24 Apr 2019

ހިތުލޯބި ހިތާ ވަކިވާނޭހޭ

ހިތުލޯބި ހިތާ ވަކިވާނޭހޭ

* އޭޕްރީލް 21 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

"މިއަދަކީ ވަރަށް އުފާވެރި ދުވަހެއް!... މިއީ..އަހަރެންގެ ކިނާންގެ ދިރިއުޅުން އަލުން އާބާދުވުމުގެ ފެށުން ފާހަގަކުރާ ދުވަސް... އުފަލާއެކު އިޢުލާން ކުރަން ކުރިއަށް އޮތީ ކިނާންއާ ޒޯޔާގެ ކާވެނި!..." ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭފަދަ ޖަޒުބާތީ އަސަރުތަކަކާއެކު ސުރައްޔާ ބުނެލިއެވެ. އޭނާގެ އެ ކޮންމެ ބުނުމަކާ އެކު އުފަލުން ފުރުނު ހިތްތަކެއް އެތަނުގައި ވިއެވެ. ހަމަ އެއާއެކު އެ އުފާވެރިކަމަށްވުރެ ބޮޑު މޮޅިވެރިކަމެއް ލިބުނު ދެ ހިތެއްވެސް އެތަނުގައި ވިއެވެ. އުއްމުކުލްޘޫމުގެ ނަފްސަށް ލިބުނު ސިހުމާއެކު އޭނާގެ ދެފައިން ވާގި ދޫވި ކަހަލައެވެ.

ފަނޑުވުމެއްނެތް ހިނިތުންވުމަކާއި އުފާވެރިކަމެއް މެހެރުއާއި ސުރައްޔާގެ މޫނަށް ވެރިވެފައިވެއެވެ. އަލުން އާ ގުޅުމަކުން އެމީހުންގެ އެ ގާތްކަން ބަނދެލުމަށް ވާންޖެހޭ ތައްޔާރީތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް އެމީހުން ތިބީ ތައްޔާރުވެގެންނެވެ. ޢާއިލާގެ ކޮންމެ ނިންމުމަކީ އުއްމުކުލްޘޫމްގެ "އާން" ބަސްނުލިބި ގޮތެއް ނިމިގެން ނުދާނެ ނިންމުމެއްކަމުގައި މީގެ ކުރިން އޭނާ ހީކުރިއެވެ. ނަމަވެސް މިއަދު މިލިބުނު ޚަބަރުން އޭނާގެ ހިތަށް ނިކަން ފުން އަސަރުތަކެއް ކޮށްފިއެވެ. ދުނިޔޭގައި ތިބި އޭނާގެ ތިން ފިރިހެންދަރިންވެސް އެމީހުންގެ އަނބިންގެ ފައިތިލަ ދަށަށްވެއްޓޭހާ އެ ޢާއިލާ ނިކަމެތިވެފައިވާ ކަމުގެ އިހްސާސް ފުރަތަމަ ފަހަރަށް އުއްމުކުލްޘޫމްއަށް ކުރެވުނު ކަހަލައެވެ.

އެ ޚަބަރުން ލިބުނު ބޮޑު ނުތަނަވަސްކަމާއެކު ކިނާން އެންމެ ފުރަތަމަވެސް އޭނާގެ ނަޒަރު އަމާޒުކުރީ އަހަންނާ ދިމާއަށެވެ. އަހަންނަށް ވަގުތުން އިސްޖަހާލެވުނެވެ. އެއީ އޭނާގެ އެ ހަމަހިމޭން ސުވާލަށް އަހަންނަށް ދެވުނު އިޤުރާރުގެ ދަލީލެކެވެ. އެވަގުތު އެންމެންގެ ތަރުހީބުގެ އަތްތިލަބަޑިން ގުގުމަމުން ދިޔަ އެ މާހައުލަށް ފެތުރުނު އުފާވެރިކަން ދެކެން ހިތަށް ކުޅަދާނަ ނުވިޔަސް، ނަފްސުގެ މައްޗަށް ގަދަވެގަނެގެން އަހަރެން ހުރީމެވެ.

ކުއްލިޔަކަށް އެ މާހައުލަށް ހިމޭންކަން ވެރިވީ އެގޮތަށް އަހަރެން އިސްޖަހާލައިގެން ހުއްޓައެވެ. މަޑުމަޑުން އިސްއުފުލާލުމަށްފަހު އެންމެންގަނޑުގެ ތެރެއަށް ބަލައިލީމެވެ. އެއިރު އެންމެންނާ ދުރަށް ސުރައްޔާ ގެންގޮސް ކިނާން ކޮންމެވެސް ވާހަކަތަކެއް ދައްކާތީ ދުށީމެވެ. އެންމެންގެ ނަޒަރުތައް ހުއްޓިފައިވަނީ އެދެމީހުންނާ ދިމާއަށެވެ. ކިނާންގެ މޫނުމަތީގައި ހުރި ނުރުހުމާއި އާދޭހުގެ އަސަރުތަކުން އެ ނިންމުމާ އޭނާ ގަޔާނުވިކަން އަހަރެންނޫނަސް އެތާނގައި ތިބި އެންމެނަށްވެސް އެނގޭހާވެއެވެ. ދޭތެރެއަކުން ކިނާން ދައްކަމުންދިޔަ ވާހަކަތަކުގެ ތެރެއިން ނުރުހުމުގެ ނަޒަރަކުން ސުރައްޔާ އަހަންނާ ދިމާއަށް ބަލައިލައިފިއެވެ. އެއީ އަހަރެންގެ ނަފްސުގެ ހިމޭންކަން ނަގަލާފަދަ ބިރުވެރި ބެލުމެކެވެ. އިރުކޮޅަކުން އެ ދެމީހުން ހިނގައިގަތްތަން ފެނުނީ އަހަންނާ ދިމާއަށެވެ. އަހަންނާ ދެތިން ފޫޓު ކައިރިއަށް އައުމަށްފަހު ލޮލުގެ އިޝާރާތުން މައްޗަށް އަން ކިނާން ބުނެލިއެވެ. އޭނާ އެބުނީ ޓެރަހަށް އަންނަ ވާހަކަ ކަން އެނގުނަސް އަހަރެން އިސްޖަހާލައިގެން ނޫންކަމަށް ހެދިގެން ހުރީމެވެ. މި ޢާއިލީ ހައިޖާނުގަނޑުގެ ތެރެއަށް ވަންނަން ބޭނުންނުވީތީއެވެ.

"އަހަރެން ބޭނުން މިޝްކާ ހުއްޓަ މި ވާހަކަ ދައްކަން!.." އަހަރެން އެ ހުރި ގޮތަށް ހުއްޓައި އަހަރެންގެ ފުރަގަހުން ކިނާންގެ އަޑުއައެވެ. އަހަންނަށް ބަލައިލެވުނު އިރު ތަންކޮޅެއް ދުރުގައި އަހަންނާ ދިމާއަށް އެނގުރިގެން ކިނާން ހުއްޓެވެ. ސުރައްޔާ ހުރީ ކިނާން އާ ތަންކޮޅެއް ދުރުގައެވެ. ވާން އުޅޭގޮތް ނޭނގުނަސް ކުރިމަތިލާންޖެހޭ މުސީބާތުގެ ބޮޑުކަން ހަނދާންވުމާއެކު އަހަރެންގެ ހިތް ބިރުގެންނުވިއެވެ. މިކަމުން ސަލާމަތްވަނެ ކޮންމެވެސް ގޮތެއް މެދުވެރިވޭތޯ އަހަރެން ހިތުގެ އަޑިން ދުޢަކުރަމުން ދިޔައީމެވެ. ކިނާން ގެ އެދުމަށް އިޖާބަ ދިނުމުގެ ކުރިން ކުރިމައްޗަށް އެނބުރި މެހެރުމެންނާ ދިމާއަށް އަހަންނަށް ބަލައިލެވުނެވެ. އެއިރު އިފާޝާ ޒޯޔާއާއި މެހުރު ކައިރީ އަހަންނަށް ބަލަމުން ކޮންމެވެސް ވާހަކަތަކެއް ދައްކަމުން ދިޔައެވެ.

"މިޝްކާ.." އަހަރެންގެ ސަމާލުކަން ހޯދުމަށް އެވަގުތު އަނެއްކާވެސް ކިނާން ގޮވާލިއެވެ. އެ ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން ކިނާންގެ ފަހަތުން މަޑުމަޑުން އަހަރެން ހިނގައިގަތީމެވެ. އަހަރެންގެ ވަށައިގެންވާ ލޯތަކާއި ދޫތަށް އެ ހިސާބުންފެށިގެންވެސް ނުބައި ބެލުންތަކާއި ބުނުންތައް އަހަންނަށް އަމާޒުކުރަމުން ދާންފަށައިފިކަމުގެ އިހްސާސް އަހަންނަށް އެވަގުތު ކުރެވުނެވެ.

މެންދުރުގެ އަވިން ދުނިޔެ ފިއްސަމުންދާފަދައިން ސުރައްޔާގެ ރުޅިވެރިކަން އަހަރެން ފިއްސަމުން ދިޔައެވެ. ޓެރަހުގައި ހައްދާފައިވާ ގަސްތަކާއި އެ ގަސްތަކުގައި ބީހިލާފައި އަހަރެންގެ މޫނުމަތީ ފިރުމަމުން އެދާ ވައިރޯޅިތަކަށްވެސް މިފަހަރަކު އަހަރެންގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ނުގެނެސް ދެވުނެވެ.

"އަހަރެން ހިއެއް ނުކުރަން މިޝްކާ ތިހާ އަމިއްލަ އެދުން ބޮޑުވާނެ ކަމަކަށް!.." ވާހަކަ ފަށަންވީގޮތް ނޭނގި ހިމޭންވެފައި ހުރި ކިނާން އަށް ބަލައިލަމުން ސުރައްޔާގެ ރުޅިވެރިކަން އަމާޒުކުރީ އަހަންނަށެވެ. އެވަގުތު އިސްޖެހިފައިހުއްޓަސް ސިހިފައި އިސް އުފުލާލަމުން ހަނިގޮތަކަށް ސުރައްޔާއަށް ބަލައިލަމުން އަހަރެންގެ ނަޒަރުތަކުގެ އަމާޒުފަތްގަނޑަކަށް ކިނާން ހެދީމެވެ. ސުރައްޔާގެ އެ ބުނުމާއެކު އަހަންނާ ދިމާއަށް ސުރައްޔާގެ އެ ރުޅިވެރިކަން އަމާޒުނުކުރުމަށް އެދި އާދޭސްކުރާ ބީދައަކުން "މަންމާއޭ" ބުނެލަމުން ސުރައްޔާއާ ގާތަށް އޭނާ ފިޔަވަޅެއް އެޅިއެވެ. ނަމަވެސް ކިނާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސުރައްޔާގެ ވާއަތް، މައްޗަށް އުފުއްލާލަމުން ކިނާންއާ ދިމާއަށް ސުރައްޔާކޮށްލި އިޝާރާތުންނެވެ.

"ކިނާން މަޑުން ހުރޭ! ލައްކަ ވާހަކަ ދެކެވިއްޖެ އެއްނު! އަހަރެން މިޝްކާއާ ދިމާއަށް ބުނަން ބޭނުން ކިތައްމެ އެއްޗެއް އެބަހުރި!.. ކުރަން ބޭނުންވާ ހާސް ސުވާލުވެސް އެބަހުރި..! ފުރަތަމަ މިޝްކާ މަށަށް ބުނެދީބަލަ..! އަހަރެން މިޝްކާ މި ގެއަށް ގެނައީ ކިނާން ބޮލަށް އެރިގެން އޭނާގެ ދިރިއުޅުމަށް އަންނަން މަސައްކަތް ކުރާކަށް ނޫނެއްނު؟!... އަމިއްލަ ދަރިއެއްހާ ލޯބިން މިގޭގަ މިގެން ގުޅުނީ...އެކަމަކު ބުނަން!.. ހާކަނޑުގަ ލަބަރިތަޅާހެން ކިނާންގެ ދިރިއުޅުމަށް ފުންމާލަން އުޅުނަސް އެކަން ވިޔަކަ ނުދޭނަން މަށެއް!..." ހީވީ ސުރައްޔާގެ ހަމަބުއްދި ފިލައި، އޭނާގެ މުޅި ނަފްސު އަލިފާނުގެ ގިނިން އަނދަމުން ދިޔަހެނެވެ. ކިނާން ސުރައްޔާ މައިތިރިކުރެވޭތޯ އުޅެ އެކަން ނުވެގެން ނިތްކުރީގައި އެއް އަތުން ހިފަހައްޓާ ލައިގެން ހުރެ ދެފަރާތަށް އެނބުރިލާފައި ސުރައްޔާގެ މޫނަށް ބަލަމުން ދިޔައެވެ. އެއިރު ސުރައްޔާގެ އެ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތާއި ނަފްސު ދިޔައީ ކުދިކުދިވަމުންނެވެ. އަހަންނާ ދިމާއަށް ސުރައްޔާ އެބުނާ ކޮންމެ ލަފުޒަކާއި އެ ކޮންމެ ލަފްޒެއްގައި ހިމެނޭ ކޮންމެ އަކުރަކީ މުޅިން ދޮގެއްކަން ކިނާން ނޫން ދެވަނަ މީހަކަށް ނޭނގޭނެއެވެ.

ތެދެކެވެ. އޭނާދެކެ އަހަރެން ލޯބިވަމެވެ. އެ ހަގީގަތް އެގޮތުގައި އޮތަސް އަހަރެންގެ ދުލުން އެކަން ހާމަކޮށް ކިނާން އަހަރެންގެ ދިރިއުޅުމަށް ގެންނަން އަހަރެން ކޮޑަކޮށްވެސް މަސައްކަތެއް ނުކުރަމެވެ. ނަމަވެސް އަހަރެންގެ ވުޖޫދާއި އަހަރެންގެ އަސްލަށް ސުރައްޔާ އަމާޒުކުރަމުން އެދާ ބަސްތައް އަހަން އަހަންނަކަށް ކެތެއް ނުވިއެވެ.

"މަންމާ!... މިޝްކާ ގެ އެއްވެސް ކުށެއްނެތޭ!... މި ނިންމުމަކީ މަގޭ އަމިއްލަ ނިންމުމެއް! އަދިވެސް މި ބުނަނީ، މިޝްކާއާ އިންނަން ތައްޔާރު.. އެކަމަކު ޒޯޔާ އަކާ ނީންނާނަން! މީގެ ކުރިންވެސް މަންމަ ބުނި ގޮތަށް ފަޒްލީން އާ..........."

ކިނާން އެ ޖުމްލަތައް ބުނީ އެތަނުން ދެވޭނެ ގޮތެއް ނޭނގި ހާސްކަމުގައި އަހަރެން ހުއްޓައެވެ. އޭނާގެ އެ ކޮންމެ ޖުމްލައަކާއެކު އަހަރެމެން ދެމީހުންގެވެސް ދިރިއުޅުމުގެ މުޅިން އާ ސުރުހީއެއް އަޅައި ދިނެވެ.

"ކިނާންއަށް މިޝްކާ އަކީ ކާކުކަން ނޭނގުނަސް އެއީ ކާކުކަން މަށަށް އެނގެއޭ.. އެ ލޭގައި ވާ މުޑުދާރުކަން އެނގޭ އެކަކުވެސް މިޝްކާ އެމީހެއް ދަރިއަކާ ގުޅުނަކަ ނުދޭނެ! އަހަންނަކީ އެކަހަލަ ކަންކަން ގަބޫލު ކުރާ މީހެއް ނޫން ވީމަ މިޝްކާ މިގެއަށް ގެނައީ.. ނަސީބެއް ކުރިއާލާ މެހެރު މިޝްކާގެ ހަގީގަތް މަށަށް ބުނެދީފައޮތްކަން...."

ނަމަވެސް ކިނާން ބުނަން ބޭނުންވި ވާހަކަ ފުރިހަމަ ކުރުމުގެ ފުރުސަތު ނުދީ ސުރައްޔާ ހަރުކަށި ކަމާއެކު ބުނެލިއެވެ. ސުރައްޔާ ދެން ބުނަންފެށި ވާހަކަތަކުން އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރުން ނޫން އެހެންކަމެއް ކިނާން އަކަށް ނުކުރެވުނެވެ. މަންމަގެ އެ ހަރުކަށި ކަމުގެ ކުރިމަތީ ހަތިޔާރު ބަހައްޓައި ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލައިގެން އޭނާ ހުއްޓެވެ. ފަހަރުގައި މިއަދު ބޮލި ރަވައެއްހެން ސުރައްޔާ ތަޅުވަމުންދިޔަ އަނގައިގެ ނުބައިކަމުން ކިނާންއަށް އޭނާގެ އަމިއްލަ ނަފްސަށްވެސް މަލާމާތްތަކެއް ރައްދުކުރެވުނެވެ.

"ސުރައްޔާ!! މިހާރު ތިވަރުން ފުދިއްޖެ! ދެން ހުއްޓާލާ!...."

އުއްމުކުލްޘޫމްގެ އަޑު އައީ އަހަރެމެންގެ ފަހަތުންނެވެ. އެއިރު މެހެރުއާއި އުއްމުކުލްޘޫމް ޓެރަހަށް ވަންނަ ދޮރުން އަހަރެމެންނާ ދިމާއަށް އަންނަނީއެވެ. އުއްމުގެ މޫނުމަތިން ފާޅުވަމުންދިޔަ ރުޅިވެރިކަމާއެކު އަހަރެންގެ ނިކަމެތިކަމުގެ މައްޗަށް އެ މޫނުމަތިން ފާޅުވަމުންދިޔަ ހިތާމައަކީ ސުރައްޔާގެ އެ ކޮންމެ ޖުމްލައަކުން ޒަޚަމްވަމުންދިޔަ އަހަރެންގެ ހިތަށް އެރި ލޮޅުމަކަށް ނޫނީ ނުވިއެވެ. ދުވެފައިގޮސް އުއްމުގެ ކޮނޑުގެ ހިމާޔަތް އަހަރެން ހޯދީމެވެ. އަހަރެން ކިތައްމެ ވަރަކަށް ރުޔަސް އަހަންނަށްޓަކައި ހިތާމަ ކުރާނެ ހިތްތަކެއް އެތަނުގައި ނުވާކަން އަހަންނަށް އެނގެއެވެ. އަހަންނާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލިނަމަ މިކަހަލަ ދަނޑިވަޅެއްގައި އެފަދަ ވާހަކައެއް ކިނާން ނުވެސް ދެއްކީސް ކަންނޭނގެއެވެ. އެކަމަކު އެއިގައި ކިނާންގެ ކުށަކީވެސް ކޮބައިހެއްޔެވެ؟ ދިރިއުޅުމުގެ ދަތުރަކީ އެ ދިރިއުޅުމުގެ ދަތުރައިގެން މަންޒިލެއް ހޯދުމަށް ދަތުރުފަށާ ދަތުރުވެރިޔާގެ ފުރިހަމަ ހައްގެކެވެ. ދަތުރުގެ މިސްރާބާއި އެދަތުރުގައި ހޭދަ ކުރާނެ ދިގުމިން އެއީ އޭނާ އަމިއްލައަށް ކަނޑައަޅަންޖެހޭ އެއްޗެއް ނޫން ހެއްޔެވެ؟ އަހަންނަށް ހަމަ ޔަގީނެވެ. ސުރައްޔާމެންގެ ޅަދުވަހުގައި އެމީހުންގެ ހިތް އެދޭ މަންޒިލު ހޯދުމަށް އެ އެމީހުންވެސް ހުންނާނީ އުޅެފައެވެ. މިއަދު ދަރިންގެ މައްޗަށް ބަސްބުނުމުގެ ބާރު އޮންނާތީ ދަރިންގެ އިހްސާސްތައް އެމީހުން ނުދަންނަނީ ހެއްޔެވެ؟ އެދުވަހު އަހަރެން ސުރައްޔާމެން ގެއިން ނިކުތީމެވެ. އުއްމު އެގޮތަށް ބޭނުންވެގެންނެވެ. އިތުރަށް އެގޭގައި ހުއްޓަސް ނުރުހުން ނޫން އެހެން އެއްޗެއް އެގޭތެރެއިން ލިބެން ނެތީތީއެވެ. ފަހަރުގައި އެއީ އަހަންނަށް ކިނާން ފެންނާނެ އެންމެ ފަހު ފަހަރު ނޫން ކަމެއްވެސް ނޭނގެއެވެ. އެ ލޯތްބާ ދުރަށް އަހަރެންގެ މިސްރާބު ބަދަލުކޮށް އާ ޙަޔާތެއް ފެށުމަށް އުއްމު އަހަންނަށް ބާރުއެޅިއެވެ. ނަމަވެސް އެ ނޫން ލޯތްބަކަށް ނޫނީ އަހަރެންގެ ހިތެއް ނުމެ އެދޭމެއެވެ.

ގޭގެ ބޮޑު ގަޑިން ރޭގަނޑު އަށެއް ޖެހިކަން އިޢުލާން ކުރިއިރު، ގޭގެ ސިޓިންގ ރޫމަށް އާއިލާގެ އެންމެން ޖަމާވެފައިވެއެވެ. "ރޯޗޭ ބޮބިސް" ބްރޭންޑްގެ ސޯފާތަކުގެ ފުރިހަމަކަމާއި ދިއްލާ އަޅާފައިވާ ޗާންދަލިޔާތުގެ ރީތިކަމާއި ފައިދަށަށް އަރާމްކަން ގެނެސް ދެމުންދިޔަ މަހުމަލުގެ ކާޕެޓްގެ އަރާމްކަމުންވެސް އެގޭތެރޭގެ މާހައުލަށް ލިބުނު ހަމަޖެހުމެއް ނެތެވެ. ހިތްތައް ދަހިވެތިކުރުވާފަދަ މުއްސަނދިކަމާއި ތަނަވަސްކަން ރަމްޒުކޮށްދެމުން ދިޔަ އަގުބޮޑު ފަރުނީޗަރުތަކާއި ހިފާގެންގުޅޭ ތަކެތިން އެ ގޭގެ އަހުލުންގެ ހިތަށް މީގެ ކުރިން ގެނެސް ދިން ޖާހުވަންތަކަން ކެނޑި ހަސަދައާއި ފިތުނަ ނޫން އެހެން އިހްސާސެއް އެ ހިތްތަކުގައި ނުވާފަދައެވެ. ހަށަމަށް އަތް އަރުވައިގެން އެ މަޑު ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން އުއްމު އިނެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ތަކުގެ ދޭތެރެއަކުން ލޮލުގައި އަޅާފައި އިން ވަށް ލޯ ލީ ރިހިކުލައިގެ އައިނު ނަގައި ފޮހެލުމަށްފަހު އަލުން ލޮލުގައި އައިނު އެޅިއެވެ. މެހެރުއާއި ތިން ބޮޑުބޭބެއިންނާއި އެމީހުންގެ އަނބިންވެސް އުއްމުގެ ވާހަކަތައް ކަނުލާ އަޑުއަހަން ތިއްބެވެ. އުއްމުގެ ޙަރަކާތްތައް ހުރިގޮތުން، މެހެރުގެ ނުރުހުންތެރި ބެލުންތައް އުއްމުއަށް ސިއްރުވެފައިވާ ހެނެއް ހިއެއް ނުވެއެވެ.

"މަގޭ މިޝްކާ ކާވެންޏެއް ނުކުރަނީސް މި ޚާންދާނަކަށް ބޭރުން އިތުރު މެންބަރެއް އިތުރެއް ނުވާނެ! ހަނދާން ކުރާތި!... އަހަރެންގެ ގޭގަ އަހަރެންގެ ބެލުމުގެ ދަށުގަ އުޅޭހާ ހިނދަކު މިގޭގެ ހުރިހާ ކަމަކަށް ހިނގާނީ އަހަރެންގެ ބާރު!... އަދި މިޝްކާ ބޭނުން ކޮންމެ މީހަކާ މިޝްކާ އަށް ކާވެނި ކުރެވޭނެ!... ތިއިން އެކަކުގެ އުފަލަށްވުރެވެސް އަހަންނަށް މިޝްކާގެ އުފާތައް މާ މުހިއްމުވާނެ!...."

އުއްމުގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. އޭނާގެ އެ ބަރު އަންހެން އަޑުން އެކަނިވެސް އޭނާގެ ހަރުދަނާ ކަމާއި ޝަޙުޞިއްޔަތުގެ ރިވެތިކަން ރަމްޒުކޮށްދެމުން ދިޔައެވެ. އެއީ އާއިލާގެ އެންމެނަށް އެކަން އުއްމު ހަނދާންކޮށްދޭ ފުރަތަމަ ފަހަރެއް ނޫނެވެ. ހަގީގަތުގައި އުއްމު އަހަންނަށް ގޮސް ހުސްވެފައި ހުންނާތީ އަހަންނަށް ލިބޭ މާބޮޑު އުފަލެއް ނެތެވެ. އޭގެސަބަބުން ޢާއިލާގެ އެހެން މެންބަރުންގެ ނުރުހުން އިމެއްނެތި އަހަންނަށް އަމާޒުވަމުން ދާތީއެވެ.

"މަޢާފް ކުރައްވާ މަންމާ! އެކަމަކު މިޝްކާގެ ސަބަބުން އަޅުގަނޑުމެންގެ ދަރިންގެ އުފާތައް ގުރުބާން ކުރަންޖެހޭ ސަބަބެއް ނުވިސްނުނު... އަޅުގަނޑުގެ ދަރިންނަކީވެސް ހަމަ މަންމަގެ މާމަ ދަރީންނެއް ނޫންތޯ؟... ވީއިރު ތިހާބޮޑު ތަފާތެއް މި ދަރީންނާ ދޭތެރޭ ތިކުރައްވަނީ ކީއްވެތޯ؟!...ކޮންފަދަ އިންސާފެއްތޯ ތިއީ؟!.." މެހެރުއަށް ހިމޭނުން އިންނަން އުނދަގޫވެގެން ޒޯޔާ ގާތަށް ޖައްސާލަމުން އޭނާ އުއްމުކުލްޘޫމާ ކުރިމަތިލިއެވެ. މޫނުމައްޗަށް މޮޅިވެރިކަމާއި ހިތާމަ ވެރިކުރުވައިގެން އިނަސް އެއީ އޭނާކުރާ ހަނގުރާމައެކެވެ. އޭނަގެ ނަމުގައި އެ ހަނގުރާމައިގެ ނަމަކީ ހައްގެވެ.

"ތި ސުވާލު ކަލޭމެންގެ އަމިއްލަ ނަފްސާ ކޮށްބަލަ!.. އަހަރެންގެ މިހިރަ ދަރިއަށް މިގޭތެރޭގަ ހަމަޖެހިގެން ނޭވާއެއް ލެވުނު ދުވަހެއްދިޔަތަ؟... އިންސާފުގެ ވާހަކަ ދައްކަން!..." އަހަންނާ ދިމާއަށް އިޝާރާތްކުރަމުން އުއްމު އެހެން ބުނެލުމާއެކު އެންމެން އެއްފަހަރާ އަހަންނަށް ބަލައިލިއެވެ. އެ ނުރުހުންތެރި ނަޒަރުތަކަށް ބިރުން އިސްޖަހާލުން ނޫންކަމެއް އަހަންނަކަށް ނުކުރެވުނެވެ.

އެރޭގެ އެ ބައްދަލުވުން ނިންމައި ރޭގަނޑުގެ ކެއުމުގެ ވަގުތުގައި ކާކޮޓަރި ތެރޭގައި އަހަންނާއި އުއްމު ފުރަތަމަ ފަހަރަށް އެރޭ އެކަނިވިއެވެ. އާއިލީ މާހައުލު އެދަރަޖައަށް ހަލާކުވުމުގެ ޒިންމާ އަހަރެންގެ ހިތާއި ސިކުނޑިން ނެގީމެވެ. ކެއުމުގެ ކަންކަން ނިންމުމަށްފަހު ކޮޓަރިއަށް ވަދެ އަހަރެން އެނދުގައި އޮށޯވެލީމެވެ. ކުއްލިއަކަށް ކުރިމަތި މިވީ ކަންތަކުން ގާތް ދެއާއިލާގެ ގުޅުން ކެނޑޭ ހސަބަށް ގޮސްފައި އެވަނީ އަހަރެންގެ ސަބަބުން ކަމަށް އަހަރެންގެ އަމިއްލަ ޟަމީރު އަހަންނަށް ބުނެދެމުން ދިޔައެވެ. ފަހަރުގައި އަހަރެންގެ ސަބަބުން އިފާޝާ އާއި ޒަޔާންގެ ދިރިއުޅުމަށްވެސް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެއެވެ. އަހަރެންގެ ބަހެއްނެތި ކިނާން އެހާބޮޑު ނިންމުމެއް އެނިންމީ ކީއްވެހެއްޔެވެ؟ އޭނާ އަހަރެން ދެކެ ލޯބި ވާކަމުގެ އެއްވެސް އަލާމާތެއް ދެއްކުމެއްނެތި އެ ކުއްލި ނިންމުމާ ހަމައަށް ވާސިލުވާން އޭނާއަށް މަޖުބޫރުވީ ކީއްވެހެއްޔެވެ؟ އަހަރެން އޭނާ ދެކެ ވާ ލޯބީގެ ހަގީގަތް އެނގި އަހަންނާމެދު އޭނާ ހަމްދަރުދީވީ ހެއްޔެވެ؟ ހަމްދަރުދީގެ އެ ފަދަ ލޯތްބަށްވުރެ ބޮޑަށް އަހަރެން ބޭނުންވަނީ ތެދުވެރި ހިތަކާއެކުވާ ހަގީގީ ލޯތްބެކެވެ.

އުއްމު އައިސް ކޮޓަރިތެރެއަށް ވަނީ އަހަރެން އެކަހަލަ ޚިޔާލް ތަކެއްގައި އޮއްވައެވެ. އުއްމު ފެނުމާއެކު އެނދުން ތެދުވެ އަހަރެން އެނދުގައި އިށީނދެލީމެވެ. އުއްމުވެސް އައިސް އެނދު ކޮޅުގައި އިށިނަމުން އަހަރެންގެ ބޮލުގައި ލޯތްބާ އެކު ފިރުމާލިއެވެ.

"ދަރިފުޅު ކިނާން އާ ކާވެނި ކުރަން ބޭނުމިއްޔާ މާމަގެ އެއްވެސް ދެކޮޅުހެދުމެއް އެކަމަކަށް ނެތް!.. ކާވެންޏަށް މުޅި އާއިލާގެ ރުހުން ކޮންމެހެން ނުލިބުނަސް ކިނާން ކާވެނި ކުރަން ތައްޔާރަށް ހުރިއްޔާ ކޮބާ މައްސަލައަކީ؟!.. ނުލާހިކު ރީތި ހަރުދަނާ ކުއްޖެއް ކިނާންއަކީ..." އަހަންނަށް ވިސްނައިދޭ ކަހަލަ ރާގެއްގައި އުއްމު ބުނެލި އެވެ. އަހަރެން އެއްޗެއް ނުބުނެ ހިމޭނުން އިނީމެވެ. "ދަރިފުޅާ... މާމަ މިބުނާ ވާހަކައަށް އެއްޗެކޭ ކިޔާބަލަ!.." އަހަރެންގެ ޖަވާބެއް ނުލިބުމުން ދެވަނަ ފަހަރަށްވެސް އުއްމު އެހިއެވެ.

"މާމާ އޭގެ ކުރިން އަޅުގަނޑަށް ބުނެދެއްވަ ބައްލަވާ، އަޅުގަނޑުގެ މައިންބަފައިންނާ ބެހޭ ގޮތުން އެންމެން އެހެން އެކިޔާ ސަބަބު... ކޮން މުޑު ދާރު ލެއެކޭތަ އެކިޔަނީ؟!..." އެއީ އެހާ ސީދަލަށް އެ ސުވާލު އުއްމުގެ ގާތުން އަހަރެން އެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އަހަރެންގެ ދިރިއުޅުމުގެ ހަގީގަތްތަކާމެދު އުއްމު ބުނެދިން ކޮންމެ އެއްޗެއް އަހަރެން ދިޔައީ ގަބޫލު ކުރަމުންނެވެ. އެކަމަކު އެ އަށްވުރެ ބޮޑަށް އަހަންނަށް އެނގެންޖެހޭ ކިތައްމެ ހަގީގަތްތަކެއް ވާކަން މިއަދު އަހަންނަށް ގަބޫލުކުރެވިއްޖެއެވެ. އަހަރެން ކުރި ސުވާލުގެ ކުރިމަތީގައި ދޭނެ ޖަވާބެއް ނޭނގިފައި އުއްމު އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

"އެމީހުން އެކިޔާ އެއްޗެއް އެނގެން އަޅުގަނޑު ބޭނުން!.." ދެންވެސް އަހަރެން ބުނެލީމެވެ.

ކޮންމެ ގޮތެއް ވިޔަސް އަހަންނަށް އެނގޭ އެއްކަމެއް އެބައޮތެވެ. އެ ސުވާލުގެ ޖަވާބު އުއްމުގެ ކިބައިން ހޯދާފައި ނޫނީ އަހަރެން ހަމަ ނޭވާ ނުލާނެ ކަމެވެ. -- ނުނިމޭ--

ދިގު ވާހަކަ ހިތުލޯބި ހިތާ ވަކިވާނޭހޭ

Popular