28 Nov 2019

By: Mariyam Yasma

"އަކީލް...!" އިމްޝާ އައިސް ކުރިން އިންތަނުގައި އިށީނދެފައި ގޮވާލި އެވެ.

"ލުކް! އަހަރެން ޤަބޫލުކުރަން ރިއާނާ ބެލުމާއި ހަވާލުވާން ބޭނުންނުވާނެ އެތައް އެތައް ސަބަބެއް އިމްޝާއަށް ދެއްކިދާނެކަން. އަދި އަހަރެން މިހުރީ އެއިން އެއްވެސް ކަމަކާއި ދެކޮޅަށް ވަކާލާތު ކުރެވޭނެފަދަ މަޤާމެއްގައެއް ނޫން. އަހަރެން ހަމައެކަނި އިމްޝާގެ ކިބައިން މިއެދެނީ ޖަވާބު ދިނުމުގެ ކުރިން ވިސްނައިލަން..." އިމްޝާގެ ވާހަކަ ކުރިއަށް ގެންދިޔަނުދީ އަކީލް ފެށި އެވެ. އޭނަ ވާހަކަދެއްކީ ރައިޝާ އޭނައާ ދިމާވެގެން އެދެމެދުގައި ދެކެވުނު ވާހަކަތައް އިމްޝާއަށް ކިޔައިދީފައި އޮވެދާނެކަމަށް ޤަބޫލުކޮށްގެންނެވެ.

އިމްޝާ އެވަގުތު އެއްޗެއް ނުބުނެ އިނދެފައި ބަލައިލީ މަންމަ ކުރިން ނިކުމެގެން އައި ދިމާއަށެވެ.

"އިމްޝާ އެއްބަސްވިއަސް އަހަރެމެންގެ މެދުގައި އޮންނާނީ ޕްރޮފެޝަނަލް ގުޅުމެއް. އަހަންނަކީ ހަމައެކަނި ރިއާނާގެ ބައްޕަ ކަމުގައި ބެލީމަ ވީ. އިމްޝާގެ މަސައްކަތް ކުރިއަށް ދާނީ އަހަރުމެން ގޭގަ. މަންމަމެނަކަށް ވެސް އަދި ރައިޝާއަކަށް ވެސް އެންގުމުގެ ބޭނުމެއް ނެތް..." ވާހަކަދައްކަމުން ދަނިކޮށް އިމްޝާ ކުއްލިއަކަށް ކޮޅަށް ތެދުވިގޮތުން އޭނައާއެކު އަކީލްގެ ނަޒަރުވެސް ދަތުރުކުރި އެވެ.

"ޑޯންޓް ޔޫ ޑެއާ ސޭ ހާ ނޭމް..." އަކީލްއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލާފައި އިމްޝާ އެންގި އެވެ.

އޭނަގެ އަޑު ނިކުތީ ތުރުތުރަކާއެކުގަ އެވެ. އެދެލޮލުން ކަރުނައިގެ އަސަރު ފައުޅުވާން ފެށި އެވެ. އަކީލް ވަގުތުން ދެއަތް އުފުލާލައިފައި އަމާންދިނެވެ. އޭނައަށް ހުރެވުނީ އިމްޝާގެ ކުލަވަރަށް ބަލާށެވެ. ކޮއްކޮގެ ނަން އޭނަ ކިޔާލުމުން އިމްޝާއަށް އެވީވަރު ދެކެފައި އިތުރު ސުވާލުތައް އުފެދުނު ނަމަވެސް އެސުވާލުތައް ދުލާއި ހަމައަށް ނުގެނެސް ހިފެހެއްޓި އެވެ. މީ އެކަމަށް އެންމެ ރަނގަޅު ވަގުތެއް ނޫނެވެ.

"އަހަންނަށް އިނގޭ އަހަންނަށް އިމްޝާއަށްވުރެ ރަނގަޅު ނެނީއަކު ދެން ނުލިބޭނެކަން. އައި ނޯ ޔޫ ވިލް ބީ ގުޑް ޓު މައި ގާރލް. އެން އައި ރިއަލީ ނީޑް ދިސް..." އަކީލްގެ އެންމެ ފަހު ބަސް އިއްވާފައި ރިއާނާ އުރަންވެގެން ގުދުވެލިހާއިރުން އިމްޝާ އެދިޔަގޮތަށް ގޮސް ކޮޓަރިއެއްގެ ދޮރު ހުޅުވާލައިފައި ވަދެއްޖެ އެވެ.

ދަރިފުޅު ނަގައި އުރާލައިގެން އަކީލްއަށް އެދޮރާއި ދިމާއަށް ބަލަން ހުރެވުނެވެ. ދެން ރިއާނާ އަތުގައި އޮތް މެގަޒިން އަތުލާފައި މޭޒުމަތީ ބޭއްވުމަށްފަހު އޭނަ އަމިއްލައަށް ނިކުންނަން ދިޔަ އެވެ. ޖަވާބު އަންނާނެގޮތް ގާތްގަނޑަކަށް ޔަޤީންވެ ހުރެވެސް އޭނަ އުންމީދުކުރި އެވެ. އެދަރިފުޅުގެ ނަސީބުގައި ރަނގަޅު ގޮތެއްވާން ލިޔެވިފައި ހުރިއްޔާ އިމްޝާ ވެސް ޖެހޭނީ އެއްބަސްވާށެވެ.

ގެއަށް ގޮސް ވެސް އަކީލްއަށް ވިސްނުނީ ރައިޝާއާމެދުގަ އެވެ. އެތައް އަހަރެއް ކުރިން ފުރާވަރުގައި ހިނގާފައި އޮތް ކަމެއްގެ ސަބަބުން މިހާ ދުވަސްފަހުންވެސް ރައިޝާގެ ހިތުގައި އޭނައަށްޓަކައި ރުޅިވެރިކަން ވަނީ ކީއްވެކަމާއިމެދު ސުވާލު އުފެދުނެވެ. އަދި އިމްޝާ ވެސް އުޅުނު ގޮތުން ހީވަނީ އޭނައަށް ނޭނގޭ އިތުރު ކަންތައްތަކެއް ވެސް ހިނގާފައިވާ ހެންނެވެ.

ފިކުރު ކުރަން އިނދެފައި ތެދުވެގެން ގޮސް ފޯނު ހޯދާލައިފައި މިޤްދާދުއަށް ގުޅައިލުމުން ވަރަށް ފަސޭހައިން ނެގި އެވެ. އަކީލްއަށް ވިސްނުނު ވާހަކަތައް ހިއްސާކުރުމުން މިޤްދާދުވެސް އެވާހަކައަށް ތާއީދު ކުރި އެވެ. ނޭނގުނީ އިތުރަށް އޮޅުންފިލުވާނެ ގޮތެކެވެ.

***

ގެއަށް ވަންގޮތަށް ފައިވާން ބާލާފައި ހަރުގަނޑުގައި ބެހެއްޓުމަށްފަހު ރައިޝާ އައިސް އިށީނދެލީ ސިޓިނންރޫމް ސޯފާގަ އެވެ. ހައި ހީލްސްގައި ގިނައިރު ހިނގުމުން ރިހެމުންދިޔަ ދެފައި މޮޑެލާފައި ހިންދެމިލިވަގުތު އިމްޝާ އައިސް އެތަނަށް ވަނެވެ. އަތުގައި ހުރި ޖޫސްތަށި ކުޑަމޭޒުމަތީ ބަހައްޓާފައި އިމްޝާ ރިމޯޓް ނަގައި ޓީވީ ހުޅުވައިލި އެވެ. ޖޫސް ގެނެސސްދެންތޯ އެހުމުން ރައިޝާ ނޫނެކޭ ބުނުމުގެ ގޮތުން މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލި އެވެ. އޭނަ ލައިގެން ހުރި ގަމީސް ދަށށަށް ޖަހާފައި ހުރި ބައި ނައްޓައިލުމަށްފަހު ސޯފާގެ ދިގު ދިގަށް އޮށޯވެލި އެވެ.

އިމްޝާ އިރުކޮޅެއް ވަންދެން ވަކި އެއްޗެއް ނުބުނެ ރައިޝާގެ މޫނަށް ބަލަން އިނެވެ. ދައްތަ ބަލާކަން ރައިޝާއަށް އިހްސާސްވެގެން ބަލައިލުމުން އިމްޝާގެ ނަޒަރު ޓީވީއަށް ބަދަލުކޮށްލި އެވެ.

"ހާދަ ހީވެއޭ އެއްޗެކޭ ބުނަން އުޅޭހެން..." ރައިޝާ ދައްތައާ ދިމާއަށް އެނބުރުނެވެ.

އިމްޝާ ހީގެންފައި ދެފަރާތަށް ބޯ ހޫރުވައިލި އެވެ. އެކަމަކު އެބަހުގައި ސާބިތުވެ އޭނައަށް އިނދެވުނީ އިރުކޮޅަކު އެވެ.

"ބުނީމެއްނު ކުޑަކުއްޖަކު ބަލަން ހަވާލުވާ ވާހަކަ... މިއަދު އޭނަ އައި ދަރިފުޅު ގޮވައިގެން ބައްދަލުކުރަން..." އިމްޝާ އެންމެފަހުން ފެށި އެވެ.

"އެކަމަކު ބުނީމެއްނު އެގެއަށް ދިޔައިރު އެހެން ނެނީއަކު ހަމަޖެހިފައޭ.." ރައިޝާ ހަނދާންކޮށްދިނެވެ.

"ހޫމ އެކުއްޖާ ބޭބީއަށް ކަންތައްކުރީ ރަނގަޅަކަށް ނޫން. އެކަން އެނގުނީމަ ފޮނުވައިލީ..." އިމްޝާގެ ވާހަކަ އަހާފައި ރައިޝާއަށް ތެދުވެވުނެވެ.

"އަޅެ ކޮންމެމީހެއްގެ ދަރިއަކަށް ވިއަސް ކުޑަކުދިންނަށް އިހާނެތިކޮށް ހިތަންވާނެތަ؟" ހިތާއި ދިމާއިން އަތް އަޅާލައިފައި ރައިޝާ ބުނެލި އެވެ.

އިމްޝާއަށް ހިނިތުންވެލެވުނެވެ. އޭނަގެ ކޮއްކޮގެ ހިތަކީ ނިކަން ބޮޑު އެއްޗެކެވެ. ނުދަންނަ މީހަކަށް ވެސް ދެރަގޮތެއް ވާކަށް ނޭދޭނެ އެވެ. އެއީ އަކީލްގެ ދަރިއެއްކަން އެނގުނަސް ކޮއްކޮގެ ހިތް ބަދަލެއް ނުވާނެ އެވެ.

"ދެން ކިހިނެތް ނިންމީ؟ ދައްތަ އެކުއްޖާ ބަލަން ހަވާލުވާން އެއްބަސްވީތަ؟" އިމްޝާގެ ވާހަކަ ކުރިއަށް ނުގެންދެވެނީސް ރައިޝާ ސުވާލުކޮށްލި އެވެ.

"އަދި ޖަވާބެއް ނުދެން.." އިމްޝާ އަވަހަށް ޖޫސްތަށި ނަގާފައި ކޯވަރެއް ދަމައިލި އެވެ. އޭނަ އެތަށި ތިރިކޮށްލިއިރު ރައިޝާ އިނީ އިތުރު ތަފްޞީލަށް އެދިގެން ބަލާށެވެ.

"ޖަވާބުދިނުމުގެ ކުރިން އެބަޖެހޭ ރައިގެ ހިޔާލު ހޯދަން. ރައި ބޭނުން ނެތިއްޔާ އަހަރެން ހަވާލެއް ނުވާނަން.." އިމްޝާ ޖަވާބުދިނެވެ. އެވާހަކަ އަހާފައި ރައިޝާ ސުވާލު އުފެދިގެން ބުމަ ކައިރިކޮށްލި ގޮތް އެއީ އޭނަ ފެންނާނެ ކަމަށް އުންމީދުކުރި ކުލަވަރެވެ.

"އަހަރެން މިކިޔާ ކުއްޖާއަކީ އަކީލްގެ ދަރިފުޅު..." އިމްޝާ އެންމެފަހުން ފާޅުކުރި އެވެ.

އޭނަ ހީކުރިހެން އެއީ ކާކުކަން ހަނދާން ކުރާކަށް ރައިޝާއަކަށް އެންމެ ސިކުންތެއްގެ ވެސް ބޭނުމެއް ނުޖެހެ އެވެ. އެވާހަކަ ބުނުމާއެކު ނޭވާ ހިފަހައްޓައިލި ގޮތުން އޭނައަށް އެނގުނެވެ. އެއީ ކާކުކަން ރައިޝާއަށް އެނގިއްޖެ އެވެ. އަދި އެއީ ރައިޝާ ދުވަހަކުވެސް ހަނދާން ނެތޭނެ ނަމެއް ނޫނެވެ.

ރައިޝާގެ ހިމޭންކަން އެއީ ލިބުނު ފުރުސަތެއް ކަމުގައި ބަލައި އިމްޝާ، އެގެއަށް އައިސް ކަން ހިނގިގޮތް ކިޔާލަދިނެވެ. އެވާހަކަ ނިންމާފައި އޭނަ އަނެއްކާ ވެސް ބުނެދިނީ އަކީލްގެ ދަރިފުޅާއި ހަވާލުވުމުގެ އެއްވެސް ގަސްތެއް އޭނަގެ ނެތް ކަމުގަ އެވެ. ރައިޝާ ފުން ނޭވައެއް ދޫކޮށްލައިފައި ފަހަތަށް ޖެހިލައި އަނެއްކާ ވެސް ކުރިން އޮތް ގޮތަށް އޮށޯވެލި އެވެ.

"އަހަންނަށް އެންމެރަނގަޅު ދައްތަ ރިއާނާ ބަލަން ހަވާލުވިއަސް..." ރައިޝާގެ ވާހަކައިން މިފަހަރު ހައިރާންކަން ލިބުނީ ދައްތަ އަށެވެ. އޭނަ ރިއާނާގެ ނަން ކިޔައިލި ގޮތް އިމްޝާއަށް ފާހަގަވި އެވެ. އޭނައަށް އަކީލްގެ ދަރިފުޅުގެ ނަން ކިއުނުކަމާއިމެދު ހިތާއިހިތުން ސުވާލު އުފެއްދުނެވެ. އެވަގުތު އޭނަ ހަނދާންވި އެވެ. އޭނަ ރިއާނާގެ ނަމެއް ނުކިޔަ އެވެ. އެހިސާބުން އޭނައަށް އެނގިއްޖެ އެވެ.

"އެއީ ހަމައެކަނި ކުޑަކުއްޖެއް. އެހެންނޫނަސް ދައްތަ އެގެއަށް ގޮހެއްނު އޭނަ ބަލާނީވެސް. އެކަމަކު ބައްޕަމެން މަންމަމެން ކައިރީ ބުނުން ރަނގަޅެއް ނުވާނެ..." ރައިޝާ ނިތްމަތީ ކާއްތައިލި އިނގިލިތައް ތިރިކޮށްލާފައި އެނބުރުނުއިރު އިމްޝާ ބަލަން އިނެވެ.

"ކޮންއިރަކު އަކީލްއާ އޭނަގެ ދަރިފުޅާ ދިމާވީ؟" އެއީ ދައްތަ އުފެއްދި ސުވާލެއް ނޫނެވެ. އެއީ ދައްތަ ބުނި ވާހަކައެކެވެ. ރައިޝާއަށް އެކަން އެނގުނެވެ.

ފޮރުވުމެއްނެތި ރައިޝާ ފާއިތުވި ދުވަސްތަކުގެ ވާހަކަ ކިޔައިދިނެވެ. އަކީލްއާއި އޭނަގެ ބައްދަލުވުމާއި މާފަށް އެދުނު ވާހަކަ ވެސް މެ އެވެ. އެދެމެދުގައި ދެކެވުނިއްޔާ ދެކެވުނު ވާހަކައިގެ ތަފްޞީލާއެކުގަ އެވެ.

***

ދެދުވަސްވީއިރު އިމްޝާގެ ޚަބަރެއްނުވި އެވެ. އަކީލްއަށް އިރުއިރުކޮޅާ ފޯނު ޗެކްކޮށްލެވެ އެވެ. ތިންވަނަ ދުވަހަކަށް އަލި ވިލިގެން އައިއިރު އޭނައަށް އެނގިއްޖެ އެވެ. އިމްޝާ އޭނަގެ ހުށައެޅުން ޤަބޫލެއް ނުކުރާނެ އެވެ. އެހެން ގޮތެއް ނެތުމުން އޭނައާއެކު އޮފީހަށް ގެންދާ ގޮތަށް ރިއާނާ ވެސް ތައްޔާރުކުރި އެވެ. ދެބަފައިން ސިޑިން ފޭބިތަނާ ފާރޫޤް ބަދިގެއިން ނިކުތީ ނާސްތާކޮށްގެންނެވެ. ރިއާނާ ފެނުމުން ފާރޫޤް އައިސް ކާފަ ދަރިފުޅު ކައިރިއަށް ގުދުވެލާފައި ވާހަކަދައްކަން ފެށި އެވެ. ރިއާނާ އަމިއްލަ ބަހުރުވައިން ބައްޕަގެ ވާހަކަތައް ރައްދު ދޭތަން ބަލަން ހިނިއައިސްފައި އަކީލް ހުއްޓެވެ. ބެލް ޖަހާ އަޑު އިވުމުން ޚާލިދާ ދޮރާއި ދިމާއަށް ދާތަން ބަލަން ހުރެވުނެވެ. އެގަޑީގައި ގެއަށް އަންނާނީ ކާކު ބާވައޭ ހިތަށް އެރި އެވެ. އެސުވާލުގެ ޖަވާބު ލިބޭކަށް ގިނައިރެއް ނުނެގި އެވެ. ޚާލިދާގެ ފުރަގަހުން ނިކުމެގެން އަންނަތަން ފެނުނީ އިމްޝާ އެވެ.

އަކީލްއަށް ލިބުނު ހައިރާންކަމާއެކު ވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން އައެވެ. އިމްޝާ އެއަންނަނީ އޭނަ ހީކުރިފަދަ ހެޔޮ ޚަބަރަކާއިގެން ކަމަށް ވާނަމަ ދުވަސް ފެށިގެން މިއައީ މުޅިން ރަނގަޅަށެވެ. ދޫކޮށް ހުރި ނޫކުލައިގެ ކުރުތާއަކާއި ހުދު ޖިންސެއްގައި ހުރިއިރު އިމްޝާގެ އިސްތަށިގަނޑު އޮތީ ހުޅިއަކުން ހައްޔަރުކޮށްފަ އެވެ. ކޮނޑުގައި ބެކްޕެކެއް އަޅުވާފައި އޮތްއިރު އަތުގައި ކަރުދާސް ކޮތަޅެއް އޮތެވެ. ކައިރިއަށް އައިސް ހުއްޓެންދެން ވެސް އިމްޝާގެ ނަޒަރު ހުރީ ތުއްތު ރިއާނާ އަށެވެ. އެ ނަޒަރު އަކީލްއަށް ބަދަލުވީ އަދި އޭގެ ފަހުންނެވެ.

"އަކީލް!" ހަތަރުކަޅި ހަމަކޮށްލާފައި އިމްޝާ ގޮވައިލި އެވެ.

"އަހަންނަށް މި ހީކުރެވެނީ ރަނގަޅަށްތަ؟" އަކީލް އެއްބުމަ އަރުވައިލި އެވެ.

އިމްޝާ ހިނިތުންވުމާއެކު ބޯޖަހައިލިތަން ފެނިފައި މެއަށް ފިނިވެގެން އައެވެ.

"ތެންކިއު ސޯ މަޗް އިމްޝާ..." އަކީލް އިމްޝާއަށް ޝުކުރު އަދާކޮށްފައި އެނބުރުނުގޮތަށް ރިއާނާއާ ދިމާއަށް އެނބުރި އެކުއްޖާއަށް ގޮވާލި އެވެ.

ރިއާނާ ބަލައިލުމުން އަތުގެ އިޝާރާތުން އަންނަން ބުނުމާއެކު ދުވެލާފައި އައިސް އަކީލްގެ އެއްފައިގައި އެލިގަތެވެ. އަކީލްއާއެކު އިމްޝާއަށް ވެސް ހެވުނެވެ. ރިއާނާގެ ފަހަތުން އެވަގުތު ފާރޫޤް ވެސް އައިސް އެމީހުން ކައިރިއަށް ހުއްޓިއްޖެ އެވެ. އަކީލް ފުރަތަމަ އިމްޝާ އަށާއި ބައްޕައަށް އެކަކު އަނެކަކުގެ ތައާރަފް ދިނެވެ. ދެން ރިއާނާގެ އޭނަގެ ފަޔާއި ވަކިކޮށްލުމަށްފަހު އިމްޝާއާ ކުރިމަތިވާހެން އަނބުރައިލި އެވެ.

"ރިއާނާ! މީ އިމްޝާ ދައްތަ." އިމްޝާ ރިއާނާގެ ކުރިމަތީ އުޑަފައިން އިށީނދެފައި ހިނިތުންވުމާއެކު ސަލާމަށް އަތްދިއްކޮށްލި އެވެ.

އިމްޝާއަށް ޝައުޤުވެރި ނަޒަރަކުން ބަލައިލާފައި ރިއާނާ ދެން ބަލައިލީ އަކީލްއަށެވެ. އަކީލް ހިނިތުންވުމާއެކު ސަލާމްކުރާށޭ ބުނުމުން އެބުނި އެއްޗެއް ނޭނގިގެން އުޅޭ ކުއްޖަކު ފަދައިން އެސްފިޔަ ޖަހައިލާފައި އަނެއްކާ އިމްޝާއަށް ނަޒަރު ހުއްޓައިލި އެވެ. އިމްޝާ އެވަގުތު އެކުއްޖާގެ އަތުގައި ހިފާ އުފުލާލައިފައި ކުޑަކޮށް ހަލުވާލަމުން ސަލާމުގެ ކުރީބަޔާއި ފަހުބައި ކިޔައިލި އެވެ. އެއަތުން އަނެއް އަތުގައި ކުރިއްސުރެ އޮތް ކޮތަޅު ތެރެއިން ކުޑަ ޓެޑީ ބެއާއެއް ނަގައި ދިއްކޮށްލުމާއެކު ރިއާނާ އުފަލުން ލޯ ބޮޑުކޮށްލާފައި އޭގައި ހިފި އެވެ.

"ސޭ ތެންކިއު!" އަކީލް ރިއާނާގެ އިސްތަށިގަނޑާއި ކުޅެލާފައި އިރުޝާދުދިނެވެ.

ރިއާނާ ޖަވާބުގައި ތެންކިއުއާ ވައްތަރު އެއްޗެކޭ ކިޔާ ގޯޑިގަތެވެ. އެއާއެކު ކައިރީ ތިބި ތިންމީހުންގެ ތުންފަތަށް އަނެއްކާ ވެސް ހިނިތުންވުން ވެރިވި އެވެ.

ބައްޕަ އަތުކުރީ ގަޑިއަށް ނަޒަރެއް ދިނުމަށްފަހު އަކީލްގެ ކޮނޑުގައި ޖަހާލައިފައި ނިކުމެގެން ދާން ފެށި ވަގުތު އިމްޝާ ތެދުވެ ހިންދެމިލި އެވެ. ބޮލުގެ އިޝާރާތުން އަކީލް ވެސް ދާން އިމްޝާ ބުނެލި އެވެ. އަކީލް ލުއި ހިނިގަނޑެއް ޖަހައިލި އެވެ. އެކަމަކު އޭނަ ޔަޤީންނުވާފަދަ ކުލަވަރަކާއެކު ދަތްދޮޅި ކަހާލައިފައި ރިއާނާއަށް ބަލަން ފެށި އެވެ.

"އިމްޝާއާ އޭނަ އަދި އެހާ އެކުވެރި ނުވަނީސް ދޫކޮށްލީމަ ރަނގަޅުވާނެތަ؟" އަކީލްގެ ކަންބޮޑުވުމުގެ ވާހަކަ ހާމަކުރި އެވެ.

"ހާސްނުވޭ.. " އިމްޝާ ޔަޤީންކަމާއެކު ޖަވާބުދިނެވެ.

އަކީލް ބޯޖަހާލައިފައި ގޮސް ދޮރުން ނިކުމެ ނިކުމެ ހުއްޓާ އިމްޝާ އޭނަގެ ނަމުން ގޮވާލިއަޑަށް ހުއްޓެވުނެވެ. އަނެއްފަރާތަށް އެނބުރުނުއިރު އިމްޝާ ފެނުނީ ރިއާނާ ނަގައި އުރައިލިތަނެވެ. ރިއާނާ އޭރުވެސް ބަލަމުން ދިޔައީ އަތުގައި އޮތް ބުދަށެވެ. އިމްޝާ އެވަގުތު އެކުއްޖާ ގޮވައިގެން އަވަސް އަވަހަށް އައިސް ދާދި ކައިރިއަށް ހުއްޓުނެވެ.

"އަވަހަށް ޑެޑީއަށް ބާއި ކިޔާ..!" އިމްޝާ ރިއާނާއަށް ދައްކަން އެއް އަތުން އަކީލްއަށް ޓާޓާ ކިޔާލަމުން އިރުޝާދުދިނެވެ.

އިމްޝާ ދިން ލަފައާ އެއްގޮތަށް ދަރިފުޅު ހެވިލާފައި ޓާޓާ ކިޔާލިތަން ދެކެފައި އަކީލްގެ މެއަށް ބާރުވެގެން އައެވެ. ފެންކަޅިވެފައި ހުރެގެން އޭނަވެސް ހިނިތުންވެފައި ދަރިފުޅަށް ހަނާ އަޅާލި އެވެ. އިމްޝާއާ ހަތަރުކަޅި ބައްދަލުކޮށްލާފައި އަޑުނުލައި ތެންކިއު އޭ ބުނެލި އެވެ. އިމްޝާ ރައްދު ދިނީ ބޯޖަހައިލުމަކުންނެވެ.

***

ލިބިފައި ހުރި އުފަލެއްގެ ބޮޑުކަމުން އޮފީހަށް ވަންގޮތަށް އިޒާ ގެންގޮސް އޭނަ އެޚަބަރު ދިނެވެ. ހަޤީޤަތުގައި އޭނަ އެންމެ ބޮޑަށް ބައްދަލުކުރަން ބޭނުންވެފައި ހުރި ފަރާތަކީ ރައިޝާ އެވެ. އޭނައަށް ޔަޤީނެވެ. އިމްޝާ އެކަމަށް އެއްބަސްވާނީ ރައިޝާގެ ވެސް އަތެއް އޭގައި އޮވެގެންނެވެ. މާނައަކީ އޭނަ ހީކޮށްގެން ހުރި ވަރަށް ރައިޝާ އޭނައަށް ނަފްރަތު ނުކުރާކަމެވެ. ނޫނީ އަދިވެސް ރައިޝާގެ ހިތުގައި އޭނައަށްޓަކައި އިހްސާސްތަކެއް ވަނީ ކަމަށް ވެދާނެ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު މެއަށް ފިނިވެލި އެވެ.

ލިފްޓް ތެރެއިން އާޒިމްއާ ދިމާވުމުން ރައިޝާ ކޮބައިތޯ އަހަން އަކީލް ބޭނުންވި އެވެ. ހިޔާލު ބަދަލުވީ އެތާގައި ތިބި އިތުރަށް މީހުންގެ ސަބަބުންނެވެ. އެއްފަހަރު އޭނަގެ ސަބަބުން ރައިޝާ އެއީ އެންމެންގެ ދުލު ކުރީގައިވި ނަމަކަށް ވެއްޖެ އެވެ. ދެވަނަ ފަހަރަށް އެފަދަ އެއްވެސް ހާލަތެއް އުފައްދާކަށް އޭނަ ބޭނުމެއް ނުވެ އެވެ.

"ހިނގާ ކޮފީ ދޭނަން..." ކެންޓީނުގެ ދޮރާއި ހަމައިން ދެމީހުންގެ މަންޒިލް އެކައްޗެއްކަން އެނގިގެން އަކީލް ހުށައެޅި އެވެ.

އާޒިމް ބޯޖަހާލައިފައި ގޮސް އަކީލްއާ ބައިވެރިވެގެން ހުސް މޭޒެއްގެ ދޮށުގައި ޖައްސައިލި އެވެ. ކޮފީއަށް އޯޑަރު ދީފައި ދެމީހުންކުރެ އެކަކު ވެސް ވާހަކަނުދައްކައި އިރުކޮޅަކު ތިއްބެވެ. އަކީލް ފޯނާއި ކުޅެމުން ދިޔައިރު އާޒިމް ދެފަރާތުގައި ތިބި މީހުންނަށް ބެލި އެވެ. އޭނަ ވާހަކަދައްކަން ފެށީ އަކީލް ފޯނު އުއްޑުން މޭޒުމަތީ ބާއްވާފައި ގޮނޑީގައި ލެނގިލީމަ އެވެ.

"ރައިޝާއާ ދޭތެރޭ ސީރިއަސްތަ؟" އާޒިމް އަހައިލި އެވެ.

ޖެހިލުމެއްނެތި އެހާ ފައުޅުގައި އެހެން އެހުމުން އަކީލް ވެސް ހައިރާންވި އެވެ.

"ލުކް.. އަހަންނަށް އިނގޭ ރައިޝާ. އޭނައާ އަހަރެން އެކުގައި މަސައްކަތް ކުރާތާ ފުދޭވަރަކަށް ދުވަސްވެއްޖެ. ބޭރުފުށުން އޭނަ ކޮންމެ ކުލައެއް ދެއްކިއަސް އެއީ ވަރަށް ރަނގަޅު ކުއްޖެއް. އެހެންވެ މިބުނަނީ ސީރިއަސް ނޫނިއްޔާ އޭނަ ފަހަތުން އުޅޭނެކަމެއް ނެތް.." އާޒިމް ސީރިއަސް ނަޒަރަކުން ބަލަމުން ވާހަކަދެއްކި އެވެ.

އާޒިމްގެ އެވާހަކަތައް އަހާފައި އަކީލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.

"ވާއު... ވަރަށް އުފާވެއްޖެ ރައިޝާއާ ދޭތެރޭ ތިހާ ކެއަރ ކުރާ އެކުވެރިއަކު ހުރިކަން އެނގުނީމަ.." އއަކީލް ތެދުބަހުން ބުނެލި އެވެ.

ވެއިޓަރު ކޮފީ ގެނައުމުން ދެމީހުން އިހަށް މަޑުކޮށްލި އެވެ. އާޒިމް އިތުރަށް ސުވާލުނުކުރި ނަމަވެސް އޭނަ އިނީ އަކީލްގެ ޖަވާބުގެ އިންތިޒާރުގައި ކަން އޭނައަށް އެނގުނެވެ.

"ރައިޝާއަކީ އަހަރެންގެ އުމުރުން ސޯޅަ އަހަރުގައި ލޯބިވެވުނު އަހަރެންގެ ފުރަތަމަ ލޯބި....އެކަމަކު ކަންތައްތައް ދިމާވި ގޮތުން ވަރަށް ގިނަ އަހަރުތަކެއް މެދަށް ދޫވިފަހުން އަލުން އޭނައާ ބައްދަލު މިވީ. އެހެންވީމަ މިފަހަރު މިހުރީ އޭނަ ހާސިލްކުރަން ނިންމައިގެން.." އަކީލް އެވާހަކަތައް ކީއިރު އެއީ ތެދުކަން އަމިއްލަ ނަފްސަށް ވެސް ފުރަތަމަ ފަހަރު އިހްސާސްވި އެވެ. ސޯޅަ އަހަރުގައި ރައިޝާގެ ދަރިވަރެއްގެ ގޮތުގައި އުޅުނުއިރު އުފެދުނު އިހްސާސްތައް އަދިވެސް މަރުނުވާކަމެވެ. އަދި އެއީ އޭނަ ދެވަނަ ފަހަރަށް ގެއްލުވާލަން ބޭނުންވާ ލޯއްބެއް ނޫންކަމެވެ.

"ރައިޝާގެ ހުރޭ ސީރިއަސް ބޯއިފްރެންޑެއް..." އަކީލްގެ ވާހަކަތައް އަހައި ނިމުމުން ހިމޭނުން އިނދެލައިފައި އާޒިމް ބުނެލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular