24 Mar 2019

ހިތު ލޯބި ހިތާ ވަކިވާނޭހޭ

ހިތު ލޯބި ހިތާ ވަކިވާނޭހޭ

* މާޗް 20 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

އުއްމުއާއި ސުރައްޔާގެ މޫނަށް ކިތައްމެ ވަރަކަށް ބެލިއަސް އަހަރެންގެ އެ ހައިރާން ކަމުގެ ޖަވާބެއް އަހަންނަކަށް ނުލިބުނެވެ. އުއްމުގެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރުން އެދެމެދުގައި ދެކެވުނު ވާހަކައިން އުއްމުގެ ހިތަށް އަސަރުތަކެއް ކޮށްފައިވާކަން އެނގުނެވެ. އިތުރު އެއްޗެއް ބުނުމަކާ ނުލައި ހަދާނެގޮތަކާމެދު ފިކުރުކުރަން އަހަރެން އިރުކޮޅަކު ހުރީމެވެ. އެހެން ހުރިއިރުވެސް ނޭނގޭ ޖަޒުބާތުތަކެއްގެ ތެރެއަށް އަހަރެންގެ ހިތް ދިޔައީ ދީލާލަމުންނެވެ. އެވަގުތުވެސް އަހަރެންގެ ހިތާއި މުޅި ރޫޙުގައިވެސް ވަނީ ކިނާންއެވެ. އެ އަބުއި ނަޒަރާއި ބުނެދޭން ނޭނގޭފަދަ ހިމޭންކަމަކަށް ގޮސް ގެއްލިފައިވާ އެ ފުރިހަމަ ނަފްސެވެ. އުއްމުގެ ކުއްލި ނިންމުމުގެ ސަބަބު ނޭނގުނަސް އެ ނިންމުމުން އަހަރެންގެ ހިތަށް އުއްމީދުތަކެއް ގެނުވައިފިއެވެ. ޙައްޤުގެ ހަނގުރާމައިގައި ބަލިކަށިވެގެން ނުކުންނަން ޖެހޭ ފަހުލަވާނަކަށް އަހަރެން ވިޔަސް، ހިތާއި ޖާނުން އަހަންނަށް އެދެވުނީ ކިނާން އަށެވެ. ހިތުގެ ލޯތްބަކީ އުންމީދުގެ ކުރިމަތީ ބަލިކަށިކަމަށް ޖާގަ ދޭނެ އިހްސާސެއް ނޫނޭ ބުނެއެއް ނޫންހެއްޔެވެ؟ ކިނާންގެ ވެސް ކުޑަކުޑަ އާއިލާއެއް އޮތްކަން އަހަރެންގެ ސިކުނޑި ބުނެދިނަސް ޟަމީރު ވަނީ އަހަރެން އަމިއްލަ އެދުމުގެ ކަނޑަކަށް ގަންބުވާލާފައެވެ.

"ސުރައްޔާ ގެ ޢާއިލާއަކީ މިހާރު ދަރިފުޅާވެސް މާދުރު ޢާއިލާއެއްނޫން! ހަމަ ކުޑަކުޑަ ދުވަސް ކޮޅެއްވަންދެން އެގޭގަ ހުރެދެނިކޮށް އެނިމުނީ..ސަބަބު ދަރިފުޅަށް ސާފުވާން ނަގާނީ ހަމަ ކުޑަ ކުވަސްކޮޅެއް!"

އުއްމުގެ އެ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެއްދިއެވެ. ޖަވާބު ބޭނުންވެސް ވިއެވެ. ނަމަވެސް އުއްމު އަކީ އޭނާ ޤަބޫލު ކުރާ ހަމަތަކާއި އުޞޫލުތަކުގައި ނިކަން ވަރުގަދައަށް ހިފަހައްޓާ އަންހެނެކެވެ. އެ އުޞޫލުތަކުގެ ބޭރުން އުއްމު އެއްވެސް ކަމެއް ނުކުރާނެއެވެ. ޙަޤީޤަތް ބުނެދިނުމެއްނެތި އެނިންމި ނިންމުމުގައިވެސް އުއްމުގެ ކޮންމެވެސް މަޤުޞަދެއް ވާނެ ކަން އަހަންނަށް އެނގެއެވެ. އެހެންވެ އިތުރަށް އެކަން އޮޅުން ފިލުވާކަށް އަހަރެން މަސައްކަތެއް ނުކުރަމެވެ.

ކާކޮޓަރީގެ ފާރުގައި ހަރުކޮށްފައި އިން ބޮޑުގަޑިން ހެނދުނު އަށެއްޖެހިކަން އިޢުލާން ކުރިއިރު، ވަކި ތަރުތީބަކުން މޭޒުދޮށުގައި އަތުރާލެވިފައިވާ ގޮނޑިތަކުގައި ޢާއިލީ މެންބަރުން ތިއްބެވެ. ރަންކުލައާއި ހުދުކުލައިން ފަރުމާކުރެވިފައިވާ އެ ކާކޮޓަރީގެ ކޮންމެ ދިމާލަކުން ތަނަވަސްކަމާއި ތިޔާގިކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ފެންނަމުންދިޔައެވެ. "ތޯމަސް ބްލެކްމޯ" ބްރޭންޑްގެ ކޭންޑްލް ސްޓިކް ތަކާއި ޗާންދަލިޔާ ތަކެވެ. ސާފު ހުދު ތަށި ތަކާއި ރިހި ކުލައިގެ ކަންވާރުތަކެވެ. އިރުގެ ދޯދިތަކަށް ފަރުދާކުރުމެއް ނެތި ފަރުދާ ކަހާލެވިފައިވާ ބިއްލޫރީގެ ފާރުގެ ފުރަގަހުން އެފެންނަ މާ ބަގީޗާއެވެ. އެ މާބަގީޗާގައި ފޮޅިފައިވާ ކުލަކުލައިގެ މާމެލާމެލިން ފޮނިބޮމުން ދިޔަ ކޮކާތަކާއި ބަޅިނދު ތަކެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި ހީވާގި ކަމުގައި އުޅެމުންދާ ޚާދިމުންތައްވެސް ވެވުނު އެންމެ ފުރިހަމަ އަކަށް އެމީހުންގެ ވާޖިބު އަދާކުރުމުގައި މަޝްޢޫލުވެ އުޅުނެވެ.

ކާކޮޓަރިއަށް އެންމެން ހަމަވުމުން ލޮލުގައި އަޅާފައިވާ ބޮޑު ނަންބަރު އައިނު ހެޔޮވަރުކޮށްލަމުން އުއްމު ކުލޫޫޘޫމް އައިސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެލިއެވެ. ބާރަ މީހުންގެ ޖާގައިގެ އެ ސަންގުމަރުމަރު ކުލައިގެ އޮފުކަންގަދަ ކާމޭޒު ދޮށުން އުއްމު އާ ޖެހިގެން އިންނަ މަޤާމަކީ އަބަދުވެސް އަހަންނަށް ޚާއްޞަކުރެވިފައިވާ މަޤާމެކެވެ. އެހެންމީހުންގެ ނުރުހުމާއި ނަފްރަތު އެކަމަށް އަމާޒުވިޔަސް އެކަމަށް ގޮތް ކިޔާކަށް އެކަކަށްވެސް ނުކެރެއެވެ.

"މިޝްކާ މިއަދުން ފެށިގެން ސުރައްޔާގެ ގެއަށް ކުޑަ ދުވަސްކޮޅަކަށް ފޮނުވަން އަހަރެން ނިންމައިފިން..!" ގާތުގައި އިން އޮރެންޖް ޖޫސްތަށިން ފޮދުވަރެއް ދަމާލަމުން ހިމޭން ކަމާއި އަދަބު އަޚްލާޤުގެ ފުރިހަމަ ކިޔަމަނަކުން ކިޔަމަންވެތިބެ ހެނދުނުގެ ނާސްތާއަށް އިންސާފުކުރަމުންދިޔަ އެންމެންނަށް އިވޭ ވަރަށް އުއްމު ބުނެލިއެވެ. މެހެރު އަތުން ހިފަހައްޓައިގެން އިން އޫ އަތުން ދޫވެ ތަށިތެރެއަށް ވެއްޓުނު އަޑާއެކު އެމާހައުލުގެ ހަމަހިމޭންކަން ކުޑަ ހިނދުކޮޅަކަށް ގެއްލިގެން ދިޔައެވެ. ސުވާލުގެ ނަޒަރަކުން އުއްމުގެ މޫނަށް ބަލައިލުމަށްފަހު އަހަންނާ ދިމާއަށް އެ ނަޒަރު ސީދާވިއިރު ނުރުހުމުގެ އަސަރު އެމޫނުމަތިން ފާޅުވަމުންދިޔައެވެ. އޭނާގެ ހުރިހާ ވިސްނުމެއް ގުޅިފައި ހުންނާނީ އިފާޝާއާ ކަން އަހަންނަށް އެނގެއެވެ. އަހަންނަކީ ސުންޕާ މީހެއްކަމުގައި މެހެރު އަބަދުވެސް ބުނެއެވެ. ޚާންދާނަށް އަންނަ ކޮންމެ މުސީބާތަކާއި ދެރައެއްގެ މެދުވެރިއެއް ކަމުގައި އޭނާ އަބަދުވެސް އަހަރެން ދެކެއެވެ.

"އެކަމަކު މަންމާ! އިފާޝާ.....!" މެހެރުއަށް ބުނެވުނީ އެހައި ހިސާބަށެވެ. ވާއަތް މައްޗަށް ހިއްލާލުމަށްފަހު އުއްމު ކޮށްލި އިޝާރާތާއެކު މެހެރުގެ އަނގަބަންދުވިއެވެ.

އެނދުމަތީގައި ބާއްވާއިއޮތް ފޮށްޓަށް އަހަރެންގެ އަންނައުނު އަޅަމުންދިޔައިރު ވަދާޢުގެ ނަޒަރަކުން މުޅި ކޮޓަރިއަށް އަހަރެން ނަޒަރު ހިންގަމުން ދިޔައީމެވެ. އަހަރެންގެ އަތުގައި އޮތް މަންމަ ޔާސްމީނާއި ބައްޕަ މުސްޠަފާގެ ހަމައެކަނި ތަސްވީރަށް ބަލަން އިނުމަށްފަހު އެ ތަސްވީރު ގެނެސް މޭމަތީގައި ޖައްސާލީމެވެ. ދެން އަލުން އެ ފޮޓޯއަށް ނަޒަރު ހިންގާލީމެވެ. ބައްޕަގެ އެއްއަތް މަންމަގެ ފުރަގަހުން އައިސް ކޮނޑުގައި އަޅުވާލާފައިވާއިރު، މަންމަގެ ނަޒަރު ސީދާވެފައި ހުރީ ބައްޕަގެ މޫނަށެވެ. އެބެލުމުގައިވާ މައުސޫމްކަމާއި އެ ތުނި ތުންފަތުގައިވާ ހިނިތުންވުމާއި އެ ނަޒަރުގައިވާ މިނެއްނެތް ލޯބިން އެ ދެމެދުގައިވާ ލޯބީގެ މަތިވެރިކަން ބުނެދެމުން ދިޔައެވެ. އެ ދެ ރޫޙުގައިވާ ސާފު ޠާހިރު ލޯތްބާއެކުވެސް މަންމައާ ބައްޕަގެ އެ ލޯބި ދިރިއުޅުން އަބަދަށްޓަކައި ވަކިވެދިޔައީ ކީއްވެ ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. މަންމައާއި ބައްޕަގެ ލޯބީގެ ފިޔަ އަހަރެންގެ މައްޗަށްވެސް ތިރިކުރެވިފައިވާނަމަ، މި ނުރުހުމާއި އެކަނިވެރިކަމުގެ ދިރިއުޅުން އަހަރެން އުޅޭކަށް ނުޖެހުނީހެވެ.

އަހަރެންގެ ވިސްނުންތައް އެހިސާބަށް ދިއުމާއެކު އުއްމު ކޮޓަރި ތެރެއަށް ވަދެގެން އަންނާތީ ފެނުނުނެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފޮހެލުމަށްފަހު އަހަރެންގެ މޫނުމަތިން ހަމަޖެހޭގޮތް ދެއްކީމެވެ. އުއްމުއައިސް އެނދުގައި އިށީނދެލަމުން އަތުގައި އޮތް ހެދުން އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ. އެ ރަތްކުލައިގެ ރީތި މިޑީއަށް ބަލަހައްޓައިގެން އަހަންނަށް އިރުކޮޅަކު އިނދެވުނެވެ. އެއާއެކު އެ ހެދުން އެންމެ ފުރަތަމަ ދުވަހު އަހަންނަށް އުއްމު ގަނެގެން ގެނެސް ދިން ދުވަސް ހަނދާންވިއެވެ.

***

ރަތް ފިނިފެންމަލުގެ ދާނެއްގައި ޖަކޫޒީ ތެރޭގައި އޮށޯވެގެން އޮތްއިރު އަހަރެންގެ މޫނުމަތީގައި ވާ ހިނިތުންވުމުގެ އަސަރު އަހަރެންގެ ސިކުނޑިއާ ހަމައަށް ވަނީ ފޯރާފައެވެ. އެއީ ދެއްކުންތެރިކަމަށް ނަމަވެސް އަހަރެންގެ ޙަޔާތުގެ ހުސްކަން ނެތިވެ ދާންއުޅޭ ކަމުގެ އުފަލެވެ. ކާވެންޏެއް ނުކުރަނީ ކީއްވެތޯ މިއަދަށްފަހު އެކަކުވެސް އަހަންނާ ސުވާލެއް ނުކުރާނެއެވެ. ހިތުގައި ލޯތްބެއްނެތަސް ކާވެންޏެއްގެ އުފާ އަހަންނަށްވެސް ހޯދިދާނެއެވެ. ލޯބި ޤުރުބާން ކުރުމަށްފަހު ލޯބި ނުވާ މީހަކާއެކު މުޅި ޢުމުރު ހޭދަ ކުރަނީ ކިތައް މީހުންހެއްޔެވެ؟ ނަފްސުގެ ކަރާމާތާއި މީހުންގެ ނަޒަރުތަކުގެ ކުރިމަތީގައި އަމިއްލަ ނަފްސު އަގު ހިފެހެއްޓުމަކީ ކިހާ ބޭނުންތެރި ކަމެއްހެއްޔެވެ؟ އަހަރެންގެ ހިތުގެ ލޯބި ނުވެސް ދަންނަ ޒުވާނެއްގެ މިލްކަކަށްވެފައިވިޔަސް، އަހަރެން ކާވެނި ކުރަން ނިންމީމެވެ. އެއީ އުއްމު އަށް ކަމުދިޔަ އުއްމުގެ ހޮވުމެކެވެ. ހަޔާތުގެ ދަތުރަކަށް ފަށަން އުޅޭއިރު ކުޑަމިނުން އަހަންނަށް އެ ޒުވާނާ ނުވެސް ފެނެއެވެ.

"ދަރިފުޅާ! އަވަސް ކުރޭ! އެމީހުން އަންނަ ގަޑިޖެހެނީ އެއޮއްގެން...!" ބޭރުން އުއްމުކުލްޘޫމްގެ އަޑުއިވުނެވެ. ވާންހުރިކަމެއް ވާން ތަޤުދީރުގެ އަތްމައްޗަށް ދޫކޮށްލުމަށްފަހު އަހަރެން ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލީމެވެ. ކޮޓަރިތެރެއަށް ނުކުތް އިރު އުއްމުއާއި އިފާޝާގެ އިތުރުން މެހެރުވެސް ކޮޓަރީގައި ތިއްބެވެ. އުއްމުގެ ފަހަތުގައި ހުއްޓިގެން ހުރިއިރު މެހެރުގެ މޫނުމަތިން ފެނުނީ ކަމަކާ ގަޔާތް ނުވެފައި ހުރިކަމުގެ އަސަރުތަކެވެ. އެވަގުތު އުއްމުގެ އަތުގައި އޮތް ކަޅުކުލައިގެ ކަރުދާސް ކޮތަޅުން ފަސް ހެދުން ނަގައި އެތަނުގައި އޮތް ރަތްކުލައިގެ އެންމެ ރީތި ހެދުން އަހަންނާ ދިމާއަށް ދިއްކޮށްލިއެވެ. އަހަންނަށް ހެދުމުގައި ނުހިފިގެން އުޅެނިކޮށް، އިފާޝާ އެ ހެދުން ޖަހައިގަތެވެ. އިފާޝާގެ އެ އަދަބުކުޑަ ޢަމަލުން އުއްމުގެ މޫނު މައްޗަށް ނުރުހުމުގެ އަސަރުވެރިވިޔަސް އެކަން ކަމަކަށް ނުހެދުމަށް ލޮލުގެ އިޝަރާތުން އަހަރެން އެދުނީމެވެ.

"ވާއޮ! ލޯބިކަން... މިހެދުން ގުޅެނީ އަޅުގަނޑާ ! ނޫންތަ މަންމާ..؟!" ގައިގައި ހެދުން ޖައްސާލަމުން އިފާޝާ ބުނެލިއެވެ. އެއީ އޭނާގެ އާދައެކެވެ. އެންމެ ކުޑައިރުންފެށިގެންވެސް އަހަންނަށް ލިބޭ ކޮންމެ އެއްޗެއް އޭނާ ބޭނުންވާނެއެވެ. އަހަންނަށް ލިބޭ ކޮންމެ އެއްޗަކީ އިފާޝާއަށް ލިބޭ އެއްޗަށްވުރެ މޮޅު އެއްޗެއް ކަމުގައި ފަހަރުގައި އޭނާއަށް ހީކުރެވެނީ ކަންނޭނގެއެވެ. އެދުވަހުވެސް ގަދަވީ އިފާޝާގެ ކޮޅެވެ. ބޮޑުދައިތަ މެހެރު ދެކެ ގަންނަ ބިރާއި މަޞްލަޙަތަށްޓަކައި އެފަހަރުވެސް އަހަރެން ހަތިޔާރު ބެހެއްޓީމެވެ.

"ދަރިފުޅާ! ބުނަންތަ ވާހަކައެއް؟! އަމިއްލަ ޙައްޤަށްޓަކައި އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ ގައިގަވެސް ހުންނަންޖެހޭނެ ސިފައެއް! ކިހިނެތް އެނގެނީ މާދަމާ ދަރިފުޅުގެ އަތުން ޖަހައިގަންނާނީ އެއަށްވުރެ އަގުބޮޑު އެއްޗެއް ނޫންކަމެއް!" މެހެރުއާއި އިފާޝާ ނުކުމެގެން ދިއުމުން އުއްމު އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އޭގެ ފަހުން އައި ދުވަސްތަކުގައި އެދުވަހު އުއްމު ބުނީ ކިހާބޮޑު ތެދެއްކަން ވިސްނާލަން އަހަންނަށް މަޖުބޫރުވިއެވެ.

ޚާންދާނަށް ކުރިމަތިވަމުންއައި ކާވެނީގެ ޢީދަށްޓަކައި އުއްމުކުލްޘޫމްގެ ހުރިހާ ވަގުތެއް ގުރުބާންކުރިއެވެ. ކާވެނީގެ ދަޢުވަތު ފޮނުވާނެ މެހެމާނުންނާއި ކާވެނީގެ ވަލީމާގައި ބޭނުންކުރާނެ ކާތަކެއްޗާއި ވަލީމާ ބާއްވާނެ ތަނަށް ދަންދެން ކުރީބައިގައި އުއްމު ހަމަޖައްސައި ނިންމާލިއެވެ. ނޭނގުމެއްގެ ތެރޭގައި ނަމަވެސް އާކާވެނީގެ އުންމީދުތައް ހަޔާތުގެ އާމަންޒިލަކާ ހަމައަށް އަހަރެން ގެންގޮސްދިނުމުގެ މަސައްކަތް ކުރަމުންދިޔައެވެ. ރޭގަނޑު އަށެއް ޖެހުމާއެކު ކަޅުކުލައިގެ ކާރެއް ގޭގެ ޕޯޓިކޯ ކުރި މައްޗަށް އައިސް ހުއްޓާލައިފިއެވެ. އެއީ އަހަރެން ޒަޔާން ދުށް ފުރަތަމަ ފަހަރެވެ. ބަލައިލަން ރީތި ފިރިހެން ވަންތަ ޒުވާނެކެވެ. ޒަޔާން ކިތައްމެ ރީއްޗަށް އެ ސޫރައިން އަހަރެންގެ ހިތަށް ކުރި އަސަރެއްނެތެވެ. އަހަންނަށް ނޭނގުނަސް އެހިނދުން ފެށިގެން ޒަޔާން ގެ ނަން އެހެން ހިތެއްގައި ދިޔައީ ލިޔެވެމުންނެވެ. ހަމަ ކުރިއެކޭ ވެސް އެއްގޮތަށެވެ. އަހަރެންގެ ނަޒަރު އެދިމާއަކަށް ހުއްޓޭ ކޮންމެ ދިމާލަކަށް އިފާޝާގެ ނަޒަރު ހުއްޓޭނެއެވެ. އަހަރެންގެ އުފާތަކަކީ އޭނާއަށް ބަދުދާސްތު ނުކުރެވޭފަދަ ވޭނެއް ކަހަލައެވެ.

ދެފަރާތުގެ ޢާއިލާއިން ކާވެންޏަށް ތައްޔާރީތައް ވަމުންދިޔައިރު، ޒަޔާންއާއި އިފާޝާގެ ގުލްޝަނުގައި ދިޔައީ މާތައް ފަރިވެ ފޮޅެމުންނެވެ. އަހަރެންގެ ޣައިރު މައުޖޫދުގައެވެ. އެނގުމެއްނެތި ޚަބަރެއްވެސް ވުމަކާނުލައެވެ.

ކާވެނި ކުރާ ދުވަސް ގާތްވަމުން އައިވަރަކަށް އަހަރެންގެ ހިތު ތެޅުން ދިޔައީ އިތުރުވަމުންނެވެ. އާއުންމީދުތަކަކަށް ޖާގަދެމުން ދިރިއުޅުމުގެ ދިގު ރާސްތާ ހިތުތެރޭގައި ކުރަހަމުން އަހަރެން ދިޔައީމެވެ. އެއްދުވަހަކު ޒަޔާންގެ ބަރުއަޑުން އަހަރެންގެ ކުރިމަތީގައި އެކާވެންޏަށް އިންކާރުކުރުމާ ހަމައަށެވެ. ޒަޔާންއާއި އަހަރެންގެ ޢާއިލާ އެންމެންގެ ކުރިމަތީގައި ޒަޔާން ކާވެންޏާށް އިންކާރުކުރިއެވެ. ބަދަލުގައި އިފާޝާ އޭނާގެ ފުރިހަމަ ޙައްޤަކަށް ހަދަންބޭނުންވާ ވާހަކަބުނި ވަގުތު އަހަރެންގެ ނަފްސުގެ ބަލިކަށިކަމާއި ނާކާމިޔާބުކަން އަހަންނަށް ވަޒަންކޮށްލެވުނެވެ. އެކަން ހަމައަށް އެޅުވުމަށް އުއްމުއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. އެކާވެންޏަކީ ދެފަރާތުގެ އާއިލާއިން ރޭވި ކާވެންޏަކަށްވެފައި ކާވެނިވެވޭ ދެކުދިންގެ ރުހުންވެސް އޮތުން މުހިއްމު ކަމުގައި ދެފަރާތުގެ ޢާއިލާއިންވެސް ދެކޭތީއެވެ. ބާކީވެ އެންމެންގެ މަލާމާތް ނުސީދާކޮށްވިޔަސް އަމާޒުވީ އަހަންނަށެވެ. ލިބުނު ލަދުވެތިކަމުގައި ލޮލުން ނިރާލި ކަރުނަތައް އަހަރެން ފޮރުވީމެވެ.

***

"މިއީ ދަރިފުޅުގެ ހައްގެއް!" އަތުގައި އޮތް ހެދުން އަހަރެންގެ އަތަށް ލައިދެމުން މާނަ ފުންނަޒަރަކުން އަހަރެންގެ ލޮލަށް ބަލައިލަމުން އުއްމު ބުނެލިއެވެ. އަހަރެން އިތުރު އެއްޗެއް ބުނުމަކާ ނުލައި އެހެދުން ފޮއްޓަށް ލީމެވެ.

ދުނިޔެއަށް އަނދިރިކަން ވެރިކުރުވަމުން އަރާމުގެ ތަންމައްޗަކަށްގޮސް އިރު ނިމާވެލަނީއެވެ. ހުޅުމާލޭގެ އޮމާން މަގުތަކުގައި އަމާންކަމާއެކު ކާރު ދުއްވަމުން ދިޔައިރު ކާރުގެ ދޮރު ތިރިކޮށްލައިގެން ޖެހެމުންދާ ވައިރޯޅިތަކަށް ހިތް ދޫކޮށްލައިގެން އަހަރެން އިނީމެވެ. ނަފްސަށް ވެރިވެފައިވާ ނުތަނަވަސްކަމާއި ހިތަށް ވެރިވެފައިވާ ބިރުވެރިކަމަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބޭތޯ އަހަރެން ބަލަމުންދިޔައީމެވެ. އަޚަރެންގެ ޚިޔާލުތަކުގެ ދަތުރު ނުނިމިގެން އުޅެނިކޮށް ކާރުގޮސް، ދިހަބުރީގެ ހައިބަތު ހެޔޮ ޢިމާރާތެއްގެ ކުރިމައްޗަށްގޮސް ހުއްޓާލައިފިއެވެ. ދަތުރު ނިމި މަންޒިލް އަތުޖެހުނު އިރު އަހަރެންގެ ހިތުގެ ވިންދުތައް އިހުނަށްވުރެވެސް އަވަސްވެލިއެވެ. އަހަންނަށްޓަކައި މުޅިން އައު އެ މާޙައުލުގެ ބީރައްޓެހިކަމަށް ނަފްސު ހާނުއްވާނެ ގތަކާމެދު އޭރުވެސް އަހަރެން ދިޔައީ ފިކުރުކުރަމުންނެވެ. ކުރިމަތީގައި ހެވިފައި ސުރައްޔާ އާއި އަޒްކާ ތިއްބެވެ.

"ރެޕަންޒިލް"

އަޒްކާ ދުވެލާފައި އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ފަހަތުން ނޯކަރަކު ގޮވައިގެން އައިސް އަހަރެންގެ ފޮށި ތަންމަތި ގޭތެރެއަށް ވެއްދުމަށް އަންގަމުން ގޭތެރެއަށް ވަނުމުގެ ދަޢުވަތު ސުރައްޔާ ދިނެވެ. އެއީ މުޅިން ތަފާތު މާހައުލެކެވެ. އުފާވެރިކަން ގެއްލި ހަމަހިމޭންކަމުގައި ވާ ވީރަނާކަމެއް އަހަންނަށް އެގޭ ތެރެއިން ފާހަގަކުރެވުނެވެ. އަނގައިން ބަހެއް ބުނުމެއްނެތި އިފާޝާއާއި ޒަޔާންވެސް ހަނީމޫނު ދަތުރަށް ތައްޔާރު ވުމުގައި އަވަދިނެތިވެ އުޅޭތަން ފެނުނެވެ. އަހަރެން ފެނުމާއެކު އިފާޝާގެ މޫނު މައްޗަށް ނުތަނަަސްކަން ވެރިވެގެން ދިޔަތަން އަހަރެން ދުށީމެވެ. ސުރައްޔާގެ ފުރަގަހަށްވަދެ އެ ނަފްރަތުގެ ނަޒަރުން ރެކެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަހަރެން ވަދެގެން ދިޔައިރު ވައިލެޓްކުލައާއި އަޅި ކުލައިން ޒީނަތްތެރިކުރެވިފައިވާ ގޭގެ ސިޓިންގ ރޫމު ގައި އަތުރާފައިވާ ސޯފާ ސެޓުން ސޯފާއެއްފައި އޮށޯވެލައިގެން ކިނާން އޮތެވެ. ނޫންކަމަށް ހަދާފައިވެސް އަހަރެން ލޮލުގެ ހިމަކޮޅުން ކިނާން އަށް ބަލަމުން ދިޔައީމެވެ. ލޯ ހުޅުވައިގެން އޮތަސް އޭނާގެ މޫނުމަތިން ފެންނަނީ ކުރިންވެސް ފެނުނު ހަމަހިމޭންކަމެވެ. ހިތާމައިގެ ފުރިހަމަ ތަސްވީރެއް ފަދައިންނެވެ. އެއީ އަގުބޮޑު ފަރުނީޗަރުތަކާއި ޒަމާނީ ކުލަވަރުތަކުން ޒީނަތްތެރިކުރެވިފައިވާ ގެއެވެ. ބަލައިލި ކޮންމެ ދިމާލަކުން މުއްސަނދިކަމާއި ތަނަވަސްކަން ނޫން އެހެން އެއްވެސް އެއްޗެއް ނުފެނެއެވެ. ހަމައެކަނި އެގޭތެރެއިން މަދުވަނީ އުފާވެރިކަމެވެ. ދިރުމެވެ. އެގޭގެ އަހުލުންގެ ތުންފަތުގެ ހިނިތުންވުމެވެ. އެ ބޮޑު ގޭގެ އުފާވެރިކަން ގޮސް ގެއްލިފައި އެވަނީ ކޮން ދިމާލަކަށް ކަމެއްވެސް ނޭނގެއެވެ.

ކުރިއަށް އަޅަމުންދިޔަ ފިޔަވަޅުތަކާއެކު އަހަންނަށް ހުއްޓުން އެރީ ކުރިމަތިން ފެންނަން ހުރި ފާރުގައި އަޅުވާފައިހުރި ފޮޓޯލޯގަނޑުތައް ފެނިފައެވެ. އެ ކުޑަ އާއިލާގެ ބޮޑު ތަސްވީރަށް އަހަރެންގެ ސަމާލުކަން އެނބުރުމާއެކު އަހަރެން ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. އެފޮޓޯގައި ތިބީ ސުރައްޔާއާއި ސުރައްޔާގެ ފިރިމީހާ އަބްދުލްޤާދިރު އާއެކު ކިނާންއާއި ޒަޔާންއެވެ. އަދި އަހަރެންގެ ހާއްސަ ސަމާލުކަން ގޮސް ހުއްޓުނީ އެ ފޮޓޯގައި ކިނާންގެ އަތުގައި އަތް އަޅުވާލައިގެން އެއްއަތުން އަޒްކާ އުރާލައިގެން ކެމެރާއަށް ހެވިފައިހުރި ރީތި އަންހެން ކުއްޖާއަށެވެ. އެާއެކު ޤަބޫލު ކުރަންދަތި ގޮތަކަށް އަހަރެންގެ އަމިއްލަ މޫނުގައި އަހަންނަށް އަތް ޖައްސާލެވުނެވެ. އެހެން ވާނީ ކިހިނެތް ހެއްޔެވެ؟ --ނުނިމޭ--

ދިގު ވާހަކަ ހިތުލޯބި ހިތާ ވަކިވާނޭހޭ

Popular