އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމުގައި ޝިއުނާ ބުނުމުން ކުރިއެކޭވެސް އެއްގޮތަށް އޭނާ އާދޭސް ކުރަންފެށިއެވެ. އެޔާއިއެކު ޝިއުނާއަށް ގޮތް ނިންމަން އުނދަގޫވިއެވެ. އެންމެފަހުން ހައިޝަމް ދައްކާވާހަކައެއް އަޑުއަހަން އެއްބަސްވިއެވެ. އަދި އޭނާގެ ސައިކަލު ފަހަތަށް އަރާ އިށީނެވެ.
ޝިއުނާގޮވައިގެން ހައިޝަމް ދިޔައީ ސިޓްރޮންއަށެވެ. އޭރު ބުފޭ ނިމިއްޖެއެވެ. އެހެންޏާއެކޭ އެއްގޮތަށް ދެމީހުން ޝެއަރކުރަން ކުލަބްސޭންޑްވިޗް އަކަށް އޭނާ އޯޑަރު ދިނެވެ.
ޝިއުނާއަށް އިނދެވުނީއެވެ. ކަނޑުމަތިން އެކިކޮޅުކޮޅަށް ދަތުރު ކުރަމުންދާ ލޯންޗުތަކާއި ދިމާލަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާގެ ދިރިއުޅުމަށް މިހާރު ދިމާވެގެން މިއުޅޭ ކަންތައް ހައިޝަމް އާއި ހިއްސާކުރިއްޔާ ހިތަށް ލުޔެއްލިބޭނެ ބާވައޭ ހިތަށް އަރާފައެވެ.
"އައި މިސްޑު ޔޫ" ވެއިޓަރު ދުރަށް ދިޔުމުން ހައިޝަމް އޭނާގެ އަތުގައި ހިފާލިއެވެ. "އިނގޭ ޝިއު ވަރަށް ދެރަކުރެވިއްޖެކަންވެސް.. އައިމް ރިއަލީ ސޮރީ ފޯ ދެޓް!" ހައިޝަމް ވާހަކަ ދައްކަމުންގެންދިޔައެވެ. އޭރު ޝިއުނާގެ ސަމާލުކަން ހުއްޓިފައި އެއަރޕޯރޓާއި ދިމާލަށެވެ. އޭނާ އިނީ ޓީ.އެމް.އޭ ގެ ސީޕުލޭނެއް ޖައްސަން އައިއިރު އަނެއްކޮޅުން އަނެއް ސީޕުލޭން ނައްޓާލައިގެން ދާތީ އެތަން ބަލާށެވެ.
"ސީ ޕުލޭންވެސް ކޮންޓުރޯލު ކުރަނީ ހަމަ އެއް ޓަވަރަކުންތަ؟" ޝިއުނާ އަހާލިއެވެ.
ހައިޝަމް ހިތްހަމަ ނުޖެހުނެވެ. އޭނާ ދައްކަމުން ގެންދިޔަ ވާހަކައަށް ޝިއުނާ ސަމާލުކަން ނުދިނީތީއެވެ. އޭނާ މިތަނަށް މިއައީ ވަރަށް ސީރިއަސް ވާހަކައެއް ދައްކަން ވެގެންކަމުގައި ބުނެލިއެވެ.
"އޯކޭ.. ސޮރީ" ޝިއުނާ ލާނެއްފާޑަކަށް ބުނެލިއެވެ.
"މިފަހަރު މިއައީ ލަންކާގެ ފުލައިން ސްކޫލުއެއް ބަލާފަ.. މިވިސްނަނީ ސްޓުޑެންޓު ލޯނު ނަގައިގެން އެތަނަށް ކިޔަވަންދާން"
"ތިއީ ހަމަ ވަރަށް ރަނގަޅު ކަމެއް" ޝިއުނާ ބުނެލިއެވެ. ޕައިލެޓަކަށް ވުމަކީ ހައިޝަމް އަބަދުވެސް ދެކެމުންދާ ހުވަފެނެއްކަން ޝިއުނާއަށް އިނގެއެވެ. އެހެންވީމާ އޭނާއަށް އެކަން ކުރެވޭނެ މަގު ފެނުނީތީ ހަގީގަތުގައިވެސް އެކަމާ އުފާވިއެވެ.
ހައިޝަމް ލަންކާއަށް ދާން ބޭނުމީ ޝިއުނާއާއި ކައިވެނިކޮށްގެން އޭނާވެސް ގޮވައިގެންކަމަށް ބުންޏެވެ. އޭރުން ދެމީހުން ކިޔަވާނީ ނޫންހޭ ބުނެލިއެވެ.
ޝިއުނާވެސް އަދި ކިޔަވަން ބޭނުމެވެ. އޭނާގެ ބައްޕަ ހުރީ ފޮނުވަން ތައްޔާރަށެވެ. އެހެންނަމަވެސް ޝިއުނާ އެކަނި ދާން ބޭނުންނުވީމާ އަދި މަޑުކޮށްލައިގެން ހުރީއެވެ. އޭނާ ރާވާފައި އޮތީ ޝަހުދުކޮއްކޮ އޯލެވެލް ނިމުނީމާ ދެމީހުން އެކީ ލަންކާއަށް ނޫނީ މެލޭޝިއާއަށް ނައްޓާލާގޮތަށެވެ.
"ޝިއު ޕުލީޒް އެއްޗެކޭ ބުނެބަލަ!"
"އޯކޭ ... އަހަންނަށް ތިކަމާ ވިސްނާލަން ވަގުތުކޮޅެއް ދީ!"
ރާއްޖޭގެ މި މާހައުލާ ދުރަށްދާން ޝިއުނާ ކިތަންމެހާވެސް ބޭނުމެވެ. ހާސްކަމުން ފުރިފައިވާ ސިކުނޑިއަށް މިވަގުތު ލިބެން އޮތް އެންމެ ރަނގަޅު ފަރުވާއަކީ އެއީކަން އޭނާއަށް އިނގެއެވެ. އެކަމަކުވެސް އޭނާއަށް ހައިޝަމްއާއި އެކީ އަލުން އުޅެވިދާނެ ބާވައެވެ؟ އޭނާއަށް އިތުބާރު ކުރެވިދާނެ ހެއްޔެވެ؟.
ޝިއުނާގެ ހަނދާނަށް އައީ ޒިލާލު ދައްކާފައިވާ ވާހަކައެވެ. އޭނާ ގުރޭޝާއަށް އެއްފަހަރެއްކަމަށް މަޢާފުކޮށް އޭނާއާއި އެކީގައި އަލުން އުޅެން ނިންމީ ވާހަކައެވެ. އެއްފަހަރަކަށް ޓަކައި މަޢާފުކުރުމަކީ އެންމެ ރިވެތިގޮޮތް ކަމުގައި ޒިލާލު ގަބޫލުކުރި ވާހަކައެވެ.
"މާހުގެ ކަންތައް ވީގޮތް ތެދަށް އަހަންނަށް ކިޔައިދީފާނަންތަ؟" ޝިއުނާ އަހާލިއެވެ.
"ހަމަ ހުވާ ކޮށްފައި މިބުނަނީ ... އަހަރެން އެއްގޮތަކަށްވެސް އެނިޔަތަކު ނޫން އޭނާއާއި ވާހަކަ ދައްކަން ފެށީ... އެކަމު އޭނާއަށް އެކަން ނުބައިކޮށް ނެގުނީ... އަހަރުމެން ލަންކާއަށް ދިޔައިރުވެސް ނޯންނާނެ އެކަހަލަ ގޯސް ނިޔަތެއްގައި އޭނާގެ ގައިގަ އިނގިލިކުރިވެސް ޖައްސާލާފައެއް!" ހައިޝަމް ކިޔައިދިނެވެ.
"ދެން.. ލަންކާއަށް ގޮއްސަ؟"
ޝިއުނާ އެހެން އަހާލީމާ ހައިޝަމް ޖެހީ އިސްދަށަށެވެ.
"ޖަވާބު ދީ ބަލަ" ޝިއުނާ މަޑުމަޑުން ބުނެލިއެވެ. ދެންވެސް ހައިޝަމްއަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
"އެހެންވިއްޔާ ބުނެބަލަ ތި ދެމީހުން ތިބީ އެއްކޮޓަރީގަތަ؟"
ހައިޝަމް އެކަމަށް އެއްބަސްވުމަށް ބޯޖަހާލިއެވެ. އަދި އައިމް ސޮރީ އޭ ބުނެލާފައި އިސްނެގީ އޭނާއެއް ނޫންކަމުގައި ބުންޏެވެ.
ޝިއުނާއަށް އެވަގުތު ވީގޮތެއް ބުނެދޭކަން ނޭނގުނެވެ.އަތުގައި އޮތް ސޭންޑުވިޗް ފޮތި ތަށީތެރޭގައި ބޭއްވިއެވެ. ޖޫސްތަށިން އެތިފޮދެއް ބޯލުމަށްފަހު އިންތަނުން ތެދުވިއެވެ. އޭނާއަށް ގޮނޑި ދަމާލެވުނުލެއް ބާރުކަމުން އެތާނގައި ދެންތިބި އެންމެންގެ ސަމާލުކަން އެމީހުންނަށް އެވަގުތު ހުއްޓުނެވެ. ހައިޝަމް މަޑުކޮށްބަލާށޭ ބުނަމުން އޭނާގެ އަތުގައި ހިފިއެވެ. ޝިއުނާ ފޮޅުވާލަމުން ހިނގައިގަތީއެވެ. ސިޑިން ފައިބަން ދިޔައިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ.
ޝިއުނާއަށް ވިސްނުނީ އެންމެ އެއްޗެކެވެ. ޒިލާލު އެހާ ފަސޭހައިން ގުރޭޝާއަށް މަޢާފުކޮށް އޭނާއާއި އެކީގައި އަލުން އުޅެން ނިންމިއެއްކަމަކު އޭނާއަށް އެގޮތަށް ހައިޝަމްއަށް މަޢާފު ނުކުރެވޭނެކަމެވެ. ދެން،އަދި އަމުދުން ދުވަހަކުވެސް ހައިޝަމްއަށް އިތުބާރު ނުކުރެވޭނެކަމެވެ.
ގެއަށް ދެވުނުއިރު ޝިއުނާވަނީ ކުރިއަށްވުރެވެސް ބޮޑަށް މާޔޫސްވެފައެވެ. މުޅި ދުނިޔެމަތިން ފޫހިވެފައެވެ. ހައިޝަމް އާއި މާހުނާޒުއާއި ކަމެއް ހިނގިކަން އޭނާގެ އަމިއްލަ އަނގައިން އެއްބަސްވި އެއްބަސްވުން އެއީ ޝިއުނާއަކަށް އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމަކަށް ނުވިއެވެ.
އޭނާ ކޮޓަރީގައި އޮވެގެން ރުއެވެ. މިއަދު އޭނާ ދެކެ ލޯބިވާ ، އޭނާ ބޭނުންވާ ހަމަ އެކަކުވެސް މިދުނިޔޭގައި ނެތޭ ހިތަށް އަރާފައި ވަރަށް ބޮޑަށް ދެރަވިއެވެ. ޝިއުނާ އަޒީމާއަށް ގުޅާލިއެވެ. އެކަމަކު އޭނާ ފޯނެއްނުނަގައެވެ.
އެހެން ފިކުރުކުރަން އޮއްވާ އޭނާއަށް ނިދުނީއެވެ. އޭނާއަށް ހުވަފެނުން ފެންނަނީ އޭނާއާއި ޒުހުދާ އާއި ދެމީހުން ޒުހުދާމެންގޭ ބޭރު ޖޯލީގައި ތިއްބާ އޭނާގެ ކާފަ އެތަނަށް އައި ތަނެވެ. ކާފަ ފެނުމާއިކު ޝިއުނާ ހައިރާންވިއެވެ. ކާފަ މިރަށުގައި ކީއްހޭ ތިކުރަނީ އާހާލިއެވެ. ކާފަ އައީ ޝިއުނާ ހޯދަން ކަމުގައި ބުންޏެވެ. އަދިވެސް މަންމައާއި ބެހޭ ވާހަކަ ކިޔައެއް ނުދެވޭ ނޫންހޭ ބުނެލިއެވެ. އެހިނދު މަންމަގެ ކޮންވާހަކައެއްތޯ ޝިއުނާ އެއްސެވެ. މަންމައަށް ވީގޮތެއް ނޭނގޭ ނޫންހޭ ބުނެފައި ޝިއުނާގެ ބައްޕަ އޮތީ އެކަން ސިއްރުކޮށްފައެއް ނޫންހޭ ބުންޏެވެ.
ޝިއުނާއަށް ހޭލުވުނީ އެހިސާބުންނެވެ. އެ ހުވަފެނާއި ދޭތެރޭ އޭނާ ވިސްނާލިއެވެ. ބައްޕަ އޭނާއަށް ސިއްރުކުރަން އެބޭނުންވީ އެ ޖިންނިގެ ވާހަކަތާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ އަނެއްކާވެސް ޑައިރީ ނަގައިގެން އައިސް އެނދުގައި އޮށޯތެވެ.
އޭގެ ގަނޑުތައް އުކަމުންގޮސް އެންމެފަހުން ކީ ހިސާބު ހޯދިއެވެ. އެހެންނަމަވެސް އެބައި ކިޔާހިތެއް ނުވިއެވެ. މަތިމަތިން ބަލައިލުމުން އެގަނޑުގައި ލިޔެފައި ހުރީ އޭނާގެ މަންމަ އުބޭދުއާއި އެކު ހޭދަކުރި ވަގުތުގެ ވާހަކަ ކަން އެނގުނެވެ. ދެން އެއްލި ގަނޑުގައިވެސް ހުރީ މުޅިންވެސް ލިޔެފައި ހުރީ އުބޭދުގެ ނަމެވެ. އެހިސާބުން އޭނާ އެންމެ ފަހު ގަނޑަށް އެއްލިއެވެ. އެގަނޑުގައި އޭނާގެ ނަން ލިޔެފައި އޮތްތަން ފެނުމުން ކިޔަންފެށިއެވެ.
" ޝިއުނާ ފެންވަރުވައިގެން ގެނެސް ރީތި ކުރަން ހުއްޓާ އުބޭދު އައިސް ހަނީފު ރަށަށް އަތުވެއްޖެއޭ ބުންޏެވެ. އަދި އޭނާ މިގެއަށް އަންނަން ވާއިރަށް ނިންދަވަމާ ހިނގާށެ ބުނެފައި އަހަރެންގެ ދަރިފުޅު އަތުލިއެވެ."
އެތަންކޮޅު ކިޔާލާފައި ޝިއުނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެޖިންނި އޭނާ އުރައިގެން އުޅުނަކަން ހިތަށް އަރާފައި ބިރުގަތެވެ. އެކަމަކުވެސް އޭނާ ދެން ލިޔެފައިވާ އެއްޗެއް ކިޔަން ބޭނުންވިއެވެ.
" ޝިއުނާ ކުޑަ އެނދުގައި ބޭއްވިތަނާ ބައްޕަ ކޮޓަރި ދޮރުމައްޗަށް އަރާފައި ހަނީފު އަތުވެއްޖެކަމަށާއި ބައްޕައާއި ބަނދަރުމަތިން ދިމާވިކަމަށް ބުންޏެވެ. އަަހަރެން ދެން އޭނާއާއި އެކީގައި ނޫޅޭނަމޭ ބައްޕަ ކައިރީ ބުނީމެވެ. އަދި އޭނާއަށް ފެންނާކަށްވެސް ބޭނުމެއްނޫނޭ ބުނީމެވެ. އެވަގުތު އެނދުމަތީގައި އިނދެފައި އުބޭދު އަހަންނާއި ދިމާލަށް ހިނިތުންވެލިއެވެ. އަހަރެން މިހާރު ލޯބިވަނީ އުބޭދު ދެކެއެވެ. އުޅެންބޭނުމީވެސް އޭނާއާއި އެކީގައެވެ. އެއީ އިންސާނެއް ނޫންކަމަކު އޭނާ އަހަރެން ގެންގުޅެނީ ވަރަށް އުފަލުގައެވެ.
ބައްޕަ ދިޔުމުން ހަނީފު މިގޭ ދޮށަށް އަޔަސް އޭނާއަށް އެއްވެސް ގޯނާއެއް ކޮށްގެން ނުވާނެއޭ އުބޭދުއާއި ދިމާލަށް ބުނީމެވެ. އެއީ ކޮންމެގޮތެއްވިޔަސް ޝިއުނާގެ ބައްޕައެވެ. އެނާއަށް ދެރަގޮތެއް ވާކަށް އަހަރެން ބޭނުމެއްނޫނެވެ. އެޔާއިއެކު ފަރީ އަހަންނާއި އެކީގައި އުޅެންހުރިއްޔާ އެކަކަށް އެއްކަމެއްވެސް ކުރާކަށް ނޫޅެމޭ އޭނާ ބުނެލިއެވެ.
އަހަންނަށް ކޮޓަރިން ބޭރަށް ނުކުމެވުނީ ހަނީފުގެ ކުރިމައްޗަށެވެ. އަހަރެން ފެނުމުން ފަރީ އޭ ކިޔާފައި އަހަންނާއި ދިމާލަށް އައީ އުފަލުން ހެވިފައި ހުރެގެންނެވެ. އަހަންނަށް ފަހަތަށް ޖެހެވުނެވެ. އަލުން އަނބުރާ ކޮޓަރިތެރެއަށް ވަދެވުނެވެ. އަހަރެންގެ ފަހަތުން ހަނީފުވެސް ވަނެވެ. އޭނާއަށް ނުފެނުނަސް އެނދުމަތީގައި އުބޭދު އިނެވެ. ހަނީފު އެންމެފުރަތަމައިނުންވެސް ދިޔައީ ކުޑަ އެނދުކައިރިއަށެވެ. އެވަގުތު އަހަންނަށް އުބޭދުއާއި ދިމާލަށް ބަލައިލެވުނެވެ. އޭނާ އިންގޮތް ފެނުމުން އަހަރެން ޖެހިލުންވިއެވެ. ހަނީފުއާއި ދިމާލަށް ވަރަށް ހަރުކަށިކޮށް އެމަންޖެ ގައިގަ އަތް ނުލާށޭ ބުނީމެވެ. ވިހެއުމުގެ ކުރިން އަންނަން ބުނިމީހާއަށް އަދިކިރިޔާ އެއްނޫންހޭ ތިއާދެވުނީ އަހަރެން ބުނެލީމެވެ. އަދި ކީއްކުރަންހޭ ތިއައީ މިހާރު އަހަރެން ދެން ހަނީފުއާއި އެކީގައި އުޅޭކަށް ބޭނުމެއްނޫނޭ ބުނީމެވެ.
ފަރީ ތިހެން ނުބުނާށޭ ބުނަމުން އޭނާ އަހަރެންގެ ކައިރިއަށް އައެވެ. އޭނާ ހުރީ ވަރަށް ދެރަވެފައެވެ. އޭނާ އަހަރެންގެ ގައިގަ އަތްލަން އުޅުމުން އަހަރެން ވަރަށް ބާރަށް ނޫނޭކޭ ބުނީމެވެ. އަހަރެން ވަރިކޮށްފައި މިގެއިން ނުކުމެގެން ދާށޭ ބުނީމެވެ. ހަނީފު އިރުކޮޅެއްވަންދެން އިސްޖަހާލައިގެން ހުރެފައި އާނއެކޭ ބުންޏެވެ. އެކަމަކު އޭނާއަށް ދަރިފުޅު ދޭން ވާނެކަމުގައި ބުންޏެވެ. އަހަރެންވެސް ބޭނުމި..."
އެހިސާބުން ދެން އިތުރަކަށް ލިޔެފައެއްނެތެވެ. 'ބޭނުމީ' ލިޔުނު އިރު މީމުގެ އީބީފީގެ ފަހު ފިލި ރޮނގެއްހެން ދެމިގެންގޮސްފައި އޮތެވެ. އެއީ ކީއްވެގެން ބާވައޭ ޝިއުނާގެ ހިތަށްއެރިއެވެ. ދެން އޮތް ހައެއްކަ ހުސްގަނޑު ވަކިވަކީން ޝިއުނާ ބެލިއެވެ. އިތުރަކަށް އެކައްޗެއްވެސް ލިޔެފައެއް ނެތެވެ.
ދެންވީ ކިހިނެއް ބާވައެވެ؟. އޭނާގެ މަންމަ މަރުވީ ކޮންއިރަކު ކިހިނެތް ހެއްޔެވެ؟ ޝިއުނާގެ ސިކުނޑީގައި ސުވާލުތައް ފުނިޖެހެން ފެށިއެވެ. އޭނާ އެތައް އިރަކު ވިސްނަން އޮވެފައި އެންމެފަހުން ބައްޕައަށް އެފޮތް ދައްކަން ނިންމިއެވެ.
ޑައިރީ މޭމަތީގައި ބާއްވައިގެން އޮއްވާ ޝިއުނާއަށް އަނެއްކާވެސް ނިދުނީއެވެ. ނިދިފައި ކުރިންވެސް ފެންނަ ބިރުވެރި ހުވަފެން ފެންނަންފެށިއެވެ. އޭނާގެ ވަށައިގެން އަލިފާން ދަރުބުރިތައް ރޯކޮށްގެން ތިބި މީހުންނެވެ. އޭނާ ބަނދެފައި އޮތީމާ ސަލާމަތް ވާން މަސައްކަތް ކުރާތަނެވެ. ދެން ކުއްލިއަކަށް ފެނުނީ އޭނާގެ ބައްޕަ އެތަނަށް އައިތަނެވެ. އެހިސާބުން ފޯނު ރިންގުވާން ފެށިއަޑަށް ޝިއުނާއަށް ހޭލެވުނެވެ.
ފޯނުކުރީ އަޒީމާއެވެ. ޝިއުނާއަށް މާނޭވާލެވެނީ ކީއްވެގެންތޯ އޭނާ އަހާލިއެވެ. އެއްކަލަ ހުވަފެން ފެނުނީ ކަމުގައި ޝިއުނާ ބުނެދިނެވެ. އަދި ކުރިން ފެނުނު ހުވަފެނާއި މަންމަގެ ޑައިރީއިން އޭނާއަށް އިނގުނު އެއްޗެތީގެ ވާހަކަ އެންމެފަހުން އަޒީމާއަށް ކިޔައިދިނެވެ.
"އަސްލު ވަރަށް ބޮޑު ވާހަކައެއް އަހަރުމެން ޝިއުއަށް ސިއްރުކޮށްގެން މިތިބެނީ" ހުރިހާ ވާހަކައެއް އަޑުއަހާފައި އަޒީމާ ބުނެލިއެވެ. އަދި މިއީ ހަގީގަތެއްކަމެއް ނޭނގެޔޭ އެކަމަކު އޭނާއަށް ޒުހުދާ ކިޔައިދިން ވާހަކައެކޭ ކިޔާފައި އެހުރިހާއެއްޗެއް އަޒީމާ ކިޔައިދިނެވެ.
ފޯނު ނިންމާލިއިރު ޝިއުނާ ތުރުތުރު އަޅަން ފަށައިފިއެވެ. އޭނާގެ ބައްޕަ ހަމަ އެފަދަކަމެއް ކޮށްފާނެ ހެއްޔެވެ؟
-- ނުނިމޭ --