17 Jun 2019

ނުވަ މަސް ފަހުން

ނުވަ މަސް ފަހުން

By: Mariyam Yasma

އައިރީންއަށް ހިންދިރުވައިލެވުނެވެ. އެހީވާން އާހިލްބެ ހުރިނަމައޭ ހިތަށް އަރައި ދޮރާއި ދިމާއަށް ބަލައިލެވުނެވެ.

"ކޮންތާކަށް ތި ބަލަނީ؟ އައިރީންއާއޭ މިސުވާލުކުރަނީ؟" ރާމީންއަށް ނީނދެވިގެން ތެދުވެ އައިރީންގެ މޫނުގެ ދެފަރާތުން އަތްލައި އުފުލާލައިފައި ހަތަރުކަޅި ހަމަކުރުވި އެވެ.

"ދައްތަ ތިވިސްނަނީ ރަނގަޅަކަށް ނޫން. ނަވާލް އެއީ... ހަމައެކަނި އެކުވެރިއެއް." އައިރީން މަޑުމަޑުން ބުނެދިނެވެ.

ރާމީން އެވަގުތު ފުން ނޭވައެއް ލައިފައި ކުރިން އިން ތާގައި އިށީނެވެ. އޭނަ އެއްޗެއް ނުބުނެ ލޯމަތީ އަތް އަޅާލައިގެން އިންގޮތުން އައިރރީންގެ ކަންބޮޑުވުމާއި ގުޅުނެވެ. އައިރީންއަށް ކުށްވެރިކަމުގެ އިހްސާސް ކުރެވުނެވެ. ދައްތަގެ އެހާލަތުގައި އިނދެ ވިސްނަން ޖެހިފައިވަނީ އޭނައާ ދޭތެރޭގަ އެވެ.

"ސޮރީ. އައިމް ޖަސްޓް ވޮރީޑް އެބައުޓް ޔޫ..." ކުޑައިރުކޮޅެއް ފަހުން އަތް ނަގާފައި ރާމީން ބުނެލި އެވެ.

އޭނަ ހަމަޖެހުނީ ޖަވާބުދިން ވަގުތު އައިރީންގެ މޫނުގައިވި ކުލަދެކެފަ އެވެ. އޭނަ އެހެން ބުނީ ހަމައއެކަނި ދައްތަ ހިތްހަމަޖައްސައިދޭން ނޫންކަން ވިސްނިފަ އެވެ. އެބަހުގެ ހަޤީޤަތް އައިރީންގެ ލޮލުން ހުރީ ފެންނާށެވެ.

"ދައްތަ ބޭނުމެއް ނޫން އެގޭ އެއްވެސް މީހަކާ ރީންއާ ގުޅުމެއް އޮންނާކަށް. އައިދަންގެ ކައިވެނި ކުރެވވުނު ދުވަހުން ފެށިގެން އެގެއާ ރީން އޮތް ހުރިހާ ގުޅުމެއް ވަނީ ކެނޑިފައި. އެގޮތް ރީންއަށް ރަނގަޅު ވާނީ ވެސް. އެހެންނޫނީ މޫވްއޮން ނުކުރެވި އަބަދު ޕާސްޓްގައި ސްޓަކްވެފަ ހުންނަން ޖެހޭނީ. ރީންއަށް އެނގެއެއްނު ދައްތަ ރީންއަށް ގޯސް ގޮތަކަށް ނުވިސްނާނެކަން؟" ވާހަކަދެއްކިއިރު ރާމީންގެ އަޑުގައި އެކުލެވިފައި ވީ އަޅައިލުމެވެ.

އައިރީން ބޯޖަހައިލި އެވެ. އޭނައަށް ދައްތަގެ ވާހަކަ ޤަބޫލު ކުރެވުނެވެ. އަނެއް ބޭނުމަކީ ދައްތަ ހިތްހަމަޖެއްސުމެވެ. ދައްތަގެ އެކަންބޮޑުވުމާއި ކުއްލި ރުޅި ވެސް އެހާލަތާއި މުނާސަބެވެ. ދައްތަ އެއީ އޭނަގެ މަންމަ ނޫނަސް މަންމަގެ މަޤާމުގައި މިއަދު ހުރި ފަރާތެވެ.

ރާމީން ހިތްހަމަޖެހިފައި ތެދުވެގެން އަމިއްލަ ނާސްތާ ތައްޔާރުކުރަން އެނބުރުމުން އައިރީން ކެއުން ކުރިއަށް ގެންދަން ފެށި އެވެ. އެކަމަކު އޭނަގެ ހިޔާލުތައް ދަތުރުކޮށްފައި ދިޔައީ ނަވާލްއާ ދިމާއަށެވެ. ނަވާލް އެއީ އޭނަގެ ހުދާއި ކަޅުގެ ދިރިއުޅުމަށް މިފަހުން ކުލައެއް ގެނެސްދިން ހަމައެކަނި ފަރާތެވެ. ނަވާލް އާއި އޭނަގެ މެދުގައި އޮތް އެކުވެރިކަމަކީ އޭނައަށް މުޅިން އާ ގުޅުމެކެވެ. އެއެކުވެރިކަން އެހާ ހާއްސަވީ ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ. އާދަވުމުން އެހެން އެކުވެރިންނެކޭ ނަވާލް ވެސް ތަފާތެއް ނުވާނެ އެވެ. އެކަމަކު ދައްތަ ބުނިހެން އެއީ ކުރިއަށް ގެންދިއުން ރަނގަޅު އެކުވެރިކަމެއް ނޫނެވެ. ނަވާލް އެއީ އައިދަންގެ ބޭބެ އެވެ. އެދެމެދުގައި އޮތީ ލޭގެ ގުޅުމެވެ. މާޒީ ހަނދާންނައްތާލައިފައި ކުރިއަށް ދާން އޭނަ ޖެހޭނީ އެއެކުވެރިކަން ދޫކޮށްލާށެވެ. ސުވާލަކީ އެނިންމުން އެއީ ރަނގަޅު ނިންމުމެއްކަން އެނގޭއިރުވެސް ގޯހެއްކަމުގައި ހިތުގެ ކަނަކުން އަންގަނީ ކީއްވެ ހެއްޔެވެ؟

އާހިލް އާއި ރާމީން އޮފީހަށް ދާން ތައްޔާރުވެގެން ނިކުތްއިރު އައިރީން އިނީ ސިޓިންރޫމްގަ އެވެ. ދެމީހުން ނިކުތް އަޑު އަހާފައި އޭނަގެ ސަމާލުކަން ޓީވީން އެދެމީހުންނަށް ހުއްޓުނެވެ.

ރާމީން ހުރީ ހުދު ކުލައިގެ މަތިކޮޅަކާއެކު ހަށިގަނޑަށް ހިފާލައިފައި ހުރި ގަދަ ނޫ ތިރިއެއްގަ އެވެ.. މަތިން ދޫކޮށް ހުއްޓަސް މަތިކޮޅު ދަށަށް ޖަހާފައި ހުރުމުން ބައްޓަން ރީތިކޮށް ހާމަ ވޭވޭ ހުއްޓެވެ. ބަނޑަށް ދުވަސް މަދުވެ ބޭރު ފުށުން ބަލާލައިފައި މާބަނޑު އަންހެނެއްކަން ބުނާކަށް ނޭނގޭނެ އެވެ. އެރާޅުބާނި އިސްތަށިގަނޑު އޮތީ އެންމެ އިސްތައްޓެއް ވަކި ނުވާނެހެން ރީތި ހުޅިއަކުން ހައްޔަރުކޮށްފަ އެވެ. އަނދުން އަޅާފައި ހުރުމުން ކަޅިރަވައިގެ ރީތިކަން އިތުރުވެފައިވި އެވެ. ތުންފަތުގައި ހުރި މަޑު ފިޔާތޮށި ކުލައަކީ ލިޕްސްޓިކެއްގެ އެހީއެއް ނެތި ޤުދުރަތުން ދެއްވާފައިވާ ކުލައެކެވެ.

އައިރީންއަށް ފާހަގަވީ އިއްތިފާޤުން އާހިލް ވެސް ހުރީ މަޑު ނޫ ކުލައެއްގެ އަތްދިގު ގަމީހަކާއިއެކު މުށި ފަޓްލޫނެއްގައި ކަމެވެ. ނޫނީ އެއީ ދައްތަ ގަސްތުގައި ދެމީހުންގެ އަންނައުނު ގުޅުވާލައިފައި ކަންނޭނގެއޭ ހިތަށް އެރި އެވެ.

އެއް އަތުން ދަބަސް ހިފާލައިގެން ހުރެ ރާމީން ގޮސް ހުއްޓުނީ ދޮރު ކައިރީ ހުރި ފައިވާން ހަރު ކައިރިއަށެވެ. ބަލާލައިފައި ތަންކޮޅެއް އުސްކޮށް ހުރި ބޫޓެއް ނަގައި އަރަން އުޅެނިކޮށް އާހިލްއަށް ފެނިގެން އޭނަގެ އަތުގައި ހިފާލައިފައި ދުރަށް ޖައްސައިލި އެވެ. ރާމީން ސުވާލު އުފެދިފައި ބަލައިލުމުން އޭނަ އެބޫޓު ނަގައި އަނބުރާ ބެހެއްޓީ ކުރިން ވެސް ހުރި ތަނުގަ އެވެ. ދެން ހޯދާލައިފައި ތަންކޮޅެއް ސްޓައިލިޝްކޮށް ހުރި ތިރި ފައިވާނެއް ނަގައި ގެނެސް ކުރިމަތީ ބެހެއްޓި އެވެ. ރާމީން ފާޑަކަށް ލޯ ހަނިކޮށްލލާފައި ވެސް އާހިލްގެ އެދުމާއި ދެކޮޅެއް ނުހަދަ އެވެ.

"ހަނދާން އެބަހުރި ދޯ އަހަރެން ބުނި ވާހަކަތައް؟ މަސައްކަތުގައި މާ ބިޒީވެގެން އަމިއްލަ ނަފްސަށް ފަރުވާ ކުޑަ ނުކުރާތި! ހަނދާން ނައްތައިނުލާތި ރާމީގެ ބަނޑުގައި އަހަރުމެންގެ ބޭބީ އޮތްކަން. ކިތަންމެ ބިޒީ ވިއަސް ބްރޭކް ނަގައިގެން ކޮންމެވެސް އެއްޗެއް ކާންވާނެ. ވަރުބަލިވަންޏާ ރެސްޓް ނަގަން ވާނެ.." އާހިލްގެ ވާހަކަތައް ނިންމާފައި ރާމީންގެ ކޯތާފަތުގައި ހިފާލުމަށްފަހު ކައިރިވެ ނިތުގައި ބޮސްދިނެވެ.

ރާމީން ހިނި އައިސްފައި ސެލިއުޓް ނަގާފަދަ އިޝާރާތެއް ދައްކާލުމަށްފަހު އެނބުރުނީ އައިރީންއާ ދިމާއއަށެވެ. އާހިލް ބޭރުގައި މަޑުކުރާނެ ވާހަކަ ބުނެފައި ކުރީގައި ނިކުމެ ދޮރު ލައްޕައިލުމުން އޭނަ ކައިރިއަށް އައިސް އިއްވީ އާހިލް ވެސް ދެއްކިފަދަ ވާހަކަ ތަކެކެވެ. އެކަނިވިއަސް ނުކައި ނުހުރުމަށެވެ. ކަމެއް ގޯސްވާހެން ހީވާނަމަ ލަސްނުކޮށް އޭނައަށް ގުޅުމަށެވެ. ކަންކަމާއި މާބޮޑަށް ނުވިސްނާ ވީހާ ވެސް ބޮޑަށް އަރާމު ކުރުމަށެވެ.

ނިކުންނަން ވެގެން ދޮރާއި ހަމައަށް ގޮސް ކުއްލިއަކަށް ހުއްޓިފައި ގޮސް ފައިވާން ބަދަލުކޮށްލީ ފުރަތަމަ އަރަން ވެގެން ނެގި ބޫޓަށެވެ. އައިރީންއަށް އެތަން ފެނިގެން ދައްތާއޭ ކިޔާ ގޮވާލެވުނެވެ.

"ކަމްއޯން. އައި ކެން ރޮކް ދިސް ބޫޓް އިވަން އިން ދިސް ކޮންޑިޝަން. އާހިލް މާ ކަންބޮޑު ވަނީ..." ރާމީން އެނބުރި އެއްލޯ މަރާލައިފައި ނިކުތެވެ.

ހިނި އައިސްފައި އައިރީންއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. ދެން އަނެއްކާ ވެސް ސަމާލުކަން އަނބުރައިލީ ޓީވީއަށެވެ.

***

އައިރީން ގުޅާފައި އެދުމުން ކޮޓަރީގައި ހުރި އޭނަގެ ސާމާނު ޕެކްކޮށްފައި ޑްރައިވަރުގެ ހަވާލުގައި ފޮނުވައިދިނީ މެއިޑެވެ. ކޮޓަރިއާ ހަމައަށް ފޮށިގަނޑު ގެނެސްދިނުމުން ޝުކުރު އަދާކޮށްފައި އައިރީން މަޑުކުރަން އެދުމަށްފަހު ނިކުތީ ޖޫސްތައްޓެއް ހިފައިގެންނެވެ. އޭނަ އެތަށި ދިއްކޮށްލިތަން ފެނިގެން ފިރިހެންމީހާ ބަލައިލީ ކުޑަކޮށް ހައިރާންވެފަ އެވެ. ހީވަނީ އެގޭގައި މަސައްކަތް ކުރާތާ މިވީހާ ދުވަހަކު ގޭގެ މީހެއްގެ ކިބައިން އެވަރުގެ ވެސް އޯގާތެރިކަމެއް ނިސްބަތްވެފައި ނުވަނީ ހެންނެވެ.

އެއްޗެއް ނުބުނެ ޖޫސްތަށި ދަމާލައިފައި ދިނުމުން އައިރީން ހުސްތަށީގައި ހިފާފައި ހިނިތުންވެލި އެވެ. މުސްކުޅިޔާ ދާންވެގެން އެނބުރިފައި ފެނުނީ ކުއްލިއަކަށް ހުއްޓުނުތަނެވެ. ދެން އަނެއްކާ ވެސް އެނބުރިފައި އައިރީންއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ. އައިރީން ހައިރާންކޮށްލާފައި އަތް އުފުލާލުމަށްފަހު އޭނަގެ ބޯމަތީ ބާއްވައިލީ ހެޔޮދުޢާކުރާފަދަ ގޮތަކަށެވެ.

ދެން އަނެއްކާ ވެސް ބަހެއް ނުބުނެ ފަސްދީފައި ގޮސް ފެނުނީ ނިކުތްތަނެވެ.

ފޮށިގަނޑު ކަނޑާލައިގެން ރީތިވާ ސާމާނާއި އަންނައުނުތައް އަލަމާރިއަށް ލާން އުޅުނުއިރު އޭނަ ހަނދާންވީ ނަވާލް ހަދިޔާ ކުރި ކުޑަ އެނދުމަތިންނެވެ. އައިރީންގެ މޭގައި އެވަގުތު މަޑު ރިހުމެއް އުފެދުނެވެ.

ފޯނު ހޯދާލައިފައި އެނދުގައި އިށީނދެ އޭނަ ހުޅުވައިލީ ނަވާލް އެންމެ ފަހުންކޮށްފައި އޮތް މެސެޖެވެ. އެއީ އޭނަ ޖަވާބެއް ނުފޮނުވައިގެން ރުޅިއައީހޭ އަހާފައި ފޮނުވާފައި އޮތް މެސެޖެކެވެ. ބަލަން އިނދެލާފައި އައިރީން ވެސް ލިޔެލީ މެސެޖެކެވެ. އެއީ ނަވާލްއަށް ހުސްވީ ވަގުތަކުން މުހިންމު ކަމަކު ބައްދަލުކުރަން އެދިފަ އެވެ. ދިހަ މިނިޓް ވެސް ވީކަމެއް ނޭނގެ އެވެ. އައިރީންގެ ފޯނު ރިންގް ވާން ފަށައިފި އެވެ. ނަގައި ބެލިއިރު ނަވާލް ގުޅަނީ އެވެ. ސްކްރީނުގައި އެނަން އޮތްވާ ފެނުމުން އައިރީންގެ ހިތް ތެޅިގަތެވެ. އަމިއްލަ ނަފްސް ހަމައަކަށް އެޅުވުމުގެ ގޮތުން ފުން ނޭވައެއް ދޫކޮށްލައިފައި އޭނަ ފޯނު ނެގި އެވެ.

"ރީން؟ އެވްރީތިން އޯކޭ؟" އޭނަގެ އަޑު ޖެހުމާއެކު ނަވާލް ފުރަތަމަ ވެސް އެހި އެވެ. އެއަޑުގައި ކަންބޮޑުވުމެވެ.

"ހުރިހާކަމެއް ވެސް... ރަނގަޅު. މެސެޖުގަ ބުނިހެން ވާހަކައެއް ދައްކަން ވެފަ އޮތީމަ.." އައިރީން ޖަވާބުދިނެވެ. އެކަމަކު އޭނައަށް ކުރެވުނީ އެނގި އެނގިހުރެ ކަމެއް އޮޅުވާލަން ދޮގެއް ހެދުމުން އެކުރެވޭފަދަ އިހްސާސެކެވެ. ކުށްވެރިކަމުގެ އިހްސާސެވެ.

ނަވާލް ބުނީ އޭނަ އެވަގުތު ވެސް ހުރީ އައިރީން ހުސްނަމަ ބައްދަލުކުރަން ތައްޔާރަށް ކަމުގަ އެވެ. ތައްޔާރުވެލަން ތިރީހަކަށް މިނިޓަށް އެދިފައި އައިރީން ފޯނު ބޭއްވި އެވެ. ފަތްޖަހާފައި އަލަމާރިއަށް ލީ ހެދުންތަކު ތެރެއިން ދޫކޮށް ހުރި މެކްސީއަކާއި އެކު ފަޔަށް އަރާމު ޓައިޓެއް ނަގައިގެން އިސްތިރިކުރަން ނިކުތެވެ.

ކުޑައިރުކޮޅެއް ފަހުން އެއެއްޗެހި ލައިގެން ލޯގަނޑު ކުރިމަތީ އޭނަ ހުރީ އިސްތަށިގަނޑުގައި ފުނާ އަޅާށެވެ. ބުރަކަށީގެ މެދާކަށް ހަމައަށް އޮތް ފަން އިސްތަށިގަނޑު މައްޗަށް އައްސައިލުމަށްފަހު ތުންފަތުގައި ޖެއްސީ ރަތް ކުލައެކެވެ. ބޭނުމަކީ އެކުލައިން ނަމަވެސް އޭނަ އަޅަން އުޅޭ ފިޔަވަޅަށް އިތުރު ހިތްވަރެއް ހޯދުމެވެ. އޭނަ ނަވާލް ކައިރީ އެގުޅުން ކަނޑައިލަން ބުނާއިރު އަމިއްލަ މޫނުން ބަލިކަށިކަން ނުފެނުނެވެ.

މަގުމައްޗަށް ނިކުމެ ތަންކޮޅަކަށް ދެވުނުތަނާ އައިރީންގެ ދެލޯ ހޯދަމުންދިޔަ ސޫރަ ފެނުނެވެ. ޕޭމެންޓް މަތީގައި ހުއްޓި ފޯނަކުން ވާހަކަދައްކަން ނަވާލް ހުއްޓެވެ. އެވަގުތު ނަވާލްއަށް ލޯ ހުއްޓިފައިވީ ހަމައެކަނި އަންހެންކުއްޖަކީ އޭނަ ނޫންކަން އައިރީންއަށް ވިސްނުނެވެ. ނަވާލްގެ ކައިރިން ދިޔަ ދެކުއްޖަކު ފަސްދިން ފަހުން ވެސް އެނބުރިފައި ބެލި އެވެ. ތަންކޮޅެއް ދުރުގައި ތިބި ކުދިންތަކެއްވެސް އެކަކު އަނެކަކަށް ނަވާލް ދައްކާފައި ވާހަކަދައްކަނީކަން ފާހަގަވި އެވެ. އެކަމަކު ނަވާލްއަށް އެއިން އެއްވެސް ކަމެއް ރޭކައެއް ނުލަ އެވެ.

އޭނަ ކައިރި ވޭވޭ ހުއްޓާ މަގަތަށް މޫނު އަނބުރާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވި އެވެ. އެވަގުތު ނަވާލްގެ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުން ފެނިފައި މެއަށް ފިނިވެލިކަން ޔަޤީނެވެ. އެކޮޅުން ވާހަކަދައްކަމުން ދިޔަ މީހަކު ކައިރީ ފަހުން ގުޅާނަމޭ ބުނި އަޑު އައިރީންގެ ކަންފަތުގައި ޖެހުނެވެ. ފޯނު ތިރިކޮށްލުމަށްފަހު ޖީބަށް ކޮށްޕާލައިފައި ނަވާލްގެ ހުރިހާ ސަމާލުކަމެއް ހުއްޓައިލީ އޭނައަށެވެ. މުޅި މަގުގައި ވެސް އެވަގުތު ހުރި ހަމައެކަނި އަންހެންކުއްޖަކީ އޭނަ ކަހަލަ އެވެ. އައިރީންގެ ހިތަށް ބާރުވެގެން އައީ ގޮތް ނޭނގޭ އިހްސާސަކުންނެވެ.

"ކިހިނެތް ހާލު؟" ނަވާލްގެ ތޫނު ނަޒަރުން ރަކިވާގޮތް ވެގެން ދުރުބަލައިލިތަނާ އެހި އަޑު އިވުނެވެ.

"ރަނގަޅު. ނަވާލް ރަނގަޅުތަ؟" އައިރީން ވެސް ނިންމައިލީ ސުވާލަކުންނެވެ.

އޭނަ ބަލާލިއިރު ނަވާލް ބޯޖަހައިލިތަން ފެނުނެވެ. ދާން ހިނގާށޭ ބުނާފަދަ އިޝާރަތަކާއެކު ނަވާލް ހިނގައިގަތުމުން އައިރީން ވެސް ކުޑަތަންކޮޅެއް ފަހަތުގައި ހުރެގެން ކުރިއަށް ދިޔަ އެވެ. ދެފަހަރެއްގެ މަތިން ނަވާލް އޭނައާ ދިމާއަށް މޫނނު އަނބުރާލައިފައި ބަލައިލި އެވެ. އައިރީންއަށް އެކަން އިހްސާސްވެގެން ބަލައިލެވެނީ ނަވާލް އަނެއްފަރާތަށް މޫނު އަނބުރައިލާ ގަޑީގަ އެވެ.

މެންދުރާއި ކައިރިކޮށްފައި އެހާ ބޮޑު އެއްޗެއް ކާކަށް އައިރީން ބޭނުމެއް ނުވި އެވެ. އޭނަ އޯޑަރު ދިނީ މިލްކް ޝޭކްއަކަށެވެ. އެއްޗެއް ނުކާނަން ހޭ އެހުމުން ބޯޖަހައިލި އެވެ. ނަވާލް އޯޑަރު ދީ ނިންމާފައި ފޯނު މޭޒުމަތީ ބޭއްވުމަށްފަހު އައިރީނންއަށް ބަލައިލި އެވެ. އައިރީން އެއިރު އިނީ ވާހަކަ ފަށަން ވީ އެގަޑީގައި ކަމެއް ނޫނީ ތަންކޮޅެއް ފަހުން ކަމެއް ނުނިންމިފަ އެވެ. ނަވާލް ބަލައިލުމުން ނުތަނަވަސްކަން ފޮރުވަން ފެންތައްޓެއް އަޅައިގެން ބޯން ތައްޔާރުވި އެވެ.

"ވައި ޑޫ އައި ހޭވް އެ ބޭޑް ފީލިން އެބައުޓް ދިސް؟" އައިރީން ތަށި ނަގައިގެން އަނގައާ ކައިރިކޮށްކޮށް ހުއްޓާ ނަވާލްގެ ވާހަކަ އަހާފައި ގަނޑުވި އެވެ.

އޭނަ ތަކުރާރުކޮށް އެސްފިޔަ ޖަހާލައިފައި ފެންތަށި ތުނބުގައިޖެހީނުން އެއްނޭވައިން ދަމާލުމަށްފަހު މޭޒުމަތީ ބެހެއްޓި އެވެ. ނަވާލް ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލުމަށްފަހު ހަށަން ބަނދެލި އެވެ. އިތުރަށް ނުބުނެ އިނުމުގެ މާނައެއް ނެތްކަން އެނގިގެން އައިރީން ފަށަން ތައްޔާރުވި އެވެ. ހިންދިރުވާލައިފައި ދެއަތްތިލަ ގެނެސް އުނގުތެރެއަށް ލީއިރު އާދަޔާ ޚިލާފަށް ފިންޏެވެ.

"އަހަރެން މަސައްކަތް މިކުރަނީ މޫވްއޮން ކުރަން. އަދި އެކަން ކުރަން މިއެކުވެރިކަން އިތުރަށް ކުރިއަށް ނުގެންދަން އަހަރެންނަށް ފެންނަނީ.." އައިރީންގެ ޖުމްލަ ނިންމާފައި ނަވާލްގެ މޫނަށް ބަލަން ނުކެރިގެން އެސްފިޔަތައް ތިރިކޮށްލި އެވެ.

އޭނަ އެބުނި ވާހަކަ އިތުރަށް ތަފްޞީލުކޮށްދޭން ނިންމީ ނަވާލް ޖަވާބުގައި އެއްވެސް އެއްޗެއް ނުބުނީމަ އެވެ. އެވަގުތު ނަވާލްގެ މޫނުމަތީގައި ހުރި ކުލަވަރެއް ވެސް އޭނައަކަށް ނޭނގެ އެވެ.

"ނަވާލް އަކީ އޭނަގެ ބޭބެ. ނަވާލް ފެންނަންޏާ އޭނަ ހަނދާން ނައްތައިލަން އުދަނގޫ ވާނެ... އެހެންނޫނނަސް އެއް ގެއެއްގަ ނޫޅެންޏާ ނަވާލް ދުވަސްކޮޅަކުން ހަނދާނެއް ވެސް ނުހުންނާނެ އަހަރެން މީ ކާކުކަމެއް. އަހަންނަށް ޔަޤީން ދުވަސްކޮޅަކުން މިނުވާނެ އެއްވެސް ކަމަކަށް.." އައިރީން ފަހު ޖުމްލަތައް ނިންމާފައި ގަދަކަމުން ހިނިތުންވެލި އެވެ.

އިސްއުފުލާލި ވަގުތު ނަވާލް މޫނު އަނބުރައިލީ އަނެއްފަރާތަށެވެ އޭގެ ކުރިން އޭނައަށް އެލޮލުން ރިހުމުގެ އަސަރު ފެނުނު ހެން ހީވި އެވެ. ނޫނީ އެއީ ވަހުމަކެވެ.

"ރީންގެ ދިރިއުޅުން... ރީން ނިންމާނީ ރީން އެދިރިއުޅުމުގައި ޝާމިލް ކުރަން ބޭނުންވާ މީހުންނާ ފަހަތަށް ދޫކުރަން ބޭނުންވާ މީހުން..." ނަވާލް އެ ޖުމްލަ ބުނެލި ގޮތުން ބަލަހައްޓައިގެން އިނދެވުނެވެ.

އެމޫނަށް ބަލާފައި ހީވީ އޭނަ ބުނަން ބޭނުންވި އިތުރު އެތައް ވާހަކައެއް ވީ ހެންނެވެ. އެކަމަކު ދެން ކޮށްލީ އެންމެ ސުވާލެކެވެ. "އައިދަން ދަރިފުޅާއި ބައްދަލުކުރަން ބޭނުންވެއްޖެއްޔާ ކިހިނެތް ހަދާނީ؟"

"އޭނަ މިދަރިފުޅު ބަލައިގަނެގެނެއްނު ބައްދަލުކުރަން ބޭނުންވާނީ... ކުރެހިފައިވާ އަޑަކުން އައިރީން ބުނެލި އެވެ. އެޖުމްލައިން އަދިވެސް އެއްފަހަރު އޭނަގެ ނާކާމިޔާބުކަން ހަނދާންވި އެވެ. ދަރިފުޅަށް، އެދަރިފުޅުގެ ބައްޕަގެ ލޯބި ހޯދައިދިނުމުގައި ވެސް އޭނަ ވަނީ ނުކުޅެދިފަ އެވެ. އެއަށްވުރެ ބޮޑު ނާކާމިޔާބަކީ ކޮބައި ހެއްޔެވެ؟

"ދަރިފުޅުގެ ބައްޕަގެ ގޮތެއް ނޭނގެ. އެކަމަކު އަހަރެން ހަމަ ޔަޤީނުން ވެސް ބޭނުން އަހަންނަށް ބޮޑުބޭބެ ކިޔާނެ ތިދަރިފުޅާ ބައްދަލުކުރަން.." ނަވާލްގެ ޖުމްލަ ނިމުމާއެކު އެމޫނުގެ ސީރިއަސްކަން ލުއި ހިނިތުންވުމަކަށް ބަދަލުވި އެވެ.

އައިރީންއަށް އިހްސާސްވީ ލޮލަށް ކަރުނަ ގިނަވެގަތް ކަމެވެ. ނަވާލްގެ ތުންފަތުގައި ވި ފަދަ ހިނިތުންވުމެއް ޚުދު އޭނަގެ ތުންފަތަށް ވެސް ވެރިވި އެވެ. ނަވާލްގެ ހިތުގައި އެދަރިފުޅުގެ މައްޗަށް އޮތް ލޯބި އޭނައަށް ކުރިން ވެސް ވަނީ ފެނިފަ އެވެ. އެކަމަކު އެވަގުތު އަނެއްކާ ވެސް އެކަން ހަނދާންވެފައި އޭނަގެ ހިތަށް ވާންވެގެން އައީ ބަޔާންކުރަން ދަތި އުފަލަކުންނެވެ. ރޯންވީ ކަމެއް ނޫނީ ހޭންވީ ކަމެއް ނޭނގިފައި ބަލަހައްޓައިގެން އިނދެވުނެވެ.

ވެއިޓަރު އެމީހުންގެ ބުއިން ހިފައިގެން އައުމާއެކު ވާހަކަ އެހިސާބުން މެދުކެނޑުނެވެ. ވެއިޓަރު ދިޔަ ނުދީ ހުއްޓުވާފައި ކާއެއްޗެހި ނުގެންނަނީސް އެއާ ވާވަރަށް ފައިސާ ހަވާލުކުރުމަށްފަހު ނަވާލް ތެދުވީ ދާން ވެގެންނެވެ.

"އެންޖޯއި ޔުއަ ޑްރިންކް!" އައިދަން ކޮޅަށް ތެދުވިތަން ދެކެފައި އައިރީންއަށް ބުމަ ކައިރިކޮށްލެވުނެވެ.

އެކަމަކު ނަވާލް އެކަން އެނގުނު ކަމަކަށް ނުހެދި އެވެ. ގެއާ ކައިރިވެ އެކަނި ގެއަށް ދެވޭނެ ނޫންހޭ ބުނެ އޭނަ ބޯޖަހައިލުމުން ފެނުނީ ނިކުންނަން ދިޔަ ތަނެވެ. އޭނަ ގޮސް ދޮރުން ނިކުމެ ގެއްލޭންދެން އައިރީންއަށް ފަސްއެނބުރި ބަލަން އިނދެވުނެވެ. ދެން އަނެއްކާ ވެސް މަގަތަށް އެނބުރުނުއިރު ލޮލުގައި ހުރީ ކުރިން ވީ ފަދަ އުފާވެރިކަމުގެ މުތީ ތަކެއް ނޫނެވެ. އެހާ އަވަހަށް ވެސް އޭނައަށް ބަޔާންކުރަން ދަތި ހުސްކަމެއް އިހްސާސް ކުރެވުނެވެ. ކުރިއަށް އޮތް ދުވަސްތަކުން ނަވާލްގެ ފަޅުކަން ފިލުވަން ހަދާނެ ގޮތެއް ވެސް ނޭނގެ އެވެ. ހިތް އެދުނީ އެކަރުނަތައް ފައިބައިގެންދާން ދޫކޮށްލައިފައި ހިތްހަމަޖެހޭންދެން ރޯލާށެވެ. އިނދެވުނު ތަނުގެ ގޮތުން ނޫންނަމަ އަމިއްލަ ނަފްސް ހުއްޓުވާކަށް އޭނަ ކުޑަވެސް މަސައްކަތެއް ނުކުރީހެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular