5 Dec 2018

ނަރަކަ

ޗެޕްޓާ 7: އިފްރިންގެޖީލު

ޗެޕްޓާ 7: އިފްރިންގެޖީލު

By: Ahmed Nadym

އެއީ ވަރަށް ދިގު ފަންވަތެކެވެ. ފޭރޭ ބަޔަކު ރަށަށް އަރައި ޒުލޭހާ ވަގަށް ނަގައިގެން ގެންދިޔަތާ އަހަރެއްހާ ދުވަސް ފަހުން ރަށަށް އައި ނާލުބައްތެއްޔެއްގެ ފަޅުވެރިއަކު އަހަރެންގެ އަތަށް ގެނެސްދިން ފަންވަތެކެވެ. އަހަރެން އޮތީ އުސްބިމުގެ ފެހިވިނަގަނޑުމަތީގައި އޮށޯވެ ޖަންބުގަހުގެ ހިޔަލުގައި އެ ގަހުގެ މަލާއި ފަތާއި އޭގެ ހިތްގައިމު ކަމަށް ގެއްލިފައެވެ. އެކަމަކު އެއަށް ވުރެ ފުނަށް ގެއްލި އޮވެގެން އެ ދުވަހު އަހަރެން ވިސްނަމުން ދިޔައީ ޒުލޭހާ ފޮނުވި އެ ފަންވަތުގައި ލިޔެފައިވީ އެއްޗަކަށެވެ. އަދި ރާވަމުން ދިޔައީ ލޯތްބަށްޓަކައި އަހަރެން އެ ނުބައި ނޫރީގެ ކިބައިން ބަދަލުހިފާނެ ގޮތަކާމެދުގަ އެވެ. އޭގެ ހައެއްކަ މަސް ފަހުން ކުޅި ކިސަޑު އެ ވަލުގައި އަހަރެން އޭނާ އާއި އޭނާ ހިތާވާން އުޅުނު އަންހެން އެތި ވެސް ވަޅުލީއެވެ. އެ ހިތްހަމަޖެހުމުން ހިތްފުރާލައިގެން ގޮސް އަހަރެން ނިދިބޮޅަށް ވެއްޓިގަތީ ޒުލޭހާ ހޯދައި ސަލާމަތްކުރުމަށް ކުރަން ޖެހޭ ދިގު ދަތުރަށް އިރުއަރާނެ އިރަކަށް އިންތިޒާރުކޮށް ހިތުން ނިޔަތް ގަނެގެންނެވެ. އެކަމަކު އެ ފިނި މެންދަމަށް ވާރޭ ވެހެމުންދިޔައީކީ އާ ދުވަހަކަށް އިރުއަރައިފާނެކަމާ މެދު މީހެއްގެ ހިތުގައި ޝައްކުއުފެދޭ މިންވަރަކަށެވެ. މީހަކު ގައިގައި ބީހޭހެން ހީވެގެން ނިދިން ކުއްލިއަކަށް ހޭލެވުނުއިރު ކައިރީގައި އޮތީ އަމާއެެވެ. އެ ވަގުތު ކޮޓަރި ތެރެއަށް ވަދެގެން އައި އިތުރު ދެ ފިރިހެނަކު އަހަރެންގެ ހަތަރެސްފައިގައި ހިފައި އޮބަހައްޓައި ދަގަނޑު އެ އެނދުމައްޗަށް މައިތިރިކޮށްފި އެވެ. ދެން ކޮޓަރި ތެރެއަށް ވަދެގެން އައީ އަހަންނަށް ކުރިން މަަރީނާއާ އެކުގައި މި ގޭތެރެއިން ފެނުނު ސިފަހުތުރު ބަބުރު މީހާ އެވެ. ބޮޑު ސުއްޓާއެއް ބޮމުން ދުންއަރުވަމުން އައިސް އޭނާ އަހަރެންގެ ކަރަށް ކޮށްޕާލީ ޕިސްޓަން ސިރިންޖެކެވެ. ދެން ހީވީ އޭނާގެ އަނގައިންނާއި ހިނދުރިން ބޭރުކޮށްލި ދުންގަނޑެއްގެ ތެރެއަށް އަހަރެން ގެނބި، ޣަރަގުވެގެންދިޔަހެންނެވެ. ހޭލެވުނީ ބަނޑުއޮޑިއެއްގެ ވަތަށެވެ. އަލުން އަނެއްކާވެސް އަހަރެންގެ ހަތަރެސްފައި ހިފަހައްޓައި ކަރަށް ކަށި ހަރައި ދުވަސްދުއްވާލީއެވެ. އޭގެ ފަހުން އެތައް ދުވަހެއް ވަންދެން އަހަރެން ބަންދުކޮށްގެން ގެންގުޅުނީ އަނދިރި ކޮޓަރިގަނޑެއްގެ ތެރޭގަ އެވެ. ނަމަވެސް އެ އަނިޔާ އާއި އަޅުވެތިކަމަށް އަހަރެންގެ ނަފުސު ކިޔަމަންވާން ފެށި ހިސާބުން އަހަރެން ދެން ބަދަލުވެގެންދިޔައީ ގަނޑުވަރުތެރޭ ބޭކަލުންނާއި ބޭކަނބަލުންގެ އަރާމަކަށެވެ. އެކަމަކު އަހަރެން ހުރީ އަބަދުވެސް ތިން ކަމަކަށް އަޒުމުކަނޑައަޅައި ކަމަރު ބަނދެގެންނެވެ. ފައިސާ ފޮތްޗަކަށް އަހަރެން މިލްކުކޮށް، ގަނޑުވަރާއި ރަށްރަށުގެ ބޮޑުންގެ ޝަހުވަތުގެ ދުނިޔެ އަށް އަހަރެން ކުއްޔަށް ދޫކުރަމުން ގެންދިޔަ ބަބުރު ސައުދާގަރުގެ ދުވަސް ދުއްވާލުމަށާއި ފައިސާ ފޮތްޗެއްގެ ދަހިވެތިކަމުގައި އަހަރެން އޭނާ އަށް ވިއްކާލި އަހަރެންގެ އަމާގެ ފުރާނަ ވެސް ޖަހައިގަތުމަށެވެ. އެއަށް ފަހު ރަސްގެތީމުގައިވީ މުރަކަ ގަނޑުވަރުގައި އަޅުވެތިކޮށް މުހައްމަދު ބިބީގެ ޖާރިޔާއަކަށް ހަދާފައިވާ ޒުލޭހާ އެ ކަސްތޮޅުން ސަލާމަތްކޮށް ދެ މީހުން ދިރިއުޅޭނޭ ސުވަރުގެއެއް ހޯދުން ވެގެންދިޔައީ އަހަރެންގެ ފުރިހަމަ އަމާޒަށެވެ. ރޭވި ރޭވުންތަކާ އެއްގޮތަށް، ބަބުރު ސައުދާގަރުގެ ކަރުގައި ވަޅި އަޅައި ވައިނޮޅި ބުރިކޮށް އޭނާގެ ދުވަސް ދުއްވާލީމެވެ. ރެހެންދި ޚަދީޖާގެ މިލްކަކަށް އަހަރެން ހެދި ހިސާބުން އޭނާގެ ވަފާތެރި ޖާސޫސީ ފައުޒާއެކުގައި އަހަރެންގެ ބާރު އާ އުސްމިނަކަށް އަރައިގެން ދިޔައީއެވެ. އެއަށް ފަހު އަހަރެން ހޯދައި ބަލަން ފެށީ މަރީނާވީ ހިސާބެކެވެ. ނަމަވެސް އޭގެ ކުރިން ޚަދީޖާގެ ތަހުތު ވެއްޓި އަހަންނަށް މަޖުބޫރުވީ ގަނޑުވަރު ދޫކޮށް ފުރައިގެން ދާށެވެ. ތަހުތަށް ވަފާތެރި އެންމެ ކުޅަދާނަ ޖާސޫސުންގެ އެހީގައި އެއްކުރި މައުލޫމާތުތަކަށް ފަހު ރިޔައު އޮޑިއެއްގައި އަހަރެން ދެން މިސްރާބުޖެހީ ރަސްގެތީމަށެވެ. އެއީ ރެހެންދި ޚަދީޖާގެ ތަހުތަށް ދަހިވެތިވާ ކަނޑުފޭރޭ ވެރިޔަކު އެ ރަށުގައި ވެރިކަންކުރާ ނަމަ އަހަރެން ކަހަލަ، ސީދާ ރެހެންދި ޚަދީޖާގެ ކޮއިލުގެ އެންމެ އެތެރެއިން ނުކުމެގެން އަންނަ މީހެއްގެ ބޭނުން އެވެރިޔަކަށް، ރަނާއި ޖަވާހިރަށް ވުރެން ވެސް އަގުބޮޑުވެފައި މުހިންމުވާނެކަން އެނގޭ ހާލުގަ އެވެ. އަހަރެން ރޭވީ ބިބީގެ މުރަކަ ގަނޑުވަރުން ޖާގައެއް ކަށަވަރުކޮށް ޒުލޭހާއާ އެކުގައި ފިލާށެވެ. އެކަމަކު ރޭވި ރޭވުމާއިގެން ދެ ވަނަ ވިސްނުމަކަށް ދާން މަޖުބޫރުކުރި މޫނަކީ އަހަރެން ދުވަހަކު ވެސް ދެކެން ބޭނުންވި މޫނެއް ނޫނެވެ. ބައްދަލުކުރަން ބޭނުންވި ނަފުސެއް ނޫނެވެ. އަލުން ބައްދަލުވެދާނެ ކަމަށް ލަފާކުރެވުނު މޫނެއް ވެސް ނޫނެވެ. ނަމަވެސް މުރަކަ ގަނޑުވަރު ތެރެއިން އެންމެފަހުން އޭނާއާ އަހަރެން ބައްދަލުވީއެވެ. އެހިސާބުން އަހަރެންގެ ބޮލުގައި ރާވާން ޖެހުނީ، ތައްޔާރުނުވެ ހުއްޓައި ކުރިމަތިވި އެ މުސީބާތުން ސަލާމަތްވާނެ ގޮތެކެވެ. އެކަމަކު ނޫރީ އަކީ އޭރު މުހައްމަދު ބިބީގެ އިތުބާރު ލިބި އޭނާގެ އިސް މުޝީރުންގެ ސަފަށް އަރައި ހިމާޔަތާއި ބާރު ލިބިގަނެފައިވާ ހީލަތްތެރިއެކެވެ. މުހައްމަދު ބިބީގެ ކުރިމަތީގައި އޭނާ އަކީ ރެހެންދި ޚަދީޖާގެ ތަހުތާ ދެކޮޅަށް ނުކުތް ޖާސޫސުންގެ ތެރެއިން ޖާސޫސެކެވެ. ނޫރީ ހެދިގެން ހުރީ ވެސް އޭގެ މީހަކަށެވެ. އެހެންކަމުން ރަސްގެތީމަށް އެރިތަނުން އަހަރެންނާއި އަހަރެންނާ އެކުގައިވީ އެހެން ޖާސޫސުން ވެސް ރެހެންދި ހަދީޖާގެ ވަފާތެރިން ކަމަށް ނިންމައި، ހިފައި ހައްޔަރުކޮށް ޖެހިގެން އޮތް އަނގޮޅިތީމުގެ އަނދިރިޖަލުގައި ބަންދުކުރީއެވެ. އަރައިގެންދިޔަ ބާރުމިނުގައި ގޮސް އަހަރެން އަނެއްކާވެސް ނަރަކަގެއަކަށް ވެއްޓުނީއެވެ. އެންމެ ހޯދަން ބޭނުންވި ޒުލޭހާގެ މޫނެއް ވެސް ނުފެނި އުޅެނިކޮށެވެ.

ތަހުތަށް ދަހިވެތިވެފައިވީ މުހައްމަދު ބިބީގެ މައި ރަށަކީ ރަސްގެތީމެވެ. އަދަދުން ކިޔައިދޭން އުނދަގޫވާވަރުގެ ބޮޑު ފޭރޭ ލަޝްކަރެއް އޭނާގެ ދިފާއުގައި އެ ރަށުގައި އޮވެ އެވެ. އަދި އެމީހުންގެ ހުރިހާ ވަގު ވިޔަފާރިތަކާއި އެހެން މުއާމަލާތްތަކާއި ރޭވުންތައް ރާވާ މައި ރަށަކީ ވެސް އެއީއެވެ. ޖެހިގެން އޮތް އަނގޮޅިތީމަކީ އަސްލަށް ވެސް ޖަހަންނަމައެކެވެ. އޭނާގެ ގަނޑުވަރުގައި މަސައްކަތްކުރާ ނޯކަރުންނާއި ކުށްވެރިންނާއި ރެހެންދި ޚަދީޖާގެ ޖާސޫސުންނަށް ހާއްސަ ރަށެކެވެ. އެކަމަކު މި ރަށުގައި ވެސް ބިބީ ލަޝްކަރުގެ ސިފައިންގެ ފައުޒެއް އޮވެއެވެ. އަބަދުވެސް ހޭލާ، ފާރައަށް ތިބޭ ބަޔަކު ތިބެއެވެ. އަދި މުހައްމަދު ބިބީގެ ކަނޑުގެ ފައުޒަށް ބޭނުންވާ އޮޑިދޯނި ފަހަރުތައް ބަނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ މައި ރަށަކީ މިއީއެވެ. އެ މަސައްކަތުގައި ރެއާއި ދުވާލު އަވަދިނެތި އުޅެނީ އިސްކޮޅުން ދިގު، ބިޔަ ބޮޑު ފުރޭތަތަކެއްހެން ހީވާ ބައެކެވެ. ހަތަރެސްފައިގައި ޗެންޗޭނު ޖަހައި އަޅުވެތިކޮށްފައިވާ އެމީހުންނަށް ބިބީ ފައުޒު މީހުން ކިޔައި އުޅެނީ ރެދިންނޭވެ. އެމީހުން ދިޔައީ ހަތް ދުވަހުން އޮޑިއެއް ބަނދެ ނިންމަމުން މި ރާއްޖޭގައި ނެތް ވަރުގެ ބޮޑު ލަޝްކަރަކެއް މުހައްމަދު ބިބީ އަށް ހަދިޔާކުރަމުންނެވެ.

ރެދިންގެ އެ އަޖާއިބުކުރުވަނިވި މަސައްކަތަށް ގެއްލި އަހަރެން އޮތީ ޖަލުގޮޅީގެ ތިރީގައި، ވަޔާއި އަލި ވައްދަން ހަދާފައި ހުރި ހަތަރެސްކަން ކުޑަދޮރެއްގެ ދަބަރުހިލި ތޭރިތަކުގައި ލޯޖަހައިގެންނެވެ. އެ ކުޑަދޮރުން ޖަލުގޮޅި ތެރެއަށް އެޅިފައިވާ ހަނދުވަރުގެ ދޯދިއެއްގެ ފަނޑުއަލި ފިޔަވައި އެހެން އަލިކަމެއް އަހަރެންގެ ގޮޅިއަކު ނުވެއެވެ. އަދި ގޮޅިން ބޭރުގައި އޮތް ހިސާބު އޮތް ގޮތެއް އަދި އެތަނުގައިވީ ބައެއްގެ ހާލެއް ވެސް އަހަންނަކަށް ނޭނގެއެވެ. ހަނދުވަރުގެ އަލި ވެއްޓި އިރުގެ ދޯދިއެއް އެ ކުޑަދޮރުން ވަދެގެން އަޔަސް މިތަނުގެ ހާލަކީ މިއީއެވެ. މި އެކަނިވެރިކަން ބޮޑުވާ ހިނދު ހިތަށް އަރަނީ މި ޖަލާއި ރަށުގައި ބަންދުވެފައިވާ ހަމައެކަނި މީހަކީ އަހަންނޭވެ. ކިރިޔާ ވެސް އުއްމީދެއް ގެނެސްދޭ ބަޔަކީ ރެޔާއިދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި މަސައްކަތުގައި އުޅޭ ރެދިންގެ ބިޔަ ޖިންނިތަކެވެ. ފުރަތަމަ ދެ ހަފުތާ ވަންދެން މި ތަނުގައި އަހަރެން އޮތީ ކާނެ އެއްޗެއް، ބޯލާނޭ ފެންފޮދެއް ވެސް ނުލިބިއެވެ. ހާންތިވެ މި އަނދިރިކަން އައިސް މީހާގެ ފުރާނަ ޖަހައިގެން ހިނގައިދާނެހެން ހީވި ރެއެއްގައި އަހަންނަށް ހޭލެވެނީ ޖަލުގޮޅީގެ ކުރިމަތީގައި އޮތް އަނދިރިގަނޑުގެ ތެރެއިން މީހެއްގެ ފިޔަވަޅުތަކެއްގެ އަޑު އިވިގެންނެވެ. އުށްބައްތިއެއް ހިފައިގެން އައިސް އެމީހަކު އަހަރެންގެ ގޮޅި ކައިރިއަށް ތިރިވެ، ވަލު ޖަނަވާރަކަށް ކާން އަޅާހެން ތޭރިތަކުގެ ތެރެއިން އަހަންނާ ދިމާލަށް އެއްލައިލީ ފާރޮށި ބުރިއެކެވެ. އެއަށް ފަހު ތޭރިތަކުގެ ބޭރުގައި ބެހެއްޓީ ލޮއިން ހަދާފައިވާ ބައު ތައްޓެކެވެ. އޭގައި މެދަކާ ހިސާބަށް ބޯފެން ހުއްޓެވެ. އެތެރެއަށް އެއްލި ފާރޮށިބުރި ނަގައިގެން ބިންމަތީގައި ދެމެމުން އަހަރެން ތެޅިގަތީ ކުރިމަތިން ފެންނަން ހުރި ތަށީގައި ހުރި ފެނަށް ފެންބޮވައިގެންނެވެ. އެކަމަކު ކުރިއަށް ދާނޭ ވަރެއް ގަޔަކު ނެތެވެ. އޭރު އުށްބަތި ހިފަހައްޓައިގެން ހުރި މީހާ އެ އުށްބައްތި، ފެންތަށި ކައިރީގައި ބެހެއްޓުމަށް ފަހު ތަށީގެ ތެރެއަށް ގޮރުހަނޑަނީއެވެ. އޭނަގެ ނަޖިހުން އެ ތަށި ފުރި ބަންޑުންވެ ބުރައިގެން ދިޔަ ތިކިތަކުން އުށްބައްތި ނިވި މާހައުލު އެކުގައި ކަނުއަނދިރިކަމެއްގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. އެކަމަކު ދެން ވެސް އަހަރެން ބެލީ ކޫއްތެމުން ގޮސް އެ ތަށި ނަގައި އަތުޖެއްސޭތޯއެވެ. ތޭރިތަކުގައި އިނގިލިތަކުގެ ކުރި ޖެހުނުހެން ހީވެގެން ހިތްވަރެއް ލައި އެއަށް ވުރެ ކުރިއަށް ޖެހިލި ވަގުތު ދެން އިވުނީ އަލިފާން ދަނޑިއެއް އަޅާލި އަޑެވެ. އޭގެ ބަނޑިބޭސްގަނޑު ގޮވައި ރޯވި ވަސްގަނޑަށް ބޯހިއްލައި ތޭރިތަކުގެ ތެރެއިން މައްޗަށް ބަލައިލިއިރު ރޯކުރި އަލިފާން ދަނޑިން އެމީހަކު އަނެއްކާވެސް އުށްބައްތިއެއް ރޯކުރަނީއެވެ. އަދި އަހަންނަށް އެމީހެއްގެ މޫނު ސާފުކޮށް ފެންނާނޭހެން އޭނާ ތޭރިތަކާ ގާތަށް ޖެހި އުށްބައްތިއާއެކު ތިރިވެ އަހަރެންނާ ވެވުނު އެންމެ ކައިރިއެއްގައި އުޑަފައިން އިށީނދެއްޖެއެވެ. އެއަށް ފަހު އަހަރެންގެ ހާލަށް ޖެއްސުންކޮށް އެމީހަކު ހުތުރުފާޑަކަށް ބިނދިބިނދިފައި ހޭން ފަށައިގަތެވެ. އެއީ ނޫރީކަން އަހަންނަށް ޔަގީންވީ އެހިސާބުންނެވެ. އެއީ މުރަކަ ގަނޑުވަރުން އަހަރެން ހައްޔަރުކޮށް ނޫރީގެ ލަފާގެ މަތިން މި ރަށަށް ބަދަލުކޮށް އަނދިރިޖަލުގައި އަހަރެން ކަސްތޮޅުޖެހިފަހުން އޭނާގެ މޫނު އަހަންނަށް ދައްކާލި ފުރަތަމަ ފަހަރެވެ. އޭރު ޖަލުގެ މި ކުޑަގޮޅީގައި އަހަރެން މަރަށް ތެޅިލަތެޅިލަ އޮންނަތާ ސާދަ ވަރަކަށް ދުވަސްވީއެވެ. އަހަންނަށް އޭރު ވެސް ޒުލޭހާގެ މޫނެއް އަދި ނުފެނެއެވެ. ހިތަށް އަރަމުން ދިޔައީ އެ މޫނާއި އެ ހިނިތުންވުން އަހަރެންނަށް ދެން ދުވަހަކުވެސް ނުފެންނާނެއޭއެވެ.

"ކަލެޔަށް ނަރަކަ ދައްކާލާނަމެވެ."

ނޫރީ ބުނީ އެހެންނެވެ. އެހެންކިޔާފައި ކަރުކަހައި ދަވަގަނޑެއް މޫނަށް ޖަހާލާފައި އޭނާ އެނބުރިގެންގޮސް އަނދިރިގަނޑަށް ވަދެ ގެއްލިއްޖެއެވެ. ވީހާލެއްގައި އޮވެ އަހަރެން ތެޅިގަތީ ނަޖިސްތަށި ބޮއެ ހުސްކޮށް ފާރޮށިބުރިން ބަނޑުފުރާނަ މުއްތިކުރެވޭތޯއެވެ. އަހަންނަށް އެ ހާލުގައި ކޮންމެ ގޮތެއް ވެސް ވަރިހަމަވެފައިވީ ފަދައެވެ.

ދެން އަނެއްކާވެސް މީހެއްގެ ހިލަމެއް އަހަންނަށްވީ އޭގެ ހަތް ދުވަސް ފަހުންނެވެ. ތަޅުންގަނޑުމަތީގައި އަހަރެން އޮތީ ހެލިވެސް ނުލެވިފަ އެވެ. ނަމަވެސް ފަނޑުފަނޑު ރީނދޫ އަލިކަމެއް ތޭރިތަކުގެ ބޭރުން މާ ދުރުން ދައްކާލުމުން އަހަންނަށް އެތަނުގައި މަޑަކުންނެއް ނޯވެވުނެވެ. އެ އަލިކަމާ އެކުގައި އަހަރެންގެ ގޮޅިއާ ދިމާލަށް އޭރު ފަރިފަރި ގޮތަށް ހިނގާލާފައި އެހެރެ އަންނަނީ މަގޭ ޒުލޭހާއެވެ. އޭނާގެ ބޮލުގައި އޮތް ދިގު ފަން އިސްތަށިގަނޑާ ފިނި ރޯޅިތައް ކުޅެމުން ދިޔައިރު ލައިގެން ހުރި ކަޅުކުލައިގެ ފަށުއި ދޫ ފޭރާން ވެސް ވައި ރޯޅީގައި ނަށަމުން އަހަރެމެންގެ މި ބައްދަލުވުމަށް މަރުހަބާކިޔަމުން ގެންދާ ކަހަލަ އެވެ. އެ މަންޒަރު ބަލަން އޮތްވައި ދެން ހީވީ އަހަރެންގެ ހަތަރެސްފައިގައި ދުނިޔަވީ ހުރިހާ ބާރެއް ކުއްލިއަކަށް ޖެހުނުހެންނެވެ. ހިނގާލާފައި އައިސް ޒުލޭހާ އަހަރެންގެ ޖަލުގޮޅީގެ ތޭރިތަކާ އަރާ ހަމަކުރިއިރު ގޮޅި ތެރޭގައި އަހަރެން ވެސް ހުރީ ކޮޅަށެވެ. ސާދަވިލޭރެއެއްގެ ބޮޑު ހަނދުން އެޅިފައިވާ ދޯދިއަކުން ގޮޅި އޮތީ އޭރު އެކުގައި ދިއްލާލައިފައެވެ. އެކަމަކު ކިތަންމެ ބޭނުންވިޔަސް އަހަންނަކަށް ދެން އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. ހީވީ ދެ ފައިތިލަ އެ ތަޅުންގަނޑުގެ ފިނީގައި ގަނޑުގެ ތަތްވެފައިވީހެންނެވެ. އެހެން ހުއްޓައި ދެން ފެނުނީ ތޭރިތަކުގެ ތެރެއިން ޒުލޭހާ އަހަރެންގެ ގޮޅި ތެރެއަށް ވަދެގެން އައި މަންޒަރެވެ. އެވަގުތު އަހަރެންގެ ހަތަރެސްފައި ތުރުތުރުއަޅައިގަތީ ކުރިމަތިން ފެންނަމުން ދިޔަ އެ މަންޒަރު ހުވަފެނަކަށް ވުމަށް އެދި ދުއާކުރާ ހާލުގައެވެ. އެކަމަކު އަހަންނަށް ހީވަނީ އޭރު މާ ބޮޑަށް ވެސް ލަސްވެއްޖެހެންނެވެ.

އަހަރެންގެ ކުރިމަތީގައި ހުއްޓިލައިގެން ޝައުގުވެރިވެފައިވީ ބެލުމަކުން އަހަރެންގެ މުޅި ހަށިގަނޑު ބަލައި ދިރާސާކުރަމުން ދިޔަ ޒުލޭހާގެ ސިފަ ދެން މަޑުމަޑުން ބަދަލުވާން ފެށީ ކެހެރިލީ ހައިވާނެއްގެ ހުތުރު ސިފައަކަށެވެ. އޭނާގެ ބޮލުން ދެ ދަޅު ފަޅައި އެ ދެ ދަޅު މަޑުމަޑުން ބޮޑުވެ ފަހަތަށް ބަޅުވެ ދެ ލޯ ރަން ރީނދޫ ކުލައަކުން ދިއްލިގެންދިޔައިރު ދެ ފައި ޖަހައިގެން އަހަރެންގެ ކުރިމަތީގައި ހުއްޓިހުރި ކެހެރިލީ ބިޔަ ހައިވާނުގެ ކިބައިގައި ޒުލޭހާގެ އެއްވެސް ސިފައެއް ނެތެވެ. އޭތީގެ ދިލަހޫނުން ފިހެލަފާނެހެން ހީވާހާ ގާތުގައިވީ ނަމަވެސް އަހަންނަށް ކުރެވޭނޭ ހަމަ އެއްކަމެއް ވެސް ނެތެވެ. ހިރިވެސް ނުލެވި، ކަޅި ވެސް ޖަހާނުލެވި، ދެ ލޯ ބޮޑުކޮށްގެން ހުރެވުނީއެވެ. އެހެން ހުއްޓައި އޭތި ކަޅުކުލައިގެ އޮލަ ދުންގަނޑަކަށް ބަދަލުވެ، ނަގޫރޯޅިއެއްހެން އެނބުރިގެންފައި، ދޫކޮށްލި ތީރެއް ފަދައިން އައިސް އަހަރެންގެ މެއަށް ވަދެ ކުރިމަތިމަތިން ގެއްލެން ނެގީ ފަޅި ސިކުންތެކެވެ. އެހިސާބުން އަހަރެންގެ ހެއަށްވީގޮތެއް ނޭނގެއެވެ. އަނބުރައިގެން ތަޅުންގަނޑު މައްޗަށް ވެއްޓިއްޖެއެވެ. އެގޮތަށް އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. ހޭލެވުނީ މީހުންތައް ހޯބޯލައްވާ އަޑަށާއި ބޮޑުބަޑީގެ އަޑަށެވެ. އޭރު އަހަރެން އަޅުވެތިކޮށްގެން އުޅުނު އަނދިރިކަމަށް އަލިކަން ވެރިވެގަނެފިއެވެ. ޖަލުގެ ހަތަރުފާރު ސުންނާފަތިކޮށް މުޅި ރަށް އޮތީ ހުޅުވާލައިފަ އެވެ. ރެދިންތައް ޗެންޗޭނުތަކުން މިނިވަންވެގެން ބިބީންގެ ފައުޒުތަކަށް ހަމަލާދީ ކަނޑަށް އެރިގެން ފިލަން ދުވަނީއެވެ. އޮޑިހަރުގޭގައި ރޯވެ އަނދަމުންދިޔައިރު ހަނގުރާމަ އަށް ތައްޔާރުކުރި އޮޑިތައް އަނދައި ހުލިވެފައެވެ. މަރުވެފައި ތިބި ބިބީންގެ ސިފައިންނާއި ނޯކަރުންނާއި ފާރަވެރިން ރަށުގެ އެކި ހިސާބުތަކަށް ވެއްޓިފައި ތިއްބެވެ. މަރަށް ތެޅިލަތެޅިލަ ތިބި މީހުންނާއި މަރަށް ފިލަން ދުވަމުން ދިޔަ މީހުންތައް ވެސް ރަށުތެރެއިން ފެނުނެވެ.

ބިމާހަމަވެފައިވީ އަނދިރިޖަލުން ނުކުމެގެން އަހަރެން ހިނގައިގަތީ އަނދަމުންދިޔަ އޮޑިހަރުގެއާ ދިމާލަށެވެ. އޭރު ދުރުން ފެންނަން އޮތް ރަސްގެތީމު ވެސް އަނދައި އަޅިއަށް ވަމުންދާ މަންޒަރު ފެނެއެވެ. ރެހެންދި ޚަދީޖާގެ ދިދަތައް ނަގާފައިވީ ހަނގުރާމަވެރި އޮޑިފަހަރުތައް މުޅި ހިސާބުގަނޑަށް ފެތުރިފައިވާ ކަހަލައެވެ. އެއްގަމަށް އެހެލާފައި އޮތް ބޮއްކުރައެއް ބާލައިގެން އަހަރެން ފަލިޖަހައިގަތީ ވީއެންމެއަވަހަކަށް ރަސްގެތީމަށް ދިއުމަށެވެ. ހިލިހިލާޖަަހައި ބަނޑުހައިހޫނުކަންމަތީގައި އެތައް ދުވަހެއް ޖަލުގެ ކުޑަ ގޮޅިއެއްގައި ހޭދަކުރި މީހެއްގެ އެއްވެސް އަލާމާތެއް ނުވަތަ އަސަރެއް އަހަރެންގެ ކިބައަކުން އޭރަކު ނުފެނެއެވެ. އާދަޔާހިލާފު ބާރަކުން އަހަރެން ގޮވައިގެން ގެންދާ ކަހަލައެވެ. އަހަރެންގެ ހިތް އެދި ގޮވަމުން ދިޔަ މަންޒިލާ ދުރަށް އަހަރެން ގެންދާ ކަހަލައެވެ. ބޮއްކުރާގައި އަހަރެން ހީކުރީ އަހަންނަށް އެ ދެވެނީ ކުރިމަތިން ފެންނަން އޮތް ރަސްގެތީމަށް ކަމަށެވެ. އެކަމަކު އެންމެފަހުން ކަނޑަށް ނުކުމެ އެ ރަށް އަހަރެންގެ ލޮލަށް ގެއްލުނީ އެވެ. ހައްޓި ދުވަސް ފަހުން އަހަރެންގެ ބޮއްކުރާ ގޮސް ބީއްސާލީ ސައްދުންމަތީ ގަމުގެ ބޮޑު ތުނޑިއަށެވެ. ދެން ވެސް، ވަރުބަލިކަމެއް، ބަނޑުހައިހޫނުކަމެއް، ކަރުހިއްކުމެއް އަހަންނަކަށް އިހްސާސެއް ނުކުރެވެއެވެ. ފަސްދޮޅަސް ދުވަސްވަންދެން ފަލިޖެހި ދެ އަތުގެ އަތްތިލައިން ފޮޅުނަގައި ފޮޅުކަނޑައިގެން ފާރުވެފައިވިޔަސް، އެއްވެސް އިހުސާސެއް އަހަންނަކަށް ނުކުރެވެއެވެ.

ތުނޑިން އަރައިގެން ރަށުތެރެއަށް ވަދެގެން ގޮސް އަހަރެން ދެން މިސްރާބު ޖެހީ މަތިމަރަވަލަށެވެ. އެއް ޒަމާނެއްގައި އެ ވަލަކީ ދެވިތަކަށް ތަބާވެ ގުރުބާން ކަތިލައި އުޅުނު ގަބީލާއެއްގެ ބަޔަކު ދިރިއުޅުނު ވަލެކެވެ. ބޯޖަންގައްޔަކަށް އެތަން މިހާރު ބަދަލުވެފައިވިޔަސް އެމީހުންގެ އަސަރު އަދިވެސް އެތަނުން ފެންނަން ހުއްޓެވެ. ބޮޑުބައެއް ވީރާނާވެގެން ގޮސް ހަލާކުވެފައިވިޔަސް، ގުރުބާން ކަތިލައި ލޭ އޮހޮރުވި ދަރުބާރު އަދިވެސް އެތަނުގައި ކޮޅަށް އެބަހުއްޓެވެ. ސިޑިބަރިއަކުން އަރައިގެން ގޮސް، ވީރާނާވެފައިވީ އެ ދަރުބާރުގެ އެންމެ އެތެރެއަށް ވަދެ އަހަރެން މަޑުކޮށްލީމެވެ. އިރުކޮޅެއް ނުވެ އަހަރެންގެ އަނގައިންނާއި ނޭފަތުގެ ދޮރުން އަދި ކަންފަތުން ކަޅުކުލައިގެ އޮލަދުންތަކެއް ނުކުމެ އެ ދުންތައް އެކުވެ ހައިވާނެއްގެ ސިފަ އަށް ބަދަލުވަމުން ގޮސް ކެހެރިލީ ބިޔަ ޖަނަވާރެއް އަހަރެންގެ ކުރިމައްޗަށް ފުންމާލައިފި އެވެ. ދެން ވެސް ހިރިލަން ވެސް ނުކެރިފައި އަހަންނަށް ހުރެވުނީއެވެ. އަދިވެސް އަހަރެންގެ އެއްވެސް ބާރެއް އަހަރެންގެ މައްޗަކަށް ނުހިނގާ ކަހަލައެވެ.

ވެޔޮއަރައި ގަސްތައް ބޯކޮށް ހެދިފައިވާ ދަރުބާރު ތެރެއިން ދެން ނުކުމެގެން އައި މޫނަކީ މީގެ ކުރިން ދުވަހަކުވެސް އަހަރެން ދެކެފައިނުވާ ވަރުގެ ރީތިކަމެއް ލިބިފައިވާ އަންހެނެކެވެ. އެމީހާ އައިސް އަހަރެން ކައިރިއަށް މަޑުކޮށް އަތުގައި ހިފައިގެން އެނބުރި އައިކޮޅަށް ހިނގައިގަތުމާއެކު ކެހެރިލީ ހައިވާނު ވިދުވަރެއްހެން ފުންމަމުން ގޮސް ދަރުބާރުގެ އެތެރޭގައި ހެދިފައިވީ ބޯ ގަސްތަކުގެ ތެރެއަށް ގެއްލިއްޖެއެވެ. އަހަރެންގެ އަތުގައި ހިފައިގެން ގޮސް އަންހެން މީހާ ސިޑިތަކުން އަރަމުން ގޮސް އެ ދަރުބާރުގެ އެންމެ އުހަށް އަރައިފި އެވެ. އޭރު ދުރުން ފެންނަން ހުރި ހިލަގަނޑެއްގެ މަތީގައި އޮރިޔާންކޮށްފައި އޮތް ޒުވާން އެހެން އަންހެން ކުއްޖަކު އޮތެވެ. އަހަރެން އެ ދިމާލަށް ހިނގައިގަތުމުގެ ކުރިން، އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރި އަންހެން މީހާ އަހަރެންގެ އަތަށް ދިނީ ވަޅިއެކެވެ. އެއަށް ފަހު ކުރިއަށް ދިއުމަށް އަތުން އިޝާރާތްކޮށް ހިނިތުންވަމުން އެ އަންހެން މީހާ އެއްފަރާތަކަށް ޖެހިލައިފިއެވެ.

މަޑުމަޑުން ހިނގަމުން ގޮސް އަހަރެން އެންމެފަހުން، ހިލަގަނޑު މަތީގައި ބާއްވާލާފައި އޮތް އަންހެން ކުއްޖާއާ އަރާހަމަކޮށްލީމެވެ. އެތަނުގައި ހިލިހިލާޖަހައި އޮރިޔާންކޮށްފައި އެ އޮތީ ޒުލޭހާއެވެ. އެވަގުތު ހީވީ އަހަރެންގެ މެޔަށް އަތް ގަންނަވާލައި ހިތާއި ފުރާނަ ޖަހައިގެން މީހަކު ދިޔަހެންނެވެ. އެކަމަކު ހިތަށް ކިތަންމެ އަސަރެއްކުރިޔަސް އަހަރެންގެ އެއްވެސް އިހުތިޔާރެއްނެތެވެ. އަތުގައި އޮތް ވަޅިއަށް ބަލަން ހުރެފައި ވަށައިގެން ބަލައި ހޯދާލީމެވެ. ދުނިޔެމަތި އަނދިރިވަނީއެވެ. ކޭތަހިފައި އަލި އަލުން ރުޖޫއަނުވަނީސް ކަތިލައި ގުރުބާންކުރަން ޖެހޭ މީހާގެ ލޭއޮހޮރުވުން ނޫން އެހެން އިހުތިޔާރެއް އަހަންނަކަށް ނެތެވެ.

ފެންކަޅިވެފައިވީ ހާލުގައި ގޮސް ޒުލޭހާއާ ގާތަށް ޖެހި އެންމެފަހުން އޭނާގެ ކަރުގައި ވަޅިއަޅައި އަހަރެންގެ ދެ އަތުން އޭނާ ކަތިލައިފީމެވެ. ލޭ އޮހޮރި އަހަރެން ވަށައިގެން ލޭގެ ކޯރެއް ހެދުނުއިރު ވެސް ޒުލޭހާ އޮތީ ދެ ލޯ ބޮޑުކޮށްގެން އަހަންނާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ އެ މައުސޫމުކަމަށް ގެއްލި ހުއްޓުން އަރާފައި ހުއްޓައި ފަހަތުން އައިސް މީހަކު އަހަރެންގެ ގައިގައި ބައްދައިގެންފިއެވެ. އެއީ މި ދަރުބާރުން އަހަންނަށް މަރުހަބާކީ އަންހެން މީހާއެވެ. އޭނާ ދެން އަހަންނަށް ދައުވަތު ދިނީ ލޭގެ ކޯރަށެވެ. އެތަނުގައި ލެއިން ތަތްތެޅި އަރާމާއި ލަތްޒަތުގެ ކޯރަކަށް ދެމީހުން އެކުގައި މަޑުމަޑުން ގެނބެންފެށީއެވެ. އެ އަންހެން މީހާ އަކީ މަރީނާކަން އަހަންނަށް އޭރަކު ރޭކާ ވެސް ނުލަ އެވެ. އެކަމަކު އެންމެފަހުން އަހަރެންގެ ހަގީގަތާއި މަރީނާގެ ހަގީގަތް އެނގުނު ހިސާބުން ދެން ބޭނުންވީ އަހަރެމެންގެ މުޅިން އާ ޖީލެއް މި ދުނިޔެއަށް ގެންނާށެވެ. އިފްރިންފިރާ ފަހުރުވެރިވާވަރުގެ ދަރިފަސްކޮޅެއް މަތިމަރަވަލުގައި އާބާދުކުރާށެވެ. އިފްރިންގެޖީލެކެވެ. އެނޫން އެހެން ގޮތަކަށް މަރީނާ ވެސް އަދި އަހަރެން ވެސް އިފްރިންފިރާގެ ކިބައިން ދުވަހަކުވެސް ސަލާމަތްނުވާނެތީއެވެ.

*** ** ***

އެޕިލޮގް:

*** ** ***

ރެހެންދި ޚަދީޖާގެ ކުއްލި ހަމަލާއިން ސަލާމަތްވެވޭނޭ ހަމަ އެއްގޮތެއް ވެސް ދެން ނެތްކަން އިހުސާސުވުމާއެކު އުރައިން ކަނޑި ދަމައިގެން ނޫރީ ދުއްވައިގަތީ މުރަކަ ގަނޑުވަރުގެ ޖާރިޔާއިންގެ ކޮޓަރިކޮޅަށެވެ. އޭނާ ބޭނުންވީ އަޖަލު އައިސް އޭނާއާ އަރައި ހަމަ ނުވަނީސް ޒުލޭހާ އާއި ޒާލިމުގެ ދުވަސް ދުއްވާލާށެވެ. ނަމަވެސް ދޮރު ވައްޓާލާފައި ޖާރިޔާއިންގެ ކޮޓަރިކޮޅަށް ވަދެގަތް ވަގުތު ދެން ފެނުނު މަންޒަރާއެކު ފިޔަވަޅެއް ވެސް ކުރިއަށް އަޅަން ނުކެރި އެނބުރި އައިތަނަކަށް އޭނާ އަށް ދުއްވައިގަނެވުނީއެވެ. ކޮޓަރި ތެރެއިން އޭނާ އަށް ފެނުނު ދެ ދަޅުލީ، ކެހެރި ބޯ ހައިވާނަކީ ރަށުގެ ކުޅި ކިސަޑު ވަލުގައި ވެސް އޭނާ އަށް ހަމަލާ ދީ އޭނާގެ އެދުންވެރި ވަކިން ޒުލޭހާ ސަލާމަތްކުރި ބާރުކަން އެނގި އަމިއްލަ ފުރާނައަތަށްލައިގެން ފިލަން ދުއްވައިގަނެވުނީނެވެ. އެކަމަކު އޭރަކު ފިލަން ދުވާނޭ ތަނެއް ނެތެވެ. ރެހެންދި ޚަދީޖާގެ ލަޝްކަރު ރަސްގެތީމަށް އަރައި އެތަން އަޅިއަށް ހަދާލަނީއެވެ. އެންމެފަހުން އަސީރެއްގެ ގޮތުގައި ގެންގޮސް ރެހެންދި ޚަދީޖާގެ އެންމެ އަނިޔާވެރި ބިންގަރާސް ޖަލެއްގައި ނޫރީ ބަންދުކުރެވުނީއެވެ. އެ ހާލެއްގައި އެތައް މަހެއްވީ ފަހުން އެއް ރެއަކު އޭނާ އަށް ހޭލެވެނީ ކޮށި ކުރަކި ނޭވާއެއްގެ އަޑަށެވެ. ދެ ލޯ އުނގުޅަމުން، އުށްބައްތިއެއް ނަގައިގެން ގޮސް ތޭރިތަކުން ބޭރަށް އަލިކޮށްލި ވަގުތު ހަތަރެސްފައި ޖަހާފައި އޭނާއާ ދިމާލަށް ފުންމައިގެން އައީ ޒާލިމެވެ. އޭނާގެ ދެ ލޯ، އަނގުރު އަލިފާން ފަދައިން ދިއްލިފައެވެ. (ނިމުނީ)

Popular