21 May 2020

By: Ahmed Nadym

ޒަކްވާން ވައިބާ އިން އެއްޗެއް ފޮނުވާފައި އޮތްތަން ފެނުމުން އެލީޝާ އުފަލުން ގޮސް ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަވަސް އަވަހަށް ހުޅުވާލިއިރު ފޮޓޯއެކެވެ. ފިޒާ އާއި ޒަކްވާން ރުއްތައް އަރާހެން ނަގާފައި އިން ސެލްފީއެކެވެ. އެލީޝާގެ ދެލޮލަށް ކަރުނަ ޖަމާވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެއާއެކު ބޮޑަށް ހިތްދަތިވީ ސެލްފީގެ ތިރީގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލާފައެވެ.

" ވީ ވިލް މިސް ޔޫ.." އެ ހަތަރު ލަފްޒު އެއީ އެލީޝާގެ ހިތަށް ތޫނުކޮއްފައި ހަރާލި ހަންޖަރެއް ފަދައެވެ. ދެމީހުން އެލީޝާ ނެތިސް ބައްދަލުވީކަން އެ އޮތީ ހެއްކާއި އެކު އޭނާއަށް ފެންނާށެވެ. އެހާ ކައިރިވެފައި ދެމީހުން ސެލްފީގައި ތިބުމުން އެލީޝާގެ ހިތަށްވެރިވީ ބުނަން ނޭގޭ ފަދަ ބިރުވެރިކަމަކާއި ނުތަނަވަސް ކަމެކެވެ.

" ޔޫ ޖަސްޓް ފޮގެޓް ހިމް. " ފިޒާގެ އެބަސް އަދިވެސް އެލީޝާގެ ހިނދުރީގައި ގުގުމާ ކަހަލައެވެ.

" އަހަރެން މަތިން އެންމެ ހިނދުކޮޅަކުވެސް އެލީ ހަނދާން ނުނެތޭނެ އިނގޭ " ފިޒާގެ ކޮންމެ ޖުމްލައެއް އެލީޝާގެ ހިތުގައި ކޫރުން އެޅިފައިވީ ތޫނު ވަކިތަކަކުންނެވެ. ޒަޙަމްވެގެން ތެޅޭފަދައިން އެލީޝާ ތެޅިފޮޅެމުން ދިޔައެވެ. ޒަކްވާނާއި ދުރުގައި އެންމެ މިނެޓަކު ދުރުގައި ހުރުމަކީވެސް ވޭނެއްކަން އެލީޝާއަށް މިހާރު އިޙްސާސްވެއެވެ. އަމުދުން ފިޒާގެ ކުޑަވެސް ހިޔަންޏެއް އެޅެން ޒަކްވާންގެ މައްޗަށް އޭނާ ނޭދެއެވެ. ނުނިދިގެން ފުރޮޅި ފުރޮޅި އޮންނަން ޖެހުނީ ކިހާ އިރެއް ވަންދެން ކަމެއް އެލީޝާއަކަށް ނޭގުނެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފަހައްޓަން އޭނާ މަސައްކަތެއް ނުކުރެއެވެ. ހިތް ފުރެންދެން ރޯލުމަކީވެސް ބައެއް ފަހަރު ނަފްސަށްވާ ލުޔަކަށްވެއެވެ. ހިތްހަމަ ޖެހުމަކަށް ވެއެވެ.

* * * * * *

އަސުރުނަމާދު ކޮށްގެން ފައިނާން ނިކުތީ ބަދިގެއަށެވެ. ފިޒާ ނިކުންނަން ވާއިރަށް ހަވީރުގެ ސައި ތައްޔާރުކުރާށެވެ. ޑިއުޓީ ނިންމާފައި އަންނަމުން އޭނާ އައީ ހޮޓަލަކުން ދެތިން ވައްތަރެއްގެ ހެދިކާ ގަނެގެންނެވެ. ހަވީރު ގޭގައި ހުރެވޭ ދުވަސް ދުވަހު ފިޒާ އާ އެކު ސައިބުއިމަކީ އުފަލެއްކަމުގައި ފައިނާން ދެކެއެވެ.

ފިޒާ ކޮޓަރިން ނިކުތީ ބޭރަށްދާން ނަލަ ހެދިގެންނެވެ. ޑެނިއަމް ނޫ ޖީންސަކާއި ހަމަ އެކުލައިގެ ޖީންސް ފޮތީގެ ޖެކެޓެއް ލައިގެން ހުރި އިރު އެތެރެއިން ބޭނުން ކޮއްފައި ހުރީ ރަތްކުލައިގެ ޓޮޕެކެވެ. އެޓޮޕް ކުރުކަމުން އަތް ހިއްލާލާއިރަށް ބަނޑުފެނެއެވެ. އިސްތަށިގަނޑުވަނީ ވޫލްކޮޅަކުން ހައްޔަރުކޮއްލާފައެވެ. ހަމައެކަނި ގަހަނާއަކަށް ބޭނުން ކޮއްފައި ވަނީ ކަންފަތުގައި ލައި ފައި އިން ބޮޑު ބޮޅެވެ. ކޮނޑުގައި އަޅުވައިފައިވާ ބެކްޕެކް މޭޒުމަތީ ބަހައްޓަމުން މޭޒު ކައިރީ އިށިއިނެވެ. ފައިނާން ކަޅިޖަހާނުލާ ފިޒާއަށް ބަލަން އިނީ ހިތްހަމަ ނުޖެހިފައެވެ.

" މިއަދުވެސް ބޭރަށް ދަނީ ؟ " ފައިނާންގެ ސުވާލުކުރި ރާގުންވެސް އޭނާ ނުރުހުންވެފައިވާ ވަރު ހާމަވެއެވެ.

" ހޫމް. ޒެކް އެބަ އާދޭ އަހަރެން ބަލައި " ޒަކްވާންގެ ވާހަކަ ބުނެލީ އިތުރަށް ފައިނާން ރުޅި އަރުވާލުމުގެ ގަސްތެއް އޮވެގެންނެއް ނޫނެވެ. ހުސް ސައިތައްޓެއް ބޯލައިގެން ފިޒާ ގޮނޑިން ތެދުވެތެވެ. ފޯނާއި ކުޅެން ހުރި އިރު މޫނުމައްޗަށް ތަފާތު އުފާވެރިކަމެއް ފެނެއެވެ ފައިނާންގެ ނަޒަރު ގުޅުވާލީ ފިޒާ ލައިގެން ހުރި ހެދުމަށެވެ.

" ތި ހެދުމުގައި ތަ ބޭރަށްދަނީ " ފައިނާންގެ އަޑަށް ފިޒާ އޭނާގެ ދައްތަގެ މޫނަށް ނަޒަރު ހިންގާލިއެވެ.

" ހޫން. ކޮބައިތަ މައްސަލައަކީ " ދެކޮނޑާއި އަތް ހިއްލާލަމުން ފިޒާ ބުނެލީ ފަރުވާ ކުޑަ ރާގަކަށެވެ. އެބަސްތަކުން އިތުރަށް ފައިނާންގެ ރުޅިވެރިކަން ހުޅުފަޅައިގެން ދިޔައެވެ.

" ކޮބައިހޭ މައްސަލައަކީ ތީ ކީއްކުރަން ފިޒާ ލައިފަ ހުރި ހެދުމެއް ބާއޭ އަހަރެން ހިތައް އަރާ ...ކޮންތަނެއް ނިވާވަނީ ؟ ކޯޗެއްތަ ނުދެއްކިގެން ތިއުޅެނީ ؟ " ފައިނާން ދެބުމަ ގޮށްޖަހާލިއިރު އަޑުވެސް ތުރުތުރު އަޅައެވެ. އޭނާ ބަލަބަލާ ހުއްޓާ ފިޒާއަށް ބަދަލުތަކެއް އަންނަތަންދަނީ ފެންނަމުންނެވެ. އެބަދަލުތަކަކީ ޒަކްވާން ހާސިލްކުރަން ގެނެސްގެން އުޅޭ ބަދަލުތަކެއްކަން ފައިނާނަށް ޔަގީނެވެ.

" ކޮންމެ އެއްޗެއް ދައްކައިގެންވެސް ޒެކް ހާސިލް ވެއްޖެއްޔާ ސަޅިއެއްނު ..ދޯ " ފިޒާގެ އަޑުގައިވީ ޖެހިލުން ކުޑަކަމެވެ. ރިންގުވަމުން ދިޔަ ފިޒާގެ ފޯނު ކަންފަތުގައި ޖަހާލަމުން ހުސްކޮއް އޮތް އަތުން ބެކްޕެކް ހިފައިގެން ފިޒާ ނިކުތީ ބޭރަށެވެ. އެއާ އެކު ފައިނާންއަށް ދޫކޮށްލެވުނީ ވަރަށް ފުންނޭވާއެކެވެ. އިށިއިނދެއިން ގޮނޑީގެ ލައްގަންނަ ބައިގައި ބޯޖައްސާލަމުން ދެލޯ މަރާލީ ހިތްދަތިވީ ވަރުންނެވެ.

ފޮޓޯ ޝޫޓް ނިންމާފައި ގަސްތަކުތެރެއިން ނިކުންނަނީކޮން ޒަކްވާންގެ ލޮލަށް އެއްޗެއް ވެއްޓުނެވެ. ލޯއުނގުޅަމުން އައިސް ސައިކަލްމަތީ އިށިއިން އިރުވެސް ރަނގަޅެއް ނުވެއެވެ.

" ކިހިނެތް ވީ ؟ ދައްކަބަލަ ! " ޒަކްވާންގެ އަތުގައި ހިފާ އެއަތް ތިރިކޮއްލަމުން ފިޒާ ޖެހުނީ ޒަކްވާނާއި ގާތަށެވެ. ގުދުވެލާފައި ޒަކްވާންގެ ލޮލަށް ފިޒާ ފުމެލިއެވެ. ދެމީހުންނަށް ތިބެވުނީ ވަރަށް ގާތުގައެވެ. އެކަކުގެ ނޭވާގެ ހޫނު އަނެއްކަކަށް ފޯރާހާ ގާތުގައެވެ.

" މިހާރު އޯކޭ ވެއްޖެ؟" ފިޒާ އަހާލީ ލޮބުވެތި ގޮތަކަށެވެ. އެހެން ނަމަވެސް ޒަކްވާންގެ ފަރާތުން ޖަވާބެއް ނުލިބެއެވެޒަކްވާންގެ މޫނުގެ ދެފަރާތުގައި ފިޒާ ހިފަހައްޓާއިގެން ހުރީ ދޫކޮއްލަން ބޭނުން ނުވެފައެވެ. މަޑުމަޑުން ފިޒާގެ މޫނު ޒަކްވާނާއި ގާތް ވެލިއެވެ. ޒަކްވާންގެ ނިތްކުރިއަށް ފިޒާ ބޮސްދިނެވެ. ނޭނގިއިންދާ އެފަދަ ކަމެއް ކުރުމުން ޒަކްވާނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ދެލޯ ބޮޑުކޮއްލާފައި ފުންމައިގެން ތެދުވެތީ ހުވަފެނަކުން ހޭލާ ފަދައިންނެވެ.

ފިޒާ ހެމުން ހެމުން ދުއްވައިގަތީ ޒަކްވާނާއި ދުރަށެވެ. ޒަކްވާން ފިޒާގެ ފަހަތުން ދުއްވައިގަތީ އޭގެ ބަދަލު ދޭން ބޭނުންވެގެންނެވެ. އަރާފައި ހުރި ހައިހީލްގެ ސަބަބުން ފިޒާއަށް ދުވަން އުނދަގޫވިއެވެ. ވަކި ހިސާބަކަށް ދިޔަތަނުން ޒަކްވާން އައިސް އޭނާޔާ އަރާ ހަމަކޮއްފައެވެ. ޒަކްވާން އަތް އެއްލައި ހިފުނީ ފިޒާގެ އަތު މުލައްދަނޑީގައެވެ. ފިޒާވެސް ތެޅިގަނެފައި އެގެނައި ހަރަކާތުން ފައި ފުރޮޅާލާފައި ބެލެންސް ކެޓިއެވެ. ފިޒާ އާއި ޒަކްވާން ދެމީހުން އެއްކޮން ވިނަގަނޑުމައްޗަށް ވެއްޓުނެވެ. އެއާއެކު ދެމީހުންގެ ހުނުމުގެ އަޑު އެހަމަހިމޭން މާހައުލަށް ފެތުރިގެން ދިޔައެވެ.

" މީ އަދި ހާދަ ވަރެއްގެ އަންހެނެކޭ ! " ޒަކްވާން ހިތްހަމަ ނުޖެހޭގޮތް ދައްކާލިއެވެ. ފިޒާ އޮތީ ޒަކްވާންގެ ގައިމަތީގައެވެ. ޒަކްވާން ދެއަތުން ފިޒާގެ ކޮނޑުގައި ހިފަހައްޓާ ދުރުކޮއްލި ނަމަވެސް ފިޒާ ހަށިގަނޑުގެ ބޮޑުބައި ވަނީ ޒަކްވާންގެ ގައިގާ ޖެހިފައެވެ.

" އެލީއާ ވަރަށް ތަފާތުދޯ...އަންހެނެއްގެ ހަގީގީ ކޮލިޓީ އެބަހުރިދޯ ! " ފަޙުރުވެރިކަމާއި އެކު ފިޒާ ބުނެލިއެވެ. ޒަކްވާންގެ މޫނަށް އޭނާގެ ނަޒަރު ހުއްޓިފައިވެއެވެ. ޒަކްވާން ވަރަށް ފަރުވާތެރިކަމާއި އެކު އެލީގެ މޫނަށް ބަލާލާފައި މޫނު އަނބުރާލިއެވެ.

ޒަކްވާން ގަމީހުގެ ގިރުވާނުގައި ހިފާ ފިޒާ ގާތްވާން މަސައްކަތް ކުރިއެވެ. ފިޒާއަށް ލިބިފައިވާ ފުރުސަތުގެ ގެއްލުވާލަން ބޭނުން ނުވާ ކަހަލައެވެ. އެހެން ނަމަވެސް ޒަކްވާން އެކަމަށް ފުރުސަތެއް ނުދިނެވެ. ފޮރޮޅިލާފައި ފިޒާ ވިނަގަނޑުމަތީ ބާއްވާލާފައި ދެއަތުގައި ހިފެހެއްޓީ ހަރަކާތް ނުކުރެވޭނޭ ފަދައިންނެވެ. ފިޒާގެ މޫނަށް ކަޅިހުއްޓާލިއެވެ. ދެމީހުން ހަތަރުކަޅި ހަމަކޮއްލި ވަގުތު ހަވަނަ ހިއްސު ހޭލައްވާލި ކަހަލައެވެ. ޒަކްވާން މަޑުމަޑުން ފިޒާގެ މޫނާއި ގާތްވެލިއެވެ. ފިޒާއަށް ދެލޯ މަރާލެވުނެވެ.

ހަމަ އެވަގުތެވެ. ޖީބުގައި އޮތް ފޯނު ރިންގުވާންފެށިއެވެ. އެއާއެކު ޒަކްވާނަށް ހަމަބިމުގައި ފައިޖެހުނު ކަހަލައެވެ. އުނދަގުލުން ފޯނުނަގާ ބަލާލިއިރު އެލީޝާގެ ނަން އަރާފައި އޮތުމުން ފިޒާ ގައިމަތިން ތެދުވެ ވިނަގަނޑުމަތީ ޒަކްވާނަށް އިށިއިނދެވުނެވެ. ފޯނުގެ ސްކުރީނަށް ބަލަން އިނދެވުނީ ޖެހިލުންވުމާއި އެކުއެވެ. ނަފްސު ހަމައަކަށް ނޭޅެނީސް ފޯނަށް ޖަވާބު ދިނުންވީ އުނދަގޫ ކަމަކަށެވެ.

ނާއުއްމީދާއި އެކު ފިޒާވެސް އިށިއިނދެ ހަށިގަނޑު ދަމާލިއެވެ. ޒަކްވާންގެ ކޮނޑުމަތިން އޭނާ ބަލާލީ ޒަކްވާން އުފުލާލައިގެން އިން ފޯނަށެވެ. ފޯނުގެ ސްކުރީނަށް އަރާފައި އިން ނަން ފިޒާއަށް ފެންނަ ގޮތެއް ނުވިއެވެ.

ދެވަނަ ފަހަރަށް ޒަކްވާންގެ ފޯނު ރިންގުވިއެވެ. ފިޒާއަށް ބަލާލާފައި ޒަކްވާން އުޅުނީ ހިނގައިގަންނާށެވެ. ފިޒާ ފެންނަ ފަށުގައި ހުރެގެން އެކޯލަށް ޖަވާބުދޭން އޭނާއަށް އުނދަގޫވެގެން އުޅޭ ކަހަލައެވެ. ފިޒާ ޒަކްވާންގެ ފޯނު ޖަހައިގަތެވެ. އަދި އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖެހީ ޒަކްވާން ކައިރިން ދުރަށް ހިނގައިގަންނަމުންނެވެ. އެއާއެކު ޒަކްވާނަށް ހިމޭންވެފައި ހުރެވުނީ ހިލައިގެ ބުދެއްފަދައިންނެވެ. އެއްވެސް ކަމެއްގައި އޭނާގެ އަމިއްލަ ބާރެއް ނެތް ފަދައެވެ.

" އަހަރެން ހާދަ އިންތިޒާރު ކޮއްފީމޭ ޒެކް ގުޅާތޯ ! އެލީ މަތިން ހަނދާން ނުވަނީތަ ހަމަ؟ " އެލީޝާގެ ޝަކުވާތައް ފޯނު ނެގުމާއި އެކު ބަންޑުން ކޮއްލިއެވެ. އެލީޝާ ދެރަވެފައި ވާހަކަދެއްކުމުން ފިޒާގެ ތުންފަތްމައްޗަށް އުފާވެރިކަން ވެރިވިއެވެ.

" ޒެކް މިހާރު އެހެން މީހަކު މަތިން ހަނދާން ވާވަރެއް ނޫނޭ ... ސަވީސްގަޑިއިރު އޭނަ އެއޮންނަނީ އަހަރެންގެ އަތު ތެރޭގައޭ " ދުރުގައި ހުރި ޒަކްވާނަށް ބަލާލާފައި ފިޒާ ވާހަކަދެއްކީ ވަރަށް މަޑުންނެވެ. ފިޒާގެ މަކަރުވެރިކަން އެހެން މީހަކަށް ހާމަވާން އޭނާ ނޭދެއެވެ.

" ފިޒާ " ފިޒާގެ އަޑު ޖެހިފައި އެލީޝާގެ ތަބީއަތަށް ބަދަލުތަކެއް އަތުވެއްޖެކަން ގައިމެވެ. ފިޒާގެ ނަން އެލީޝާ ކިޔާލީ ހިތި ޒަހަރެއް ދިރުވާލާފަދަ ގޮތަކަށެވެ.

" އާނ އަހަރެން ފިޒާ އަޙްމަދު ވާފިރު " ފިޒާ ހިނިތުންވެލިއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ މޫތައް އޭނާ ގައިގާ ވަކި ހިއްޕާލާފައިވެއެވެ.

" އަހަރެން ނުބުނަންތަ އޭނަ މަތިން ހަނދާން ނައްތާލާށެކޭ ؟ " ދަތްތަކަށް ބާރުލައިފާ ފިޒާ ބުނެލިއެވެ. އަތުޖެހޭ ހިސާބުގައި ހުރި ނަމަ އެލީޝާ އޭނާ ކުދިކުދި ކޮއްލީހެވެ. އެހާވެސް އޭނާ އެލީޝާ ދެކެ ރުޅި އާދެއެވެ.

އެލީޝާ ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ.އެހެން ނަމަވެސް ފިޒާގެ ކޮންމެ ބަހެއް ވިހަލައިފާ ހަރާލައި ކައްޓެއްފަދައެވެ. ދުރުގައި ހުރެފައި ޒަކްވާން އައީ ބާރު ވައިރޯޅިއެއް ފަދައިންނެވެ. ފިޒާ އަތުން ފޯނު ޖަހައިގަތެވެ.

" ހަލޯ! ހަލޯ ! ކީކޭ އެލީ ؟ " ޒަކްވާން އަވަސް އަވަހަށް ވާހަކަދެއްކިއެވެ. އެލީޝާގެ އަޑެއް ނުނުކުތެވެ. ހިތްދަތިވީ ވަރުން އެލީޝާއަށް ވާހަކަ ނުދެއްކުނެވެ.

" އޯކޭ ބާ. ބާއީ " ހިތްވަރު ކޮއްލާފައި އެލީޝާ ހަމައެކަނި ބުނެލީ އެހެންނެވެ. ދެލޮލުން ފޭބި ކަރުނަ އޭނާގެ ހަށިގަނޑުން ފުރާނަދަމައިގަތް ކަހަލައެވެ. ތަކުރާރުކޮން ޒަކްވާން އެލީޝާއަށް ގޮވިއެވެ. އެހެން ނަމަވެސް ޒަކްވާނާއި އަނގައިން ބުނާނެ ހިތްވަރު އޭނާ އަކަށް ނުލިބުނެވެ.

" އެލީ ކީކޭތަ ބުނީ ؟ " ފިޒާގެ މޫނަށް ޒަކްވާން ބަލާލީ ކަންބޮޑުވެ ހުރެއެވެ. ޒަކްވާންގެ އަޑު ފޯނުގެ އަނެއްކޮޅުގައި ހުރި އެލީޝާއަށް އިވެއެވެ.

" އޭނަ ބިޒީވީ ކަންނޭގެ ! ދެން ތި ފޯނު ބާއްވާފަ ހިނގާ ރައިޑަކަށްދާން ..ކުޑަކޮން ދުއްވާލާފައެއްނު ގެއަށްދާނީ " ފިޒާ ހިތްހަމަނުޖެހުން ފަރުދާކުރަމުން ވާހަކަ ދެއްކިއެވެ. ޒަކްވާންވެސް ދެކޮޅު ހެދުމެއްނެތި އެއްބަސްވިއެވެ.

***** *****

ކާރޫބާރު ބޮޑު ލަންކާގެ މަގުމަތިން ދުއްވާ އެއްޗެހީގެ ބަރުގޮނު އަޑު އިވިއިވި ހުއްޓެވެ. ގޭތެރޭގައި އެންމެން ހީހީފައި މަޖާ ނަގަމުން ދިޔައިރު އެލީޝާ ހުރީ އެމީހުންނާއި ދުރުގައެވެ. ބެލްކަނީ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އިރު އޭނާގެ ދެލޮލުން ވިދަވިދާ ހުރީ ކަރުނައެވެ. އިރުއިރު ކޮޅާ ދެލޯ ފޮހެލައެވެ. ފޯނުގެ ސްކުރީނުން ފެންނަން ހުރީ ޒަކްވާނާއި އެލީޝާ އެކުގައި ނަގާފައިވާ ފޮޓޯއެކެވެ. އެފޮޓޯއަށް އެތައް އިރަކުބަލަން ހުއްޓެވެ. ޒަކްވާނާއި ފިޒާގެ ސަބަބުން އޭނާ ހިތުގައި ކޫރުން އެޅުނީ ދުވަހަކު ފިލައިގެން ނުދާނޭ ފަދަޔަކުންނެވެ. ފިޒާ އެހުރިހާ ވާހަކަ ދެއްކިއިރު ޔަގީނުންވެސް ޒަކްވާން ގާތުގައި ހުންނާނެއެވެ.

" ޒެކް ފިޒާ އާ ގުޅުނީތަ ؟ އަހަރެމެން ދެމީހުން ދޭތެރޭ މިއޮއް ހުރިހާ ދުވަހު އޮތް ގުޅުން އިތުރު ނަމަކުން ފެވެން ނެތީތަ ؟ " އެލީޝާގެ ސިކުނޑީގައި ވަރުގަދަ ހަނގުރާމައެއް ފަށައިފިއެވެ.

" ޒެކްއަށް އަހަރެން ދެކެ ލޯބި ނުވެވުނީ ކީއްވެބާ ؟ " ހިތާއި ސިކުނޑި ކެކެމުންދިޔައީ ޖަވާބު ނެތް ސުވާލުތަކަކުންނެވެ. ކޯތާފަތް ތެމެމުން ދިޔައިރުވެސް އެލީޝާއަށް ނޭގޭ ކަހަލައެވެ. އެ ޖަޒްބާތުގައި އެކުއްޖާ ހަފުސްވާން ކައިރިވަނީއެވެ.

" ޒެކްއަށް ކީއްވެތަ އަހަރެން ލޯބިވާކަން ނޭނގުނީ ؟ " އެލީޝާ ތުންފަތުގައި ދަތްއަޅާލީ ގިސްލުމުގެ އަޑު ބޭރުވެދާނެތިންނެވެ.

" ދެން އަހަރެންވެސް ރަނގަޅުވާނީ ޒެކްގެ ފަހަތުން ނޫޅުނިއްޔާ ކަންނޭގެ ! ޒެކް ލޯބިވާ މީހަކު ހުރިއްޔާ އެދެމެދަށް އަހަރެން ވަންނާކަށް ބޭނުމެއް ނޫން..." އެއީ ޔަގީނުންވެސް އެލީޝާ ހިތާއި ދެކޮޅަށް ނިންމި ނިންމުމެކެވެ. ބައެއް ފަހަރު ތިމާ އެދޭގޮތަށްވުރެން އަނެކާއަށް ރަނގަޅު ގޮތްވާން އެދޭ ފަހަރު މަދުން ނަމަވެސް އާދެއެވެ.

ނަޖްމާ އެލީޝާ ހޯދަމުން އައިސް ބެލްކަންޏަށް ނިކުތްއިރު އެލީޝާ ހިމޭންވެފައި ހުއްޓާ ފެނުނެވެ. އެންމެން ގޭތެރޭގައި މަޖާ ނަގަމުން ދިޔައިރު އެލީޝާ އެހެން މީހުންނާއި ދުރުގައި ހުރުމުން ނަޖްމާ ކަންބޮޑުވިއެވެ. އެލީޝާއަށް ގޮވާލާފައި އައިސް އޭނާ ގާތުގައި ހުއްޓުނެވެ. އެލީޝާ ނޭފަތްދަމާ އަޑު އިވިފައި ނަޖްމާގެ ސަމާލުކަން އެކުއްޖާގެ މޫނަށް ހުއްޓުނެވެ. ތެމިފައިވާ އެސްފިޔަތަކުންނާއި ރަތްވެފައިވާ ނޭފަތުން ނަޖްމާއަށް އެލީޝާ ރޯކަން ސިއްރެއްނުވިއެވެ.

" ދަރިފުޅާ އެލީ ކިހިނެތް ވީ ؟ " އެލީޝާގެ ކޮނޑުގައި ހިފާ އޭނާ އާ ވީފަރާތަށް އަނބުރާލިއެވެ. ރަތްވެ ފެންކަޅިވެފައިވާ ދެލޮލުން އެއްވެސް ފޮރުވުމެއްނެތި އެލީޝާގެ ހާލަތު ފެންނަން ހުއްޓެވެ.

" އެލީ ކީއްވެ ތި ރޮނީ ؟ " ނަޖްމާގެ ސުވާލުން އިތުރަށް އެލީޝާ ހިތުގައި ޖެހުނެވެ. ޒަކްވާންގެ ކަމެކޭ ބުނާނެ ހިތްވަރު އެކުއްޖާއަކަށް ނުލިބުނެވެ. މަންމަގެ ގައިގާ ބައްދާލީ އޭނާގެ ކެތްތެރިކަން ކޮޅުން ލައިގެން ހިނގައިދާނެހެން ހީވުމުންނެވެ. ނަޖްމާ އެލީޝާގެ ބޮލުގައި ފިރުމާލާފައި ދެވަނަ ފަހަރަށް ސުވާލުކޮއްލިއެވެ.

" މާމަ މަތިން މާ ބޮޑަށް މިސްވަނީ " އެލީޝާއަށް ޖަވާބު ދެވުނީ ނިކަން ހިތްވަރާއި އެކުއެވެ. ނަޖްމާއަށް ޖަހާލެވުނީ ހިނިގަނޑެކެވެ. އެލީޝާ މާމަދެކެ ލޯބިވާވަރު ފެނުމުން އުފާވެސް ވިއެވެ. ކުރިން އެލީޝާގެ އުޅުމުން އެކަން ނަޖްމާއަށް ފާހަގަވެފައެއްނެތެވެ. އެލީޝާ މާމަ ބުނެގެންވެސް ކުރާނީ އޭނާ ކުރަން ބޭނުން ކަމެކެވެ. ބުނާނީ ބުނަން ބޭނުން އެއްޗެކެވެ.

" މަންމައަކަށް ނޭގޭ އެލީ މާމަ ދެކެ ތިހާ ލޯބިވާ ކަމެއް ! މީހުން ބުނޭ ދުރުގައި ހުރުމަކީ ދެމީހެއްގެ ހިތުގައި އޮންނަ ލޯބި ވަޒަންކޮއްލަން ލިބޭ ފުރުސަތެކޭ " ނަޖްމާގެ ވާހަކައިން އެލީޝާއަށް ގުޅުވާލެވުނީ ޒަކްވާނާއެވެ. އެއީ ކިހާ ބޮޑުތެދެއްކަން އޭނާ އެދަނީ އިޙްސާސްކުރަމުންނެވެ.

* ** ** *

" ހެޕީ ގާޑަން" އަށް ޒަކްވާން އައީ އައިލީން ގުޅާފައި އައިސް ދިނުމަށް އެދުމުންނެވެ. އެކުގައި ފިޒާވެސް އައެވެ. ދެމީހުން އެކުގައި ފެނުމުން އައިލީން އިންތިހާއަށް ހައިރާންވިއެވެ. އެއީ އެލީޝާ ފުރައިގެން ދިއުމުގެ ކުރިން ފިޒާއަށް ދޭންޖެހޭ ފައިސާ ދީ ނިންމާފައި ފޮޓޯޝޫޓް ކުރިއަށް ނުގެންދާ ގޮތަށް ހަމަޖެހިފައިވާތީއެވެ.

ނަޖްމާ ރަށުގައި ނެތުމުން އައިލީން ހުސްވަގުތުތައް ހޭދަކުރަނީ ގަސްތައް ކައިރީގައެވެ. ނަޖްމާ ގަސްތަކަށް ހާއްސަ ސަމާލުކަމެއްދީ ބަލަހައްޓަން ތަކުރާރުކޮންވަނީ ބުނެފައެވެ.

" ހެލޯ ! ލީން.." ޒަކްވާން އައިސް ހުއްޓުނީ އައިލީންއާ ދާދި ގާތުގައެވެ. ޒަކްވާން ފަހަތުން އައިސް ފިޒާ މަޑުކޮއްލީ ތަންކޮޅެއް ފަހަތުގައެވެ.

" ހާދަ ބިޒީކޮއްލައިގެން " ފިޒާ ވާހަކަދެއްކިއިރު މޫނުމަތިންވެސް ފޮނި ގޮތެއް އައިލީނަށް ފާހަގަކުރެވުނެވެ. މީގެ ކުރިން ފިޒާގެ ފަރާތުން ނުފެންނަ އެހެން ގޮތްތަކެއް އެމޫނުމަތީގައިވިއެވެ.

" އާނ! ލީން މަންމަގެ ބޭބީސް އޭ މި ދޯ ލީން " އައިލީނަށް ޖަވާބު ނުދެވެނީސް ވާހަކަދެއްކީ ޒަކްވާނެވެ. ނަޖްމާ ގަސްތައް ދެކެ ލޯބިވާވަރު ޒަކްވާނަކަށް އެނގެއެވެ. ގަހަކަށް ކިތަންމެ ކުޑަ ގެއްލުމެއް ލިބުނަސް އޭނާ ނިކަން ދެރަވެގެން އުޅޭނެއެވެ.

" އާން ލީން ބުނީ ކޮން ޓީވީ އެއްގެ ވާހަކަތަ ؟ " ޒަކްވާން އައި ބޭނުން ހަނދާންވެގެން ބުނެލިއެވެ.

" މާމަ ކޮޓަރި ޓީވީން އެއްބައި ޗެނަލްތައް ނުފެނޭ...ޓިއުން ކުރަން ޖެހޭނީ އައި އަކަށް ނޭގުނު " އައިލީން ތެދުވަމުން އޮޅުން ފިލުވައިދިނެވެ. ޒަކްވާން އެދުނީ އައިލީން މަޑުކުރުމަށެވެ. އޭނާ މާމަ ކޮޓަރިއަށް ހިނގައިދާނަން ކަމަށް ބުނެ އެތެރެއަށް ހިނގައިގަތެވެ. އެވަގުތު ޒަކްވާން އިސްތަށިގަނޑުގައި ހަރުލައިފާ ހުރި އެއްޗެހިތައް އައިލީންގެ ލޮލުގައި އަޅައިގަތް ނަމަވެސް އެއްޗެއް ބުނަން ވާއިރަށް ޒަކްވާން އެތެރެއަށް ވަނެވެ.

" ފިޒާ ހިނގާ ކޮފީއެއް އެއްޗެއް ބޯލަން ދާން " އައިލީން އެހެން ބުނުމުން ފިޒާ ބޯޖަހާލީ އުފަލާއި އެކުއެވެ. އައިލީންގެ ކުރީގައި ހުރެގެން ފިޒާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ. އެވަގުތު ފިޒާގެ އިސްތަށިގަނޑާއި ލައިފައި ހުރި ހެދުމުގައި ހަރުލާފައި ހުރި އެއްޗެހިތަކަށް އައިލީންގެ ސަމާލުކަން ހުއްޓުނެވެ.

" ކޮންތާކަށް ވަދެފަ އައި ދެމީހުންނެއްތަ މީ.. " ފިޒާ އިސްތަށިގަނޑުން އެއްޗެހި ނައްޓައިދެމުން އައިލީން ސުވާލުކުރިއެވެ.

" އެދިމާ ރުއްގަނޑުތެރެއަށް " ފިޒާ ހަމަޖެހިލާފައި ޖަވާބުދިނެވެ.

" އެކަމަކު އިސްތަށިގަނޑުގަ މިއޮތީ ކޮންހާ އެއްޗެއްސެއް ހަރުލާފަ " ފިޒާވެސް އަމިއްލަ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.

" އެހެންނު ވާނީ މިޒެކް ލޯބިކުރާކަށް ތަނެއް ތަނެއް ނޯވޭ ވިއްޔާ " އައިލީނަށް ލިބުނީ ހައިރާންކަމެވެ. ކޮފީ ގިރަން ނެގި ޖޯޑް ހިފައިގެން އައިލީނަށް ހުރެވުނީ ފިޒާ އެބުނި އެއްޗެއް އެބުނީ ސީރިޔަސްކޮންބާއޭ ހީވާ ވަރުވެފައެވެ.

" ވަޓް! " އަނގަޔަށް ވައްތަރެއް ޖައްސާލަމުން އައިލީނަށް އަހާލެވުނެވެ.

" ވީ ލަވް އީޗް އަދަރ " ދެން ފިޒާ އެބުނި ޖުމްލައިން އައިލީންގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. ޔަގީނުންވެސް އެލީޝާގެ ހިތަށް އަސަރުކުރާނެއެވެ. ޒަކްވާން އެއީ އެލީޝާގެ ބެސްޓުފުރެންޑޭ އެލީޝާ ކިތަންމެ ފަހަރަކު ބުނި ނަމަވެސް އައިލީނަށް އެލީޝާގެ ލޮލުން ޒަކްވާނަށް އެދޭވަރު ފެނުނެވެ.

" އައި ކާންޓް ބިލީވް " ފިޒާގެ މޫނަށް ބަލަންހުރެފައި އައިލީން ބުނެލިއެވެ.

"ހިހި. އެނގޭ ލީންއަށްވެސް ގަބޫލުކުރަން އުނދަގޫވާނެކަން . މިއޮއް ހުރިހާ ދުވަހު ޒެކްވެސް އުޅުނީ އެލީ އެކީ އެކަމަކު އެދެމީހުން ދެމެދު ލޯތްބެއްނެތް އޮތީ އެކުވެރިކަން " ފިޒާ ޖެހިލުމެއްނެތި ހިޔާލު ފާޅުކުރިއެވެ. އެއީ ތެދެއްކަން ގަބޫލު ނުކުރި ނަމަވެސް އެކަމާ ވާހަކަދައްކަން އައިލީން ބޭނުމެއްނުވިއެވެ. ތަކުރާރުކޮން އެލީޝާ ކައިރީވެސް ޒަކްވާން ކައިރީ އަހައިގެންވެސް އެސުވާލުތަކުގެ ޖަވާބު މާ އެދެވޭ ގޮތަކަށް ލިބިފައެއް ނުވެއެވެ. ދެމީހުންވެސް ބުނަމުން އައީ އެކަކު އަނެއްކެއް ދެކެ ލޯބިވަނީ އެކުވެރިއެއްގެ ގޮތަށެވެ. ބެސްޓުފުރެންޑަށް ވީމައެވެ. (ނުނިމޭ)

Popular