19 May 2019

ހިތުލޯބި ހިތާ ވަކިވާނޭހޭ

ހިތުލޯބި ހިތާ ވަކިވާނޭހޭ

އަހަރެން ގޮސް ކާމޭޒް ދޮށުގައި އިށީނުމާ އެކު އަޒްކާ އައިޕެޑް ބޭވުމަށްފަހު އަހަންނާ ގާތަށް ޖެހިލިއެވެ. އަހަރެން ގެނައި ކާއެއްޗެހި ކާން އޭނާ ބޭނުންވިއެވެ. އަހަންނަށް ނޭނގުނީ އަހަރެން ގެނައި ޕީނަޓް ބަޓަރަކީ އަޒްކާއަށްޓަކައި ޒަހަރެއް ކަމެވެ. އެނގުމެއްނެތި އަހަރެން އެ އެއްޗެހި އަޒްކާއަށް ކާން ދިނީމެވެ.

އަޒްކާގެ ނޭވާތައް ލަސްވެ ނޭވާ ނުލެވިގެން އެ ތުއްތު ކުއްޖާ ތެޅިގަތީ އަހަރެން ބަލަބަލާ އިންދައެވެ. ވީ ކީއްކަން ނޭނގި އަހަންނަށް ކުރެވުނު ހާވެސް ކަމަކީ އަޒްކާ ތަޅުވައިގަތުމެވެ. އަހަރެން ހީކުރީ އަޒްކާގެ ކަރުގައި އެއްޗެއް އަޅައިގަތީ ކަމަށެވެ. ވީގޮތް ސާފުވީ ދުރުގައި ކިރުތައްޓެއް ގިރަން ހުރި ބޭރުމީހާ ތެޅެމުން ފޮޅެމުން އައިސް ޕީނަޓްބަޓަރ ފުޅި ދުރަށް ހޫރާލަމުން އަހަރެންގެ އަތުން އަޒްކާ ޖަހައިގަތީމައެވެ. ހާސްވެފައި ހުރެ ދެން އެމީހާ ބުނެލި ބަހުން އަހަންނަށް ހީވީ ފައިދޮށުން ބިންގަނޑު ދެމިގަތް ހެނެވެ. ބިންމަތީގައި ދެއަތަކަށް ފުރޮޅިލަ ފޮރޮޅިލާއޮތް ޕީނަޓް ބަޓަރ ފުޅިއަށް ބަލަން ހުރެވުނީ ކީއްވެ ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ހެދުނު ބޮޑު ގޯހުން އަހަރެންގެ ވިންދުތައް އަވަސްވެ ނޭވާ ކުރުވަމުން ދިޔައެވެ. ބޭރުމީހާގެ އަޑަށް ސުރައްޔާ އާއި އިފާޝާވެސް އެތަނަށް އަތުވެއްޖެއެވެ.

ދުލުން ތަސްބީހަ ކިޔަމުންވެސް ހުރި ފިޔަވަޅު މައްޗަށް ގަނޑުވެފައި ހުރި އަހަންނަށް ބަދު ބަސްތަކެއް ރައްދު ކުރަމުން ސުރައްޔާ އާއި އިފާޝާ އަވަސްވެގަތީ ހޮސްޕިޓަލާ ދިމާއަށް ދިއުމަށެވެ. ބޭރުމީހާ އައިސް އަހަރެންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އޭނާގެ ދެލޮލުން ފާޅުވި އަސަރުތަކުން ކޮންމެވެސް އެއްޗެއް އޭނާ ބުނަން ބޭނުންވެފައި ހުރިހެން އަހަންނަށް އެވަގުތު ހީވިއެވެ. ނަމަވެސް ކަންފަތުން އެއްޗެއް އަޑުއަހައި ދުލުން ބަސްބުނާ ވަރަށް ވުރެ އަހަރެންގެ ހިތްވަރު އެވަގުތު ހުރީ ބަލިކަށިވެފައެވެ. އަހަރެންގެ ނަފްސަށް ވެރިވެފައިވީ އިންތިހާ ދަރަޖައިގެ ކުށްވެރިކަމެވެ. އަޑުން އަޑު ނަގައި ރޮއެގަންނަން އެވަގުތު އަހަރެން ބޭނުންވިއެވެ. ދިރިއުޅުމުގައި "ރިވައިންޑް ބަޓަނެއް" އިންނާނެ ނަމަ އޭ ވެސް ހިތަށް އެރިއެވެ.

ހުރި ފިޔަވަޅުމަތީ އެހުރިގޮތަށް ހުއްޓައި ކިނާން ގޭތެރެއަށް ވަދެގެން އަންނާތީ ފެނުނެވެ. އަހަރެން ހުރިގޮތް ފެނުމުން ކަމެއްވެއްޖެކަން ކިނާންއަށް ޔަގީން ވީ ކަންނޭނގެއެވެ.

"މިޝްކާ ކިހިނެތް ވެފަ ތިހުރީ؟!.." އަތުގައި އޮތް ކަޅުދަބަސް ކާމޭޒުމަތީ ބާއްވަމުން އޭނާ އަހަރެން ގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ހަމަ ހޭވެރިކަން ވުމާއެކު ހިފެހެއްޓިފައިވާ އަހަރެންގެ ކަރުނަތައް އޭގެ އިޚްތިޔާރުން ބޭރުވެއްޖެއެވެ.

ފައިކޮޅުން ވާގިދޫވެ އަހަރެންގެ ހަށިގަނޑު ކިނާންގެ މޭމައްޗާ ހަވާލުކޮށްލެވިއްޖެއެވެ. ކާވެންޏަށް ކަނޑައެޅިފައިވާ ތާރީޚް މިހާ ގާތްވެފައި ވަނިކޮށް މި ކުރިމަތިވި ބޮޑު ހިތާމައިން އަރައިގަންނާނެ ގޮތަކަށްވުރެ ބޮޑަށް އެވަގުތުވެސް އަހަންނަށް ވިސްނުނީ އަޒްކާއަށް ވެދާނެ ގޮތަކާމެދުގައެވެ.

"އޭތް.. މިޝީ! ކިހިނެތްތަ ތިވަނީ؟!.." އަހަރެންގެ ދެ ކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލަމުން އޯގާތެރިކަމާއެކު ކިނާން އެހިއެވެ.

އަދި ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެދެމުން އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައި އޭނާ ހުއްޓެވެ. އެ އައިބުކަމެއް ނެތް ފުރިހަމަ މޫނުމަތީގައި އެވާ ހާސްކަން އަހަރެންގެ ދުލުގައި ތަޅެއް އެޅުވިފަދައެވެ. އަހަރެންގެ ހާލަތު ފެނިގެން ކަންނޭނގެއެވެ. އިސްޖަހާލައިގެން ހުރެ ވެގެން އުޅޭގޮތް ބުނެދިނީ ބޭރުމީހާއެވެ. އެއާއެކު ކުއްލިއަކަށް ކިނާން އަހަރެން އޭނާގެ ގަޔާ ދުރަށް ކޮއްޕާލައިފިއެވެ. އަހަންނަށް ވީގޮތް ބެލުމެއްނެތި އަހަންނަށް ފުރަގަސް ދިނުމަށްފަހު، އޭނާ ހޮސްޕިޓަލާ ދިމާއަށް ދިއުމަށް އަވަސްވެގަތެވެ. އަހަރެންގެ ފަޔަށް ބާރުލިބި ހިތްވަރެއް އައީ އެވަގުތުއެވެ. ކިނާންގެ ފަހަތުން އަހަރެންވެސް ގޮސް ކާރަށް އެރީމެވެ. އެންމެންގެ ރުޅިއާއި ތުހުމަތުގެ އިނގިލިތަކާ އަހަރެން ކުރިމަތިލާން ޖެހޭނެ ކަމުގައި އަހަންނަށް ގަބޫލުކުރެވުނެވެ. އެހެން ވިޔަސް އަހަންނަށް ވަރިހަމައެވެ. އަހަރެން އެންމެ ދެރަވީ އެހިނދުން ފެށިގެން ކިނާންގެ ނަޒަރު އަހަރެންގެ ކިބައިން ކަސިޔާރު ކުރެވި އޭނާގެ އިތުބާރު އަހަރެންގެ މައްޗަށް ގެއްލުނުކަމުގެ އިހްސާސް އަހަންނަށް ކުރެވުނީމައެވެ.

ހޮސްޕިޓަލް ތެރެއަށް ވަދެގެން އައިއިރު، އެތަނުގައި ސުރައްޔާމެންގެ އިތުރުން އަހަރެންގެ ޢާއިލާގެ އެންމެން ތިއްބެވެ. އުއްމު ފިޔަވައި އެންމެންގެ ނުރުހުމުގެ ނަޒަރުތައް އަމާޒުކުރެވިފައި ހުރީ އަހަންނާ ދިމާއަށެވެ. އެކަނިވެރިކަމާއި ނިކަމެތިކަން ނޫން އެހެން އެއްވެސް އިހްސާސެއް އަހަންނަކަށް އެތަނަކުން ނުކުރެވުނެވެ.

އައިސީޔޫގައި ފުރާނައަށްޓަކައި ހަނގުރާމަކުރަމުން އެދާ ތުއްތު އަންހެން ކުއްޖާ ހެޔޮހާލުގައި ލެއްވުމަށްއެދި އެއިރުވެސް އަހަރެން ދިޔައީ ހިތާ ހިތުން ދުޢާކުރަމުންނެވެ. އެއެންމެންގެ ނަޒަރުތަކަށް ފިލަން އިސްޖަހާލުމުގެ ކުރިން އަހަރެން ކިތައްމެ ފަހަރަކު ކިނާންގެ މޫނަށް ބެލީމެވެ. އަހަރެންގެ ކުށެއްނެތްކަން ކިނާންއަށް އަންގަދޭން ކިތައްމެ ވަރަކަށްވެސް އަހަރެން ބޭނުންވިއެވެ. އެހެނަސް ކުޑަމިނުން އޭނަ އަހަންނާ ދިމާއަށް ބަލައިވެސް ނުލިއެވެ. އޭނާކުރި ލޯބީގެ އަޙުދާއި އިތުބާރުގެ އިޤުރާރުނާމާއަކީ ފެންނަން އޮތް ހީލަތެއް ފަދައެވެ. ލޯތްބަކީ އެއީ ހެއްޔެވެ؟ ކަންވީގޮތް ރަނގަޅަށް އޮޅުން ފިލުވުމެއްނެތި އޭނާގެ ހިތުގައި އަހަންނަށްޓަކައި ނަފްރަތުގެ ހުޅުދާން ރޯކޮށް އެ ހިތް އަހަންނަށްޓަކައި ކިލަނބުކޮށްލީ ހެއްޔެވެ؟ ހިތަށް އެރި އެއްޗެހި ގިނަކަމުން ލޮލުން ކަރުނަ އޮހޮރިގަތް ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. އެކަން އަހަންނަށް އިހްސާސްވީ އުއްމު އައިސް އަހަރެންގެ ގައިގައި ބައްދާލުމުންނެވެ. ހިތުގެ ރިހުންތައް ބޭރުކޮށް ނަފްސަށް ކުޑަނަމަވެސް ހަމަޖެހުމެއް ވެރިކުރުވަން ބޭނުންނަމަ ބައެއްފަހަރު އޯގާތެރި އެންމެ ފިރުމުމަކުން ވެސް އެކަން ވެދެއެވެ. އަހަންނަށްވެސް ވީ އެހެންނެވެ. އެންމެންގެ ތެރޭގައި ބާކީވެފައި ހުއްޓައި އުއްމު އައިސް ފިރުމާލި އެންމެ ފިރުމުމަކުން އަހަރެންގެ ހިތުގެ ޖަޒުބާތުތައް ވިރިގެން ފޭބިކަހަލައެވެ. އަހަރެންގެ ދިރުން ގެއްލެމުންދިޔަ ނަފްސަށް އެވަގުތު ލިބުނު އަނެއް ސިހުމަކީ އެތަނަށް ވަދެގެން އައި ދެތިން ފުލުހުންނެވެ.

އެނގުމެއްނެތި ކުރެވުނު ކަމަކުން ކުށްވެރިއަކަށް އަހަރެން ބަދަލުވިއެވެ. އިހްމާލުވުމުގެ ކުށެވެ. އާދޭހުގެ ކަރުނަތައް އޮހޮރަމުން އަހަރެންގޮސް ކިނާންގެ އަތުގައި ހިފީމެވެ. އޭނާގެ ހިތް ހަރު ހިލަގަނޑަކަށް ވެފައިވާ ފަދައެވެ. މަރަށް ތެޅެމުންދިޔަ ދަރިފުޅުގެ ޙައްޤުގައި އެއީވެދާނެގޮތަކަށްވިޔަސް، ކުޑަމިނުން އޭނައަށް އަހަރެންގެ ވާހަކަ އަޑު އެހުނީސް ނޫންހެއްޔެވެ؟ އެއަތްތިލައިން އަހަރެންގެ އަތް ނެއްޓި ތާއަބަދަށް އޭނައާ ވަކިވާން އުޅޭ ކަމުގެ އިހްސާސް އޭރު ހަމަރަނގަޅަށްވެސް އަހަންނަށް ދިޔައީ ކުރެވެމުންނެވެ.

ފުލުސް އޮފީހަށް އެދުވަހު އަހަރެން ހާޒިރު ކުރެވުނެވެ. އެމީހުންގެ ބަންދުގައި އިންނަންޖެހުނެވެ. އަހަންނަށް ވީގޮތް އެކަކުވެސް ނުބަލައެވެ. އެންމެ ހައިރާންވީ އުއްމުގެ ޚަބަރެއްވެސް ނުވީމައެވެ. އެކަނި އިނދެ އަހަރެން ރުއީމެވެ. އެންމެ ހަނދާންވީ ކިނާން މަތިންނެވެ. ކޮންމެފަދަ މުސީބާތެއް ޖެހުނަސް ދުވަހަކުވެސް އަހަރެން ދޫކޮށް ނުލާން އޭނާ ކުރި ވަޢުދެވެ. ވަޢުދާ ހުވާއަކީ އެކަހަލަ އެއްޗެއްނަމަ، މި އަދުން ފެށިގެން ވަޢުދުތަކަށް ބޯލެނބުން އަހަރެން ހުއްޓާލާނަމެވެ. ލޯބީގެ އިޤުރާރަކީ ހާލަތުގެ ކުރިމަތީގައި އެހާ ބަލިކަށި ހުވައެއްނަމަ، ލޯބީގެ ވަސްވެސް އަހަރެންގެ ހިތުން ފޮހެލާނަމަވެ. އެހެނަސް..... އާހް އެވެ!

އެގޮތުގައި ދެތިން ދުވަސް ފާއިތުވިފަހުން ފަހުން އަޒްކާގެ ޙާލަތު ރަނގަޅުވަމުން އަންނަ ޚަބަރު އަހަންނަށް ލިބުނެވެ. ލިބުނީ ބަޔާންކޮށްދޭންވެސް ދަތި އުފަލެކެވެ. އެއާއެކު ފުލުހުންގެ ބަންދުން އަހަރެން ދޫކޮށްލިއެވެ. އެހިސާބުން މުސްތަޤުބަލުގެ ޗާޓު އަހަރެން ކުރެހީމެވެ. ނުރުހުމާއި ނަފްރަތުގެ ބެލުންތަކާ ދުރަށް ދާން ނިންމީމެވެ. ރައްޓެއްސަކު ލައްވައި ކިނާންގެ ގޭގައި ހުރި އަހަރެންގެ އެއްޗެހި ގެނުވީމެވެ. އަހަރެންގެ އެކުވެރިޔާގެ ފަރާތުން އެނގުނު ގޮތުގައި އޭނާއާ ކިނާން ދިމާވިޔަސް، އަހަރެން ވީތަނެއް ހޯދާކަށް ކިނާން ނޫޅުނެވެ.

އިރު އޮއްސެމުން ދިޔަ ވަގުތެވެ. އުޑުމައްޗަށް ފެތުރިފައިވަނީ ރަތްވިލާތަކެވެ. ފަލަކު ރަނިކަން ކުރަމުންދިޔަ ހަނދުގެ އުޖާލާ ކަމާއި މޫސުމުގެ ރީތިކަން ކުރިމަތީ އޮތް ދިގުދަތުރަށް ފުރުމާމެދު އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނެސްދިނެވެ. މަންމަ ފަރާތު ކާފައަކީ ރާއްޖޭގެ ދެކުނުގެ ރީތި ރަށަކަށް ނިސްބަތްވާ މީހެއްކަން އުއްމުގެ ފަރާތުން އަހަންނަށް އޮތީ އެނގިފައެވެ. މާމައަކީ މާލެ މީހަކަށްވިޔަސް ކާފަމެންގެ ދިރިއުޅުން ބިނާކޮށްފައިވަނީ ރަށުގައެވެ. މާލޭގެ ކަނޑިންމައިން ނިކުމެ މުޅިން އާ ޙަޔާތަކަށްޓަކައި އަހަރެން ދަތުރު ފެށީމެވެ. އުފަންވީންސުރެ މާލޭގައި އުޅޭތީ ކާފަމެންނަށް އަހަރެން އެނގޭނެ ކަމެއްވެސް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް އެމީހުންގެ އެޑްރެހާއި ވަނަވަރު ހޯދައިގެން އަހަރެން އެ ދަތުރުފެށީ އެމީހުން އަހަރެން ބާކީކޮށް ނުލާނެކަން އަހަންނަށް ޔަގީންވާތީއެވެ.

ވިސްނުންތަކަކަށް ގެއްލިފައި ހުރެ އަހަރެންގޮސް ބޯޓަށް އެރޭތޯ އުޅުނީމެވެ. ނަމަވެސް ބޯޓަށް އަރަންއޮތް ހިމަ ފިލާގަނޑުގެ ދަށުން ފެންނަން އޮތް ފުން ފަޅުތެރެ ފެނުމުން އަހަރެންގެ ގައިން ހީބިނެގިއެވެ. ހިތަށް އެރިއެވެ. އެތަނަށް ވެއްޓިއްޖިއްޔާ އަހަރެން ސަލާމަތްކުރާނެ އެކަކުވެސް ނުހުންނާނެއެވެ. އެހެން ހިތައި އަތުގެ ޝަހާދަތް އިނގިލީގެ ނިޔަފަތި ހަފަމުން ދަނިކޮށް، އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ބިދޭސީއެވެ.

އެމީހާއަކީ މި ބޯޓުދަށަށް އައިންސުރެ ނުބައި ޒާތަކަށް އަހަންނާ ދިމާއަށް ބަލަމުން ދިޔަ މީހާއެވެ. އިތުރު ގޮތެއް ނެތުމުން ބޭނުން ނުވިޔަސް އެއަތުގައި އަހަރެން ހިފީމެވެ. އެއާއެކު އޭނާގެ އަނެއް އަތުން އަހަރެންގެ ކޮނޑާ ހަމައަށް އަތް ހިންގާލަމުން ބޯޓުގެ ތެރެއަށް އަހަރެން ދަމައިގަތެވެ. އެވަގުތު އެމީހަގެ ޢަމަލުތައް ހުރީ މީހަކަށް އެހީތެރިވާފަދަ ގޮތަކަށް ނޫނެވެ. އޭނާ އަހަރެންގެ އަތުން ދޫކޮށް ނުލުމުން އަހަންނަށް ތެޅިގަނެވުނެވެ. އިތުރު ހަރަކާތެއް ނުކުރެވިގެން އުޅެނިކޮށް އެ ބިދޭސީމީހާގެ ކަންކަށި މައްޗަށް ހޫނު އެތިފަހަރެއް އެރިއަޑަށް އަހަންނަށް ފަސް އެނބުރި ބަލައިލެވުނެވެ. އަހަރެންގެ ފަހަތުގައި ކޮނޑުގައި "ކެމަފްލާޖް ބޭގެއް" އަޅުވައިގެން ހުރީ އިސްކޮޅުން ދިގު ބިޔަ ރީތި ޒުވާނެކެވެ. އެ މޫނުގައި ހުރި ނުރުހުމުގެ ކުލަވަރުން އެފަދަ މަންޒަރުތައް ދުށުމަށް އޭނާ ނުރުހޭ މިންވަރު އެނގި ހާމަ ވަމުން ދިޔައެވެ.

"ކިހިނެއް އުޅޭނަމޭ ހިތާތަ ތިއުޅެނީ؟! އަންހެން ކުއްޖަކު ފެންނައިރަށް ތިވައްތަރަށް އުޅެން ޖެހޭތަ...؟ ކަލޭ ރަށަށްގޮސް ތިހެން އުޅޭނީ އިނގޭ!.. މިތަނުގަ ތިހެން އުޅެންޏާ މިއަށްވުރެ ބޮޑު ވަރުވެސް ކުރާނަން!" ޒުވާނާގެ އަޑުގައިވަނީ ހަރުކަށިކަމެވެ. ބުނަންވީ އެއްޗެއް ނޭނގިފައި އަހަންނަށް ހުރެވުނެވެ. އޭނާ ވާހަކަ ދެއްކި ގޮތުން ހިނިވެސް އައެވެ.

"އެކަނި ދަތުރު ކުރަންޏާ މިމީހުންގެ އުނދަގޫވެސް ޖެހޭނެ!.. މައިންބަފައިންނާއެކު ދަތުރު ކުރަން އޮންނަކީ ކަމަކު އެއްނު!.." އަހަންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޒުވާނާ އެހެން ބުނެލަމުން ބޯޓުތެރެއަށް ދިއުމަށް ހިނގައިގަތެވެ.

"މަންމައާ ބައްޕަ މި ދުނިޔޭގަ ހުރިނަމައެއްނު ..!" އިސްޖަހާލަމުން އަހަރެން ބުނެލީމެވެ.

އެއާއެކު ޒުވާނާ ހުރި ފިޔަވަޅު މައްޗަށް ހުއްޓި ފަހަތަށް އެނބުރުނެވެ. އެ މޫނަށް ފަރުވާތެރިކަމާއެކު އަހަރެން ބަލައިލީމެވެ. ނުތަނަވަސްކަމާއި އަބުއިކަން ނޫން އެހެން އެއްވެސް އިހްސާސެއް އެ މޫނުމަތީގައި ނުވެއެވެ. ހީވާ ކަހަލައެވެ. އެ ނަފްސުގެ ދިރުން އަހަރެން ފަދައިން ކޮންމެވެސް ނުބައި މިސްރާބަކަށް ގޮސް ގެއްލިފައިވާ ފަދައެވެ. އެތުންފަތުން އޮއްސިފައިވާ ހިނިތުންވުމާއެކު އެ ދެލޮލުގެ ވިދުން ކެނޑި ދުނިޔެމަތިން ފޫހިވެފައިވާ ކަހަލައެވެ.

"ސޮރީ!!" އިރުކޮޅަކު އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު އަނެއްކާވެސް އޭނަ ކުރިއަށް ހިނގައިގަތެވެ.

މުސްތަގުބަލުގެ ދިގު ދަތުރައިގެން ކަނޑުގެ ލޮނުގަނޑު ކަފަމުން އަހަރެމެން ދަތުރު ކުރަމުން ދިޔަ ބޯޓު މަންޒިލާހަމައަށް ވާސިލްވަނީއެވެ. ދަތުރު ދެބައިވެ އާ ފަތިހަކަށް ދުނިޔެ މަރުހަބާ ކިޔަމުން ދަނީއެވެ.

"..... ބޭބީ، އެމް ޑޭންސިންގ އިންދަ ޑަރކް، ވިތް ޔޫ ބިޓްވީން މައި އާމްސް

ބެއަރފުޓް އޮން ދަ ގްރާސް، ލިސިނިންގ ޓް އާ ފެވަރިޓް ސޮންގް..

ވެން އައި ސޯ ޔޫ އިން ދެޓް ޑްރެސް، ލުކިންގ ސޯ ބިއުޓިފުލް...

އައި ޑޯންޓް ޑީޒާވް ދިޒް، ޑާރލިންގ، ޔޫ ލުކް ޕާފެކްޓް ޓްނައިޓް......."

އެސްފިޔަތައް ހުޅުވާލެވުމާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކަންފަތުގައި ޖެހުނީ ފަހަތަށް ދޫކޮށްފައި އައި މާޒީގެ ހަނދާނެކެވެ. މި ފަހަރު އެ ރީތި ލަވަ އަހަންނަށް އިވުނީ އެޑްޝީރަންގެ އަޑަކުން ނޫނެވެ. އެއީ އަޑު އަހާލަން ހިތްއެދޭ ފަދަ ޖާދުވީ އަޑެކެވެ. ރިހުމާއި ވޭން އެކުލެވިފައިވާ މަސްތީ އަސަރެއް އެ އަޑުގައި ވިއެވެ. --ނުނިމޭ--

ދިގު ވާހަކަ ހިތުލޯބި ހިތާ ވަކިވާނޭހޭ

Popular