24 May 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* މެއި 21 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އައިރާ ގޮސް މަޑުކުރީ ތަންކޮޅެއް އެތެރޭގައި ހުރި ކޮޓަރިއެއްގެ ކުރިމައްޗަށެވެ. ހުޅުވުމުގެ ކުރިން ފަސްއެނބުރިފައި އިތުރު މީހަކު ފެންނަން ހުރިތޯ ބަލައިލި އެވެ. އައިރާގެ މިހަރަކާތުން ސަޖަންގެ ހައިރާންކަން އިތުރުވި އެވެ. އޭނަ ހުރީ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގަ އެވެ.

އެތެރެއަށް ވަދެވުމާއެކު އައިރާ އެނބުރިފައި ދޮރު ކައިރިކޮށްލި އެވެ. ސަޖަން އޭރު ހުރީ އެތެރެއިން ފެންނަން ހުރި ގިނަ އަދަދެއްގެ ފޮޓޯތަކަށް ނަޒަރު ހިންގާށެވެ. ޒައިންއާއި ޒުވާން އަންހެނަކު ނަގާފައިވާ ފޮޓޯތަކެކެވެ. އެކަމަކު އެއީ ފަހުގެ އެއް ނޫނެވެ. އެތަކެއް އަހަރު ކުރީގެ އެވެ. ސަޖަންއަށް އެކަން ނަގައިގަނެވުމާއެކު އެއީ ކާކުކަން އެނގިއްޖެ އެވެ.

"އެއީ... އައިރާގެ ބައްޕަތަ؟" ޔަޤީންކޮށްލަން ވެގެން ސަޖަން އެހި އެވެ.

ބޯ ޖަހާލައިފައި އައިރާ ގޮސް ހުއްޓުނީ ފާރު ކައިރިއަށެވެ. އެއްކޮޅުން އަނެއްކޮޅަށް ހަރުކޮށްފައިވާ އެކި ސައިޒުގެ ފޮޓޯތަކުން ފޮޓޯއެއްގެ ކުރިމައްޗަށް ހުއްޓުނެވެ. ސަޖަންގެ ސަމާލުކަން އަންހެންމީހާއަށް ހުއްޓުނީ އަދި ދެނެވެ. އައިރާ އަތް އުފުލާލައިފައި އަންހެންކުއްޖާގެ ތަސްވީރުގައި އަތް އަޅާލައިގެން ހުރެ އެއީ މަންމަކަން ބުނެދިނެވެ. ސަޖަންގެ މެއަށް ފިނިވެލި އެވެ. ކުދި ފިޔަވަޅުތަކެއްގައި ގޮސް އައިރާ ހުރި ހިސާބުގައި ހުރެ އެތަސްވީރުތަކުން ފެންނަމުންދިޔަ ދެމީހުންނަށް ބެލި އެވެ. ކޮންމެ ފޮޓޯއަކުން ފެންނަމުންދިޔައީ ދެމީހުންގެ އުފާވެރިކަމެވެ. އެކަކު އަނެކަކުގެ މެދުގައި އޮތް ގާތްކަމެވެ. ލޯތްބެވެ.

އައިރާ ކިޔައިދިނީ ފޮޓޯތަކުން ފެންނަ ވާހަކައާ މުޅިން ޚިލާފު ވާހަކައެކެވެ. އެއީ މަންމަ އާއި ބައްޕައަކީ ކުރީކޮޅު އެކަކު އަނެކަކުދެކެ އިންތިހާއަށް ނަފްރަތުކުރި ދެމީހުން ކަމެވެ. އެކައިވެންޏަކީ އެމީހުންގެ މައިންބަފައިންގެ ބާރުން ހިނގި ކަމެކެވެ. ފޮޓޯތަކުން ފެންނަމުންދިޔަ މަރުހަލާއާ ހަމައަށް ދަތުރުކުރަން އެމީހުންނަށް ވެސް ފުދޭވަރެއްގެ ވަގުތެއް ނެގި އެވެ.

އައިރާ އިތުރަށް ބުނެލީ ސަޖަން މާޔޫސް ނުވުމަށެވެ. ފަހަރެއްގައި އެކައިވެންޏަކީ ވެސް ހެޔޮފާލަކަށް ވެދާނެ ކަމުގަ އެވެ. އެހީއެއް ވެދެވެން ނެތުމުން އައިރާ ބެލީ ސަޖަން އިތުރަށް މާޔޫސްނުކޮށް އުންމީދު އާކޮށްދިނުމަށެވެ.

***

ސަޖަންއަށް ގެއަށް ދެވުނުއިރު ދާނިޔަލް އޮފީހުން ދިޔަ ގޮތަށް ސިޓިންރޫމްގައި އިނެވެ. ސަޖަން ވަންތަން ފެނުމާއެކު ކަރުގައި އޮތް ޓައީ ދޫކުރަމުން ތެދުވެގެން ކައިރިއަށް އައެވެ. ދާނިޔަލް ވާހަކަދައްކަން ފެށުމުން ސަޖަން ހުރީ އިސްޖަހައިގެންނެވެ. މީހަކާއި ބައްދަލުކުރަން ގެންދާ ވާހަކައާއި ކުޑައިރުކޮޅެއްގެ ތެރޭގައި ތައްޔާރުވެގެން ނިކުންނަން ބުނުމުން އެހެން ހުރެގެން ބޯޖަހައިލި އެވެ. ދާނިޔަލް ތަންދިނުމުން ސިޑިއާ ދިމާއަށް ހިނގައިގެންފި އެވެ.

ފަހަތުގައި ދާނިޔަލް ހުރީ ސަޖަންގެ މިޒާޖަށް މިއައި ކުއްލި ބަދަލާއިމެދު ވިސްނާށެވެ. ދުރުވަމުންދިޔަ ސަޖަންއަށް ބަލަން ހުރެގެން ބޮޑުވައި އިނގިލިން ދަތްދޮޅި ކަހާލައިފައި ކާމިޔާބުގެ ހިނިތުންވުމެއް ވެރިކޮށްލި އެވެ. ހީކުރި ވަރަށްވުރެ ވެސް ފަސޭހައިން ސަޖަން ކިޔަމަން ކުރެވުނީތީ އަމިއްލަ ނަފްސާއިމެދު ފަޚުރުވެރިކަމެއް އިހްސާސްކުރެވުނެވެ.

ފޮތްތައް ބަހައްޓާފައި ސަޖަން ހަމައެކަނި ކުރިކަމަކީ ފެންފޮދަކުން މޫނު ދޮވެލުމެވެ. އޭނަ އެނބުރި އައީ ކުރިން ވެސް ލައިގެން ހުރި ކަޅު ހެދުމާއި ބޮލުގައި އޮތް ނޫ ކުލައިގެ ޝޯލްއާއެކުގަ އެވެ. ދާނިޔަލްއަށް އޭނަ ފެނިގެން ނިތް އަރުވައިލި ގޮތުން އެއްޗެއް ބުނަން އުޅުނުހެން ހީވި އެވެ. ދެން ހީވީ އެހިޔާލު ދޫކޮށްލީ ހެންނެވެ. އަތުގެ އިޝާރާތުން ފަހަތުން ދާން ބުނެފައި ގޮސް ސަޖަން އަރަން ކާރުގެ ދޮރުފަތް ހުޅުވާލަދިނެވެ.

ދާނިޔަލް ސަޖަން ގެންދިޔައީ ގެއާއި މާދުރުނޫން ހިސާބެއްގައި ހަދާފައިހުރި ފެންވަރު ރަނގަޅު އިމާރާތެއްގެ އެޕާޓްމެންޓަކަށެވެ. މާބްލް ޖަހާފައިވާ ތަނަވަސް ސިޓިންރޫމަކާއި ބަދިގެއާއި ދެކޮޓަރީގެ އިތުރުން ސްޓަޑީ ރޫމެއް ހުއްޓެވެ. ތަނަވަސްވެފައި ކިތަންމެހާ ވެސް ފުރިހަމަ އެވެ. އެއީ މުސްތަޤްބަލްގައި އެމީހުންގެ ގެއޭ ބުނެލުމާއެކު ސަޖަން ދިޔައީ ސިއްސައިގެންނެވެ. އޭނަ ހޯލްގައި އެކަނިކޮށްލައިފައި ދާނިޔަލް ދެން ދިޔައީ ބެލްޖަހާތީ ދޮރު ހުޅުވަން ވެގެންނެވެ.

ސަޖަން އެހުރިގޮތަށް ހުއްޓާ އަންހެންކުއްޖަކު ވާހަކަދައްކަމުން އަންނަ އަޑު އިވުނެވެ. ލޮލަށް ގިނަވެފައި ހުރި ކަރުނަތައް ހިންދާލައިފައި ސަޖަން އެނބުރުނެވެ. ދާނިޔަލްގެ ގާތުގައި ހުރެގެން އެދިމާއަށް އައީ ގަމީހަކާއި ޖިންސެއްގައި ހުރި އިސްކޮޅުން ކުރު ކުއްޖެކެވެ. ބުރަކަށީގެ މެދާކަށް ހަމައަށްހުރި ފަން އިސްތަށިގަނޑު ވިހުރުވާލެވިފައި އޮތްއިރު ކޮނޑުގައި ލެޕްޓޮޕް ދަބަހެއް އޮތެވެ.

"ސަޖަން. މީ ނިއާ. ސަޖަންގެ ކައިވެނީގެ ހެދުމުން ފެށިގެން ހުރިހާ ތައްޔާރީއެއް ނިއާކޮށްދޭނެ." ދާނިޔަލް އައިސް ކައިރިވެފައި ސަޖަންއަށް އަންހެންކުއްޖާ ތައާރަފްކޮށްދިނެވެ.

"ޔޫ ލުކް ޕްރިޓިއާ އިން ޕާސަން." ސަލާމަތް އަތް ދިއްކޮށްލައިގެން ހުރެފައި ނިއާ ތައުރީފްކޮށްލި އެވެ. ސަޖަން ލުއި ހިނިތުންވުމަކާއެކު އެއަތުގައި ހިފާލައިފައި ތިރިކޮށްލި އެވެ.

ދާނިޔަލް އިރުކޮޅަކު އެތާ މަޑުކޮށްލައިފައި ފޯނެއް އައިސްގެން ގޮސް ވަނީ އެތަނުން ކޮޓަރިއަކަށެވެ. ނިއާ ލެޕްޓޮޕްއިން ސަޖަންއަށް ކަމުދާނެހެން ހީވާ ޑިޒައިންތައް ދައްކަމުން ދިޔަ އެވެ. ގަޔަށް ހިފާފައި ހުންނާތީ ސަޖަންއަށް އެއިން އެކައްޗެއް ވެސް ކަމަކުނުދިޔަ އެވެ. ޝޯލް ވެސް އޮޅާފައި ހުންނަނީ މާ ނިވާނުވާ ގޮތަށެވެ.

"ސަޖަން އަސްލު ބޭނުންވާ ގޮތް އަހަންނަށް ކުޑަކޮށް ކިޔައިދީބަލަ." ފޮޓޯ ބެލުން މެދުކަނޑާލައިފައި ނިއާ އެހި އެވެ.

ސަޖަންގެ ޖަވާބު އައީ ފަރުވާކުޑަ ކޮނޑު އަރުވައިލުމަކުންނެވެ. ހަޤީޤަތުގައި ކައިވެނީގެ ހެދުން ލާކަށް ވެސް އޭނަ ބޭނުމެއްނުވެ އެވެ. އެކައިވެންޏަކީ އޭނަ ކުރަން ބޭނުންވެގެން ތައްޔާރުވަމުން އަންނަ ކަމެއް ނޫނެވެ. ނިއާ ފުންކޮށް ބަލަން އިނދެލާފައި ކަމެއް ހަނދާންވެގެން އުޅޭމީހަކު ފަދައިން ދަބަސް ތެރެއިން މެޝަރިން ޓޭޕެއް ނަގައިގެން ކޮޅަށް ތެދުވި އެވެ. ސަޖަން ކޮޅަށް ބަހައްޓާފައި ނިއާ ބޭނުންވާހެން މިންތައް ނަގާލައިފައި ލެޕްޓޮޕްގައި ނޯޓު ކުރި އެވެ.

ދާނިޔަލް އެނބުރި އައިއިރު ދެމީހުން ތިބީ ނިމިގެން ސޯފާތަކުގަ އެވެ. ދެމީހުން ކުރެ އެކަކު ވެސް ވާހަކައެއްނުދައްކަ އެވެ. ސަޖަން އަމިއްލަ ހިޔާލުތަކަށް ގެއްލިފައި ދުރު ބަލަން އިންއިރު ނިއާ ފޯނާ ކުޅެނީ އެވެ. ދާނިޔަލް އައިސް ނިމުނީހޭ އެހުމުން ޖަވާބުދިނީ ނިއާ އެވެ. ނިއާ ދިއުމުގެ ހުއްދައަށް އެދުމުން ކައިގެން ދާން ދާނިޔަލް އެދުނެވެ. އަތުކުރީ ގަޑިއަށް ނަޒަރެއް ދީފައި ކުޑައިރުކޮޅެއްގެ ތެރޭގައި ޕިއްޒާ އަންނާނެކަން އެންގި އެވެ. އެކަމަކު ނިއާ ހުރީ މަޑުކުރާ ގޮތަކަށް ނޫނެވެ. ދާނިޔަލްއަށް ޖެހުނީ ނިއާ އެދުނުފަދައިން ފޮނުވައިލާށެވެ.

ތާރީޚު ކައިރިވަމުން ދިޔަ ވަރަކަށް ސަޖަންގެ ނުތަނަވަސްކަން އިތުރުވަމުން އައެވެ. ފިކުރެއްގައި އިނދެވޭ ވަގުތު ގިނަ އެވެ. ގެއަށް އަތުވެއްޖެނަމަ ކޮޓަރިން ނިކުންނަ ހިތެއް ނުވެ އެވެ. ދާނިޔަލް އައިސް އޭނައަށް ގޮވައިގެން ގެންގޮސް ވާހަކަދައްކަން މަސައްކަތް ކުރާއިރެއްގައި ވިއްޔާ އެދައްކާ ވާހަކައިން ކަންފަތަށް ފޯރަނީ މަދު އެތިކޮޅެކެވެ. ކައިވެންޏާއެކު ކުޑަ ޗުއްޓީއަކަށް ތައްޔާރު ވާތީވެ ދާނިޔަލް ވެސް އެދުވަސްކޮޅު ގިނަ ވަގުތު ހޭދަ ކުރަނީ އޮފީހުގަ އެވެ.

ނިއާ ހެދުން ހިފައިގެން ސަޖަން ލައްވަން އައި ދުވަހު އޭނަ އޮތީ ހުން އައިސްގެން ކޮޓަރީގަ އެވެ. ހެދުން ލައިފައި މައްސަލައެއް އުޅެންޏާ އަންގާ ގޮތަށް ނިއާ ނިކުމެގެން ދިޔައީ އެވެ. އަލަމާރީގައި ހުރެ ދެތިން ދުވަސްވީއިރު ސަޖަން އެދިމާއަށް ބަލައިވެސް ނުލަ އެވެ. ފަހުން ނިއާ ގުޅުމުން އޭނަ ބުނީ ހެދުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމުގަ އެވެ.

ކައިވެނި ބާއްވަން ހަމަޖެހިފައި އޮތީ ވަރަށް މަދު އަދަދަކަށް ދައުވަތު ދޭ ގޮތަށެވެ. ދާނިޔަލް ކިތަންމެ ބޮޑާކަމެއް ހުއްޓަސް މާބޮޑު ޕާޓީއެއް ބާއްވައި ގިނަ މީހުން ތަކެއް ގެންނާކަށް ނޫޅެ އެވެ. ދައުވަތު ދިން ލިސްޓްގައި އާއިލާގެ މަދު ބަޔަކާއި ހާއްސަ އެކުވެރިންކޮޅެކެވެ. ސަޖަން ގެންނަން އެދޭ މީހަކު ހުރިތޯ އެހުމުން ބުނީ އައިރާގެ ވާހަކަ އެވެ. ސަޖަން އެންމެ ފަހުން ކޮލެޖަށް ދިޔަ ދުވަހު އައިރާ އާއި ކާޑު ހަވާލު ކުރި އެވެ.

"ތިހެން މޫނު ހަދައިގެން އިނީމަ ހީވަނީ ވެޑިން ކާޑެއް ނޫންހެން ތިމާގެ އަމިއްލަޖަނާޒާގެ ކާޑުހެން ހަވާލު ތިކުރީ؟" އައިރާ ސަޖަންގެ ކާޑުގައި ހިފާފައި ސަޖަންއަށް ބަލަން އިނދެގެން ބުނެލި އެވެ.

"އަހަރެންގެ އުފާވެރިކަމުގެ ޖަނާޒާ." ސަޖަން ހިތި ހިނިތުންވުމެއް ވެރިކޮށްލާފައި ބުނެލި އެވެ.

އައިރާ ދެރަވެފައި އިރުކޮޅަކު އެއްޗެއް ނުބުނެ ބަލަން އިނެވެ. ދެން ސަޖަންގެ އަތުގައި ހިފާލައިފައި އެނަމުން ގޮވާލައިފި އެވެ.

"އިފް ޔޫ ނީޑް އެނީތިން... އަހަރެން އަބަދު ވެސް މިހުރީ އެންމެގާތުގައި. ސަޖަންއަށް އެހީ ވެވޭ ހިސާބުގައި. އެއީ ރަންއަވޭ ބްރައިޑެއްގެ ޓެގް އަޅުވައިގެން ތި ހަފްލާއިން ފިލަންވިއަސް." އައިރާ ވާހަކަދައްކަމުން އަނެއް އަތާއެކު ދެއަތުން ސަޖަންގެ އަތުގައި ހިފާ ފިތައިލި އެވެ. އައިރާގެ މި ވާހަކައިން ސަޖަންގެ މޫނަށް އުފާވެރިކަމެއް ވެރިވެލާފައި ފިލި އެވެ. އަދިވެސް އެއްފަހަރު އޭނަ ޖަވާބުދިނީ ބޯޖަހައިލުމަކުންނެވެ.

ކައިވެނި އޮތް ދުވަހު ނާސިރު ފުރައިގެން ދިޔަކަން އެނގުމުން ސަޖަންގެ ހާސްކަމަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބުނެވެ. އިރާދަކުރެއްވީތީ އެއްކަމަކުން ސަލާމަތްވީއޭ ހިތަށް އެރި އެވެ. ޑްރެސިންޓޭބަލް ކުރިމަތީ ހުރި ގޮނޑިއެއްގައި އިންއިރު ކައިރީގައި ނިއާ އާއި އޭނަގެ އެސިސްޓެންޓެއް ހަރަކާތްތެރިވަމުން ދިޔަ އެވެ. ސަޖަންގެ ވިސްނުން ދާނިޔަލްއާ ދިމާއަށް ދަތުރު ކުރީ ނާސިރުގެ ޚަބަރާއި ގުޅިގެންނެވެ. ކުޑައިރު އޭނައަށް ނުވިސްނޭއިރު އެއީ ބޮޑުކަމެއްގެ ގޮތުގައި ހީކުރެވިފައި ވިއަސް ނާސިރުއާ އޭނަގެ މެދުގައި ބިރުގަންނަ ޒާތުގެ ކަމެއް ހިނގާފައި ނެތްކަން ފަހުން އެނގުނެވެ. އެކަމަކު ނާސިރު ހުރީ އެވާހަކަތައް ބޮޑުކޮށްގެން ކިޔާނަމޭ ބުނެ އޭނައަށް ބިރުދައްކައިފަ އެވެ.

ކުޑައިރު ނާސިރު އެގެއަށް ގޮސް އުޅުނު ދުވަސްވަރު އެދެމެދުގައި އޮތް އެކުވެރިކަން ހަނދާން ހުރި މީހަކު ވިއްޔާ ނާސިރުގެ ވާހަކަ ޤަބޫލު ކުރާނެ އެވެ. ސަޖަން ޖެހިލުންވީ މިސަބަބާއި ހެދި އެވެ. އެކަމަކު ދާނިޔަލްއަށް އެއިން އެއްވެސް ކަމެއް ނޭނގޭނެ އެވެ.

"ކޮބާ ދާނިޔަލް؟" ސަޖަންއަށް އަހައިލެވުނެވެ.

ނިއާ މަސައްކަތް ހުއްޓާލައިފައި ސަޖަންގެ މޫނަށް ބަލައިލި އެވެ. އެމޫނުމަތީގައި ހިނިތުންވުމެވެ. ސަޖަންގެ އެކުވެރިޔާ އާއެކު އޭނަގެ ކޮޓަރީގައި ތައްޔާރު ވަމުންދިޔަ ވާހަކަ ބުނުމުން މަޑުމަޑުން ބޯޖަހައިލި އެވެ. ނިއާ ދެން އަނެއްކާ ވެސް މަސައްކަތުގައި މަޝްއޫލުވެއްޖެ އެވެ.

ބޭރުގައި ގޭގެ އެހެން މެމްބަރުން ހަރަކާތްތެރިވަމުންދިޔަ އެވެ. އަބަދު އާދައިގެ ގޮތަކަށް ހުންނަ ޖަވާދާ ފެންނަނީ އެންމެނާއި ތަފާތު ކޮށެވެ. ތުންފަތުގައި ހިނިތުންވުމެއް ނުފެންނަ އެންމެ ހިނދުކޮޅެއް ނާދެ އެވެ. ޒުލޭޚާ ވެސް ހަމައެފަދަ އެވެ. ހީވަނީ އަމިއްލަ ފިރިހެންދަރިފުޅުގެ ކައިވެނީގެ ވަގުތު އައިސް ޖެހިގެން އުޅޭހެންނެވެ. އެކަމަކު އެންމެ އުފާވާންވީ މީހާ ހުރީ މޫނު ފުސްވެފަ އެވެ. ގޭގެ އެހެން މީހުން އަވަދިނެތި އެކި ކަންކަމުގައި އުޅުނުއިރު ސިތާރާ ހަށަން ބަނދެލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފެނުނެވެ.

އައިރާ އައިސް ވަނުމާއެކު ފުރަތަމަ ދިމާވީ ސިތާރާ އެވެ. އައިރާގެ ފައިންފެށިގެން ބޮލަށް ނަޒަރު ހިންގާލައިފައި އެއީ ދާނިޔަލްގެ އެކުވެރިއެއްތޯ އެހި އެވެ. އައިރާ ދެފަރާތަށް ބޯ ހޫރާލައިފައި ސަޖަންގެ އެކުވެރިއެކޭ ބުނުމުން ހައްތަހާ މޫޑު ހަރާބުވިހެން ހީވި އެވެ. ގެއަށް އައި މެހުމާނަށް މެހުމާންދާރީ އަދާކުރުމުގެ ބަދަލުގައި އަނެއްފަރާތަށް އެނބުރިފައި ފެނުނީ ގޮސް ގެއްލުނުތަނެވެ. ނަސީބަކުން ޒުލޭޚާއަށް އައިރާ ފެނިގެން އައިސް ސަޖަންގެ ކޮޓަރިއާ ހަމައަށް ގެންގޮސްދިނެވެ.

ދޮރުގައި މަޑުމަޑުން ޓަކި ޖަހައިލި އަޑާއެކު ތިން އަންހެންކުދިންގެ ސަމާލުކަން ހުއްޓުނެވެ. އައިރާ ސަޖަންއޭ ގޮވާލުމާއެކު އެމޫނަށް ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ވެރިވި އެވެ. ނިއާ ސަޖަންއަށް ބަލައިލުމުން ބޯޖަހައިލި އެވެ. ނިއާ ގޮސް ދޮރު ހުޅުވާލަދިނުމާއެކު އައިރާ ވަދެ ދޮރު ލައްޕައިލި އެވެ. ދެން ހުރީ ގަނޑުވެފަ އެވެ.

ވާއު ސަޖަން....ސަޖަންތަ އަނެއްކާ ތީ؟ ޔޫ ލުކް ސޯ ޕްރިޓީ..." އައިރާއަށް ނުހުރެވިގެން ތައުރީފްތައް އޮއްސައިލި އެވެ. ނިއާ ދުރަށް ޖެހިލާފައި އައިރާ ފަދައިން ސަޖަންއަށް ނަޒަރެއްދިނެވެ.

ސަޖަންގެ މޫނަށް ބަލާފައި އޭނައަށް އެއްޗެއް ވިސްނުނު ހެނެއްހިއެއްނުވެ އެވެ. އައިރާއަށް އެކަން އެނގިގެން އައިސް ސަޖަންގެ ދެކޮނޑުގައި ހިފާ ނަގައި ލޯގަނޑުން އަމިއްލަ ސޫރަ ދައްކައިލި އެވެ. އަބަދު އާދައިގެ ގޮތަކަށް ހެދުން އަޅާފައި ހުންނަ ކުއްޖަކު ހަމައެކަނި ލުއި މޭކަޕާއިއެކު ކައިވެނީގެ ހެދުން ލުމުން ފެންނާނެ ފުރިހަމަކަން ފެނުނެވެ. ސަޖަންއަށް ކަމުދާނެހެން ނިއާ ހުރީ ކްރީމްކުލައިގެ ދޫ އަބަޔާ ހެދުމާއެކު މަތިން ހަމައެކުލައިގެ ލޭސް ކިމޯނޯއެއް ބޭނުންކޮށްފަ އެވެ. އޭގެ ކައިރިފަށާއި އަތުކުރިއަށް ދާންދެން މަޑުފިޔާތޮށި ކުލައަކުން އެމްބޮރިއިޑަރީ ޑިޒައިންތައް ފައުޅުވާން ހުއްޓެވެ. ޝޯލްވެސް އަޅާފައި ހުރީ އާދައިގެ ގޮތަކަށެވެ. ހާއްސަ ކަމަކަށް ފާހަގަވާން ހުރީ ކުދިމިނާތަކުން ފަރުމާކުރެވިގެން ހަދާފައިވާ ހެޑްބޭންޑް އެކެވެ.

"ދާނިޔަލްއަށް ފެނިއްޖެއްޔާ އަދި މިހާރަށްވުރެ ބޮޑަށް ފޯލްވާނެ!" އައިރާ އައިސް ކައިރިވެފައި ބުނެލި އެވެ. ނުނިމޭ

ދިގު ވާހަކަ ވާހަކަ: ޔާރާ އަހާނުހޭ

Popular