16 Jun 2018

ދުރުގައި ވިޔަސް

ދުރުގައި ވިޔަސް

މެންދަމުން އަލިވެ އެކެއްޖެހިއިރު މަގުމަތިވަނީ ހިމޭންވެފައެވެ. ދޭތެރެއަކުން ވައި އަޅާފައިދާ ސައިކަލެއް ނޫނީ ނުފެންނަވަރަށް މީހުންވަނީ މަދުވެފައެވެ. ހަލަބޮލިކަން ކެނޑިފައެވެ. މީގެ ގަޑިއިރެއްހާއިރު ކުރިން ބައްދަލުވުން ނިންމާލެވުނު ކަމުގައި ވިއަސް ނިމާލް އޮފީހުގައި އިނީ މަސައްކަތުގެ ތެރެއިން ނުނިކުމެވިފައެވެ. ދެލޯ ކުޑަވެ ނިންޖާ ދިމާލަށް ނަފްސު ބާރުއަޅަން ފެށުމުން ލެޕްޓޮޕް ލައްޕާލާފައި އޭނާ ތެދުވިއެވެ. މިވަގުތު އޮފީހުގައި އިތުރު މީހަކު ނެތުމުން ނިކުތުމުގެ ކުރިން ތަންތަން ތަޅުލެވިފައިވޭތޯ ބަލަން ޖެހުނީ އޭނާއަށެވެ. ގޮނޑިމަތީގައި އޮތް ކޯޓް ނަގައި ދަބަހަށް ލަމުން އޭނާ ހިނގައިގަތެވެ.

އުމުރުން ފަންސާހަކަށް އަހަރު ގުނަމުންގެންދާ ނިމާލް ކުންފުނީގެ ވެރިމީހާ އެވެ. އޭނާގެ މައިންބަފައިން ވަކިވެގެން ދިޔައިރު މާލެއިން ބިމަކާއި މިލްކިއްޔާތުގައި ހުރި ފައިސާކޮޅުން އޭނާ ފެށި އަމިއްލަ މަސައްކަތް މިއަދުވަނީ ކޮޅަށް ޖެހިފައެވެ. ވިޔަފާރީގެ ރޭހުގައި އޭނާއަށް ގޮންޖެހުންތައް ގިނަވި ނަމަވެސް ހިތްވަރުގަދަކަމުން އޭނާ ބަލިކޮށެއް ނުލެވުނެވެ. މިހާރު އިތުރު ފުރިހަމަކަމެއް އޭނާގެ މަސައްކަތަށް ލިބުނީ އޭނާގެ ދަރިފުޅު ނިކްހާ ނިމާލް ވިޔަފާރީގެ ރޮނގުން ކިޔަވައިގެން އައިސް އެ މަސައްކަތާއި ހަވާލުވެފައިވާތީއެވެ. ފިރިހެން ދަރިފުޅު ނަހީކު މި ދާއިރާއަށް ޝައުޤުވެރިކަމެއް ނެތެވެ. އެއީ މައްސަލައެއް ކަމަކަށް އޭނާ ނުދެކެއެވެ. އެއްވެސް ކުއްޖަކަށް މަޖުބޫރުކުރުމަކީ އޭނާގެ ތަބީޢަތުގައިވާ ކަމެއް ނޫނެވެ.

އޮފީހުން ނުކުމެ ކާރުގައި މަޑުމަޑުން ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ސިހުނީ ގޯޅިއަކުން ދުވެފައި ނިކުން ޒުވާން ފިރިހެންކުއްޖަކު އައިސް ކުރިމައްޗަށް އެރުމުންނެވެ. ފަޔަށް ބާރުލައިބުރަކި ޖައްސާލާ އަވަހަށް ދޮރު ހުޅުވާލެވުނެވެ. ކާރުގެ އެއް އަރިމަތީ ކުޑަކޮށް ޖެހުނު ނަމަވެސް އޭނާއަށް ގެއްލުމެއް ނުވެއެވެ. ނިމާލް އެއްޗެއް އަހާނުލެވި އުޅެނިކޮށް ތެދުވެ އެހާ ބާރަށް ދުވެފައި ގޮސް ކުރިމަތީގައި އޮތް މަގަށް ނިކުމެއްޖެއެވެ. އެދިމާލަށް ބަލަން ހުރެފައި ނިމާލް ކާރަށް އެރިތަނާ ދެން ފެނުނީ އޭނާގެ ހިތަށް ވެސް ސިހުން ލިބޭފަދަ މަންޒަރެކެވެ. އޭނާ ނިކުން ގޯޅިން ސައިކަލެއްގައި ދިޔަ ދެ ޒުވާނުން ތިބި ގޮތް ފެނި ދެންމެ ދުވެފައި ދިޔަ ކުއްޖާގެ ރައްކާތެރިކަމާ މެދު ހިތުގައި ސުވާލު އުފެދުނެވެ. މޫނު ނިވާކޮށްގެން ތިބި ދެމީހަކު އޭނާގެ ފަހަތުން ދާކަން އެނގުމުން ގެއަށް ދިއުމުގެ ޚިޔާލު ދޫކޮށްފައި ނިމާލް ކާރަށް އަރައި މިސްރާބު ޖެހީ އެމީހުން ދިޔަ ދިމާލަށެވެ.

އެ މަގަށް އަޅާލުމުން ނިމާލަށް ހީވީ މުޅިހަށިގަނޑުން ހަކަތަ ދޫވެގެން ދިޔަހެންނެވެ. ކާރުގެ ދުވެލިވެސް ޖެހުނީ މަޑުޖައްސާލާށެވެ. ކާރުގެ ލައިޓަށް، ކޮޅަށް ތިބި ދެމީހުން ބަލާލިއެވެ. އެމީހުން އައި ސައިކަލާއި ދިމާލަށް އިޝާރަތްކޮށްފައި އެކަކު ދުއްވައިގަތުމުން ދެވަނަ އަށް ހުރި މީހާ ބަލައިލީ ތިރީގައި ދެމިފައި އޮތް ޒުވާނާއަށެވެ. މޫނުމަތީގައި އައްސާފައި ހުރި ރުމާ ހެޔޮވަރުކޮށްލަމުން އޭނާގެ އަތުގައި އޮތް ވަޅިން ހަމަލާއެއް ދޭން އުޅޭހެން ހީވެ ނިމާލްއަށް އަތް އަޅާލެވުނީ މޫނުމަތީގައެވެ. ވޭނީ އަޑަކުން ރޮއިގެން އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. ދެން އިވުނީ ސައިކަލު ދުއްވާފައި ދިޔަ އަޑެވެ.

ކުކުރުމުގެ އަޑު އޭނާގެ ކަންފަތާއި ހަމަޔަށް ފޯރައެވެ. ބިރުވެރި ފިލްމެއް ބަލަން އިން ތުއްތު ކުއްޖަކު މޫނުން އަތް ތިރިކޮށްލާހެން ނިމާލްއަށް އަތް ތިރިކޮށްލެވުނުއިރު މުޅި މީހާ ދަލުން ފޯވަނީއެވެ. މަގުމަތީގައި އޭނާ ފިޔަވައި އިތުރު މީހަކު ނެތުމުން އޭނާ ކާރުން ފައިބާ އެދިމާލަށް ދުއްވައިގަތެވެ.

އުންޑުން ވެއްޓިފައި އޮތް ޒުވާނާ ލައިގެން އޮތް ޓީޝާޓްވަނީ ލެއިން ތަތްތެޅިފައެވެ. ބަނޑުގައި އަތް އަޅައިގެން އޮތުމުން ހީވަނީ ވަޅީގެ ހަމަލާ އަމާޒުވެފައިވަނީ އެދިމާލަށްހެންނެވެ. ނިމާލް ގުދުވެފައި އޭނާ އުފުލާލައި ކާރާއި ދިމާލަށް ގެންދިޔައިރު އޭނާ އޮތީ ދެލޯމެރިފައެވެ. ނިމާލް ދެން މިސްރާބުޖެހީ ހޮސްޕިޓަލާ ދިމާލަށެވެ.

***

ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން އިން ނިކްހާ ގަޑިއަށް ބަލާލިއެވެ. ދޭއްޖަހައި ބޮޑުވީއެވެ. މާދަމާ އޮންނަ ކޮންފަރެންސްގައި އޭނާ ހުށައަޅާ ޕްރޮޕޯސަލްތަކުގެ ޑޮކިއުމަންޓް މަސައްކަތް ނުނިންމާ މިރޭ ނިދަން ބޭނުންނުވީއެވެ. ހުރިހާ އެއްޗެއް ފައިލަށް އަޅާލަމުން ލެޕްޓޮޕް ނިއްވާލައި ތެދުވަން އުޅުނު ވަގުތު ގޭގެ ދޮރު ހުޅުވުނު އަޑަށް އޭނާގެ ސަމާލުކަން އެކަމަށް ދެވުނެވެ. އޭނާ ކޮޓަރިން ބޯދިއްކޮށްލުމުން ފެނުނީ ބައްޕަ ގެއަށް ވަން މަންޒަރެވެ. އައިސްފައިހުރި ނިދި ފިލައިގެން ދިޔައީ ބައްޕަގެ މުޅި ގަމީހުގައި ހުރި ލޭތައް ފެނިފައެވެ. އަވަހަށް އެދިމާލަށް ހިނގައިގަނެވުނީ ނިކަން ބާރަށް ބައްޕާއޭ ކިޔައި ގޮވާލަމުންނެވެ.

ސިޑިންއަރަން ދިޔަ ނިމާލްގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ނިކްހާގެ އަޑަށެވެ. އޭނާ މޫނުގައި އަތް ކާއްތާލީ މޫނުމަތިންފެންނަ ހާސްކަން އެ ދަރިފުޅަށް ފޮރުވުމަށެވެ.

"ކިހިނެއްވީ ބައްޕާ؟" ނިކްހާ އަހާލިއިރު އެއަޑުގައިވީ ކަންބޮޑުވުމެވެ.

"އެއްވެސް ކަމެއް ނުވޭ.." ނިމާލް ހިނިތުންވާން މަސައްކަތްކުރިއެވެ. ނިކްހާ އިޝާރަތްކުރީ ގަމީހުގައި ހުރި ލެޔަށެވެ.

"މި ދޯ.. އަނެއްހެން ކަމެއް ނޫން. މަގުމަތީގައި އެކްސިޑެންޓެއް ވެގެން އުޅޭތީ އެތަނާއި ކައިރިވީ. އެމީހުން ބުނެގެން އެކްސިޑެންޓްވީ ކުއްޖާ ހޮސްޕިޓަލަށް ގެންދަނިކޮށް އޭނާގެ ގައިން ހޭކިފައި ހުރި ލޭ، ދަރިފުޅު ނުނިދަންތަ؟" ނިމާލް އަށް ފެނުނު އެއްވެސް ކަމެއް ކިޔައިދޭން ބޭނުން ނުވުމުން އޭނާ ބަހަނާއެއް ހަދައިލީއެވެ. ބައްޕަ އަށް އެއްވެސް ގެއްލުމެއް ނުވާކަން އެނގުމުން ނިކްހާ ހިތްހަމަޖެހުނެވެ.

"ބައްޕަ މާދަމާ ޖެހޭ ޕޮލިހަށް ދާން، އެމީހުން މިރޭ ސުވާލުކުރަން އުޅުނީމައި މިއައީ މާދަމާ ބަޔާންދޭން ދާނަމޭ ބުނެފައި، އެހެންވީމައި މާދަމާ ކޮންފަރެންސްގައި ބައްޕައަށް ބައިވެރިއެއް ނުވެވޭނެ." ނިމާލް ގެ މޫނަށް ބަލަން ހުރި ނިކްހާ ބޯޖަހައިލިއެވެ. ބައްޕަ ނެތްކަމުގައިވިއަސް އޭނާއަށް އެކަނި ކުރެވޭނެކަމަށްބުނެ ނިމާލްއަށް ޔަޤީންކަން ދިނެވެ. ނިމާލް ހިނިތުންވެލާފައި ނިދަންދާށޭ ބުނެލިއެވެ.

ނިކްހާ ދިއުމުން ސިޑިންއަރަން ފެށި ނިމާލްގެ ސިކުނޑީގައި އަނެއްކާވެސް އެނބުރެމުން ދިޔައީ ދެންމެ ހިނގައިދިޔަ ކަންތައްތަކެވެ. މާލޭގެ މަގުތަކުގައި ވަޅިޖަހާ ޚަބަރުތައް މީގެކުރިން ކިޔަނީ ނޫސްތަކުންނެވެ. ދުވަހަކުވެސް ހަމަލޮލަށް މި ނޫނީ ނުދެކެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަދެ ނިމާލް ދަބަހާއި ކޯޓް ބޭއްވިއެވެ. ދެން ގަމީސް ބާލައި އެ ހިފައިގެން ފާޚާނާއަށްދަމުން އެނދުގައި ނިދާފައި އޮތް ޝަފީނާއަށް ބަލާލިއެވެ. ފާޚާނާއަށް ވަދެ ގަމީސް މެޝިންއަށް ލާފައި ގޮސް ހުއްޓުނީ މާގަނޑު ދޮށުގައެވެ. މުޅި ހަށިގަނޑުގައި ބީހެމުން ދިޔަ ފެންތަކުން މަޑު ތުރުތުރެއްލާންފެށިއެވެ. ބޮލުގެ ރިހުން ލުއިވޭތޯ އިސްތަށިގަނޑުގައި އަތް ކާއްތަމުން ދެލޯ މަރާލިތަނާއި އަނެއްކާވެސް ސިފަވީ އެކަންތައްތަކެވެ.

ރޭގަނޑުގެ ނިދިން މަހްރޫމްވެ ނިމާލް އޮތީ ފިކުރުބޮޑުވެފައެވެ. އެމެޖެންސީ ރޫމްގައި އޮތް ޒުވާނާގެ ބެލެނިވެރިންގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް އެންމެ ކައިރިން ފެނުނީ އޭނާއަށެވެ. އެ ޒުވާނާގެ ބައްޕަ އަމިއްލައަށް ތަޢާރަފްވެލަމުން، ވަޅި ހެރީ ކާކުކަން އެނގޭތޯ ސުވާލުކުރިއިރު އެ މޫނުމަތީގައި ހުރި ރިހުން އެންމެ ކައިރިން ދުށީ ނިމާލްއެވެ. ޒުހުރީ ގެ މޫނަށް ބަލަން ހުރެފައި ނިމާލް ބޯހޫރުވައިލެވުނެވެ. ހަމައެކަނި ކިޔައިދެވުނީ އެމީހުން ތިބި ގޮތެވެ.

ގަޑި އެލާމްވާން ފެށުމާއި އެކު ނިކްހާއަށް ދެލޯ ހުޅުވައިލެވުނީ ގަދަކަމުންނެވެ. ލަހުން ނިދައިފިނަމަ ހެނދުނު ހޭލުމަކީ އަޒާބެއްކަހަލަ ކަމެކެވެ. މިއަދުގެ މުހިއްމުކަމާއި ބައްޕައަށް ދެވެން ނެތުމުން އޭނާއަށް ދެން ނިދާނެ ފުރުޞަތެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. އަނެއްކާވެސް އޮށޯވެއޮވެއްޖެނަމަ ނިދިދާނެތީ ތެދުވެ ފާޚާނާއަށް ވަނެވެ.

ސައިބޯން ނިކުންއިރު އެންމެ ފުރަތަމަ މީހަކަށް މޭޒުދޮށުގައި އިނީ ނަހީކެވެ. އޭނާ އެއްއަތުން ޕާންފޮއްޗެއް ހިފަހައްޓައިގެން އިން އިރު އަނެއްއަތުގައި އޮތީ ޕޭންކޭކު ފޮއްޗެކެވެ.

"ދަހިކަން.'" ނަހީކްގެ ކުރިމަތީ އިށީންނަމުން ނިކްހާ ބުނެލިއެވެ. އަނގަފުރާ ކާއެއްޗެހި ހުރުމުން ނަހީކްއަށްޖެހުނީ ފުރަތަމަ އަނގަ ހުސްކުރާށެވެ. "ބިރުގަންނާނެއެއްނު ނިއްކި މިތާ އިށީނުމަށްފަހު އަހަރެންނަށް ނުލިބިދާނެ އެކަތި ކޮޅުވެސް. ޔޫ އީޓް ކުއައިޓް ފާސްޓް، އައި އެމް ސްލޯ އީޓަ" ނަހީކްގެ ވާހަކަ އިވިފައި، އުނދުންކައިރީ ހުރި ޝަފީނާގެ ގާތަށްވެސް ހިނިއައެވެ. ނިކްހާ ދޫބޭރަށް ނެރެ ވައްތަރެއްޖައްސާފައި މަސްހުނިކޮޅެއް އަޅައި ކާންފެށިއެވެ.

"އެނީވޭ އައި ޑޯންޓް ލައިކް ސްވީޓްސް'" ނިކްހާ އެބުނީ ތެދުކަން ނަހީކްއަށް ވެސް އެނގެއެވެ. ފޮނިއެއްޗެހި އޭނާއަށް މީރުވެގެންނެއް ނޫޅެއެވެ. އައިސްކްރީމެއް ފިޔަވައި، ފޮނިރަހަލާ އެއްޗެއްވެސް ކާތަނެއް ނުފެނެއެވެ. އެހެންވިއަސް ނަހީކްއަށްވުރެ ފަލަކޮން ހުންނަނީ ނިކްހާއެވެ.

"ހިސާބަށްވުރެ ފޮނިވީމައި،" ނަހީކް މަލާމާތްކޮށްލިއެވެ. އެހެންބުނީތީ ނިކްހާ ތުއިވެލީ ނަހީކް ރުޅިއަރުވަން ވެގެންނެވެ.

"ބައްޕަ ނުދުރުވޭތަ އޮފީހަށް؟" ނިމާލް ލަސްވެގެން ނަހީކް އަހާލިއެވެ.

"މިއަދު ތަންކޮޅެއް ލަހުންނޯ ދާނީ،" ޝަފީނާ ބުނެލިއެވެ.

''މިއަދު ބައްޕަ ނުދާނެ އޮފީހަކަށް، ޕޮލިހަށް ދާންޖެހޭތީ..." ރޮށިކޮޅެއް އަނގައަށްލަމުން ނިކްހާ ބުނެލިއެވެ. އޭނާއަށް ދިމާލަށް ދެލޯ ބޮޑުކޮށްލައިގެން ބަލަން ތިބިކަން އިހްޞާސްވީ އިރުކޮޅެއްފަހުންނެވެ. މަންމަ އާއި ނަހީކްގެ މޫނު ފެނުމުން އޭނާއަށް ޖެހުނީ ތަފްސީލް ދޭށެވެ. ނިމާލް އޭނާ ކައިރީ ބުނެފައި އޮތް ގޮތަށެވެ.

"ނުބުނޭ ތިކަހަލަ ވާހަކައެއް." ޝަފީނާ އައިސް ނިކްހާގެ ކައިރީ ހުއްޓުނެވެ.

"މަންމަ ނިދާފައެއްނު އޮންނާނި އެގަޑީގައި.." ނިކްހާ ޖޫސްފޮދެއް ބޯލާފައި ތަށި ބަހައްޓަމުން ބުނެލިއެވެ.

"ކަންބޮޑުވާވަރުގެ ކަމެއް ނެތޭ، ބައްޕައެއް ނޫނޭ އެކްސިޑެންޓްވީ، ހީ އިޒް ދަ ވަން ހޫ ހެލްޕު ޓު ސޭވް އަ ލައިފް" ނިކްހާ ތެދުވެ ކަންބޮޑުވެފައި ހުރި ޝަފީނާގެ ދެކޮނޑުގައި ހިފަހައްޓާލީ ހިތްވަރުދޭފަދައިންނެވެ. ޝަފީނާ ހިނިތުންވެލިއެވެ. ނިކްހާ ހިނގައިގަތުމުން ނަހީކް ގޮވާލިއެވެ.

"މީގެން އެތިކޮޅެއް ރަހަބަލާބަލަ،" ޕޭންކޭކު ކޮޅެއް ސަމުސަލުން ނަގައި ދިއްކުރަމުން ނަހީކް ގޮވާލިއެވެ. އަނގައަށް ގޮތެއް ހަދާލަމުން ނިކްހާ ހިނގައިގަތެވެ.

***

ބައްދަލުވުމުގެ ކަންތައް ދިޔައީ ރަނގަޅަށެވެ. އޭނާ ހުށަހެޅި ޕްރޮޕޯސަލްތަކަށް ވަރަށް ތަޢުރީފް ލިބުނެވެ. ވޭކް ކުންފުނީގެ މެނޭޖަރު ޝަކީލް ބައްދަލުވުން ނިމުނުފަހުން ނިކްހާއާ ވަކިން ބައްދަލުކުރިއެވެ.

"އަހަރެން މި ކަންތަކުގެ ތެރޭގައި އުޅޭތާ ފަނަރަ އަހަރު، މި ނޫނީ ދުވަހަކުވެސް ބިޒްނަސް ވޮމެންއެއް ނުދެކެން، ޔޫ ހޭވް ކޮންފިޑެންޓް، ކަރޭޖު އެންޑް ވޯކް އިޒް ފެބިއުލެސް" ޝަކީލް ތަޢުރީފް ކުރިއެވެ. އޭނާ އިތުރަށް ކިޔައިދިންގޮތުގައި އެއީ ނިމާލްގެ ވެސް ނުހަނު ގާތް އެކުވެރިއެކެވެ. ވިޔަފާރީގެ ރޮނގުގައި ނިމާލްއާ އެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ބުނެލިއެވެ.

ޝަކީލް އަކީވެސް ބަލާބެލުމަށް އުމުރުން ނިމާލް އާއި ދާދި އެއްވަރުގެ މީހެކެވެ. ބޮލުގައި ހުދު އިސްތަށި މަދުވެފައި ތުނބުޅި މަތިމަސް ނެތުމުން އުމުރު ހަގުކަމަށް ދައްކައެވެ. ޝަކީލްގެވާހަކަ ހުރިގޮތުން މި ޕްރޮޖެކްޓް ލިބޭނީ ނިކްހާއަށްހެން ހީވެއެވެ. އެމީހުންގެ ފަރާތުން އިވުނު ހިތްވަރުގެ ބަސްތަކުގެ ސަބަބުން މިއަދަކީ ނިކްހާއަށް އުފާވެރި ދުވަހެކެވެ. އޭނާ އޮފީހުގެ މަސައްކަތްތަކާއި ހަވާލުވިއިރު ހުރެވުނީ ހިތްހަމަޖެހިފައެވެ.

ބަޔާން ދީ ނިމުމުން ނިމާލް ގެއަށް ދިއުމުގެ ބަދަލުގައި އައީ އޮފީހަށެވެ. އޭނާ އައި އިރު ބައްދަލުކޮށްލަން ބޭނުންވެގެން މީހަކު ހުރި ވާހަކަ އަޝްރަފް ބުނެލިއެވެ. އަޝްރަފް އަކީ ނިމާލްގެ ސެކްރެޓެރީއެވެ. ނިމާލްގެ ހުއްދައާ އެކު އަޝްރަފް ގޮސް އެނބުރި އައީ އެމީހަކު ގޮވައިގެންނެވެ. އަޝްރަފްގެ ފަހަތުން ވަން އުނޭސް އަށް ނިމާލް ބަލައިލިއެވެ. އިސްކޮޅުން ދިގުވެފައި ހަށިގަނޑު އަނަރޫފައެވެ. ލައިގެން ހުރި ޓީޝާޓާއި ޖިންސު ތަނެއްގައި ލައްވާލާހެން ހިއެއް ނުވެއެވެ. އަނެއްކޮޅުން ބޮލުގެ އިސްތަށިގަނޑު އޮޅިއޮޅިފައި އޮތުމުން މަގުމަތީ ކަމެއް ނެތިގެން އުޅޭ ޒުވާނަކާވައްތަރެވެ. އުނޭސް އަތުގައި އޮތް ފައިލު ނިމާލް އިން މޭޒުމަތީ ބޭއްވުމަށްފަހު ގޮނޑީގައި އިށީނެވެ.

"އެހީއެއް ބޭނުންވެގެން،" ނިމާލް ކައިރީ ހުއްޓެމުން އަޝްރަފް ބުނެލިއެވެ.

"ކޮންކަމަކަށް؟" ނިމާލް ދެލޯ އަމާޒުވެފައިވަނީ އުނޭސްއަށެވެ.

"ކޮއްކޮގެ ބޭސްފަރުވާއަށް'،' އުނޭސް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ނިމާލް ފަރުވާކުޑަގޮތަކަށް ފައިލަށް ބަލާލިއެވެ. އަޝްރަފް ފައިލު ހުޅުވައިދޭން އުޅުމުން އެކަން ނިމާލް މަނާކުރިއެވެ.

"ކޮންކަހަލަ ބައްޔެއް ހުރެގެން؟" ނިމާލް ބަލަން އިންނަގޮތުން އުދަނގޫވެގެން އުނޭސް އިސްޖަހާލާތަން ފެނި ނިމާލްއަށް ނެގޭ މާނަ ތަފާތުވިއެވެ. މިއީ ބޭސްފަރުވާގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ ދުވަސްވަރަކަށްވާތީ އާއި އުނޭސްގެ ސިފަތަކަށް ބަލާފައި ނިމާލްގެ ހިތް ބުނަމުން ދިޔައީ މިއީވެސް އެކަހަލަ ކަމެއްކަމުގައެވެ.

"ނުހިނގޭތީ، އޮޕަރޭޝަނަށް ފަހު ހިނގޭނެކަމުގެ އުއްމީދު އޮތީމައި އެކަމަށް އެހީއެއް ހޯދަން،" އުނޭސް އިސްއުފުލާލިއިރު ދެލޮލުގައި ތެތްކަމެއް ހުއްޓެވެ. "ކިހާ ދުވަހެއްވެއްޖެ ނުހިނގޭތާ؟" ނިމާލް ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ.

"ދެ އަހަރު." އުނޭސް ބުނެލިއެވެ. "އޭގެކުރިން ނޯމަލް؟" ނިމާލް އަހާލުމުން އުނޭސް ބޯޖަހާލިއެވެ. "މި ދެ އަހަރު ތެރޭ ކިހިނެއްވީ؟" ނިމާލް އަހާލިއެވެ. އުނޭސް އިރުކޮޅަކު ހިމޭންވެފައިއިނެވެ. އެ ސުވާލަށް ޖަވާބު ދޭން އުދަނގޫވެފައެވެ. ގޮނޑީގެ އަތްގަނޑުގައި ތަންކޮޅެއް ބާރަށް ހިފަހައްޓާލިއެވެ. "ޝީ ޓްރައި ޓު ސުސައިޑް، ބަޓް ވީ ސޭވްޑް ހަ، " އުނޭސްގެ އަޑުގައި މިފަހަރު ރިހުމެއް ހުރިކަން އެނގެއެވެ. ނިމާލް ދެބުމަ އުފުލާލިއެވެ.

"ކޮއްކޮ ބޭނުންވަނީ މަރުވާން، ބޭބެ ބޭނުންވަނީ ސަލާމަތްކުރަން. ވަޓް އަ ސްޓޯރީ، ފައިސާ ހޯދައިގެން އޭނާ ރަނގަޅުކުރާ ފަހުން އަނެއްކާވެސް ސުސައިޑްކޮށްފިއްޔާ..." ނިމާލް ޖުމްލަ ހުއްޓާލީ އުނޭސް ބަލާލިގޮތުންނެވެ. އެ ބަލާލުމުގައި ރުޅިވެރިކަން ހުއްޓެވެ. ނިމާލްއަށް ލޯ އަޅާލާފައި އަނެއްކާވެސް އުނޭސް އިސްޖަހާލިއެވެ. އެހީ ހޯދަން ދާއިރުވެސް އޭނާއަށް ކުރާނީ މަލާމާތްކަން އެނގެއެވެ. އެބަސްތައް އަހާފައި އެމީހެއްގެ ދަތްތައް މުގުރާލާހާ ރުޅި އާދެއެވެ. އެކަމަކު އޭނާގެ ނިކަމެތިކަން ހިތަށް އަރާފައި ހިމޭންކަން އިޚްތިޔާރުކުރަނީއެވެ. ނުރުހުމުގެ ބަހެއް ބުނެލިއަސް އެހީގެ މަގު ބަންދުވެދާނެކަމުގެ ބިރަށެވެ،

"ކޮއްކޮ ބޭނުން ރަނގަޅުވާން، އެއީ ނުވިސްނިގެން އޭރު ކުރެވުނު ކަމެއް." އުނޭސް އަޑު ކުރަކިވެގެން ދިޔައެވެ. ނިމާލް ބަލައިލީ އަޝްރަފްއަށެވެ، ފައިލުގައި ހުރި ލިޔުންތަކުގެ ކޮޕީ ނެގުމަށް ބުނެލިއެވެ.

"ފައިނޭންޝަލް ޓީމުން ނިންމާނެ އެހީވާންޖެހެންޔާ، އެމީހުން ލިޔުންތައްވެސް ބަލާނެ، މި ކުންފުނިން އެހީދެނީ މަހަކު ދިހަ މީހުންނަށް، އެހެންވީމައި އެންމެ މުހިއްމުވާ މީހުންނަށް ބަލާފައި ދޭނި، ޖަވާބެއް ލިބެން ދެތިން ދުވަސް ނަގާފާނެ. އަޝްރަފް ލިޔުންތައް ގެންނަންދެން ބޭރުގައި މަޑުކޮށްލާ،" ނިމާލް ގެ މޫނަށް ބަލަން އިން އުނޭސް ބޯ ޖަހާލާފައި ތެދުވެގެން ހިނގައިގަތެވެ.

ނިކްހާ ގެއަށް ދާން ނިކުންއިރު އަޝްރަފް ހުރީ އުނޭސްއަށް ފައިލު ދޭން އައިހެވެ. އެމީހުން ކައިރިން ލާފައި ހިނގައިގެން ފަހަތުން ކަހަލަ ގޮތަކަށް އުނޭސްވެސް ހިނގައިގަތެވެ. ނިކްހާ ގޮސް ލިފްޓަށް އަރައި ގްރައުންޑް ފޮލޯއަށް ޖެހިއެވެ. ލިފްޓްގެ ދޮރު މަޑުމަޑުން ލެއްޕެމުން ދަނިކޮށް ކުއްލިއަކަށް އަތް އަޅުވާފައި ދޮރުން ދެމިގެން މީހަކު އައިސް ނިކްހާގެ ގައިގައި ޖެހިގަތެވެ. ސިހިފައި ހަޅެއްލަވައިގަނެވުނީ އޭނާ ފަހަތަށް ވެއްޓެން އުޅޭހެން ހީވެގެންނެވެ. އޭގެ ކުރިން އޭނާގެ އުނަގަނޑުގައި އަތް އަޅުވާލައި ހިފަހައްޓައިދިނެވެ. -- ނުނިމޭ --

ދިގު ވާހަކަ ދުރުގައި ވިޔަސް

Popular