8 Nov 2018

ރޮޖާ: އެންމެ ފޭވަރިޓް އެއް ހެއާ ސްޓައިލިސްޓް

މިއީ ވަރަށް ގިނަ މީހުންގެ ފޭވަރިޓެކެވެ. މާލޭގައި ބާއްވާ ބޮޑު ޕާޓީއެއްގައި ނަމަ އޭނާގެ މޭކަޕެއް ނުވަތަ ހެއާ ސްޓައިލެއް ނުފެނިއެއް ނުދާނެ އެވެ.

މިއީ ވަރަށް ގިނަ މީހުންގެ ފޭވަރިޓެކެވެ. މާލޭގައި ބާއްވާ ބޮޑު ޕާޓީއެއްގައި ނަމަ އޭނާގެ މޭކަޕެއް ނުވަތަ ހެއާ ސްޓައިލެއް ނުފެނިއެއް ނުދާނެ އެވެ.

By: Nurah Rasheed

އަންހެނުން ޒީނަތްތެރިކޮށްދިނުމުގައި އޭނާ އަކީ ޖާދޫގަރެކެވެ. މިއީ ހެއާ އެންޑް މޭކަޕް އާޓިސްޓު ރޮޖާ އެވެ. އޭނާގެ އެޕޮއިންޓްމަންޓް ހޯދަން ގުޅާލުމަކީ ވަރަށް ގިނަ މީހުންނަށް ފަރިތަކަމަކަށް ވާނެ އެވެ.

ވެލާނާގޭ ކުރިމަތީގައި ހުންނަ ކޮކޯ ޝީކް ސެލޫނަށް ދިއުމުން އިރުކޮޅެއް ތެރޭގައި ރޮޖާ އަހަންނާ ބައްދަލުކުރިއެވެ. އެންމެ ފުރަތަމަ ސުވާލަކަށް ވެސް އެހީ އަންހެންވެރިންގެ މެދުގައި އޭނާ މަގުބޫލު ވަރު އެނގޭތޯ އެވެ. އަދި މި ދާއިރާއަށް ވަދެ ލަންކާއިން މާލެއާ ހަމައަށް ރޮޖާ އައި ގޮތުގެ ވާހަކަ އެވެ.

ހިނިތުންވެ ހުރެ، އޭނާ ވާހަކަ ދެއްކީ އިނގިރޭސިންނެވެ.

"އުޅޭ ދޯ އެނގޭ މީހުން އެކަމު އަސްލު ނޭނގެ އެހާ މަގުބޫލުކަމެއް. ކޮލަމްބޯގަ އަހަރެންގެ ބޭބެގެ އިންނާނެ ސެލޫނެއް. ސްކޫލުގަ އުޅުނު އިރު ހުސްވަގުތު އަބަދު އުޅެނީ އެތާ. ވަޒީފާ އަދާކުރީކީ ނޫން. ހަމަ ބޭބެއަށް އެހީވާން ގޮސް އެކި ކަންތައްތައް ކޮށްލަނީ. އެހެން އުޅުމުގެ ތެރޭގަ މަޑުމަޑުން އެކަމަށް ހިތްޖެހެން ފެށުނު،" ރޮޖާ ކިޔައިދިނެވެ.

"ސްކޫލް ނިންމި ގޮތަށް މި ދާއިރާއިން އެކި ކަހަލަ ކޯސްތައް ހަދަން ފެށީ. އެގޮތަށް ބުނަން ވެސް ނޭނގޭހާ ގިނަ ކޯސްތަކަށް ދިޔައިން ދަސްކުރަން. މި ކަމުގެ ގޮތުން އެއްފަހަރު ކިޔަވާލީމަ އަދި އެހިސާބުން ނުނިމޭނެ އަސްލު. އަބަދުވެސް ޖެހޭ އަޕް ޓު ޑޭޓް ކޮށް ހުންނަން."

އުމުރުން 18 އަހަރު ނުވަނީސް ހެއާ އެންޑް މޭކަޕް ކޯސްތަކަށް ރޮޖާ ދާން ފެށި އެވެ. ސްކޫލް ނިމުމާ އެކީ ކުރިއަށްދާނެ ރޮނގެއް ހޯދާކަށް މާ ގިނަ ވިސްނުންތަކެއް އަދި ދުވަހެއް ވެސް ނުނެގި އެވެ. ބޭނުންވީ މީހުންގެ އިތުބާރު ލިބޭ ވަރުގެ ޕްރޮފެޝަނަލަކަށް ވާށެވެ.

އެހެންވެ، ރޮޖާގެ އެންމެ ފުރަތަމަ ވެސް ދާން ފެށީ ކޮލަމްބޯގައި ހުންނަ ސުވިސް ލަންކާ ނަމަކަށް ކިޔާ ކޮލެޖަކަށެވެ. އިސްތަށިގަނޑު ސްޓައިލް ކުރާނެ އެކި ގޮތްތައް އެތަނުން ދަސްކުރި އެވެ. އަދި ބްރައިޑަލް މޭކަޕް ދަސްކުރުމަށް ފަހު ލަންކާގެ ދެ ސެލޫނެއްގައި ތަމްރީން ހޯދި އެވެ. މި ފީލްޑުގައި 18 އަހަރު ވެފައި ވާއިރު ހެދުނު ކޯސްތަކާއި ދެވުނު ވޯކްޝޮޕްތަކުގެ އަދަދެއް ވެސް ނޭނގެ އެވެ. އެކަމަކު އަހަރަކު އެއްފަހަރު ނަމަވެސް އާ ކޯހެއް ހެދުމަކީ ރޯޖާ ކުރަމުން އަންނަ ކަމެކެވެ.

އުފަން ގައުމު ދޫކޮށް ރާއްޖެ އަންނަން ނިންމީ ރައްޓެއްސަކު ދިން ލަފަޔަކަށެވެ. އޭނާ ބުނީ މިއީ މަސައްކަތުގެ ދާއިރާގައި އޭނާ ގަބޫލުކުރާ ގޮތުން ނިންމުނު އެންމެ ރަނގަޅު ނިންމުމެވެ.

"މާލޭގައި މަސަތްކަތް ކުރާތާ 15 އަހަރަށް ވުރެ ގިނަ ވެދާނެ. ފުރަތަމަ އައި އިރު ހުރީ ވަރަށް ބިރުން ވަރަށް ދެރަވެސްވި. އާއިލާ މިސްވި. ކިރިޔާ 20 އަހަރު ކަންނޭނގެ ވީ. އެކަމު މިހާރު ވަރަށް ލޯބިވޭ މާލެ ދެކެ. ދޫކޮށްލާފަ ދާކަށް ރެޑީއެއް ނޫން އަދި. އެންމެ ފުރަތަމަ މަސަތްކަތްކުރި ސެލޫންގައި އަހަރެއް ވަރު އުޅުނިން. އޭގެ ފަހުން ޝެރީ ސެލޫންގަ ދެ އަހަރު. އެއަށް ފަހު އެލުއާ ކިޔާ ސެލޫނެއްގަ، ދެން މަސަތްކަތް ކުރީ ގްލެމް ސެލޫންގަ،" ރޮޖާ ކިޔައިދިނެވެ.

ރޮޖާގެ މަސަތްކަތުގެ ކުލަތައް ގަދަވެގެން ދިޔައީ މިހިސާބުންނެވެ. މާލޭގައި ބާއްވާ ޕާޓީއެއް ނަމަ ރޮޖާ ސްޓައިލް ކޮށްދީފައިވާ އިސްތަށިގަނޑެއް ނުވަތަ ކޮށްފައިވާ މޭކަޕެއް ނުފެނުމަކީ ނާދިރު ކަމެކެވެ.

"އަހަރެން އަބަދުވެސް ބަލަނީ އެމީހެއް ގަައިގަ ހުރި ޕާސަނަލިޓީ ނެރެވޭތޯ. އެއާ ގުޅުވޭތޯ. މާ ކަންތައްގަނޑު ބޮޑު ސްޓައިލްތައް ގިނަ މީހުންނަކާ ނުގުޅޭނެ. ނުގުޅޭ މީހުންގެ ގައިން އޭތި ގެންނާކަށް ވެސް ނޫޅެން. ބޭނުންވަނީ އެމީހެއްގެ ރީތި ފީޗާސް ހައިލައިޓުކުރަން. ދުވަހަކުވެސް މައްސަލައެއް ޖެހިފައެއް ނެތް. އެވަރަށް ކްލައިންޓު އަންޑަސްޓޭންޑު ވާތީ އެއީ. އަދި އެންމެ ދުވަހެއް ވެސް ނާދޭ މިކަން ކުރަން ފޫހިވާ. ވަރަށް ކުރާހިތުން ކުރަނީ އަދިވެސް."

ކޮކޯ ޝީކް ސެލޫންގެ ޓީމާ އެކީ ސީނިއާ ހެއާ ސްޓައިލިސްޓެއްގެ ގޮތުގައި މިހާރު މަސަތްކަތް ފަށާފައި ވާއިރު ރޮޖާ އަދި އޭނާގެ ޓީމުގެ މައިގަނޑު މަގްސަދަކީ ކޮންމެ ކަސްޓަމަރަކީ ވެސް އެންމެ ފުރިހަމަ ސާވިސް ލިބިގެން އުފަލުގައި ނުކުމެގެން ދާނެ ކްލަޔަންޓަކަށް ހެދުމެވެ. އެންމެ ރަނގަޅު ހިދުމަތްމަތްތައް ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހެދުމެވެ. އޭނާގެ ކެރިއަރުގައި މިހާރުވެސް ކުރިއަށް ދަނީ އާ ބާބެކެވެ.

މިހާވަރަށް މަސައްކަތް ކުރާއިރު، ރޮޖާގެ ޕާސަނަލް ގޯލް ހާސިލްވެއްޖެ ހެއްޔެވެ؟

"ރަނގަޅު ހިސާބެއްގަ މިހުރީ އެކަމު މި ފީލްޑުގެ ގޮތުން އަސްލު ނެތް ބުނެވޭކަށް މިހާރު މިހުރީ ބޭނުންވާ ހިސާބުގައެއެކޭ. އަދިވެސް މި މަސަތްކަތް ކުރަނީ. ޓްރައި ކުރަނީ. ކޮންމެ ދެތިން މަހަކުން އާ ޓްރެންޑުތަކެއް ސްޓައިލްތަކެއް އާދޭ. އަބަދުވެސް ޓްރެއިން ކޮށްލަ ކޮށްލަ ހުންނަން ޖެހޭނީ. މީ ނިމޭނެ ކަމެއް ނޫން،" ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ.

މޭކަޕްކުރުން

Popular