3 Dec 2019

"ސެޓްކުރަންވީ؟" އީފާ އަހައިލި ރާގުން ހީވަނީ މާވީގެ ޖަވާބު ވަރަށް މުހިއްމުހެންނެވެ. އީތަން އަކީ ރީތި މީހެކެވެ. އެކަމަކު ރީތި ކޮންމެ މީހަކަށް ހިތެއް ނުދެވޭނެއެވެ. އަދި އެހާ ހިސާބަކަށް ނުދެއެވެ. އީތަން ރީތިކަމަށް އެއްބަސްވުމަކީ މާވީ އޭނާ ބޭނުންވުމެއްވެސް ނޫނެވެ. މަޑުމަޑުން ބޯ ހޫރުވާލާފައި މާވީ މޫނު އަނބުރައިލީ ދުރަށެވެ.

" އޯ ކަމޯން، އަބަދު ޒިވިއަންގެ މަތިން ހަނދާންކޮށް ކަރުނ އޮހޮރުވުމަށްވުރެ ހެޔޮވާނެ ނޫންތަ؟ ހަމައެކަނި ޓްރައި ކޮށްލާ، ނޫނީ ފްރެންޑްޝިޕް އަކުން ފަށަމާ ހިނގާ." އީފާ އޭނާ އެއްބަސްކުރުވާފައި ނޫނީ ނުހުއްޓާނެހެން ހީވެގެން މާވީ ގަސްތުކުރީ އޭނާ އިންތަނުން ތެދުވާށެވެ.

ރެސްޓް ރޫމާއި ދިމާލަށް ގޮސް ގޮސް ހުއްޓާ އީފާ އަހާލި ސުވާލާއި އެކު މާވީއަށް މިސްރާބު ބަދަލުކޮށްލެވުނެވެ.

"މާވީގެ ނަންބަރު ފޮނުވަންތަ؟" މާވީ ދުވެފައި އައިސް އުޅުނީ އީފާގެ އަތުން ފޯނު އަތުލާށެވެ. ގަދަކަމުން ނަމަވެސް އީފާގެ ފޯނު ދަމައިގެންއިރު އީފާ ހީހީ ހަލާކުވަނީއެވެ.

"އިޓް އިޒް ޑަން." މާވީގެ މޫނަށް ބަލާލާފައި އީފާ ހީލިއެވެ. އީފާގެ އަތުގައި ހިފާ

ދަމައިގެންފައި އެއަތަށް ފޯނު ޖެހިއިރު މާވީ ހިތްހަމަނުޖެހުނުކަން ހުރީ ފެންނާށެވެ. އެކަމަކު އީފާގެ މޫނުމަތިން ފެންނަ ހިނިތުންވުމުން އެންމ ތަންކޮޅެއްވެސް ކުޑައެއް ނުވިއެވެ.

"އަހަރެންފެ ފޯނަށް ގުޅާ ކޮންމެ ނަންބަރެއް ބްލުކޮ ކޮށްލާނަން." އެކަން އޮތީ މާވީގެ ހިތުގައެވެ. އީތަން އާއި މެދު އޭނާގެ ހިތުގައި އެއްވެސް ޝައުޤުވެރިކަމެއް ނެތެވެ. އަދި އީފާ ދިން ޚިޔާލުތައް އޭނާއަށް މުހިއްމެއްވެސް ނޫނެވެ. އީތަން އަށް އޭނާގެ ހިތަށް ފަރުވާއެއް ނުކުރެވޭނެއެވެ. އެހިތް ފަސޭހަވާން ވަގުތު ނަގާނެއެވެ. އެއްފަހަރު ކަށި ޖެހި ފަދައިން އެ ފުރުޞަތު އޭނާ ދެވަނަ މީހަކަށް ދޭން ބޭނުމެއް ނޫނެވެ. ޒިވިއަންއަށްފަހު އެއްވެސް ފިރިހެނަކަށް އެހިތުގައި އިތުބާރެއް ނެތެވެ.

** **

ޑިއުޓީ ނިންމާފައި ގެއަށް ދިޔަވަގުތަކީ އޭނާގެ ގެއިން އަންހެނަކު ނުކުމެގެން އައިސް ދުރުގައި އޮތް ކާރަކަށް އެރި ވަގުތެވެ. ކާރުގެ ފަހަތު ޝީޓްގައި އިން މާވީއަށް އެ އަންހެންމީހާގެ މޫނު އެއްވެސް ވަރަކަށް ނުފެނުނެވެ. ލައިގެން ހުރި ޕާކިސްތާނު ހެދުމުން އެއީ މީގެކުރިން ދުވަހަކުވެސް ފެނުނު މީހެއްހެން ހިއެއް ނުވެއެވެ. އެމީހެއްގެ ކައިރީ ފިރިހެނަކުވެސް ހުއްޓެވެ.

"އެއީ ކޮންބައެއް؟" މާވީގެ ސުވާލާއި އެކު ހާމިދުއަށް ބޯކަހާލެވުނީ ދޭނެ ޖަވާބެއް ނޭނގިގެން ކަހަލައެވެ. ބައްޕަގެ ހުރިހާ ކަމެއް އެންމެ ގާތުން ބަލާ މީހަކީ ހާމިދުއަށް ވާއިރު އެގެއަށް ވަދެ ނިކުންނަ މީހުން އެނގޭނެކަމަށް މާވީ އަށް ޤަބޫލުކުރެވޭތީ އަހާލެވުނީއެވެ.

"ނޭނގެ. އެކަމަކު މިއަދު އެމީހުން އެއައީ ދެވަނަ ފަހަރު، ހެނދުނުވެސް އައި، އެމީހަކު ދިޔަފަހުން އާމިރު ނުދޭ އޮފީހަކަށްވެސް، ފިކުރުބޮޑުވެފައި އިންތަން ދުށިން. " ހާމިދުގެ ފަރާތުން އެނގުނު މައުލޫމާތަށްފަހު މާވީގެ ހިތް އަނެއްކާވެސް ނުތަނަވަސްވީ އިތުރު ސުވާލުތަކެއް އުފަންވާން ފެށުމުންނެވެ.

ޔަޤީނުންވެސް އެމީހަކީ ނުފޫޒުގަދަ މީހެކެވެ. އެހެން ނަމަ ބައްޕަ ހެނދުނު ނާސްތާގެ ވަގުތު ބައްދަލުކުރަން އެއްބަހެއް ނުވީހެވެ. ކާރުން ފައިބައިގެން ގެއަށް ވަންނަމުން މާވީ ދިޔައީ އެކަމާއި ވިސްނަމުންނެވެ. ގޭތެރެއަށް ވަންއިރު މާމަ ޓީވީ ބަލަން އިންތަން ފެނުނެވެ. އޭނާގެ ސިކުނޑީގައި އެނބުރިގެން ހާސްކަން ވަގުތު ފިލައި ދިޔައެވެ. އަމިއްލަ ގެއަށް އޭނާ ވަންނަން ދިޔައީ ސިއްރުންނެވެ. ފުރަގަސްދީގެން އިން ފައުޒިއްޔާގެ ކައިރިއަށް ގުދުވެ ކަންފަތް ދޮށުގައި ނިކަން ބާރަށް ހަޅެއްލަވައިގަތެވެ. މާވީގެ އަޑު ކެނޑުމުގެކުރިން ފައުޒިއްޔާވެސް ހަޅެއްލަވައިގަތެވެ. ދެން އިވުނީ ދެމީޙުން އެއްފަހަރާ ހޭންފެށި އަޑެވެ.

"ކިރިޔާނު މަރުނުވީ" ފައުޒިއްޔާގެ މޫނުމަތިން ފެނުނީ މާވީއަށް އޮތް ލޯތްބެވެ. އެއީ މާވީ ކުރި ސަމާސާއެއްކަން އޭނާއަށް އެނގެއެވެ. މާވީ ކުރާ އެއްވެސް ކަމަކާއި ނުރުހުންވާވަރަށްވުރެ އެހިތުގައި މާވީއަށް އޮތް ލޯބި ފުނެވެ.

"އެއީ މަޖަލޭ މާމާ، ކޮބައިތަ ބައްޕަ؟" މާވީ އައިސް މާމަގެ ކައިރީ އިށީނެވެ. ފައުޒިއްޔާގެ ކަޅި ހުއްޓުނީ އާމިރުގެ ކޮޓަރީގެ ދޮރާއި ދިމާލަށެވެ.

"އަރާމުކުރަނީ." ފައުޒިއްޔާގެ އަޑަށް އައި ބަދަލު މާވީއަށް ފާހަގަވިއެވެ.

"މިއަދު އޮފީހަށް ނުދިޔައީ ބަލިވީތަ؟" މާވީގެ ސަމާލުކަން އެދޮރާއި ދިމާލަށް ހުއްޓުނެވެ. މާވީގެ މޫނަށް ބަލަހައްޓައިގެން އިން ފައުޒިއްޔާއަށް އެގޮތް ކަމަކު ނުދިޔައެވެ. އެދިމާލަށް ދާން މާވީ ތެދުވެދާނެބިރު އޭނާގެ ހިތުގައި އޮތެވެ.

"ނޫން، ބައެއް ފަހަރު ގޭގައި ވެސް މަޑުކޮށްލަން ޖެހޭނެ ނޫންހޭ ބުނީ، ކަމެއްވިހެން ހިއެއް ނުވޭ، ޑިއުޓީން އައިގޮތަށް ނަމާދުވެސް ނުކޮށޭ ތިހުރީ، ދޭ ފެންވަރައިގެން ނަމާދު ކޮށްލައިގެން ނިކުންނަން، މާމަ ބުނާނަން ތަހްމީނާ ކައިރީ ޓޯސްޓެއް ކަހަލަ އެއްޗެއް ހަދަން." މާވީ ކޮޓަރިއަށް ފޮނުވަން އިތުރު ބަހަނާއެއް ފައުޒިއްޔާއަކަށް ނުލިބުނެވެ. މާވީއަށް ހަށިގަނޑުގެ ލޮޑުކަން އިހްސާސްވީ ދެނެވެ. ނިދިއައިސް ހުއްޓަސް އޭނާ ޖައްސާލާނީ ނަމާދުކޮށްގެންނެވެ.

** **

އާމިރު ބަލައިލީ މީހަކު އެކޮޓަރިއަށް ވަންތަން ފެނިފައެވެ. އެނދުގެ ކުރިމަތީ ހުރި ހެއްލޭ ގޮނޑިއެއްގައި އިން އާމިރު ދެފައި ޖައްސާލައި އެގޮނޑީގެ ހަރަކާތްތައް ހުއްޓުވިއެވެ. ފައުޒިއްޔާގެ މޫނަށް އޭނާ ބަލައިލިއެވެ. އެކޮޓަރިއަށް ފައުޒިއްޔާ އައީ ކީއްކުރަންކަން އޭނާއަށް އެނގޭފަދައެވެ. ޅަކުއްޖެއްހެން އިސްއޮބާލައިގެން އޭނާ އިނެވެ. އުމުރު ދެބައިވެ ބައްޕައެއް ޒިންމާ ނަގަމުން އަޔަސް އޭނާ އަމިއްލަ މަންމަގެ ކުރިމަތީ އަދިވެސް ބަހެއްބުނާކަށް ނުކެރެއެވެ.

"މިންހާ މިގެއަށް އައުމުގެ ހުއްދަ އާމިރު ދިނީ ކީއްކުރަން؟ އަހަރެން ބޭނުމެއް ނޫން މިގޭ ހަތަރު ފާރުން އެތެރެއަށް އޭނަ ވަންނާކަށް." ފައުޒިއްޔާގެ މޫނަށް އާމިރު ބަލައި ނުލައި އިނެވެ. ފައުޒިއްޔާގެ ސުވާލަށް އާމިރު ދޭ ޖަވާބުގެ އެއްވެސް އަގެއް ނުހުންނާނެކަން އެނގޭތީ އޭނާ ޖަވާބު ދޭން ބޭނުންވީ ވިސްނާފައެވެ.

"އެއީ އަހަރެންގެ އަންހެނުން،" އާމިރުގެ ދުލުން އެ ބަސް ނިކުތުމުން ފައުޒިއްޔާ ތުންފިއްތާލިއެވެ.

"ވިހި އހަރުވެއްޖެ މިންހާ އެއީ ދިރިހުރި މީހެއްތޯ އާމިރު ބަލައިނުލާތާ، އޭގެފަހުން ހަމްދާ އާއި ކައިވެނިކޮށް ހަމްދާ ނިޔާވިފަހުންވެސް އަށާރަ އަހަރު، މާވީއަށް އޭނަ ފެންނަން އަހަރެން ބޭނުމެއް ނޫނޭ، އެއީ މާވީގެ ކުރިމައްޗަށް ހާމަވާން ނޭދޭ ސިއްރެއްގެ ގޮތުގައި ބާއްވާ، އޭނަ ބުނާ ކޮންމެ ފަހަރަކު ބައްދަލުކުރުމުގެ ފުރުޞަތު ދީގެން މިހާރު ތިއުޅެނީ ކޮން ގޯހެއް ހަދަން؟" ފައުޒިއްޔާ އެބުނީ ތެދެކެވެ. މިންހާ އަކީ އާމިރުގެ ފުރަތަމަ އަނބިމީހާއެވެ. އެކައިވެނި ނުރޫޅުނަސް އެ ކައިވެނީގެ އެއްވެސް އަސާސެއް އާމިރު ފުރިހަމަކޮށްފައެއް ނުވެއެވެ. މިންހާގެ ހާލުވެސް ބަލައިނުލައެވެ. ހުރިހާގޮތަކުން ކެއްތެރި އަންހެނަކަށް މިންހާ ވިއެވެ. އެކަމަކު އެއީ އިއްޔެ އާއި ހަމަޔައަށެވެ. ވަކީލެއްގެ ފަރާތުން އާމިރުއަށް ފޯނު ކޯލެއް އައުމާއި ހަމަޔަށެވެ. މިންހާއަށް ގެއްލުނު ހުރިހާ ހައްޤެއް ހޯދައިދޭން ހުރި އެ ވަކީލުގެ އެހީ އާއި އެކު އާމިރުގެ ކުރިމައްޗަށް އައިސް ހުއްޓުނީ ކުރީގެ މިންހާއެއް ނޫނެވެ. ހުރިހާގޮތަކުންވެސް މިންހާ ހުރީ ބަދަލުވެފައެވެ.

"ގޯސް ހެދުނީ އޭރު، އަހަރެން މިހުރީ ގޮތް ހުސްވެފައި، މިންހާގެ މައްޗަށް އަހަންނަށް ކުރި ނުހޯދޭހާ ވަރަށް އޭނާ އެހުރީ ތައްޔާރުވެގެން،. ޖަލުގެ ހިތްދަތިކަން އޭނާ އަހަންނަށް ވަރަށް ރަނގަޅަށް ސިފަކޮށްދީފި، އަހަރެން އެތަން ދެކޭކަށް ބޭނުމެއް ނޫން. " އާމިރު ދެއަތް މޫނުގައި އަޅާލިއެވެ. އޭނާގެ ކައިރީ ފައުޒިއްޔާ ހުއްޓުނެވެ.

"ކުރިންވެސް މިންހާ ފައްސާލެވުނީ ކިހާ ފަސޭހައިން، އެކަހަލަ މަޅިއެއް ޖަހާ، ޝާހުވެސް ހުންނާނެ." ފައުޒިއްޔާ ވަސްވާސް ލައިދިނީ އާމިރުގެ ކަންފަތް ދޮށުގައެވެ. އެންމެ ކުށެއް ފޮރުވުމަށް އެތައް ހާސް ކުށަކަށް އަރައިގަންނަން ހިތްވަރުދޭންހުރީ މައިމީހާއެވެ. އެހީވާންހުރީ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އޭނާގެ ލަގަން ނުގެއްލި ސަލާމަތްކުރަން ބޭނުމެވެ.

** **

މާވީ ފެންވަރާ ނަމާދުކޮށްލިއެވެ. ބަދިގެއަށް ވަދެ ޓޯސްޓްކުރި ޕާން ފޮއްޗެއްގައި ޕީނަޓް ބަޓަރ ޖަހައިގެން އައިސް އިށީނީ އެނދުގައެވެ. އެއްއަތުން އޭނާ ފޯނު ހިފާލާއިގެން އިނީ އެޔަށް ގެއްލި ހުސްވެފައެވެ. ވައިބަރ މެސެޖުތައް ހާވަނިކޮށް ފެނުނީ ސަލާމް ގޮވާލާފައި އިން މެސެޖެވެ. އެއީ ކާކުތޯ ބަލާލިއިރު އެ ނަންބަރުގައި އިނީ 'ޕްރިންސް" ޖަހާފައެވެ. އެންމެ ކުޑަމިނުން ފޮޓޯއެއްވެސް ލާފައި ނެތެވެ.

އީތަންއަށް އޭނާގެ ނަންބަރު ފޮނުވި ވާހަކަ އީފާ ބުނި ހަނދާންވުމުން އެއީ އޭނަބާވައޭ މާވީ ހިތަށް އެރިއެވެ. ސަލާމަށް ރައްދު ނުދީ އެ މެސެޖު ޑިލީޓްކޮށްލާފައި ކެއުމުގައި ޝާމިލްވެގެން އިންދާ އަނެއްކާވެސް މެސެޖެއް އައެވެ.

"ހެއި މާވީ" އޭނާގެ ނަމުން ގޮވާލިއެވެ. އަނެއްކާވެސް ޑިލީޓްކޮށްލަން އުޅެނިކޮށް އައީ އިތުރު މެސެޖުތަކެކެވެ. ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ވަކިވަކިން ލިޔެފައި ތިން ހަތަރު މެސެޖުގެ ގޮތުގައި ފޮނުވަން ފަށައިފިއެވެ. އެންމެ މިނެޓެއްގެ ތެރޭ ހަތް މެސެޖް އައެވެ.

އެ ކޮންސަރވޭޝަން ހުޅުވައިލެވުނީ އެހެންވެއެވެ. ޖަވާބު ދިނުމުގައި އަވަސް މީހުންނާއި މާވީ ވާހަކަ ދައްކާ ހިތްވެއެވެ.

"ކަމެއް ކޮށްދީބަލަ، ތިއީ އީފާގެ އެކުވެރިއެއްނު، އަހަރެން މިއުޅެނީ ރައްޓެހިންގެ ޕާރޓީއަކަށް ދާންޖެހިގެން، ގެންދާނެ ރައްޓެއްސަކު ނުވެގެން، ޕްލީޒް އަހަރެން އަންނާނަން ބަލާ، ވަން ނައިޓް، ޕޭވެސް ކޮށްފާނަން" އެއީ އީތަންގެ ފަރާތުން އައި މެސެޖުތަކެވެ.

"ނޯ" އެންމެ ޖަވާބަކުން މާވީއަށް އީތަންގެ ހިތް ރޮއްވާލެވުނުކަން އެނގުނީ އެހެން ޖެހުމާއި އެކު އީތަން ފޮނުވި ސްޓީކާއިންނެވެ.

"ވޯންޓް ޗޮކުލެޓް؟" ފޯނު ވައިބްރޭޓްވެގެން ބަލާލިއިރު އެއީ ފޮޓޯއެކެވެ. ދެ ޗޮކުލެޓް ދެންހޭ ބުނާ ފަދައިން ހިފަހައްޓާލައިގެން ހުރި އީތަންގެ މޫނުން ހަމައެކަނި ފެންނަން ހުރީ ދެލޮލެވެ. މޫނުގެ ބާކީބައި ވަނީ ޗޮކުލެޓުން ނިވާވެފައެވެ. ފިނި ފެންއެއްޗެއް އޮއްސާލުމުން ފިނިވެގެންދާ ފަދައިން މާވީގެ މެޔަށް ފިނިވިއެވެ. އެދެލޮލުގައިވީ ހަތިޔާރަކަށްވުރެ ތޫނުކަމެކެވެ.

"ޔޫ އޮފަރ ބްރައިބް؟" މާވީ އަވަހަށް މެސެޖެއް ފޮނުވާލިއެވެ. ރައްދުގައި އީތަން ފޮނުވީ ހެވިފައިން އިން ސްޓިކާއެކެވެ.

"އައި ވޮންޓް ވިން އަ ބެޓް، ޕްލީޒް ސޭވް މީ" އަނގަމަތީ އަތް އަޅާފައި އިން ރާމާމަކުނުގެ ސްޓިކާ އާއި އެކު އީތަން ފޮނުވިއެވެ.

"އީފާ ބުނި މާވީ ސިންގަލް އޭ." އެ މެސެޖު ފެނިފައި އީފާ އޭނަ އާއި ބެހޭގޮތުން ނުކިޔައިދެނީ ކޮން މައުލޫމާތެއްބާއޭވެސް ހިތަށް އެރިއެވެ. އީތަން ކަމަކީ ހުއްޓާނުލައި މާވީ ރުއްސަން މަސައްކަތް ކުރުމެވެ.

އެތައް ބައިވަރު މެސެޖުތަކަކަށްފަހުވެސް މާވީ އެއްބަހެއް ނުވިއެވެ. އެންމެ ފުރަތަމަ އޭނާ ހުރީ އީތަން މެސެޖު ކޮށްފިނަމަ އެ ނަންބަރު ބްލޮކު ކޮށްލަން ނިންމައގެންނެވެ. އެކަމަކު އީތަންގެ ވާހަކަ ދެއްކުމުގައި ހުރި ގާތްކަމުން އެވަރަށް ހަރުކަށިވާން މާވީއަށް ނުކެރުނީއެވެ. ފޯނުގެ ޑާޓާ އޮފް ކޮށްލާފައި އޭނާ ދުރުގައި ބޭއްވިއެވެ. ތަށިތައް ގެންގޮސް ބަދިގެއަށް ލާފައި އައިސް އެނދުގައި އޮށޯތެވެ. ޑިއުޓީން ނިމިގެން ނިދަން ހިތުލައިގެން ހުއްޓަސް މިހާރު ނިދީގެ އަސަރެއް ނެތެވެ. އަނެއްކާވެސް އޭނާ ފޯނު ނެގީ ނުނިދޭނެތީއެވެ. އަލުން އޮންވެފައި ބަލާލިއިރު އީތަން އެއް ނެތެވެ. މީގެ ދެތިން މިނެޓްކުރިން އީތަން އޮފްވެއްޖެއެވެ.

***

ޖެހިގެން އައި ދުވަހު ޑިއުޓީއަށް ދިޔައިރު މާވީގެ ޑެސްކުގައި އޮތީ ރީނދޫ ކުލައިގެ ފިނިފެންމަލަކާއި އެކު ނޯޓްކޮޅެކެވެ. އެއީ ކާކު ބޭއްވި އެއްޗެއްތޯ އެހުމުން ކޭޝިއަރ ސުދާ ދެއްކީ މޭޒުދޮށުގައި އިން އީތަންއެވެ.

"އޭނަ އެތަނުގައި އިންނަތާ ގަޑިއިރެއްވެއްޖެ؟ މާވީއަށްވުރެ ކުރިން ޑިއުޓީގައި ތިބި ކުދިން އޯޑަރު ނަގަން ދިޔައިރަށް ބުނެފި ފަހުން އަންނާށޭ، މީހަކަށް މަޑުކުރަނީތޯ އަހާލުމުން ބުނީ މާވީއަށޭ، ދަންނަ ކުއްޖެއްތަ؟" ސުދާ އަހާލިއެވެ.

އީތަން އޭނާއަށް މާ ފޮނުވި ސަބަބު ވިސްނިއްޖެއެވެ. މާވީ ހިނގައިގަތީ ޑެސްކުމަތީ ގައި އޮތް މާ ހިފައިގެންނެވެ. އީތަން އިން މޭޒުމައްޗަށް މާ ޖެހުމަށްފަހު މާވީ ރުޅިއައިކަން ދައްކާލިއެވެ.

"އަހަރެންގެ ޖަވާބު ބަދަލެއް ނުވާނެ" މާވީގެ މޫނަށް އީތަން ބަލައިލިއެވެ.

"މިތާ އިށީދެބަލަ" އީތަން ދެއްކީ ކުރިމަތީގައި އިން ގޮނޑިއެވެ. އެކަމަކު މާވީ ހަނދާންކޮށްދިނީ އޭނާ ހުރީ ޑިއުޓީގައި ކަމެވެ.

"އެމީހުން މަ ރޮލާ ކާނެ، ޕްލީޒް، ދެން ދުވަހަކުވެސް އުދަނގުލެއްވެސް ނުކުރާނަން، ހަމައެކަނި މިރެއަށް،" އީތަން މާވީގެ އަތުގައި ހިފަން މަސައްކަތްކުރިއެވެ. އޭގެކުރިން މާވީ ދެއަތް އުފުލާފައި އެކަމުން މަނާވެގަތެވެ.

"އޯކޭ، ބުނޭ މާވީ އެއްބަސްވާނީ ކޮންކަމަކަށްކަން،، އައި ކެން ޕޭ ޔޫ އެނީތިން" އީތަން ގެ ޖީބުގައި އަދަދު ނުކުރެވޭހާ ފައިސާ ހުރިކަން ހާމަވެގެން ދިޔައެވެ.

"ފައިސާއިން ހުރިހާ ކަމެއް ފުދޭނެ، އެހެންނު، ރެއަކަށް ކުއްޖަކު ފުދޭތަ؟ " މާވީ ނުރުހުންވިއެވެ. އީތަންގެ ވާހަކަ ހުރިގޮތުން އެހެން ފިރިހެނުންނާއި ވަކި ތަފާތެއް ހުރިހެން ހިއެއް ނުވެއެވެ. ޒވިއަން ފަދައިން އީތަންވެސް ބޭނުންވަނީ ރެއަކަށް ކުއްޖެއްހެން ހީވެއެވެ. މާވީގެ ސުވާލާއި އެކު އީތަންގެ މޫނު ހުދުވެގެން ދިޔައެވެ.

"އަހަރެން މިއީ ތި ހީކުރާ ކަހަލަ މީހެއް ނޫނޭ މާވީ، އަހަރެން ކައިވެނީގެ ބޭރުން އެއްވެސް ގުޅުމަކަށް ދައުވަތެއް ނުދޭނަން، އަންނައުނު ބަދަލުކުރާހެން އަންހެންކުދިން އަހަރެން ނުގެންގުޅެން، އަހަރެން އެއްވެސް ކުއްޖަކާއި ރައްޓެހިނުވާތީ އެމީހުން ވަރަށް ދިމާކުރޭ، އަހަންނަށް ބުނެވިއްޖެ މީހަކާއި ރައްޓެހިވެގެންނޭ އުޅެނީ، އެމީހުން ދައްކާލަން ގެންނާށޭ ކިޔާވަރުން، މާދަމާ އަހަރެން ބުނާނަން އަހަރެމެން ބްރޭކްއަޕް ވެއްޖެއޭ، އެ ނިމުނީ އޭރުން، " އީތަން އަނެއްކާވެސް ފެށީ ކުރިންވެސް ދެއްކި ވާހަކަތަކެވެ.

"މިރޭ ގޮސް ތިހެންވެސް ބުނެވިދާނެ، ބުނޭ މިހާރު ބްރޭކްއަޕްވެގެންނޭ މިއައީ، ކިހާ ސިންޕަލް، ހުރިހާ ބޮލުގެ ރިހުމެއް އެދިޔައީ، ނޫނީ ކުއްޖަކާއި ރައްޓެހިވާންވީނު، ޕްލޭ ބޯއީއެއްހެން ނޫޅެ" މާވީ ދާ ޚިޔާލެއް ނެތެވެ. އީތަން ފެނުނު ފަހުން އަދި މިވީ ދެދުވަހެވެ. ނުވެސް ދަންނަ މީހަކާއި އެކު ބޭރަށް ދާން އޭނާއަކަށް ފަސޭހައެއް ނޫނެވެ.

މާވީ ފުރަގަސްދީ ހިނގައިގަތެވެ. އީތަން ބަހެއް ނުބުނުމުން އޭނާ ހީކުރީ މި ބަހުސް މިހާ ހިސާބުން ނިމުނީ ކަމަށެވެ.

"އިތުބާރު ކުރުމަކީ ފަސޭހަ ކަމެއް ނޫން، އަދި ދެވަނަ ފަހަރަށް ލޯބިވުމަކީ ވާނެ ކަމެއްވެސް ނޫން" އީތަންގެ އަޑުގައި ރިހުމެއް ހުއްޓެވެ. މާވީ ނަގަން އުޅުނު ފިޔަވަޅު ހުއްޓާލާފައި ފަސްއެނބުރި ބަލާލިއެވެ.

"އެއްފަހަރު ބުނުމަށްފަހު ދެވަނަ ފަހަރަށް އަހަރެން ތަކުރާރެއް ނުކުރާނަން، އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކު ދެކެ ލޯބިވާކަށް،"

އީތަން ދެލޯ އައިނުން ފޮރުވައި ނުލިނަމަ އެ ދެލޮލުގައި އުފެދެމުން ދިޔަ ކަރުނައިގެ ސާލު ފެނުނީހެވެ. އެކަމަކު އީތަންގެ އަމަލުން އޭނާ ހިތުގައި ޖެހުނުކަން މާވީއަށް އިޙްސާސްވިއެވެ. މާވީގެ ކައިރިން ލާފައި އީތަން ދާން ހިނގައިގަތެވެ. ލޯބީގައި ހިތް ހަލާކުވުމަކީ ވޭންހުރިކަމެއްކަން މާވީއަށްވެސް ވަނީ އެނގިފައެވެ. އަދި އަބަދު ވަށައިގެން ތިބި އެންމެން މީހަކާއި ރައްޓެހިވާން ކިއުމަކީ ކިހާބޮޑު ރިހުމެއްކަން އެނގޭނީ އެކަން ތަހައްމަލުކުރާ މީހަކަށް އެކަންޏެވެ.

"އަހަރެން ދާނަން." މާވީގެ އަޑު ނިކުތީ އޭނާ ބޭނުންވި ވަރަށްވުރެ ބާރަށެވެ. އޭނައަށް ފުރަގަސްދީފައި ދާން ފެށި އީތަން ހުއްޓުނެވެ. އެކަމަކު ފަސްއެނބުރި ބަލައެއް ނުލިއެވެ. ހަމައެކަނި ބޯޖަހާލާފައި އަނެއްކާވެސް ހިނގައިގަތީ ދާށެވެ. އީތަން ނިކުންނަންދެން މާވީ ބަލަންހުއްޓެވެ. އޭނާ ސިހުނީ ފޯނު ވައިބްރޭޓްވެގެންނެވެ. ސްކްރީނުން ފެންނަން އިން އީތަންގެ މެސެޖު ފެނިފައި މާވީގެ ހަރަކާތްތައް އަވަސްވެގެން ދިޔައެވެ. މެސެޖުގައި އޮތީ ތައްޔާރުވާންވީ ގަޑިއެވެ. އަޅަންވީ ހެދުމުގެ ކުލަވެސް އޮތެވެ. އީތަން ބަލާ އަންނާނެކަމަށް ބުނެފައި އޮތަސް ދަނީ ކޮން ތަނަކަށްކަމެއް ނޭނގެއެވެ. (ނުނިމޭ)

ދިގު ވާހަކަ

Popular