12 Oct 2024

ފޯނު ނިންމާލިއިރު ޝިއުނާ ތުރުތުރު އަޅަން ފަށައިފިއެވެ. އޭނާގެ ބައްޕަ ހަމަ އެފަދަ ކަމެއް ކޮށްފާނެ ހެއްޔެވެ؟

ޝިއުނާ ކޮޓަރިން ނުކުމެގެން އައިއިރު އޭނާގެ މަންމަ ޓީވީ ބަލަން އިނެވެ.އޭނާ ހުރިގޮތް ފެނިފައި ދަރިފުޅާ ކިހިނެތްވީހޭ ހުސްނާއަށް އަހާލެވުނެވެ. ހަމަ އެޔާއިއެކު ޝިއުނާއަށް ރޮއެގަނެވުނެވެ. ވަރަށް އެހެންކަހަލަ ވާހަކައެއް އަޑު އިވިއްޖެޔޭ ކިޔާފައި އެވާހަކަ ކިޔައިދިނެވެ.

"ސުބުހާނަﷲ! ތީ ކާކު ދެއްކި ވާހަކައެއް؟" ހުސްނާއަށް ބުނެލެވުނެވެ. ޝިއުނާ ގެނެސް އޭނާގެ ކައިރީގައި ބައިންދާފައި ތިއީ ދޮގުވާހަކައޭ މަންމައަށް ހަމަ ޔަގީނޭ ބުނެލިއެވެ. އެވަގުތު ޝިއުނާގެ އަތުގައި އޮތް ޑައިރީ ދައްކާލިއެވެ. އަދި އެއިން ވަރަށް ގިނަ އެއްޗެތި އިނގިއްޖެ ކަމުގައި ބުނެލިއެވެ. އެފޮތުގެ ބޭރުގައި ފަރީޝާގެ ނަން ޖަހާފައި އޮތްތަން ހުސްނާއަށް ފެނުނެވެ.

އެވަގުތު ޝަހުދު އެތަނަށް އައީމާ ޝިއުނާ އަވަސް އަވަހަށް ލޯފޮހެލިއެވެ. އަދި ސޯފާގައިވާ ކުޝަންގެ ދަށަށް އެފޮތް ލާ ފޮރުވިއެވެ. ޝަހުދު ބަނޑުހައިވެއްޖެޔޭ ބުނުމުން ހުސްނާ ތެދުވެގެން ބަދިގެއާއި ދިމާލަށް ދިޔައެވެ. އޭނާއަށް ކާން ހަދައިދީފައި ހުސްނާ ދިޔައީ ކޮޓަރިއަށެވެ. އޭރު ޝިއުނާ ޓީވީ ހުޅުވައިގެން އިނެވެ.

ހުސްނާ އަވަހަށް ހަނީފުއަށް ގުޅާފައި ވެގެން އުޅޭގޮތް ކިޔައިދިނެވެ. ޝިއުނާ އަތުގައި އޮތީ ފިޔާތޮށި ކުލައިގެ މޮނީޓަރު ފޮތެއްތޯ ހަނީފު ސުވާލުކުރިއެވެ. ހުސްނާ އާނއެކޭ ބުނުމުން އެހެންވިއްޔާ އެއީ ފަރީޝާ ލިޔަން ގެންގުޅުނު ފޮތޭ ހަނީފު ބުނެލިއެވެ.

"މަށަށް ފެންނަނީ ދެން އޭނާއަށް ތެދަށް ކިޔައިދޭން... އެވަރުގެ ބޮޑު އިލްޒާމެއް ހަނީފުގެ ބޮލުގައި އަޅައިގެން އުޅޭނީ ކިހިނެތް؟" ހުސްނާ ބުނެލިއެވެ.

"އެއީ އަސްލު އިބްރާހިމްބެ ކިޔާފައި ހުރި އެއްޗެތި މީހުންކައިރީ" ހަނީފު ބުނެލިއެވެ.

ހަނީފު ފޯނު ބޭއްވީ ގެއަށް މިދަނީ ކަމުގައި ބުނަމުންނެވެ. ހުސްނާ އަނީސާއަށް ގުޅާފައި އެވާހަކަ ދެއްކިއެވެ. ދެން އެންމެ ރަނގަޅުވާނީ ޝިއުނާއަށް ތެދަށް ކިޔައިދިނިއްޔާ ކަމަށް އަނީސާވެސް ބުންޏެވެ.

ހުސްނާ ނުކުތްއިރުވެސް ޝިއުނާ ޓީވީ ދޮށުގައި އިނެވެ. އޭނާ އިނީ 'ފުރެންޑްސް' ސީރީޒް ބަލާށެވެ. އޭގައި ދައްކާ ކޮންމެވެސް ވާހަކަ އަކަށް ހިނިއައިސްފައެވެ. އޭނާ ގޮސް ޝިއުނާ ކައިރީގައި އިށީނެވެ. މާ ގިނައިރެއްވަނީސް ޝަހުދު އައިސް ފަތިހު ގޮވައްޗޭ ބުނެފައި ނިދަން ދިޔައީއެވެ. އޭރު ހުސްނާ އިނީ ވަރަށް ކަންބޮޑުވެފައެވެ. ހަނީފު އައިސްފައި ބުނާނީ ކީކޭ ހިތަށް އަރާފައެވެ. ހަގީގަތް އިނގުމުން ޝިއުނާއަށް ވާނީ ކިހިނެތްބާވައެވެ؟

ހަނީފު ގެއަށްއައީ އެދެމީހުން ޓީވީއަށް ގެއްލިފައި ތިބޭތާ އިރުކޮޅެއްވީ ފަހުންނެވެ. އޭނާ ވަދެގެން އައިއިރުވެސް އޭނާގެ ދަރިފުޅުކައިރީ ބުނާނީ ކީކޭކަމެއް ނުވިސްނެއެވެ. އޭނާގެ ދައްތަވެސް ގުޅާފައި ތެދަށް ކިޔައިދޭށޭ ބުނެފިއެވެ. އެކަމަކުވެސް ހަނީފު ޖެހިލުންވަނީއެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އެހަޤީޤަތާއި ކުރިމަތި ލާހާ ހިތްވަރެއް އޭނާގެ ދަރިފުޅުގެ ކިބަޔަކު އަދި ނެތްކަމެވެ.

"ބައްޕާ!" ހަނީފު ފެނުމުން ޝިއުނާ ފެންކަޅިވިއެވެ. އެވާހަކަ ބުނެދިން އިރު އޭނާއަށް ރޮވިއްޖެއެވެ. ލޯފޮހެލަމުން ކުޝަންގެ ދަށުން އެފޮތްނަގާފައި އޭނާގެ ބައްޕައަށް ދައްކާލިއެވެ.

"ދަރިފުޅު ކޮންތާކުން މި ފޮތް ހޯދީ؟" ހަނީފު އެފޮތުގައި ހިފަމުން ޝިއުނާކައިރީ އިށީނެވެ.

"މަންމަގެ އެއްޗެތި ތަކުގެ ތެރެއިން....." ޝިއުނާއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.

"ދަރިފުޅު ކައިރީ ބައްޕަ ކުރިންވެސް ބުނީމެއްނު ކާފަ މީހުންކައިރީ އެހެންކިޔާ ވާހަކަ!" ހަނީފު އޭނާގެ ދަރިފުޅު ކައިރިކޮށްލަމުން ޝިއުނާކައިރީ އެވާހަކަ ދެއްކީ ކާކުތޯ އަހާލިއެވެ.

"އަޅުގަނޑަށް މިހާރު ހަމަ ޔަގީން ކޮންމެވެސް ކަންތައްގަނޑެއް ހިނގާފައި ކަންއޮތީ.. އެހެންވެ ބައްޕަ އަޅުގަނޑު ކާފަ ކައިރިއަށް ދިޔަޔަ ނުދޭން އުޅުއްވީ" އެސުވާލަށް ޖަވާބު ނުދީ ޝިއުނާ ވާހަކަ ދެއްކިއެވެ.

"ދަރިފުޅު މިފޮތް ކިޔައިފިއްޔާ އިނގޭނެ ކީއްވެގެންކަން ބައްޕަ ނުފޮނުވާން އުޅުނީ" ހަނީފު ބުނެލިއެވެ.

އެޔާއިއެކު ޝިއުނާ ބޯޖަހާލިއެވެ. އަނެއްކާވެސް އޭނާގެ މަންމަ މިދުނިޔެ ދޫކުރީ ކޮންއިރަކު ކިހިނެތްވެފަތޯ ސުވާލުކުރިއެވެ.އަދި ޑައިރީގައި އޭނާގެ މަންމަ އެންމެ ފަހުން ލިޔެފައި އޮތްތަން ދައްކާލާފައި މިއޮތީ މަންމަ ލިޔަން އިންދަ ކޮންމެވެސް މީހަކު ގަލަން ދަމައިގަނެފަ ކަންނޭގެއޭ ބުނެލިއެވެ.

"އެހެންވީމާ އަޅުގަނޑުގެ ހިތަށް މިއެރީ މަންމަ މަރާލީއޭ މީހަކު" ޝިއުނާ ވާހަކަ ދެއްކިއެވެ. "ބައްޕަ ނޫނިއްޔާ އެ އުބޭދު؟"

ޑައިރީގައި އެންމެ ފަހުންލިޔެފައިވާ ތަނުގައި ގަލަމުން އެޅިފައިވާ ކޫރަށް އިޝާރާތް ކުރަމުން މަންމަ ލިޔަން އިންދާ އައިސް މަރާލީ ކަންނޭގެއޭ ޝިއުނާ ބުނެލިއެވެ.

"ތިވެފައި އޮތް ގޮތެއް ބައްޕައަކަށް ނޭނގެ..އެކަމަކު އެދުވަހު ދެން ކަންހިނގާ ދިޔަގޮތް ބައްޕަ ކިޔައިދީފާނަން!" ފުންނޭވާއެއް ދޫކޮށްލަމުން ހަނީފު ބުނެލިއެވެ. އަދި އެވާހަކަ ތެދަށް ކިޔައިދޭން ފެށިއެވެ.

"މަންމަ އެއްބަސްވި ބައްޕައަށް ދަރިފުޅުދޭން.. އެކަމަކު އެވަގުތު ކާފަ އައިސް ހަމަ މިހާރު ނުކުންނާށޭ ކިޔާފައި ބައްޕަ އެގެއިން ނެރުނީ! ކާފަ ހުރީ ދަރިފުޅު ދޭގޮތަކަށް ނޫން..... އެރޭ އަލީ ރަޝީދު ބައްޕައާއި އަދިވެސް އެގޭ ދޮށު އެހެންމީހަކާ ތިންމީހުން ގޭތެރޭގައި ވާހަކަ ދައްކަން ތިއްބާ މީހަކު އައިސް އެހިސާބުން ކުޑަކުއްޖަކު ވަރަށް ބާރަށް ރޯއަޑު އެބައިވެޔޭ ބުނީމާ ބައްޕަމެން ދިޔައީ..... ދަރިފުޅަށް އަބަދު ތި ފެންނަނީނު ހުވަފެނެއް... އަލިފާން ރޯކޮށްގެން އުޅޭތަން.. އެއީ ވީކަމެއް" އެހިސާބުން ހަނީފު އެހެންބުނެލާފައި އިރުކޮޅަކު މަޑުކޮށްލިއެވެ.

"ބައްޕައަށް އެހިސާބަށް ދެވުނު އިރު ދަރިފުޅު އޮތީ ނިކަގަސްދޮށުގައި ކުނަލެއްގެ މަތީގައި ބާއްވާފަ.. ވަށައިގެން ވަށް ބުރަކަށް ރޯކޮށްފައި ހުރި ދަނޑިތަކެއް ޖަހާފައި ހުރި... ވަށް ބުރުން ބޭރުގައި ދަރިފުޅާއި ދިމާލަށް ބަލަހައްޓައިގެން މަންމަހުރި... ކާފައަށް ބައްޕަ ފެނިގެން އެތަނަށް ކައިރިވިޔަ ނުދޭންވެގެން އުޅުނީ.. ކާފަ ބައްޕަގެ ގައިގަ ހިފޭއްޓީމާ ކޮށްޕާ ވައްޓާލާފައި ބައްޕަ ދިޔައީ.. އޭރުވެސް ދަރިފުޅު ހަމަ ބާރަށް ރޮނީ.. ބައްޕަ އެދިޔަގޮތަށް ގޮސް ދަރިފުޅު ނެނގީ..ނަގައިގެން ދުއްވައިގަތީ.. އެވަގުތު މަންމަ ވަރަށް ބާރަށް ހަޅޭއްލަވަން ފެށި..."

ހަނީފުގެ ވާހަަކަ އެހިސާބަށް ދިޔައިރު ޝިއުނާގެ ގައިން ހީބިހި ނަގައިފިއެވެ. އޭނާއަށް ފެންނަ ހުވަފެނުގެ މަންޒަރުތައް ފެންނަންފެށިއެވެ.

"ބައްޕަ އުރާލީމާ ދަރިފުޅު ހުއްޓާލި.. ބައްޕައަށް ދުވަމުން ދުވަމުން ގޮސް ނުކުމެވުނީ އަތިރިމައްޗަށް.. އޭއީ ދަންވަރު.. އަތިރިމަތީގައިވެސް އެއްވެސް މީހަކު ފެންނާކަށް ނެތް.. އިރުކޮޅެއް ނުވަނީސް އަލީ ރަޝީދުގެ ބައްޕަމެން އައިސް ކިޔައިފި އަވަހަށް ރަށުން ފައިބާށޭ.. އެހެން ބުނެފައި ބޮއްކުރައެއް ކައިރިކުރީމާ އެއަށް އެރީ.. އޭރު ދަރިފުޅު އޮތީ ނިދާފާ... ބައްޕަ ދަރިފުޅު ގޮވައިގެން ގޮސް އެރީ އެރަށުގެ ފަޅުތޭޭރޭގައި އޮތް ހުވަދޫ އޮޑިއަށް"

ހަނީފު އެވާހަކަ ކިޔައިދެމުން ދިޔައިރު އެރޭގެ އެމަންޒަރުތައް ހިތަށް ސިފަވަމުން ދިޔައެވެ. ގަސްތަކުތެރެއިން އޮފިކޮޅު ކޮޅު މުގުރަމުން އޭނާގެ ފަހަތުން އެއްޗެއް އައިކަމެވެ. އޮޑިއަށް އެރީމާ މުޅި އޮޑިކައިރީގައި ރާޅު ބޮޑުވެ، ރެދަންލާން ފެށިގޮތެވެ. އެންމެފަހުން އެއޮޑީގައި ހުރި މުސްކުޅި މީހަކު އެއްޗެއް ކިޔަވާފައި ފަށަނަށް ކޮށާވަޅިއެއް ޖެހުމުން އެކަންތައް ގަނޑު މައިތިރިވީއެެެވެ.

"ދެން ދަރިފުޅު ގޮވައިގެން އަނެއްދުވަހު ބައްޕަ މާލެއައީ... މާލެއަށް ލެފުނު އިރު ބައްޕަ ހުރީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާ ހުންއައިސްފަ...."

ހަނީފު އެވާހަކަތައް ކިޔައިދޭން އިންދާ އޭނާގެ ދައްތަ އަނީސާއައެވެ. އޭނާވެސް ގޮނޑީގައި އިށީނދެ ހަނުހިމޭންކަމާއި އެކު ވާހަކަތައް އަޑުއަހަން އިނީއެވެ.

"އެއީ ތެދެއް!" އެހިސާބުން އަނީސާ ވާހަކަ ދެއްކިއެވެ. އަދި ބައްޕަ ގެއާއި ހަމައަށް އައީ ހިތްވަރަށޭ ބުނެފައި އަނީސާ ކިޔައިދޭން ފެށިއެވެ. އަނީސާ އަތަށް ޝިއުނާ ދީފައި ބައްޕަ ވަދެ ބޮޑު އުނދޯލި މައްޗަށް ވެއްޓުނީ ކަމަށެވެ. އެއި ހުންގަނޑު ރަނގަޅު ނުވެގެން އެތައް ދުވަހަކު ހޮސްޕިޓަލުގައި ބޭއްވި ވާހަކައެވެ.

"އެހެންވީމާ މަންމަ މަރާލީ އެޖިންނިދޯ؟" ޝިއުނާ ބުނެލިއެވެ.

އެޔާއިއެކު އެތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭން ކަމެވެ. އަނީސާ އެއްޗެއް ބުނަން އުޅެފައި މަޑުކޮށްލިއެވެ. ހަނީފުއާއި ދިމާލަށް ބަލައިލާފައި އިޝާރާތެއްކޮށްލިއެވެ.

"ދަރިފުޅުގެ މަންމަ.... އަދި މަރެއްނުވޭ... އެބަހުރި ދުނިޔާގައި!" އެންމެފަހުން ހަނީފު ބުނެދިނެވެ.

ޝިއުނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ގަބޫލެއް ނުކުރެވުނެވެ. އެހެންނުވާނެއޭ ބުނެވުނެވެ. އެހިސާބުން އޭނާގެ ބޮޑުދައިތަވެސް ވަރަށް ދެރަވެލާފައި އެއީ ތެދެކޭ ބުނެލިއެވެ.

"ދެން މަންމަ ކޮބާ؟ ކޮންތާކުވީ؟"

ހަނީފު އޭނާގެ ދަރިފުޅުގެ އަތުގައި ހިފާލިއެވެ. "ދަރިފުޅާ މަންމަ ދުނިޔޭގައި ހުއްޓަސް އެއީ ނެތް މީހެއް.. ހަމަ ދިރިހުރި މަސްގަނޑެއް އެކަނި!" ޝިއުނާއަށް ފެނުނީ އޭނާގެ ބައްޕަގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިތަނެވެ.

***

އެރޭވެސް ކައިނިމިގެން ޒިލާލު ނުކުތީ އަތިރިމައްޗަށެވެ. ފަތްޖެހި އެނދުގައި އޮށޯވެލާފައި އުޑުމައްޗަށް ނަޒަރު ހިންގާލިއެވެ. އެކި ތަންތަންކޮޅުގައި އެއްވެފައިވާ ވިލާތައް ފިޔަޖަހަމުންދާ ތަރިތައް ފަރުދާކޮށްފައިވެއެވެ. އޭނާ މިރަށުގައި ހޭދަކުރި ދުވަސްތައްވެސް ނިމުމަކަށް އައީއެވެ. މިތިން ދުވަހު އޭނާއަށް އެކަނި އިނދެ ވިސްނާނެ ވަގުތު ކިތަންމެ ވަރަކަށްވެސް ލިބުނެވެ. އެހެންނަމަވެސް އޭނާއަކަށް ގޮތެއް ނިންމޭވަރެއް ނުވިއެވެ. ޝިއުނާ ހަނދާން ނައްތައެއްނުލެވުނެވެ.

ޝިއުނާ ގުޅީ ޒިލާލު އެހެން އޮއްވައެވެ.

"ޒިލާ! ޝިއުގެމަންމަ... އަސްލު މަންމަ.. މަރެއްނުވޭ!.." އެހެންބުނެފައި ޝިއުނާ ފެށީ ރޯށެވެ.

ޒިލާލުއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކީކޭ ހެއްޔޭ އަހާލެވުނެވެ.

ޝިއުނާއަކަށް ވާހަކައެއް ނުދެއްކުނެވެ. ވަަރަށް މަސައްކަތުން މަންމަ އަދިވެސް ދުނިޔޭގައި އެބަހުއްޓޭ ބުނެލިއެވެ. ހަމަ އެޔާއެކު އިހަށްވުރެވެސް ބޮޑަށް ރޮއެގަނެވުނެވެ.

"ޝިއު! އޭ! ނުރޮއެ.. ހުއްޓާލަބަލަ... ހުއްޓާލާފައި ވާހަކަ ދައްކަބަލަ! .... ޝިއު!، ޕުލީޒް!... ޒިލާ ވަރަށް ދެރަވޭ ޝިއު ރޯއަޑު އިވުނީމަ". ޒިލާލު ބުނެލިއެވެ.

އެހިނދު ޝިއުނާގެ ރުއިމުގެ އަޑު ކެނޑުނެވެ. "ދެރަވެޔޭ؟ ކީއްވެ ޒިލާ ދެރަވާންވީ؟" ކުއްލިއަަކަށް ޝިއުނާގެ ރާގު ބަދަލުވިއެވެ. "ދެރަވާނަމަ، އަހަރެން މަތިން ހަނދާންވާ ނަމަ އެޓް ލީސްޓު ހާލު ބަލައިލަން ނަމަވެސް މެސެޖެއްވެސް ކޮށްލީސް ދޯ..." އެއަޑުގައި އެކުލެވުގެންވީ މޮޅިވެރިކަމުގެ އަސަރު ނުރުހުމަށް ބަދަލުވާކަށް ފަޅި ސިކުންތެއްވެސް ނުނެގިއެވެ.

"ނޫން!... ޝިއު މަތިން ވަރަށް ހަނދާންވޭ... ގުޅަންވެސް މެސެޖް ކުރަންވެސް ބޭނުންވޭ އެކަމުވެސް ހަމަ ނުކެރެނީ" އޭނާ އަވަސް އަވަހަށް ބުނެލިއެވެ.

"ގަބޫލެއް ނުކުރާނަން...!" ޝިއުނާ އެހެން ބުނިއިރު އޭނާ އަނެއްކާވެސް ދެރަވެއްޖެއެވެ. "ވަރަށް ބޮޑަށް ސޮރީ ޒިލާއަށް އުނދަގޫ ކުރެވުނީތީ.. މަންމަގެ ކަންތަކުގައި އެންމެ ކުލޯޒުކޮށް ވާހަކަ ދެއްކިފައި ހުރީމަ އަސްލު ގުޅާލެވުނީ.. އެކަމު ޒިލާ އަހަރެން އެހާ ކުލޯޒްކޮށެއް ނުދެކޭ.. އެހެންވެތާ ޝިއު ބައްޕައޭ ކިޔާފައި އެމީހާ ދެއްކި ވާހަކަވެސް ޝެއަރ ނުކުރީ!" އެހެންބުނެފައި ޝިއުނާ ފޯނު ކަނޑާލީއެވެ.

ޒިލާލު ގުޅިއެވެ. ޝިއުނާ ފޯނު ނަނގާކަށް ބޭނުމެއްނުވިއެވެ. ބިޒީ ކޮށްލާފައި ސައިލެންޓަށްލީއެވެ. ޒިލާލުއާއި ވާހަކަ ދައްކަން އުޅުނީމާ އޭނާއަށް ވީ އިތުރު ވޭނަކަށެވެ. އޭނާ އެހެން އޮވެގެން އެތައް އިރެއް ވަންދެން ރުޔެވެ. އެންމެފަހުން ކުޑަކޮށް ހަމައަކަށް އެޅިލާފައި އަޒީމާއަށް ގުޅަންވެގެން ފޯނު ނެގިއިރު ވަޓްސް އަޕް މެސެޖެއް އައިސްފައި އޮތެވެ. ޒިލާލު އޮތީ ވަރަށް ދިގުކޮށް ލިޔެފައެވެ. ޝިއުނާ އަޅައިގަތީ އެންމެ ތިރީގައިވާ ރަތް ކުލައިގެ ހިތުގައެވެ. ދެން އޭގެ ކުރިން ލިޔެފައިވާ އިބާރާތުގައެވެ.

"އައި ލަވް ޔޫ ޝިއު!" އޭނާ ނިންމާލާފައި އޮތީ އެހެންނެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular