ފިޒާއާ އެކު ހޭދަވި ވަގުތުތަކުގައި އައިލީނަށް އިނދެވުނީ ހިމޭންވެފައެވެ. ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ވިސްނެމުންދިޔައީ ޒަކްވާނާއި ފިޒާ އާ މެދުއެވެ. އެދެމެދުގައި ގާތް ގުޅުމެއްނެތް ނަމަ ޔަގީނުން ވެސް އެކީ ތަންތަނަށް ގޮސް ނަހަދާނެއެވެ. ފިޒާގެ ގޮތް ނޭގުނަސް އައިލީނަށް ޒަކްވާންގެ ގޮތް އެނގެއެވެ. ކޮންމެ ކޮންމެ އަންހެންކުއްޖަކާ އެކު އުޅޭވަރަށްވުރެން ޒަކްވާންގެ ފަރާތުން އައިލީނަށް ފެނުނީ ރަނގަޅު ސިފަތަކެކެވެ.
* * * * * * *
ދެމަސް ފަސް
* * * * * * *
އެއާޕޯޓްގެ އެރައިވަލް ގޭޓުން ނިކުމެގެން އައި އެލީޝާ އާއި ނަޖްމާގެ ކުރީގައި ހުރެގެން ސަމީރުވެސް އައެވެ. އެދެމައިންނާއި އޭނާގެ ލަގެޖްތައް ހުރި ޓުރޮލީ ކޮއްޕަމުން އައި ސަމީރު ފެނިފައި އަންވަރުގެ މޫނުމަތިން ފެނުނީ ނިކަން ފުޅާ ހިނިތުންވުމެކެވެ. ސަމީރުގެ ގައިގާ ބައްދާލަމުން އަންވަރަށް ޝުކުރު އަދާކުރެވުނު އަދަދެއް ނޭނގެއެވެ.
" މަރުހަބާ ބައްޕަގެ ޕްރިންސެސް " އަންވަރު އެލީޝާގެ ބޮލުގައި ފިރުމާލިއެވެ. އެލީޝާ ލަންކާގައި ދެމަސްދުވަސް ހޭދަކޮއްފައި އެއައީ މޭކަޕާއި ބެހޭ ގޮތުން ކުރިން ނޭގޭ އެތައް އެތައް އެއްޗެއް ދަސްކޮށްގެންނެވެ. އަތުގައި އޮތް ސެޓްފިކެޓުން މީހުން އޭނާ ބަލައިގަންނާނީ އުފަލާއި އެކުކަން ޔަގީނެވެ.
ނަޖްމާމެން ދެމައިންނާއި ސަމީރުއަށް މަރުހަބާ ކިޔަން އައިސް ހުރީ ހަމައެކަނި އަންވަރެވެ. އެހެން މީހުން ނެތްކަމުގެ ފަޅުކަން އެންމެ ބޮޑަށް ކުރީ ނަޖްމާއަށެވެ.
" އެކަނިތަ އައީ ލީންމެން ޒަކްވާންމެން ނާދޭ " ނަޖްމާ ވަށައިގެން ހޯދާލަމުން ސުވާލުކޮށްލިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އަންވަރުގެ މޫނަށެވެ. އަންވަރު އެވަގުތު ބަލާލީ އެލީޝާއަށެވެ. އެލީޝާމެން އަންނަކަން އެއްވެސް މީހަކަށް ނާންގަން ބުނީ ޙުދު އެލީޝާއެވެ. އެލީޝާ އެގޮތަށް އެދުނީ ފަހަރެއްގައި ވެސް ޒަކްވާނާއި ބައްދަލުވާން ނޭދޭތީއެއް ނޫނެވެ. ޒަކްވާން އަންނަ ތަނަކަށް ފިޒާ އަންނާނެތިންނެވެ.
" އާނ އެލީ ބޭނުންވީ އެހެން ކުދިންނަށް ސަޕްރައިޒެއްދޭން އެހެންވެ ބައްޕަވެސް ބޭނުންވީ އެލީމެން އަންނަކަން އެއްވެސް ކުއްޖަކަށް ނާންގަން..." އެލީޝާ އަތުގައި ހިފައިގެން އަންވަރު ހިނގައިގަންނަމުން ބުނެލިއެވެ.
" ބައްޕަ ވެސް އެލީއަށް ސަޕްރައިޒެއް ދޭނަން ..." އަންވަރު ވާހަކަ ދެއްކުމުން ވެސް އެލީޝާ ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްފައި ހުރީ ހިމޭނުންނެވެ. ބަސްމަދުވެފައި ހުރީ ވަރުބަލިވެފައި ހުރުމުންކަމަށް ނިންމާފައި އެންމެން އެކީ އަވަސްވީ ގެއަށް ދިއުމަށެވެ.
* * * * * * *
އައިލީންއަށް ނަޖްމާމެން އައިކަން އެނގުނީވެސް ޑިއުޓީ ނިންމާފައި ގެއަށް އައިފަހުންނެވެ. އެލީޝާގެ ކޮޓަރިއަށް ވަން އިރު އެލީޝާ އޮތީ ސޯފާގައެވެ. ހީވަނީ ކޮންމެވެސް ކަމަކާ ވިސްނަން އޮތްހެންނެވެ.
" .ސަޕްރައިޒް " އައިލީން އައިސް ބައްދާލީ އެލީޝާ ގައިގައެވެ. ދުވަސްތަކަކަށް ފަހު ފެނުމުން ދެބެން ވެސް އުފަލުން ގޮތެއްނެތެވެ.
" އަޅޭ ހާދަ ގޯހޭ އަންގާ ވެސް ނުލާ ވިއްޔާ ތިއައީ ؟ " އައިލީން ޝަކުވާކުރިއެވެ. ފުޅާ ހިނިތުންވުމަކާއި އެކު އެލީޝާ ބަލަން އިނީ އައިލީންގެ މޫނަށެވެ.
" އެނގިގެން އައިމަ ސަޕްރައިޒެއް ވެސް ނުވާނު ...މިހާރު ކިހާ މަޖާ " މަހުމާފޮތީގެ ކުޝަންއެއް ނަގައި އެލީޝާ ބައްދާލިއެވެ. އައިލީން އިށިއިނީ އެލީޝާ އާ ކައިރީގައެވެ.
" ހޫމް ސިސްއަށް ނޭގުނަސް ޒެކްއަށް އެނގޭނެ އެލީ އަންނަކަން ދޯ" ޒަކްވާންގެ ނަން އިވިފައި އެލީޝާގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ގެއްލުނެވެ. އެހެން ނަމަވެސް އެކަން އައިލީނަކަށް ފާހަގައެއް ނުވިއެވެ.
އެވަގުތު އަންވަރު ދޮރުހުޅުވާލާފައި، އެލީޝާ ހުރީ ތައްޔާރަށްތޯ އެހިއެވެ. ކާރު ދުއްވާލަންދަނީ ކަމުގައި ބުނުމުން އައިލީނަށް ދާން ދައުވަތު ދިނީ ޙުދު އެލީޝާއެވެ. އެތަން ފެނިފައި އަންވަރު އެދުނީ ޒަކްވާނަށް ގުޅައިގެން އޭނާވެސް އެމީހުން އެކީ ގެންދިއުމަށެވެ. ނަމަވެސް އެލީޝާ އެކަމާ ފާޅުގައި ދެކޮޅު ހެދިއެވެ. އެލީޝާ ޒަކްވާނާއި ކުރިމަތިލާން ތައްޔާރެއް ނޫނެވެ. އެލީޝާ ބޭނުންވަނީ ޒަކްވާނާއި ވީހާވެސް ދުރުން އުޅޭށެވެ.
ހާޖަރު ފިޔަވައި އެންމެން ކާރު ދުއްވާލަން ނިކުތެވެ. ރަށުތެރޭގައި ބުރެއްޖަހާލާފައި އަންވަރު ކާރު އަނބުރާލީ އޭނާ ބޭނުންވާ މަންޒިލާއި ދިމާއަށެވެ. އެއީ އޭނާ އެލީޝާއަށް ދޭން އުޅޭ ސަޕްރައިޒެވެ. ކާރު ގޮސް މަޑުކޮއްލީ އެލީޝާއަށް ތައްޔާރުކޮއްދިން ސެލޫންގެ ކުރިމައްޗަށެވެ. އެންމެން ކާރުން ފޭބުމުން އަންވަރު އެލީޝާގެ އަތަށް ތަޅުދަނޑިދިނެވެ. އެލީޝާ ހައިރާންވެފައި އެންމެންގެ މޫނަށް ވަކިވަކިން ބެލިއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ވެސް ފެނުނީ ނިކަން ހިނި އައިސް ތިބި ތަނެވެ. އަންވަރުގެ އިޝާރާތަށް އެލީޝާ ގޮސް ތަޅުދަނޑިން ދޮރުހުޅުވާލީ ދެތިންފަހަރު އަންވަރު އެދުމުންނެވެ.
ދޮރުހުޅުވާލާފައި ބޮކިތައް ދިއްލާލުމާއި އެކު އެތަނުގެ އެތެރެ އޮތް ގޮތް އެލީޝާއަށް ފެނުނެވެ. ހައިރާންވީ ވަރުން އަނގަމަތީ ދެއަތް އަޅާލެވުނެވެ. އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެތަން އެހާ ފުރިހަމަކޮށްފާނެ ކަމަކަށް އެލީޝާ ހިތަކަށް ނާރައެވެ.
" ހަވް ވޯޒް އަ ސަޕްރައިޒް؟ " އައިލީން އައިސް އެލީޝާ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. އެލީޝާގެ ލޮލުން ކަރުނައައެވެ. އުފަލުން ބުނާނެ އެއްޗެއް ނޭނގިފައި ސެލޫންގެ ތެރެ ބަލަމުން ކުރިއަށް ދިޔައެވެ.
ސެލޫނަކަށް ވުރެން ބޮޑަށް އެތަން ވައްތަރީ ސްޓޫޑިޔޯ އަކާއެވެ. ބޮޑު ލޯގަނޑުގެ ވަށައިގެން ހަރުކޮށްފައިވާ ބޮކިތަކާއި މޭޒާއި ގޮނޑިތަކަކީ ވެސް އެންމެ ޒަމާނީ ފެންވަރުގެ ތަކެއްޗެވެ. މަޑު އަޅިކުލައާއި ގަދަ އަޅިކުލައިގެ ފާރުތަކުން ތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހުދު ކުލައިގެ ދިގު ސޯފާ އަކާއި ބިއްލޫރި މޭޒެއް އެއްފަރާތުގައި ބަހައްޓާފައި ހުއްޓެވެ. އެމޭޒުމަތީގައި ބާއްވާފައި އޮތް އަލްބަމް ނަގައިގެން އެލީޝާ އިށިއިނީ ސޯފާގައެވެ. ކޮންމެ އެއްޗަކަށް ވަކިން ނަޒަރު ހިންގާލިއިރު އޭނާ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެނެއެވެ.
އަލްބަމް ހުޅުވާލިއެވެ. ފުރަތަމަވެސް ފެނުނީ ފިޒާގެ ފޮޓޯއެކެވެ. އެލީޝާގެ ކުޅަދާނަ މޭކަޕްގައި އޭނާ ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުންވެގެން ބަލަން ހުރީ އެލީޝާއަށް ހެން ހީވެއެވެ. އެފޮޓޯ އިތުރަށް ރީތިވެފައިވަނީ ޒަކްވާންގެ ހުނަރުވެރިކަމުންނެވެ. އެ އަލްބަމްގައި މުޅިންވެސް ހުރީ ފިޒާގެ ފޮޓޯއެވެ. ކޮންމެ ފޮޓޯއެއްގެ ތިރީގައި "އެލީ ސެލޫން" ގެ ނަން ޖަހާފައި އޮތެވެ. އެއީ އަންވަރު އެތަނަށް ކިޔަން ނިންމާފައި އޮތް ނަމެވެ. ފިޒާގެ ތަސްވީރުތައް ފެނުމުން އެލީޝާގެ ތަބީއަތަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ހުރިހާ ފޮޓޯ ބަލަން ބޭނުން ނުވެ ހުރެފައި އަލްބަމް ލައްޕާލައި މޭޒުމަތީ ބޭއްވީ ނިކަން ބާރަށެވެ. އެމަންޒަރު އަންވަރާއި ނަޖްމާ ކައިރީ ވާހަކަދައްކަން ހުރި އައިލީންގެ ލޮލުގައި އަޅައިގަތެވެ. އެހެން ނަމަވެސް ވަގުތުގެ ގޮތުން އައިލީން އެމަންޒަރު ފެނުނު ކަމަކަށް ނަހަދައެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އެލީޝާ ކޮފީތަށި ހިފައިގެން ނިކުތީ ޓެރަހަށެވެ. އައިލީން ވެސް އެލީޝާ އެތަނުގައި ހުއްޓާ ފެނުމުން އައީ ކޮފީއެއް ތައްޔާރުކޮށްގެންނެވެ. ޓެރަހުގައި އެއްވަސްވެފައި އޮތީ ހުވަނދުމަލާއި ފިނިފެންމަލުގެ ވަހުންނެވެ. ފިނިފެންމާ ގަސްތަކުގައި މާއަޅާފުރިފައި އޮތް އިރު އެހާވެސް ހިތްގައިމެވެ. ހުވަނދުމާ ގަހުގައި ފޮޅިފައިވާ ހުދުކުލައިގެ މާތައް ބަލާ ފޫހިނުވާނޭކަން ޔަގީނެވެ.
" ގުޑް މޯނިންގ އެލީ " ކޮފީތަށި ހިފައިގެން އައިސް އައިލީން ހުއްޓުނީ އެލީޝާ ގާތުގައެވެ. އެހެން ނަމަވެސް އެކުއްޖާގެ ސަމާލުކަން ހުއްޓިފައިވަނީ ވަށައިގެން ފެންނަމުން ދިޔަ މަންޒަރު ތަކަށެވެ. އަރައިގެން އައި އިރުގެ ރަންދޯދިތައް ގަސްތަކާއި ރުއްތަކުގެ ތެރެއިން ފެނެއެވެ. ކޮވެލީގެ ހިތްގައިމު އަޑު މުޅިމާހައުލަށް ފެތުރިފައިވާ މިއުޒިކެއްފަދައެވެ.
" މޯނިންގ" އެލީޝާގެ އަޑާއި ހަރަކާތްތަކުގައިވީ ކަންފަސޭހަކަމެވެ. ނޫނީ އެއްވެސް ކަމަކަށް އޭނާގެ ޝައުޤުވެރިކަން ނެތީއެވެ.
" ޒެކް ނާދޭތަ ؟ " އައިލީން ސުވާލުކުރީ އަހަން ނާހަން ކަހަލަ ގޮތަކަށް ހުރެފައެވެ.
" ހޫމް " ޖަވާބުދިން އިރުވެސް އޭނާގެ ނަޒަރު ހުއްޓިފައިވީ ދުރަށެވެ. އައިލީނާއި ހަތަރުކަޅި ހަމަކުރަން އޭނާ ބޭނުން ނުވާ ފަދައެވެ.
" އެލީ އައިކަންވެސް ޒެކްއަށް ނޭގެނީތަ ؟ " ޒަކްވާންގެ ވާހަކަދެއްކުމުން އެލީޝާއަށް އަންނަމުން ދިޔަ ބަދަލު އައިލީނަށް ފާހަގަވިއެވެ. ޒަކްވާނާއި މާގާތް އެކުވެރިކަމެއް ނެތް ކަހަލައެވެ. ނޫނީ އެފަދަ އެކުވެރިކަމެއް ބާއްވަން އެލީޝާ ބޭނުން ނުވާ ކަހަލައެވެ.
" އަހަރެން އައިކަން އެނގެން ކޮންމެހެން އެހާ މުހިއްމެއް ނޫނެއްނު " އެއީ އެލީޝާ ހިތުގެ އަޑިން ބުނި ބުނުމެއްނޫނެވެ.
" ކީއްވެ ؟ އެއީ އެލީގެ ބެސްޓްފުރެންޑެއްނު " ކޮފީތަށިން ކޯވަރެއް ބޯލަމުން އައިލީން ބުނެލިއެވެ.
" ދެފަރާތުގެ ކަނެކްޝަން އަކާ ނުލައި އެއްވެސް ގުޅުމެއް ދެމިއެއް ނޯންނާނެ " ހިތްދަތިކަން ފޮރުވަން ކުރެވެން އޮތް ހުރިހާ ކަމެއް އެލީޝާ ކުރިއެވެ. އެހެން ނަމަވެސް އޭނާގެ ކޮންމެ ލަފްޒެއްގައިވީ ހިތްދަތިކަމެވެ.
" އެއީ ބެސްޓުފުރެންޑުވިޔަސް ..ހަޒްބަންޑު އެންޑް ވައިފް ވިޔަސް " ކޮފީޖޯޑުގެ ތުނބުގައި ޝަހާދަތް އިނގިލިން ކުޅެލަ ކުޅެލައި އެލީޝާ ހުއްޓެވެ. ކޮފީތަށި ހޫނުކަން ކެނޑިގެންދާއިރު ވެސް އެއިން އެތިފޮދެއް ބޯން އޭނާ ބޭނުން ނުވާފަދައެވެ. ނޫނީ އަރުން އެއްޗެއް ދިރޭ ވަރަށްވުރެން އޭނާ އެވަނީ ހިތްދަތިވެފައެވެ. ދެން ޒަކްވާނާއި ބެހޭ ގޮތުން އައިލީނަށް ވާހަކަދައްކާކަށް ނުކެރުނެވެ. އޭނާ އެތަނުން ދިޔައީ އެލީޝާ އެކަނި ހުންނަން ބޭނުންވާ ހެން ހީވުމުންނެވެ.
* * * * * * * *
ހަފްތާއެއް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށެވެ. ޒަކްވާން ވެސް ގުޅާ ނުލައެވެ. ހަމައެކަނި ދެމީހުން ވާހަކަދައްކަނީ ވައިބަރއިންނެވެ. ހަމައެކަނި އެލީޝާގެ ހާލު އަހާފައި ހަނދާންވާކަމަށް ބުނެލައެވެ. އެމެސެޖް ދުވާލަކު ތިންފަހަރުވެސް އެލީޝާއަށް ލިބިދާނެއެވެ. އެހެން ނަމަވެސް އެލީޝާ ރަށަށް އެނބުރި އައި ވާހަކަ އޭނާވެސް ނުބުނެއެވެ. ޒަކްވާން ނާހާތީ ނުބުނަނީއެވެ. ހަފްތާއެއް ފާއިތުވެގެން ދިޔައިރު އެގެއަށް ޒަކްވާން ނުވެސް އާދެއެވެ. އެލީޝާ ރަށުގައި ނޫޅޭތީ ނާންނަނީ އޭ އެލީޝާ ހީކުރިއެވެ.
ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމުގެ އިޙްސާސް އެލީޝާއަށް ދިޔައީ ކުރެވެމުންނެވެ. ޒަކްވާނަކީ އެލީޝާގެ ދިރިއުޅުމުގެ އެއްބަޔަށް ވެފައިވާއިރު އެދެމެދުގައިވަނީ ދުރުކަމެވެ. އެލީޝާ ނެގިމަޑުވެފައި ހުންނާތީ އެކަމާ އަންވަރާއި ނަޖްމާ ވާހަކަދެއްކިއެވެ. އަންވަރު އުނދޯލީގައި އިން އިރު ނަޖްމާ އުޅުނީ ގަސްތައް ކައިރީގައެވެ.
" ޒެކްވެސް ނާދޭ ނޭގެ ވީގޮތެއް " ނަޖްމާ ޖެހިލީ އިސްކުރު ކައިރިއަށެވެ.
" ދެކުދިން މައްސަލަ ޖެހުނީބާ ؟ " އަތް ފޮހޭ ތުވާލިކޮޅު ނަގައިގެން ނަޖްމާ އިށިއިނީ އުނދޯލީގައެވެ. އަންވަރު ހިނިތުންވެލާފައި ފޯނުގެ ސްކުރީން ނިއްވާލިއެވެ.
" ހިހި ހިޔެއް ނުވޭ ! އެވާނީ ޒެކްއަށް ވަގުތު ނުވެގެން ނާދެވެނީކަމަށް...ސެލޫން ނިންމަން ވަރަށް ބުރަކޮން އުޅުނު ނަޖޫމެން ލަންކާގަ ވީއިރު ...ޒެކް އެހާވަރުން އުޅުނީމަ އެނިންމާލެވުނީ " އަންވަރު ޒަކްވާންގެ މަސައްކަތަށް ތައުރީފްކުރީ ހިތުގެ އަޑިންނެވެ. އޭނާ ބުނި ބުނުމަކަށް ޒަކްވާން ސެލޫންގެ މަސައްކަތުގައި އުޅުނީ ރޭގަނޑު ގިނަ ރޭރޭ ނުނިދައެވެ. ކުލަލުމާއި އެއްޗެހި ރޭވުމަށްދަންދެން އެކަން ކުރީ ޒަކްވާނަށް ކުރެވުނު އެންމެ ރަނގަޅަކަށެވެ. ނަތީޖާ އަންވަރު ބަލައިގެންނަނީ އުފަލާއި އެކުއެވެ.
ޒަކްވާނަށް ފޯނުކުރީ އަންވަރެވެ. ނުފެންނާތީ ބަލީތޯ ބަލާލުމަށް ކަމަށްބުނެއެވެ. ފޯނު ނިންމާލީ އެލީޝާ އައި ވާހަކަ ބުނަމުންނެވެ. ފޯނު ބާއްވާފައިވެސް އަންވަރު ދެއްކީ އެލީޝާއަށް ޒަކްވާން ރަނގަޅު ވާހަކައެވެ.
" އެދެކުދިން އުޅޭލެއް ގާތް ކަމުން މަންމަ އެހުންނަނީ ބިރުން " ނަޖްމާ ހިނިއައިސްފައި ވާހަކަދެއްކިއެވެ. މަޑުމަޑުން އުނދޯލި ހެއްލަމުންނެވެ. ނަޖްމާ ފާޅުކުރީ ހާޖަރުގެ ކަންބޮޑުވުމެވެ.
" ހި ހިހި އެކީއްވެ؟ އިކްރިޝާއަށް ވީހެން ވެދާނެތިން ؟ " އަންވަރަށް އޭނާގެ މަންމަ ފިކުރު ބޮޑުވާ ކަންތައް އޮޅިފައެއް ނުވެއެވެ. އޭނާގެ ދެދަރިންނާއި ދޭތެރޭ ހާޖަރް ފިކުރުކުރަނީ އުފަންދަރިންނެކޭ އެއްގޮތަށެވެ. އެދެކުދިން އުފަންވެ ބޮޑުވީ ހާޖަރުގެ އަތްމައްޗަށެވެ.
" އާން! މަންމަ ކަންބޮޑުވެގެން އުޅޭތީ އަހަރެންވެސް އެލީ ކައިރީ އެހިން ކޮން ގޮތަކަށްތޯ ޒެކްއާ ދޭތެރޭ ދެކެނީ " ކައިވެންޏަށް ކިތަންމެ ދުވަހެއް ވީ ނަމަވެސް އެކަކު އަނެއްކެއްގެ ވާހަކަތައް އަޑުއަހާލައި މަޝްވަރާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކާމިޔާބު އުފާވެރި ދިރިއުޅުމެއްގެ އެންމެ މުހިއްމު އެއް އަސާސްއެވެ.
" ދެން ކީކޭ ބުނީ ؟ " އަންވަރުގެ މޫނުމަތިން އުފާވެރިކަން ފިލައިގެން ނުދެއެވެ. ޝައުޤުވެރިކަމާއި އެކު އޭނާ ދަރިންގެ ވާހަކަތައް އަޑުއަހައެވެ.
" ބުނީ އެލީގެ ބެސްޓްފުރެންޑޭ އެ އިތުރު ގުޅުމެއް ނެތޭ " ނަޖްމާ ވާޙަކަ އިވިފައި އަންވަރު ބޯޖަހާލިއެވެ.
" އާން ރަނގަޅު އިތުރު ގުޅުމެއް އޮންނަންޏާ ޕޭރެންޓުންނަށް އެނގެން ޖެހޭނެ " ދެން އަންވަރު ވިސްނީ އައިލީން އާ މެދުއެވެ. އެކުއްޖާ މިހާރު ދިރިއުޅުމެއް ފަށަން ވެއްޖެކަން އަންވަރަށް ވިސްނުނެވެ. ޝާޙް އާއި އައިލީން އެކި ތަންތަނުން ބައްދަލުކުރާއިރު އެގުޅުން އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އަންވަރަށް އޮތެވެ. ދެކުދިންނަކީވެސް ކިޔަވައިގެން ތިބި ދެކުދީންނަށް ވިޔަސް ޒުވާންކަމުގެ ޖޯޝުގައި ކަތިމަގެއް ހިޔާރު ކުރެވިދާނެ ކަމުގެ ބިރު އެބައޮތެވެ. އެވާހަކަ ނުފެށިގެން އުޅެނިކޮން އައީ ސަމީރުއެވެ. އަންވަރުގެ ގާތް ރަޙްމަތްތެރިޔާއެވެ.
ކުޑައިރުކޮޅެއް ފަހުން ނަޖްމާ ނިކުތީ ތަބަކެއްގައި އެއްޗެހި ހިފައިގެންނެވެ. ކަޅުސަޔާއި ދޮންކޭލުގެ އިތުރުން ސޭންޑްވިޗާއި ކުޅިބޯކިބަލެވެ. ސަމީރު އަންނާނެ ވާހަކަ ބުނެފައި އޮތުމުން ނަޖްމާ ރަނގަޅަށް ސައި ތައްޔާރުކުރިއެވެ. ސަމީރު ބޭނުންވީ އެފެންޑާގައި ސައިބޯން ތިބޭށެވެ. ކުރިމަތިން ފެންނަން އޮތް ބަގީޗާގެ ރީތިކަމުގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހިޔާލުތަކާއި ދުރުވެލާށެވެ. ވައިޖައްސާލާށެވެ. އަންވަރާއި ސަމީރު ވާހަކަ ދައްކަން ދޫކޮއްލާފައި ނަޖްމާ އަނެއްކާވެސް ދިޔައީ ބަގީޗާ ގަސްތައް ކައިރިއަށެވެ.
" ނަޖޫ ތި ގަސްތައް ތެރެއިން ނިކުމެވޭ ވަރެއް ނުވޭދޯ ! ހިނގާ ތި މަސައްކަތް ތަންކޮޅެއް ފުޅާ ކޮއްލަން " ސަމީރަކީ އަބަދުވެސް އޭގެ ދެމަފިރިންނަށް ހުރިހާ ކަމެއްގައިވެސް ލަފާދޭ ލަފާދާރެވެ. އެހިތެރިކަމުގައި ދެވަނައެއް ނެތް މިތުރެކެވެ. ސަމީރުގެ ސަމާސާ ކުރުން ތަކުން އަންވަރު ހިނިގަނޑެއް ޖަހާލިއެވެ.
" އެމަސައްކަތް ފުޅާ ވާނީ ގިނަ ގަސް އިނދިގެންދޯ! " އަންވަރުވެސް ސަމީރުގެ ވާހަކައިގާ ބައިވެރިވިއެވެ.
" ނަޖޫ އިންދާ ގަސްތައް އަހަރެންގެ ރިސޯޓަށް ގަންނަން މިވިސްނަނީ ...އެކަމުން ރަނގަޅު އެއްޗެއް ލިބި ނަޖޫގެ މަސައްކަތް ފުޅާ ކުރެވިދާނެ " ސަމީރު ހިޔާލުކުރާ ގޮތް ފާޅުކުރިއެވެ.
އެމީހުން އެކަމުގެ މަޝްވަރާގައި ތިއްބާ ޒަކްވާން އައެވެ. ސަމީރަށް ޒަކްވާން ތައާރަފްކޮށްދިނެވެ. ގިނަ ދުވަސްތަކެއް ފަހުން ޒަކްވާން ފެނުނު އިރު ޒަކްވާނަށް އައިސްފައިވާ ބަދަލު ފެނިފައި ސަމީރަށް ނޭގުނެވެ.
" އެލީ ވެއްޖެ ކޮޓަރީގަ..ޒެކް ނައިސްގެން ކަންނޭގެ ފޫހިވެގެން އެ އުޅެނީ " ނަޖްމާ އެހެން ބުނުމުން ނިކަން ހިނިއައިސް ޒަކްވާން އެތެރެއަށްވަނެވެ. އެހެން ނަމަވެސް އޭނާ ހިތުގައިވަނީ ނުތަނަވަސްކަމެވެ. އެނބުރި އައި ވާހަކަ އެލީޝާ ނުބުނުމުން އޭނާ ހިތުގައި ޖެހިފައިވެއެވެ.
" ހިނގާބަލަ ރިސޯޓަށްދާން ކުދިވެރިން ގޮވައިގެން ...ދެތިން ދުވަސްފަހުން އަހަރެންގެ ސޮރުވެސް އަންނާނެ ..އެސޮރުވެސް އައިސް ހުންނާނީ ރިސޯޓްގަ އެންމެން މަޖާ ކޮއްލާފައި އައިމަ ހުންނާނީ ރަނގަޅަށް " އަނެއްކާވެސް ސަމީރުގެ ފަރާތުން ލިބުނީ ދައުވަތެކެވެ. ސަމީރުގެ ހިއްސާ އޮންނަ ރިސޯޓެއް ރަށާއި ކައިރީގައި ދަނީ ތަރައްޤީކުރަމުންނެވެ. މިފަހަރު ސަމީރު ރަށަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީ ރިސޯޓްގެ ހަދާ ނިމިފައި އޮތް ފަރާތް ޓޫރިސްޓުންނަށް ހުޅުވާލުމެވެ.
" އެސޮރު އެއްކޮން ކިޔަވައި ނިމިގެންތަ އެއަންނަނީ ؟ " ސަމީރުގެ ހުންނަނީ އެންމެ ކުއްޖެކެވެ. އެދަރިފުޅު ހުންނަނީ ޑޮކްޓަރކަން ކިޔަވަން އޮސްޓުރޭލިޔާގައެވެ.
" ނޫނޭ ފައިނަލް ޓެސްޓާއި ދެމެދު ޗުއްޓީއެއް ލިބޭތީ ބޭނުންވީ މިކޮޅަށް ޖައްސާލަން " ސަޔަށް އިންސާފުކުރަމުން ދިޔައިރު ނަޖްމާ ތައްޔާރުކޮއްފައިވާ ކާތަކެއްޗަށްވެސް ސަމީރު ހުސްނުވާ ތައުރީފް ދިޔައީ އޮހެމުންނެވެ.
ސިޓިންގރޫމުން ހާޖަރު އާ ދިމާވުމުން ޒަކްވާން ވާހަކަދައްކާލަން މަޑުކޮއްލިއެވެ. އެއަށްފަހު އޭނާ ދިޔައީ ސީދާ އެލީޝާގެ ކޮޓަރިއަށެވެ. ޓަކިޖަހާލަންވެސް ޒަކްވާން ހަނދާނެއް ނެތެވެ. ދޮރު ހުޅުވާލީ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. މެއާއި ހަމާގައި ތުވާލި އޮޅައިލައިގެން އެލީޝާ ނިކުތީ ފެންވަރައިގެންނެވެ. ބޮލުގައި އޮޅާފައި އޮތް ތުވާލިން އެކަން ހެކިދެއެވެ. ދެމީހުންނަށްވެސް އެކަކު އަނެއްކަކު ފެނުމުން ހަޅޭ ލަވައިގަނެވުނެވެ. ޒަކްވާން އަވަސް އަވަހަށް ދޮރު ލައްޕާލިއެވެ. ހަމަ އެބާރު މިނުގައި ދޮރު ހުޅުވާލިއެވެ. މެޔާއި ދިމާލަށް ދެއަތް ހުރަސްކޮއްގެން ހުރި އެލީޝާއަށް ޒަކްވާން ބުނި ބަހުން މޫނުމަތި ރަތްވެގެން ދިޔައެވެ.
(ނުނިމޭ)