ދީޕިކާ ޕަޑުކޯން

މި ސީޒަންގެ އެންމެ ފުރަތަމަ އެޕިސޯޑަށް އެރި ގެސްޓު ކަމަށްވާ ދީޕިކާ ލައިގެން ހުރި ރީތި ކަޅުކުލައިގެ ހެދުމަކީ 999 ޑޮލަރަށް ދޭ "ވިކްޓޯރިއާ ބެކަމް" ލޭބަލްގެ ހެދުމެކެވެ. ކަށިމައްޗާ ހަމައަށް ހުންނަ މި ހެދުމަކީ މި ސީޒަންގެ އެންމެ ރީތި އެއް ހެދުމެވެ. މިއީ "ސްޕްރިންގް ސަމަ 2022" ކަލެކްޝަންގައި ވެސް ހިމެނުނު ޑިޒައިނެކެވެ.
ސާރާ އަލީ ޚާން

ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާގެ ހެދުން ފެނިފައި މާ ގިނަ ބަޔަކަށް މި ހެދުން ކަމަކު ނުދިޔަ އެވެ. ރަތް ކުލައިގެ ސިމްހައި ބްރޭންޑުގެ މި ކުރު ހެދުން ބަލައިލަން މާ އަގުބޮޑުހެން ހީނުވިޔަސް އޭގެ އަގު 800 ޑޮލަރަށް އަރަ އެވެ.
އަނަންޔާ ޕާންޑޭ

އަނަންޔާ ޕާންޑޭގެ ލައިގެން ހުރި ކަޅު ކުލައިގެ ދިގު މި ހެދުމަކީ މި ޝޯގައި ފެނުނު އެންމެ އަގުބޮޑު ހެދުމެވެ. އުނަގަނޑުގައި ކޯސެޓެއްގެ ސިފަތަކެއް ދައްކުވައިދޭ ރީތި ޑިޓެއިލެއް ހުއްޓެވެ. އަދި އެއްފަޅިން ދިގުކޮށްފަޅާލާފައި ހުރި މޮނޮ ބްރެންޑުގެ މި ހެދުމުގެ އަގަކީ 3،176 ޑޮލަރެވެ.
ކަރީނާ ކަޕޫރް

ކަޅުކުލައިގެ މެކްސީ ދިގު ސްކާޓަކާއި އެކީ ފުޅާ ދިގު އަތެއް އިން ކަރު ބޮޑު މި ހެދުމަކީ ސޮލޭސް ލަންޑަން ބްރޭންޑުގެ ހެދުމެކެވެ. މި ޝޯގައި ފެނިގެން ދިޔަ ހެދުންތަކުގެ ތެރެއިން އެންމެ ރީތި ކަމަށް ގިނަ މީހުން ބުނެފައި ވަނީ މި ހެދުމެވެ. މި ހެދުމުގެ އަގު ގާތްގަނޑަކަށް 800 ޑޮލަރަށް އަރަ އެވެ.
އާލިއާ ބަޓް

ޗޮކްލެޓް ޝޭޑުގެ މުށި ކުލައިގެ ވިދާ ބަބުޅާ ވެލިފޮތިން ފުރިފައި ހުރި މި ހެދުން ބަލައިލަން ރީތި ވިއަސް ގިނަ މީހުންނަށް މީގެ ކަރުގެ ބައްޓަން ހުރި ގޮތާ މެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވެ އެވެ. ލަންޑަންގެ މަޝްހޫރު އަދި ގިނަ ބަޔަކު ލޯބި ކުރާ 16އާލިންގްޓަން ބްރޭންޑުގެ މި ހެދުމުގެ އަގަކީ 995 ޑޮލަރެވެ.