20 Sep 2020

By: Ahmed Nadym

ހެނދުނު ހަޔެއް ޖަހާ އިރަށް ހަޅޭފަޅޭ ޖަހައިގަންނާނޭ ގަޑިއެއް ރުއްޖެހިގޭގައި ސޯނާކޮށްފައެއް ނުހުރެއެވެ. އެކަމަކު، އަމާ ވައްވައްޖަހަން ފެށީމަ، އިތުރަށް ކެތްނުކުރެވިގެން ހުސޭނު ފުންމައިގެން ތެދުވެ ގިފިއްޔަށް ވަދެ މޫނު ދޮވެލައިގެން ގެއިން ނުކުތީ އެވެ. ނުވަތަ އެއަމާގެ ހަޔާތްނުހުންނަވަރޭ ހިތަށް އަރައި ލަދުން ފިލީ އެވެ.

އެހެންޏާ ފަހެ މިއީ ހަމަ ކޮންމެ ދުވަހަކު ވެސް ރުއްޖެހިގެއަށް އިރުއަރައިގެން އަންނަ ގޮތެވެ. ހުސޭނުގެ އަމާ، މަރީނާ، ފަތިހު ހިއްލާލާ ގޮތަށް އިރުމެދުޖެހި ވާތާވެގެން ވެއްޓެން ދެން އުޅޭނީ ޖެހިގެން ހުންނަ ސައްކެޔޮގޭ ސަކީނާއާ ދިމާލަށް ހެއްދެވި ނެހެއްދެވިއަށް ގޮވުމުގަ އެވެ.

ގެއަށް ގެނެސްފައި އޮންނަ ރާގޮނޑިން ހަންދެމިޔަސް، ކަނޑައިގެން ގެނެސްފައި ހުންނަ އޮޅުއަލަ މުޅޯށިން އަލަ ނަގައިގެން މަށައި ކޮށިޔަސް، މަރީނާގެ ހުތުރު އެ އަނގަގަނޑެއް ދުވަހަކުވެސް މައިތިރިއެއް ނުވެ އެވެ. ސަކީނާއާ ނުބެހި، އޭނާއާ ދިމާލަށް އެއްޗެއް މި އެއްޗެއް ގޮވާނުލައި އަތުން ފައިން ހަމަ އެއްކަމެއް ވެސް ކުރެވޭ އަންހެނެއް ނޫނެވެ.

މިވަރުގެ އަންހެނަކު ކައްކާ އެއްޗެހި ކާން ހެޔޮވާނެތޯ މިއީ ވެސް ހުސޭނު ކޮންމެ ދުވަހަކު ސައިބޯން އިނދެ ހިތާހިތުން ކުރާ ސުވާލެކެވެ. އަވަށްޓެރިންނާ ޒުވާބުކުރުމަކީ ކިހާ ހުތުރުކަމެއްހޭ ބުނެ އެކަން ހުއްޓުވައި ދިނުމަށް ބައްޕަ ގާތު އެދުމުން އެ މުސްކުޅި ބަފާކަލޭގެ ވެސް އަމިއްލަ ދަރިއާ ދިމާލަށް ހަޔާތްގޮވައިގަތީ އެވެ.

"ބަލަ ކަލޭ މަދަރުސާއަކަށް ދާން ހޭލައްވަން ގެނެސްފައި ހުރި ރަނގަބީލެއް ނޫންތަ އެއީ؟ މިހިރަ އެއްޗެއް އެވަރުން ވެސް ކިޔަވާކަށް ދަނީކީއެއް ނޫނޭ،" އެ ބައްޕަ ހުސޭނާ ދިމާލަށް ހަޅޭފަޅޭ ޖަހައި ދެ އަތް އުކައިގަތީ އޭނާ އެންމެ އަޑުއަހަން ބޭނުންނުވާ ވާހަކަތަކުންނެވެ.

އެއީ ވެސް ތެދެކެވެ. އެހާ ފަސޭހައިން ހެނދުނު ހޭލެވޭ އިރު ވެސް ހުސޭނު ކިޔަވަން ދަނީކީއެއް ނޫނެވެ. ގުރުއާނުން ސޫރަތެއް، އާޔަތެއް ކިޔަން ނޭނގޭތާނގައި އަލިފެއް ބާއެއް ތާއެއް އެ އޮންނަނީ ބަޅަށް ނުވަތަ ތެދަށް ކަމެއްވެސް އެނގޭ ސޮރެއް ނޫނެވެ. އެކަމަކު މި ޝަކުވާއެއް މީހަކު ކުރާއިރަށް އޭނާ އިނގިލި ދިއްކުރަނީ މުސްކުޅި އަމާ އަށެވެ. މަދަރުސާ އަށް ދިޔައީމަ ކުދިން ހުސޭނަށް މަލާމާތްކޮށް އޭނާއާ ދިމާކުރަނީއޭ ބުނެ އެވެ. ކިޔަވަން ނުދަނީ ގަންނާކުރައްވާ ލަދަށެވެ.

އެހެންވެ ހުސޭނު ބަލަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލެވޭއިރަށް ގެއިން ނުކުމެގެން ގޮސް ރަށުގެ އެންމެނަށް ފިލޭތޯ އެވެ. މަންމަގެ ޒުވާބާއި ހަނގާކުރާ ކުދިންގެ ފުރައްސާރަ އާއި ރަށު މީހުންގެ މަލާމާތުން ވެސް ސަލާމަތްވާނެތީ އެވެ. މިގޮތަށް ނުކުމެގެން ގޮސް އިރެއް ނުއޮއްސެނީސް އޭނާ ދެން ރުއްޖެހިގެއަކަށް ނުވަދެ އެވެ.

އެހެން ކުދިންގެ މަންމައިންނާއި ބައްޕަމެން އެމީހުންގެ ދަރިން ދެކެ ލޯބިވާ ގޮތަށް ހުސޭނުގެ އަމާ އާއި ބައްޕަ އޭނާއާ ހެދި ނޫޅޭކަން އެ ސޮރުގެ އަމިއްލަ ޟަމީރު ވެސް ގަބޫލުކުރާތީ އެވެ.

** ** ** **

ތުނޑުކުނަލުގެ ކުރެހުން އެޅިފައިވާ ބުރަކަށި ކަހަމުން، އެ އަތް ގެނެސް ބޮލުގެ އިސްތަށިގަނޑު ތެރެއިން ދުއްވަމުން އާ ފުރެމުން ގޮސް ހުސޭނު ފޭބީ އަތިރިއަށެވެ. އަތިރިއަކަށެވެ. މަންމަ އާއި ސަކީނާ ޒުވާބުކުރާ ހިސާބެއްގައި މީހަކަށް މާގެފިލިކުރަން ވެސް ފަސޭހައެއް ނުވާނެތީ އެވެ.

ލައިގެން ހުރި ހަމައެކަނި އަންނައުނުގަނޑު ކަމުގައިވީ ކަޅުކުލައިގެ ސޯޓުބުރިގަނޑު ކަކުލުން ތިރިއަށް ދަމާލުމަށް ފަހު، ހުސޭނު އުޑުފައިން އިށީނދެއްޖެ އެވެ. އެއަށް ފަހު ގަޔަށް އެރުވި ވަރުގަނޑަކާ އެކު ދެ ލޯ މަރާލެވުނީ އަރާމާއި ހިމޭން ކަމުގައި އިރުކޮޅެއް ގުނާލެވޭނެ ކަމަށް ހީކޮށެވެ.

އޭނާ އިނީ ހޭޅިފަށުގައި ހެދިފައި ހުރި މަގޫ ގަސްތަކުގެ ހިޔަލާއި ފިނީގެ ނިވަލުގަ އެވެ. މަގޫ ގޮފިގަނޑެއްގެ ކުރިގަނޑެއް ބިނދެލައިގެން އެއް އަތުން މާބުރުތައް ފައްސަމުން ގެންދިޔައިރު އަނެއް އަތުގައި އޮތް މަގޫފަތުގެ އޮފިގަނޑުން ފިނިކުރަމުން ގެންދިޔައީ މޫނަށެވެ.

ނަމަވެސް އެ އަރާމެއްގައި އޭނާ އަށް އިނދެވުނީ އިރުކޮޅަކަށެވެ. އަނެއްކާވެސް ޒުވާބެއްގެ އަޑުފައްގަނޑެވެ. އަނެއްކާ ޒުވާބަށް ފިލަން އުޅުނީމަ ހުސޭނާ ޒުވާބު ހިތާވީ ހެއްޔެވެ؟ އޭނާގެ ހިތަށް އެރީ މިހެންނެވެ.

އެއަށް ފަހު ނިކަން ފަރުވާތެރިކަމާ އެކު އަތުގައި އޮތް މަގޫފަތްގަނޑުން ބުރި ފޮހެލުމަށް ފަހު ތެދުވިގަންނަމުން ސޯޓުގަނޑު މައްޗަށް އަރުވައި ގޮށް އަޅުވައިފި އެވެ. ދެން އޭނާ ވަދެގެން ދިޔައީ ބޯކޮށް ހެދިފައިވީ މަގޫ ގަސްތަކުގެ ތެރެއަށެވެ. މި ހިސާބުގަނޑަކީ ހުސޭނުގެ ދެ ވަނަ ގެ ކަހަލަ ތަނެކެވެ.

ކިޔަވަން ނުދާންވެގެން ގެއިން ނުކުމެގެން އައިސް އަބަދުވެސް އޭނާ ފިލާފައި އޮންނަ ތަނަކީ މިއީ އެވެ. ވަގުރުކު އަޅައިގެން ބޯ މީހުންނާއި މި ހިސާބުގަނޑު ވަލަށް ވަދެ މާ ފޮޅުވާ މީހުންނަކީ ވެސް ކޮން ބައެއްކަން އެންމެ ރަނގަޅަށް އެނގޭނީ ހުސޭނަށެވެ.

ޒުވާބެއްގެ އަޑާ އެކު އޭނާގެ ޝައުގުވެރިކަން އެ ދިމާލަށް ދަމައިގަނެ، ލަވައިގަނެފައި ހުރި ސީތައް މަތިން ވެސް ހަނދާން ނެތިއްޖެއެވެ. މާ ދުރު ނޫން ހިސާބަކުން އިވެމުން އައި އެ ޒުވާބާ އެކު އޭނާ ދަންނަ ފަރިތަ އަޑެއް އައިސް ކަންފަތުގައި ޖެހުނީމައެވެ.

އަރައިރުންވަމުން ދިޔަ ދެ މީހުން ފެންނަ ހިސާބަކަށް ނުދެވިގެން އުޅެނިކޮށް އެ ދެ މީހުން އެކަކު އަނެކަކުގެ ގަޔަށް އަތްލާން ފަށައިފިކަން އެނގުމާ އެކު ދެނަކާދެނެއް ނެތި ހުސޭނު ގަސްތަކުގެ ތެރެއިން ގޮފިތައް ބިންދަމުން ދުއްވައިގެންފިއެވެ.

ހަތަރެސް ފައިގެ ތަންތަނުން ލޭ އޮހޮރުވާލައިގެން އޭނާ އަށް ގޮސް ބޯ ދިއްކޮށްލެވުނުއިރު އެކަކު އޮތީ ވެލިގަނޑު މައްޗަށް ދެމިފަ އެވެ. އަނެކަކު އޮތީ ދެ ކަކޫ މައްޗަށް ވެއްޓިގަނެގެންނެވެ. ފެންނަ ފެނުމަށް، ކުރެވުނު ކަންކަތާ މެދު ދެރަވެ މޮޔަ ހީވެގެންނެވެ.

ކަކޫ މައްޗަށް ވެއްޓިގަނެގެން އެ އޮތީ ނިޔަދުރުގޭ މޫސާ ފަތުހީ އެވެ. އެއީ ހުސޭނަށް އެހާ ފަރިތަ މޫނެއް މޫނެއް ނޫނެވެ. ނަމަވެސް އެ މޫނެއް ފެނުމާ އެކު، ބިން މައްޗަށް ދެމިފައި ދެން އެ އޮތީ ކާކުކަން ހުސޭނަށް އެނގިއްޖެ އެވެ. އެއީ ކުރިން އިވުނު އޭނާ ދަންނަ ފަރިތަ އަޑަކީ މޫސާ ފަތުހީގެ އަޑުކަމުގައި ނުވާތީ އެވެ.

ހުސޭނަށް އިވުނީ ދޮންބެއްޔާގެ އަޑެވެ. އެއީ ހުސޭނުގެ ބޮޑުބޭބެއެކެވެ. މިހާރު އެ އޮތީ މޫސާ ފަތުހީގެ އަތް ދަށުވެ ހިރިގަލަކުން ތަޅައި ބޯ ޗިސްއަރުވާލައިފަ އެވެ.

މި މަންޒަރުފެނި ވެރިވި ބިރުވެރިކަމާ އެކު ދެ ފިޔަވަޅެއް ފަހަތަށް އެޅިގޮތަށް މަގޫ ގަސްތަކުގެ ތެރޭގައި ހުސޭނު ހިރިވެސް ނުލައި އޮތީ އެވެ. މިހެން އޮތްވައި ދެން ފެނުނީ މޫސާ ފަތުހީ އޭނާގެ ފައި މައްޗަށް ތެދުވެ، ހުސޭނުގެ ބޮޑުބޭބެގެ ދެ ފައިގައި ހިފައި ކޫއްތާފައި ގެންގޮސް ގޮނޑުދޮށުގައި ހުރި ކުރެދި ގަސްތަކެއް ކައިރީގައި އެ ހަށިގަނޑު ބޭއްވުމަށް ފަހު ދެ އަތުން އެ ތަނުގައި ވަޅުގަނޑެއް ކޮންނަން ފެށި މަންޒަރެވެ.

ވެލިގަނޑު މަޑު ހިސާބަކަށް ވުމުން ބޭނުންވި ވަޅުގަނޑު ނިކަން ފަސޭހައިން މޫސާ ފަތުހީ އޭނާގެ ދެ އަތުން ކޮނެފި އެވެ. އެކަމަކު އެއީ މީހަކު ވަޅުލާން ކޮންނަހާ ފުން ވަޅުގަނޑެއް ނޫނެވެ.

ދެން ފެނުނީ މަރުވެފައި އޮތް މީހާގެ ހަށިގަނޑު އެ ވަޅުގަނޑުގެ ތެރެއަށް ފުރޮޅާލުމަށް ފަހު ފަސްއަޅައި ފޮރުވި ތަނެވެ. އެއަށް ފަހު މޫސާ ފަތުހީ ދެން އަނެއްކާވެސް ދުއްވައިގަތީ މާރާމާރީ ހިންގައި ހުސޭނުގެ ބޮޑުބޭބެގެ ދުވަސް ދުއްވާލި ތަނަށެވެ.

އޭރު ވެސް ހުސޭނު އޮތީ މަންޒަރު ބަލަން ގަސްތަކު ތެރޭގައި ފިލަ އެވެ. ބޮޑުބޭބެ މަރާލި ވާހަކަ ރަށު މީހުންނާ ހަމަ އަށް ގެންގޮސް ދިނުމަށް ވުރެ އޭނާ އަށް މުހިންމުވީ މޫސާ ފަތުހީ ކުރަން އުޅޭ ކަމެއް ބެލުމަށް އެތަނުގައި އޮތުމެވެ. އެހެން ނޫނަސް ގަޔަށާއި ބޮލަށައި ގުނަވަންތަކަށް އަތްލައި އުޅުނު ގޮތެއްފޮތެއްނެތް ބޮޑުބޭބެއަކަށް ވުރެން ހުރިހާ ގޮތަކުން ވެސް އޭނާގެ ޝައުގު ޖަހައިގެން ގެންގޮސްފައި އެ ވަނީ ގޮތް ނޭނގެ މޫސާ ފަތުހީއެވެ.

ނަމަވެސް ވާނުވާއެއް ނޭނގި އޮތްވައި ހުސޭނަށް ދެން ފެނުނީ ނިކަން ބޮޑު ގަލެއްހެން ހީވާ އެއްޗެއް އުފުއްލާލައިގެން އޭގައި ބަގުޑިބައްދައިގެން މޫސާ ފަތުހީ ކުރު ފިޔަވަޅުތަކެއްގައި އެއްގަމަށް ދުއްވައިގަތް މަންޒަރެވެ. އެގަމަށް އަރައި، ލައިގެން ހުރި ޓީޝާޓު ބޭލުމަށް ފަހު އޭގައި އަޅައި ފޮރުވީ އެވެ.

މީހެއްގެ ފުރާނަ ދުއްވާލުމަށް ފަހު މޫސާ ފަތުހީގެ ގައިގައި ހުރި ވަރެއްލާފައި އުފުއްލާލައިގެން އެ ގެންދިޔައީ ހިރިގަލަކަށް ވުރެ އަގުބޮޑު އެއްޗެއްކަން ހުސޭނަށް ރޭކާލީ ދެނެ އެވެ.

އެ ބިޔަ ހުދަންބަރުގެ ވަހާއި ދަހިވެތިކަމުގެ ތެރެއަށް ހުސޭނުގެ ހިތާއި ނަފުސު ދަމައިގަތެވެ. އެހެންވެ އޭނާ ނިންމީ ބޮޑުބޭބެ އަށް ވީގޮތް އެއްވެސް މީހަކަށް ކިޔައި ނުދީ މަޑުކުރާށެވެ.

އެހެން ނޫނަސް އުޅުމެއް އަހުލާގެއް، ކުލުނެއް ލޯތްބެއް ނެތް ބޮޑުބޭބެއަކަށް މޮޔަވުމަށް ވުރެ އަގުބޮޑު މާވަހަރަކަށް ގުރުބާންވުން ވެސް މާ ރަނގަޅެވެ. ހުސޭނުގެ ހިތަށް އެރީ މިހެންނެވެ.

ކުޑައިރު ހުސޭނަކީ ބޮޑުބޭބެގެ އަނިޔާ ލިބިފައިވާ ކުއްޖެކެވެ. އެތައް ދުވަހެއް ވަންދެން ޖިންސީ ގޮތުން އެކިވަރުގެ އަނިޔާތައްކޮށް އުޅުނެވެ. އެ ވާހަކައެއް ހުސޭނު ދުވަހަކު ވެސް އެއްވެސް މީހަކަށް ކިޔައެއް ނުދެ އެވެ.

ނަމަވެސް ބޮޑުބޭބެގެ ކިބައިން ބަދަލު ހިފުމުގެ އެދުން އޭނާގެ ހިތުގައި އަބަދުވެސް އޮތެވެ. އެންމެފަހުން އެ މަގޫ ގަސްތަކުގެ ތެރެއިން ނުކުމެގެން އޭނާ ގެއަށް ދިޔައީ ހިތް ނިކަން ރަނގަޅަށް ފުރާލައިގެންނެވެ. އޭރު އެ ހިތުގައި އަދި އެހެން އެދުމެއް ވެސް ހެދި ފޯދެނީއެވެ.

** ** **** ** **

އޭގެ ދެ ދުވަސް ފަހެވެ. ދޮންބެއްޔާ އާންމުކޮށް ރަށު ތެރެއިން ނުފެންނާތީ އާންމުންގެ ހިތުގައި ސުވާލުތައް އުފެދި އޭނާ އަށް ވީގޮތެއް ބެލުމަށް މީހުން ޝައުގުވެރިވެއްޖެ އެވެ. އޭރު މޫސާ ފަތުހީ އޭނާގެ ރެއާއި ދުވާލު ގުނަމުން ދިޔައީ މާލެ ދާން އަރާނެ ނާލުބައްތެއްޔެއް ރަށަށް ނައިސްގެން އޭގެ އިންތިޒާރުގަ އެވެ.

ހުސޭނު އިންތިޒާރުކުރަމުން އެ ގެންދަނީ އޭނާގެ އަތަށް އެ މާވަހަރު އަރާނެ އިރަކަށެވެ. ނަމަވެސް އެރި އިރާއެކު އޭނާގެ ދުވަސް ހަރާބުކޮށްލީ މުސްކުޅި އަމާ އެވެ.

މިއަދު ޒުވާބުކުރުމެއް ނެތެވެ. ހިތާމައިގެ ދުވަހެކެވެ. ނަމަވެސް ހިތާމަ އަކީ ޒުވާބެއްކުރިޔަސް އަދި ހިތާމައެއްގައިވިޔަސް ހުސޭނުގެ އަމާ އަށް ވުރެން އަޑުގަދަ މީހަކު ރަށުގައި ވެސް ނޫޅޭ ކަމެވެ. އަމާގެ ހުރި ހަމައެކަނި ބޭބެ ވީނުވީއެއް ނޭނގި ގެއްލުމުގެ ހިތާމާގައި މުޅި ދުވަސް އެ އޮތް ދަންމާލަނީ އަޑުންއަޑުނަގައި ރުއިމުގަ އެވެ.

އުފަން ދަރިއަކު ދެކެ ނުވާ ލޯބި މީހަކު އޭނާގެ ބޭބެއް ދެކެ ވެދާނެ ހެއްޔެވެ؟ މިހެން ހިތަށް އަރައި ހުސޭނަށް ހުރެވުނީ މަންމަ ހެދެމުން ދިޔަ ގޮތް ބަލަން އަނގަނަގައިގެންނެވެ.

ކޮންމެއަކަސް ދޮންބެއްޔާ ހޯދަން ރަށުގެ މީހުން ނުކުތުމުން މާވަހަރު ފޮރުވުމަށް ފަހު މޫސާ ފަތުހީ ވެސް އެމީހުންނާ އެކު ނުކުމެއްޖެ އެވެ. އޭނާގެ މޭގަނޑު އަނގަޔަށް އައީ، ދޮންބެއްޔާ ވަޅުލި ހިސާބުގަނޑަށް ގޮސް ނިކަން ވަގުވަގަށް ހޭޅިފަށުން ގޮނޑުދޮށަށް ފޭބިތަނުންނެވެ.

ދޮންބެއްޔާ ވަޅުލިތަން އެ އޮތީ ކޮނެގެން ނަގައިފައެވެ. އެކަމަކު އެހިސާބުގަނޑުގައި ގަބުރެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ.

މޫސާ ފަތުހީގެ ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގަތީ އޭނާގެ ސިއްރު އެނގޭ މީހަކު ރަށުގައި ހުރިކަމުގެ އިހްސާސްވި ހިސާބުންނެވެ. މުންޑުގަނޑުގެ ފަސްބައި ދެ އަތަށް ނަގައިގެން ކޮށިކުރަމުން ދެން ދުއްވައިގަނެވުނީ ގެއާ ދިމާލަށެވެ. މާވަހަރު ފޮރުވިތަނުގައި އޭތި އޮތްތޯ ބެލުމަށެވެ.

ދޮންބެއްޔާގެ ގަބުރާ އެކު ހުދަންބަރު ވެސް ގެއްލުނީ އެވެ. މޫސާ ފަތުހީ އަށް އެނގޭ ހަގީގަތަކީ އެހާ އަވަހަށް މީހެއްގެ ހަށިގަނޑު ކުނިވެ ވެއްޔަށް ބަދަލުނުވާނެ ކަމާއި ފަންސާސް އެތައް ކިލޯއެއް ބަރުދަނުގައި ހުރި ބޮޑު މާވަހަރެއް ވެސް އެހައި އަވަހަށް ހުލިނުވާނެ ކަމެވެ.

ރަށުގެ ކޮންމެވެސް މީހަކު މި އޮތީ އޭނާ އަށް ކެއްސެއް ދީފަ އެވެ.

ވަގުކަލޭގެ އަކީ ކާކުކަން މޫސާ ފަތުހީ އަށް ރޭކާލީ އޭގެ ދެ ތިން ދުވަސް ފަހުންނެވެ. ރުއްޖެހިގޭ މަރީނާގެ ހުރި ހަމައެކަނި ފިރިހެން ދަރިކަމުގައިވީ ހުސޭނު ވެސް ވީނުވީއެއް ނޭނގި ގެއްލުމުން އެވެ.

މާވަހަރާ އެކު ހުސޭނު ފުރައިގެން ދިޔައީ މޫސާ ފަތުހީގެ އަތުގައި އޮތް އެންމެ އަގުބޮޑު މުދާގަނޑު ވެސް ހިފައިގެންނެވެ. އޭނާގެ ބޮއްކުރާ އެވެ.

ނަމަވެސް އެހެލާފައި އޮތް ބޮއްކުރާގަނޑެއް ގެއްލުނުކަމުގެ އިހްސާސެއް ރަށުގެ އެހެން ބަޔަކަށް ނުކުރެވެ އެވެ. އަދި މޫސާ ފަތުހީ އަށް ލިބުނު ކެއްސުން ވެރިވި ހިތާމަ އިތުރަކަށް ގަދައެއް ވެސް ނުވި އެވެ.

އެއަށް ވުރެ ގަދަ ވިއްސާރައެއް އޭރު ލައިގަނެފައި އޮތީމަ އެވެ. އަދި އެ ކެރިގަނޑަށް މާވަހަރު ހަދިޔާކުރިޔަސް ހުސޭނާއި އެ ބޮއްކުރާ ސަލާމަތްނުވާނެކަން މޫސާ ފަތުހީ އަށް ޔަގީންވާތީ އެވެ. އެ މަންޒަރެއް ހިޔާލުގައި ކުރަހަމުން ރަށު ތެރެއަށް ވަދެގެން ގޮސް މޫސާ ފަތުހީ ވަނީ އޭނާގެ ބައު ޖިފުޓިއަށެވެ.

އޭގެ ދެ ތިން މަސް ފަހުން ރަށު ތެރޭގައި ރުއްޖެހިގޭ މަރީނާ މޮޔަގޮވަން ފެށީ އޭނާގެ ދަރިފުޅު ހުސޭނު، މާވަހަރު މަހުޖަނަކަށް ބަދަލުވެއްޖަޔޯލައޭ ކިޔައިގެންނެވެ. ރަށު ތެރޭގައި މީހުން ކިޔަނީ މަރީނާ މޮޔަވީ ހުވަފެނެއް ފެނިގެން ކަމަށެވެ. ރަށުގައި އެވާހަކަ ގަބޫލުނުކުރާ ހަމައެކަނި އިންސާނަކަށް ހުރީ ނިޔަދުރުގޭ މޫސާ ފަތުހީއެވެ.

އެކަމަކު މޫސާ ފަތުހީ އަށް ދެން ކުރެވޭނީ ވަކި ކީއް ހެއްޔެވެ؟ (ނިމުނީ)

Popular