21 Apr 2018

ވަންހަނާ

* އޭޕްރީލް 17 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

މީހަކު އައިސް ދޮރުމަތީ ހުއްޓުހެން ހީވެ އަޒްރާ ފަސްއެނބުރި ބަލާލިއެވެ. އެމީހަކު ފެނި އޭނާގެ ދެލޯ ހިސާބަކަށް ބޮޑުކޮށްލެވުނެވެ. އަވަސް އަވަހަށް އަލީނާއަށް ބަލާލިއިރު އަލީނާ އިސްޖަހައިގެން އެ އިންގޮތަށް އިނެވެ.

"ފުރަންދާންވެގެން" އަނަސްގެ އަޑަށް އަލީނާ ބަލާލިއެވެ. ތެދުވެ ދުރަށް ޖެހިލުމުން ފޮއްޓާއި އަނަސް ހަވާލުވިއެވެ. އަދި އަޒްރާ އާއި ދިމާލަށް ބަލާލާފައި ސަލާމްކުރުމަށް އަތްދީ ހިތްހެޔޮ ކުރާށޭ ބުނެލިއެވެ. އަޒްރާ ގަދަކަމުން ހިނިތުންވެލިއެވެ. އެމީހުން އެހެން ތިއްބާ އަލީނާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ގޭތެރޭގައި ތިބި ސުހެއިލްބޭގެ ކުދިންނާއި އޭނާ ސަލާމްކޮށް ބައްދާލިއެވެ.

ފޮށި ހިފައިގެން ނިކުން އަނަސް ފެނި އަލީނާ މޫނުމަތި ރަނގަޅަށް ފޮހެލިއެވެ. ބޭރު ޖޯލިފަތީގައި އަނަސްގެ ބައްޕަ އާއި ވާހަކަ ދައްކަން އިން ސުހެއިލް އާއި އަނަސް ސަލާމްކުރިއެވެ. އޭނާގެ މޫނުމަތިން އުފާވެރިކަން ފެނެއެވެ. އަލީނާ ހުރީ މިލާ މޯޅިވެފައިވާ މަލެއް ފަދައިން އެއްވެސް މީހެއްގެ މޫނަކަށް ނުބަލައެވެ. އަނަސް ހިނގައިގަތުމުން ސުހެއިލް އަތް ދިނީ އަލީނާއަށެވެ. އަލީނާ އެއަތަށް އެއްފަހަރު އަނެއްފަހަރު ސުހެއިލްބެއަށް ބަލާލިއެވެ. މަޑުމަޑުން އެ އަތުގައި އަތް ޖައްސާލިއެވެ. ހިތްހެޔޮކުރާށޭ ބުނަން ހިތަށް އެރިއެވެ. އެކަމަކު ދޫ ހަރަކާތެއް ނުކުރިއެވެ. އެމީހުންގެ ހިތް އޭނާގެ މައްޗަށް ހެޔޮނޫންކަން ޤަބޫލުކުރެވޭތީކަމަށް ވެދާނެއެވެ.

***

ހަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު އަމާން ދުވެލީގައި އައިސް މާލޭގެ ފަޅަށްވަން ލޯންޗުން އެންމެ ފުރަތަމަ ނިކުތީ އަނަސްގެ މައިންބަފައިންނެވެ. އެމީހުންގެ ފަހަތުން ނުސްރާ ނިކުތެވެ. އަލީނާ ގުޑިލީ އަނަސް އައިސް ބުނުމުންނެވެ. އޭނާއަށް އެހީތެރިވުމުގެ ގޮތުން އަނަސް އޭނާގެ އަތުގައި ހިފަން އުޅުނެވެ. އަލީނާ އެކަން މަނާކޮށްފައި އެކަނި ލޯންޗުން ފޭބިއެވެ.

ރޭގަނޑު އަނދިރިވި ނަމަވެސް މާލޭގެ މަގުތައް ދުވާލު ފަދައިން ވަނީ ދިއްލާފައެވެ. އަނެއްކޮޅުން ދުއްވާއެއްޗެހީގެ އައްޔާއި އަޑުން މިއީ ރޭގަނޑުހެން ހިއެއް ނުވެއެވެ.

މާލޭގެ ހަލަބޮލިމަގުތަކަށް މާބޮޑު ސަމާލުކަމެއް ނުދެވި އުޅެނިކޮށް އައިސްމަޑުކުރީ ކަޅުކުލައިގެ ކާރެކެވެ. އެއަށް ޝަމްލާ އާއި އަލީނާ އަދި ނުސްރާ އަރުވާފައި ގެއަށް ފޮނުވާލިއެވެ. ކާރު އައިސް މަޑުކުރީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ބޮޑު އިމާރާތެއްގެ ކުރިމަތީގައެވެ. ކާރުން ފައިބަން ބުނެފައި ޝަމްލާ ނިކުމެ ކާރު ޑްރައިވަރަށް ފޮށިތައް އެތެރެ ކޮށްދިނުމަށް އެދުނެވެ. އަލީނާ ގޮވައިގެން ހިނގައިގަންނަމުން ދަތުރު ވަރުބަލިތޯ އެހިއެވެ. އަލީނާ ބޯޖަހާލާފައި ނިންމައިލީ އިތުރު ސުވާލެއް ކުރުމުގެ ފުރުޞަތުނުދޭންވެގެންނެވެ.

ބޯގަންވިލާ ގަހެއް އަރުވާފައި އޮތް ބޮޑު ދޮރާށީ ހުޅުވާލާފައި ވަން ޝަމްލާގެ ފަހަތުން އަލީނާ ވަނެވެ. ދޮރާއްޓާއި ގެއާއި ދެމެދު މާބޮޑު ހުސްޖާގައެއް ނެތް ނަމަވެސް އޮތް ކުޑަތަންކޮޅުގައި މުށިތަކުގައި އެކި ވައްތަރުގެ ގަސްހައްދާފައި ހުއްޓެވެ. ޝަމްލާ ވަންނަން ދިމާކުރި ގެއާއި ވަކިން ހުރި ކޮޓަރިއަށް އަލީނާއަށް ބަލާލެވުނެވެ. އެކޮޓަރިން ނިކުމެގެން އައި ޒުވާން ފިރިހެންކުއްޖާއަށް އަލީނާގެ ސަމާލުކަން ހުއްޓުނެވެ. މޫނުމަތިން ފެންނަ ވައްތަރެއް ޖެހި ނަމަވެސް އެއީ ކާކުކަން އޭނާގެ ސިކުނޑިއަކަށް ނައެވެ. އޭނާވެސް އަލީނާގެ މޫނަށް ބަލާލުމެއް ނެތި ނިކުމެގެން ދިޔައީ ބީރައްޓެއްސެއް ފަދައިންނެވެ. ދެން ފެނުނީ ޑްރައިވަރާއި ދެމީހުންވެގެން ފޮށިތައް އެތެރެކުރަން ފެށިތަނެވެ.

ގޭތެރެއަށް ވަދެވުމުން އަލީނާ ކޮންމެ ތަނަކަށް ވަކިވަކިން ބަލާލިއެވެ. ސިޓިންރޫމްގައި ވަށައިގެން ހުރި ސޯފާތަކާއި ފާރުގެ ކުލަ ވަނީ ގުޅުވާލާފައެވެ. އެންމެ ތިރީގައި ކައްކާބަޔާއި ސައިމޭޒެއް ހުއްޓެވެ. ފުޅާކޮށްހުރި ސިޑިން އަރައި ބަލާލުމުން އޭނާއަށް ފެނުނީ ހަތަރު ކޮޓަރިއެވެ. ނުސްރާގެ ކޮޓަރި ހުރީ އެންމެ ދުރުގައެވެ. އެއީ ނުސްރާގެ ކޮޓަރިކަން އޭނާއަށް އެނގުނީ އެމީހުންގެ ފަހަތުން އައި ނުސްރާ ގޮސް އެތަނަށް ވަނީމައެވެ. އެންމެ ފުރަތަމަ ހުރީ ޝަމްލާމެންގެ ކޮޓަރިއެވެ. ދެން ހުރީ އަލީނާއަށް ދެއްކި ކޮޓަރިއެވެ. އަދި އެއްކޮޓަރި ހުއްޓެވެ.

އަލީނާ ކޮޓަރިއަށް ވަންނަން އުޅެނިކޮށް އެ ކޮޓަރީގެ ދޮރު ހުޅުވޭތަން ފެނުނެވެ. ދެތިން މަހުގެ ތުއްތު ކުއްޖެއް އުރާލައިގެން ހުރި އަންހެނަކު ބޯދިއްކޮށްލާފައި ބަލާލިއެވެ. އަލީނާއަށް ހިނިތުންވެ ނުލެވި އުޅެނިކޮށް އެހާމެ ބާރަށް އެކޮޓަރީގެ ދޮރު ލައްޕާލައިފިއެވެ.

ކޮޓަރިއަށް ވަނުމުން ފެނުނީ އަނަސްގެ ހައިބަތެވެ. ޒަމާނީތަކެތިން ޖަރީކޮށްފައިވަނީ އެންމެ ފުރިހަމައަށެވެ. ޖާގައިގެ އެއްވެސް ދަތިކަމެއް ނެތް އެކޮޓަރީގައި ހުރި ފާހާނާވެސް އެހާ ބޮޑެވެ. ހުދު ސަންގުމަރުމަރު ބިލިގާ ފެނި އަލީނާ އޭގެތެރެއަށް އެރިގެން އޮންނަން ބޭނުންވިއެވެ.

އެނދުމަތީ އިށީދެ އިންދާ ފެނުނީ އަނަސް އައިސް އެކޮޓަރިއަށް ވަންތަނެވެ. ކުޑަ ވަގުތުކޮޅަކަށް ލިބިގެން ދިޔަ ހިތްހަމަޖެހުން ފިލައިގެން ދިޔައެވެ. ކޮޓަރީގެ ދޮރު ލައްޕާ ތަޅުލި އަޑު އަހާފައި އަލީނާއަށް ބާރުކޮށްލެވުނީ ދެއަތަށެވެ. އޭނާގެ މުށުތެރޭ ބެޑްޝީޓް ބޮނޑިކޮށްލެވުނެވެ. އިސްޖަހައިގެން އިންދާ އޭނާގެ ކުރިމަތީ އައިސް އަނަސް ހުއްޓުނުކަން އެނގުނެވެ. ކުއްލިއަކަށް އޭނާގެ އަތުގައި ހިފާ ނެގީ ކޮޅަށެވެ.

"ފިރިމީހާ އައިސް ވަނުމުން ރުޅި މޫނު ދައްކައިގެން އިންނާނީ ކިޔަމަންތެރިކަން ނެތް އަނބިން" އަލީނާގެ ދަތްދޮޅީގައި ހިފާ މަޑުމަޑުން އުފުލާލަމުން އަނަސް ވާހަކަ ދެއްކިއެވެ. އަލީނާ މަޑުމަޑުން އަނަސްގެ މޫނަށް ބަލާލިއެވެ. އަނަސްގެ ދެލޯ ފެނި އޭނާގެ ހިތްބިރުގަތެވެ. އެ ދެލޮލުން އޭނާ ފެނި މަސްތުވެފައިވާވަރު އެނގެއެވެ. އޭނާއަށް ބޭނުންވެފައިވާކަން އެނގެއެވެ. އަނަސްގެ އަތް އަލީނާގެ ބުރަކަށީގައި ފިރުމާލިއެވެ. މަޑުމަޑުން އަތް މައްޗަށް ގެންދަމުން ގޮސް ބޮލުގެ ހުޅިއާއި ހަމަޔަށް ގެންދިޔައެވެ. ވޫލްނައްޓާލާ އިސްތަށިގަނޑަށް މިނިވަންކަން ދިނެވެ. އެކަމަކު އޭނާގެ ހަށިގަނޑު ދިޔައީ އަނަސްގެ އަތުތެރޭ ހައްޔަރުވަމުންނެވެ. އޭނާގެ މޫނުގައި އަނަސްގެ މޫނު ޖައްސާލިއެވެ. ހޫނު ނޭވާއެޅެމުން ދިޔައެވެ.

"ދިގު ދަތުރަކަށްފަހު އަހަރެން މިހުރީ ފެންވަރަން ނިކަން ބޭނުންވެފައި، އެކަމަކު އޭގެކުރިން އަހަރެންގެ އަންހެނުންގެ ހޫނުކަން ލިބިގަންނަން ބޭނުން،" އަލީނާގެ ދެކޮނޑުގައި ހިފާ ކުއްލިއަކަށް އެނދުމައްޗަށް ކޮއްޕާލިއެވެ. ގަމީސް ހަށިގަނޑާއި ވަކިކޮށްލަމުން އަނަސް ކައިރިވަމުން ދިޔަތަން ފެނި އަލީނާ ދެލޯ މަރާބާރުކޮށްލިއެވެ.

***

އަނަސް ތެދުވެ ފާހާނާއަށް ހިނގައިގަތެވެ. އަލީނާ މަޑުމަޑުން ތެދުވެވޭތޯ ބެލިއެވެ. އޭނާއަށް ގުޑިލާނެ ހިތްވަރެއް ނުލިބުނެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ގަދަކަމުންނެވެ. އަރިއަކަށް ޖެހިލައި ދެލޯ މަރާލުމުން ލޮލުން އޮހިގަތީ މިއޮއްހުރިހާއިރު ހިފަހައްޓާލައިގެން އޮތް ކަރުނަތަކެވެ.

މާގަނޑު ދޫކޮށްލައިގެން ހުރެ އަނަސް ފެންވަރަމުން ދިޔަ އަޑު އަލީނާގެ ކަންފަތާއި ހަމަޔަށް ފޯރައެވެ. ތާޒާކަން ގެއްލިފައިވާ އޭނާގެ ހަށިގަނޑުވެސް ބޭނުންވަނީ ފެންވަރައި ތާހިރުވުމަށެވެ. ތެދުވާނެ ހިތްވަރު ނެތިފައި އޮއްވާ އަނަސް ފާހާނާއިން ނިކުތެވެ. އަލަމާރިން ސޯޓަކާއި ޓީޝާރޓެއް ނަގައި ލައިގެން އަވަސްއަވަހަށް ކޮޓަރިން ނިކުތެވެ.

ހެނދުނު އަލީނާއަށް ހޭލެވުނުއިރު އެނދުގައި އޮވެވުނީ އެކަންޏެވެ. އަނަސް ރޭގައި ދިޔަފަހުން ތެދުވެ ފެންވަރާލައިގެން ޖައްސާލިތާ ކުޑަ ވަގުތުކޮޅެއްގެތެރޭ ނިދުނެވެ. އޭގެފަހުން އަނަސް އެކޮޓަރިއަށް ނުވަންނަކަން އެނގުމުން ތެދުވިގޮތަށް އަލީނާއަށް އިދެވުނީ އެކަމާއި ވިސްނާށެވެ.

އިރުކޮޅެއްގެފަހުން ތާޒާވެލައިގެން ބޭރަށް ނިކުންއިރު ތުއްތުކުއްޖެއްގެ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ކޮޓަރި އާއި ދިމާލަށް ބަލާލިއިރު އެ ކޮޓަރީގެ ދޮރު ހުރީ ލައްޕާފައެވެ. ސިޑިން ފައިބައިގެން ބަދިގެއަށް ވަންއިރުވެސް އެކުއްޖާގެ އަޑު ސާފުކޮށް އިވެއެވެ.

އުނދުން ކައިރީ ރޮށި ފިހަން ހުރި އަންހެންމީހާ ފެނި އަލީނާ ހައިރާންވިއެވެ. ރޭގައި އެ ކޮޓަރިން ބޯދިއްކޮށްލި އަންހެންމީހާއަކީ އެއީއެވެ. ބަދިގެއާ ހަމަޔަށް ތުއްތު ކުއްޖާ ރޯއަޑު އިވޭއިރުވެސް އޭނާ އެ ހުންނަނީ މަސައްކަތުގައެވެ. އަލީނާ ވަންތަން ފެނި އޭނާ ބަލައިލިއެވެ.

"ދަރިފުޅު އެބަ ރޮއެ،" އަލީނާ ބުނެލިއެވެ.

"ކުޑަކުދިން އަބަދުވެސް ތިބޭނީ ރޮއިރޮއި، އެ މާބޮޑު ކަމަކަށް ހަދައި އެކަމާއި އުޅެންވެއްޖެނަމަ މި ގޭގެ އެންމެން ތިބެންޖެހޭނީ ބަނޑަށް" އަލީނާ ހައިރާންވީ ސިންކު ކައިރީ ތައްޓެއް ދޮންނަން ހުރި މައިދައިތަ އަޑަށެވެ. ޝަމްލާ އެތަނުގައި ހުރިކަން އޭނާއަށް އެނގުނީ ދެނެވެ. ރޮށިދަމަން ހުރި އަންހެންމީހާގެ ޙަރަކާތްތަތައް އަވަސްކަން އޭނާއަށް ފާހަގަވިއެވެ. އޭނާއަށް ބަލާލި ވަގުތު އެ ދެލޮލުގައި ބޮނޑިވެފައިހުރި ކަރުނަތައްވެސް ފެނުނެވެ.

ގޭގައި ގެންގުޅޭ ނޯކަރު މީހާއަށްވީ ނަމަވެސް ކޮންމެވެސް ވަރަކަށް ރަހުމްކުރަންޖެހޭނެއޭ އަލީނާ ހިތަށް އެރިއެވެ. ދަރިއަކު ރޯއަޑަށް މަޔަކު ހިތުގައި އަޅާނެ ވޭން އޭނާއަށް ވަޒަންކޮށްލެވުނެވެ. އަލީނާ ގޮސް އެމީހާ ކައިރިއަށް ހުއްޓި ރޮށިދަމަން ދޭށޭ ބުނެލިއެވެ. މިފަހަރު އަލީނާގެ މޫނަށް އޭނާ ނުބެލި ނަމަވެސް މަސައްކަތް ވަގުތުން ހުއްޓާލިއެވެ.

"މަންމާ މިރޮށި ކޮޅު އަހަރެން ފިހެފާނަން، އެކުއްޖާ މައްސަލާކޮށްލާފައި އަންނަން ފޮނުވަބަލަ" އަލީނާ އެނބުރުނީ ޝަމްލާ އާއި ދިމާލަށެވެ. ހިތްހަމަނުޖެހުމުގެ އަސަރު މޫނުމަތިން ފެންނަން ހުރެ ނަމަވެސް ޝަމްލާ ބޯޖަހާލިއެވެ. އެއާއި އެކު އެ އަންހެންމީހާ ފަނޑުހިނިތުންވުމެއް ދީފައި އަވަސް އަވަހަށް ބަދިގެއިން ނިކުތެވެ.

''އޭނާ އައުމުން ބުނާތި މިއަދު ދޮންރިހަ ކައްކާފައި އަލުވި ތެލުލަން،" ޝަމްލާ ނިކުންނަމުން ބުނެލިއެވެ. އަލީނާ ރޮށިތައް ފިހެ ނިމުނު ތަނާއި އޭނާ އެނބުރި އައިސް ވަނެވެ. ޝަމްލާ ބުނި ތަކެތި ތައްޔާރުކުރުމަށް ބުނެފައި އަލީނާ އަހާލީ ދަރިފުޅު ނިދީތޯއެވެ. އޭނާ ބޯޖަހާލާފައި ގޮސް ކަނބަޑުން އަލުވި އާއި ވަޅޯމަސްތަކެއް ނަގައި ސާފުކުރަން ފެށުމުން އަލީނާ އަނެއްކާވެސް އެހީތެރިވެދޭންފެށިއެވެ.

"އަލީނާ، އަނަސް އެބަ ހޯދާ" ޝަމްލާގެ އަޑަށް އަލީނާ މަސައްކަތް ބަހައްޓާފައި ނިކުތެވެ. ސިޓިންރޫމްގައި އަނަސް ފެންނަން ނެތުމުން އޭނާ ދެން މިސްރާބުޖެހީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއަޑަށް މޭޒުކައިރީ ފުރަގަސްދީގެން ހުރި އަނަސް ބަލާލިއެވެ. އަދި އަތުން އަންނާށޭ ބުނެލިއެވެ. ހަމައެކަނި ތުވާއްޔެއް އަނދެގެން ހުރި އަނަސްގެ ބޮލުން ފައިބާ ފެންތިކިތައް ކަނދުރާމައްޗާއި ބުރަކަށީގައި ރޮނގަކުން ފައިބަމުން ދިޔައެވެ. މަސްތައް ވަރުގަދަވެފައި ހަށިގަނޑު ފުޅާކަމުން ވަރަށް ފިރިހެންވަންތަކަމަށް ދައްކައެވެ. "ނަގާބަލަ ގަމީހެއް" އަލީނާ ގޮސް ކައިރިއަށް ހުއްޓުމުން އަނަސް ބުނެލިއެވެ. އޭނާ އަވަހަށް އަލަމާރިން ގަމީހެއް ނަގައިގެން ގެނެސް ދިއްކޮށްލުމުން ގަމީހުގެ ހިފުމުގެ ބަދަލުގައި އަނަސް ދިއްކޮށްލީ އޭނާގެ އަތެވެ. އަލީނާއަށް އެ އިޝާރަތް ފަހުމްވިއެވެ. ކިޔަމަންތެރިކަމާއި އެކު ގަމީސް އަނަސްގެ ހަށިގަނޑަށް މަހާލަދިނުމުން ދެންވެސް ބުދެއްފަދައިން އަނަސް ހުއްޓިގެން ހުރީއެވެ، އެންމެފަހުން ގަމީހުގެ ފަހަރަކު ގޮށެއް އަޅުވައިދޭންފެށިއެވެ. އެ ހުރިހާ މަސައްކަތެއް ކުރުމަށްވުރެ އަލީނާގެ ހިތަށް އުދަނގޫވީ އަނަސް އެބަލާ ދަހިވެތި ބެލުމުގެ ސަބަބުންނެވެ. ގަމީހުގެ އެންމެ ފަހު ގޮށް އަޅުވައިދީފައި ދުރަށް ދާން އުޅެނިކޮށް އޭނާގެ މެދުހަށީގައި އަނަސްގެ ދެއަތުން ވަށާލާ ގެނެސް މޭގައި ޖައްސާލިއެވެ.

"އަހަރެން އައިސް ގެއަށް ވަނުމުން ހުރި ކަމެއް ބަހައްޓާފައި ޖެހޭނެ އަންނަން" އަލީނާގެ ކަންފަތްދޮށުގައި އާދައިގެ ރާގަކަށް އަނަސް ބުނެލިއެވެ. އަލީނާ ބޯޖަހާލިއެވެ.

"ކޯއްޗެއް ކާން ތައްޔާރުކުރީ؟" އެގޮތުގައި ހުރެ އަނަސް އަހާލިއެވެ.

"ދޮންރިހަ އާއި އަލުވި" އަލީނާ މަޑުމައިތިރި ރާގަކަށް ބުނެލިއެވެ.

"އަހަރެން ބޭނުންވަނީ މަސްހުނިކޮޅެއް، އެނގޭތަ؟'' އަނަސްގެ ހޫނު ނޭވާ އޭނާގެ މޫނަށް އެޅިގެން ދިޔައެވެ. އަލީނާ ބޯޖަހާލުމުން އަނަސްގެ އަތުން މިނިވަންވިއެވެ. އަލީނާ އަވަހަށް ހިނގައިގަތެވެ.

ބަދިގެއަށް އައިސް އެއްޗެހި ކޮބައިތޯ އަހަން ޖެހުނީ އެއްކަލަ އަންހެންމީހާގެ ކައިރީގައެވެ. އޭނާގެ އެހީތެރިކަމާއި އެކު އެއްޗެހި ހަމަކޮށްފައި މަސްހުނި ހަދަން ފެށިތަނާއި ބަދިގެއަށް އައިސް ވަނީ ރޭގައި ފޮށިތައް ގެނައި ފިރިހެންކުއްޖާއެވެ.

"އޭތް، ނާވީ، މިހާރު ކުނިތައް އުކާލީތަ؟' ހިމޭންވެފައި އޮތް ބަދިގެ ތެރޭގައި ޝަމްލާގެ އަޑު ގުގުމައިގަތެވެ. ނާވީގެ ނަން އިވުމުން އަލީނާއަށް ބަލާލެވުނެވެ. އެއީ އޭނާގެ ރަށު ކުއްޖެކެވެ. މީގެ ދެތިން އަހަރުކުރިން ރަށުން ބަދަލުވީ ނާވީގެ މަންމައަށް ކެންސަރުބަލިޖެހިގެން ފަރުވާ ހޯދާށެވެ. އެކަމަކު އެމީހުންގެ ނަޞީބު ދެރަކަމުން ބަލީގެ ޝިފާ ނުލިބި އެ ބަލީގައި މަރުވީއެވެ. ކެންސަރުކަން އެނގުނުއިރު ނާވީގެ މަންމަ ހުރީ އެންމެ ފަހު ސްޓޭޖުގައެވެ. އޭގެފަހުން ނާވީ ރަށަކަށް ނުދެއެވެ. އޭނާގެ ބަލި މަންމަ ނޫން އިތުރު މީހަކު ހުންނަ ހަނދާނެއް އަލީނާ ނުވެއެވެ.

"ލައްބަ" އަދަބުވެރިކަމާ އެކު ނާވީ ބުނެލިއެވެ.

"މިއަދު ޖެހޭނެ ގޭގެ ހުރިހާ ފަންކާތަކަކާއި ފެންލައިޓްތައް ސާފުކުރަން، މެންދުރު ވުމުގެކުރިން ޖެހޭނެ ހުރިހާ ތަނެއް ސާފުކޮށް ނިމެން" އަނެއްކާވެސް ކުރަންޖެހޭ ދެވަނަ މަސައްކަތް ކިޔައިދިންއިރު ނާވީ ހުރީ އިސްޖަހައިގެން އަޑު އަހާށެވެ. ކޮންމެ ޖުމްލައަކަށް ބޯޖަހާލައެވެ. ނާވީ ބާޒާރުކޮށްގެން ގެނައި ތަރުކާރީ ކޮތަޅުތައް ބަހައްޓާފައި ނިކުމެގެން ދިއުމުން ޝަމްލާ ދެން ބަލައިލީ އަލީނާއަށެވެ. އަވަސްކުރާށޭ ބުނެފައި ނިކުމެގެން ދިއުމުން އަލީނާ މޮޑުނު މަސްހުނިތައް ތައްޓަށް އަޅާފައި އަތްދޮވެލައި ކާން ހަދަން ފެށިއެވެ. ރޮށިތައްޓާއި އެއްޗެހި ގެންގޮސް މޭޒުމަތީގައި އަތުރާފައި އާއިރު އެ އަންހެންމީހާ ހުރީ އަލީނާ މޮޑުނު މަސްހުނި ތަށިކައިރީގައެވެ. އޭނާ ކެއްކި އެއްޗެހިވެސް ތަށިތައްޓަށް އަޅައި ތައްޔާރުކުރުމުގައެވެ.

ސައިހަދާ ނިމުނުތަނާއި އަނަސް އާއި އޭނާގެ ބައްޕަ ސިއްދީޤް އައެވެ. ޝަމްލާ އާއި ނުސްރާވެސް އައެވެ. އެ އެންމެންނަށް އަތްގާތްކޮށްދިނުމަށް އަލީނާ ހުއްޓެވެ. އޭނާގެ ކައިރީ އިށީންނަން ނުބުނާތީ ބައިވެރިވާން ނުކެރިފައެވެ. ގޮނޑީގައި އިށީދެފައި އަނަސް ފުރަތަމަވެސް ކައިރިކޮށްލީ މަސްހުނި ތައްޓެވެ. އަދި އަލީނާގެ މޫނަށް ބަލާލާ ހިނިތުންވެލިއެވެ. ރޮށިކޮޅެއް ވިނުވާލާފައި އަނގައަށް ލީ ފުރަތަމަ އެތިކޮޅާއި އެކު އަނަސްގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދިޔައެވެ.

'' އަލީނާތަ މަސްހުނި މޮޑުނީ؟" އަނަސް ގެ މޫނުމަތިން ފެންނަ ކުލަތަކުން ހިތްބިރުގެންފައި ހުރެ އަލީނާ ބޯޖަހާލިއެވެ. ދެން އަނަސްގެ އިޝާރާތުން އެންގީ ކައިރިއަށް އައުމަށެވެ. ސަމުސަލުން މަސްހުނިކޮޅެއް ނަގައި ރަހަބަލާށޭ ބުނެލިއެވެ. އެ މޭޒުދޮށުގައި ތިބި ބާކީ އެންމެންގެ ސަމާލުކަން އޭނާއަށް ވަނީ ހުއްޓިފައެވެ. ކުޑައެތިކޮޅެއްގެ ރަހަ ބަލާލުމުން އަނގައަށް ފާޑެއްގެގޮތެއް ހަދާލެވުނެވެ. ލޮނު ގަދަކަމުން ކެވޭވަރެއް ނޫނެވެ.

"އިށީދޭ މިތާ." ހުސްގޮނޑިއަށް އިޝާރަތްކުރަމުން އަނަސް އަމުރުކުރިއެވެ. އޭނާ އިށީނުމުން މަސްހުނި ތަށި ކައިރިކޮށްފައި ކާށޭ ބުނެލިއެވެ. އޭނާ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއިރު އަނަސްގެ އެ އަމަލު ހުއްޓުވުމަށް އެއްޗެއް ބުނާނެ މީހަކު ނެތްކަން އެމީހުންގެ މޫނުމަތިން ފާހަގަވިއެވެ. އަލީނާ ހިތްވަރުކޮށްފައި އެ ކެވޭތޯ ބެލިއެވެ. އޭނާއަށް ކެއްވީ ކުޑައިރުކޮޅަކަށެވެ. އަނގަމަތީ އަތް އަޅައި ބަދިގެއަށް ދުއްވައިގަނެވުނެވެ. ސިންކާއި ހަމަޔަށް ދެވުމުން އަނގަފުރާ އައީ ހޮޑެވެ. ބަދިގެތެރޭގައި ހުރި އަންހެންމީހާ މަސައްކަތުގައި އުޅެއެވެ. އޭނާ އޯކާދެމިދެމި ހަލާކުވީއިރުވެސް ފެންތައްޓެއްހާ ހިސާބުވެސް ދިއްކޮށްނުލައެވެ.

އިރުކޮޅެއްގެ ފަހުން ކޯދޮވެލައ އަލީނާ ހިންދަމާލިއެވެ. އަދި މޭޒުމަތީގައި ހުރި ޖަގުން ފެންތައްޓެއް އަޅައި ކޯވަރެއް ދަމާލިއެވެ. ދެން ފުންނޭވާތައް ލަމުން ހަމައަކަށް އެޅޭތޯ މަސައްކަތް ކުރިއެވެ. އަލީނާ މަސްހުނި ހެދީ އަލަކަށް ނޫނެވެ. ބަދިގެ މަސައްކަތަށް މިގޭ އެންމެންނަށްވުރެ އޭނާ ފަރިތަވާނެއެވެ. އެކަމަކު އޭނާގެ އަތުންވެސް ކުށެއް ޖެހިދާނެކަން ޤަބޫލުކުރިއެވެ. ލޮނުކޮޅެއް އިސްކޮށްލެވުނީއޭ ހިތައި ހުއްޓާ އުނދުންކައިރީ ހުރި އަންހެންމީހާ އޭނާގެ މޫނަށް ބަލާލާފައި ބުނެލި އެއްޗަކުން އޭނާ އަށް ހުރެވުނީ އެސްފިޔަޖަހަންވެސް ހަނދާންނެތިފައެވެ.

"އަހަރެން ހަމައެކަނި ލޮނުކޮޅެއް އިތުރަށް ލީ، އެކަމަކު ކަލެއަށް ހާދަވަރެއް ވެއްޖެއޭ، ކަލޭ ތިހުރީ އަހަރެންގެ މުޅި ދިރިއުޅުމަށް ޒަހަރު ލާން އައިސް" އޭނާގެ ބަސްތަކުގައި ހަރުކަށިކަމާއި އެއްވަރަށް ވަންހަނާވެފައިވާ ރިހުމެއް ހުއްޓެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ވަންހަނާ

Popular