25 Mar 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

* މާޗް 21 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ގޯޅިގަނޑަށް ވަދެގެން ތަންކޮޅަކަށް ދެވުނުތަނާ ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފި އެވެ. އަތުތެރޭ އޮތް އާފަލު ވެސް ދޫވެގެން އެނބުރެމުން ދިޔައީ ކޮންތާކަށް ކަމެއް ނޭނގުނެވެ. ނަސީބަކުން ޖޫސް ޕެކެޓް ސަލާމަތުން އޮތެވެ. އެވަގުތު އޭނަ ނުވެއްޓި ސަލާމަތްވީ ކުރިމަތީ ހުރި މީހާ އޭނަގެ މުލައްދަނޑީގައި ހިފާލިކަމުންނެވެ.

"ރީން؟...މިހާ ލަސްވީމަ ނުނިދާ ކީއްތިކުރަނީ؟ އިޒް އެވްރީތިން އޯކޭ؟" އާހިލްގެ އަޑުގައި އަޅައިލުންވި އެވެ.

ކުރިމަތީ ހުރީ އާހިލްކަން އެނގުމާއެކު އައިރީންއަށް ހަމަޖެހިލެވުނެވެ.

"އަހަރެންނަށް އިނގޭ އާހިލް މަންމަ ބުނިކަން ބޭރަށް ނުނިކުމެ ހުންނަން. އެކަމަކު މިގަޑީގައި ބަނޑުހައިވެގެން މަސައްކަތު މީހުން ނިދާފަ ތިބޭނެތީ އެމީހުންނަށް ގުޅަން ނުހަދާ އަމިއްލައަށް ބަދިގެއަށް ގޮސްލާފަ މިއައީ.." އައިރީން ކުށްވެރިއަކު ފަދައިން އޮޅުންފިލުވައިދިނެވެ.

"މަންމަ ކީކޭ ބުންޏޭ؟" ދެއްކި ވާހަކައިން އާހިލްގެ ސަމާލުކަން ދަމައިގަތީ އެޖުމްލަ އެވެ.

އެކަމަކު އޭނަ އެހެން އެހީ ބުނި ވާހަކަ އަޑު ނީވުމަށްވުރެ ބޮޑަށް ޔަޤީންކުރަން ވެގެންކަން އައިރީންއަށް ވިސްނުނެވެ. ބުނަން ނުވާ އެއްޗެއް ބުނެވުނުކަން އިހްސާސްވެފައި އޭނައަށް ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ. ނަސީބަކުން އޭނަ ޖަވާބު ނުދީގެން އާހިލް އިތުރަށް ބާރެއް ނާޅަ އެވެ. ފުން ނޭވައެއް ދޫކޮށްލައިފައި ބުނީ ބޭރުގައި ނުހުރެ ނިދަން ދިއުމަށެވެ. އައިރީން ބޯޖަހާލައިފައި "ގުޑްނައިޓް" އޭ ބުނެލުމަށްފަހު ގޮސް ކޮޓަރިއަށް ވަދެ ގެއްލުނެވެ.

އެނދުގައި ފުރޮޅި ފުރޮޅި ރާމީންގެ ލޮލަކަށް ނިންޖެއް ނައެވެ. އާހިލް ފެނުމާއެކު، އޭނަ ފަހަތަށް ދޫކޮށްފައިވާ އެތަކެއް ހަނދާންތައް އައިސް ހިތަށް ދަތިކުރަނީ އެވެ. އެކަމަކު އޭނަގެ އެންމެބޮޑު ނުތަނަވަސްކަމަކީ ކޮއްކޮ އެވެ. ކޮއްކޮއަކީ އެންމެ ނަވާރަ އަހަރުގެ ޅަ އަންހެންކުއްޖެކެވެ. އެހީތެރިޔަކާނުލާ ކޮއްކޮ އުޅޭނީ ކިހިނެތް ހެއްޔެވެ؟ ފިލާވަޅެއް ދޭންވެގެންނޭ ކިޔާފައި ވެސް އޭނައަށް މިދެވުނީ މާބޮޑު އަދަބެއް ހެއްޔެވެ؟ ހާލު ބަލަން ކޮއްކޮއަށް ގުޅަން ވެސް ހިތަށް އެރި އެވެ.

އޭނަ އަމިއްލަ ނަފްސަށް ހަމައަކަށް އެޅުވީ އައިދަންއާއި އޭނަގެ އާއިލާ އުފުލަން އޮތް ޒިންމާމަތިން ހަނދާންކޮށްފަ އެވެ. އޭނަ ކޮއްކޮ ގޮވައިގެން އަތުވެއްޖެނަމަ އެއީ ހަމައެކަނި އޭނަގެ ބަލިވުމެއް ނޫނެވެ. ކޮއްކޮއާއި ކޮއްކޮގެ ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ވެސް ބަލިވުމެވެ. އެކަމަށްޓަކައި އޭނަ ޖެހޭނީ އަމިއްލަ ހިތް ހަރުކުރާށެވެ. ހިތްވަރު ކުރާށެވެ.

***

ޖެހިގެން އައި ދުވަހު އާހިލް ތައްޔާރުވެގެން އޮފީހަށް ދިއުމުގެ ކުރިން އައިރީން ހޭލައިފިތޯ އެހީ ގޭގައި ގެންގުޅޭ ހަފްސާ ކުރެންނެވެ. ހަފްސާ ބުނީ އަދި ކޮޓަރިން ނުނިކުންނަ ކަމުގަ އެވެ. އާހިލް އެދުނީ އައިރީން ނުނިކުތަސް ގަޑިން ގަޑިއަށް ކެއުން ތައްޔާރުކޮށްފައި ކޮޓަރިއަށް ގެންގޮސްދިނުމަށެވެ. އެއްވެސް ހާލެއްގައި އައިރީން ނުކައި ހުރެގެން ނުވާނެކަމުގައި ބުނީ ތަންކޮޅެއް އަމުރުވެރިކޮށެވެ.

މަންމަ އާއި ބައްޕަ އައިސް ވަންތަން ފެނުމުން ހިނިތުންވުމަކާއެކު ހެނދުނުގެ ސަލާމް ގޮވައިލި އެވެ. ސަލާމް ބަލައިގަތީ ބައްޕަ އެވެ. މަންމަ އައީ ފޯނަކުން ވާހަކަދައްކަމުންނެވެ.

"މަންމަ ވެސް ދަރިފުޅު ދެކޭހިތުން ކެތެއް ނުވޭ. އަވަހަށް އަންނަން އުޅޭ!" ޝެހެނާޒް ލޯބިން ފުރިގެންވީ އަޑަކުން ވާހަކަދެއްކި އެވެ.

އާހިލްގެ ކަންފަތަށް މަންމަގެ އަޑު ފޯރުމާއެކު އެއީ ކާކުކަން ލަފާކޮށްލެވުނެވެ. އޭނަ އިންތިޒާރު ކުރީ މަންމަ ފޯނު ބާއްވަންދެނެވެ.

"ނިޝާލް ކޮންއިރަކުން އަންނަނީ؟" އާހިލް އެހި އެވެ.

"ދެދުވަސް ފަހުން. އަންގާރަ ދުވަހު." އިށީންނަން އުޅެފައި އަބްދުލް ހަންނާނުއާ ގާތަށް ޖެހިލުމަށްފަހު ކަރުގައި އޮތް ޓައީ ރަނގަޅުކޮށްދެމުން ޝެހެނާޒް ޖަވާބުދިނެވެ.

އާހިލް ކެއުން މެދުކަނޑާލައިފައި ދެއަތް އުފުލައިލީ މޭޒުމައްޗަށެވެ. އުޅަބޮށި ވިއްދާލުމަށްފަހު ދެއަތްތިލަ ބޮނޑިކޮށްލާފައި ގެނެސް ދަތްދޮޅީގައި ޖައްސާލައިގެން އެއްޗެއް ނުބުނެ ބަލަން އިނެވެ. އަބްދުލް ހަންނާނު ވެސް ކަމަކާއި ވިސްނުން ހިންގާފަދަ ގޮތަކަށް ބުމަ ކައިރިކޮށްލައިގެން އިނދެ ބަލަން ފެށީ ދުރެވެ.

"ވަޓް؟" ޝެހެނާޒް ގޮނޑީގައި އިށީނދެފައި ދެފަހަރު ދެމީހުންގެ މޫނަށް ބަލައިލަމުން އެހި އެވެ.

"ނިޝާލް އައިސް ސުވާލު ކުރަން ފެށީމަ އޭނައަށް ދޭނެ ޖަވާބަކާއިމެދު މިހާރުއްސުރެ ވިސްނާފަ ބޭއްވުން ބުއްދިވެރި." އާހިލް އަތްތިރިކޮށްލި އެވެ.

"ނިޝާލްއާ ދޭތެރޭ އާހިލް ކޮންމެހެން ވިސްނާނެ ކަމެއް ނެތް." ޝެހެނާޒް ހިތްހަމަނުޖެހިފައި ބުނެލި އެވެ.

އާހިލްއަށް ދުރުބަލައިލެވުނެވެ. ސީދާ ބަހުން ނޫނިއްޔާ ނުސީދާ ބަހުންނަމަވެސް ކޮންމެ ދުވަހަކު އެއްފަހަރު، އޭނައަށް ކުރެވުނު ކުށުމުގެ މަތިން ހަނދާންކޮށްދިނުމަކީ މަންމަ އަމިއްލަ ނަފްސަށް ވެފައިވާ ވަޢުދެއްފަދަ އެވެ. އިތުރަށް އެތާ އިންނަން ނުހަދާ ކޮފީތަށި ދަމައިލުމަށްފަހު އޭނަ ދާންވެގެން ތެދުވި އެވެ. ބައްޕަ ވާހހަކަދެއްކީ އެގަޑީގަ އެވެ.

"ނިޝާލްކައިރީ އަދި އެހެން އެންމެން ކައިރީ ވެސް އަހަރުމެން ބުނާނީ އެއަންހެންކުއްޖާއަކީ އާހިލް އެކުވެރިއެއްގެ ފިއާންސޭ ނޫނީ އަނބިމީހާ ކަމުގައި. އޭނަ ފިރިމީހާ އަހަރު ދުވަހަށް ކޯހެއްގައި ދާން ޖެހިގެން އާއިލާގައި އިތުރުމީހަކު ނެތީތީވެ އައިސް އުޅެނީކަމަށް..." އަބްދުލް ހަންނާނު ފަހަރަކު މީހެއްގެ މޫނަށް ބަލާލައިފައި އެންގި އެވެ.

ޝެހެނާޒް ފިރިމީހާއާ އެއްބައިވުމުގެ ގޮތުން ބޯޖަހާލައިފައި މޭޒުމަތީ އޮތް އަތްމަތީ އަތް ބާއްވައިލި އެވެ. އާހިލް ބަލައިލި ވަގުތު ބައްޕަ އިރުކޮޅެއް ވަންދެން ނަޒަރު ހިފަހައްޓާލައިގެން އިނެވެ. ދުލުން ނުބުންޏެއް ކަމަކު އެއީ ބައްޕަގެ އަމުރެއްކަން އެލޮލުން ހާމަކޮށްދިނެވެ. އާހިލް ކިޔަމަންތެރިކަމާއެކު މަޑުމަޑުން ބޯޖަހައިލި އެވެ.

***

ޒަހާ ގުޅީ އައިރީން ތެދުވެ ނާސްތާ ކުރަން ކޮޓަރިތެރޭ އިންދަ އެވެ. ފުރަތަމަ ވެސް މާފަށް އެދުނީ ފޯނު ނުނެގިގެންނެވެ. ޒަހާ ގެއަށް ދިޔައީއްސުރެ އުޅުނީ ތިމާގެ މީހަކު ބާއްވައިގެން ހޮސްޕިޓަލުގަ އެވެ. އައިރީން ކެއުން ހުއްޓާލައިފައި ގޮސް ކުޑަދޮރު ކައިރީ ހުރެގެން ދައްތަ ކަންތައް ކުރި ގޮތުގެ ވާހަކަ ކިޔައިދިނީ ފެންކަޅިވެފަ އެވެ. ޒަހާ ބޭނުންވީ ވަގުތުން އައިރީން ގާތަށް އައުމަށެވެ. ޖަވާބުދޭން އުޅެފައި އައިރީން ފަސްޖެހުނީ ޝެހެނާޒް މަތިން ހަނދާންވެފަ އެވެ. ޝެހެނާޒްގެ ހުއްދަ ނެތި އެގެއަށް އިތުރު މީހަކު ގެނައުމުން ވެސް ހިތްހަމަނުޖެހިދާނެ އެވެ. އައިރީން އެވާހަކަ ބުނުމުން ޒަހާ ހިތްހަމަނުޖެހުން ފައުޅުކުރި އެވެ.

"ރީން ތި ހުރީ އެހެންވިއްޔާ ޖަލަކަށް ލައިފައެއްނު. އެހެންނޫނަސް އެމީހުން އެހާ ކަންބޮޑުވެގެން ފޮރުވާކަށް ނުވެސްޖެހޭ ދޯ ރީން އައިދަންގެ ކިޑަކަށް ބަލިވެއިނީ ނަހަލާލަކަށް ނޫންވިއްޔަ. ކޮންމެ ގޮތަކަށް ކުރިއަސް ކައިވެނި ނުކުރާކކަމަކަށް ނުވާނެ.." ޒަހާގެ ވާހަކަ އިވިފައި އައިރީންއަށް ލޯމަރައިލެވުނެވެ.

"އަހަރެން ކައިވެނީގެ ވާހަކައެއް އަދި ނުބުނަން.." އައިރީން މަޑުމަޑުން ހާމަކުރި އެވެ.

އެކޮޅުން ކުއްލިއަކަށް އިވުނީ އެއްޗެއް ވެއްޓި ތެޅުނު އަޑެވެ.

"ކީކޭ ތިބުނީ؟ ކައިވެނީގެ ވާހަކައެއް ނުބުނަމޭ؟ އެކަމަކު ކީއްވެ؟" އެވީ ކިހިނެތްތޯ އަހަން އުޅެނިކޮށް އެކޮޅުން ޒަހާ އަވަސްއަވަހަށް ސުވާލުތައް އަމުނައިލި އެވެ.

އައިރީން ޖަވާބުދޭން އަނގަ ހުޅުވާލުމާއެކު މިފަހަރު ވެސް ޒަހާ ކުރި ހޯދި އެވެ. އެދުނީ ޖަވާބުނުދީ މަޑުކުރުމަށެވެ. ފޯނުން އެހުރިހާ އެއްޗެއް އަހަން އޭނަ ބޭނުންނުވާކަމަށް ބުނެ ކަނޑައިލި އެވެ. އައިރީންއަށް ޔަޤީން ނުވެގެން ފޯނު ކަންފަތާއި ވަކިކޮށްލައިފައި ބަލައިލި އެވެ. ޒަހާ ހަމަ ހަޤީޤަތުގައި ވެސް ފޯނު ކަނޑައިލީ އެވެ.

ވިއްސަކަށް މިނިޓްފަހުން ކޮޓަރި ދޮރުގައި ޓަކިދިން އިރު އައިރީން އޮތީ އެނދުގައި އޮށޯވެލައިގެން ވިސްނުމަކަށް ގެއްލިފަ އެވެ. އޭނަ ތެދުވެ އިށީނދެފައި ދެވަނަ ފަހަރަށް ޓަކިދިނުމުން އެނދުން ފޭބި އެވެ. އައިދަންއަށް ވެދާނެއޭ ހިތަށް އަރާފައި ލޯގަނޑާއި ހަމަވުމާއެކު އިސްތަށިގަނޑު ރީތިކޮށްލި އެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރީ ޒަހާ އެވެ.

"ދިސް ހައުޒް އިޒް ކްރޭޒީ ބިއުޓިފުލް..." ކޯތާފަތުގައި ދެއަތް އަޅާލައިފައި ކުޑަކޮށް ލޯ ބޮޑުކޮށްލަމުން ޒަހާ ބުނެލި އެވެ.

އައިރީން މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލާފައި ޒަހާ އަތަށް ދަމާލުމަށްފަހު އެތެރެއަށް ވެއްދި އެވެ. ދޮރު ލައްޕާލައިފައި އޭނަ އެނބުރެން ވާއިރަށް ޒަހާ ގޮސް އިނީ އެނދަށް އަރައި ދެފައި ވަށްކޮށްލައިގެންނެވެ.

"އެއާޕޯޓް ސެކިއުރިޓީއަށްވުރެ މިގޭ ސެކިއުރިޓީ ވަރުގަދަ. އަހަރެން އައިސް ވަނީމަ ހަށި ފާސްނުކުރާކަން އެކަނި. ގެއާ އާއިލާއާ މަންމަ ބައްޕަގެ ނަމުން ފެށިގެން އަހަރެން އަދާ ކުރާ ވަޒީފާއަށް ދާންދެން އެހި. މަ ނޫސްވެރިއަކާ ވައްތަރުވީ ކަންނޭނގެ." އައިރީން ކައިރިއަށް ދިޔަތަން ބަލަން އިނދެގެން ޒަހާ ކިޔައިދިނެވެ.

އައިރީން އެކުވެރިޔާގެ ކިބައިން މާފަށް އެދުނެވެ. ޒަހާ މަޑުމަޑުން ބޯ ހޫރައިލީ އެއީ އައިރީންގެ މައްސަލައެއް ނޫންކަން ބުނެދިނުމަށެވެ. ދެން އޭނަ ފެށީ ފޯނުން ދެއްކި ވާހަކަ އެވެ.

"އަހަރެން އުޅުނީ ރީންދައްތައަށް ކިޔާދޭން. އެކަމަކު ޕްރެގްވާހަކަ ބުނީމަ އޭނަ އިތުރު އެއްޗެއް އަޑުނާހައި ފޯން ކަނޑައިލީ. ދެން ހީކުރީ ރީން އަމިއްލައަށް ދައްތައަށް ކިޔާދޭނެ ކަމަށް. އެހެންވެ އަހަރެން ފަހުން އެހާ ބޮޑަށް އަޅާނުލީ..އެކަމަކު ރީން ތިގޮތަށް ނުބުނެ ހުރީމަ އެމީހުން ކިހާ ގޯސްކޮށް ރީންއާ ދޭތެރޭ ދެކޭނީ..ރީން މަށަށް އެނގޭ އެއްޗަކީ އައިދަން އަމިއްލައަށް ނުބުނާނެކަން. އެއިރު ކައިވެނިކޮށްގެން ވަރިކުރަން ދެން ގޭ މީހުން ކައިރީ ބުނާނަމޭ ކިޔައިގެން އުޅުނީ. މިހާރު ވަރިކުރީމަ އަދި ވަކިން ނުބުނާނެ. މިކަހަލަ ކަންކަން ހިނގާނެތީ ޤާނޫނީ ގޮތުން ކައިވެނި ރަޖިސްޓްރީކުރަން އޮންނަނީ. އެކަމަކި މިހާރު ދެން އައި ޓޯލްޑް ޔޫ ސޯ ކިއުމުގެ މާނައެއް ނެތް." ޒަހާ ފަހު ޖުމްލަ ބުނެލިއިރު އައިރީންގެ ދަތްދޮޅީގައި ހިފާ މަގަތަށް އަނބުރައިލި އެވެ.

"ކައިވެނީގެ ވާހަކަ ކިޔައިދިނަސް މިގޭ މީހުން އަހަންނާއި ދޭތެރޭ ރަނގަޅަކަށް ނުދެކޭނެ. ފުރަތަމަ ކަމަކަށް އަހަރެން ކަހަލަ ކުއްޖަކާއި އައިދަން ގުޅޭކަށް އެމީހުން ބޭނުމެއް ނުވާނެ. ދައްތައާ އާހިލްބެގެ މެރިޖްވެސް ވޯކް ނުކުރަނީ ދައްތައަކީ މުއްސަދި ގެއެއްގެ ކުއްޖަކަށް ނުވާތީ. އެހެން ނޫނަސް ގޭގައި ކުރި ކައިވެންޏެއް ސާބިތު ކުރަން ބަލާއިރު އޭނަ މިހާރު އަހަރެން ވަރިވެސްކޮށްފި..." އައިރީން ޒަހާގެ އަތުގައި ހިފާ ތިރިކޮށްލާފައި ވާހަކަދައްކަމުން އަނެއްކާ ވެސް ދުރަށް ނަޒަރު ހުއްޓައިލި އެވެ.

އެސްފިޔަތައް ތެމެމުން އައިކަން އިހްސާސްވެގެން އަމިއްލަ ނަފްސަށް ހިއްވަރުހޯދުމުގެ ގޮތުން އެނދުމަތީ އޮތް އަތް މުށްކަވައިލި އެވެ.

"ކީއްވެ ސާބިތު ނުކުރެވެންވީ؟ ކޯޓަށް މައްސަލަ ލީމަ ކައިވެނިކޮށްދިން ގާޟީއާއި ދެހެކިން ގެންގޮސް ސާބިތު ކުރެވޭނެ. ރީންއަށް ވަލީދިން ބޮޑުބޭބެއަށް ގުޅީމަ ބޮޑުބޭބެ ވެސް އެއްބަސްވާނެކަން ޔަޤީން. ވަރިކުރިއަސް ބޭބީއަށްޓަކައި ރީން ޖެހޭނެ ކައިވެނީގެ ވާހަކަ ކިޔައިދޭން. އެހެންނޫނީ ދުނިޔޭގެ ނަޒަރުގައި ބޭބީ ވާނީ ނަހަލާލު ކުއްޖަކަށް.." ޒަހާގެ ވާހަކަ އަހާފައި އައިރީންއަށް ކުއްލިއަކަށް އެމޫނަށް ބަލައިލެވުނެވެ.

އަތް އުފުލާލައި އަނގަމަތީ އަޅައިލެވުނީ އަމިއްލަ ނަފްސަށް އެތިވަރު ގޮވަމުންނެވެ. އަމިއްލަ ހިތާމަތަކުގައި ގެއްލިގެން ގޮސް ދަރިފުޅުގެ ހައްޤުތައް މަތިން އޭނަ ހަނދާން ނައްތައިލީ އެވެ.

އޮފީހުން އައިގޮތަށް އާހިލް ފުރަތަމަ ވެސް އައިރީންގެ ކޮޓަރި ދޮރުގައި ޓަކިދިނެވެ. އައިރީން ދޮރު ހުޅުވާލުމުން ހުރީ ހާލު އަހައި ހުރީ ކައިގެންތޯ ބެލި އެވެ. އައިދަން ބައްދަލުކުރަން އައިތޯ އެހީ ކުޑަ ފަސްޖެހުމަކާއިއެކުގަ އެވެ. އައިރީން މަޑުމަޑުން ބޯ ހޫރައިލިތަން ދެކެފައި ދަތްވިކާލެވުނެވެ. އޭނަ އިތުރު އެއްޗެއް ނުބުނެ ފަސްދީ ހިނގައިގަތީ އައިދަން ހޯދަންވެގެންނެވެ. ކޮޓަރި ބެލިއިރު ކޮޓަރިއަކު ނެތެވެ. ގުޅާލިއިރު ފޯނު ނިއްވާލައިފަ އެވެ. ގޭގައި ގެންގުޅޭ މީހަކު ފެނިގެން އައިދަން ދުށިންތޯ އެހި އެވެ. އެމީހާގެ ޖަވާބު އައީ އައިދަން މެންދުރެއްހާއިރު ހޭލައިގެން ބޭރަށް ދިޔަގޮތަށް އެނބުރި ނާންނަކަމަށެވެ.

އަނެއް ދުވަހު ވެސް އައިދަންއާ ދިމާވާގޮތެއްނުވި އެވެ. އާހިލް އޮފީހަށް ދާއިރު ނިދައެއް ނުހޭލަ އެވެ. އަނެއްކޮޅުން ރޭގަނޑު އާހިލް ނިދާއިރު ވެސް އައިދަން ގެއަކަށް ނުވަދެ އެވެ.

އަންގާރަ ދުވަހު އައިދަން އޮފީހުގައި އިންދާ ކޮންމެވެސް މީހަކު އައިސް އޭނަ އިންނަ ކޮޓަރި ދޮރުގައި ޓަކިދިނެވެ. އައިދަން ހުއްދަ ދިނުމާއެކު އާހިލް ވަދެ ދޮރު ލައްޕައިލި އެވެ. އައިދަންގެ ނަޒަރު އޭރުވެސް ހުރީ އަތުތެރޭ އޮތް ފޯނަށެވެ. ލާނެތް ހިނިތުންވުމަކާއެކު އޭނަ ކޮންމެވެސް މީހަކާއި މެސެޖުން ވާހަކަދައްކަނީ އެވެ.

"ގޭގައި، އައިދަންގެ ކޮނޑުގައި ބަލަން ޒިންމާއެޅިފައިވާ ކުއްޖަކު އައިސް އިންނަކަން އެނގޭތަ؟" އާހިލްގެ އަޑު ޖެހިފައި އައިދަންގެ އިނގިލިތަކުގެ ހަރަކާތް ހުއްޓުނެވެ.

"ސޯ؟" ފޯނު މޭޒުމަތީ ބާއްވާފައި ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލަމުން އައިދަން އެހި އެވެ. އެއަޑުގައި އެއްވެސް އަސަރެއް ނެތެވެ.

"ރީންއަކީ ހަމައެކަނި އައިދަންއަށް ލިބެން އުޅޭ ދަރިފުޅުގެ މަންމައެއް ނޫން. އެއީ ރާމީންގެ ކޮއްކޮ. އައިދަން ބޭނުންހާ ގޮތަކަށް އޭނައާ ދޭތެރޭ ކަންތަކެއް ނުކުރެވޭނެ.." އާހިލް ރުޅިގަދަވެފައި މޭޒުމައްޗަށް ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލި އެވެ.

އާހިލްގެ މިހަރަކާތާއެކު އައިދަން ގާތަށް ވެސް ރުޅި އަންނަގޮތްވި އެވެ. ބުމަ ކައިރިކޮށްލާފައި އޭނަ ގޮނޑިން ތެދުވެ މޭޒުގެ ކައިރިފަށުގައި ދެއަތް ވިއްދާލި އެވެ.

"އޭނަ އެއިންނަނީ ރަސްދަރިކަނބަލެއްގެ އިއްޒަތުގައި އަހަރެމެންގެ ގޭގައި. ކާންބޯން މަސައްކަތެއް ކުރާކަށް ނުޖެހޭ. ނޯކަރުން އޭނަގެ ޚިދުމަތުގައި. ގަޑިން ގަޑިއަށް ކެއުން ވެސް ކޮޓަރިތެރޭ އިނދެގެން ކެވޭނެހެން ހަދާފަ. ދެން ކޮބާތަ ބޭނުންހާ ގޮތަކަށް ކަންތައްކޮށްފަ؟ ޒިންމާ ނެގުމަކީ ސައުވީސް ގަޑިއިރު އޭނަ ކައިރީ އިނދެ ހޭހަން ކުރުން ކަމަށްވަންޏާ އަހަރެނން ބުނަން އޮތީ ސޮރީއޭ. އަހަންނަކަށް ނުވާނެ އެކަމެއް. ޝީޒް ނޮޓް މައި ވައިފް އެނީމޯ. އަހަރެން ކޮންސެންޓްރޭޓްކުރަން އަހަރެންގެ އަމިއްލަ ލައިފް އެބައޮތް. އަހަރެންގެ ފިއާންސޭ އެބަހުރި. އާހިލް އޭނަގެ ހިތް ހަލާލުކޮށްލިފަދައިން އަހަރެން ނެތިނން އޭނަގެ ހިތް ހަލާކުކުރާކަށް.." އައިދަންގެ ވާހަކަ ނިންމާފައި މޭޒުމަތީ އޮތް ފޯނު ނަގައިގެން އާހިލް ފަސްދީ ގޮސް އެތަނުން ނިކުމެ ދޮރުޖެހި އެވެ.

ދޮރުލެއްޕުނު އަޑާއެކު އާހިލްއަށް އަނެއްކާ ވެސް ރުޅި ބޭލުނީ މޭޒަށެވެ. ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލާފައި އިރުކޮޅަކުން އޭނަ ވެސް އެތަނުން ނިކުމެގެން ބާރުބާރަށް ދިޔައީ އަނެއްކާ އައިދަން ހޯދަން ވެގެންނެވެ. އައިދަން ފެނުނީ ލިފްޓާއި ދިމާއަށް ދަނިކޮށެވެ.

"އެއީތަ އައިދަންގެ މަޤްސަދަކީ؟" އަޑު ފޯރާ ހިސާބަށް ދެވުމާއެކު އާހިލް ވާހަކަދައްކަން ފެށި އެވެ.

އައިދަން އެނބުރި ބަލާލައިފައި އާހިލް ކިޔާ އެއްޗެއް ދޭހަނުވެގެން ބުމަ ކައިރިކޮށްލި އެވެ.

"އަހަރެން ނިޝާލްގެ ލޯބި ޤަބޫލުނުކޮށް ރާމީންއާ މެރީކުރީމަ ރިވެންޖް ނަގަންވެގެންތަ ރާމީންގެ ކޮއްކޮއަށް ތިހެން ތިކަންތައް ކުރީ؟" ލިފްޓުން ނިކުތް މީހަކު ފެނިގެން ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ހަމައެކަނި އައިދަންއަށް އިވޭވަރަށް އާހިލް އެހި އެވެ.

"ގޯޑް ނޯ. އައިރީން ވޯޒް ޖަސްޓް.... އެ ޕްރިޓީ ޑިސްޓްރެކްޝަން.." އައިދަން ޖަވާބުދިންއިރު ދޭނެ ނަމެއް ނޭނގިގެން ވިސްނައިލަން ހިނދުކޮޅެއް ނެގި އެވެ.

އެވަގުތު އައިދަން ފުރަތަމަ ނޫނެކޭ ބުނުމުން އާހިލްއަށް ލިބުނު ހަމަޖެހުން ނެތިކޮށްލީ އައިރީންއާ ބެހޭގޮތުން ފަހުން ބުނި ބަސްކޮޅެވެ. އެކަމަކު އޭނައަށް ރައްދު ދޭނެ ފުރުސަތެއް ނުލިބުނެވެ. އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދީފައއި ތާކަށް ދާން ލަސްވެގެން އުޅޭ މީހަކު ފަދައިން އައިދަން ގޮސް ލިފްޓަށް އަރައި ގެއްލިއްޖެ އެވެ.

ރާމީންއަށް ހޭލެވުނީ ކޮންމެވެސް މީހަކު ގޭގެ ބެލްޖަހާ އަޑަށެވެ. ލޯ ހުޅުވާލިއިރު އޭނައަށް އޮވެވުނީ ސިޓިންރޫމްގައި ހުރި ސޯފާގަ އެވެ. އަވަހަށް ތެދުވެގެން ގޮސް ޕީޕް ހޯލްގައި ލޯ ޖެހި އެވެ. އެވަގުތު މެއަށް ފިނިވެގެން ދިޔަ އެވެ. ދޮރުމަތީ ހުރީ އާހިލް އެވެ. ރާމީންއަށް ބަލައިލެވުނީ ހުރެވުނު ގޮތަށެވެ. ކަކުލަށްވުރެ އިންޗިއެއްހާތަން މައްޗަށް ހުރި ކޮޓަން ހެދުމާއެކު ދެފައި އޮތީ ހާމައަށެވެ. އިސްތަށިގަނޑު ހާވާލެވިފަ އެވެ. އަނެއްކޮޅުން މޫނު ހުރިގޮތެއް ނޭނގެ އެވެ.

"ރާމީ އަހަންނަށް އިނގޭ ރާމީ އެތެރޭގައި އުޅޭކަން. އަހަންނަށް އިވިއްޖެ ފިޔަވަޅުގެ އަޑު.." އަޅައިނުލައި ހުންނަންވީއޭ ހިތަށްއެރިތަނާ ބޭރުން އާހިލް ވާހަކަދެއްކިއަޑު އިވުނެވެ.

"އަހަރެން ދެންމެ މިހޭލީ. މަޑުކުރޭ އަންނާނަން މޫނު ދޮވެލައިގެން." ރާމީން ޖަވާބުދީފައި އާހިލް ބުނާއެއްޗަކަށް ނުބަލައި ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular