15 Sep 2018

އިންތިހާ

* ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"މަންމީ...ކީއްވެގެންތަ ސޮރީ އޭ ނުބުނީ... އަދިވެސް އެ ދައްތަ އެބަހުއްޓޭ ބަލަން.." ނަދާއަށް އައިނީގެ އަޑު އިވުނެވެ. އެއަޑަށް ސަމާލުކަން ނުދީ ނަދާ ބެލީ ފިޔަވަޅުތައް އަވަހަށް ނެގޭތޯއެވެ. ދުވެފައި ނަމަވެސް އެތަނުން ދެވޭތޯއެވެ. އައިނީ ކުރި ސުވާލުގެ ޖަވާބު ހުދު އޭނާއަށްވެސް ނޭނގުނެވެ. މަޢާފަށް އެދެން އުޅެފައި ނަދާއަށް ހުއްޓާލެވުނީ ކީއްވެކަމެއް ނޭނގެއެވެ.

"މަންމާ" ނަދާއަށް ބުނެވުނެވެ.

އައިނީއަށް އެއީ ކާކުކަން ނޭނގުނު ނަމަވެސް އެއީ ނަދާގެ މަންމައެވެ. އޭނާ ދެކެ އިންތިހާއަށް ނަފްރަތުކުރާ މަންމައެވެ. ނަދާ ފެނުމަށް ނޭދޭތީ މި މާލެ ދޫކޮށްފައި ދިޔައެވެ. އެނބުރި އައީ ކޮންއިރަކުކަމެއް ނޭނގެއެވެ. މަންމަ އޭނާ މަތިން ހަނދާން ނައްތާލއިފިކަން މި އެގާރަ އަހަރު ހެކި ދެއެވެ. މާލެ އައި ނަމަވެސް ނަދާގެ ހާލު ބަލަން މަސައްކަތް ނުކުރުމަކީ އަދިވެސް އެ މަންމަ ހިތުގައި އަނދަމުންދާ ނަފްރަތުގެ ހުޅު ނުނިވޭކަމުގެ ހެއްކެކެވެ.

***

ސްކޫލަށް އައިނީ ލާފައި ނަދާ ގެއަށް އާއިރު އަޒްހަދު އުޅެނީ ބަދިގޭގައެވެ. ނަދާ އައީ ކޮޓަރިއަށެވެ، ބޭނުންވަނީ އެކަނިވެލާށެވެ. ބޮލަށް ބަރުވެ މޭނުބައިކުރާހެން ހީވެގެން އެނދުގައި އޮށޯތެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ނަދާ ބަލައިލިއެވެ.

"ކިހިނެއްވީ؟" ނަދާއަށް އައިސްފައި ހުރި ބަދަލު އަޒްހަދަށް ނަގައިގަނެވުނެވެ.

"މަންމަ..." ނަދާގެ އަޑު ބެދުނު ކަހަލައެވެ. އަޒްހަދު އައިސް ނަދާގެ ކައިރީ އިށީނެވެ. މަންމަ މަތިން ހަނދާންވަނީތޯ އަޒްހަދު އަހާލިއެވެ.

މަންމަ މާލޭގައި ހުރިކަމަށް ނަދާ ބުނެލިއެވެ. އެއަޑު އަހާފައި އަޒްހަދުގެ މޫނުމަތިންވެސް ފެނުނީ އެ ޚަބަރުން އޭނާއަށް ލިބުނު ހައިރާންކަމެވެ. އަޒްހަދު ހިމޭންކަން އިޚްތިޔާރުކުރީ ބުނާނެ އެއްޗެއް ހިތަށް ނައިސްގެންނެވެ.

"އަހަރެން މިއުޅެނީ އެއްޗެއް ތައްޔާރުކޮށްލަން، ޔޫ ކޭން ހޭވް ސަމް ރެސްޓް، ނިދޭތޯ ބަލާލާ، އޭރުން ހަމަޖެހިދާނެ، އައިނީ ބަލާ އަހަރެން ދާނަން،،" ނަދާގެ ކޮލުގައި އަތް ޖައްސާލަމުން އަޒްހަދު ބުނެލިއެވެ. ނަދާ ބޯޖަހާލިއެވެ. އައިނީ ދެގަޑިއިރެއްހާއިރު ތެރޭގައި ނިމޭނެއެވެ. ބައްސާމް ނިމޭނީ މެންދުރުއެވެ. އައިނީ ގެއަށް ގެނެސް އެންމެ ރަނގަޅަށްވެސް ބައްސާމް ބަލާ ދާން އަޒްހަދުއަށް އުދަނގުލެއް ނުވާނެއެވެ. އަޒްހަދު ނިކުތުމުން ނަދާ އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ.

ނަދާ އަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި އަންހެންދަރިއެވެ. މަންމަ އާއި ބައްޕަގެ ރަންގަނޑެވެ. އޭނާއަށްވުރެ ދޮށްޓަށްހުރި ދެބޭބެއަށްވުރެ އިތުރު ލޯތްބެއް އޭނާއަށް ހުއްޓެވެ. އާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާ ވީމައެވެ. ދެބޭބެވެސް އޭނާ ދެކެ ލޯބިވެއެވެ. އެއީ އަބަދުވެސް އުފާވެރި ތަނަވަސް އާއިލާއެކެވެ. ސްކޫލު ދައުރު ނިމި ކޮލެޖާއި ހަމަޔަށް ނަދާ ދިޔައިރު އެއްވެސް ގޮންޖެހުމެއް ނެތެވެ. ހުރިހާ ކަމެއް ބަދަލުވީ އޭނަ އާއި އަޒްހަދު ދިމާވި ދުވަހުންފެށިގެންނެވެ. ނަދާ ދެލޯ މަރާ ބާރުކޮށްލިއެވެ. އޭނާގެ ސިކުނޑީގައި އެންމެ ފުރަތަމަ އަޒްހަދު އާއި ދިމާވި ދުވަސް އެނބުރިގަތެވެ.

***

ކޮލެޖުގެ ދޮރުމަތީ ނަދާ އާއި އޭނާގެ ބެސްޓް ފްރެންޑް ލަމްހާ ހުރީ ކާރު އަންނަންދެންނެވެ. އެހެން ހުއްޓާ މީހަކު އައިސް ނަދާއަށް މާބޮޑިއެއްް ދިނެވެ. އޭގައި ހިފުމުގެ ކުރިން ނަދާ ބަލައިލީ އެއީ ކާކުތޯއެވެ. ބައިސްކަލުގަނޑެއްގައި އިން އަޒްހަދު އަކީ ދަންނަ މީހަކަށް ނުވިއެވެ.

"މީހަކު ފޮނުވި އެއްޗެއް." އެއީ އަޒްހަދުގެ ފަރާތުން ދޭ އެއްޗެއް ނޫންކަން އަޒްހަދު ހާމަކުރިއެވެ. ރީނދޫ ކުލައިގެ ސަންފްލާވާރ ބޮނޑިއަށް ނަދާ ބަލައިލިއެވެ. އޭގައި އޭނާ ހިފީ އެއީ ކާކު ފޮނުވި އެއްޗެއްތޯ ބަލަންވެގެންނެވެ. މާތަކުގެ ތެރޭ ކުޑަ ކަރުދާސްކޮޅެއް އޮތެވެ.

"ވާވް. ސަންޕްލާވާރ، ނަދާ ތި ދީބަލަ މަ ފޮޓޯއެއް ނަގަން.." ނަދާގެ އަތުން މާބޮޑި އަތުލީ ލަމްހާއެވެ. ނަދާއަށް މުހިއްމީ އެފޮނުވި މީހެއް ބަލާށެވެ.

"ޓު މައި ބިއުޓީ، ސައިފް" ސައިފްގެ ނަން ކިޔާފައި ނަދާ ތުން އަނބުރާލިއެވެ. އަޒްހަދު އަކީ ކާކުތޯ ނަދާ ނާހައެވެ. ލައިގެން ހުރި ޓީޝާރޓާއި ތޮފިން އެއީ ކޮންތާކު މަސައްކަތްކުރާ މީހެއްކަން ނަދާއަށް އެނގުނެވެ. އެއީ ސައިފްގެ މާވިއްކާ ފިހާރައިގެ ޔުނީފޯމެވެ. ކާރު އައިސް ހުއްޓުނީ އެވަގުތެވެ. ލަމްހާގެ އަތުން މާބޮޑި އަތުލާފައި ނަދާ އެއްލައިލީ މަގުމައްޗަށެވެ. ދެން ލަމްހާގެ އަތުގައި ހިފައިގެން އަވަހަށް ގޮސް ކާރަށް އެރިއެވެ. އެތަނުން ދާން އުޅެފައި އަޒްހަދު ގޮސް މާބޮޑި ނެގިތަން ނަދާއަށް ފެނުނީ ކާރުގެ ލޯގަނޑުންނެވެ. ބައެއމާތަކުގެ ފިޔަތަކުގައި ހޭކިފައި ހުރި ހިރަފުސްތައް އަޒްހަދު ފޮހެލީ ލައިގެން ހުރި ޓީޝާޓުންނެވެ.

"ވަޓްސް ރޯންގު ވިތު ޔޫ ނަދާ؟ ކާކު ފޮނުވި އެއްޗެއްތަ؟" ލަމްހާގެ އަޑަށް ނަދާގެ ސަމާލުކަން އެނބުރުނެވެ.

"ސައިފް." ނަދާ ގެ މޫނަށް ބަލަން އިން ލަމްހާ ދެލޯ ބޮޑުކޮށްލާފައި ބަލަން އިނެވެ.

"މިހާރު ކިހިނެއްވީ ތި ދެމީހުން؟ ރުޅީތަ؟" ލަމްހާއަށް ސައިފް އަކީ ކާކުކަން އެނގެއެވެ. ސައިފް އާއި ނަދާ އުޅެނީ ރައްޓެހިވެގެންނެވެ. އުމުރުގައި ފަރަގެއް ހުއްޓަސް އެދެމީހުންގެ ލޯބި ކުރިލައި ހެދެންފެށީ ވަރަށް ގަދައަށެވެ. ސައިފް އަކީ އަމިއްލަ ވިޔަފާރިތައް ބަލަހައްޓާ މީހެކެވެ. ނަދާއަށް ސައިފް ފެނުނީ ބޭބެ އާއި ވިޔަފާރިކަމެއްގައި އެގެއަށް އައިސްގެންނެވެ. ސައިފްއަށް ނަދާ ފުރަތަމަ ނަޒަރުންވެސް ކަމުދިޔައެވެ. ސައިފް އެކަން ނަދާގެ ބޭބެއަށް އެންގިއެވެ. ނަދާއަށް އެވާހަކަ އައީ މަންމަގެ ފަރާތުންނެވެ. މަންމަ ވަރަށް ރުހޭކަމެއްގެ ގޮތުގައެވެ. ނަދާ ދެބަހެއް ނުވެއެވެ.

"ބިޒީމީހާ، ދެދުވަސް ވެއްޖެ އަހަރެންގެ ފޯނަށް ޖަވާބު ނުދޭތާ، އެހެންވެ ސުލްހަ ވާންވެގެން ފޮނުވި އެއްޗެއް އެއީ، އެގޮތަކަށް ނޫނޭ އަހަރެން ރުއްސާނީ، ސައިފް ޖެހޭނި ވަގުތު ހުސްކޮށްފައި އަހަރެންގެ ކުރިމައްޗަށް އަންނަން.." ނަދާ ހިތްހަމަނުޖެހިފައި އިން ސަބަބު ކިޔައިދިނެވެ.

"އެހެންވެ ރުޅިގަނޑު ތި ބޭލީ އެ ރީތި މާތަކަށް، އަނެއްކޮޅުން ޑެލިވެރީ ބޯއީގެ އެތައް އެނާޖީއެއް ވޭސްޓުކޮށްލީ، އެފަކީރު މިއޮއް އަވީގައި ބައިސްކަލުގަނޑެއްގައޭ އެއައީ.." ލަމްހާ ސަމާސާ ރާގެއްގައި ބުނެލިއެވެ. ނަދާ ފަސްއެނބުރި ބަލާލިއެވެ. ކާރުގެ ފަހަތުން ބައިސްކަލު ދުއްވާފައި އަންނަ އަޒްހަދު ނަދާއަށް ފެނުނެވެ. ނަދާ ބުނެގެން ކާރު ހުއްޓުނެވެ. އަޒްހަދު އައިސް އަރާ ހަމަކުރިއެވެ. ކާރުގެ ދޮރު ހުޅުވާފައި ނަދާ ނިކުތެވެ. އަޒްހަދުއަށް ގޮވިއެވެ. ނަން ނޭނގޭތީ ހިތަށް އައި ނަމަކުންނެވެ. އަަޒްހަދު ހުއްޓުނެވެ. މާބޮޑި ދޭށޭ ބުނުމުން އަޒްހަދު މާބޮޑި ދިނެވެ.

"ބޭނުން ނެތިގެން އެއްލާލާ ހުރިހާ އެއްޗަކީ ދެވަނަ ފަހަރަށް ލިބޭނެ އެއްޗެއް ނޫން." ނަދާއަށް ފުރަގަސްދީ ދަމުން އަޒްހަދު ބުނެލިއެވެ. ނަދާއަށް އެ މަންޒަރު ބަލަން ހުރެވުނީއެވެ.

***

ނަދާ ދެލޯ ހުޅުވައިލީ އޭނާގެ ނަމުން އައިނީ ގޮވާލުމުންނެވެ. ސްކޫލު ޔުނީފޯމްގައި ހުރެ އަޒްހަދުގެ އަތް ނުޖެހެންވެގެން އައިނީ ދުވެފައި އައިސް ނަދާ ގައިމައްޗަށް އަރައިފިއެވެ.

"ހިނގާ ޗޭންޖު ކުރަން." އަޒްހަދު އައިސް އައިނީ ބާލުއްވަން އުޅުނެވެ. ނަދާ އެކަން ހުއްޓުވީއެވެ.

"އަހަރެން ކޮށްދޭނަން. ކޯއްޗެއްތަ ތައްޔާރުކުރީ؟" ވާހަކަ ދެއްކިއިރު ނަދާ ހުރީ ހަމަޖެހިފައިކަން އެނގެއެވެ.

"ޕޭސްޓް ބަތް." އަޒްހަދު ބުނެލިއެވެ. ނަދާ އައިނީގެ ޔުނީފޯރމް ބަދަލުކުރަންދެން އަޒްހަދު މަޑުކުރިއެވެ. ތިންމީހުން އެކުގައި ކޮޓަރިން ނިކުތެވެ. ނަދާ ގޮސް ބަދިގެއަށް ވަނުމުން އަޒްހަދު އައިނީ އުރާލައިގެން އައިސް އިށީނީ ސޯފާގައެވެ.

"ބައްސާމް ގެނެސް އެންމެން އެކުގައި ނޫންތަ ކާނީ؟" ތެލީގެ މަތި ނެގި އަޑަށް އަޒްހަދު ބުނެލިއެވެ. ދެއިނގިލިކުރިން ބަތްކޮޅެއް ނަގައި ރަހަ ބަލާލަމުން ނަދާ ނިކުތެވެ.

އަޒްހަދުގެ ކައިރީ ނަދާ އިށީނެވެ. އަޒްހަދުގެ އުނގުމަތީ އިން އައިނީ ނަދާއަށް ބަލާލިއެވެ. ނަދާ އައިސް ކައިރީ އިށީނުމުން އައިނީ އަޒްހަދުގެ ކޮނޑުގައި ބޯ އެޅިއެވެ. ނަދާ ގާތަށް ހިނިއައެވެ.

"ކޮބާތަ ބައްޕަގެ ޕްރިންސެސް؟" އަޒްހަދު ބުނެލިއެވެ. އައިނީ ތެދުވެ ނަދާގެ މޫނަށް ބަލާލިއެވެ.

"މި" އައިނީ އިނގިލި ޖައްސާލީ އޭނާގެ މޭގައެވެ. "މަންމަ ހީކުރީ މަންމަކަމަށް." ނަދާ އައިނީ ރުޅި އަރުވާލަން ބުނެލިއެވެ.

"ނޯ.." ނޭވާކޮޅަށް ގޮސް ހުސްވަންދެން އައިނީ ރާގުލާފައި ދަމާލިއެވެ. އަޒްހަދު އަށް ނުހީ ނީނދެވުނެވެ.

"ޝީ އިޒް މައި ކުއީން.." އަޒްހަދު އަތް ގެނެސް ނަދާގެ ކޮނޑުގައި އަތްއަޅުވާލަމުން ބުނެލިއެވެ. އައިނީ ލޯ އަޅައިލީ ނަދާއަށެވެ. ވަގުތުން އަޒްހަދުގެ އަތް ދުރުކޮށްލިއެވެ. ނަދާއަށްވެސް ހެވުނެވެ. އެއީ އައިނީގެ އަބަދުވެސް އާދައެވެ. ބައްސާމް ކައިރިވިއަކަވެސް ނުދޭނެއެވެ.

ބައްސާމް ބަލާ އަޒްހަދު ނިކުތުމުން އައިނީ އައިސް އެރީ ނަދާގެ އުނގަށެވެ. ކުރިމަތީގައި ހުރި ޓީވީ އިން ދައްކާ ކާޓޫނަށް އައިނީ ބަލަން އިނެވެ. އެއަށް ސަމާލުކަން ދެވޭތޯ ނަދާވެސް ބެލިއެވެ. އޭނާގެ ބޮލުގެ ރިހުމަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. ޓީވީއަށް ބަލަން ފެށުމުން އިތުރަށް ގޯސްވާހެން ހީވެ ނަދާ ބޭނުންވީ ތެދުވާށެވެ.

ގޭގެދޮރު ނިކަން ބާރަށް ހުޅުވުނު އަޑަށް ނަދާ ބަލައިލިއެވެ. ބާރުބާރަށް ހިނގާފައި ވަން ބައްސާމްގެ މޫނުމަތިން ފެނުނީ ކަމަކަށް ހިތްހަމަނުޖެހިފައި ހުރިކަމެވެ. އެކުއްޖާ ހުރީ ފެންކަޅިވެފައެވެ. ބައްސާމުގެ ނަމުން ނަދާ ގޮވާލިއެވެ. އެއަޑު ނާހާ ބައްސާމް ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ޖެހިލެއް ބާރުކަމުން ހީވީ ސީލިން ބޮލަށް ވެއްޓިދާނެހެންނެވެ.

އަޒްހަދުއަށް އާދެވުނީ ކުޑައިރުކޮޅެއް ފަހުންނެވެ. ނަދާ ހުރީ ވީގޮތެއް އޮޅުންފިލުވުމަށް ކެތްމަދުވެފައެވެ.

"ސްކޫލުން ނިކުންގޮތަށް ބުނި ކީއްކުރަންހެއްޔޭ ބަލާ ތިއައީ. އެކަނިވެސް ދާން އެނގެޔޭ..ދެން ބައިސްކަލަށް އަރައިގެން ނިކަން ބާރަށް އެއައީ." އަޒްހަދު ކިޔައިދިނީ ކޮޓަރިއަށް ވަދެފައެވެ. ބައްސާމް އެހެން ބުނަންވީ ކީއްވެކަމެއް ނަދާއަކަށް ނޭނގެއެވެ.

"ބައްސާމްއަށް އެކަނި ދާން އެނގޭތީ ކަމެއް ނޫނީ އެހެން އެކުވެރިން އެކަނި ދާތީކަމެއް ނޭނގެ، އެކަމަކު އަހަރެން ނުފޮނުވާނަން ބައްސާމް އެކަނި އެއްވެސް ތާކަށް،" އަޒްހަދު ބުނެލިއެވެ.

އެއީ ކުދިންނަށް ވާގޮތެކެވެ. އަމިއްލައަށް ބޮޑުވެއްޖެކަމަށް ހީވަނީއެވެ. އަދި އެހެން ކުދިން އުޅޭހެން މިނިވަންވާން އަވަހަށް ބޭނުންވަނީއެވެ. އެގޮތަށް ބައެއް ބެލެނިވެރިކަން ކުދިން ދޫކޮށްލައެވެ. ބައްސާމްގެ އުމުރަކީ އެންމެ ދިހަ އަހަރެވެ.

ނަދާ ގޮސް ބައްސާމްގެ ކޮޓަރިއަށް ވަނެވެ. ކިތަންމެ ބާރަކަށް ދޮރުޖެހިއަސް ކޮޓަރި ތަޅުލުމަކީ ބައްސާމްކުރާކަމެއް ނޫނެވެ. ބައްސާމް އޮތީ އެނދުގައި ބަންޑުންނެވެ. ޔުނީފޯމާއި އެކުގައެވެ. ސްކޫލު ދަބަސް އޮތީ އެނދުގެ ތިރީގައވެެ. ނަދާ ގޮސް ބައްސާމްގެ ކައިރީ އިށީނެވެ. އެއްޗެހި ބަދަލުކޮށްލަން ތެދުވާށޭ ބުނުމުން ބަލައިވެސް ނުލިއެވެ.

"ކޮއްކޮ އެއިނީ ސްކޫލުން އައިސް ނުކައި، ބައްސާމް އައީމަ އެންމެން އެކުގައި ކާންވެގެން، ދަރިފުޅު ތެދުވެ އާދެބަލަ ކާން،" ނަދާ މަޑުމަޑުން ބައްސާމް ބޮލުގައި އަތް ޖައްސާލިއެވެ. ބައްސާމް ތެޅިގެންފައި ޖެހިލީ ދުރަށެވެ. އަދިވެސް ރުޅިގަނޑު ފިނިނުވަނީކަން ނަދާއަށް އެނގެއެވެ. ނަދާ ބުނި ކަމަކު ބައްސާމް އެހާ ފަސޭހައިން ކާން ނުދާނެކަންވެސް އެނގެއެވެ. ނަދާ ތެދުވެ ބައްސާމް ސްކޫލު ދަބަސް ނެގިއެވެ. މޭޒުމަތީ ބަހައްޓަން ދިޔަވަގުތު ބައްސާމް ބަލާލިއެވެ.

ދާންވެގެން ތެދުވި ވަގުތު ނަދާއަށް ފެނުނީ ބައްސާމްގެ އުޅަބޮށީގައި ހަލާކުވެފައި އިން ތަންކޮޅެކެވެ.

"މިޔޯ؟" ނަދާ ދައްކައިލީ ބައްސާމްގެ އުޅަބޮށީގައި އިން ތަންކޮޅެވެ، އެތަނަށް ބައްސާމްވެސް ބަލައިލިއެވެ. ދެން ދެކޮނޑު އަރުވައިލީ އެއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގޭ މީހެއް ފަދައިންނެވެ. ނަދާ އަށް ހުރެވުނީ ބައްސާމްއަށް ބަލާށެވެ. ބައްސާމް ދިން ޖަވާބަކީ ނަދާގެ ސިކުނޑި ޤަބޫލުކުރާ ޖަވާބަކަށް ނުވާތީއެވެ. ބައްސާމްއަށް ނޭނގި ގައިންތަންކޮޅެއް ހަލާކުވުމަކީ ވާނެކަމެއް ނޫނެވެ. ދެވަނަ ކަމަކީ ބައްސާމް ނުބުނަން އުޅޭ ސަބަބެވެ.

"ޔުނީފޯމް ބަދަލުކޮށްލައިގެން އާދޭ ކާން." އިތުރަށް އަހަން ނަދާ ގަސްތެއް ނުކުރިއެވެ. މިވަގުތު ބައްސާމް އާއި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތޭ ހިތަށް އެރީމައެވެ. ނަދާ ގޮސް ވަނީ ބަދިގެއަށެވެ. އެންމެންނަށް ކާން ތައްޔާރުކުރިއެވެ.

***

ދެދުވަސް ފަހެވެ. ލަމްހާ ނަދާއަށް ގުޅިއެވެ.

"މަންމަމެން އެބައުޅޭ އައިސްގެން." ލަމްހާގެ ގުޅީ އެވާހަކަ ބުނާށެވެ. ލަމްހާ އުޅެނީ ނަދާގެ މަންމަ ގޭގެ ކުރިމަތީގައި ހުންނަ ތަނެއްގައެވެ.

"އެނގޭ.." ކުރު ޖަވާބަކަށްފަހު ނަދާ ޚިޔާރުކުރީ ހިމޭންކަމެވެ.

"އަދިވެސްތަ؟" ލަމްހާ އަހާލިއެވެ. ނަދާގެ މޫނުމައްޗަށް އަރާ އެއްވެސް ކުލައެއް ލަމްހާއަކަށް ނުފެންނާނެކަން ނަދާއަށް އެނގެއެވެ. ފޯނުގައި ހުރެ ނަދާ އަނގަމަތީ އަތް އަޅައިލީ އޭނާއަށް ރޮވެން އުޅޭކަން ސިއްރުކުރާށެވެ.

"އަހަންނަށް ފެނުނީ އެގެއިން ސައިފް ނިކުންނަތަން. އޭގެ ފަހުން ރޭގައި ފެނުނީ ދޮންބެ ދައްތަ އާއި ނަދާގެ މަންމަ. ސައިފް، ދެޓް ޖެންޓަލްމެން.. އަދިވެސް އޭނަ މެރީވެސް ނުކުރޭ." ލަމްހާއަށް އަބަދުވެސް ސައިފް ރީއްޗެވެ. އެއީ ލަމްހާ މުޚާތަބުކުރާ ގޮތެވެ.

"މަ ކައިރީ ކީއްކުރަންތަ އޭނަގެ ވާހަކަ ދައްކަނީ." ނަދާ ހިތްހަމަނުޖެހުނެވެ. ސައިފް އާއި ބެހޭ އެއްވެސް މައުލޫމާތެއް ނަދާއަށް މުހިއްމެއް ނޫނެވެ. އެކަމަކު ނަދާގެ މަންމަ ގެއަށް ސައިފް އައި ވާހަކަ އޮތީ ނަދާގެ ހިތު ތެރޭ ހަރުލާފައެވެ.

"ސޮރީ، އަސްލު މިގުޅީ އެހެން ވާހަކައެއް ބުނަން، މިއަދު ހަވީރު އައިނީ ގޮވައިގެން އަންނާށޭ ބުނަން މިގުޅީ، ލައިބާގެ އުފަންދުވަސްވީމައި ކުޑަގޮތެއް ހަދާލަން މިއުޅެނީ، އިނގޭ." ލަމްހާ ބުނެލިއެވެ. ނަދާ ދާނަމޭ ބުނުމުން ލަމްހާ ފޯނު ބޭއްވިއެވެ.

ހަވީރު ވެފައި ހުއްޓާ ނަދާ އައިނީ ރީތިކޮށްގެން ނިކުތީ ލަމްހާ ގެއަށް ދާށެވެ. އޭގެ ކުރިން ފިހާރައަކަށް ވަދެ ހަދިޔާއެއް ހެދިއެވެ. އައިނީ ހުރީ ޕާރޓީއަށް ދެވޭތީ އުފަލުންނެވެ. އޭނާގެ އުފަންދުވަހު ކޭކު ފަޅާނެތޯ އެހިއެވެ. އައިނީއަށް ޖަވާބު ދެމުން ނަދާ ކުރިއަށް ދިޔައެވެ. ލަމްހާ ގޭ ހުންނަ މަގަށް އެޅިއިރު ނަދާ ހިތް އަވަސްވިއެވެ. އޭނާގެ ލޯ ސިއްރުން ނަމަވެސް ހުއްޓެނީ އަމިއްލަ ގެއާއި ދިމާލަށެވެ. ލައްޕާފައި ހުރި ދޮރާށި ހުޅުވާފައި މީހަކު ނުކުމެދާނެއޭވެސް ހިތަށް އެރިއެވެ. ކާރެއްގެ އަޑަށް ނަދާ ބަލައިލިއެވެ. ގޭ ދޮރު މަތީ ހުއްޓާފައި ކާރުން ފޭބި ނައުހާންގެ ލޯ ހުއްޓުނީ ނަދާއަށެވެ. ނަދާއަށްވެސް ހުރެވުނީ ބޭބެއަށް ބަލާށެވެ. ކާރުގެ ދޮރުފަތް ލައްޕާފައި ނައުހާން ހިނގައިގަންނާނީ ގެއަށް ވަންނަންކަމަށް ނަދާ ހީކުރިއެވެ. އޭނާ ލާން އުޅުނު ނޭވާ ހިފަހައްޓާލެވުނީ ނައުހާންގެ ފިޔަވަޅުތައް ހުރީ އޭނަ އާއި ދިމާލަށްކަން އެނގުމުންނެވެ. -- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިހާ

Popular