7 Jan 2021

By: Mariyam Yasma

އެންމެ މަތީ އޮތް ފޮތް ނަގައިގެން ވަކި މަޤްސަދެއްނެތި ގަނޑުތައް އުކަން ހުއްޓާ ފަހަތުން ބާރުގަދަ އަތަކުން އޭނާ ވަށައިލި އެވެ. އެ ވަގުތު މިރްހާގެ ނޭވާ ކަރުތެރޭގައި ތާށިވިއެވެ.

އޭނާ ހަމައަކަށް އެޅެން ސިކުންތުކޮޅެއް ނެގިއެވެ. އަނަސް އިތުރު ހަރަކާތެއް ނުކޮށް ހަމައެކަނި ފަހަތުން ބައްދާލައިގެން ހުރިގޮތުން އޭނައަށް ހަމަޖެހިލެވުނެވެ. މިރްހާ ފޮތް އޮތްތަނުގައި ބާއްވާފައި އަނަސްގެ ހަށިގަނޑަށް ބޮޑަށް ލައްވެލަމުން އެ ދެ އަތްތިލައިގައި ހިފަހައްޓައިލި އެވެ. އެ ހިމޭންކަމާ އޭނާ ގަޔާވިއެވެ. ކަންފަތުގައި ހަރުލާފައިވާ އަނަސްގެ ނޭވާގެ އަޑު ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އޭނާ ވަށާލައިގެން ހުރިއިރު އަނަސްގެ ހަށިގަނޑުގެ ހޫނަކީ ވަށާލެވިފައިވާ ރައްކާތެރިކަމުގެ ސާލެއްފަދަ އެވެ. އަދި އެ ސާލު ތެރެއިން ދުވަހަކުވެސް ނިކުންނާކަށް ބޭނުމެއްނުވެ އެވެ.

"މިރްހާ އަހަންނަށް ކިޔައިދޭން ބޭނުންވާ އެއްވެސް ވާހަކައެއް އެބައޮތްތަ؟" އިރުގަނޑެއްކޮށްލާފައި އިސްވެ ވާހަކަދެއްކީ އަނަސް އެވެ.

"ކީއްވެ ތިހެން ތިއެހީ؟" ހިތް ތެޅިގަތް ނަމަވެސް މިރްހާ ސުވާލުކޮށްލީ އެއަށްވުރެ ހާމަ ހަމަޖެހިފައިވާ އަޑަކުންނެވެ. އަނެއްކާ އަނަސްއަށް ކަމެއް އެނގުނީބާވައޭ ހިތަށްއަރަމުން ދިޔަ އެވެ.

"މިބުނީ ދެން... އެހާ ދުވަސްފަހުން އަލުން ބައްދަލުވާއިރު ބުނަންވެފަ އޮވެދާނެއެއްނު ކޮންމެވެސް ވާހަކައެއް..." އަނަސް ގެ ޖަވާބުން މިރްހާ އަނެއްކާވެސް ހަމަޖެހިލިއެވެ.

"މްމްމް... ހަނދާންވީމަ ބުނާނަން އިނގޭ.." މިރްހާ ވިސްނާލައިފައި ކުއްލިއަކަށް ރާގުބަދަލުކޮށްލިއެވެ.

ހަސަން އަޑެއް ލައްވައިލުމުން މިރްހާގެ ބޮލުގެ އަރިމަތީގައި ބޮސްދީފައި އަނަސް ދުރަށް ޖެހިލުމަށްފަހު އެދިމާއަށް އެނބުރުނެވެ. މިރްހާގެ ސަމާލުކަން އަތުލީ ރިންގްވާން ފެށި ފޯނެވެ. މެހެވިޝް ގުޅާތަން ފެނުމުން އޭނާ އަށް ފުރަތަމަ ބަލައިލެވުނީ އަނަސްއަށެވެ. އަނަސް އޭރު ގޮސް ދަރިފުޅުކައިރީ ކަކޫޖަހައިގެން އިނީ އޭނައަށް ފުރަގަސްދީގެންނެވެ. ސްކްރީނުން ދިއްލެމުންދިޔަ މެހެވިޝްގެ ނަމަށް ބަލަން މިރްހާއަށް ހުރެވުނީ ދެފިކުރެއްގަ އެވެ. އެރަށަށް އައިފަހުން އޭނަ މެހެވިޝްގެ ފޯނަކަށް ޖަވާބުދީފައެއްނުވެ އެވެ.

"އެބަ އަންނަން މިފޯނަށް ޖަވާބުދީފަ!" މިރްހާ ގޮތެއްނިންމިއެވެ.

އޭނާ ވާހަކަދެއްކި އަޑަށް އަނަސް އެނބުރި ބަލާލައިފައި ބޯޖަހައިލި އެވެ. މިރްހާ އެ ވަގުތު ހަރުކޮށް ހިނގާލައިފައި ގޮސް ފޯނު ނަގައި ކަންފަތުގައި ޖަހައިގެން ހުއްޓިލީ ގޯތިތެރެއަށެވެ. އެކޮޅުން މެހެވިޝްގެ އަޑު އިވިއިވި ހުރީ ކުޑަކޮށް ދުރުންނެވެ. ކޮންމެވެސް މީހަކާއި ވާހަކަދައްކާ އަޑެވެ. އޭނަ އާންމުކޮށް ފޯނު ނުނަގާތީ އެފަހަރުވެސް ނަގާނެކަމަށް ހީނުވީކަމަށްވެދާނެ އެވެ.

"އައްދެ ފޯނު ނަގައިގެންދޯ ތިހުންނަނީ..ނޭނގޭނެއެއްނު ނަގާނެކަމެއް.." އިރުކޮޅަކުން މެހެވިޝް ފޯނު ނަގާފައި ވާހަކަދެއްކިއެވެ.

"ކިހިނެއްތަ؟" މިރްހާއަށް ކޮންމެވެސް ވަރަކަށް ކުށްވެރިކަން އިހްސާސްވެފައި އަހައިލެވުނެވެ. އަނަސްއާ މެހެވިޝް އަދި ގަޔާނުވިއަސް އެއީ އާއިލީ ގުޅުން ކަނޑަންޖެހޭ ސަބަބެއް ނޫނެވެ. އެކަމަކު އޭނަ ޖެހިލުންވީ އޭނަ އެރަށަށް އައި މަޤްސަދު ހާސިލް ނުވަނީސް މެހެވިޝްއާ ވާހަކަދެއްކުމުން އިތުރަށް ފަސްޖެހެވިދާނެތީ އެވެ. އެކަމަކު މިހާރު އޭނަ އެހުރީ ސާބިތުކަންމަތީގަ އެވެ. ދެން އެކަކަށްވެސް އޭނައާ އަނަސް ދުރެއް ނުކުރެވޭނެއެވެ.

"މީރާ ކީއްކުރަން އަހަރުންގެ ހާލު ބަލަނީ؟ ގައިމު މަހަކަށްވުރެ ގިނަ ދުވަސްވީ ލޮލަށް ނުފެންނަތާ. ކުޑަމިނުން ވީތަނެއް އެނގެނީއެއް ނޫން... މީރާއަށް އެނގޭތަ މަންމަ ބަލިވެ އުޅޭކަން؟ ބައްޕަ ވެސް ނުވެސް ބުނޭދޯ؟ އެހެންނޫނީ މީރާ ބައްޕަގެ ފޯނަށްވެސް ޖަވާބު ނުދެނީތަ؟" މެހެވިޝް ފުރަތަމަވެސް ވާހަކަދެއްކީ މިރްހާ ކުށްވެރިކުރަމުންނެވެ.

އުޅޭތަނެއް ނޭނގޭކަމަށް ހެދިގެން ވާހަކަދެއްކިއަސް މެހެވިޝްއަށް ސިއްރުވެފައި އޮވެދާނެކަމާއިމެދު އޭނައަށް ޝައްކުވިއެވެ. އެކަމަށްވުރެ ބޮޑަށް އޭނަގެ ސަމާލުކަމާއި ގުޅުނީ މަންމަ އާއެވެ. މަންމަ ބަލި ވާހަކަ މެހެވިޝް ބުނުމުންނެވެ.

"މަންމައަށް ކިހިނެތްވީ؟ހަމަތެދެއް ބައްޕަ ނުވެސް ބުނޭ..." މިރްހާ އަވަސްއަރުވާލައިފައި ތަފްޞީލަކަށް އެދުނެވެ.

"ފާޚާނާއަށް ވެއްޓުނީ،" މެހެވިޝް ކިޔައިދިނެވެ.

"އޯހ ގޯޑް!" މިރްހާއަށް އަނގަމަތީ އަތް އަޅައިލެވުނެވެ. އެއަތް ތިރިކޮށްލާފައި ދެން ވާންކޮށްލެވުނީ ބޮލުގެ އިސްތަށިގަނޑަށެވެ. މެހެވިޝް އިތުރަށް ވާހަކަކުރިއަށް ގެންދިޔައިރު އޭނައަށް ހުރެވުނީ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ހަމައެކަނި ހުއްޓެނީ ސުވާލެއްކުރަންވީމަ އެވެ.

***

މިރްހާ ފޯނުގައި ހުރެހުރެފައި އެނބުރި އައިއިރު އަނަސް ފެންނާކަށް ނެތެވެ. އޭނަ ހަސަންގެ ކޮޓަރި ހުޅުވާލިއިރު ހަސަން އޮތީ ނިދާފަ އެވެ. ފަނޑު ނޫ އައްޔެއް ވެރިވެފައިވާ ކޮޓަރިތެރެ އޮތީ ހިމޭންވެފަ އެވެ. އޭނަ ގޮސް ހަސަންގެ އެނދުކައިރީ އެމޫނަށް ބަލަން ހުރެލާފައި ގުދުވެ ނިކަން ސިއްރު ސިއްރުން އެމޫނަށް ބޮސްދިނެވެ. ނަސީބަކުން ހަސަން ނުހޭލައެވެ. ވަގެއްހެން އިނގިލިތަކުގެ ކުރި ޖައްސައިގެން ނިކުމެ ހަމަ އެހާ މަޑުން ދޮރު ލައްޕައިލި އެވެ. ދެން ބޭނުމަކަށްވީ އަނަސް ވީތަނެއް ހޯދުމެވެ. ކޮޓަރީގައި ނެތިއްޔާ އަނަސް އުޅޭނެކަމަށް ލަފާކުރެވެނީ ބަދިގޭގަ އެވެ.

މިރްހާއަށް ހީވީ ރަނގަޅަށެވެ. އޭނަ ގޮސް ދޮރުމައްޗަށް ހުއްޓުނުއިރު އަނަސް ސިންކު ކައިރީ ހުރީ ހަޑިވެފައި ހުރި ތަށިތައް ދޮންނާށެވެ. މިރްހާ ހިނިތުންވެލާފައި ގޮސް އަނަސްގެ ފަހަތުން ކުއްލިއަކަށް ބައްދައިލީ ސިއްސައިލުމުގެ ބޭނނުމުގަ އެވެ. އެވަގުތު އަނަސް ތެޅިގަތްކަން އެނގުނެވެ.

"ބިރުގަތްތަ؟" މިރްހާ ހިނިއައިސްފައި ސުވާލުކުރިއެވެ.

"ސިހުނު ގައިމުވެސް..." އަނަސްގެ އަޑުގައިވެސް ހިނިތުންވުމުގެ އަސަރުވިއެވެ.

"އެކަމަކު ބިރެއްނުގަނޭ ދޯ؟" މިރްހާ އެހިއެވެ.

އަނަސް ހިނިގަނޑެއްޖަހާލައިފައި މިރްހާގެ މޫނަށް ބަލައިލުމަށްފަހު އަނެއްކާވެސް މަސައްކަތަށް އެނބުރުނެވެ. މިރްހާ ދުރަށް ނުގޮސް އަނަސް ނިމެންދެން ހުރީ އެމޫނު އަނަސްގެ ބުރަކަށީގައި ޖައްސާލައިގެންނެވެ. އިރުއިރުކޮޅާ ނޭފަތް އެތެރެއަށް ދަމައިލައެވެ. އޭނައަށް ވާނޭނަމަ އަބަދު ހުންނާނީ އެހެން އަނަސްއާ ތަތްވެގެންނެވެ. އެކަމަކު އެވަގުތު މެހހެވިޝްގެ ވާހަކަވެސް ސިކުނޑިތެރޭ އެނބުރެމުންދިޔަ އެވެ.

"ބަނޑުހައިތަ؟ ކައިގެން އަޔަސް މިހާރު ބަނޑުހައިވެފަ ހުރެދާނެއެއްނު. ބޭނުމިއްޔާ އެއްޗެއް ކެއްކިދާނެ.." އަނަސް ނިމިގެން ތުވާއްޔަކުން އަތް ހިއްކާލައިފައި މިރްހާގެ ދެއަތް ދުރުކޮށްލާފައި އޭނައާ ކުރިމަތިލަމުން ބުނެލިއެވެ.

"އައިމް އޮންލީ ހަންގްރީ ފޯ ޔޫ..." މިރްހާއަށް އެނަފްސް ނުހުއްޓުވެނީސް އަނގައިން ބޭރުވިއެވެ. ދެވަނަ ސިކުންތުގައި ފާޑަކަށް މޫނަށް ގޮތެއް ހަދައިލެވިއްޖެއެވެ. ބިންފަޅާފައި އަޑިއަށް ދާނެނަމައޭވެސް ހިތަށްއެރިއެވެ. ބައެއްފަހަރު ހަމަ އެއްގޮތަކަށްވެސް އަނގައިގައި "ފިލްޓަރެއް" ނުހުންނާނެއެވެ. ހިތާއިހިތުން އެތިވަރު ގޮވީ ދެން އަމިއްލަ ނަފްސަށެވެ.

އަނަސް ރަކި ގޮތަކަށް ހީލަމުން އެއް އަތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލުމުން އިތުރަށް ރަކިވިއެވެ.

"އަންނާނަން ހަސަން ހޭލާފަ ތޯ ބަލާފަ. ބޭރުގަ ވީ ރިސީވަރ." މިރްހާ އަވަހަށް އަނަސް ކުރިމަތިން ދާން ބަހަނާއެއް ހޯދާލައިފައި ނިކުތެވެ.

ބަދިގެއިން ހަމަ ނިކުމެވުމާއެކު ހުއްޓިފައި ދެއަތް މުށްކަވައިލުމަށްފަހު ގެނެސް ނިތުގައި ތަޅައިލިއެވެ. ދެން ގޮސް އިނީ ސޯފާގައެވެ. އަނަސް ނިކުންނަން ވާއިރަށް ރިމޯޓު ނަގައި ޓީވީ ހުޅުވާލައިގެން އެއަށް ސަމާލުކަންދޭން މަސައްކަތްކުރި އެވެ. ފަހަރަކު ޗެނަލްއެއް ބަދަލުކުރަމުން ގޮސް އެންމެ ކަމުދާހެން ހީވާ ޕްރޮގްރާމަކަށްލައިފައި އިނދެވުނީ އިރުކޮޅަކު އެވެ. އަނަސް ބަދިގެއިން ނިކުންނަތަން ފެނިއްޖެ އެވެ. މިރްހާ ކުޑަކޮށް ކަރުކެހިލާފައި ބުރަކަށި ތެދުކޮށްލިއެވެ. އެވަގުތތު އަނަސް އައިސް އިށީނދެލީ އޭނައާއި ޖެހިގެންނެވެ. އިށީނދެ އިންއިރު އަނަސްގެ ކަކުލާއި އޭނަގެ ކަކޫ ހުރީ ޖެހިފައެވެ. އެކަމަކު އެކަކުވެސް ދުރުކުރާކަށް ނޫޅެއެވެ.

"އެއިރު ފޯނު ކުރީ ގެއިންތަ؟" އަނަސް ސުވާލުކޮށްލިއެވެ.

ވަގުތުން މިރްހާއަށް އެމޫނަށް ބަލައިލެވުނެވެ. އޭނަގެ ހިތް ނުތަނަވަސްވިއެވެ. އަނަސް އޭރުވެސް އިނީ ޓީވީއަށް ނަޒަރު ހުއްޓާލައިގެންނެވެ.

"މެހެވިޝް ގުޅީ.." މިރްހާއަށް ދޮގުނުހަދަންވެގެން ބުނެލިއެވެ.

އަނަސް އެވަގުތު އޭނަގެ މޫނަށް ބަލައިލާފައި މަޑުމަޑުން ބޯޖަހައިލިއެވެ. އިތުރު ސުވާލެއް ނުކޮށް އަނެއްކާވެސް ޓީވީއަށް ބަލައިލުމުން މިރްހާއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ.

"އަހަރެން ވާހަކައެއް އަހަންތަ؟" ކުޑައިރުކޮޅެއްފަހުން މިރްހާ ފެށިއެވެ.

"އަހާބަލަ!" އަނަސް އެވަގުތު އެއް އަތް ހިއްލާލައިފައި މިރްހާގެ ކޮނޑަށް އަތް ވައްޓައިލިއެވެ. އެބީހުމަށް މަރުހަބާ ކިޔާހާލު މިރްހާ އަނަސްގެ ހަށިގަނޑަށް ލެނގިލިއެވެ. ވާހަކަ ފަށާނެ ގޮތަކާއިމެދު ވިސްނަމުން މިރްހާ ޝޝަހާދަތްއިނގިލި ހިންގަން ފެށީ އަނަސް ލައިގެން ހުރި ޓީޝާޓްގެ މޭމަތީގައިވާ ކުރެހުމެއްގަ އެވެ. އިރުކޮޅަކުން އަނަސް ކުއްލިއަކަށް އެއަތުގައި ހިފާ ހުއްޓުވިއެވެ. މިރްހާ ސިހިފައި އެމޫނަށް ބަލާލި ވަގުތު އަނަސްވެސް އޭނަގެ މޫނަށް ބަލައިލިއެވެ.

"އަހަރެންނަށް ކިޔައެއްނުދެމެއްނު ބޭބީ އާއި އަނަސް ފުރަތަމަ އެކަނިވިދުވަހު ކަންތައް ވީގޮތެއް؟" އިތުރަށް ލަސްކޮށްފިނަމަ އިތުރަށް ފަސްޖެހިދާނެތީ މިރްހާ އެންމެފަހުން ބޭރުކޮށްލިއެވެ.

މިރްހާގެ ސުވާލު އަހާފައި އަނަސްގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. އޭނަ ދުރުބަލައިލީ އުދަނގޫވެފފައެވެ. މިރްހާއަށް އެސުވާލުކުރަން އެހާ އުދަނގޫވިފަދައިން އޭނައަށްވެސް އެދުވަސް ހަނދާންކުރުމަކީ ވޭނެކެވެ. އަދި ހާއްސަކޮށް އެދުވަސް ހަނދާންކޮށްގެން މިރްހާއާ ދޭތެރޭ ކުޑަވެސް ކިލަނބު އިހްސާސެއް އުފެދޭކަށް ބޭނުމެއްނުވެ އެވެ.

ވާހަކަނުދައްކާ އަނަސް އިން ވަގުތު ދިގުވީ ވަރަކަށް މިރްހާގެ ސާބިތުކަންވެސް ނެތެމުންދިޔަ އެވެ. މަޑުމަޑުން އެލޮލަށް ކަރުނަތައް ޖަމާވެ ކުރިމަތިން ފެންނަމުންދިޔަ އަނަސްގެ ރީތި ސޫރަ ފުސްވިއެވެ. އޭނަ ކަރުނަ ފުހެލީ އަނަސްގެ މޭގައި މޫނުފޮރުވާލައިފައި ސިއްރު ސިއްރުންނެވެ. އެވަގުތު އަނަސް ވާހަކަދެއްކުމުން އެއަޑު ވައިބްރޭޓްވިއެވެ.

"އެއީ އަހަރެންގެ މުޅި ހަޔާތުގައި އަހަންނަށް ގޮތް ހުސްވި ހަމައެކަނި ދުވަސް..." ވާހަކަދެއްކިއިރު އަނަސްގެ އަޑުވެސް އައީ ފުދޭވަރަކަށް ބަރުކޮށެވެ. އޭނައަށް ކޮށްފައިވާ އަސަރު އެއަޑު ބުނެދިނެވެ

"އެދުވަހު އެހާ ގޮތްހުސްވީ ހަތްދުވަސްވެސް ނުވާ ހަސަން އަހަރެންގެ އަތުތެރޭ އޮތީމަ. ހިތަށްއެރި ކިހިނެތްބާއޭ މަންމައާނުލާ އެހާ ކުޑަކުޑަ ކުއްޖަކު ގެންގުޅޭނީ. އެހެންވެ ބޮޑުދައިތަ ހޯދަދޭން މިރްހާގެ ބައްޕަކައިރީ އެދުނީ." އަނަސް މާބޮޑު ތަފްޞީލަކަށްނުގޮސް ވާހަކަ ކުރުކޮށްލިއެވެ.

މިރްހާ އިންތިޒާރު ކުރީ އަނަސް އިތުރަށް ވާހަކަދައްކާތޯ އެވެ. އެކަމަކު އެއީ އަނަސް އެވާހަކަ ނިންމާލަން ގަސްތުކުރި ހިސާބެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގުނުތާނގައި ދެން އަލުން އެމޫނަށް ބަލައިލާނެ ހިތްވަރެއްވެސް އޭނައަކަށް ނުކުރެވުނެވެ. އެމޭގައި މޫނު ފޮރުވާލައިގެން އޮތީ އެހެން އޮވެ ނިދޭނެނަމައޭ ހިތަށްއަރައިފަ އެވެ. އިރުކޮޅޅެއްފަހުން އަނަސް އޭނަގެ ދަތްދޮޅީގައި ހިފާ އުފުލައިލި އެވެ. އޭނައާ ހަތަރުކަޅި ހަމަކޮށްލަމުން އަނަސް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލި އެވެ. އިތުރަށް އެދުވަސްމަތިން ހަނދާން ނުކުރާށޭ ބުނެލިފަދައެވެ. އިތުރަށް އެކަމާއި ވިސްނާފައި އަމިއްލަ ނަފްސު ކުށްވެރިނުކުރަން އެދުނުފަދަ އެވެ. މިރްހާ އެވަގުތު އަނަސްގެ އަތުގައި ހިފާ އޭނަގެ ދަތްދޮޅިން ދުރުކޮށްލާފައި ގެނެސް އެއަތްތިލައަށް ބޮސްދިނެވެ. އެއަށްފަހު ޓީވީއާކުރިމަތިލައިގެން ސޯފާގައި އޮށޯވެލީ އަނަސްގެ އުނގުގައި ބޯއަޅާއިގެންނެވެ. ސިހިފައި ހަށިގަނޑު ތެދުކޮށްލައިގެން އިނދެލާފައި އިރުކޮޅަކުން އޭނަ ހަމަޖެހިލިއެވެ. ރަނގަޅަށް ސޯފާގައި ލެނގިލާފައި ސޯފާމަތީ އޮތް އަތުން މިރްހާގެ އިސްތަށިގަނޑާއި ކުޅެންފެށިއެވެ. އަނެއް އަތްތިލަ އެއިރުވެސް އޮތީ މިރްހާގެ އަތުތެރޭގަ އެވެ.

***

މިރްހާއަށް ހޭލެވުނީ ވާރޭވެހޭ އަޑަށެވެ. އެވަގުތު އޭނައަށް އޮވެވުނީ އެނދުގައިކަން އެނގުނެވެ. އެކަމަކު އޭނަގެ އެނދެއްގައެއް ނޫނެވެ. ވަށައިގެން ލޯ ހިންގާލިއިރު ފަނޑު ފެހި އަލީގައިވެސް އެއީ އަނަސްގެ ކޮޓަރިކަން އެނގުނެވެ. ވަގުތުން އޭނަ ހަނދާންވިއެވެ. މިރްހާ ތެދުވެ އިށީނދެލާފައި ސައިޑު ޓޭބަލްމަތީ އޮތް ފޯނު ފެނިގެން ނަގައި ގަޑި ބަލައިލިއއެވެ. ގަޑިން ބާރަ ޖެހީ އެވެ. އެކަމަކު އަނަސް ކޮބައި ހެއްޔެވެ؟ އިރުކޮޅެއް ވަންދެން އިންތިޒާރު ކުރުމަށްފަހު އޭނަ ރަޖާ އެއްފަރާތްކޮށްލާފައި އެނދުން ފައިބައިފިއެވެ. އޭނަ އެތާ ބާއްވާފައި އަނަސް ގޮސް އޮތީ ސޯފާގައި ކަމަށްވެދާނެއެވެ. މިރޭ ފުރަތަމަ ފަހަރަށް އަނަސްގެ ގާތްކަން ލިބިދާނެކަމަށް އއޭނައަށް ހީކުރެވިފައިވިއަސް އަނަސް ނިންމާފައިވާ ގޮތް ތަފާތީކަންނޭނގެ އެވެ. އެކަމަކު ސޯފާގައި އަނަސް ބާއްވާފައި އަރާމުގައި އެނދުގައި އޭނަ އޮންނާނީ ކިހިނެތް ހެއްޔެވެ؟

މިރްހާ ނިކުމެ ސޯފާ ބަލާލިއިރު ސޯފާއަކުވެސް އަނަސްއެއް ނެތެވެ. އޭނަ ކަންބޮޑުވެގެން ހޯދާލިއިރު ބަދިގެވެސް ހުރީ އަނދިރިކޮށެވެ. އަނަސް ދެން ދާނެ ހަމައެކަނި ތަނަކީ ހަސަންގެ ކޮޓަރިއެވެ. އެކޮޓަރީ ހުންނަ ލައުންޖް ގޮނޑީގައިވެސް އޮވެދާނެއެވެ.

މިރްހާ ގޮސް ދޮރު ހުޅުވާލަން އުޅެނިކޮށް އަނަސް ނިކުތްތަން ފެނިގެން ސިއްސައިގެންގޮސްފައި ފަހަތަށް ޖެހެވުނެވެ. އޭނަ ހަޅޭތްލަވައިގަތް ވަގުތު އަޑު ބޭރުނުވީ އަނަސް އޭނަގެ އަނގަމަތީ އަތް އެޅީމައެވެ. ހަމައެކަނި ހަސަންގެ ކޮޓަރިން ނިކުމެފައިވާ އަލިން ފެންނަން ހުރި އަނަސްގެ މޫނަށް ބަލަމުން އޭނައަށް ތަކުރާރުކޮށް އެސްފިޔަ ޖަހައިލެވުނެވެ. އަނަސް އަތް ތިރިކޮށްލީ ދެނެވެ. މިރްހާ އަށް ރަނގަޅަށް އަނަސްއަށް ބަލައިލެވުނީ އަދި ދެނެވެ. ފަލަމަސްގަނޑުގެ މެދާކަށް ހަމައަށްހހުރި ކުރު ސޯޓެއްގައި ހުސްގަޔާ ހުއްޓާ އެފެނުނީ ހާދަ ދުވަހަކަށްފަހު އެވެ. އަނަސް އެވަގުތު ހިނގައިގަންނަން އުޅުމުން ތަންދޭންވެގެން މިރްހާއަށްވެސް އަދި ޖެހިލެވުނީ އަނަސް ދާން އުޅުނު ފަރާތަށެވެ. އަނެއްފަރާތަށް ހިނގައިގަތުމާއެކު އަނަސްވެސް ހަމަ އެދިމާއަށެވެ. މިރްހާ ގާތަށް ހިނިއަތުވެއްޖެ އެވެ. އެކަމަކު ދާދި އަވަހަށް ހަސަން ހަނދާންވެފައި އަނގަމަތީ އަތް އެޅިއެވެ. އަނަސް ބަލަހައްޓައިގެން ހުރީ އަދިވެސް ސީރިއަސް ނަޒަރަކުންނެވެ. މިރްހާ ކުޑަކޮށް ޖެހިލުންވިއެވެ. އޭނައަށް އަނެއްކާ އަނަސް ނުރުހުންވާ ކަމެއް ކުރެވުނީ ހެއްޔެވެ؟

އަނަސް ދެން ހިނގައިގަތްއިރު މިރްހާ ހުރިގޮތަށް ހުރީއެވެ. ފަސްދިންފަހުން ކުއްލިއަކަށް އޭނަގެ އަތުގައި ހިފާލިއެވެ. މިރްހާއަށް މިވަނީ ކީއްކަން ވިސްނައިނުލެވެނީސް އަނަސް އޭނަގެ އަތުން ދޫކޮށްނުލާ ގެންގޮސް ކޮޓަރިއަށް ވައްދައިފިއެވެ. މިރްހާ ހީކުރި ގޮތާއި ޚިލާފަށް ބޭރު ސޯފާއަށް ނިކުތުމުގެ ބަދަލުގައި އަނަސް ގޮސް އަރައި އޮށޯވެލީ އެނދުގަ އެވެ.

"އަހަރެން ކޮންތާކު ނިދަންވީ؟" މިރްހާއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެންކައިރީ..." އަނަސްގެ ޖަވާބުއައެވެ.

"އޯކޭ.."މިރްހާގެ އަޑު ނިކުތީ ނިކަން މަޑުންނެވެ. އަނަސްއަށް އިވުނުކަމެއްވެސް ނޭނގެއެވެ.

އޭނަ އެތާ ބުދެއްހެން އިތުރަށް ކޮޅަށް ހުރެއްޖެނަމަ އަދި މާބޮޑަށް އޮކްވާޑް ވާނެއޭ ހިތަށްއަރާފައި އަވަހަށް ގޮސް އަނެއްފަރާތުން ރަޖާ ހިއްލާލައިފައި އަރައި އުއްޑުން އޮށޯވެލައިފި އެވެ. ވެހޭ ވާރޭގެ އަޑު މެދުކެނޑުމެއްނެތި ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ގުޑިނުލާ މިރްހާ އޮތީ އަނަސްއާ ދިމާއަށް އެނބުރިލަންވެސް ނުކެރިފައެވެ. އެމޫނަށް ބަލައިލަންވެސް ޖެހިލުންވެފައެވެ. އޭރު އަނަސް އޭނައާ ދިމާއަށް މޫނު އަނބުރާލައިގެން ކަޅިޖަހާނުލާ އެމޫނަށް ބަލަނީއެވެ. މިރްހާއަށް އެތޫނު ނަޒަރު އިހްސާސްވެ އެވެ. ފަހަރަކަށްވުރެ ފަހަރެއް އޭނަގެ ހިތް ދިޔައީ އަވަސްވަމުންނެވެ. ނޭވާލާން އުދަނގޫވާހެން ހީވިއެވެ. ކުއްލިއަކަށް ކޮޓަރިތެރޭވި ހުރިހާ އޮކްސިޖަނެއް ހުސްވަނީ ހެއްޔެވެ؟

"ކީއްވެ ތިބަލަނީ؟" މިރްހާއަށް އިތުރަށް ކެތެއްނުވި އެވެ.

"ނުބެލޭނެތަ؟" ވަގުތުން ރައްދު އައެވެ. އަނަސް ގެ ވާހަކަ އަނަސްއަކާ ނުވެސްގުޅެއެވެ.

"އުހު މިބުނީ... އެއްޗެކޭ ބުނަން ބޭނުންވެފަތަ؟" މިރްހާ ބޭނުންވީ މާހައުލުގެ ނުތަނަވަސްކަން ދުރުކުރުމެވެ. ވާހަކަދައްކަނިކޮށް އެމޫޑު ބަދަލުވެދާނެކަމުގައި ޤަބޫލުކުރެވުނެވެ.

"ނޫން..." އަނަސް ދެކޮޅުހެދިއެވެ.

"ޔޫ އާ މޭކިން މީ ނަރވަސް..." މިރްހާ ހާމަކުރިއެވެ.

އަނަސް ވަކި ޖަވާބެއް ނުދިނުމުން މިފަހަރު އޭނައަށް އެމޫނަށް ބަލައިލަން މަޖުބޫރުވި އެވެ. މޫނު އަނބުރާލިއިރު އަނަސް އެސީރިއަސް ނަޒަރުން ބަލަނީއެވެ. މިރްހާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. އަނަސް އެވަގުތު އަތް އުފުލާލައިފައި ޝަހާދަތް އިނގިލި ޖައްސައިލީ މިރްހާގެ ތިރީ ތުންފަތުގައެވެ. އަދި ކުޑަ މަސައްކަތަކާއެކު އޭނަގެ ތުންފަތް ދަތްތަކާއި ދުރުކުރިއެވެ. އެއަތް ދުރުކޮށްލުމުގެ ބަދަލުގައި އަނަސް ބޮޑުވައި އިނގިލިން ތިރީތުންފަތުގެ އެއްކޮޅުން އަނެއްކޮޅަށް ހިންގައިލުމާއެކު މިރްހާގެ ނޭވާ އިތުރަށް ފުންވިއެވެ. އަނަސް އެވަގުތު ތެދުވެ އިށީނދެފައި ކުއްލިއަކަށް އޭނަގެ ކަނދުރާގައި ހިފާލައއިފައި އެނދުންނެގިގޮތަށް ކައިރިއަށް ގެނައެވެ. އެމޫނަށް ހިޔަނި އެޅިފައި ހުރުމުން މިރްހާއަށް އެވަގުތު އަނަސްގެ ލޮލުގެ ކުލަވަރެއް ނުފެނެއެވެ. އަނަސްގެ ތުންފަތާއެކު މިރްހާގެ ތުންފަތްވެސް ހަރަކާތްކުރަންފެށިއެވެ. އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް އެމީރުކަން އިހްސާސްކޮށްލަން ލިބުމުން ދެމީހުންނަށް ވެސް އުޅެވުނީ އަވަސްއަރުވާލައިފަ އެވެ. ނޭވާލާކަށްވެސް ހަނދާނެއއް ނުވިއެވެ. އެހެންވެ ކަންނޭނގެ އެވެ. މާގިނައިރެއްނުވެ މިރްހާ ދުރަށް ދާން އުޅުމުން އަނަސް އެފުރުސަތުދިނެވެ. އެއަށްފަހު ދެމީހުން އެކަކު އަނެކަކަށް ބަލަން އިރުކޮޅަކު އެގޮތުގައި ތިއްބެވެ. އަދިވެސް ނޭވާ އަވަސްވެފަ އެވެ. އަދިވެސް ލޮލުގައިވި ހޫނާއެކުގަ އެވެ. ސިކުންތުކޮޅެއްފަހުން އަނެއްކާވެސް ކައިރިވެލިއެވެ. އިތުރަށް އެނބުރި ދިއުމެއް ނެތެވެ. އިތުރަށް ހުއްޓުމެއް ނެތެވެ. އިތުރަށް ލަސްކުރުމެއްވެސް ނެތެވެ. ދެން އޮތީ ކުރިއަށް ދިއުމެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular