
އަޝްފާ
ރެޑްކާޕެޓްތަކުގައި ވިޔަސް، އެނޫން ހަފްލާ އަދި ޝޯތަކުގައި ވެސް އަޝްފާއަކީ އެންމެ ރީތިކޮށް ހެދުންއަޅާ އެއް ފަންނާނެވެ. އޭނާގެ ރީތި ބައްޓަމާ ގުޅޭހެން އަބަދުވެސް ހިތްގައިމު ކުލަތަކުގައި ފެނިލާނެ އެވެ. މި ހަފްލާގައި އަޝްފާ ލައިގެންހުރީ ޑިޒައިނާ ރަޒީގެ ހެދުމެކެވެ.
"ދައުވަތު ކާޑުތައް ލިބުނީ ވަރަށް ވަގުތު ކައިރިވެފައި އޮއްވައި. އަޝްފާގެ ހެދުން އެއީ ގާތްގަނޑަކަށް ގަޑިޖެހެން ހަތަރު ގަޑިއިރަށްވެފައި އިންދާ ފެހި ހެދުމެއް. ބޭނުންވީ ވަރަށް ސިމްޕަލް، ޔަގީނުން ވެސް މައްސަލައެއް ނުޖެހޭނެ ކަހަލަ ހެދުމެއް ވީހާ ވެސް އަޝްފާއާ ގުޅޭހެން ފަހާލަން." ރަޒީ ބުންޏެވެ.
ކަޅާއި ރަންކުލައިން ހުރި މި ހެދުމާ ގުޅޭހެން އަޝްފާ ކޮށްފައިވާ ސިމްޕަލް މޭކަޕާއި އަދި ހެއާ ސްޓައިލިން އަކީ ވެސް މި ލުކް ފުރިހަމަކޮށްދިން ކަމެކެވެ. އަޝްފާ މި ހަފްލާއަށް ރީތިކޮށްދިނީ ޖޭ ބިއުޓީ ސްޓޫޑިއޯއިންނެވެ.
ލަމް
ރާއްޖޭގައި މިހާރު އެންމެ ފުންނާބު އުސް އަންހެން ހުށަހެޅުންތެރިޔާ ލަމްއަށް މި ހަފްލާ ވީ ހުރިހާގޮތަކުން ވެސް ހާއްސަ ހަފްލާއަކަށެވެ. އެހެންކަމުން ލަމް ބޭނުންވީ އޭނާގެ މުޅި ލުކް ވެސް އެ ހާއްސަކަމުގައި ފެންނާށެވެ. މީގެކުރިން ރެޑްކާޕެޓެއްގައި ލަމް ބޭނުންކޮށްފައި ނުވާ މަޑު ވިލުނޫ ކުލައިގެ މި ހެދުމަކީ މި ހަފްލާއަށް ރަޒީ ފެހި ހުރިހާ ހެދުމެއްގެ ތެރެއިން ވެސް އެންމެ މަސައްކަތް ބުރަ ހެދުމެވެ.
"ބަލާ ބެލުމަށް ސިމްޕަލް ވިޔަސް، ލަމްގެ ހެދުމަކީ އެއީ ހަމަ ވަރަށް މަސައްކަތް. ތިރީބައިގައި ގިނަ ބައިތަކެއް ލީމަ އަސްލު ބޭނުންކޮށްފައި ހުރި މެޓީރިއަލްގެ ގޮތުން އެކި ދިމަދިމާތަކުން ހެދުން އެލެން ފެށީ، އެހެންވެ އެއިންކޮންމެ ބައެއް ސީދާކޮށްގެން ގިނަ ވަގުތުން އެ ހެދުން ފެހުނީ" ރަޒީ ބުންޏެވެ.
އެ ބުރަ މަސައްކަތުން، ލަމްގެ ހެދުމުގައި ބޭނުންކޮށްފައި ހުރި މެޓީރިއަލް އާއި ހެދުމުގެ ފަރުމާއަކީ މުޅި ހަފްލާ ވެސް އިތުރަށް ފުރިހަމަކޮށްދިން ކަމަކަށްވި އެވެ. ލަމްގެ މޭކަޕްކޮށްދީފައިވަނީ މޭކަޕް ބައި މިދޫ އިންނެވެ.
ޒާރާ
ހަމަގައިމު ވެސް ރެޑް ކާޕެޓުގައި މިފަހަރު އެންމެ ގިނަބަޔަކު އާޝޯހުކޮށްލި އެއް ފަންނާނަކީ ޒާރާ އެވެ. ޒާރާގެ ހެދުމަކީ ހަމަ ސީދާ އޭނާގެ "ފަންކީ" މިޒާޖާއި، އެ ރޭގެ ހުށަހެޅުމަށް "ބެސްޓް ފިޓް" ކަމުގައި ނޫނީ ނުވާނެ އެވެ. ރަޒީ ބުނި ގޮތުގައި މިއީ މި ހަފްލާއަށް އޭނާ އެންމެ ހިތްހަމަޖެހިލައިގެން ފެހި އެއް ހެދުމެވެ. ބްލޭޒާ ޖެކެޓާއި، ފަޓްލޫނު އަދި ޓޮޕާ އެކު ވަކިވަކިން ތިންބައި އިންނަ މި އައުޓްފިޓަށް ގިނަ ބައެއްގެ ތައުރީފު އަދިވެސް އަންނަނީ ލިބެމުންނެވެ. މި ހެދުމުގެ ޑިޒައިން ފައިނަލް ކުރީ ރަޒީގެ ކޮއްކޮ އަސަދު އެވެ.
އާޝާ
ރެޑް ކާޕެޓްތަކުގައި އަބަދުވެސް ތަފާތު ހެދުންތަކުން ފެންނަ އާޝާގެ ލުކް ވެސް ވީ ގިނަބައެއްގެ ލޮލުގައި އަޅައިގަތް ލުކް އަކަށެވެ. ފެހުންތެރިޔާ "ސޭންޑީ" ގެ މަސައްކަތެކެވެ. ހެދުމުގެ ކުލައާއި އަދި ޑިޒައިންވީ ގިނަބަޔަކަށް މި ހެދުން ކަމުދިޔަ އެއް ސަބަބަށެވެ.
"އިލެކްޓްރިކް ބްލޫ އަކީ އަބަދުވެސް ސޭންޑީއަށް ވަރަށް ކަމުދާ ކުލައެއް. ދެން ދެ މީހުން ވެސް ބޭނުންވީ ފަސޭހައިން ބަދަލުކުރެވޭ ސިމްޕަލް ލުކްއަކަށް ދާން. ދެން ހެދުމުގައި ބޭނުންކޮށްފައި އެހެރަ އޮސްޓްރިޗް ފެދާސް އެއީ އާޝާ ވަރަށް ބޭނުންވި ގޮތެއް،" އެއް ދުވަސްތެރޭގައި ނިންމާލެވެނު މި ހެދުމާ ބެހޭގޮތުން ސޭންޑީ ކިޔައިދިނެވެ. އާޝާގެ މޭކަޕްކޮށްދީފައިވަނީ މޭކަޕް އާޓިސްޓް ރިޝްފާއެވެ.
މަލް
މަޑުމަޑު ކްރީމް ހެދުމެއްގައި މަލް ފެނުނީ ވެސް އެހާމެ ރީތި ހެދުމެއްގައެވެ. ގިނަ ދުވަސްތަކަކަށް ފަހު މަލް ވެސް ރެޑް ކާޕެޓުން ފެނުއިރު އޭނާ ލައިގެންހުރި ލޭސް ފްރިލްޑް ހެދުމަކީ އެރޭގެ އެންމެ ރީތި އެއް ހެދުން ކަމަށް ގަބޫލުކުރާނެ މީހުންވެސް ގިނަ އެވެ. މިއީ ވެސް ރަޒީގެ ހެދުމެކެވެ. މި ރަފްލްޑް ޓޫލޭ ޓިއާޑް މިޑީ ޑްރެސްއަކީ ވެސް ޑިޒައިނާ ރަޒީ އިން އެތެރެކުރަމުން އަންނަ މެޓީރިއަލްތަކުން ފަހާފައިވާ ހެދުމެކެވެ.
ރަޒީ
ރެޑް ކާޕެޓްގައި ރަޒީ ވެސް ފެނުނީ ނުލާހިކު ޗާލުކޮށެވެ. ޑްރެސް ސޫޓް ސްޓައިލަކަށް ރަޒީ ފަހާފައިވާ މި ހެދުން ވީ އޭނާގެ ގްލެމަރަސް ލުކްތަކުގެ ލިސްޓަށް އިތުރުވި އާ ހެދުމަކަށެވެ. އަދި ހެދުމާ ގުޅޭހެން އޭނާ ބޭނުންކޮށްފައިވާ އެކްސެސަރީޒްތަކުން މުޅި ލުކް އިތުރަށް ފުރިހަމަވެގެން ދިޔައެވެ.