19 Jul 2018

ޔާރާ އަހާނުހޭ

By: Mariyam Yasma

* ޖުލައި 16 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"ސަޖަން!" ހިމޭންކަން ގަރުނެއްހާ ދިގު ދެމިގެން ދިއުމަށްފަހު ދާނިޔަލް ފުރަތަމަ ބުނެލި އެއްޗަކަށްވީ ސަޖަންގެ ނަމެވެ.

ސަޖަންއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ހިތުގެ ތެޅުން ބާރުވެގެން އައުމާއެކު އެމޫނަށް ބަލަން އިތުރަށް ނުކުޅެދިގެން އިސްޖަހައިލި އެވެ. އަތް މުށްކަވާލެވިފައި އޮތްއިރު ހިތާއި ހިތުން ހާސް ފަހަރު އެދެވުނީ ދާނިޔަލްގެ ދުލުން އޭނަ އަހަން ބޭނުން ޖަވާބު ނިކުތުމަށެވެ. ބިރުން މޭގަނޑު ރޫރޫ އަޅަނީ އެވެ.

"އައި ޑޫ ހޭވް ފީލިންގްސް ފޯ ޔޫ..." ދާނިޔަލް ހާމަކުރިއަޑު އައެވެ.

ވަގުތުން ސަޖަންއަށް އިސްއުފުލައިލެވުނެވެ. އިޚުތިޔާރަކާނުލައި ފުޅާ ހިނިތުންވުމެއް ތުންފަތަށް ފެތުރިއްޖެ އެވެ. ފިނިވެ ގަނޑުފެންކޮޅަކަށް ވެފައިވާ ދެއަތުން ދާނިޔަލްގެ ދެއަތްތިލައިގައި ހިފާ އުފުލާލައިފައި އަމިއްލަ މޫނުގެ ދެފަރާތުން ޖައްސާލި އެވެ.

"ޓެލް މީ އައިމް ނޮޓް ޑްރީމިން؟" ސަޖަންގެ ސުވާލު ނިކުތީ ވައިއަޑަކަށެވެ.

ދާނިޔަލް އެވަގުތު މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލި އެވެ. ސަޖަންގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައިރު ކޯތާފަތުގައި ވެސް ރިއްސަ އެވެ. އެލޮލު ތެރެއަށް އެއްވަމުން ދިޔަ މުތީތަކަށް ބަލަން ހުރެފައި ދާނިޔަލް ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ. ސަޖަންގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. ކުއްލިއަކަށް ދާނިޔަލްގެ ދެއަތުން ދޫކޮށްލައިފައި ފަހަތުގައި ހުރި ގޮނޑިއަށް ވެއްޓިގެންފި އެވެ. ދެއަތުން މޫނު ފޮރުވާލެވުނުއިރު ރުއިމުގެ އަޑު ބޭރުވެއްޖެ އެވެ. އެމޫނުން ނަޒަރު ވަކިކޮށްނުލާ ހުރެފައި އިރުކޮޅަކުން ދާނިޔަލް ވެސް ގޮނޑިއަށް ތިރިވެ ސަޖަންއާ ކުރިމަތިލައިގެން ބަލަން އިނެވެ.

ސަޖަން ހުއްޓުވާކަށް އޭނަ ނޫޅެ އެވެ. އިންތިޒާރު ކުރީ ސަޖަން ހަމައަކަށް އެޅިގެން އިތުރަށް ވާހަކަދައްކާންދެންނެވެ.

ރުއިން މެދުކެނޑުމުން މޫނުން ދެއަތް ވަކިކޮށްލާފައި ސަޖަން ބަލައިލިއިރު ދާނިޔަލް އެއިން ގޮތަށް އިނެވެ. އަޑެއް ބަޑެއް ނީވި ފަނަރަ މިނިޓް ހޭދަވެގެން ދިޔައިރު ދާނިޔަލް އެތަނުން ނުގޮސް އިންނާނެ ކަމަކަށް ހިއެއް ނުކުރެ އެވެ. މޭޒުމަތީ ހުރި ޓިޝޫ ފޮށިން ޓިޝޫތަކެއް ނަގައިން ސަޖަން ނޭފަތް ފުހެލި އެވެ. ދާނިޔަލް ކުރިމަތީ އެގޮތަށް ޅަކުއްޖެއްހެން ރޮވުމުން ލަދުން ދެވަނަ ފަހަރަށް ބަލައިލަން ވެސް އުދަނގޫވި އެވެ.

"ސޮރީ." ސަޖަން މައާފަށް އެދުނެވެ.

ހިމޭންކަމުގައި އިރުކޮޅެއް ވޭތުވެ ދިޔަފަހުން ސަޖަންއަށް އިތުރަށް ނީނދެވިގެން ވާހަކަދައްކަން ނިންމި އެވެ. ދާނިޔަލް ވާހަކަދައްކާކަށް ނޫޅެ އެވެ. ހިނދުކޮޅަކަށް ވެސް އެމޫނުން ނަޒަރު ވަކިކޮށްނުލާ ބަލަމުން ދިޔަ ގޮތުން ލޮލު ކުރިމަތިން ފެންނަމުންދިޔަ ހަޤީޤަތް ޤަބޫލުކުރަން ދަތިވެފައި އިން ކަހަލަ އެވެ.

"ސޯ މިހާރު ދެމީހުންގެ ފީލިންގްސް އެކަކު އަނެކަކަށް އެނގުނީމަ މިހިސާބުން ދެން ކިހިނެއް ކުރިއަށް ދާނީ؟ ޑޫ ވީ ޑޭޓް ފޯ އެ ވައިލް؟ އޯ މެރީ؟" ސަޖަން ސުވާލު ކުރި އެވެ.

ދާނިޔަލް ޖަހައިލީ ލުއި ހިނިގަނޑެކެވެ. އެއީ ސަޖަން އުންމީދުކުރިފަދަ ރައްދެއް ނޫނެވެ. އޭނަ ވަގުތުން ލޯ ހަނިކޮށްލައިފައި ހަށަން ބަނދެލި އެވެ.

"އައި ވިލް މެރީ ޔޫ.... ވަން ޑޭ." ދާނިޔަލް ޖުމްލަ ފުރިހަމަ ކުރިގޮތުން ސަޖަންއަށް ސިހުމެއް ލިބުނެވެ.

ހަށަން މޮހާލައިފައި ސުވާލު އުފެދިފައި އިނދެ ތަކުރާރުކޮށް އެސްފިޔަ ޖަހައިލި އެވެ. ދާނިޔަލް ދެފައިގެ ފަލަމަސްގަނޑުމަތީ އުޅަބޮށި ވިއްދާލަމުން ކުޑަކޮށް ގުދުވެލާފައި ސަޖަންގެ ދެއަތްތިލައިގައި ހިފާލި އެވެ. އެލުއި ބީހުމުން ސަޖަންގެ ހިތަށް އެނގުންވި އެވެ. ދާނިޔަލް އިސްޖަހާލައިގެން އިނދެ ކަނާއަތުގެ ބޮނޑުވައި އިނގިލިން ސަޖަންގެ އިނގިލި ތަކުގެ ނުފުށުގައި ދެކޮޅަށް ހިންގަން ފެށިގޮތުން ހަމުގައި މިއުޒިކެއް ކުޅެވެން ފެށި އެވެ.

"މެރީ ކުރުމުގެ ކުރިން އަހަރެން އެދެނީ ސަޖަންގެ ހުރިހާ ހުވަފެނެއް ސީދާ ކުރަން.. ސަޖަން އަމިއްލަ ދެފައިމައްޗަށް ކޮޅަށް ތެދުވާތަން ދެކެން." ދާނިޔަލް ވާހަކަދެއްކުމުން ސަޖަންއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެހުރިހާއިރު ނޭވާ ހިފަހައްޓާލައިގެން ހުރެވުނުކަން ވެސް ނޭނގުނެވެ.

"...ޓެލްމީ އެބައުޓް ޔޯ ޑްރީމްސް..!" ދާނިޔަލް ހަށިގަނޑު ތެދުކޮށްލައިފައި ހަތަރުކަޅި ހަމަކޮށްލި އެވެ. އެއް އަތުން ދޫކޮށްލައިފައި އަނެއް އަތް އަދިވެސް އޮތީ ދާނިޔަލްގެ މުށުތެރޭގަ އެވެ.

ސަޖަން ހިނިތުންވެލައިގެން އިނދެފައި ވާހަކަދައްކަންވެގެން ބަލައިލީ ދުރެވެ. ކަމެއް ހަނދާން ކުރާފަދަ ގޮތަކަށް އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އިނދެ ފެށުމުން ދާނިޔަލް ޝައުޤުވެރިވެފައި އަޑުއަހަން އިނެވެ. އޭނަގެ ނަޒަރު ހިނދުކޮޅަކަށް ވެސް ސަޖަންގެ މޫނަކުން ނުނެއްޓެ އެވެ. ބައިގަނޑިއިރެއްހާއިރު ވަންދެން ދެމީހުން ވާހަކަދައްކަން ތިއްބެވެ.

އެދެމެދުގައި ބަދަލު ކުރެވުނު ވާހަކަތަކަށްފަހު އަލުން ކެއުން ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަމެއް އެކަކުގެ ވެސް ނެތެވެ. މާބޮޑަށް ހިތްހަމަޖެހުމުން ބައެއްފަހަރު ހައިހޫނުކަން ނެތި ދެ އެވެ. ދާނިޔަލްއާއި ސަޖަންއަށް ވެސް ވީ އެހެންނެވެ.

ގެއަށް ދާން ތެދުވެފައި ދާނިޔަލްއާއެކު ދޮރާއި ހަމައަށް ސަޖަން ދިޔަ އެވެ. އެހުރިހާއިރު ދާނިޔަލް ހުރީ ސަޖަންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ސަޖަން ވެސް ދުރުކުރާކަށް ނޫޅެ އެވެ. ސަޖަން ދޮރުކަނީގައި ކުޑަކޮށް ލެނގިލައިފައި ދޮރުން ބޭރުގައި ހުއްޓުނު ދާނިޔަލްއަށް ބަލައިލި އެވެ. އަތުން ދޫކޮށްލުމުން އިހްސާސް ކުރެވުނީ ހުސްކަމެވެ. އަނެއް އަތް އުފުލާލައިފައި ދާނިޔަލް ހިފައިގެން ހުރި ހިސާބުގައި ފިރުމާލެވުނެވެ. އޭނަ އިސްއުފުލާލިއިރު ދާނިޔަލް ހުރީ ބަލަހައްޓައިގެންނެވެ. ދެން ފެނުނީ ކައިރިއަށް ފިޔަވަޅެއް އަޅައިލިތަނެވެ. ވާން އުޅޭ ގޮތެއް ނޭނގިފައި ހުރި ސަޖަންއަށް ކުރެވުނު ކަމަކީ ނޭވާ ހިފަހައްޓައިލުމެވެ. އެވަގުތު ދާނިޔަލް ތުންފަތް ޖައްސައިލީ އޭނަގެ ނިތުގަ އެވެ. އިޚުތިޔާރެއްނެތި ސަޖަންގެ ލޯ މެރުނެވެ.

"ސީ ޔޫ ޓުމޯރޯ..." ފަހަތަށް ޖެހިލާފައި ދާނިޔަލް ބުނެލި އެވެ.

ފުން ނިންޖަކުން ހޭލައްވައިލިހެން ސަޖަންގެ ލޯ ވެސް ހުޅުވުނެވެ. ދުރަށް ދާން ބޭނުންނުވެފައި އިން މީހަކު ފަދައިން ދާނިޔަލް އިރުކޮޅަކު ބަލަން ހުއްޓެވެ. ދެން ފުރަގަސްދީފައި ގޮސް ލިފްޓަށް އެރި އެވެ.

އެނބުރި އައިސް ކާތަށިތައް ނަގައި ދޮވެފައި ސަޖަން ވަނީ ކޮޓަރިއަށެވެ. ދާނިޔަލް ނިކުތީއްސުރެ ސިކުނޑީގައި ރޯލްވަމުން ދިޔައީ އެދެމެދުގައި ދެކެވުނު ވާހަކަ އެވެ. ދާނިޔަލްގެ އިހްސާސްތައް ބޭރު ކުރި ގޮތާއި އެހިތްކަތިލާފަދަ ހިނިތުންވުމެވެ. އެދެލޮލުން އޭނައަށް ބެލި ގޮތެވެ. އެހުރިހާއިރު ހިނިތުންވެފައި ހުރެވުނުކަން ވެސް ސަޖަންއަށް ރޭކައިލީ ކޯތާފަތުގެ މަސްތަކުގައި ރިއްސަން ފެށީމަ އެވެ. އެއުފާވެރި ކަމުގެ ތެރެއިން އެކުވެރިޔާ ހަނދާން ވުމުން އަވަހަށް ފޯނު ނަގައި ގުޅަން ތައްޔާރުވި އެވެ.

"ޝިޓް." ސަޖަންގެ އިނގިލިތައް މަޑުޖެހުނީ އެންމެފަހުން އައިރާއާ ވާހަކަދެއްކި ދުވަހު ދިން ޚަބަރު ހަނދާންވެފަ އެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި އިނދެގެން ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ.

"އަހަރެން އައިރާ ކައިރީ ބުނެފިން." ޖެހިގެން އައިދުވަހު އޮފީހަށް ދާން ކާރަށް އަރާފައި ސަޖަން ބުނެލި އެވެ.

"އަހަރެން ބައްޕަ ކައިރީ ބުނެފިން." ސަޖަންގެ ޖުމްލައިގެ ފަހަތުން ދާނިޔަލް ބުނެލި އެވެ.

އެވަގުތު ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

"ކިހިނެއްވީ؟" ދާނިޔަލް ކާރު ދުއްވާލައިފައި ސަޖަން ވާހަކަދައްކަން ފުރުސަތު ދިނެވެ.

ސަޖަން ކިޔައިދިނީ ފުރަތަމަ އައިރާ ރުއި ވާހަކަ އެވެ. އެއަށްފަހު އެކުވެރިޔާގެ އުފާވެރިކަން ފާހަގަކޮށްފައި ހަމަ އެހާ ވަރަށް އުފާކުރިކަމުގަ އެވެ. ދާނިޔަލް ހިތި ހިނިތުންވުމެއް ވެރިކޮށްލި އެވެ.

"އަހަންނަށް އިނގޭ އަދި އަވަސްކަން. ވަޓް ވީ ހޭވް ބިޓްވީން އިޒް ނިއު. އެކަމަކު ނުބުނެ ހުންނަހާ ދުވަހަކު ޒައިންއަށް ދެވޭ ފުރުސަތަކަށް އެކަން ވާނީ. އެހެންވެ އަވަހަށް ބުނީ. ލަހުން ވިއަސް ފަހުން ވިއަސް ހިތް ހަލާކުވީމަ ތަދުވާނީ އެއްވަރަކަށް." ސަޖަން ނިންމާލައިފައި ދާނިޔަލްގެ މޫނަށް ބަލައިލި އެވެ. ކާރުގެ ހުންގާނުން އެއް އަތް ވަކިކޮށްލާފައި ދާނިޔަލް ސަޖަންގެ އަތްތިލައިގައި ހިފާ މަޑުމަޑުން ފިތާލުމަށްފަހު ދުރަށްލި އެވެ.

"ޝަކީލްބެ ކީކޭ ބުނީ؟" ކުޑައިރުކޮޅެއް ފަހުން ސަޖަން ސުވާލު ކުރި އެވެ.

ދާނިޔަލް އެވަގުތު ވެރިކޮށްލި ހިނިތުންވުން ސަޖަންއަށް ޖަވާބަކަށް ފުދުނެވެ. ތުންފަތަށް ފެތުރުނު ހިނިތުންވުމާއެކު އެތް އަތް އުފުލި އަނގަމަތީ އަޅައިލެވުނެވެ. ޝަކީލްގެ ހިތްހެޔޮ ކަމާއި ހިތް ސާފުކަމާއިމެދު އޭނަ އެއްވެސް އިރަކު ޝައްކެއް ނުކުރެ އެވެ. ދާނިޔަލްއަށް ދިމާވި ހާދިސާއަށްފަހު އޭނައާ ދޭތެރޭ ކުޑަވެސް ރުޅިވެރިކަމެއް ނުބެހެއްޓުމަކީ އޭގެ ހެއްކެވެ. އެކަމަކު ދެވަނަ ފަހަރަށް ދާނިޔަލްއާއި އޭނަ ގުޅެން ފަސްޖެހުމެއްނެތި މަރުހަބާ ކިޔައިފާނެ ކަމާއިމެދު ކޮންމެވެސް ވަރަކަށް ޝައްކު ހީވި އެވެ.

އައިރާ ފުރުމުގެ ކުރިން ފަހު ފަހަރަށް ސަޖަންއާއެކު ވަގުތު ހޭދަ ކުރަން އައެވެ. މުޅި ދުވަހު ދެކުދީން އެކުގައި އުޅުނުއިރު މުޅިން ވެސް ދެއްކީ އުފާވެރި ވާހަކަތަކެވެ. ކުރީ ދެމީހުން އެންމެ ގަޔާވާ ކަންކަމެވެ. އައިރާ އައީ ލިސްޓެއް ހަދައިގެންނެވެ. ކޮންމެ ކަމެއް ކޮށްފައި އައިރާ ފާހަގަކުރާތަން ފެނުމުން ސަޖަން ގާތަށް ހިނި އައެވެ. އައިރާ ސަޖަން ލައްވާ ހުވާ ކުރުވީ ޗުއްޓީއަށް އަންނައިރުވެސް އޭނަ ގެންނަ ލިސްޓްގައިވާ ހުރިހާ ކަމެއް ހަމަ އެގޮތަށް ކޮށް ފާހަގަލާ ގޮތަށެވެ.

"އަހަރެން ބުނިން ދޮންބެ ކައިރީ." ދިއުމުގެ ވަގުތު ކައިރިވެފައި ވަނިކޮށް އައިރާ ބުނެލި އެވެ.

"އިނގޭތަ ދޮންބެ ބުނީ ކީކޭކަން؟...ބުނީ އޭނައަށް ކުރިން ވެސް އެނގުނޭ ސަޖަން ލޯބިވަނީ ދާނިޔަލްދެކެކަން. އެކަމަކު ދޮންބެއަކަށް ޔަޤީނެއް ނޫން ސަޖަން އެހާ ހިތްވަރާއެކު ދާނިޔަލް ކުރިމަތީ ފައުޅު ކުރާނެ ކަމަކަށް. ހީ ވޯޒް ރެޑީ ޓު ޓްރައި ފޯ އެ ޗާންސް. ސަޖަން ކޮންފެސްކުރީމަ ދޮންބެ ހުރީ ސަޖަންއަށްޓަކައި ވަރަށް އުފަލުން." ސަޖަންގެ ސަމާލުކަން ލިބުމުން އައިރާ ހިނިތުންވުމަކާއެކު ކިޔައިދިނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ސަޖަންއަށް ހުރެވުނެވެ. ދެން މަޑުމަޑުން ބޯ ޖަހާލައިފައި އައިރާގެ އަތުގައި ހިފާ ފިތައިލި އެވެ.

ޑްރައިވަރު ބަލާ އައުމުން އައިރާ ސަޖަންގެ ގައިގައި ބައްދާލައިގެން އިރުކޮޅަކު ހުއްޓެވެ. ދާން ވެގެން ހިނގައިގަތްއިރު ލޮލުގައި ކަރުނަ ވިދަމުންދިޔަ އެވެ.

***

އައިރާ ފުރިތާ ގިނަ ދުވަހެއް ނުވެ ސަޖަން އިންތިޒާރު ކުރަމުން އައި ސްކޯލާޝިޕް ލިބުނެވެ. ސައިކޮލޮޖީގެ ރޮނގުން ބެޗްލާސް ހަދާފައި އޮތުމުން މާސްޓާސް ކޯސް ލިބުނީ ދާދި ފަސޭހައިންނެވެ. ޖަވާބު ނުލިބެނީސް އޭނަ ހުރީ އެޕްލައި ކުރިކަން އެކަކަށް ވެސް ނާންގަ އެވެ. ނުލިބިއްޖެނަމަ ކަމަކާއިނުލާ މަންމަގެ ހިތް ހަލާކު ވެދާނެތީ ޖެހިލުންވީ އެވެ. ދާނިޔަލް ކައިރީ ބުނުމުން ނިކަން އުފަލާއެކު މަރުހަބާ ކި އެވެ. ސަޖަން ދެރަވީ ދެ އަހަރު ވަންދެން މަންމައާއި ދާނިޔަލްއާ ދުރަށް ދާން ޖެހޭތީ އެވެ. އެކަމަކު ބައެއް ހުވަފެންތައް ހާސިލް ކުރަން ޤުރުބާނީތައް ދޭން ޖެހޭނެކަން އޭނަ އަމިއްލަ ހިތަށް ވިސްނައިދިނެވެ.

ދެ އަހަރު ތެރޭ ސަޖަން ރާއްޖެ އައީ މަދު ފަހަރަކު އެވެ. އެކަމަކު ގަވާއިދުން ސްކައިޕް ކޯލްގެ ޒަރީއާއިން މަންމައާއި ދާނިޔަލްއާ ބަރާބަރަށް ވާހަކަދައްކަ އެވެ. އައިރާ ވެސް ވަގުތު ހޯދައިގެން ސަޖަންއާ ބައްދަލު ކުރަން ޒިޔާރަތް ކުރެ އެވެ. ޒައިން ކުރި ދަތުރެއްގައި އެއްފަހަރު ޒައިންއާ ވެސް ބައްދަލުވި އެވެ. ކައިވެނީގެ ޚަބަރު ޒައިން ދިނީ އެދަތުރު ތެރޭގަ އެވެ. ވަގުތުން ސަޖަންގެ މޫނު ދިއްލުނެވެ. ޒައިންއަށްޓަކައި އޭނަ އުފާވި އެވެ.

ދެން އައީ އެންމެން އިންތިޒާރު ކުރަމުން ދިޔަ ދުވަހެވެ. ކިޔެވުން ނިންމާފައި ސަޖަން އަންނަން ހަމަޖެހިފައި އޮތް ދުވަހު އާއިލީ ޕާޓީއެއް ރޭވިފައި އޮތެވެ. ޕާޓީ އޮތީ ދާނިޔަލްމެން ގޭގަ އެވެ. ދިގު ދަތުރަކަށްފަހު ސަޖަންއަށް އަރާމު ބޭނުން ވާނެތީ ޕާޓީ އޮތީ ރޭގަނޑަށް ފަސްކޮށްފަ އެވެ. ހެނދުނު އައިއްސުރެ ސަޖަންގެ ކަމަކީ ނިދުމެވެ. ދާނިޔަލް އެއާޕޯޓަށް ބަލާ ނުދިއުމުން ހިތްހަމަނުޖެހިގެން ގުޅި އެވެ. ދާނިޔަލް ފޯނަށް ޖަވާބެއް ވެސް ނުދިނެވެ. ކުޑައިރުކޮޅެއް ފަހުން މެސެޖްކޮށްފައި އޮތީ ފުލުފުލުގައި މުހިންމު މީޓިންތަކެއް އޮތުމުން އަވަހަށް ސަލާމަތް ނުވާނެ ވާހަކަ އެވެ. ގޭގައި މަންމަ އުޅޭތީ ސަޖަން އެވަގުތަށް ބައްދަލު ކުރަން ކެތްމަދުވެފައިވާ އިތުރު މީހަކު ނެތެވެ.

ދާނިޔަލް ހުސްވުމުން ގުޅާނެކަން އެނގޭތީ ފޯނު ބޭއްވީ ސައިޑު ޓޭބަލް މަތީގަ އެވެ. ނިދިން ހޭލެވުނުއިރު މެންދުރު އަނބުރައިފި އެވެ. މަންމަ އައިސް ކިޔަން ފެށުމުން ތެދުވެ ފެންވަރައިލި އެވެ. ނަމާދުކޮށްގެން ނިކުމެ ކޮފީ ބޯން ހުރެގެން ފޯނު ޗެކްކުރިއިރު އުންމީދު ކުރިފަދަ އެއްވެސް ކަމެއް ނެތެވެ. ރުޅި އައިސްގެން ސަޖަން ނިންމީ ދާނިޔަލް އަމިއްލައަށް ނުގުޅަނީސް އޭނަ ދެވަނަ ފަހަރަށް މެސެޖެއްހާ ހިސާބުވެސް ނުފޮނުވުމަށެވެ.

ކެއުމުގެ ވާހަކަ ޖަވާދާ ބުނީ ހަވީރެވެ. ސަޖަން އައުމުން އެކަމުގެ އުފަލުގައި ޝަކީލްމެން ދެމަފިރީން ރޭގަނޑުގެ ހާއްސަ ކެއުމަކަށް ދައުވަތު ދީފައި އޮތްކަން ހާމަ ކުރުމުން އެމޫނު ވިދައިލި އެވެ. އެކަމަކު އެއީ ހިނދުކޮޅަކަށެވެ. ދާނިޔަލްގެ ޚަބަރެއް ނުވާކަން އެނގުމުން ކުރިއަށްވުރެ ރުޅިގަދަވި އެވެ. ޒުލޭޚާ އާއި ޝަކީލްގެ ދައުވަތަކަށް ނޫންނަމަ އޭނަ ނުވެސް ދިޔައީހެވެ.

ތައްޔާރުވާން ސަޖަން ހުއްޓާ މަންމަ ގޮވާ އަޑު އިވުނެވެ. ނިކުތުމުގެ ކުރިން ސަޖަން ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލި އެވެ. ކަނޑުނޫކުލައިގެ ދޫ ހެދުމާއެކު އަޅާފައި އޮތް ކްރީމްކުލައިގެ ޝޯލް އެމޫނާއި ނިކަން ގުޅެ އެވެ. އަތުކުރީ ގަޑި ހެއުވަރުކޮށްލައިފައި ދަބަސް ތެރެއަށް ފޯނުލުމުގެ ކުރިން ފަހު ފަހަރަށް ޗެކްކޮށްލެވުނެވެ.

އެގެއަށް ދިއުމުން ސަޖަން އެންމެ ހައިރާންވީ ކެއުމުގައި ބައިވެރިވާން ނީމާ އާއި ރާއިމާ އައިސް ތިއްބާ ފެނުނީމަ އެވެ. ސަޖަން އުންމީދުކުރި ގޮތާއި ޚިލާފަށް ދެކުދިން އޭނަ ފެނިގެން އައިސް ވާހަކަދެއްކި އެވެ. ނީމާ ހުރީ ދެމިލައިފައެވެ. ސަޖަންއަށް ފާހަގަވީ އަބަދު އޭނަ ފެނިގެން ލޯހަނިކޮށްގެން ހުންނަ ރާއިމާ ހިނިތުންވުމާއެކު ވާހަކަދެއްކީމަ އެވެ. ރާއިމާ ވެސް ހުރީ ބުރުގާ އަޅާފައި ސަޖަން ލާކަހަލަ ދޫ ހެދުމެއް ލައިފަ އެވެ. ކޮއްކޮއަށް އައިސްފައިވާ ރަނގަޅު ބަދަލުން ސަޖަން ހިތްހަމަޖެހުނެވެ.

ސިޓިންރޫމްގައި އެމީހުން ތިއްބާ ޝަކީލް އާއި ޒުލޭޚާ އެތެރެއިން ނިކުމެ ސަޖަންއާ ބައްދަލުކޮށްފައި ގެންދިޔަ އެވެ. ކާމޭޒުމަތި ނެތް އެއްޗެއް ނެތެވެ. އެކަމަކު ސަޖަން އިނީ ކާހިތަކުން ނޫނެވެ. އިރުއިރުކޮޅާ ބެލެނީ ދޮރާއި ދިމާއަށެވެ. ގިނައިރެއް ނުވެ އެވެ. ދޮރުމަތިން ފިޔަވަޅުގެ އަޑު އިވިއްޖެ އެވެ. ސަޖަން ބަލަން އިންދާ ދާނިޔަލް އައިސް ވަންތަން ފެނުމާއެކު ނޭވާ ލާން ހަނދާން ނެތުނެވެ.

ހުދުކުލައިގެ އަތް ދިގު ޓީޝާޓަކާއި ޖިންސެއްގައި ދާނިޔަލް ހުރިއިރު ކުރިއަށްވުރެ ވެސް ހިތްގައިމުކަމަށް ދެއްކި އެވެ. ތުނބުޅި މަތިމަސް ހުރީ ސަޖަންއަށް އެންމެ ރީތި ވަރަށެވެ. އެރީތި މުލައްދަނޑިއާ މޭމަތީގެ އިސްތަށިތަކުން ބައެއް ހާމައަށެވެ.

ދެމީހުންގެ ހަތަރުކަޅި ބައްދަލުވެފައި ވީ މަދު ސިކުންތުކޮޅު ސަޖަންގެ ބަނޑުތެރޭ ކޮކާތައް އުދުހިގަތެވެ. ތެދުވެގެން ދާނިޔަލްއާ ދިމާއަށް ނުގޮސް އޭނައަށް އިނދެވުނީ ނިކަން ހިތްވަރުންނެވެ. އެއާ ޚިލާފަށް އޭނަ ކުރިކަމަކީ އިސްޖަހައިލުމެވެ. ކެއުމުގެ ވަގުތުގައި އެންމެން ވާހަކަދެއްކި އެވެ. ޝަކީލްމެންގެ ސުވާލުތަކަށް ސަޖަން ޖަވާބުދިނެވެ. ދާނިޔަލްއާ ސަޖަންގެ މެދުގައި އެއްވެސް ވާހަކައެއް ނުދެކެވެ އެވެ. އެކަމަކު އޭނަ ބަލައިލާ ކޮންމެ ފަހަރަކު ދާނިޔަލް އިންނަނީ ބަލާށެވެ.

ނިކުމެ ދުފަން ވެގެން ބޮޑެތި މީހުން ތިބުމުން ސަޖަންއަށް ވެސް ޖެހުނީ އެތާ އިންނާށެވެ. އެވަގުތު ވެސް ދާނިޔަލް ތެދުވެގެން ދިޔައީ މައްޗަށެވެ. ސަޖަން ރުޅި ގަދަވެފައި އިންދާ ދާނިޔަލް މެސެޖްކޮށްފައި އެދުނީ މައްޗަށް ދިއުމަށެވެ. ސަޖަންގެ ހިތް ތެޅެން ފެށި އެވެ. އެކަމަކު އެހެން އެންމެން ތިއްބާ ދާން ހަދާނެ ގޮތެއް ނޭނގުނެވެ.

"ސަޖަން ދޭބަލަ ދާނިޔަލްއަށް ކޮފީ ތައްޓެއް ގެންގޮސްދޭން! އޭނަ ދަމުން ބުނެފަ ދިޔައީ. ދައްތަ މިހުންނަނީ ހަނދާން ނެތިފަ." ޒުލޭޚާ ހީވީ ސަޖަންގެ ހިތުގެ އަޑު އިވިގެން ތެދުވެ ބުނިހެންނެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޔާރާ އަހާނުހޭ

Popular