15 Oct 2020

By: Mariyam Yasma

މިރްހާގެ ހިތް ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ. މޭ ފޫއަޅުވާލައިފައި ނިކުންނަން އުޅޭ ކަހަލަ އެވެ. ވައްކަން ކުރަން އުޅެނިކޮށް ވަގުހިފައިގެން އުޅޭ މީހަކު ފަދައިން އޭނައަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އެވަގުތު މެހެވިޝް އައިސް ކައިރިއަށް ހުއްޓިއްޖެ އެވެ.

"ކޮންމެދުވަހަކު ތިހެން ފަތިހު ނިކުމެގެން ދިޔައީމަ އެކަކަށްވެސް ނޭނގޭނެއޭ ހީނުކުރާތި! އަދި މަށަށް ފާހަގަކުރެވުނިއްޔާ މިގޭ އެހެން މީހަކަށް ވެސް ފާހަގަނުވާކަމެއް ކިހިނެއް އެނގެނީ؟" މެހެވިޝް ބެލީ ހައްތަހާ ބޮޑަށް މިރްހާ ބިރުގަންނަވާލެވޭތޯ އެވެ.

ކަންބޮޑުވެފައި ހުރިވަރުން މިރްހާ ބޭނުންވީ އެތަނުން އަވަހަށް ދާށެވެ. އެކަމަކު އޭނަ ދާން ހިނގައިގަންއިރަށް މެހެވިޝް އޭނަގެ އަތުގައި ހިފަހައްޓައިފި އެވެ. ރުޅިއަންނަ ގޮތްވެފައި މިރްހާ ދައްތަގެ އަތް ފޮޅުވާލި އެވެ. އޭނަ ސިޑިން އަރައިގެން ދިޔައިރު ދައްތަ ކޮންމެވެސް އެއްޗެކޭ ގޮވާއަޑު އިވުނެވެ. އެކަމަކު ސާފެއްނުވި އެވެ. ކޮޓަރިއަށް ވަދެ ދޮރު ލެއްޕިގޮތތަށް އޭނަ ގޮސް އެނދަށް ވެއްޓިގެންފައި އުޑުތިލަމަތިން ވާނެހެން އެނބުރި އޮވެގެން ސީލިންގަށް ނަޒަރު ހުއްޓާލައިފި އެވެ. ދަނޑަށް ވަދެފައި އައިގޮތަށް ބޫޓު ވެސް ފަޔާ ވަކިކޮށްލާކަށް ހިތަކަށްނޭރި އެވެ. ހާސްވެ ކަންބޮޑުވުމުން ނިތްކުރިއަށް ވާންކުރަން ފަށައިފި އެވެ.

"ކިހާދެރަކަމެއް މެހެވިޝް. އަމިއްލަ ލިމިޓްގަ ހުރީމަ ވީނު. އަހަރެން މަންމައަށް ވާންނޫޅެބަލަ!" ރުޅިގަދަވެގެން އަމިއްލައަށް އެހެން ބުނެލާފައި އޭނަގެ ލޮލަށް އުދަނގޫކުރަމުންދިޔަ އިސްތަށިކޮޅެއް ދުރަށްލާން އަނގައިން ނިތްމައްޗަށް ފުމެލި އެވެ.

މޮޅެތި ވިސްނުންތައް އޭނައަށް އަންނަން ފެށީ އެހެން ހިމޭނުން އޮއްވަ އެވެ. ގިނަފަހަރު ވާނީ އެހެންނެވެ. ކަމަކާ ކުރިމަތިލާއިރު ދޭނެ މޮޅު ރައްދެއް ވެސް ހިތަކަށް ނާންނާނެ އެވެ. އެކަމަކު އެކަމެއް ވެ ނިމި އެކަމާއި ވިސްނަން ފެށުމުން މިހެން ބުނެވުނުނަމައޭ އެހެން ބުނެވުނު ނަމައޭ ހިތަށް އަރާނެއެވެ. މެހެވިޝް އެގޮތަށް އޭނައާ އެވާހަކަދެއްކކީވެސް ވަކިކަމެއް އެނގިގެން ނޫންކަމުގައި ހިތް ބުނެލި އެވެ. އޭނަ ފަތިހު ބޭރަށް ދަނީ ދުވަން ނޫންކަމެއް މެހެވިޝްއަށް އެނގެނީ ކިހިނެތް ހެއްޔެވެ؟ ސާބިތުނުކުރެވޭހާ ހިނދަކު އޭނަ ކުރީ ކީއްކަމެއް ޔަޤީނުން ވެސް ނޭނގޭނެ އެވެ.

ހެނދުނު ސައިބޯން ނިކުތްގަޑީގައި މެހެވިޝްގެ ފާރަވެރި ދެލޯ އިރުއިރުކޮޅާ އޭނައަށް ހުއްޓިފައި ހުރިކަން މިރްހާއަށް ފާހަގަވި އެވެ. މޭޒުދޮށުގައި އެވަގުތު ތިބީ މަންމަ އާއި ބައްޕަގެ އިތުރުން އެދެބެންނެވެ. ބައްޕަ މާ ގަޔާވެފައި ދަނޑުވެރިންގެ މަސައްކަތަށް ތައުރީފުކުރަމުން ހާއްސަ ފަރާތެއްގެ ގޮތުގައި އަނަސް ފާހަގަކުރުމާއެކު އޭނަގެ ހިތަށް އެނގުންވެލި އެވެ. އަޖައިބެއްފަދަ ފަޚުރުވެރިކަމެއް އިހްސާސްކުރެވުނެވެ. އޭނަގެ އާއިލާ އެންމެން އަނަސްއާމެދު ކުންޏަށްވުރެ ދަށުދަރަޖައެއްގެ މީހެއްގެ ގޮތުގައި ދެކި އަމަލުތައް ބަހައްޓަމުންދާއިރު އެކަކުވެސް އަނަސްގެ އަގު ވަޒަންކޮށްފިތާ އެވެ. އެވަގުތު ވެސް މެހެވިޝް އަނގައަށް ޖައްސައިލި ވައްތަރު މިރްހާއަށް ފާހަގަވި އެވެ. އައި ރުޅިއަކުން ނޫންކަމަށް ހެދިފައި އޭނަގެ ކައިރީހުރި ފެންތަށީގައި އުޅަބޮށިން ޖެހިގެންފައި ވައްޓާލައިފި އެވެ. އެވަގުތު ހޯސްލާފައި ފެތުރުނު ފެންތައް އޮހިގަތީ ކުރިމަތީ އިން މެހެވިޝްގެ އުނގަށެވެ.

"އައްޗީޑި!" މެހެވިޝް ހަޅޭއްލަވައިގެންފައި ކޮޅަށް ތެދުވެއްޖެ އެވެ.

"އޫޕްސް. މައި ބޭޑް.." މިރްހާ ތުންކޮޅު އޫކޮށްލައިފައި ކަންބޮޑުވިކަމަށް ހެދުނެވެ.

"މީ ހަމަ މީރާ ގަސްތުގަ ކުރިކަމެއް.." މެހެވިޝް ލޯހަނިކޮށްލާފައި ރުޅިވެރިކަމާއެކު ރައްދުދިނެވެ.

މިރްހާ ކުރިއަށްވުރެ މައުސޫމުކަމަށް ހެދިފައި ދެފަރާތަށް ބޯ ހޫރަން ފެށި އެވެ. މެހެވިޝް ރައްދުދޭން އިނގިލި ދިއްކޮށްލާފައި ވެސް ބުނަން އޮތް އެތީގެ ހުތުރުކަމުން ނިންމީ ނުބުނާ ގޮތަށެވެ. މަންމައާ ބައްޕައަށް ނަޒަރެއް ދިނުމަށްފަހު ބާރުބާރަށް އެތަނުން ނިކުމެގެން ދިޔަ އެވެ. މިރްހާ ސިއްރުން ހިނިތުންވެލާފައި ކޮފީ ތަށި ގެނެސް ތުންޖެހި އެވެ.

މެހެވިޝް މައްޗަށް އަރައިގެން ގޮސް ޒައިދު ނިދާ ކޮޓަރި ކުރިމައްޗަށް ހުއްޓުނީ ދިޔަ މަގުމަތީ އަމިއްލަ ކޮޓަރިން ޑަބަލް ތަޅުދަނޑި ނަގައި ޖީބަށްލައިގެންނެވެ. އޭނަ ފަސްއެނބުރި ބަލާލުމަށްފަހު ދޮރު ހުޅުވައިގެން ވަންއިރު ޒައިދު ހަމަ ނިދާ ހަރުދަނޑިވެފަ އެވެ. މެހެވިޝް ގޮސް މަގަތުގައި އިށީނދެލާފައި އަރައި ޒައިދުގެ އެއްފަރާތުގައި އޮށޯވެއްޖެ އެވެ. ހާމަވެފައިވާ ބުރަކަށީގައި ނިތްކުރި ޖައްސާލައިފައި އުނަގަނޑާއި ހިސާބުން އަތް އަޅުވާލި ހިސާބުން ޒައިދުއަށް ހޭވަނިވެގެން އެއަތްތިލައިގައި ހިފާލައިފައި ގެންގޮސް މެއާއި ހަމައިން ހިފަހައްޓައިލި އެވެ.

"ގުޑް މޯނިން.." މޫޑު ބަދަލުވެގެން ދިއުމާއެކު މެހެވިޝް މަޑުމަޑުން ބުނެލި އެވެ.

ޒައިދު އިރުކޮޅަކުން އެއަތުން ދޫކޮށްލާފައި މެހެވިޝްއާ ވީފަރާތަށް އެނބުރުނެވެ. އާފުރުމުން އަނގަމަތތީ އަތް އަޅާލައިފައި ނަގައި ސައިޑު ޓޭބަލްމަތީ އޮތް ފޯނުން ގަޑި ބަލައިލުމަށްފަހު ބޭއްވި އެވެ.

"ބުނީމެއްނު ލިޓްލް ބްރަދާގެ ވާހަކަ. ވައި ޑޯންޓު ޔޫ އިންވައިޓް ހިމް ހިއާ!" މެހެވިޝް ކުރިއްސުރެ ވިސްނައިގެން ހުރި ވާހަކައިން ލަފާދިނެވެ.

"މެހެވިޝްއެއްނު އިންވައިޓު ކުރާނީ. މެހެވިޝްގެ ރަށް. މެހެވިޝްގެ ގެ.." ޒައިދު މެހެވިޝްގެ ރީތި މޫނަށް ބަލަން އޮވެފައި ކޯތާފަތުގައި ހިފާލައި އެއްކޮޅުން އަނެއްކޮޅަށް ބޮޑުވައި އިނގިލި ހިންގައިލި އެވެ. އެހަރަކާތް ކިތަންމެ ލލޯބި ނަމަވެސް މެހެވިޝްއަށް އެވަގުތު ބޮޑަށް ސަމާލުކަން ދެވުނީ ޒައިދުގެ ޖަވާބަށެވެ. އޭނަ ޖޯޝާއެކު ޒައިދުގެ ފޯނު ނަގާފައި ހިތުދަސްވެފައިވާ ޕާސްކޯޑު ޖެހުމަށްފަހު ނަންބަރު ކިޔައިދޭން އެދުނެވެ.

"ކިހިނެއްވީ އެވަރަކުން އޭނަ ގެންނަން ތިއުޅެނީ؟" ޒައިދު ކުޑަކޮށް ހިނިއަންނަގޮތްވެފައި އެހި އެވެ.

މެހެވިޝްގެ ބޮލުގައި ބައެއްފަހަރު ހިންގާލާ ކަންތައްތައް ޚުދު އޭނައަށްވެސް ލަފާކޮށްލާކަށް ނޭނގޭނެ އެވެ. އެކަމަކު ހިތް ބުނަނީ އެދުމެއްނެތި އެފަދަ ކަމަކާއިގެން ނޫޅޭނެކަމުގަ އެވެ.

"އަހަރެންގެ ވާންއުޅޭ ފިރިމީހާގެ ފެމެލީ މީހުންނާއި ގުޅުން ބަދަހިކުރުމަކީ ކުރަންޖެހޭނެ ކަމެއްނު." މެހެވިޝް ޖަވާބެއްދީފައި ފޯނު ޒައިދުގެ އަތަށްދިނެވެ. ޒައިދު އެވަގުތު އެއިން ކޮއްކޮގެ ނަންބަރު ހޯދާލައިފައި ދިނުމުން މެހެވިޝް ފޯނު ނަގައި ކަންފަތުގައި ޖަހައިގެން އޮވެފައި އެކޮޅުން ނެގިހާއިރުން ތެދުވެ އިށީނދެފައި ވާހަކަދައްކަން ފެށި އެވެ. ޒައިދު ހަމަޖެހިލައިގެން މެހެވިޝްގެ ހަރަކާތްތަކަށް ބަލަން އޮތެވެ.

***

ނޫރާ ބޯވަ މަސް ކާހިތުން ލަހާންއަށް އާދޭސްކޮށްކޮށް ލަހާން އެކަމަކާއި ނޫޅުނެވެ. އޭނަ ހުރީ ފޯނުން ގޭމެއް ކުޅޭށެވެ. މޮޔައެއްހެން އިރުއިރުކޮޅާ ފޯރީގައި ވައިގެތެރޭ އަތް ހޫރައިލާނެ އެވެ. ބައެއްފަހަރު ފުންމައިގެން ތެދުވާނެ އެވެ. ލަހާން ކަހާތަންހިރުވާވެސް ނުލުމުން ނޫރާ ތެދުވެގެން ދަނިކޮށް އޭނަ ހުއްޓުވީ ޒައިދު އެވެ. ޒައިދު އެކަމާއި ޝައުޤުވެރިކަން ފައުޅުކުރުމުން ނޫރާއަށް ފުރަތަމަ ފާޑަކަށް ބަލަން ހުރެވުނީ އެވެ. ޒައިދުއަށް ފީނަން އެނގޭކަމާއިމެދުވެސް އޭނައަށް ޝައްކެވެ. ހަދާނެގޮތެއް ނޭނގިގެން އޭނަ ޒައިދުކައިރީ އެދުނީ އަނަސް ގޮވައިގެން ދިއުމަށެވެ. ޒައިދުއަށް އެހިޔާލު ދީފައި ދިޔަގޮތަށް އޭނަ މިރްހާ ކައިރީ މޫދަށް އެރެން ދާން ތައްޔާރުވާން ބުނެލި އެވެ. އެޖުމްލަ ނިމުނުއިރު މިރްހާ އެނދުން ފުންމާލައިގެން އަތުވެއްޖެ އެވެ.

މެހެވިޝް ގޭގައި ނެތްކަން އެނގުނީ ދާން ނިކުތްގަޑީގައި ޒައިދު މެހެވިޝްއާ ފޯނުން ދެއްކި ވާހަކަ އިވިގެންނެވެ. އޭނަ ފޯނު ބޭއްވިހާއިރުން މިރްހާ ސުވާލުކުރި އެވެ. މެހެވިޝް ދިޔައީ މަންމައާއެކު އެކުވެރިންތަކެއްގެ ދައުވަތަށްކަން އެނގުމުން އޭނަ ނުގެންގޮސްގެން ދެރައެއްވެސް ނުވި އެވެ. ލިބުނ ހިތްހަމަޖެހުމެކެވެ. މަންމަ އެގެންދިޔައީ މަންމަގެ ބަސްއަހާ ދަރިއެވެ.

"ސާބަހޭ ނޫރާ. ކާކަށް ދެއްކެންތަ އިރުއިރުކޮޅާ އެއްޗެއް ތިލަނީ؟" ނޫރާ ލަސްވެގެން މެހެވިޝް ވަންއިރު ކުރިން ލައިގެން ހުރި ޓޮޕްކޮޅު ބާލާފައި އެހެން ޓީޝާޓެއް ލައިގެން ހުރިތަން ފެނިގެން އެހި އެވެ. ނޫރާ އޭރުވެސް އިތުރު އެއްޗެއް ނަގައިގެން ލޯގަނޑުކުރިމަތީ ހުރީ މޭގައި ޖައްސައިގެންނެވެ.

"ބަލަ އަނަސް އެވެއިލެބްލް ނުވިއަސް އޭނަގެ އިތުރުންވެސް މިރަށުގަ އޭނަގެ އިތުރުން ހާދަ ފިރިހެނުންނެއް އުޅެއޭ. ބީޗަށްދާއިރުވެސް އެތައް ބަޔަކަށް ފެންނާނެ.." ނޫރާގެ އަތުގައި އޮތް ޓީޝާޓްކޮޅު އެނދުމަތީ ބާއްވާފައި ގޮސް އެތަނަށް ހުއްޓުނުގޮތަށް ލައިގެން ހުރި ޓީޝާޓް ދަމައިގެންފައި އެލައިފި އެވެ. ލޯގަނޑު ކައިރީ ހުރެ އަރިއަރިއަށް އެނބުރި ފަރިބެލިތަން ފެނުމުން މިރްހާ ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. އަދި އަރިއަކަށް އެނބުރި ހުރެގެން ބާރުސޯޓުކޮޅެއް ހިފާލައިފައިވާ ބުޑު ނެރެގެން ވައްތަރުޖެއްސި އެވެ. އަނަސްއާއި އޭނައާ އަޅުވާކިޔަން ނޫރާ ބުނެލި ޖުމްލައަށް ރައްދުދޭކަށް ނޫޅޫނެވެ. އެކަމާއި އަޅައިލި ވަރަކަށް ނޫރާގެ އުދަނގޫ ބޮޑުވާނެ އެވެ.

"ކިތަންމެ ވަރަށް ނެރުނަސް ސައިޒު ބޮޑެއް ނުވާނެ..." މިރްހާ ނޫރާގެ ފޫކޮޅުގައި ބޮނޑިއެއްއަޅާފައި ނިކުންނަން އެނބުރުނެވެ. އޭނަ ވެސް ހުރީ އަތްކުރު ޓީޝާޓަކާއެކު ކަކުލާއި ހަމައަށްހުރި ސޯޓެއްގަ އެވެ. ޓީޝާޓް ކުރިމަތިން އެއްއަރިއަށް ގޮށެއް ޖަހައިފައި ހުންނައިރު ބަނޑާއި ސޯޓުގެ ރަބަރާއި ދެމެދު އިންޗިއެއްހާ މިންވަރަށް ހަންގަނޑު ފެނެއެވެ.

ދެމީހުން ދަބަސްތައް ހިފައިގެން ނިކުތްއިރު ޒައިދު ނިކުމެ ހުރީ އަނަސް ނައިސްގެންނެވެ. އެދެމީހުން ނިކުތްތަނާ އަނަސް އެގެއިން ނިކުތްތަން ފެނިއްޖެ އެވެ. އަނަސްއަށް މިރްހާ ފެނުމުން ހުއްޓުނެވެ. ދެން އަނެއްކާވެސް ހިނގައިގެންފައި އެދެމީހުންނަށް ބަލައިލުމަށްފަހު ސުވާލުކުރީ ޒައިދުއާއެވެ. "މިމީހުން ދާ ވާހަކައެއް ނުބުނަމެއްނު..."

"ކީއްތަވީ އަހަރުމެން ދިޔައިއްޔާ؟ އަނަސްގެ މޫދެއްތަ؟ އެހެންނޫނަސް ތިކިޔާ އެއްޗެއް އަހަރެމެންނާ ދިމާއަށް ކިޔާބަލަ. އަހަރެމެން މިތާ ނެތްބަޔަކަށް ހަދައިގެން ކޮންމެހެން ޒައިދު ކައިރީ ކިޔާނެ ކަމެއް ނެތް.." އަނަސްގެ ވާހަކކަ އިވުނުހާއިރުން ނޫރާ ގާތަށް ފާޑެއްގެ ސިގުރުޅިއެއް އަތުވެއްޖެ އެވެ.

އޭނަ ގޮސް އަނަސް ކުރިމައްޗަށް ހުއްޓުނީމަވެސް އަނަސް ހީވީ އުދަނގޫވެގެން އުޅުނުހެންނެވެ. ނުބަލަން އިސްޖަހާވެސްލައިފި އެވެ. މިރްހާއަށްވެސް އަނަސްގެ މިއަމަލުގެ ފަހަތުގައިވާ ސަބަބު ނޭނގިގެން ބަލައިލެވުނެވެ.

"ތަންކޮޅެއް އޮއިގަދަ ދުވަހެއްވީމަ އެހެން މިބުނީ..." އަނަސް ޖަވާބުދިންއިރުވެސް އެދެއަންހެންކުދިންނަށް ނޫން އެހެން ހުރިހާ ތަނަށް ބެލި އެވެ. ދުރަށް ބެލި އެވެ. ޒައިދުއަށް ނަޒަރެއްދިނެވެ. ދެފައިތިލައަށް ބެލި އެވެ.

"މީރާ ނިކަން ބަލާބަ އަނަސް މިކިޔާ އެއްޗެއް. ރަށުގަ ނޫޅި ދެތިން އަހަރެއްވިއަސް އަހަރުމެން މޫދުގަ އުޅޭ މަހަށްވުރެ ވަކި ދެރައެއް ނުވާނެ. އެނގިއްޖެ.." ނޫރާ އަނަސްއަށް ވަރުގަދަ ރައްދެއްދީފައި ކުރީގައި ހިނގައިގެންފި އެވެ. އެނބުރި އަނަސްއަށް ބަލާލައިފައި މިރްހާވެސް އެކުވެރިޔާ ފަހަތުން ނައްޓާލި އެވެ.

އަތިރިމައްޗަށް ގޮސް އުޅުނުއިރު ވެސް އަނަސް އެ މީހުންނަށް ނުބަލަން އުޅުނުކަން މިރްހާއަށް ފާހަގަވި އެވެ. ދެއްކި ވާހަކައެއްވެސް ދެއްކީ ޒައިދުއާއެވެ. ގޮސް ހުރީވެސް އެދެއަންހެންކުދިންނާއި ދުރުގަ އެވެ. އަނަސް ބަލައިލާތޯ މިރްހާ އެމޫނަށް ބަލަން ހުރެ ހުރެވެސް އެދިމާއަކަށް ނޭނބުރުނެވެ. ޒައިދު ހުރުމުން އޭނަ އެވަރަކުން އަނަސްއާ ވާހަކަދައްކާކަށް މަސައްކަތެއްނުވެސް ކުރެއެވެ.

ނެގި ބޯވަތައް އަތިރިމަތީގައި ސާފުކޮށްގެން އެމީހުންނަށް ގެއަށް އާދެވުނުއިރު އަޞުރުވެއްޖެ އެވެ. ކޮންމެ މީހަކުވެސް ބެލީ އަވަހަށް ފެންވެރޭތޯ އެވެ. ނޫރާ އާއި މިރްހާ ވެގެން ބޯވަ ތައްޔާރުކުރީ ނާޒްލީން ކައިރީ އަހައިގެންނެވެ. ދެމީހުން މަސައްކަތުގައި އުޅެނިކޮށް ފަހަރަކު މީހަކު ބަދިގެއަށް ވަދެ ޚަބަރުބެލި އެވެ. ލަހާންވެސް ކާ ގަޑި ކައިރިވާތީ ކެތްމަދުވެފައިވާ ކަހަލަ އެވެ.

"ނުދޭނަން އެންމެ އެތިކޮޅެއްވެސް..." ނޫރާ އަތުގައި އޮތް ދޭފަތް ލަހާންއާ ދިމާއަށް ދިއްކޮށްލާފައި އިންޒާރުދިނެވެ.

"ނުދީފިއްޔާ ތެއްޔަށް ވެލި އަޅާނީ..." ލަހާން ދޮރުކަނީގައި ލެނގިލައިގެން ހަށަން ބަނދެލި އެވެ.

"ވެލި އަޅައިފިއްޔާ މަށަށްވެސް އެނގޭނެ ހަދާނެގޮތް..." ނޫރާ ވަގުތުން ދެއަތް އޮޅައިލާފައި ހަމަ އެހާ ފޯރީގައި ރައްދުދިނެވެ.

ދެމީހުންގެ ޒުވާބު ހުއްޓުނީ ހަލީލު އައިސް އެތަނަށް ވަނީމަ އެވެ.

ތާޒާ ރޮށްޓާއެކު ބޯވަކާން އެންމެން ނިކުތީ ގޯތިތެރެއަށެވެ. ލުއި ވައިރޯޅިތައް ޖެހެމުންދިޔައިރު މެދދު އުޑުގައި ހަނދު އޭގެ ޝާއްބަކަމާއެކު ރަނިކަން ކުރަނީ އެވެ. ކާއެއްޗާއި ތަށިތައް ގެނެސް ހަމަކުރުމުގައި ވެސް އުޅުނީ މިރްހާ އާއއި ނޫރާ އެވެ. މެހެވިޝް އިއްޒަތުގައި އިނީ ޒައިދުއާ ދެމީހުން އެއްގޮނޑިއަކަށް ފެތިގެންނެވެ. އެކަމަކު ހަލީލު ނިކުތްތަން ފެނިގެން އޭނަ ތެދުވެގެން ގޮސް ޖެހިގެން ހުރި ހުސްގޮނޑީގައި އިށީނދެއްޖެ އެވެ.

"އަހަރެން އަންނާނަން އަނަސް ގޮވައިގެން..." އެންމެން ހަމަވިގަޑީގައި އަނަސް މަތިން ހަނދާންވެގެން ޒައިދު ބުނިހާއިރުން މިރްހާއަށް ބުނެލެވިއްޖެ އެވެ. ދެވަނަ ސިކުންތުގައި ކަންބޮޑުވެގެން އެކި މީހުންގެ މޫނަށް ބަލައިލެވުނެވެ. އެކަން ފާހަގަވެގެން ހިތްހަމަނުޖެހިފަ ތިބިހެން ހީވީ މެހެވިޝްއާއި މަންމަ އެވެ. ނޫރާ ހިނިގަނޑެއް އެތެރެއަށް ހިންދައިލަން އުޅޭފަދަ ގޮތަކަށް ގަދަކަމުން ކެއްސައިލި އެވެ. ބައްޕަ އާއި ޒައިދުއަށް ކަމެކޭވެސް ހީނުވާކަހަލަ އެވެ.

ކޮންމެގޮތެއްވިއަސް އަނގައިން ބޭރުވި އެއްޗެއް އެއޮތީ ބޭރުވެފަ އެވެ. އެހެންނޫނަސް ދެން އޭނަ ނުގޮސްފިނަމަ ދެން އެމީހުންގެ ހިތަށްއަރާ އެއްޗެހި އިތުރުވާނެ އެވެ.

ފިނިވެފައި ހުރެގެން އޭނަ ގޮސް އަނަސްމެން ގެއަށް ވަދެފައި ވަށައިގެން ހޯދައިލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular