20 Feb 2021

އިންނާނެ މީހަކު

By: Mariyam Yasma

ގެއަށް ދެވުނުއިރު ބީބީސީ ރިޕޯޓަރު އިނީ އުނދޯލީގައެވެ. އަހަރެން ހަމަ ވަންހާއިރުން ވާހަކަ ހުއްޓާލައިފި އެވެ. އެވަގުތު މަންމަ އަހަރެންގެ މޫނަށް ބަލައިލީ ރަނގަޅު ގޮތަކަށް ނޫނެވެ.

"ހުސްނާ އަހަރެން އަދި ހަނދާންނެތިފަ މިހުންނަނީ އުނދުނަށް ބަތް އުދާފަ ހުންނާނީ..." އަހަރެން ހަމަ ފެނުނުހާއިރުން ހައްވަދައިތަ ބަތްތެލިމަތިންވެސް ހަނދާންވެއްޖެ އެވެ. ދައިތަގަނޑު ދާއިރު ތިޔަ ބަތްތެއްޔެއް އަނދައި އަޅިއަށްވެފައި ހުރިއްޔާ ރަނގަޅެވެ. ދޭތެރެޖައްސަމުން ދުވުން ނޫންކަމެއް ނެތެވެ. އެހެންމީހުންގެ ކުށް ހޯދަމުން ދުވާއިރު ތިމާ މީ އއަލިފެއްނަމަ ރަނގަޅެވެ.

އަހަރެން ގެއަށް ވަންނަން ދިޔަ މަގުމަތީ ދައިތަގަނޑާއި އަރާ ހަމަވުމުން މިއަދު އެދިޔައީ އެއްޗެކޭ ބުނެވެސް ނުލައެވެ. އެހެންޏާ އަހަރެންގެ އުނިސިފައެއް ނަމަވެސް ފާހަގަކޮށްނުލާ ނުދާނެއެވެ.

"ހޭޒަލް އިސްމާއީލް އަމީން!!!" ވަރަށް ނޫންކަމަށް ހެދިފައި ގޮސް މަންމަ އިން އުނދޯލި ފަސްދިންތަނާ މަންމަ ގޮވާލިއެވެ. އަދި އެވެސް އާދައިގެ ގޮވާލުމަކުން ނޫނެވެ. އިންޒާރުގެ ގޮވައިލުމަކުންނެވެ. މަންމަ އަހަރެންގެ ފުރިހަމަ ނަމުން ގޮވައިފިނަމަ އެދެން ބޮޑުތާޖެހުނީއެވެ. އައްޑަނަ ނަގައި ދިފާޢުވާންވީ ވަގުތުއަރާހަމަވީއެވެ.

އެކަމަކު އެއީ އަހަރެންގެ މަންމަވިއްޔާ އަހަރެންވެސް މީ ހަމަ އެމަންމަގެ ދަރިއެކެވެ.

"މަންމަ އަޅެ އަހަރެން ރެސްޓްކޮށްލާފަ ނިކުތީމަ ތިކިޔާއެއްޗެއް ކިޔަން މަޑުކޮށްލަންވީނު. އެނދު އެހެރަ ހުރެގެން ހަނާއަޅަނީ މިތާ ހުއްޓިލަންވެސް ކެރޭކަހަލަ ގޮތަކަށް ނޫން.." ހުއްޓިނުލާ ދޮރާއި ދިމާއަށް ދަމުން އަހަރެން ބުނެލީމެވެ.

"ވާސަރީ...؟؟ ހޭޒަލްއާ ވާހަކަދައްކަން މިހާރު އެޕޮއިންޓްމެންޓްވެސް ހައްދަންޖެހޭ ދަރަޖައަށް ދިޔައީތތަ؟ އެހެންވިއްޔާ ކިހިނެތްވާނެ މާދަމާ ހެނދުނު؟ ނޫނީ އަންނަހުކުރު ދުވަހުގެ މެންދުރުފަހު؟..." މަންމަ އުނދޯލިން ފައިބާފައި އުކުޅުގައި އަތް ވިނދެލަމުން ސުވާލުކޮށްލިއެވެ.

"ހުކުރުދުވަހަކު ނޫން. އެއީ ބައިދުވަހެއް..." ރައްދުދީފައި އަހަރެން އެތެރެއަށް ދެމިގަތީމެވެ.

ތަންކޮޅަކަށް ދެވުނުތަނާ ފަހަތުން ކޮންމެވެސް އެއްޗެއް ވެއްޓުނުއަޑު އިވުނެވެ. ބަލާލިއިރު ދޮރުން ތަނންކޮޅެއް އެތެރެއަށް އައިސް ޖެހިފައި އޮތީ މަންމަ ހޫރާލި ފައިވާންކިބައެވެ. ކޮޓަރިއަށް ވަންނަން އުޅެފައިވެސް އަނބުރާލައިފައި ދިޔައީ އެފައިވާން ކިބަ ނަގާށެވެ. ނަސީބަކުން މަންމަ ބަލާ ނާންނަނީސް އެހިފައިގެން އެތެރެއަށް ވަދެވުނެވެ. އެވަންތަނެއް ނޭނގިގެން ހޯދަން މަންމަ ދެން ހުންނާށެވެ.

***

އަރާމު ނިދިގަނޑަކަށްފަހު ހޭލެވުނީ އަޞުރު ބަންޤިގޮވަން ކައިރިވެފައިވަނިކޮށެވެ. ބަނޑުހައިކަމުން ގޮހޮރު ވަޔާ ހޫރެނީއެވެ. ތެދުވެ މޫނަށް ފެންކޮޅެއް ވިއްސާލައިގެން ފުރަތަމަވެސް ދޮރު ހުޅުވާލައިފައި ސަރަހައްދު ނުރައްކަލުން ސަލާމަތްވެފައިވޭތޯ ޗެކްކުރަން ޖެހުނެވެ. ކުޑައިރު އަހަރެން އެމަސައްކަތް ހަވާލުކުރަނީ އަބަދުވެސް ޝެހެނާޒްއާއެވެ. ބަޑި ހަނގުރާމަތައް ބަލާފައި ދަނޑިކޮޅުކޮޅުން ބަޑި ހަދައިގެން ބަޑިކުޅުމަކީ އަހަރެން އެންމެ ގަޔާވި އެއް ކުޅިވަރެވެ. އެކަމަކު ޝެހެނާޒްއަށް އިތުބާރު ކޮށްފައި ފަހުން ހިތާމަކުރަން ނުޖެހޭ ފަހަރެއް މަދުވާނެއެވެ. މަންމަ ކުރިމަތީ ހުއްޓަސް މަންމަދެކެ ބިރުން ރާސްތާ ސާފުކަމަށް ބުނެފާނެއެވެ. އެކަމަކު މިއަދު މަންމަ ފެންނާކަށް ނެތެވެ. އަދި މަންމަގެ އަޑެއްވެސް ނީވެއެވެ. އަހަރެން ވީ އުފަލުން އަވަހަށް ބަދިގެއަށް ވަދެ ކާން ޖައްސާލައިފީމެވެ. އެކަމަކު މަންމަ އޭރު ދައްކަން އެއުޅުނީ ހަމަ އައްފާންގެ ވާހަކައަށް ވެދާނެ ބާވައެވެ؟

ފޯނު ރިންގްވާން ފެށުމުން ބަލާލިއިރު އައްފާން ގުޅަނީއެވެ. ޝައިތޯނުމަތިން ހިތަށްއެރީ ޝައިތޯނު ގުޅީއެވެ. އަހަރެން ވަގުތުން ފޯނުން އަޑު ކަނޑާލައިފައި ބޭއްވީ ބަންޑުންނެވެ. އެފިރިހެނާ އެއުޅެނީ ކޮންވައްތަރަކަށް ހެއްޔެވެ؟ އޭނަ ކުރިންވެސް އުޅޭގޮތަށް އުޅުނިއްޔާ ވާނީ ކީއް ހެއްޔެވެ؟ އާއެކެވެ. އަހަރެން އޭނައާ ދެން ބައްދަލުވާއިރު ބުނާނީ އަހަންނާއި ދުރުން އުޅުމަށެވެ. ސުކޫލްތެރެއިން ނޫން ގޮތަކަށް ދަންނަކަމަށްވެސް ނުހަދާށެވެ. ފަޒީގެ ބޭބެއަށްވިޔޭ ކިޔާފައި އޭނަ އަހަރެންގެ ރަށަށް އައުމުން މަވީދެން އޭނަގެ އާރުކާޓީއަކަށްވެގެން ގަނަތެޅެން ހެއްޔެވެ؟ އެކަމަކު ފަޒީއާއި ދިޔާނާއަށް އޭނަގެ ޚަބަރުވާނީ ދޭށެވެ. އައްފާން ރަށުގައި އުޅޭވާހަކަ ބުނާއިރަށް ފަޒީ ރަށަށް ނައިއްޔާ ރަނގަޅެވެ. ނޫނީ އޭނަގެ ކްރަޝް މިހާރު ބަދަލުނުވާކަމެއްވެސް ނޭނގެއެވެ. ދިޔާނާގެ ހާލަކީ ކޮބައިބާވައެވެ.

"ގެސްވަޓް؟... އައި ހޭވް ނިއުސް..." ދެމީހުންގެ ސަމާލުކަން ލިބުމާއެކު އަހަރެން އިއްވައިލީމެވެ.

"ވެއިޓް ވެއިޓް... އަހަރެން ގެސްކުރާނީ...ހޭޒް މީހަކާ އިންނަނީ ދޯ؟" ފަޒީ ހީވީ އަހަރެން ބޮޑުއިނާމެއް ހުށައަޅައިގެން އޭގެ ދަހިވެތިކަމުގައި އުޅުނު ހެންނެވެ. އެކަމަކު އޭނަގެ ވާހަކަ ނިމުނީ އަހަރެން ރުޅި އަރުވާލައިފަ އެވެ. އައިރުޅިން ފޯނު ކަނޑާލަން ހިތަށްއެރިއެވެ. އެހެން އެންމެންނެކޭ އެއްގޮތަށް އޭނައަށްވެސް ފެންނަނީ އަހަރެންގެ ކައިރީ ދިއްލިފައި އިންނަ ހުސް މަޤާމެވެ.

"ކިހިނެތްވީ އަސްލު؟" ދިޔާނާ ހީވަނީ އެގަޑީވެސް ސީރިއަސްވެފައި ހުރި ހެންނެވެ. އިތުރަށް ވާހަކަދައްކަން ބޭނުންވީ އޭނަގެ ސަބަބުންނެވެ.

"ޒާލިމް ޚާން އައިސް އެބައުޅޭ މިރަށުގަ. ކެން ޔޫ ބިލީވް އިޓް؟؟....." ޖޯޝާއެކު އަހަރެން ބުނެލީމެވެ.

ފަޒީގެކޮޅުން އަޑުފަތްގަނޑެއް އިވުނެވެ. ހީވީ ކޮންމެވެސް އެއްޗެހިތަކެއް ވެއްޓުނުއަޑު ހެންނެވެ. އަހަރެންގެ ކަންފަތުގެ ތޫރި ސަލާމަތްވީ ކިރިޔާ އެވެ.

"ދުންތަނަނަ ތަންކޮޅު ދޯ އެއައީ...؟" އަޑުފަތްގަނޑު ހިމޭންވުމުން އަހަންނަށް ބުނެލެވުނެވެ.

ދިޔާނާ ހިނިގަނޑެއް ޖަހާލައިފައި އިތުރު ތަފްޞީލަށް އެދުނެވެ. ވާހަކަ އޮލަވެފައި އިނުމުން މަންމަ ބަދިގެއަށް ވަންކަމެއް ނޭނގުނެވެ. ފެނުނީ ކުރިމަތީ ހުއްޓައެވެ. ދެބުމަ ގޮށްޖަހާލިގޮތުން ހީވީ ދެން އެގޮށް މޮހަން ޖެހޭނީ ކޮންމެވެސް ޓެކްނީޝަނެއްގެ އެހީގައި ހެންނެވެ. ފަޒީމެން ކައިރީ ފަހުން ގުޅާނަމޭ ކިޔާފައި އަވަހަށް ފޯނު ބާއްވައިފައި ތެދުވެއްޖައީމެވެ.

"ރަށުތެރޭގައި ހޭޒަލްއޭ ކިޔައިގެން ކީކޭ އެކިޔަނީ؟ ކާކުގެ ސައިކަލު ފަހަތަށްއެރި ވާހަކައެއް؟" މަންމަ އެންމެ އިރުކޮޅެއްވެސް ބޭކާރުކުރުމެއްނެތި ސީދާ މައުޟޫއަށް ދިޔައެވެ. އަހަރެންގެ ޝައްކު މުޅިން ރަނގަޅެވެ.

"ރަށު އެންމެންތަ ނޫނީ ހައްވަދައިތަތަ؟" އެތެރެހަށި ކުޑަކޮށް ފިނިވެފައިވިއަސް އަހަރެން ހުރީ ވަރަށް ސާބިތުވެގެންނެވެ.

"ބުނިމީހެއްގެ ވާހަކަ ކިޔާނެކަމެއް ނެތެއްނު. އަހަރެން މިކުރާ ސުވާލަށް ޖަވާބުދީބަލަ!" މަންމައަށް އަހަރެންގެ މޫނުމަތީ ބޮނޑިތާނެއްނާޅައި ކެތްވަނީއެއް ނޫނެވެ. އަހަރެމެންގެ ދެމެދުގައި އެމޭޒު ހުރިކަން އެއީ އަހަރެންގެ ނަސީބެވެ.

"އެއީ މަޖުދީ ރަތްޓެއްސެއް... ސުކޫލްގަ ވަޒީފާ އަދާކުރަނީ..." މަޖުދީގެ ނަން އަހަރެން ބުނީ މަންމަ މައިތިރިވޭތޯއެވެ.

ކުޑައިރުކޮޅެއް ވަންދެން މަންމަވެސް އަދި އަހަރެންވެސް ހުރީ އެއްޗެއް ނުބުނެ އެކަކު އަނެކަކަށް ބަލލާށެވެ. މަންމަ އަހަންނަށް ދޭނެ އަދަބަކާއި ދޭތެރޭ ވިސްނަނީ ކަހަލަ އެވެ. މަންމަ ނިކުންނަން ހިނގައިގަތީ ބައްޕަ ބޭރުގައި ހުރެގެން ގޮވާތީ ނުކުޅަދާނަވެގެންނެވެ. ވަގުތުން އަހަންނަށް ފުން ނޭވައެއް ދޫކޮށްލައިފައި އަނެއްކާވެސް އިންތަނުގައި އިށީނދެވުނެވެ. އަނެއްކާވެސް އެނބުރި ނާންނަނީސް އަތް ދޮވެލައިގެން އަހަރެން ދެން ބެލީ ގެއިން ރައްކާވެވޭތޯ އެވެ.

***

ހިމާޔަތް ހޯދަން އަހަރެން ދިޔައީ ފަލަކް އާއި ޝެހެނާޒްގެ މައިޒާނަށެވެ. އެގޭ ދޮރާށިން ވަންއިރު ގޯތިތެރޭގައި ސައުދާ އުޅެނީ ފިޔޮތްގަނޑެއް ފިއްތާލައިގެން އޭގެ ގުއި ނެރެގެންނެވެ. މަންމަ ކޮބައިތޯ އެހުމުން އެތެރެއަށް އިޝާރާތްކޮށްލިއެވެ. އެގޭ ގޯތިތެރެއަށް އެކަނި ބަލައިލުމުންވެސް މަސައްކަތްކުރާ ހިތުން އަތްމުނިމުނިކަވާ އަންހެނަކު އުޅޭ ގެއެއްކަނން ހުރީ ފެންނާށެވެ. އެއޮތް ބޮޑު ގޯތިތެރޭގައި ގަހެއްނެތް ތަނެއް މަދެވެ. ދަރިން ބަލާހެން އެހުރިހާ އެއްޗަކަށް އަޅާލައިފައި ޝެހެނާޒްއަށް އެހެން ކަމެއް ކުރާނެ ވަގުތުވާކަމެވެ. އަދި އެހާ ބޮޑު ގެއެއްގައި އެންމެ މަސައްކަތު މީހަކު ނޫނީ ނުވެސް ގެންގުޅެއެވެ. އެވެސް ފަލަކް ބުނެ ކިޔައިގެން ފޮނުވާނުލާ ބެހެއްޓި މީހެކެވެ. އަހަންނަށް ހީވަނީ ތަންތަން ސާފުކޮށް އަބަދު މަސައްކަތުގައި އުޅުމަކީ ޝެހެނާޒްއަށް ޖެހިފައި ހުންނަ ބައްޔެއް ހެންނެވެ.

ގޭގެ އިމާރާތުން ވަންތަނާ ޝެހެނާޒް ހީގަތްއަޑު އިވުނެވެ. އަނެއްކާ މިވަދެވުނީ ދެމީހުން ރޮމޭންސްކުރާ ގަޑިއަށް ހެއްޔެވެ؟ ފެންނަން ނުވާ މަންޒަރެއް ފެނިދާނެތީ އަހަރެން އަވަހަށް ސަލާމް ގޮވާލައިފީމެވެ. މިނިޓެއްނުވެ ޝެހެނާޒް ބޯދިއްކޮށްލައިފިއެވެ. އަހަރެން ފެނިގެން އަވަހަށް އެތެރެއަށް ވަންނަން ހަނާ އަޅައިލި އެވެ. ގެއަށް ވަންނައިރު އަދި ސިޓިންރޫމާއި ދެމެދު ކުޑަ ހުސްތަންކޮޅެއް އޮވެއެވެ. އެތަން ހާއްސަކޮށްފައި ހުންނަނީ ފައިވާން ހަރުތަކާއި އެފަދަ އެއްޗެހި ބެހެއްޓުމަށެވެ.

"ބޭރުގަ ދަރިގަނޑު އެބައުޅޭ ފިޔޮއްގަނޑެއް ފިތާލައިގެން ގުއި ނެރެގެން. ޝެހެނާޒް އަދިވެސް ތިހުންނަނީ ހޭން. އޭތީގެ ގުއި ނުކައިފިއްޔާ ވެދާނެ..." ސިޓިންރޫމަށް ވަންނަމުން އަހަރެން ވާހަކަދެއްކީމެވެ.

"އެއީ ހޭޒަލްއެއް ނޫންވިއްޔަ ދޫނިސޫފާސޫފީގެ ގުއިކާކަށް..." ޝެހެނާޒް ހިނިއައިސްފައި ބުނެލިއެވެ.

"އެހެންވެ ދޯ ބޯސަކަރާތްވެފަ އެހުންނަނީ..." އެއިވުނީ އަހަރެން ދަންނަ އަޑެކެވެ.

ދެވަނަ ސިކުންތުގައި އަހަރެންގެ ދެލޯ ބޮޑުވީ ސިޓިންރޫމް ސޯފާގައި މާ ހަމަޖެހިލައިގެން އިން އައްފާން ފެނިފައެވެ. މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނާހެން އަހަރެން ދާހާތާކު އައްފާން އެވެ. މީ އަޅެ ކޮންފަދަ ނުބައި ސަމާސައެއް ހެއްޔެވެ؟

"ހޭޒަލް!" އައްފާން ހައިޖަހައިލާ އުސޫލުން އަތް އުފުލައިލަމުން ގޮވާލިއެވެ.

އަހަންނަށް ބަލައިލެވުނީ ޝެހެނާޒްއަށެވެ. އޭނަ ދިމާކޮށްފައި ހުރީ ބަދިގެއާ ދިމާއަށެވެ. ޝެހެނާޒްގެ ފަސްމީރު ކުރިރުކެއްފަދަ ފަލަކް ކޮފީތަށްޓެއް ހިފާލައިގެން އިނީ އައްފާން އިން ސޯފާގެ އަނެއްކޮޅުގައެވެ. އެމޫނުމަތިން އަބަދުވެސް ފެންނަ ސީރިއަސްކަމާއި މަޑުމައިތިރިކަމެވެ. އަބަދުވެސް ކުރުކޮށް ކޮށާލައިފައި އޮންނަ ކަޅުކަންގަދަ އިސްތަށިގަނޑު އޭނައާ ގުޅެއެވެ. އަހަންނަށް އަލަށް އުމުރަށްވުރެ ދޮށީމީހަކު ރީތިވީ ފަލަކްއެވެ. ކުޑައިރު ދެން ދެއަހަރެއްވަރު ބޮޑު ކުއްޖަކކާއި ދޭތެރޭ ހިޔާލެއްވެސްނުކުރާނެއެވެ. އެމީހުން ވާނީ މާ އުމުރުން ތަފާތު ބަޔަކަށެވެ. އަހަރެން އުމުރުން ސާދަ އަހަރުގައި ވިހި އަހަރުގެ ޒުވާނުންނަކީ ނިކަން ބޮޑެތި ބައެއްކަމުގައި ހީކުރެވުނެވެ. ފުރަތަމަ ފަލަކްއާ ބައްދަލުވި ދުވަހު އަހަރެން ހީކުރީ އެއީ މަންމަނެއް ކަމަށެވެ. ހިނގާފައި ދާއިރުވެސް ހީވާނީ ބިންމަތިން ހިނިމަރުވެދާނެތީ ބިރުން އުޅޭހެންނެވެ. މީހަކު ނުގޮތަކަށް ބަލާލިއަސް ލަދުގަންނާނެ އެވެ. އޭނަ މަންމަ އެކަނިމާއެކަނި ބަލާބޮޑުކުރުމުގެ ސަބަބުން ލިބިފައިހުރި ތަރުބިއްޔަތެއްކަމަށްވެދާނެއެވެ. އަހަރެން މަންމައަށް ފަލަކް އެހާ ކަމުދިޔައީ އެހެންވެއެވެ. ޖަހާހާ ބެރަކަށް ނަށާނެތީއެވެ. ތެދަށް ބުނަންޏާ ޝެހެނާޒް އަކީ މިޒާޖުގެ ގޮތުން ފަލަކްފަދަ ޒުވާނެކެވެ. ދެމީހުން އެހާ ގުޅޭ ސަބަބަކީ އެއީއެވެ. އެކަމަކު ސައުދާގެ ކިބައިގައި އެދެމީހުންގެ މަޑުމައިތިރިކަމެއް ނުހުރެއެވެ. ހުންނަނީ އަހަރެންގެ ނުޕޮރުއްޕާންކަމެވެ. ހެޔޮކޮށްވިއްޔާ އަހަރެންގެ މަންމަ ފަރާތުން ވާރުތަވެފައިވާ ހަލަބޮލިކަމެކެވެ.

"ކާކު ބުނެގެން އެއައްފާން އައިސް އެއިނީ؟" ދެމީހުން އެކަނިވިހާއިރުން އަހަރެން އަހައިފީމެވެ.

"ފަލަކްގެ އެކުވެރިއެއް އެއީ... ހޭޒަލްއާއެކު ސުކޫލްގަ ދޯ ވޯކްކުރަނީ؟" ޝެހެނާޒްގެ ނަޒަރު އުނދުންމަތީ ކެކެމުންދިޔަ ރިހަކޮޅަށް ހުއްޓާލައިގެން ހުރެ ވާހަކަދެއްކި އެވެ.

"ސުބުހާނަﷲ. ހަތަރެސްކަން ހަމަވީ..." އަހަރެންނަށް ނިތުގައި މަޑުމަޑުން ޖަހައިލެވުނެވެ. މިވަރުން ދަންޏާ މިރަށުގައި އޭނަ ނުދަންނަ މީހުންނަށްވުރެ ދަންނަ މީހުން ވާނީ އިތުރެވެ. އަދި އަހަންނަށް ނޭނގޭ ކިތައް ކިތައް އެކުވެރިން އެބަތިބި ހެއްޔެވެ؟ މިދެން ވަރަށް ނުރައްކާވީ އެވެ.

"ހޭޒަލް އިރުކޮޅަކުން އުނދުން ނިވާލަބަލަ! އަހަރެން އެބަ އަންނަން..." ޝެހެނާޒް ހަނދާންވީ ކޯއްޗެއްކަމެއް ނޭނގެއެވެ. ފެނުނީ ނިކަން ހަރުކޮށް ދޮރާއި ދިމާއަށް ދާންފެށިތަނެވެ.

ނިތުގައި އަތް ހާކާލައިފައި އަހަރެން އައިސް އިށީނދެލީ މޭޒު ދޮށުގައެވެ. އިރުކޮޅަކުން އުނދުން ނިއްވވާލައިފައި ފްރިޖް ކައިރިއަށް ޖެހިލީ ކަރުހިއްކުން އިހްސާސްވެގެންނެވެ. ފެންފުޅި ނަގާފައި ފްރިޖް ދޮރު ލައްޕާލުމަށްފަހު އެނބުރުނުއިރު އައްފާން އައިސް މިހުރީ ކައިރީގައި ޖައްސައިފައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހަޅޭތްލަވައިގަތް ނަމަވެސް އަޑު ބަންދުވީ އައްފާން ކުއްލިއަކަށް އަހަރެންގެ އަނގަމަތީ އަތްއަޅައި ހިފެހެއްޓީމަ އެވެ. ހުހަށް އޮތް އަތުން އޭނަގެ އަތުގައި ހިފާ ދުރުކޮށްލަން އުޅުމުން އެއަތް ނަގާފައި އަޅުވައިލީ ފުރިޖުގެ އެއްފަރާތުންނެވެ. އަނެއްފަރާތުން ދެމިގަންނަން އުޅުމުން އެއަތުން ހިފެހެއްޓީ އަހަރެންގެ ކޮނޑުގައެވެ. ތުންފަތުގައި ހިނިތުންވުމެކެވެ. އަހަރެން ހަމަ އަންތަރީސްވެއްޖެ އެވެ. މީނަ އަބަދު ހިނިތުންވެފައި މިހާރު ހުންނަނީ ކީއްވެ ހެއްޔެވެ؟

"އަމިއްލަ ޕާރސަނަލިޓީ މާލޭގައި ބާއްވާތަ އައިސް ތިއުޅެނީ؟ ކިހިނެތް ތިއުޅެނީ މިހާރު؟" ދަތްޕިލަ ކާރުވާލައިފައި އަހަރެން ސުވާލުކުރީމެވެ.

"ވެދާނެ..." އައްފާން ޖަވާބުދިނެވެ.

"ކިހާދެރަކަމެއްތަ ދުރަށްދޭ! އަހަރެން ދާންވެއްޖެ.." ހައްތަހާ އަހަރެން ރުޅިއައެވެ.

"އޯކޭ..." އޭނަ ކަންތައްކުރާނީ އިދިކޮޅަށޭ ހީވެފައި ހުއްޓާ ހަމަ ކުއްލިއަކަށް ދުރަށް ޖެހިލާފައި އަމާންދޭ މީހަކު ފަދައިން ދެއަތް އުފުލާލައިފިއެވެ. އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. އެވަގުތުކޮޅު ނޭވާ ހިފަހައްޓާލައިގެން ހުރެވުނުކަންވެސް އެނގުނީ ދެނެވެ. ހިތް ހީވަނީ ބޭރަށް ފުންމާލަން އުޅެފައި އޭގެ މަޤާމުގައި ހަމަޖެހުނު ހެންނެވެ. ބިރުނުގަތިއްޔާ ދެރައެއް ނޫން ހެއްޔެވެ؟ ބޮޑުބިޔަ ފިރިހެނަކު އައިސް ހީވީ އަހަރެން ފިއްތައިލަން އުޅުނު ހެންނެވެ. އަދި އެވެސް އަހަރެންގެ ފުރާނައަށް ދަހިވެފައި ހުންނަ ފިރިހެނެކެވެ.

"ބުނަންރަނގަޅު ވާހަކައެއް. އަހަރެން ހަމައެކަނި ރަތްޓެހީ އަޒްކާއާ. އަޒްކާގެ ބޭބެވީމައޭ ކިޔާފަ ކޮންމެހެން އަހަރުމެން ދެމީހުން އެއްވެސް ގުޅުމެއް ދަމަހައްޓާކަށް ނުޖެހޭ. ސުކޫލް ތެރެއިންވެސް އަހަރެންނާއި ދިމާވެގެން ވާހަކަނުދެއްކިއްޔާ ރަނގަޅީ..." މޭޒު ކައިރިއަށްހުއްޓި ތަށްޓަކަށް ފެން އަޅަން ހުރެފައި އަހަރެން ބޭނުންވާ ގޮތް ހާމަކުރީމެވެ.

އޭނަގެ ޖަވާބު ނައިސްގެން އެނބުނުއިރު ހަށަން ބަނދެލައިގެން ހުރީ އަދިވެސް އެހިނިތުންވުމުގަ އެވެ. ދެލޯ ކޮނެލަފާނަމޭ ހިތަށްއެރިއެވެ. ނޫނީ މަކުނެއްހެން ގޮސް ކޮނޑަށް އަރައި ތުނބުޅީގައި ހުރިއްޔާ ހުރި އިސްތަށްޓަކަށް ދަމައި ލުހެލަންވީއެވެ. ކޮންމެވެސް ގޮތަކުން ޕެރިސްގެ ތަޅުދަނޑި ހޯދައިގެން ވަދެ ނިދާފައި އޮތްވާ ބޮލުގައި ޝޭވިން ކްރީމް ހާކަންވެއްޖެ އެވެ.

"ތިގޮތް އަހަރެން ބޭނުން ނުވެއްޖެއްޔާ؟...." އައްފާންގެ ޖަވާބު އައީ ސުވާލަކުންނެވެ. އަދި އެވެސް އަހަރެން ފެންތަށީގައި ތުންޖެހިތަނާ އެވެ. އަވަސް އަވަހަށް ފެންފޮދު އެތެރެކޮށްލެވުނު ގަޑީ ކެއްސައިގެންފައި ހުރިހާ ފެނެއް ދިޔައީ ބޭރަށެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އޭނައަށް ހުރެވުނީ މިފަހަރު ދުރުގައެވެ. އޭނަ އެވަގުތު ކައިރިވާން އުޅުނުހެން ހީވެގެން އަހަރެން ކެއްސަމުންވެސް އަތް އުފުލާލައިފައި މަނާ ކުރީމެވެ.

"ހޭޒަލް!!" ޝެހެނާޒްގެ އަޑު އައީ ދޮރާއި ދިމާއިންނެވެ.

އަހަރެންނާއި އައްފާންއަށް އެދިމާއަށް އެނބުރެވުނީ ދާދި އެކުއެކީގަ އެވެ. އަހަރެންގެ ލޯމަތިން އެވަގުތު ކޮކާ ބުރައިލީ ޝެހެނާޒްގެ ކުރީގައި މަންމަ ހުއްޓާ ފެނިފައެވެ. އެގަޑީ މަންމަގެ ވާހަކަ ފުރިހަމަ ނުކުރެވުމުން މަންމަ އަހަރެން ހޯދަމުން އެހިސާބަށްވެސް އައީއެވެ. ޝެހެނާޒްވެސް ހީވަނީ ކަންބޮޑުވެފައި ހުރިހެންނެވެ. މަންމަގެ ނަޒަރު އަހަރެންނާއި އައްފާންއާ ދެމެދުން ދަތުރުކޮށްލާފައި ހުއްޓައިލީ އަހަންނަށެވެ. ކަންބޮޑުވެގެން އަހަންނަށް ހޯދައިލެވުނީ އެންމެ އަވަހަށް ފިލައިގެން ދެވޭނެ މަގެއް ފެނޭތޯ އެވެ. ހުޅުވާފައި ހުރި ކުޑަ ދޮރު ފެނުމާއެކު އެދިމާއަށް ދާން ނަގާނެ ވަގުތު ހިތުތެރޭ ގުނާލެވުނެވެ. އަހަރެން ދުއްވައިގެންފިނަމަ އެކަކަށްވެސް އަތުނުވާނެއެވެ.

މަންމަ އެއްޗެއް ނުބުނަނީސް އެޕްލޭނާ އެއްގޮތަށް އަމަލު ކުރާނަމޭ ހިތާ ފަހަތަށް އެއްފިޔަވަޅު އަޅާލެވުނެވެ. ދެވަނަ ފިޔަވަޅު އެޅީ އެދިމާއަށް އެނބުރިފައެވެ. ފުރަގަސްދިންވަގުތު އަހަރެންގެ ދެފައި އެހިސާބުން ހަރުލައިފިއެވެ. ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފީއެވެ. އެނބުރުނުއިރު އައްފާން އެވެ. އަދި އެވެސް މަންމަ ކުރިމަތީގައެވެ. ދެން އަދި ކޮށްލީ އެއަށްވުރެ ބޮޑުކަމެކެވެ.

ނުނިމޭ

ދިގު ވާހަކަ ވާހަކަ: އިންނާނެ މީހަކު

Popular