21 Aug 2019

By: Aishath Maaha

ނަވާރަސަތޭކައިގެ ފަހުކޮޅުން ފެށިގެން ދެހާހުގެ ކުރީކޮޅުގައި ވެސް ލައި އުޅުނީ މި ޖިންސުތަކެވެ. ފައިކުރި ފުޅާ ޖިންސުތަކެވެ. ބެލްކަޓާއި ބޫޓްކަޓް އަދި ބެލްބޮޓަމް ޖިންސުތަކެވެ. ހާއްސަކޮށް އަންހެނުންގެ މެދުގައި މި ޖިންސުތައް ވަރަށް މަގުބޫލެވެ.

ދެހާސް އަށެއް ހިސާބުގައި ސްކިނީ ޖީންސް ތައާރަފް ވެގެން ދިޔަ ގޮތަށް މިދިޔަ އަށް ވަރަކަށް އަހަރު އެހެން ވައްތަރެއްގެ ޖިންސެއް މަގުބޫލުކަން ހޯދިޔަކަ ނުދިނެވެ. ފައިކުރި ފުޅާ ޖިންސުތައް ހަޑިވެ ފަޔަށް ހިފާފަ ހުރި ޖިންސުތައް އަންހެން ކުދިންނަށް މާބޮޑަށް ކަމުދިޔަ އެވެ. ނުވަދިހައިގެ އެ ޓްރެންޑް އެ ދުވަސްވަރު ބާވީ އެވެ.

ހައިވެސްޓް ޖީންސުތަކާއި ރިޕްޑް ޖީންސުތައް އަދި ޓީނޭޖް ކުދިންގެ މެދުގައި މަގުބޫލުވި ސައިޑް ސްޓްރައިޕްޑް ޖިންސު އަދި ފްރެއިޑް ޖިންސު ވެސް މަގުބޫލުވީ ސްކްނީ ޖީންސްގެ ގޮތުގަ އެވެ.

ދުވަސްކޮޅެއް ފަހުން ފިރިހެނުންގެ މެދުގައި މި ސްކްނީ ޖީންސް މަގުބޫލުވި އެވެ. ނަމަވެސް މާގިނަ އަހަރުތަކަކަށް އެކަން ދެމިގެނެއް ނުދިޔަ އެވެ. ފައިކުރި މާބޮޑަށް ހިމަ މި ޖިންސުތައް މަތިން އެމީހުން ފޫހިވެއްޖެ އެވެ.

ސްކިނީ ޖީންސްގެ މަގުބޫލުކަން އަންނަނީ ކުޑަވަމުން. -- ފޮޓޯ: ނިކްލަތު

މިދިޔަ ދެ އަހަރެއްގެ ތެރޭގައި އަންހެން ކުދިން ވެސް ތިބީ މި ޖިންސުތައް މަތިން ފޫހިވެފަ އެވެ. ބާވި ނުވަދިހައިގެ ޓްރެންޑް އަނެއްކާ ކަމުދާން ފަށައިފި އެވެ. މަޑުމަޑުން ކުޑަކޮށް ފައިކުރި ފުޅާ ޖިންސުތަކަށް ބަދަލުކުރަމުން ގޮސް ނުވަދިހައިގެ އެ ޓްރެންޑް އަނެއްކާ ވެސް މިވަނީ ގަދަކޮށްލާފަ އެވެ.

މޯމް ޖިންސާއި، ބޯއީފްރެންޑް ޖީންސް އަދި ބެލްކަޓް ޖިންސުގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ. ސްކިނީ ރިޕްޑް ޖިންސުތަކުގެ ބަދަލުގައި މިހާރު ހޯދަނީ މޯމް އަދި ބޯއީފްރެންޑް ރިޕްޑް ޖިންސުތަކެވެ.

އޭގެއިތުރުން ސްކިނީ ފްލެޔާ އާއި ފްލެޔާ ހެމް ޖިންސްތައް ވެސް އަންނަނީ ވައިގަ ހިފަމުންނެވެ. ބަދަލު ނުވި ޑެނިމް ޓްރެންޑާއެކު މި ޓްރެންޑް ވެސް ދުވަސްގަނޑެއް ވާންދެން މަގުބޫލުކަން ހިފަހައްޓާލާފާނެ އެވެ. އެހެންވީމަ މިވަރުން ދާ ނަމަ ކުރިން ބައުކުރި ލޯބިވެރިން ވެސް އެނބުރި ހަޔާތަށް އަންނާނެތާއެވެ!

Popular