19 Jul 2024

މިއީ ދެހާހުގެ ތެރޭގައި ހިޓުވި އެއް ސްޓައިލެވެ. ހުރިހާ އުުމުރުފުރައެއްގެ މީހުން ވެސް މި ސްޓައިލަށް އިސްތަށިގަނޑު ރީތިކޮށްލައިގެން އުޅުނުތައް ފޮޓޯތައް، އަލްބަމް ބަލައިލުމުން ފެންނާނެ އެވެ. އަނެއްކާވެސް ކުރީގެ ސްޓައިލެއް އެނބުރި އައިސް، ޓިކްޓޮކުގައި އެންމެންގެ އެއް ނަންބަރު ސްޓައިލަށް ވެއްޖެ އެވެ.

މަޝްހޫރު ސްލެބްރިޓީންނާއި އަހަރެމެންގެ އަމިއްލަ ސޯޝަލް މީޑިއާ އިންފްލުއެންސަރުންތ ވެސް މި ސްޓައިލްގައި ނަލަ ހެދިލައިގެން ތިބޭތަން ވަރަށް ގިނައިން ފެނެ އެވެ.

މިއީ ހަމައެކަނި ރީތި ސްކާފެއް އައްސާލުމެއް ނޫނެވެ. ހެދުމާ ގުޅުވާލާފައި ނުވަތަ އެ ދާ ތަނަކާއި ގުޅުވާލާފައި މިކަން ކުރެވިދާނެ އެވެ. މިގޮތަށް އިސްތަށިގަނޑު ސްޓައިލް ކުރުމުން ބޮލުގެ ބޮޑު ބައެއް ގަދަ އަވިން ސަލާމާތްވާކަމީ އިތުރު ޕްލަސް ޕޮއިންޓެކެވެ.

ކަޗީފް ޓްރެންޑުގެ ތެރެއިން މިގޮތަށް ސްކާފްއެއް އައްސާލާކަށް ވަކި ގަވައިދެއް ނޯވެއެވެ. އިސްތަށިގަނޑު ފަހަތަށް ހުޅި ޖަހަލައިގެން މުޅި އިސްތަށިގަނޑު ފޮރުވެގޮތަށް ބައެއް މީހުން ސްކާފް އައްސާލައެވެ. އަނެއް ގޮތަކީ މުޅި އިސްތަށިގަނޑު ނިއުޅުވާލަައިގެން މޫނުމަށްޗަށް އަންނަ އިސްތަށިތައް ކޮންޓްރޯލްވާ ގޮތަށް ސްކާފް އައްސާލުމެވެ. އަނެއް ބައި މީހުން މުސްކުޅި ހޮލީވުޑް ސްޓައިލަށް ބޯމަތިން ގެނެސް ދަތްދޮޅި ދަށުގައި ސްކާފް އައްސާލާފައި ހުރެއެވެ.

ބުރުގާ އަޅާ މީހުންނަށް އައުޓްފިޓަށް އިތުރު ނަލަކަމެއް ގެނެސްދޭން ބޭނުން ކުރެވިދާނެއެވެ. ބުރުގާގެ މަތިން އައްސާލައިގެން ނުވަތަ ތޮތްޕަކާ ވެސް ބޭނުން ކޮށްލެވޭނެއެވެ. މިއީ ވަރަށް ފަސޭހަ، މަޖާ އަދި އިސްތަށިގަނޑު ރައްކާތެރިކޮށްދޭ ފަހު ގެ ޓްރެންޑެކެވެ.

Popular