22 Feb 2021

އިންނާނެ މީހަކު

By: Mariyam Yasma

ފުރަގަސްދިންވަގުތު އަހަރެންގެ ދެފައި އެހިސާބުން ހަރުލައިފިއެވެ. ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފީއެވެ. އެނބުރުނުއިރު އައްފާން އެވެ. އަދި އެވެސް މަންމަ ކުރިމަތީގައެވެ. ދެން އަދި ކޮށްލީ އެއަށްވުރެ ބޮޑުކަމެކެވެ. އަހަރެންގެ އަތަށް ދަމާލައިފައި ގެނެސް ބެހެއްޓީ އައްފާންގެ ކައިރީގައެވެ. ކައިރީގައި ބުންޏަސް ކިހާ ކައިރީގައި ކަމަށް ހެއްޔެވެ؟ ކޮނޑާއިއެކު ހިފާލައިފައި އޭނަގެ އެއްފަރާތުގައި ޖައްސާ ފިއްތާލައިފައެވެ. އެހާ ބާރަށް ހިފަހައްޓަން މަމީ އަޅެ މޮޔައިގެން މަރުކަޒުން ފިލައިގެން އައިސްއުޅޭ އަންހެނެއްވެސް ނޫންވިއްޔާއެވެ. ފަލަކްއާއި ޝެހެނާޒްވެސް ދުވަހަކު މަންމަމެން ކުރިމަތީ އެހާ ކައިރީ ތިބިކަމެއް ނޭނގެއެވެ. މަންމަ މިއައްފާން ޕާންފޮއްޗަކަށް ހަދާނުލިއްޔާ ސާބަހެވެ. ޖިންނިއައްޕަނެއްހެން ފިހެލިއަސް އަހަރެން ސަލާމަތްކުރާކަށް ނުހުންނާނަމެވެ. އެމީހަކު ފޭހުނު އިލޮށިގަނޑު ހެރޭނީ އެމީހެއްގެ ލޮލަށެވެ. މިސޮރަށް މިއުޅެނީ އަހަރެން މަންމަގެ ގޮތް ނޭނގިގެންނެވެ.

"އިންޓްރޮޑިއުސް އަސް!!" އައްފާން އަހަރެންގެ މޫނަށް ބަލައިލަމުން އެދުނެވެ.

ފިރިހެނާ ފުރަތަމަ ހޭއަރާށެވެ. ކުރިމަތީ އެހުރީ އަހަރެންގެ މަންމައެވެ.

"ހޭޒަލް!!" މަންމަ ހިތްހަމަނުޖެހިފައިވާ އަޑަކުން ކުއްލިއެއް ޖެހިއެވެ.

އަހަންނަށް އުޅެވުނީ އަވަހަށް އައްފާންއާ ދުރަށް ޖެހޭށެވެ. އެކަމަކު އައްފާންގެ އެކަތައިގެ އަތުން ވީއްލުން ފަސޭހައެއްނުވިއެވެ. ކޮނޑުއަރުވައިލުމުން އޭނަ ދޫކޮށްލަން އުޅޭފަދަގޮތަކަށް އިނގިލިތައް ހިއްލާލައިފައިވެސް ކުރިއަށްވުރެ ބާރަށް ހިފަހައްޓާލައިފިއެވެ. ކައިވެނީގެ ކުރީކޮޅު އަނބިގޮއްޔެއާ އަވަލާފައި ހުންނަ ފިރިއަކުވެސް އެހެން އުޅޭނެކަމެއް ނޭނގެއެވެ. މަގޭ އަތުގައި އޭނަ ހިފެހެއްޓިތަނުގެ ކިރިޔާވެސް ނިޝާނެއް ހުރެއްޖެއްޔާ ނިމުނީއެވެ.

"މަންމާ މީ އައްފާން. އަދި އެއީ އަހަރެންގެ މަންމަ..." މަޖުބޫރުވެގެން އަހަރެން ތައާރަފްދީފީމެވެ.

އައްފާން އެވަގުތު އަހަރެންގެ ކޮނޑުން ދޫކޮށްލާފައި ކުރިއަށް ޖެހިލަމުން އެއަތް ދިއްކޮށްލީ މަންމައާ ސަލާމަށެވެ. އަހަރެން މަޑުމަޑުން ދެފިޔަވަޅު ފަހަތަށް ޖެހިލައިފީމެވެ.

"ކޮން އައްފާންއެއް؟ ހޭޒަލްއާ ކޮންގުޅުމެއް އޮތީ؟" މަންމަ އައްފާންގެ އަތުގައި ނުހިފަން ހަށަން ބަނދެލާފައި ނުރުހުމާއެކު ސުވާލުކޮށްލިއެވެ. މަންމަ ކުރިމަތީ އައްފާން މިކުޅުނު ކުޑަކުޑަ ޑްރާމާއަށްފަހު މަންމަގެ ރާޑަރުން ނެއްޓުން އެއީ ފަސޭހަކަމެއް ނޫނެވެ.

މަންމަ ދެންވެސް ކަޅިއަޅައިލީ އަހަންނަށެވެ. މަންމަ އެއަތުގައި ނުހިފާނެކަން ޔަޤީންވީ ތޯއްޗެކެވެ. ރަކިފާޑަކަށް ހިނިތުންވެލާފައި އޭނަ އެންމެފަހުން އަތް ތިރިކޮށްލައިފި އެވެ. އެވީ ވާންވީ ހެންނެވެ. މިހާރު ހުންނާނީ ރަނގަޅަށް ވިސްނިފައެވެ.

"އައްފާންއަކީ އަޒްކާގެ ބޭބެ. މަންމައަށް އެނގެއެއްނު އަޒްކާ..." އަހަރެން މަންމައަށް އޮޅުންފިލުވަދިނީމެވެ.

"އަހަރެން މިހުންނަނީ ހޭޒަލް މަންމައާ ދިމާނުވެފަ. މުހިންމު ވާހަކައެއް ދައްކަން އޮތީމަ.." އައްފާން ބުނެލިއެވެ

ވަގުތުން އަހަންނަށް އެމޫނަށް ބަލައިލެވިއްޖެ އެވެ. އޭނަ އަހަރެން މަންމަކައިރީ ދައްކަން ޖެހޭނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ ލޮލުގެ ބަހުރުވައިން ސުވާލުކޮށްލީމަވެސް އޭނަ އެއްޗެއް އޮޅުންފިލުވަދޭކަށް ނޫޅުނެވެ. ފަހަތުގައި ހުރި ޝެހެނާޒް އެފުރުސަތުގެ ބޭނުން ހިފާފައި އައްފާންއަށް ގޮވާލުމަށްފަހު ލަފާދިނީ ވާހަކަދައްކަން ސިޓިންރޫމަށް ދިއުމަށެވެ. އެތަނުގައި އެންމެން އިށީނދެ ތިބެ ހަމަޖެހިލައިގެން ވާހަކަދެއްކުމަށެވެ. މަންމަ އެވަގުތު އެންމެ ކުރީގައި ފުރަގަސްދީފައި އެތަނުން ހިނގައިގަތުމާއެކު ޝެހެނާޒްވެސް ފަހަތުން ދާން ބުނެލާފައި ނައްޓާލައިފިއެވެ.

"އޭ އަދި ދާކަށް ނުވެއެއްނު!" އަހަރެންނަށް ހިފެހެއްޓުނީ އައްފާންގެ ޓީޝާޓުގައެވެ.

އެނބުރުނުއިރު މިހުރީ އެއްކަލަ ވައްތަރަށް ހިނިއައިސްފައެވެ. އަނގަމައްޗަށް ބިހެއް ތަޅައިލަފާނަމޭ ހިތަށްއެރިއެވެ. ޝެހެނާޒްގެ ގޭގައި ނޫންނަމަ އެހިޔާލާއި އެއްގޮތަށް އަމަލުވެސްކުރެވުނީސް ކަންނޭނގެއެވެ.

"އަހަރެން މަންމަކައިރީ ބުނުމުގެ ކުރިން ފުރަތަމަ ޖެހޭނީ އަހަރެން ބުނަން... ކިޔާބަލަ ތިކިޔަން އުޅޭ އެއްޗެއް!" ވަރަށް ގަދަވެލާފައި އަހަރެން އެންގީމެވެ.

"އެއިރުން ސަޕްރައިޒް ފަނިވާނެ..." އައްފާން ދެކޮޅުހެދިއެވެ. އެގަޑީ ޝެހެނާޒް އަލުން އަހަރުމެން ހޯދަން އެނބުރިނަމަ އަހަރެން ހުރީ އައްފާންގެ ކަރުގައި ހިފާ ވާންކޮށްގެން ނަމަވެސް އެސިއްރެއް ހޯދާށެވެ. ތޯހިރާއަށްވެސް އަންނަން އެނގޭނީ އެންމެ ނުބައިގަޑީގައެވެ.

ދެން ހޭދަވެގެން ދިޔަ ފަނަރަ މިނިޓަކީ އައްފާންއާ ދޭތެރޭ އަހަރެން ދެކޭ ގޮތް މުޅިން ބަދަލުކޮށްލި ފަނަރަ މިނިޓެވެ. ފުރަތަމަ އަހަރެން ދުށް އައްފާންއަކީ ފޮނި އަދި އެހާމެ ބޮޑާ ފިރިހެނެކެވެ. ރުޅިގަދަވެފައި ހިތްހެޔޮކަމުގެ ޒައްރެއްގެ މިންވަރުވެސް ނުވެއެވެ. ހިނިއައިސްފިނަމަ ފަނިކައިފައި ހުރި ދަތްފެނިދާނެތީ އުޅުނުކަހަލައެވެ. އެކަމަކު އޭނަގެ ދަތްޕިލާ ފެނުނުއިރު އެއީ އަނދިރީގައި ކޮޓަރިވެސް އަލިކޮށްލާފަދަ ހުދު ރީތި ދަތްޕިލައެއްގެ ވެރިއެކެވެ. އަހަރެންގެ ރަށަށް އޭނަ އައއީ މާލޭގައި ގެންގުޅުނު މިޒާޖު ގޭގައި ބާއްވާފައެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. ދޮގުހެދުމާއި އެކްޓުކުރުމުންވެސް އޭނައަކީ އަލިގަދަ ތަރިއެއްކަން މިއަދު ސާބިތުވެއްޖެއެވެ. މިއަހަރު ދުނިޔޭގައި ދޭން ހަމަޖެހިފައިވާ ހުރިހާ ޝަރަފުވެރި އެވޯޑެއްގެ ހައްޤުވެރިއަކީ އެއީއެވެ.

މަންމަ ކައިރީ ހަދައިލިވާހަކަތައް އަޑުއަހާފައި އަހަރެންވެސް އިނީ ގުޑާލަން ނޭނގިފައެވެ. އެއީ ތެދެކޭ ހީވާހާ އެވާހަކަތައް މޮޅެވެ. ނުވެސް އެނގިހުއްޓާ އަހަންނަށް އިންނާނެ މީހަކުވެއްޖެ އެވެ. އަދި އެމީހަކީ ދެވަނަ ދެމީހެއް ނޫނެވެ. ޚުދު އައްފާން އެވެ. ރަށަށް އައުމުގެ ކުރިން އަހަރެން ރޭވި ކަންތައް އެންމެފަހުން ހަޤީޤަތަކަށްވީއެވެ. މަންމަގެ ފުށުން ސަލާމަތްވާން ވަގުތީ ހައްލެއް ލިބުނީއެވެ. ފޭކު ލޯބިވެރިއެއް ހަމަޖެހުނީއެވެ. ސުވާލަކީ އައްފާން އެހުރިހާކަމެއް ކުރަން ޖެހުނު ސަބަބެވެ. އަދި އޭނައަށް އަހަރެން އެފަދަ ހިޔާލެއް ގެންގުޅޭކަން އެނގުނު ގޮތެވެ. އަނެއްކާ ފަޒީއާ ދިޔާނާ ފަހަތުގައި ހުރެގގެން ފެށިކަމެއް ހެއްޔެވެ؟ އެދެމީހުން ނޫނީ އަހަރެން އެފަދަ ހިޔާލެއް ގެންގުޅުކަންވެސް އެނގޭ މީހަކު ނުހުންނާނެ އެވެ. އެދެމީހުން ފަހަތުގައި ހުރިކަމުގައިވިއަސް އައްފާން އެކަމަށް އެއްބާރުލުން ދޭން ޖެހުނު ސަބަބެއްވެސް އޮންނާނެ ނޫން ހެއްޔެވެ؟

އައްފާންގެ ވާހަކަތަކަށްފަހު މަންމަގެ މޫނުމަތިން މާ ހަމަޖެހޭ ކުލަވަރެއް ނުފެނުނެވެ. އައްފާންއަކީ މަޖުދީއެއް ނޫނެވެ. މައްސަލައަކީ އެއީ ކަމަށްވެދާނެ އެވެ. މަންމަ އަދި އައްފާން ކައިރީ އަހަރެން ބައިންދާފައި ގެއަށްދާކަށް ވެސް ބޭނުމެއްނުވިއެވެ. ކޮންމެވެސް މަސައްކަތެއްގެ ބަހަނާ ދައްކާފައި އެކުގައި އަހަރެންވެސް ގެންދިޔައެވެ.

***

ގޯތިތެރެއިން ބައްޕައާ ދިމާވެގެން މަންމަ ކޮންމެވެސް ވާހަކައެއްދައްކަން ހުއްޓުމާއެކު އަހަރެން އަވަހަށް ވަދެގެން އައީ ކޮޓަރިއަށެވެ. ފޯނު ނަގާފައި އައްފާންގެ ނަންބަރަށް ގުޅައިގެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނީމެވެ. ދދެވަނަ ރިންގުން ޑްރާމާކިންގް ފޯނު ނަގައިފިއެވެ.

"މިހާ އަވަހަށް މިސްވީ؟" އެއަޑުގައި ހިނިތުންވުމުގެ އަސަރުވި އެވެ. ވަގުތުން އަތް މުށްކަވައިލެވުނެވެ. މީނަ މިހާ ލާނެތްވާނެކަމެއް އެނގޭނީ ކިހިނެތް ހެއްޔެވެ؟ ޔަޤީނުންވެސް އެވައްތަރަށް އެއުޅެނީ އަހަރެން ރުޅިއަރުވާށެވެ. ދެވަނަ ދެ ސަބަބެއް ނެތެވެ. ބައިވަރުތަކެއް ލިބޭނަމަވެސް ރަނގަޅެވެ.

"ބުނެބަލަ! ފަޒީތަ ނޫނީ ދިޔާނާތަ ކާސްޓްކުރީ؟" އައްފާންގެ ބޭކާރު ސުވާލުތަކަށް ޖަވާބުދޭން ނުހަދާ އަހަރެންދެއްކީ އަހަރެން ދައްކަން ބޭނުންވެފައި ހުރި ވާހަކައެވެ.

"ނޫނޭ. އެއިން މީހަކު ނުބުނޭ... ބެލްކަނީގަ ހުއްޓާ ހޭޒަލްގެ ވާހަކަ އަޑުއިވުނީ." އައްފާންގެ ޖަވާބުން އަހަރެން ހައިރާންވިއެވެ. ފާރުގައިވެސް ކަންފަތްހުރެއޭ ކިޔައެއް ނޫން ހެއްޔެވެ؟ މިފަހަރު މިވީ އެފަދަ ގޮތެކެވެ.

"އެކަމަކު ޒާލި... އަމް އައްފާން ކީއްވެ މިކަންކުރަން ޖެހުނީ؟ ބަދަލުގަ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟" އަހަރެންގެ ހިތް އޮތީ ޝައްކުންފޯވެފައެވެ.

"ވިސްނާލަން ޖެހޭނީ..." އައްފާން ހުރީ މިފަހަރުވެސް ހިނިއައިސްފައިކަން ޔަޤީނެވެ.

ކަރުވައިގަތްފޫހިން އަހަރެން ފޯނު ކަނޑާލައިފީމެވެ. ދެން ގުޅީ އަހަރެންގެ އެކުވެރިންނަށެވެ. ފަޒީ ފފޯނު ނެގިހާއިރުން ފަހަތުން ރާއްޕެގެ އަޑު އައިހެން ހީވިއެވެ. އެކަމަކު ފަޒީ އެއްބަހެއްނުވި އެވެ. ވީޑިއޯ ޖައްސަން ބުނުމުން އޭނަ ވީޑިއޯވެސް ޖެއްސިއެވެ. އެކަމަކު ރާއްޕެއެއް އެތަނަކުން ނުފެނުނެވެ. އައްފާން ކުޅުނު ޑްރާމާގެ ވާހަކަ ކިޔައިދީ ނިމުމުން އެވަގުތުވެސް ފަޒީއަށް އައީ އެންމެ ފީކަޅާ ހިޔާލެވެ. ހިލަހިތުގެ ވެރި އައްފާންއަށް އަހަރެން ކަމުގޮސްގެން އުޅެނީކަމުގައެވެ. ކޮންމެކަމެއް ލޯބީގެ ކުޅިގަނޑަކަށް އޭނަ ހަދާނެއެވެ. ހެޔޮއެއްޗެއް ކިޔަން އެނގުނީ އެވަގުތުވެސް ދިޔާނާ އަށެވެ. ކެހި ލިބިލިބި ކުރަމަގާލި ލައިފަ ހުރީ އޭނަގެ ހިތުގައިވިއްޔާ އެވެ.

އެފޯނު ހަމަ ބޭއްވިތަނާ އައްފާން ގުޅަން ފަށައިފިއެވެ. އަހަރެން ފޯނު ނުނަގަންވެގެން އެނދުމައްޗަށް އެއްލާލައިފައި ނިކުތީ ބޭރަށެވެ. މުޅި އެރޭ މަންމަ ފެނުނީ ތަންކޮޅެއް ހިމޭންވެފައި ހުންނަތަނެވެ. މަޖުދީއަށްވުރެ ކުރިން މި ހަލާކުވީ މަންމަގެ ހިތެވެ. އަހަރެންވެސް ބެލީ މަންމައާ ވީހާވެސް ދުރުގައި އުޅުމަށެވެ. ކާލައިގެން ކޮޓަރިއަށް ވަންގޮތަށް އެރޭ ދެން ނުނިކުންނަމެވެ. ނިދަން އޮތްވާވެސް އައްފާން ގުޅިއެވެ. އެކަމަކު އަހަރެން ޖަވާބު ދިނިއްޔާ ނޫން ހެއްޔެވެ؟ އޭނަ ހަދާލި ވާހަކައެއްގެ ސަބަބުން އަހަރެން ކޮންޓްރޯލް ކުރެވިދާނެހެން ހީވަންޏާ އެއީ ވަރަށްބޮޑު ކުށްހީއެކެވެ. އޭނަ ހިތުން މަދެން ހުންނާނީ އޭނަ ޖަހާހާ ބެރަކަށް ނަށަން ތައްޔާރުގައެވެ.

***

ނިދަން ނޯވެވިގެން ހެނދުނު ތެދުވީ މަންމަ ދޮރު ވައްޓައިލަފާނެކަމުގެ ބިރަށެވެ. ނުރުއްސަވާފައި ހުރިވަރުން ރޮށި ފިހަންވެސް ޖެއްސީ އަހަންނަށެވެ. އަހަރެންވެސް ހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. އިންޑިއާ ޗާޓުން ފެށިގޮތަށް އޭޝިއާ ބައްރު ނިންމާފައި ގޮސް ޔޫރަޕް ޤައުމުތަކަށްދަންދެން ޑިޒައިން ގެނެސް މަސައްކަތް ނިންމާލައިފީމެވެ. ކާން އަރާފައިވެސް ޝަކުވާ ކުރާނީ މަންމައެވެ. އަދި އެންމެ ފަހު ރޮށި އެއީ މަންމަގެ މުރަނަރޮށްޓެވެ. މަންމަގެ މުރަނަ މިޒާޖުގެވެސް އަސްލަކީ އެކާ މުރަނަ ރޮށި ކަންނޭނގެއެވެ. މަޑުރޮށި ކާންދީގެން މަޑުމައިތިރި ކުރަންވީ އެވެ. އަހަރެން ބެލީ މަންމަ އެދިޔަ ތާކުން އެނބުރި އަންނަން ވާއިރަށް ސުކޫލަށް ނައްޓައިލެވޭތޯ އެވެ. އެކަމާއިހުރެ އެދުވަހު ފަނަރަ މިނިޓުކުރިން ސުކޫލަށް ދެވިއްޖެ އެވެ.

ގޭޓުން އަހަރެން ވަން ވަގުތާއި ފަހަތުގައި ހުރެފައި މަޖުދީ އަހަރެންނަށް ގޮވާލި ވަގުތާއި ވީ އެއްވަގުތަކަށެވެ. އެއްފަރާތަކަށް ޖެހިލާފައި އަހަރެން މަޑުކުރީ އޭނަ އަންނަން ދެނެވެ. ޕްރިންސިޕަލް ވިއްޔާއެވެ. އިޚުތިރާމް ކުރަން ޖެހޭނެ ނޫން ހެއްޔެވެ؟

ބަލާބެލުމަށް މަޖުދީ ހުތުރެއްވެސް ނޫނެވެ. އަދި މިހާރު އެހުރިހެން އަތްދިގު ގަމީހާއި ފަޓްލޫނުގައި ރަސްމީކޮށް ހުންނައިރު ހަޤީޤަތުގައިވެސް އަޅައިގަންނަ ގޮތެއް ހުރެއެވެ. ކުރުކޮށް ކޮށާފައި އޮންނަ ބުޅި އިސްތަށިކޮޅާއި މުށި ލޮލުގައި އެހުންނަ ވިދުން އަންހެންކުދިންގެ ހިތްތަކާއި ކުޅެލާނެއެވެ. މާ އަގަ ގަދައެއްވެސް ނޫނެވެ. ތަނުގައި އުޅޭ މުވައްޒަފުންނާއިވެސް އެކުވެރިއެއްކަމަކު އޭނަ ހުންނަ މަޤާމުގައި ހިފަހައްޓަން މަސައްކަތްކުރެއެވެ. އެކަމަކު ފޮނި ގޮތެއް ހުރެއެވެ.

އަނެއްކާ އައްފާންގަނޑު މަޖުދީ ކައިރީ އެއްޗެއް ނުކިޔާ ހުރި ހެއްޔެވެ؟ އަހަރެން ކުޑަކޮށް ހާސްވިއެވެ. އޭނަ އައިސް ހަމަވާން ވާއިރަށް ފޯނު ނަގާފައި ބަލައިލެވުނެވެ.

މަޖުދީ އައިސް ދިނީ އަހަރެން އާ ޚަބަރެކެވެ. މަންމަ އެރޭގެ ކެއުމަށް އަހަރުމެން ގެއަށް ދައުވަތުދީފފައި އޮތް ވާހަކައެވެ. އައްފާން އާއި އަހަރެންގެ ގުޅުން އެނގިގެންވެސް މަންމަ މިހުރީ އަދި ހަތިޔާރު ބަހައްޓާގޮތަކަށް ނޫންތާއެވެ. މައްސަލައެއް ނެތެވެ. އަހަންނަށްވެސް ގޮތެއް އޮންނާނެ އެވެ. އަހަރެން ދައުވަތު ދޭނީ އައްފާން އަށެވެ.

ސްޓާފްރޫމްގައި އަހަރެން އިންދާ އައްފާން ވަދެގެން އައިސް ޖައްސައިލީ އަހަންނާއި ޖެހިގެން ހުހަށް ހުރި ގޮނޑީގައެވެ. އެވަގުތު ދުރުގައި އިން މައުސޫމާގެ ނަޒަރުން އަހަރުމެން ދެމީހުން ސަލާމަތެއްނުވިއެވެ. އޭނަ ވަދެގެން އައީއްސުރެ އިރުއިރުކޮޅާ އަހަރެންނަށް ބަލައިލައެވެ. ކޮންމެވެސް ކަހަލަ އަލިފާން ބޯޅައެއްނަމަވެސް އަހަރެންނާއި އަމާޒުކޮށް ހޫރާނުލެވިގެން ހިތަށް ފިނިކަން ނުލިބިގެން އުޅޭ ދުވަހެކެވެ. ނޫނީ އަހަރެން މާ ހަމަޖެހިގެން އިނީތީ އޭނަގެ ބޮލުން ދުން އަރަނީ އެވެ.

"ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނެގީ؟" ފޯނަށް ބަލަން އިނދެގެން އައްފާން ވާހަކަދެއްކީ އަހަންނަށް އެކަނި އަޑުއިވޭ ވަރަށެވެ.

"ކުރިމަތީ އެބަހުރި އިނގޭ ސީސީޓިވީ ކެމެރާއެއް." އަހަރެން އިސްއުފުލައިލުމެއްނެތި އެންގީ މައުސޫމާއަށް ސަމާލުވުމަށެވެ.

އައްފާން އެވަގުތު ލުއި ހިނިގަނޑެއްޖަހައިލި އެވެ. އިރުކޮޅަކުން އަހަރެންގެ ފޯނަށް މެސެޖެއް އައިސްގެން ވައިބްރޭޓްވިއެވެ. ބަލާލިއިރު އައްފާންގެ މެސެޖެކެވެ. އެމޫނަށް ބަލައިލުމެއްނެތި އަހަރެން ހުޅުވައިލީ މެސެޖެވެ. އޭނަ ލިޔެފައި އޮތް އެއްޗެއް ފެނިގެން އަހަރެން ގާތަށް ހިނި އަތުވެއްޖެ އެވެ. ސުކޫލް ނިންމާފައި އޭނައާ ބައްދަލުކުރަންވީޔޯލަ އެވެ. އަހަރެން މިހުރީ ބޮލުރޮދި ކެނޑިފައި ހެއްޔެވެ؟

ނުނިމޭ

ދިގު ވާހަކަ ވާހަކަ: އިންނާނެ މީހަކު

Popular