މިހާރު އެ ފެންނަން ފެށީ ކީއްވެގެންތޯ އެހީމެވެ. އެއީ މީގެކުރިން ނޫޅޭ ގޮތަކަށް އަހަރެން އުޅެން ފޭށިމާ ކަމަށް ބައްޕަ ބުންޏެވެ. ރޭގަނޑު ހަތަރު ދަމު ގޮސް ބޫތުކައިރީގައި އަހަރެން ހުންނާތީއެވެ. އެތަނަށް ގޮސް އަބަދު ފާރައަށް ނުހުއްޓަކަސް ތިޔަ ހަނީފެއް ގުޅައިފިއްޔާ މުޅި ރަށު ރައްޔިތުންވެސް ފަރީޝާ ހޯދާފައި އެވާހަކަ ބުނަން އާދޭ ނޫންހޭ ބައްޕަބުނީ ވަރަށް ހިތްހަމަނުޖެހިފައި ހުރެގެންނެވެ.

އުބޭދު އަހަންނަށް އުނދަގޫ ނުކުރާނެގޮތެއް ހަދައިދޭށޭ ބުނީމެވެ. އޭރުން ދެން ބޫތުކައިރިއަށް ނުގޮސް ހުރެދާނަމޭ ބުނީމެވެ. އެއާއި ވިއްދާ ބައްޕަ ދެއްކީ މުޅިން އެހެންވާހަކައެކެވެ. މިދުވަސްކޮޅު އަހަންނަށް މީހެއްގެ ލޯތްބާއި އަޅާލުން ވަރަށް ބޭނުންވާނެ ވާހަކައެވެ. އެސޮރު އަހަރެން ބުނާ ކޮންމެކަމެއް ކޮށްދީގެން އަހަރެން އުފަލުގައި ގެންގުޅޭނެ ވާހަކައެވެ. ބައްޕަދެކެ ވަރަށް ހިތްހަމަ ނުޖެހުނެވެ. އަހަރެން އެތަނުން ތެދުވެގެން ދާންފެށީމާ ހަމަގައިމުވެސް ހަނީފުއަށް ވުރެ މާ ރަނގަޅުވާނެއޭ ބައްޕަ ބުނެލިއެވެ.

އަހަންނަށް ދެން ހެދޭނީ ކިހިނެތް ހެއްޔެވެ؟ މިވާހަކަ ދައްކާނީވެސް ކާކުކައިރީގައި ހެއްޔެވެ؟ އަހަރެން މިކަމުން ސަލާމަތް ކޮށްދެވޭނެ އިތުރު މީހެއް މިރަށަކު ނުހުންނާނެއެވެ.

ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ހަަމަ ޖެހިލިތަނާ އެނދުގެ ފޮތިގަނޑަށް ދެމުނުހެން ހީވިއެވެ. އަހަރެން ބަލައިލިއިރު ކައިރިއަށް އަރާ އޮތީ އުބޭދުއެވެ. ކީއްކުރަންތޯ މިތަނަށް ތިއައީ އަހަރެން އެހީމެވެ. އޭނާ އެއްޗެއް ނުބުނެ އަހަރެންގެ ގައިގަ ފިރުމަންފެށިއެވެ.

އޭނާގެ އަތް ދުރުކުރަން އަހަރެން މަސައްކަތްކުރީމެވެ. އެހެންނަމަވެސް ކާމިޔާބެއްނުވިއެވެ. އޭރު އަހަރެންގެ ބައްޕަ ދެއްކި ވާހަކަތައްވެސް އަހަރެންގެ ބޮލުތެރޭގައި ހަރުލާފައު ހުއްޓެވެ. އެއީ ތެދެކެވެ. އަހަރެންނަކީ މިވަގުތު އެކަނިވެރިއެކެވެ. އަހަރެން މިހިރީ ފިރިމީހާގެ ލޯތްބާއި އަޅާލުމަށް ނުހަނު ބޭނުންވެފައިވާ ނާޒުކު ހާލަތެއްގައެވެ. އެކަމަކު އޭނާވަނީ މި ހަށިގަނޑުގައި ހިނގާ ޖަޒުބާތުތަކާއި ވޭނާއި އުދާސްތައް ހިއްސާކުރެވޭ ވަރަށްވުރެ މާ ދުރުގައެވެ. އަހަރެން އެންމެ ދެރަވަނީ ބޭނުންހާއިރަކު ބޫތަށް ވަދެ ހަނީފުއާއި ގުޅައިގެން ވާހަކަ ދައްކާލެވެންވެސް ނޯންނާތީއެވެ. އަހަރެން ވިސްނާލީމެވެ. އުބޭދުއާއި އެކީ އަހަރެން ހިތް އެދޭ ކޮންމެކަމެއް ކުރިއަސް އެހެންމީހަކަށް ނޭނގޭނެއެވެ."

"އުބޭދުގެ ސަބަބުން އަހަންނަށް މުޅިން އައު ދިރުމެއް ލިބިއްޖެއެވެ. މިއަދު އަހަރެން އޭނާއާއި އެކީ ދިޔައީ މޫދަށެވެ." އަނެއްގަނޑުން ކުޑަތަންކޮޅެއް ކިޔާލާފައި ޝިއުނާ ހުއްޓާލިއެވެ. އެނާގެ މަންމައަކީ ކޮންކަހަލަ މީހެއް ހެއްޔޭ ހިތަށްއެރިއެވެ. ބައްޕަ އެޔޮއް ދުރުގައި މަސައްކަތްކުރަން އަވަދިނެތި އުޅުނުއިރު މަންމަ އެއުޅުނީ އެހެންމީހެއްގެ ކައިރިން އުފާ ހޯދާށެވެ. 'އެވެސް އަދި އިންސާނެއްގެ ކިބަޔަކުން ނޫން!' ޝިއުނާއަށް ބުނެލެވުނެވެ.

ތިމާ ލޯބިވާ މީހަކު ބޭފަވާތެރިވީމާ ކުރާނެ އަސަރު އޭނާވެސް ތަޖުރިބާ ކޮށްފިއެވެ. ޝިއުނާގެ ހަނދާނަށްއައީ ދަތުރު ދިޔަދުވަހު ޒިލާލު އޭނާގެ ކައިރީ ދައްކާފައިވާ ވާހަކަތަކެވެ. ގުރޭޝާ އޭނާއަށް ބޭވަފާތެރިވީމާ ކުރި އިހުސާސްތަކެވެ. އެވަގުތު އޭނާ ޒިލާލުއަށް ގުޅާހިތްވިއެވެ. ފޯނު އަތަށް ނަގާފައި އޭނާ ވިސްނާލިއެވެ. ހިތާނީ ކަންތައް ނިންމާފައި މިހާރު އޭނާ ރަށަށް ގޮސްދާނެ ބާވައެވެ؟ މާލެ އައިސްފައި އޭނާއަށް ޚަބަރުނުވީ ކީއްވެގެން ހެއްޔެވެ؟

ކޮންމެގޮތެއްވިޔަސް އޭނާގެ އުފަން މަންމަ ކޮށްފައި އެއޮތީ އެހެންމީހެއްކައިރީގައި ކިޔައިދޭން ކެރޭވަރަށް ވުރެ ލަދުވެތި ކަމެކެވެ. އޭނާއަށް އަޒީމާ ކައިރީގައިވެސް އެވާހަކަ ކިޔައިދޭކަށް ނުކެރޭނެއެވެ. އެހެންނޫނަސް މިދުނިޔެ ދޫކޮށްފައިވާ މީހުންގެ ނޭދެވޭ ވާހަކަ ދެއްކުމަކީ ވަރަށް ގޯސްކަމެއްކަން އޭނާއަށްވެސް އެނގެއެވެ. ޝިއުނާ ދެން އެފޮތް އިތުރަށް ނުކިޔަން ނިންމާފައި އަލަމާރިއަށްލާ ތަޅުލީއެވެ.

***

ޒިލާލު ގޮވައިގެން ފައިސަލު އެރަށް ދިޔައީ ޖެނެރޭޓަރުގެ މަސައްކަތެއް ކުރާށެވެ. އެހެންނަމަވެސް ގެނެސްފައިވާ ސްޕްއާ ދިމާނުވާތީ އެދުވަހު އެއްކަމެއްވެސް ކުރެވޭގޮތެއް ނުވިއެވެ. ޒިލާލު ގޮވައިގެން ފައިސަލު ދެން ދިޔައީ އެރަށް ދައްކާލާށެވެ.އެއީ ވަރަށް ވާބޯކޮށް އޮތް ބޮޑުރަށެކެވެ. މުޅިރަށުގައި އެއްޗަކަށް އޮތީ ކުކުޅެވެ. ގަސްތަކުތެރޭގައި ހިނގޭގޮތަށް ސާފުކޮށްފައިވާ މަގުތަކުން އެދެމީހުން ހިނގަމުން ހިނގަމުން ގޮސް ވަރަށް ހަނި މަގަކަށް ވަދެވުނުވެ.

"މިވަދެވުނީ ކަށިކުނބުރު ޖަންގައްޔަށް" އެވަގުތު ފައިސަލު ބުނެލިއެވެ.

ދެފަރާތުގައި ވަނީ ހިކިހޯލިތަކެވެ. މަތިބެދިފައިވަނީ ކަށި ކުނބުރުގަސްތަކުންނެވެ. ފެންނަނީ އެއްވެސް ދިރުމެއްނެތް ނާމަންކަން އެކުލެވިގެންވާ ތަނެއްގެ ގޮތުގައެވެ. އަހަރެންގެ ދިރިއުޅުމުގައިވެސް މިހާރު ވަދެވިފައި މިވަނީ މިފަދަ ތަނަކަށްބާވައޭ ޒިލާލުގެ ހިތަށްއެރިއެވެ.

އެތަނުން ނުކުމެގެން ދެން ފައިސަލު މިސްރާބުޖެހީ ދަނޑު ހައްދާ ސަރަހައްދަށެވެ. އޭތާނގައި ވާ ބޮޑު ފަޅޯ ދަނޑު އޮތީ ހަލާކުވެފައެވެ. އެމަސައްކަތް ކުރަން ހުރި ދިވެހި މީހާ ކެނޑިގެން ދިޔައީ ކަމުގައި އޭނާ ކިޔައިދިނެވެ. މިރުސް ދަނޑުވެސް އޮތީ އެއްކޮށް ހަލާކުވެފައެވެ. އެރަށުގެ ވެރިމީހާ ފައިސަލުއާއި ވަރަށް ރައްޓެހިވާނެ ކަމަށާއި އޭނާ ބުނެގެން އެމަސައްކަތް ކުރާނެ ދިވެއްސަކު ހޯދާ ހޯދާ އަދިވެސް ނުވެގެންނޭ މިއުޅޭނީ އޭނާ ބުނެލިއެވެ.

"މަ އަންނަންވީ ދޯ އެ ވަޒީފާއަށް" ޒިލާލު މަޖަލަކަށް ހަދާލާފައި ބުނެލިއެވެ.

އެރަށުގައި ބޮޑު ކުޅިއެއް އޮތެވެ. އެއީ ބޮޑުކުޅިއެކެވެ. އެއްފަރާތުން އަނެއްފަރާތަށް ދާން އަޅާފައިވާ ކުޑަކުޑަ ލަކުޑި ފާލަން އޮތީ ހަލާކުވެފައެވެ. ޒިލާލު އެތަނުގެ ވީޑިއޯ އެއް ނަނގާފައި ޒުހުދާއަށް ފޮނުވަން މަސައްކަތް ކުރިއެވެ. އެކަމަކު އެތަނަކަށް ރޭންޖެއްނުލިބެއެވެ.

އެރަށަށް ރޭންޖު ލިބޭނީ ކޮޓަރިތަކާއި ދިމާލަށް ކަމުގައި ފައިސަލު ބުނެދިނެވެ. "ކަލޭ ތިގެންގުޅެނީ ދިރާގުދޯ...އަދި މާ އުނދަގޫވާނެ މިރަށުގައި! އަތިރިމައްޗަށް ދާން ޖެހޭނީ."

މެންދުރު ކެއުމަށްފަހު، އަރާމު ކޮށްލަން ތިބެފައި ފައިސަލު ބޭނުންވީ މަހެއް ބޭނޭތޯ ބަލާށެވެ. ޒިލާލުދާކަށް ބޭނުމެއްނުވިއެވެ. ފައިސަލު އެކަނި މާއެކަނި ދޮށްޓެއް ހިފައިގެން ކެނޯއަކަށް އަރައިގެން ނައްޓާލީމާ އޭނާ މިސްރާބު ޖެހީ އެދިމާލުން އަތިރިމަތީގައި ދެރުއްދޭތެރޭގައި އެލުވާފައި ހުރި ހެމޮކާއި ދިމާލަށެވެ. އޭނާ އެތާނގައި ޖައްސާލިއެވެ. ދާދި ކައިރިން ފިޔޮއް ކުކުޅެއް ބިންމަތި ހާވަމުންދާ މަންޒަރުބަލަން އޭނާއަށް އިނދެވުނެވެ. މިރަށުގައި ވަޒީފާ އަދާކުރަން މަޑުކޮށްފިއްޔާ ވާނީ ކިހިނެތް ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެކަނި މާއެކަނި ވަގުތުތައް ހޭދަކުރަން ފެށުމުން އޭނާގެ ހިތުގައިވާ ޒަޚަމް ފަސޭހަވާނެ ހެއްޔެވެ؟ އޭނާއަށް ޝިއުނާމަތިން ހަނދާން ނައްތާލެވިދާނެ ބާވައެވެ؟

***

ހަވީރު ގަޑީގައި ޝިއުނާ ކޮޓަރިން ނުކުތްއިރު އޭނާގެ މަންމަ ހުރީ ބޭރަށްދާން ތައްޔާރުވެގެންނެވެ. ބޮޑުދައިތަ އާއި އެކީގައި ވިލިނގިއްޔަށް ގޮސްލާށޭ މަންމަ ބުނެލިއެވެ. މަންމަ އަަހަރެން ގެންދެބަލާށޭ ޝިއުނާއަށް ބުނެވުނެވެ. އޭރުވެސް ޝިއުނާގެ ސިކުނޑިއަށް ބުރަވެ ހިތުތެރޭގައި އުފެދިފައިވާ ހާސްކަން ފިލައިގެނެއް ނުދެއެވެ. އޭނާ އެކަނި މާއެކަނި ގޭގައި ހުރެއްޖިއްޔާ އިތުރަށް ކަންބޮޑުވުން ނޫން ކަމެއް ނުވާނެކަން އޭނާއަށް އިނގެއެވެ.

މަންމައާއި އެކީގައި ޓެކްސީއަށް އަރާ އިށީން އިރުވެސް އޭނާއަށް ވިސްނެމުން ދިޔައީ އެކަންތައްގަނޑާއި މެދުގައެވެ. ބައްޕަ ބުނިފަދައިން ކާފަ އަކީ އިންސާނެއްގެ ސިފައިގައި ހުއްޓަސް އިންސާނެއް ނޫންކަން އޭނާއަށްވެސް މިހާރު ގަބޫލު ކުރެވިއްޖެއެވެ. އެހެންނޫންނަމަ ތިމާގެ އަމިއްލަ ދަރިފުޅު ޖިންނިއަކާއި ހަވާލެއް ނުކުރީސްއޭ ހިތަށް އަރަމުން ދިޔައެވެ. އޭނާ އެވާހަކަތައް މަންމައާއި ހިއްސާކުރަން ބޭނުންވިއެވެ. އެކަމަކު އޭރުން އޭނާގެ އަތުގައި ޑައިރީ އޮތްކަން ފަޅާއަރާނެއެވެ.

ފެރީއަށް އަރާ އިށީނުމާއިއެކު ޝިއުނާ ހަނދާންވީ ޒިލާލު މަތިންނެވެ. އެއީ އޭނާއާއި ޒިލާލުއާއި އެންމެ ފުރަތަމަ ދިމާވިތަނެވެ.

ވިލިނގިއްޔަށް ފައިބާފައި އޭނާގެ މަންމައާއި ބޮޑުދައިތަ އާއި ދެމީހުން އަނގަތަޅަމުން ހިނގަމުން ދިޔައެވެ. ޝިއުނާ ނެނގިމަޑުވެފައި ހުރިކަމެއް ފާހަގަ ކުރެވުނު ހެނެއް ހިޔެއްނުވެއެވެ. މަންމަމެންގެ ރައްޓެހި މީހާގެ ގެއަށް ގޮސް ސައިބޮއެ، އެތިން އަންހެނުންވެގެން އަނގަތަޅާ ހެދި އިރުވެސް ޝިއުނާއަށް މާބޮޑު ސަމާލުކަމެއް ނުދީ އިނދެވުނީއެވެ.

އެމީހުން އެނބުރި މާލެއައީ އިރުއޮއްސުނު ފަހުންނެވެ. ކާރަށް އަރާފައި އެއްދުވަހަކުން މޫދަށް އެރެވޭ ގޮތަށް ކޮންމެވެސް ތާކަށް ދާން ހިނގާބަލާށޭ ޝިއުނާ ބުނެލިއެވެ. ބައްޕަ ކައިރީ ބުނެގެން ގުރައިދޫއަށް ދަމާ ހިނގާށޭ ބުނުމުން ހުރައަށް ނޫނީ ތުލުސްދޫއަށް ދިޔައިއްޔާ މާ ރަނގަޅުވާނެޔޭ އޭނާގެ ބޮޑުދައިތަ ބުނެލިއެވެ.

"އައްޗީޑި ހުރަޔަކަށް ނުދާނަން.. އެއީ ހައިޝަމްމެން ރަށް" އެވަގުތު ޝިއުނާއަށް ބުނެލެވުނެވެ.

އެހިސާބުން އެވާހަކަ ފެށުނެވެ.ޝިއުނާ މިއަދު މާ މަޑުމަޑުން އިންކަން ފާހަގަ ކުރެވުނު ކަމަށާއި ހައިޝަމް ރުޅިވީތީ އެކަމާ ހިތާމަ ކުރަނީތޯ އަނީސާ އަހާލިއެވެ.

"ނޫން... އޭނާއާއި ރުޅިވީ ޝިއުއޭ.." ޝިއުނާ ބުނެލިއެވެ.

އޭނާ އާދޭސް ކުރާކަށް ނުގުޅާތޯ މަންމަ އަހާލިއެވެ.

"ހުރިހާ އެއްޗަކުން ބުލޮކް ކޮށްފަ ހުންނާނީ.. ދެން ބޭނުމެއްނޫން އޭނައާއި އެކީ އުޅޭކަށް" ޝިއުނާ ބުނެދިނެވެ.

އެވަގުތު އޭނާގެ މަންމަ ހީލަމުން ޝިއުނާގެ އަތުގައި ފިރުމާލިއެވެ.

ގެއަށް އާދެވުމާއިއެކު އަނެއްކާވެސް ޝިއުނާގެ ހިތާއި ނަފްސަށް މާޔޫސްކަން ވެރިވެގަތެވެ. އިހަށްވުރެވެސް ބޮޑަށް އޭނާއަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފެށިއެވެ. އޭނާ އެވާހަކަތައް ކޮންމެވެސް މީހަކަށް ކިޔައިދޭން ބޭނުންވިއެވެ. ހިތުތެރޭގައި ހިނގާ އިހުސާސްތައް ބަންޑުންކޮށްލާ އެ ހިތަށް ލުޔެއް ވޭތޯއެވެ. އެހެންނަމަވެސް އެވަރުގެ ވާހަކައެއް ދައްކާ ކަހަލަ މީހަކު އޭނާގެ ނެތެވެ. އެކަހަލަ މީހަކީ ކޮބައިހޭ ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާއަށް ފެންނަނީ ޒިލާލެވެ. އޭނާ މިހާރު ކޮބައިބާވައޭ ޝިއުނާގެ ހިތަށް އެރިއެވެ.

އޭރު ޒިލާލު އޮތީ އަތިރިމަތީގައި ހުރި ފަތްޖެހި އެނދެއްގައި އޮށޯވެލައިގެންނެވެ. އެއްވެސް ވީލާކޮޅެއްވެސް ނެތް ސާފު އުޑުގައި ފުނިޖެހިފައިވާ ތަރިތަކަށް ނަޒަރުހުއްޓާލައިގެންނެވެ. އޭނާ އެހެންއޮއްވާ ޝޫޓިން ސްޓަރއެއް ދިޔަތަން ފެނުނެވެ. އެކަހަލަ ވަގުތު ތިމާގެ ހިތަށް އަރުވާކަމެއް ވާނެއޭ ބުނާއަޑު އެނާވެސް އަހައެވެ. އޭނާ ކުޑައިރު އެކަހަލަ ވަގުތުތަކުގައި އެއްޗެތި ހިތަށް އެރުވޭތޯ ބަލައެވެ. އެކަމަކު އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫންކަން އޭނާއަށް މިހާރު އިނގެއެވެ. އެހެނަސް އެއީ ކާއިނާތުގައި ލައްވާފައިވާ ބަލައިލުމަށް ހިތްހަމަޖެހޭ ފަދަ މަންޒަރެކެވެ. އޭނާ އެހެންއޮއްވާ ދެވަނަ ޝޫޓިން ސްޓާރއެއް ވެސް ފެނުނެވެ. އޭރު އޭނާގެ ހިތަށް ފެންނަމުން ދިޔައީ ޝިއުނާއެވެ. ޝިއުނާއާއި އެކީ މިފަދަ ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ނަމައޭ ހިތަށް އަރަމުންދިޔައެވެ. ޒިލާލުއަށް މާޔޫސްކަމުގެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ ތަގުދީރުގައި ޝިއުނާގެ ނަން ލިޔެވިފައި ހަމަ ނެތީ ހެއްޔެވެ؟

***

އަނެއްދުވަހު ޝިއުނާ އޮފީހަށް ދިޔައިރުވެސް އޭނާއަށް ވިސްނެމުން ދިޔައީ ޑައިރީގައި ލިޔެފައިވާ ވާހަކަތަކާއި މެދުގައެވެ. އެދުވަހު އަޒީމާ ބަލިވެގެން ނާދެއެވެ. އެެހެންކަމުން ހިތުގައިވާ ނުތަނަވަސްކަމަކަށް ކުޑަވެސް ހަމަޖެހުމެއް އޮފީހުންވެސް ހޯދޭ ގޮތެއްނުވިއެވެ. މެންދުރު އޮފީސް ނިމިގެން ގެއަށްދާން ނުކުތްއިރު މަގުގެ އަނެއްފަރާތުގައި، ކުރިންވެސް އިންނަތުނުގައި ހައިޝަމް އިންދާ ފެނުނެވެ. ފަޅި ސިކުންތު ކޮޅަކަށް ޝިއުނާގެ ސިކުނޑިއަށް އޮޅުނެވެ. އެދިމާލަށް މިސްރާބުޖެހެން އުޅުނެވެ. އެހެންނަމަވެސް އެއީ މިހާރު އޭނާގެ މަޒީކަން ހަނދާންވުމުން ނުފެންނަކަމަށް ހަދާފައި ޝިއުނާ ހިނގައިގަތީއެވެ.

އެޔާއިއެކު ހައިޝަމް ސައިކަލުގައި އައިސް އޭނާއާއި އަރާ ހަމަކުރިއެވެ. ހައިޝަމް ޖަހާފައި ހުރި ސެންޓުގެ ވަސް ޝިއުނާގެ ނޯށަށް އަރައިގެން ދިޔަވަގުތު އޭނާއަށް ކުރިއަށްދާން އުނދަގޫވިއެވެ.

" ކެން ވީ ޓޯކް؟" އަވިއައިނު ނަގާ ބޮލުގައި އަޅުވާލަމުން ހައިޝަމް ބުނެލިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular