* މާޗް 7 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...
* މާޗް 7 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...
ކޮނޑުމަތީ އޮތް އަތް މުށްކަވާލައިފައި ތިރިއަށް ގެނެސް ސާހިލްގެ މޭމަތީ ތަކުރާރުކޮށް ދެފަހަރު ޖެހީމެވެ. ތިންވަނަ ފަހަރު ޖަހަންވާއިރަށް ސާހިލް އެއަތުގެ ކުޑަހުޅާއި ހިސާބުގައި ހިފެހެއްޓި އެވެ.
ދޮޅު އަހަރު ފަސް:
ކާރު މަޑުކުރިކަން އިހްސާސްވެގެން ބަލައިލިއިރު މަންޒިލާ ހަމައަށް ފޯރީ އެވެ. އުނގުމަތީ އޮތް ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން ދޮރު ހުޅުވާފައި ފުރަތަމަ ފިޔަވަޅު ބިމުގައި އެޅީމެވެ. ނިކުމެ ކުރިމަތީ ފެންނަމުން ދިޔަ ގެއާ ދިމާއަށް ބަލަން މަޑުކޮށްލި ކުޑަ ވަގުތުކޮޅު ވެސް އެތަކެއް ހަނދާންތައް އައިސް ސިކުނޑި ވަށައިލި އެވެ. ހަމަހޭވެރިކަންވީ ޑްރައިވަރު ލޯގަނޑު ތިރިކޮށްލާފައި ބަލާ އަންނަންވީ ކިހާ އިރަކުތޯ އެހި އަޑަށެވެ. އަތުގެ އިޝާރާތުން އަހަރެން ބުނީ ބަލައި އަންނަން ނުޖެހޭނެ ކަމަށެވެ. ޑްރައިވަރު ބުމަ އަރުވައިލީ ސުވާލު އުފެދިފައިވާ ނަޒަރަކުންނެވެ. އެކަމަކު ހިޔާރު ކުރީ ހިމޭންކަމެވެ. ކާރު ދުއްވާލުމާއެކު ދެފަރާތް ބަލާލައިފައި ވަންނަން ވެގެން ހިނގައިގަތީމެވެ.
ގޯތިތެރެއަށް ވަދެގެން ދިޔައިރު އާދަޔާ ޚިލާފަށް މީހުން ގިނަ އެވެ. ސުވާލު އުފެދިފައި ހުރެގެން މައިދޮރާއި ދިމާއަށް ދާންވެގެން އަރަން ގިރާކުރަން ހުރި ތިރި ސިޑީގެ ދެހަރުފަތް ފެނިފައި މެއަށް ފިނިވެލި އެވެ. ހިނގަން ފަރިތަވެފައި ވިއަސް އަދިވެސް ކިރިޔާ އުހަށް އަރަން ޖެހޭއިރަށް ޖެހިލުންވާގޮތެއް ހުރެ އެވެ.
ހިތްވަރުކޮށްލާފައި ދެހަރުފަތް ގިރާކުރުމަށްފަހު ގޮސް މައިދޮރުން ވަނުމުން ގޭގެ ހޯލްތެރެ ފެނުނީ ކުރިއަށްވުރެ މީހުން ގިނަކޮށެވެ. ތަން ޒީނަތްތެރިކޮށްފައި އޮތީ ކޮންމެވެސް ކަހަލަ ޕާޓީއަކަށްކަން ލަފާކޮށްލެވުނެވެ. ތަންކޮޅަކަށް ދިޔަތަނާ ދެތިން މީހަކު އަހަރެން ފެނިގެން ބެލި އެވެ. އެކަމަކު އަހަރެން ގިނައިރު ވަންދެން އެކަކާއި ވެސް ހަތަރުކަޅި ހަމަކޮށްގެން ނުހުންނނަމެވެ. އެއިން މީހަކަށް އަހަރެން މީ ކާކުކަން ފާހަގަވެގެން ހުއްޓުވައި ވާހަކަދައްކާނެ ފުރުސަތު ނުދީ އަހަރެން ދިޔައީ ކުރިއަށެވެ.
އަހަރެންގެ އެންމެފަހުން ހުއްޓުނީ ދެއަހަރަށްދާ ކުޑަ އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ކޭކު ފަޅަން ގުދުވެ އޮތް އާއިން ފެނިފަ އެވެ. އެވަގުތު ތަނުގައި އެއް އަޑަކަށް ހިފައިލީ އެންމެން އަތްޖަހަންފެށި އަޑެވެ. އަހަރެން ހުރީ ބަލާށެވެ.
އާއިން ކޭކުކޮޅެއް ވަކިކޮށްލާފައި ޔާނާގެ އަނގައަށް ލެވުމުން ހެވިފައި ހުރެގެން ކާލި އެވެ. ދެން ޔާނާގެ ފަހަރެވެ.
"ޔަލްވީ؟...." ކޮންމެވެސް މީހަކު އަހަރެންގެ މުލައްދަނޑީގައި ހިފާލައިފައި ވާހަކަދެއްކި އަޑަށް ބަލައިލެވުނެވެ.
ސިލްވިއާގެ ދެލޯ ހުރީ ބޮޑުވެފަ އެވެ. ތަކުރާރުކޮށް އަހަރެންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލައިފައި މޫނަށް ހުއްޓައިލި އެވެ. އެއަށްފަހު ދެން ނަޒަރު ހުއްޓައިލީ އާއިންމެން ތިބި ދިމާއަށެވެ.
"އާއިން ވަރަށް އުފާވާނެ..." ސިލްވިއާގެ ޖުމްލަ ނިންމާފައި އަހަންނަށް އެއްޗެއް ނުބުނެވެނީސް އަތުގައި ހިފައިގެން ހުރެ އެދިމާއަށް ހިނގައިގެންފި އެވެ.
ސިލްވިއާ ހުއްޓުނީ އެތާހުރި މޭޒު ވަށާލައިފައި ގޮސް އާއިންއާއި ޔާނާގެ ކުރިމަތީގަ އެވެ. ދަރިފުޅާއި ވާހަކަދައްކަން ހުރެފައި މަންމަ ގޮވާލުމުން އާއިން އިސްއުފުލައިލި އެވެ. އަހަރެން ފެނުމާއެކު ސިލްވިއާ ފަދައިން އާއިން ވެސް ދެލޯ ބޮޑުވި އެވެ. ދެވަނަ ފަހަރަށް އަހަރެން އެގޮތަށް އެމީހުން ކުރިމަތީ ކޮޅަށް ހުއްޓާ ފެނިދާނެ ކަމަށް އެއިން އެކަކުވެސް އުންމީދު ނުކުރާކަމުގެ ހެއްކެކެވެ.
އާއިން ހިންދިރުވާލައިފައި ދޫ ނެރެލައި ތިރީ ތުންފަތް ތެންމައިލި އެވެ.
"މަންމަ ބުނީމެއްނު ޔަލްވީ އަންނާނެއޭ...." އެވަގުތު އާއިންއަށްވުރެ ކުރިން ސިލްވިއާ ވާހަކަދެއްކި އެވެ. އެއަޑު އަހާފައި އަހަންނަށް ސިލްވިއާގެ މޫނަށް ބަލައިލެވުނެވެ.
ހިނިތުންވެފައި ހުރެގެން ސިލްވިއާ ބަލަމުންދިޔައީ އާއިންއަށެވެ. އެކަމަކު އާއިންގެ ނަޒަރު ހުރީ އަހަންނަށެވެ. ބިމަށް ޖަހާފައި ހުރި ބުދެކޭ އެއްފަދަ އެވެ. ކަންބޮޑުވެގެން އަހަންނަށް ނަޒަރު ހިންގައިލެވުނީ ވަށައިގެންނެވެ. އެތަނުގައި އިތުރު މީހުން ތިބިކަން އާއިންއަށް ހަނދާން ކޮށްދޭން ބޭނުންވި އެވެ. ނަސީބަކުން ޔާނާ އާއިންގެ ޓީޝާޓުގެ ތިރީގައި ހިފާ ދަމާލައިފައި ސަމާލުކަން އަނބުރައިލި އެވެ.
ޔާނާގެ އެކުވެރިންނާއެކު އެތަނުން ދުރަށް ދާން ފެށުމުން އާއިން އަނެއްކާ ވެސް އެނބުރުނީ އަހަންނާއި ދިމާއަށެވެ. ސިލްވިއާ އަހަރުމެންނަށް ފުރުސަތު ދީފައި ކޮންމެވެސް އެހެން ދިމާއަކަށް އެނބުރުނެވެ.
" ޔާނާގެ އުފަންދުވަސްކަން ނޭނގުނީމަ ހަދިޔާއެއް ވެސް ނުގެންނަން..." އަހަރެން އިސްވެ ފެށީމެވެ.
"ނޯ ވޮރީސް..." އާއިން ލުއި ހިނިތުންވުމަކާއެކު އަތް އުފުލާލައި ކަމެއް ނޫނޭ ބުނާފަދަ އިޝާރާތަކާއެކު ޖަވާބުދިނެވެ.
އަހަރެން ބޯޖަހައިލުމަށްފަހު ހިނދުކޮޅެއް ވަންދެން އެކަކަށް ވެސް ދައްކާނެ ވާހަކައެއް ނޭނގިފައި ތިބެވުނެވެ. އަހަންނަށް އެންމެ އުދަނގޫވީ އެތަނުގައި މީހުން ގިނަވެގެންނެވެ. އެއޮތް ހުރިހާ ދުވަހެއްގެ ތެރެއިން ވެސް އަހަންނަށް މިއާދެވުނީ އެންމެ މީހުން ގިނަވި ދުވަހު އެވެ.
ދެން ވާހަކަދެއްކީ އާއިން އެވެ. ދުރުގައި އަތުރާފައިވާ ކާތަކެއްޗާއި ދިމާއަށް އިޝާރާތްކޮށްފައި ކޮންމެވެސް އެއްޗެއް ކާލަން ދައުވަތުދިނެވެ. އަހަރެން ހިނގައިގަތުމުން އެއް ހަމައެއްގައި ހުރެގެން ދިޔަ އެވެ. އެކަމަކު އަނެއްކާ ވެސް ޔާނާ އައިސް އާއިންގެ އަތުގައި ހިފާ ދަމާލައިފައި ކޮންމެވެސް ކަމަކު ދުރަށް ގެންގޮސްފި އެވެ. ފެންތައްޓެއް ނަގައި ފަހަރަކު ކޯވަރެއް ބޯން ހުރިއިރު އަނެއްކާ ވެސް އަހަރެންނަށް ފާހަގަވީ އަހަންނަށް ހުއްޓިފައިވާ ލޯތައް ގިނަ ކަމެވެ. ސިލްވިއާ ދުރުގައި މައުރޫފު އާއި ވާހަކަދައްކަން ހިނިއައިސްފައި ހުރެގެން ވެސް ބަލަން ހުރީ އަހަންނަށެވެ.
އެތަނުން ނިކުންނާނެ މަގެއް ހޯދައިލިއިރު އެންމެ ކައިރިން ފެނުނީ ގޭގެ ކުޑަ ބަގީޗާއަށް ނިކުމެވެން ހުރި ދޮރެކެވެ. އަހަރެން ފެންތަށި ހިފައިގެން ހިނގަމުން ހިނގަމުން ގޮސް ނިކުމެވުނުއިރު ދޫލައެއްހެން ފެތުރިފައިވާ ވިނަގަނޑުމަތީ ހިލަ ގޮނޑިއެއް ހުއްޓެވެ. ގޮނޑީގެ އެއްކޮޅުގައި އިންނަތާ ގާތްގަނޑަކަށް ފަސް ވަރަކަށް މިނިޓް ހޭދަވެގެން ދިއުމަށްފަހު ފަހަތުން ފިޔަވަޅުގެ އަޑު އިވުނެވެ. އަހަރެން އެނބުރި ބަލައިލިއިރު އާއިން ޖީބަށް އަތް ޖަހާލައިގެން ބަލަން ހުއްޓެވެ. އެމޫނުގެ ކުލަވަރަށް ބަލާފައި ހީވަނީ އަހަރެން އައިސް ހުރިކަން އަދިވެސް ޤަބޫލުކުރަން ދަތިވެގެން އުޅޭހެންނެވެ.
އޭނަ ދެން ހިނގާލައިފައި އައިސް އިށީނދެލީ ގޮނޑީގެ އަނެއްކޮޅުގަ އެވެ.
"ޔޫ ކޭމް." އާއިން އަހަރެންނާއި ދިމާއަށް މޫނު އަނބުރާލަމުން ވާހަކަދެއްކި އެވެ.
"އައި ހޭޑް ޓު." އަހަރެން ހަތަރުކަޅި ހަމަކޮށްލީމެވެ.
އާއިން އެވަގުތު ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ. އަހަރެން އެހިނިތުންވުން ދިގުދެމިގެންދިޔަ ނުދީ އިތުރަށް ވާހަކަދެއްކީމެވެ.
"އެކަމަކު އަހަރެން މިއައީ މަޑުކުރާކަށް ނޫން." އަހަރެންގެ ޖުމްލަ ނިމުމާއެކު އާއިން ސުވާލު އުފެދިފައި ބުމަ ކައިރިކޮށްލި އެވެ.
ކުރިން އިން ފަސޭހަގޮތް ބަދަލުކޮށްލައި ކުއްލިއަކަށް ހަށިގަނޑު ތެދުކޮށްލައިފި އެވެ.
"ދެން ކީއްކުރަން ތިއައީ؟" އާއިން އޮޅުންފިލުވަދޭން އެދުނެވެ.
އެހެން އިނދެގެން ޖަވާބުދޭން އުދަނގޫވެގެން އަހަރެން ކޮޅަށް ތެދުވީމެވެ. މަގަތަށް ވާނެހެން އެނބުރުނުއިރު އާއިން އިނީ ޝައުޤުވެރިކަމާއެކު ބަލަހައްޓައިގެންނެވެ. ދެބުމަ ކުރިއެކޭ އެއްފަދައިން ކައިރިކޮށްލެވިފަ އެވެ.
"އަހަރެން މިއައީ އާއިންއަށް ޖަވާބުދޭން ވެގެން. އެދުވަހު އާއިން ދެއްކި ވާހަކައަކީ ދޮގެއްކަން ސާބިތުކޮށްދޭން. އާއިންއަކަށް އަހަންނެއް ނޭނގޭ. އަހަންނަކީ އާއިންއަށް ކުރިން ދަސްވެފައި ހުރި ޔަލްވީއެއް ނޫން. ހިނގާދިޔަ ހުރިހާ ކަމެއް ހަނދާން ނައްތާލައިފައި އަލުން އާއިންގެ ދިރިއުޅުމާއި ގުޅޭހާ ބަލިކަށި މީހެއް ނޫން އަހަންނަކީ. އެއަށްވުރެ އަހަރެންގެ ކުރިމަތީގައި އަހަރެންގެ ނަފްސްގެ ޤަދަރު މަތި... އަދި އަހަރެން މިއައީ އެދުވަހު އާއިންދެކެ ލޯބިނުވެއޭ ބުނެ ޖަވާބު ނުދިނީ ކީއްވެކަން ބުނެދޭން..." ވާހަކަދައްކަމުން އެއަށް އިތުރު ބާރެއް ދިނުމުގެ ގޮތުން އަހަރެން ކުޑަކޮށް ނޭފަތް އުފުލައިލީމެވެ.
އެވަގުތު އާއިން ވެސް ކުއްލިއަކަށް ގޮނޑިން ތެދުވެއްޖެ އެވެ. އޭނަ އަހަރެންގެ ކައިރިއަށް އަންނަން އުޅޭހެން ހީވެގެން އަހަރެން އަތް ހުރަސްކޮށްލާފައި ފަހަތަށް ދެފިޔަވަޅު އަޅާފައި އަނެއްކާ ވެސް ހުއްޓުނީމެވެ.
"އެދުވަހު އެގަޑީގައި އަހަރެން އާއިންދެކެ ލޯބި ނުވާ ވާހަކަ ބުނިނަމަ އާއިން ބުނާނެ އެއީ އަހަރެންގެ ހިތުގައި އޮތް ޝަކުވާތަކުގެ ސަބަބުންނާއި އާއިންއަށް އާއިން ކުރި ކަންތަކުގެ ސަޒާ ދޭން ނޫނީ ގަދަކޮށްލަން ދިން ޖަވާބެކޭ. އެދުވަހު އަހަރެން ސާހިލްދެކެ ލޯބިވެއޭ ބުނި ނަމަވެސް އާއިން ބުނާނީ ހަމަ އެހެން. އެކަމަކު މިއަދު އާއިންއަށް ދެއްކޭނެ އެއްވެސް ސަބަބެއް ނެތް. އާއިންދެކެ އަހަންނަށް ލޯބިވެވުނުފަދައިން އެލޯބި ފިލައިގެން ގޮސްފި. އަދި މިއަދު ވަރަށް ޔަޤީންކަމާއެކު މިބުނަނީ އަހަރެން ލޯބިވަނީ ހަމައެކަނި ސާހިލްދެކެ. އެއީ އަހަރެން ނިކަމެތިވި ދުވަހު އެކަކު ވެސް އަހަރެން ބޭނުންނުވި ދުވަހު އަހަރެން އަމިއްލަ ކުރަން ފަސްނުޖެހުނު ހަމައެކަނި ފަރާތް. އެހެންވެ މިއަދު އަހަރެންނަށް ގެއްލުނު ހުރިހާ އެއްޗެއް އަނބުރާ ލިބުމަށްފަހު އަހަންނާއި އެކަށީގެންވަނީ ވެސް ސާހިލް..." އަހަރެންގެ ވާހަކަ އެހިސާބަށް ދިޔައިރު އާއިން އަތް އުފުލާލައިފައި ދެލޯ ދެމެދުން ނޭފަތު ކުރީ ހިފާލައިފައި ތިރިކޮށްލި އެވެ.
އެމޫނުގައި ރިހުމުގެ އަސަރެވެ. ކޮޅަށް ހުންނަން ދަތިވެގެން އުޅޭމީހަކު ފަދައިން އަނެއް އަތުން ހިފަހައްޓައިލީ ކައިރީ ހުރި ހިލަގޮނނޑީގެ އަތްގަނޑުގަ އެވެ.
"އަހަރެން ޤަބޫލުކުރަން އަހަރެންނަށް ހެދުނީ ކިހާ ބޮޑު ގޯހެއްކަން. އައި ރިގްރެޓް އެވްރީ..." އާއިންގެ ވާހަކަ ފުރިހަމަ ކުރާނެ ފުރުސަތެއް އަހަރެން ނުދެމެވެ.
"އަހަރެން މިއައީ އާއިން ކައިރީ އަހަރެން އަންނާނެ ކަމަށް އިންތިޒާރު ނުކޮށް މޫވްއޮން ކުރާށޭ ބުނަން." އަހަރެންގެ އެހެން ވާހަކަތަކުން އާއިންއަށް ނުބައި އަސަރެއް ކުރިއޭ ހީވިނަމަ އެއީ އަދި މުޅިން ރަނގަޅު ހީއެއް ނޫނެވެ.
އާއިން ސިހުނީ އަހަރެން އެންމެފަހުން ބުނި ޖުމްލަ އަހާފަ އެވެ. އެވަގުތު އެމޫނަށް އެރި ކުލައަކީ އަހަރެން ދިރިހުރިހާ ހިނދަކު އާއއިން ހަނދާންވާ ކޮންމެ ފަހަރަކު ހިތަށް ސިފަވެގެންދާނެ ކުލައެކެވެ. އަހަރެންގެ ވާހަކައިގެ ހުރި ސީރިއަސް ކަމާއި އެނބުރި ދިއުމެއް ނެތްކަން އޭނައަށް ދޭހަކޮށްދިން އެޖުމްލައަކަށް އެޖުމްލަވި އެވެ.
ފަހަތަށް ދެފިޔަވަޅު އަޅާލައިފައި އިތުރަށް މަޑުކުރުމެއްނެތި އަހަރެން ފުރަގަސްދީފައި ވިނަތައް ހުރަސްކޮށް ދޮރާއި ދިމާއަށް ހިނގައިގަތީމެވެ. އެކަމަކު އަހަންނަށް ދެވުނީ ތަންކޮޅަކަށެވެ. ފަހަތުން އާއިންގެ ބާރުގަދަ އަތުން އަހަރެންގެ ކުޑަހުޅުގައި ހިފާލައިފައި ހުއްޓުވައިފި އެވެ. އެދިމާއަށް މޫނު އަނބުރައިލަން ވާއިރަށް އާއިން އައިސް ހުއްޓުނީ އަހަރެންގެ ކުރިމަތީގަ އެވެ.
"ޔަލްވީ ހެޔޮނުވާނެ އަހަރެން ދޫކޮށްލާފަ ނުދޭ. ވެދިޔަ ކަންކަން ހަނދާން ނައްތާލައިފަ އަހަންނަށް މާފުކޮށްދީ!" އާއިން އަހަރެންގެ މޫނުގައި ހިފާލައިފައި އާދޭސްކުރި އެވެ.
އެލޮލުގައި ކަރުނަ އެވެ. އަހަރެން އެދެއަތުގައި ހިފާ ދުރުކޮށްލަން އުޅުނު ވަގުތު އަނެއްކާ ވެސް ތަކުރާރުކޮށް އެދުނީ ދޫކޮށްފައި ނުދިއުމަށެވެ. އެއަތުގެ ތެރެއިން މިނިވަންވާން ބޭކާރު މަސައްކަތެއްކޮށްކޮށް ހުއްޓާ އާއިން ގުދުވެލާފައި ނިތްޖައްސައިލީ އަހަރެންގެ ނިތުގަ އެވެ.
"އަހަރެން އާއިންއަށް މާފުކޮށްފިން...އެކަމަކު އަލުން އަހަރެންގެ ދިރިއުޅުމުގައި އާއިން ޝާމިލް ކުރުމަކީ ހުވަފެނުން ވެސް ދެކެން ބޭނުންވާ ދުވަހެއް ނޫން. ތަކުރާރުކޮށް ކިތަންމެ ފަހަރަކު ޗޫސް ކުރަން ޖެހުނަސް އަހަރެން ޗޫސް ކުރާނީ ސާހިލް." އަހަރެންގެ ވާހަކަ އަހާފައި އާއިން ދުރަށް ޖެހިލީ ވިހަގަދަ ސުއިއްޕެއް ނަމަވެސް އެއްޗެއް ކަށިޖަހައިގެން ދުރަށްޖެހިލާފަދަ ގޮތަކަށެވެ.
"އާއިން!" ސިލްވިއާގެ އަޑު އައީ ދާދި ކައިރިންނެވެ.
"އާއިން ޔަލްވީ ދިޔަދީ!" ސިލްވިއާ ވާހަކަދެއްކިއިރު ނަޒަރު ހުރީ އަހަރުމެންގެ ފަހަތުން ފެންނަން ހުރި ކޮންމެވެސް އެހެން މީހަކަށެވެ.
އަހަރެންނާއި އާއިންގެ ނަޒަރު އެދިމާއަށް ދަތުރުކުރީ އެކުއެކީގަ އެވެ.
ގޭޓުން ވަދެގެން އައި ސާހިލްގެ އުރުގައި އިން އަށްމަހުގެ ޔަޒަން ފެނުމާއެކު އެހެން ހުރިހާ ކަމެއްގެ މަތިން އަހަރެން ހަނދާން ނެތުނެވެ. އާއިންގެ އަތް ފޮޅުވާލެވުނުއިރު ވެސް ރޭކައެއްނުލި އެވެ. ހަރުކޮށް ހިނގާލައިފައި ގޮސް ކައއިރިއަށް ހުއްޓުމާއެކު ތުއްތު ޔަޒަންއަށް އަހަރެން ފެނިގެން ހިނި އަތުވެއްޖެ އެވެ. އެއަޅި ދެލޮލުން އަހަރެންނަށް ބަލަމުންދިޔައީ މުޅި ދުނިޔޭގައިވާ އެންމެ ހާއްސަ ފަރާތަކީ އަހަރެންނޭ ހީވާފަދަ ނަޒަރަކުންނެވެ. އެއީ އަހަރެންގެ މޭގެ އެތިކޮޅެވެ. އަހަންނާއި ސާހިލްގެ ލޯބީގެ މޭވާ އެވެ.
"ރެޑީ ޓު ގޯ؟" ސާހިލް ވާހަކަދެއްކި އަޑާއެކު އަހަރެންގެ ނަޒަރު އެމޫނަށް ހުއްޓުނެވެ.
ދަރިފުޅު ނަގައި މޭގައި ޖައްސާލަމުން އަހަރެން މަޑުމަޑުން ބޯޖަހައިލީމެވެ. ސާހިލް ހިނިތުންވެލާފައި ގުދުވެ އަހަރެންގެ ނިތުގައި ބޮސްދީފައި ކޮނޑާއި ހިސާބުން ހިފާލައިފައި ގަޔާއި ކައިރިކޮށްލައިގެން ދާންވެގެން އެނބުރުނެވެ.
ދެމީހުންނަށް ނިކުމެވުނުއިރު ރާޔާ އާއި ޔާނިޝް ތިބީ އަހަރުމެންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިބީ މަގުގެ އަނެއްފަރާތުގައި ހުއްޓާފައި އޮތް ކާރުގަ އެވެ. ފަހަތުގައި ތިބި ދެ ސައިކަލެއްގައި ތިބި މީހުން ވެގެން ލަސްވެގެން ބަރުގޮނު އަޅަ އެވެ. އަހަންނާއި ސާހިލް އެކަކު އަނެކަކަށް ބަލާލައިފައި އަވަހަށް ގޮސް ފަހަތުން އަރައި ދޮރުލައްޕާލީމެވެ.
ޔަޒަންއަށް ބަލިވެއިންކަން އެނގުނީ އަހަރުމެން ސާހިލް މަންމަގެ ބައްޔަށް ބޭސްކުރަން ގޮސް އެމެރިކާގައި ތިއްބަ އެވެ. ކެންސަރުކަން އެނގުނުއިރު ވެސް ހުރީ ފަހު ސްޓޭޖްގަ އެވެ. ބޭސްފަރުވާގެ ކަންތައް ކުޑަ ދުވަސްކޮޅަކަށް ކުރިއަށް ގެންދިއުމަށްފަހު އިތުރަށް ކުރިއަށް ގެންދާކަށް ސާހިލްއަކަށް ނުފެނުނެވެ. ބަލީގެ އުދަނގުލަށްވުރެ ބޮޑު ވޭނެއް ކީމޯއާއި ރޭޑިއޭޝަންއިން އެހަށިގަނޑަށް ކުރުމުން އިތުރަށް ނިކަމެތިވުން ނޫންކަމެއް ނުވި އެވެ. ސާހިލްގެ ބޭނުމަށް ވީ މަންމަގެ ފަހު ދުވަސްތައް އޭނައަށް ވެވުނު ވަރަކުން ފަސޭހަކޮށްދިނުމެވެ.
ރިއާނާގެ އެކްސިޑެންޓަށްފަހު ދެބެންގެ މެދުގައި އަލަށް ގުޅުމެއް އުފެދި އެގުޅުން އެއަށްވުރެ ފުޅާވެގެން އައީ މިދުވަސްވަރެވެ. އެކަމަކު އަދިވެސް އާއިލީ ގުޅުމެކޭ ބުނާވަރުގެ ގާތްކަމެއް ނެތެވެ. ދެތަނެއްގައި ދެ ބީރަތްޓެހިން ފަދައިން އުޅެ ބޮޑުވި ޒުވާނުންނަށް ވުމުން އެކަމަށް ވަގުތު ނަގާނެ އެވެ. އުންމީދަކީ ދުވަހަކަށްވުރެ ދުވަހެއް އެގުޅުން ގާތްވަމުން އައުމެވެ. ކުރިއެކޭ އެއްފަދައިން ލިންތާ އެއިން އެކަކާއި ވެސް ގުޅުން ބާއްވާކަށް ބޭނުމެއް ނުވި އެވެ. ބޭބެއިންނާއި ގުޅުން އުފައްދަން ވިސްނާނީ ފުރަތަމަ ތިމާގެ ބަނޑުން އުފަންވި ދަރިފުޅަށް ފުރުސަތެއް ދީގެން ނޫން ހެއްޔެވެ؟
ކުޑަ ދުވަސްކޮޅަކަށް ވިއަސް ސާހިލްއަށް މަންމަގެ އޯގާތެރިކަމާއި ލޯބިވެތި ފިރުމުންތައް އިހްސާސްކޮށްލުމުގެ ނިއުމަތް ލިބުނެވެ. އެއްދުވަހަކު އިރުއަރައިގެން އައިއިރު ފެނުނީ މަންމަ ބުއްދިޖެހިފައި ހުއްޓަ އެވެ. އޭގެ ފަހުން ހަފްތާއެއް ވެސް ނުވަނީސް މަންމަ ނިޔާވީ އެވެ.
ވިހެއުމުގައި ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށްޓަކައި ސާހިލް ނިންމީ ވިހަންދެން ރާއްޖެ ނައިސް މަޑުކުރުމަށެވެ. ފުރަތަމަ އަހަންނަށް ކޮޅަށް ހުރެވުނީ ޔަޒަންއަށް ހަތަރުމަސް ވީ ދުވަހެވެ. އެހާ ދުވަސްވީއިރު ވެސް ސާހިލް އެއްފަހަރު ވެސް އުންމީދު ކަނޑައެއްނުލަ އެވެ. މެދަށް އެއްދުވަސް ވެސް ދޫނުކޮށް ފިޒިއޯ ތެރަޕީ ސެޝަންތައް ގެންދިޔައީ ކުރިއއަށެވެ. އެންމެފަހުން ހެއްދެވިފަރާތުން އަހަރެމެންގެ ދުޢާ އިޖާބަ ކުރެއްވީ އެވެ. އެކްސިޑެންޓްވީ ދުވަހު އަހަރެން އަތުން ބީވެގެން ދިޔަ ދިރިއުޅުން އަނބުރާ ލިބުނީ ކުރިއަށްވުރެވެސް އުފާވެރި އެއްޗެއްގެ ގޮތުގަ އެވެ. ސާހިލް އަހަރެންދެކެ ވާވަރރަށް އެހެން އެކަކަށް ވެސް އަހަރެންދެކެ ލޯއްބެއް ނުވެވޭނެ އެވެ. އަދި މިއަދު އަހަރެން ސާހިލްދެކެ ވާ ލޯއްބަކީ އާއިންދެކެ ވެސް އަހަންނަށް ނުވެވުނު ލޯއްބެކެވެ.
މަންމައާއި ރާޔާމެން ދެމަފިރިންނާއެކު ހަވީރު ސަޔަށް އިންސާފުކޮށްފައި ދެވުނުއިރު ރިއާނާ އިނީ އަހަރރުމެން ނުގޮސްގެން ލަސްވެފަ އެވެ. މާލެ އައިތާ ދެތިން ދުވަސްވީއިރު ރިއާނާ ހުންނަނީ އަހަރުމެން ނުފެނިފަ އެވެ. ޔަޒަން ފެނިއްޖެނަމަ އަބަދު ޔަޒަން އުރައިގެން މޮޑޭނީ އެވެ. ގެއަށް ވަންއިރު ޔަޒަންއަށް ނިދިފައި އޮތުމުން ރިއާނާގެ ތުންކޮޅު ދިގުވި އެވެ. ރިއާނާ ރުއްސުނީ އަކީލް ނިކުމެ ކޮންމެވެސް އެއްޗެއް ހޯދައިދޭން ބުނެގެންނެވެ.
ސިޑިން އަރައިގެން ދިޔައިރު ސާހިލް ހުރީ އަހަރެންގެ ފިޔަވަޅުތަކަށް ސަމާލުވެގެން އަހަރެންގެ ކައިރީގަ އެވެ. ކޮޓަރިއަށްވަދެ ޔަޒަން އެނދުގައި ބާއްވާފައި އެމޫނަށް ބަލަން ހުރެވުނެވެ. އިރުކޮޅެއް ނުވެ އަހަރެންގެ އުނަގަނޑު ވަށައިލީ ސާހިލްގެ ބާރުގަދަ ދެއަތުންނެވެ. ގުދުވެލާފައި އަހަރެންގެ ކޮނޑުމަތީގައި ތުންފަތް ޖައްސައިލި ވަގުތު ހީލިކަރުވާގޮތް ވެގެން ކުޑަކޮށް ތެޅިގަނެވުނެވެ. އަނގައިން ނިކުތް ލުއި ހުނުމުގެ އަޑު އަހާފައި ސާހިލްއަށް ލިބުނީ އިތުރު ހިތްވަރެކެވެ. ދެން ދަތް އަޅައިލީ އަހަރެންގެ ކަންފަތުފޫޅުގަނޑުގަ އެވެ.
"ސާހިލް ޔަޒަން ހޭލަފާނެ..." ހެމުން އަހަރެން ބުނެލީމެވެ.
އަހަރެން އެހެން ބުނިއިރު ވެސް ސާހިލް ހުއްޓުވަން އެވަރުން ނުފުދޭނެކަން ޔަޤީންވި އެވެ. ޔަޒަން ނިދައިފިނަމަ އެހެން އިވޭ އަޑަކަށް އަދި ނުހޭލާނެކަން އެންމެ ރަނގަޅަށް އިނގޭނީ ސާހިލްއަށެވެ. އަހަރެން ހީކުރިހެން ސާހިލްގެ ގޯނާތައް ވީ އިތުރެވެ. އެންމެފަހުން އެއަތުތެރެއަށް އަހަރެން ލައި އުފުލާލައިގެން ހިނގައިގަތެވެ.
"ލަވް ޔުއަ އައިޒް... އެން ޔޫ..." އެއްއަތުން ސާހިލްގެ ކޯތާފަތުގައި ހިފާލައިގައި ހަތަރުކަޅި ހަމަކޮށްލުމަށްފަހު އެއަޅި ދެލޮލަށް ބަލަމުން އަހަރެން ހާމަކޮށްލީމެވެ.
ފާއިތުވި އަހަރެއްހާ ދުވަސްތެރޭގައި ފާއިތުވެދާ ކޮންމެ ސައުވީސް ގަޑިއިރަކުން ކޮންމެވެސް އެއްގަޑިއެއްގައި އަހަރެން ސާހިލް ކައިރީ އެވާހަކަ ބުނަމެވެ. ސާހިލްއަށް ޤުދުރަތުން ދެއްވާފައިވާ އަޅި ދެލޮލަކީ އޭނަ ލަދުގަންނަން ޖެހޭ އެއއްޗެއް ނޫންކަން ހަނދާންކޮށްދެމެވެ. އޭގެ ނަތީޖާ ފޮންޏެވެ. ސާހިލް މިހާރު ލެންސްގެ އެހީގައި އޭނަގެ ލޮލުގެ ކުލަ ފޮރުވާކަށް މަސައްކަތެއް ނުކުރެ އެވެ.
"ލަވް ޔޫ މޯ..." ސާހިލް ޖަވާބުދިނީ އޭނަ އަބަދުވެސް ޖަވާބުދޭ މޭރުމުންނެވެ. ދެން ގުދުވެލާފައި އަހަރެންގެ ނިތުގައި ބޮސްދިނެވެ. -- ނިމުނީ --