7 Nov 2019

By: Mariyam Yasma

"ހަނދާންކޮށްބަލަ އޯލެވެލް އަހަރު. ފެއަރވެލް ޕާޓީ. ދެން ހަނދާންކޮށްބަލަ ރައިޝާ ވަސީމް.." އަކީލްގެ މޭގައި ޝަހާދަތް އިނގިލި ވިއްދާލައިގެން ހުރެ ރައިޝާ ބުނަން ބޭނުންވި ޖުމްލަތައް އިއްވާލައިފައި އެދިޔަގޮތަށް ގޮސް ލިފްޓުން ނިކުމެ ލޯމަތިން ގެއްލިއްޖެ އެވެ.

***

ބެލް ޖެހި އަޑާއެކު ކުރަން ހުރި މަސައްކަތް ހުއްޓާލައިފައި ކުދިންތައް ކުލާސްރޫމް ދޫކޮށްފައި ނިކުންނަން ފެށި އެވެ. އެއިގެތެރެއިން ވެސް އެންމެ ކުރީގައި ތިބީ ފިރިހެން ކުދިންނެވެ. އަންހެން ކުދިންނަކީ އާންމުކޮށް ކުރާ ކޮންމެ ކަމެއްގައިވެސް ވަގުތު ނަގާ ބައެކެވެ. ރައިޝާ ތެދުވެގެން ހިނގައިގަތްއިރު ފަހަތުގައި ޖެހި ޖެހިގެން ތިބި ދެ ކުއްޖަކު ހަފްތާ ބަންދަށް ދަތުރެއް ރާވާ ވާހަކަ ކިޔަ އެވެ. އިތުރު ތިން ކުއްޖަކުވެގެން ދައްކަމުން ދިޔައީ "ގާރލްސް ނައިޓް" އަކަށް އެތަނުން ކުއްޖެއްގެ ގެއަށް ދާ ވާހަކަ އެކެވެ.

އެކަމަކު ރައިޝާގެ ތާވަލުގައި އޮތީ އާދައިގެ މަތިން ކިޔެވުމެވެ. މަޖާކޮށް ސަކަރާތް ޖަހާކަށް އޭނައަށށް ވަގުތެއް ނެތެވެ. އޯލެވެލް އިމްތިހާނު އޮތީ ބޯމަތިވެފަ އެވެ.

ކްލާސް ރޫމުން ނިކުމެގެން ގޭޓާއި ދިމާއަށް ދިޔައިރު ބެންޗްތަކުގައި ބައެއް ކުދިން ތިއްބެވެ. އަނެއް ބަޔަކު ރައިޝާ ފަދައިން ނިކުންނަން ދަނީ އެވެ. ފަހަތުން ގޮވާހެން ރައިޝާ އަށް ހީވީ ގޭޓާއި ދާދި ގާތްވެފައި ހުއްޓަ އެވެ. އެނބުރި ބަލައިލިއިރު ދުރުގައި ތިބި ފަސްވަރަކަށް ފިރިހެންކުދިންގެ ޤުރޫޕެއްގައި ތިބި އެންމެންގެ ނަޒަރު ހުރީ އޭނައަށެވެ. ރައިޝާގެ މެއަށް ފިނިވެލި އެވެ. އެހުރިހާ އެންމެން އޭނައަށް އެބަލަނީ ކީއްވެ ހެއްޔެވެ؟ އަދި އެވެސް ޒުވާން ފިރިހެންކުދިންނެވެ.

އޭނައަށް ހީވިގޮތެއް ކަމަށް ނިންމައި އެނބުރިލަން އުޅެނިކޮށް އެތަނުން އެކަކު އަތް ހިއްލާލިތަން ފެނުނެވެ. ރައިޝާގެ ސަމާލުކަން އެމީހަކަށް ހުއްޓައިލުމާއެކު ކުރިއަށްވުރެ ބޮޑަށް މެއަށް ފިނިވެލި އެވެ. ސުކޫލްގައި އުޅޭ އެއުމުރުގެ ހުރިހާ ފިރިހެންކުދިންގެ ތެރެއިން އެންމެ ރީތި ފިރިހެންކުއްޖާ އެއަންނަނީ އޭނައާ ދިމާއަށެވެ. އަކީލްގެ ސަމާލުކަން ހޯދަން ހުރިހާ އަންހެންކުދިން ބޭނުންވެ އެވެ.

ދެވަނަ ފަހަރަށް ވެސް އޭނައަށް އޮޅުނީކަމަށް ނިންމާފައި ރައިޝާ ފަސްއެނބުރި ބަލައިލީ އަކީލް އެވާހަކަދައްކާ މީހަކު އޭނަގެ ފަހަތުގައި ހުރިތޯ ބަލައިލަންވެގެންނެވެ. އެކަމަކު ފަހަތުގައި އެކަކުވެސް ނެތެވެ. މަގަތަށް އެނބުރުމާއެކު އަނެއްކާ ވެސް ބައްދަލުވީ ކުރިމައްޗަށް އައިސް ހުއްޓުނު އަކީލްއާ އެވެ. ކައިރިން އަދި މާފުރިހަމަހެން ހީވި އެވެ.

"ރައިޝާ! ހައި! ވަރަށް ލަސްވެގެންތަ ތިދަނީ؟" އެއް އަތް ޖީބަށް ޖަހާލަމުން އަކީލް ހަމަޖެހިލާފައި ވާހަކަދެއްކި އެވެ.

"ކިހިނެތް އަހަރެންގެ ނަން އެނގުނީ؟" އިޚުތިޔާރެއްނެތި ރައިޝާގެ އަނގައިން ނިކުތެވެ.

"ކީއްވެ ނޭނގެންވީ؟ އަހަރުން އެއްކުލާހެއްގައެއްނު އުޅެނީ..." އަކީލް ހިނިތުންވެލިހެން ހީވީ ގަދަކަމުންނެވެ. ކޮންމެވެސް ސަބަބަކާއިހުރެ ރައިޝާ އެހެން އެހުމުން އޭނަ ނުތަނަވަސްވެއްޖެ އެވެ.

ރައިޝާ ކޮނޑުއަރުވައިލި އެވެ. މިހާ ދުވަސްވީއިރު ގައިމު އަކީލް އޭނައާ ވާހަކަދެއްކި ދުވަހެއް ހަނދާން ނެތެވެ. އަކީލް އޭނައާ ވާހަކަދައްކަން ވެސް ވީ ކީއްވެ ހެއްޔެވެ؟ އޭނަ އެއީ ކުލާހުގައި އުޅޭ އަކީލްގެ އެކުވެރިންގެ ތެރެއިން ކުއްޖެއް ނޫނެވެ. އަވަށްޓެރިއެއް ނޫނެވެ. އަދި އަކީލްގެ ސަމާލުކަން ލިބޭފަދަ ރީތިކަމެއް ލިބިފައިވާ ކުއްޖެއް ވެސް ނޫނެވެ. އެންމެންނަށް އޭނަ ފާހަގަވާ ހަމައެކަނި ސަބަބަކީ އޭނަގެ ފަލަ ހަށިގަނޑެވެ.

"އަހަންނަށް ރައިޝާގެ ނަން އެނގޭ ސަބަބަކީ ތީ މުޅި ކުލާހުގައި ހުރި އެންމެމޮޅު ކުއްޖާ ވީމަ..." އަކީލް ސީރިއަސް ނަޒަރަކުން ބަލަން ހުރެފައި އިއްވައިލި އެވެ.

އެޖުމްލަ އެއީ ރައިޝާ އަހަން ތައްޔާރުވެގެން ހުރި ޖުމްލައެއް ނޫނެވެ. އޭނަ ހީކުރީ އަކީލް ބުނާނީ އެނންމެ ފަލަ ކުއްޖާކަމުގަ އެވެ. އޭނަ ހޯދާ ކާމިޔާބީއަށްޓަކައި އެހާ ފަޚުރުވެރިވެވުނު ވަގުތުކޮޅެއް ނާދެ އެވެ. ތުންފަތަށް ވެރިވި ހިނިތުންވުން މާބޮޑަށް ފުޅާވެގެން ނުދަނީސް ރައިޝާ އެހިނިތުންވުން ފިލުވައިލި އެވެ.

"އަހަރެން އަސްލު ރައިޝާ ކައިރީ ކަމަކު އެދެންވެގެން މިއައީ؟ ލަސްވޭތަ އަނެއްކާ؟" އެނބުރި އެކުވެރިންނަށް ބަލައިލުމަށްފަހު އަކީލް އަނެއްކާ ވެސް ހަތަރުކަޅި ހަމަކޮށްލި އެވެ.

"ކިޔާބަލަ!" އަތުކުރީ ގަޑިއަށް ނަޒަރެއް ދިނުމަށްފަހު ރައިޝާ ފުރުސަތުދިނެވެ.

އަކީލް ނުތަނަވަސްވެފައި ބޯކަހައިލި އެވެ. ރައިޝާގެ ޝައުޤުވެރިކަން އިތުރުވި އެވެ. އޭނައަށް ފެނިފައި ހުރީ އަބަދުވެސް ގަދަވެލައިގެން އުޅޭ އަކީލް އެކެވެ. ސަކަރާތްޖެހުމާއި މަޖާ ކުރުމުގައި ވަގުތު ހޭދަކުރާ ޒުވާނެކެވެ. ނުތަނަވަސްވުމާއި ފަސްޖެހުމަކީ އަކީލްއަށް އެނގޭ އިހްސާސްތަކެއް ކަމުގައި ވެސް ޝައްކު ކުރި އެވެ.

"އަހަންނަށް ޓިއުޝަން ނަގައިދޭންވީނު..." އަކީލްގެ ޖުމްލަ ނިންމާލައިފައި ބަލަން ފެށީ ހަޤީޤަތުގައިވވެސް އެކަމަށް އެދިގެން ބަލަން ހުރި މީހަކު ފަދައިންނެވެ.

ރައިޝާ އެވަގުތު އެއްޗެއް ނުބުނެ ހައިރާންވެފައި ހުރުމުން އަދި އިތުރަށް "ޕްލީޒް!" އޭ ބުނެލި އެވެ.. ހިމޭނުން ހުރެލައިފައި ރައިޝާ ފެށީ ހޭށެވެ.

"އަހަންނަށް އެނގިއްޖެ. މީ ޕްރޭންކެއް ދޯ؟ އަކީލްގެ އެކުވެރިންގެ ބެޓު ކާމިޔާބެއް ނުވިއޭ ބުނަން ދޭ. ހައްދައެއްނުލެވުނޭ އޭގެ ކުރިން މަށަށް ފަޅާއެރީއޭ.." ރައިޝާގެ ވާހަކަ ނުނިމެނީސް އަކީލް މަޑުމަޑުން ދެފަރާތަށް ބޯ ހޫރަން ފެށި އެވެ.

އެކަމަކު ރައިޝާ އެއީ ކަމަކަށް ނުހެދި އެވެ. ފުރަގަސްދީފައި އޭނަ ދާން ފެށީ އަނެއްކާ ވެސް ގޭޓުން ނިކުންނާށެވެ. ތަންކޮޅަކަށް ދެވުނުތަނާ އަކީލްގެ ދިގު ފިޔަވަޅުތަކާއެކު އައިސް އޭނައާ ހަމަކުރި އެވެ. އަކީލް އޭނައަށް ޔޔަޤީންކޮށްދޭން މަސައްކަތް ކުރަމުން ދިޔައީ އެއީ އޮޅުވައިލުމެއް ނޫންކަމުގަ އެވެ. ހަޤީޤަތުގައި ވެސް އޭނަ އެކަމަށް އެދޭ ކަމުގަ އެވެ. އަކީލް ހުއްޓުނީ ރައިޝާ މަގުމައްޗަށް ނިކުތީމަ އެވެ. އަމިއްލަ މޮޔަކަމާއިމެދު ރައިޝާ އެނަފްސަށް އަޑުލީ އެހިސާބުންނެވެ. ހިނދުކޮޅަކަށް ވިއަސް އަކީލްގެ ދަލުގައި ޖެހެވުނީތީ ރުޅިއާދެވުނެވެ.

ގެއަށް ގޮސް ވަންގޮތުން ވެސް ރައިޝާގެ މޫޑު ޚަރާބުވެފައިވާކަން މަންމައަށް އެނގުނެވެ. ކާން ގޮވުމުން އެއަޑު ނާހައި ވަދެގެން ދިޔައީ ކޮޓަރިއަށެވެ. މީގެ ކުރިން އޭނައަކީ އައިސް ފުރަތަމަވެސް ބަދިގެއަށް ކާން ވަންނަ ކުއްޖެކެވެ. ޔުނީފޯމް ބާލާނީވެސް އެއަށްފަހުގަ އެވެ. އޭނަ އަންނައިރު ކެއުމަށް ބޭނުންވެފައި ހުންނަވަރު އެނގޭތީ ފަހުން ފަހުން މަންމަ ވެސް އެކަމާއި ޝަކުވާއެއް ނުކުރެ އެވެ.

ދަބަސް ލިޔާ މޭޒުމަތީ ބޭއްވުމަށްފަހު ރައިޝާ ހުއްޓުނީ ރީތިވާމޭޒު ކުރިމަތީ ހަރުކޮށްފައިވާ ލޯގަނޑު ކައިރިއަށެވެ. ބަންދު ތިރިއަށް ދޫކޮށްލައިފައި ފުފިފައިވާ ބަނޑަށް ބަލަން ހުއްޓެވެ. ވަކި ވަކިން ދެއަތުގެ ހަރުވެފައިވާ މަސްތަކަށް ނަޒަރު ހިންގާލުމަށްފަހު އެންމެފަހުން ދެއަތްތިލަ ޖައްސައިލީ ފުފިފައިވާ ދެކޮލުގަ އެވެ. ބަލަން ހުރެފައި ދެއަތުން ދެކޮޅަށް ފިއްތައިލީ އެމަސްތައް އެތެރެއަށް ވައްދާލަން ބޭނުންވެފައިވާ ކުއްޖަކު ފަދައިންނެވެ. މަންމަ ދޮރު ހުޅުވާލި އަޑާއެކު އަވަސް އަވަހަށް ދެއަތް ތިރިކޮށްލާފައި އެދިމާއަށް އެނބުރުނެވެ.

"ހިނގާ ކާން ދާން!" ތަޅުގައި ހިފާލައިގެން ހުރެ އަމީރާ ދަރިފުޅަށް ބަލައިލީ އެމޫނުގެ ކުލަވަރު ދެނެގަންނަން މަސައްކަތް ކުރަމުންނެވެ.

"ނެތް ކާހިތެއް..." ރައިޝާ މިސްރާބު ޖެހީ އަލަމާރިއާ ދިމާއަށެވެ.

އަމީރާ ބަލަހައްޓައިގެން ހުއްޓާ ލާންވީ އަންނައުނު ހިފައިގެން ޔުނީފޯމް ބަދަލުކުރަން ފާޚާނާއަށް ވަދދެއްޖެ އެވެ. އަމީރާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

ފާޚާނާއަށް ވަދެ ހެދުން ބަދަލުކުރަން ނުފެށި އުޅެނިކޮށް ބަނޑު ގުގުރައިގަތެވެ. ލޮލަށް ކަރުނަ ގިނަވާކަން އެނގިގެން ރައިޝާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. ނިކުމެ ބަދިގެއަށް ދާން ވެގެން އޭނަ ދެފަހަރު މަތިން ދޮރާއި ދިމާއަށް ދިޔަ އެވެ. އެކަމަކު އަނެއްކާ ވެސް އަނބުރާލައިފައި ގޮސް އޮށޯންނަނީ އެނދުގަ އެވެ. ދޮރުގައި ޓަކިދޭން ފެށީ އެހެން އޮތްވަ އެވެ. ރައިޝާ ތެދުވެ އިށީންނީ އެއީ ކާކުކަން އެނގިގެންނެވެ. އެކޮޓަރިއަށް ޓަކި ދީފައި ވަންނާނީ ބައްޕަ އެވެ.

ކުޑައިރުކޮޅެއް ކޮށްފައި ވަސީމް ދޮރު ހުޅުވައިލި އެވެ. ބައްޕަގެ މޫނަށް ނުބަލަންވެގެން ރައިޝާ އިސްޖަހައިލި އެވެ. ބައްޕަ އައިސް ކައިރިވުމުން އޭނަ ނުތަނަވަސްކަމާއެކު އަތުގެ އިނގިލިތަކާއި ކުޅެން ފެށި އެވެ.

"ބައްޕަ މިތާ އިށީނދެލަންތަ؟" ބައްޕަ އެދުނީ ހުއްދަ އަށެވެ.

ރައިޝާ ބޯޖަހައިލުމުން ބައްޕަ ތަންކޮޅެއް ދުރުގައި އިށީނދެލި އެވެ.

"ކިހިނެތްވީ؟" ބައްޕަ އެހި އެވެ.

"އަހަރެން ބޭނުމީ ހިކެން.. އަބަދު ކޭމަ ފަލައެއްނު ވާނީ..." ރައިޝާ ޖަވާބުދިނެވެ. ބައްޕަ ކުރިމަތީ ދޮގު ހެދިއަސް ބައްޕައަށް އެނގޭނެ އެވެ.

"އެކަމަކު ނުކައި ހުއްޓަސް ނުހިކޭނެ. ބަލި ވާނީ. އެގޮތް ބޭނުންތަ ދަރިފުޅު؟ އެއިރުން ކިޔެވުމަށް ވާނީ ކިހިނެތް؟ ބޯމަތިވެފައިވާ އިމްތިހާނުގެ ކުރިން ކިޔެވުމަށް ބުރޫ އަރައިފިއްޔާ ދެން ވާނެ ގޮތް ބައްޕަ ނުޖެހޭނެ ކަންނޭނގެ ކިޔާދޭކަށް..." ވަސީމްގެ ވާހަކަ އިވިފައި ރައިޝާއަށް އެމޫނަށް ބަލައިލުމަށްފަހު މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލެވުނެވެ.. އެއީ އޭނަ ހުވަފެނެއްގައި ވެސް ދެކެން ބޭނުންވާ ދުވަހެއް ނޫނެވެ.

"އެހެންވީމަ ހިނގާ ކާން. ކިޔެވުމަކީ ނުކައި ހުރެގެން ކުރެވޭނެ ކަމެއް ނޫން. ތިހާ ބޮޑު ސިކުނޑިއަކަށް ގިނަ ކާނާ ވެސް ބޭނުން ވާނެ..." ބައްޕަ ތެދުވެފައި ރައިޝާގެ މުލައްދަނޑީގައި ހިފާ ނަގަން އުޅުމުން ރައިޝާ ވެސް އިތުރަށް ދެކޮޅެއް ނުހަދަ އެވެ.

ދެބަފައިން ގޮސް ބަދިގެއަށް ވަންއިރު ކާތަށިމަތީ އަތުރާފައިވާ ކާ އެއްޗެހި ފެނިފައި ކުޅުދިޔާވި އެވެ. ކާން ފެށުމާއެކު އެހެން ހުރިހާ ކަމެއްގެ މަތިން އޭނަ ހަނދާން ނެތުނެވެ.

"ބައްޕަ ކީއްވެ މިފަހަރު ކޮރު އިދުރީސްބެ މަތިން ހަނދާންނުކޮށްދިނީ؟" ހަމަކަށް އެޅުނުފަހުން ރައިޝާ ސުވާލުކުރި އެވެ.

މޭޒުގެ އަނެއްފަރާތުގައި ތިބި މަންމަ އާއި ބައްޕަގެ އިތުރުން ޖެހިގެން އިން އެއްބަނޑު އެއްބަފާ ދައްތަ އިމްޝާގެ ނަޒަރު ވެސް އެވަގުތު ރައިޝާއަށް ހުއްޓުނެވެ.

ކޮރު އިދުރީސްބެގެ ވާހަކަ ބައްޕަ ފުރަތަމަ ކިޔައިދިނީ ކުލާސް ކުއްޖަކު ރައިޝާގެ ފަލަކަމާހުރެ މަލާމާތް ކޮށްގެން ގެއަށް އައިސް ރޯން އޮތް ދުވަހެއްގަ އެވެ. އެބޭ ކޮރުގެ މީހުން މަލާމާތް ކުރި އެވެ. އަޅާލާނެ މީހަކު ނުވި އެވެ. އެކުވެރިންނެއް ނުތިބެ އެވެ. އައިބުވެ އަމިއްލަ މައިންބަފައިން ވެސް ބާކީކޮށްލި އެވެ. އެބޭ ކުރި އެރީ އަމިއްލަ މަސައްކަތުންނެވެ. އެކަނި މާއެކަނި ކުރި މަސައްކަތުން ލިބުނު ފައިސާ ފަހަރަށް ރައްކާކޮށްގެން ބޮޑު މަހުޖަނަކަށްވި އެވެ. އިނދެގެން އުޅެނީ އެންމެ ރީތި އަންހެނުންގެ ތެރެއިން އެކަކާ އެވެ. ލިބުނު ދަރިންނަކީ މިއަދު ޑޮކްޓަރުންނާއި ޓީޗަރުންނެވެ. އޭގެ ފަހުން ވެސް އެފަދަ ކަމެއް ދިމާވާ ދުވަހަކު ވިއްޔާ އެބޭއެއްގެ ވާހަކަ ބައްޕަ ކިޔައިދެ އެވެ. ފަހުން އެވާހަކަ ފަށާއިރަށް ވާހަކައިގެ ބާކީ ބައި ކިޔައިދެނީ ރައިޝާ އާއި އިމްޝާ ވެގެންނެވެ.

"އިދުރީސްބެ އަކީ އައިބު ހުރި މީހެއް. އެކަމަކު ބައްޕަގެ ދަރިފުޅަކީ ކުލާހުގައި ވެސް އަދި މުޅި ސުކޫލުގައި ވެސް ހުރި އެންމެ މޮޅު ކުއްޖާ...ބައްޕަމެން ދަރިފުޅާއިމެދު ފަޚުރުވެރިވަން...." ވަސީމް ކެއުން މެދުކަނޑާލައިފައި ރައިޝާގެ މޫނަށް ބަލައިލި އެވެ.

"އެތެދެއް. އެން ޔޫ އާ ނޮޓް ފެޓް. ޔޫއާ ކިއުޓް..." އިމްޝާ ބައްޕައާ އެއްބައިވެލުމަށްފަހު ކައިރިވެ ރައިޝާގެ ކޮލުގައި ހިފާލައިފައި ގެނެސް ނިތުގައި ބޮސްދިނެވެ.

ރައިޝާގެ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުން ދެކެން އިނދެގެން ވަސީމް އާއި އަމީރާ ހިނިތުންވެލީ އެއަށްވުރެ އުފާވެރިކޮށެވެ.

މަޣްރިބް ނަމާދުކުރަން ރައިޝާ ހުއްޓާ ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަނެވެ. ސަލާމް ދީ ނިމުމާއެކު އިމްޝާ ވާހަކަދެއްކީ ކޮއްކޮގެ އެނދުމަތީ އިނދެފަ އެވެ. ބުނީ ކުއްޖަކު އޭނަ ހޯދަން ފޯނަށް ގުޅާފައި އޮތް ވާހަކަ އެވެ.

"ކާކުތޯ ނާހަންތަ؟" " އަވަސް އަވަހަށް ދޮޅި ބާލައި ފަތްޖަހައިލަމުން ރައިޝާ އެހި އެވެ.

"އެހީމަ ބުނީ ކުލާސްކުއްޖެކޭ.. ނޭނގެ މިހާރު ގިނައިރުވެގެން ކަނޑައިނުލާ ކަމެއް ވެސް.." އިމްޝާ ތެދުވެގެން ނިކުންނަން ދިޔަ އެވެ.

ރައިޝާ ސްޓާކީން ވެސް ބާލާފައި މުސައްލަ އޮޅައިލުމަށްފަހު ގޮސް ފޯނުގެ އަތްގަނޑު ނެގީ ނުކެނޑި އޮވެދާނެ ކަމަށް ހީކޮށްގެންނެވެ. އެކަމަކު އޭނަ ހަލޯއޭ ބުނެލުމާއެކު އެކޮޅުން ވެސް ހަލޯއޭ ބުނެލައިފި އެވެ. އެންމެ ހައިރާންވީ ފިރިހެން އަޑަކަށް ވުމުންނެވެ.

"ކާކު؟" ރައިޝާ ސުވާލުކުރި އެވެ.

"މީ އަކީލް..." އަކީލް އޮޅުންފިލުވައިދިނެވެ.

"އަކީލް ކީއްކުރަން ތިގުޅީ؟" ރައިޝާ ދެކޮޅު ބަލައިލުމަށްފަހު ތަންކޮޅެއް މަޑުން އެހި އެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އޭނަ ފޯނު ހިފައިގެން ކައިރީ ހުރި ސޯފާގެ އެއްކޮޅުގައި އިށީނދެލި އެވެ.

"ރައިޝާގެ ޖަވާބު ބަދަލުވޭތޯ އާދޭސްކުރަން ޖެހިއްޖެއްޔާ އާދޭސް ކުރަން މިގުޅީ...އަހަރެން ހުވާކޮށްފަ މިބުނަނީ މީ ޕްރޭންކެއް ނޫން. އައި ރިއަލީ ނީޑް ޔުއަ ހެލްޕް. ޕްލީޒް އާއެކޭ ބުނޭ! " އަކީލް އާދޭސްކުރަން ފެށި އެވެ.

ރައިޝާއަށް އުދަނގޫވި އެވެ. އެހީ އަކަށް އެދޭ މީހަކަށް ފުރަގަސްދިނުމަކީ އޭނައަށް ކުރަން ފަސޭހަކަމެއް ނޫނެވެ.

"އެންމެ ރަނގަޅު ތީ ޕްރޭންކެއް ނޫނޯ. އެކަމަކު އެހެންވިއަސް އަހަންނަކަށް ނުވާނެ އެހާ ވަގުތެއް...އަހަރެން ޖެހޭ އިމްތިހާނަށް ތައްޔާރުވަން...އަހަރެން އެހާ ހިތްހަމައެއްވެސް ނުޖެހޭ. ދެން ނުގުޅާތި މިގެއަށް. ބާއި. " ރައިޝާ ހިތް ހަރުކޮށްލާފައި އުޅުނީ ފޯނު ބާއްވާށެވެ.

"ރައިޝާ އިހަށް ފޯނު ނުބާއްވާ އަޑު އަހާބަލަ! ދެމީހުން އެއްކޮށް ފިލާވަޅު ދަސްކުރީމަ ވަގުތުގެ ދައްޗެއް ނާންނާނެ އެއްނު. އެއިރުން އަހަންނަށް އެނގޭ އެއްޗެއް ވެސް ރައިޝާއަށް ބުނެދިނުމުގެ ފުރުސަތު އޮންނާނެ....ޕްލީޒް ޕްލީޒް އާއެކޭ ބުނެބަލަ!" އަކީލް ރައިޝާ ރުއްސޭތޯ މަސައްކަތް ކުރި އެވެ.

"ޖަވާބަކީ ނޫނެކޭ..." އަކީލް ރައްދު ދޭނެ ފުރުސަތެއް ނުދީ ރައިޝާ ފޯނު ބޭއްވި އެވެ.

އޭނަ ސޯފާއިން ތެދުވެފައި އެނބުރުނުއިރު ބައްޕަ ފެނުމުން މޭގަނޑު ހީވީ އަނގައަށް އައި ހެންނެވެ. ގުޑާލަން ނޭނގިފައި އެމޫނަށް ބަލަން ހުރެވުނެވެ. އޭނައަށް ނޭވާލެވޭވަރުވީ ބައްޕަ ކައިރިވެފައި އޭނަގެ ބޯމަތީ އަތް ބާއްވައިލުމމަށްފަހު ނިކުމެގެން ދިޔައީމަ އެވެ.

ހިތާއި ދިމާގައި ފިރުމަމުން ގޮސް ކޮޓަރިއަށް ވަދެ މޭޒު ދޮށުގައި އިންނަތާ ގިނައިރެއް ނުވާނެ އެވެ. އިމްޝާ އަނެއްކާ އޭނަ ހޯދަމުން އަތުވެއްޖެ އެވެ.

"މިފަހަރު ކިހިނެތްވީ؟" އިމްޝާ ދޮރު ހުޅުވައިލުމުން ރައިޝާ ލޯ ހަނިކޮށްލިއެވެ.

"ރައިގެ ސްޓަޑީ ޕާޓްނަރ އައިސް އެބައިން..." އިމްޝާ ބޮލުގެ އިޝާރާތުން ސިޓިންރޫމް ދައްކާލައިފައި ބުނެލި އެވެ. އެޖުމްލަ ނިމުނުއިރު ރައިޝާ ތެދުވެ ހުރީ ކޮޅަށެވެ. އޭނަ ސިޓީންރޫމާއި ދިމާއަށް ދިޔައީ އެއީ އަކީލްއަށް ނުވުމަށް އެދި ހިތާއި ހިތުން ދުޢާ ކުރަމުންނެވެ.

ސިޓިންރޫމަށް ގޮސް ނިކުމެވުމާއެކު ގަނޑުވި އެވެ. އަކީލް ހަމަޖެހިލައިގެން އިނީ އޭނަ ކުޑައިރުކޮޅެއް ކުރިން އިށީނދެ އިނދެފައި ތެދުވެގެން ދިޔަ ތަނުގަ އެވެ. އެވަގުތު އަކީލްއަށް އޭނަގެ ހިޔަނިވެގެން ބަލައިލާފައި ކޮޅަށް ތެދުވީ ފުޅާ ހިނިތުންވުމަކާއެކުގަ އެވެ.

"ޕާޓްނަރ.." އަކީލް ގޮވާލި އެވެ.

ދެދަތްޕިލަ ޖައްސާ ބާރުކޮށްލުމާއެކު ރައިޝާ އަކީލްއާ ދިމާއަށް އެޅި ދެފިޔަވަޅަށްފަހު ހުއްޓެން މަޖުބޫރުވީ ބަދިގެއާ ދިމާއިން އައި މަންމަގެ އަޑު އަހާފަ އެވެ. އޭނަ އެދިމާއަށް މޫނު އަނބުރައިލިއިރު މަންމަ އައީ ތަބަކެއްގައި ކާއެއްޗެހިތަކެއް އަތުރައިގެންނެވެ. މަންމަގެ މޫނުގައި ކުރިން ދުވަހަކު ނުދެކޭފަދަ ހިނިތުންވުމެކެވެ. އަކީލް ކައިރީ އިށީންނާށޭ ބުނެ ސޯފާގައި ބެއިންދުމަށްފަހު މަންމަ އަކީލްއަށް ލުއި ކާނާ އާއި ޖޫސް ދޭ ތަން ބަލަން ރައިޝާ ހުރީ އަނދަ އަނދަ އެވެ. އަކީލް އަދި އެދޭތެރެއިން އޭނައަށް ބަލާލައިފައި އެއްލޯމަރައިލި އެވެ.

ރައިޝާ ދެލޯ ބޮޑުކޮށްލިތަން ފެނިގެން އަކީލް ގާތަށް އައީ ހިންޏެވެ. އޭނަ ހިނިގަނޑު ފޮރުވާލައިފައި ތަކުރާރުކޮށް މަންމައަށް ޝުކުރު އަދާކޮށްފައި ތައްޔާރުކޮށްފައި ހުރި ކާއެއްޗިއްސަށް ތައުރީފް ކުރި އެވެ. އަކީލް ހިނިތުންވެފައި ބަލައިލިގޮތުން މަންމަ ވެސް "ބްލަޝް" ވިކަން ޔަޤީނެވެ. އަކީލްގެ އެރީތިކަމުގައި ނުޖެހޭ ބޮޑުމީހަކު ވެސް ނެތީ ހެއްޔެވެ؟

"ވަޓް ދަ ހެލް؟" މަންމަ ގޮސް ގެއްލުމާއެކު ރައިޝާ ވާހަކަދެއްކި އެވެ.

އެއަޑުގައި ނުރުހުންވިއެއް ކަމަކު އެހެންމީހަކަށް އަޑު އިވިދާނެތީ އޭނަ ވިސްނި އެވެ. ވާހަކަދެއްކީ އެހެންވެ މަޑުންނެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular