By: Aishath Maaha
އެންމެ ފަހުން އެންމެ ގިނަ ފިލްމީ ތަރިން އެއްތަންކޮށްލި އިވެންޓަކީ ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަކުރަން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާ އެވެ. މިފަދަ ކޮންމެ އިވެންޓަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ރީތި ހެދުންތަކެއް ދައްކާލާ ހަފްލާ އެކެވެ.
މި އެއްވުމުގައި، ފިލްމީ ދާއިރާގައި ކުރި މަސައްކަތްކުރި ފިލްމީ ތަރިންނާއި މިހާރު މަސައްކަތް ކުރަމުން އަންނަ ހުރިހާ ތަރިން ކަހަލަ ގޮތަކަށް ބައިވެރިވިއިރު މި ގެނެސްދެނީ އެ ހަފުލާ އަށް ދިޔަ ތަރިންގެ ތެރެއިން އެންމެ ރީތި ކަމަށް އަހަރެމެންނަށް ފާހަގަކުރެވުނު ހަތް އައުޓްފިޓެވެ.
ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓުގައި ކުރީގެ ތަރި އައިޝަތު ޝިރާނީ (ކ) އަދި ނިއުމާ.-- ފޮޓޯ: އެފްޑީއައި
ނިއުމާގެ މި ހާއްސަ ހަފްލާގައ އެންމެ ރީތި ހެދުމެއް ލައިގެން ހުރީ ވެސް ނިއުމާ އެވެ. ކަޅުކުލައިގެ އެ ހެދުން ސިމްޕަލްވެފައި އެލަގަންޓް ކަމަށް ދައްކަ އެވެ. ކަކުލަށްވުރެ ތިރިން ކުރިމަތިން ހެދުން ފަޅާލާފައިވާއިރު މުޅި ހެދުމުގައި އަދި ހެދުމުގެ އަތުގައި ބޭނުންކޮށްފައި ހުރީ ލޭސް ފޮއްޗެވެ. ސިމްޕަލް މޭކަޕަކާއެކު ކަންފަތުގައިލާ އެއްޗެއް ބޭނުންކުރުމުން އިތުރަށް ހެދުން ފުރިހަމަ އެވެ.
ބަތަލާ މަރިޔަމް އައްޒަ އަކީ ބައިވެރިވާ ހުރިހާ އިވެންޓެއްގައި ވެސް ރީތި ހެދުންތަކެއް ދައްކާލާ ތަރި އެކެވެ. އެހެން އިވެންޓުތަކާއި ހިލާފަށް މި އިވެންޓުގައި އައްޒަ ދައްކާލާފައިވަނީ ސިމްޕަލް އައުޓްފިޓެކެވެ. ކަޅުކުލައިގެ، ފައިކުރި ފުޅާ ހަރުވާޅަކައި ކަޅުކުލައިގެ އަތްދިގު ޓޮޕެކެވެ. ހެދުމުގެ އެއް އަތް ފަހާފައި ހުރީ ޕީިޗް ކުލައިގެ ފޮތިންނެވެ. އަނެއް އަތުގެ މައްޗަށް ވެސް އެ ފޮތީގެ ބައެއް ވަނީ ވައްޓާލައިފަ އެވެ. ޓޮޕާއި ހަރުވާޅު ބެގީކޮށް ކަލުކުލައިގެ ބެލްޓެއް ބޭނުންކޮށްފަވެ އެވެ. އައްޒަގެ މި ހެދުމަކީ ރަޒީގެ ޑިޒައިނެކެވެ.
ނިއުމާގެ މި ހަފްލާއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ތަރި އަކީ ކުރީގެ މަޝްހޫރު ތަރި އައިޝަތު ޝިރާނީ އެވެ. މި ހަފްލާގައ ޝިރާނީ ފެނުނީ ވަރަށް ސިމްޕަލް ލުކެއްގަ އެވެ. ކަލުކުލައިގެ ދިގު ހެދުމަކާއެކު އޮރެންޖް ކުލައިގެ ބުރުގާއެކެވެ. ހެދުމުގެ މޭމަތީގައި ބޭނުންކޮށްފައިވާ މާތަކުން ހެދުން ރީތިކޮށްދެ އެވެ.
ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފާހަގަކުރަން ބޭއްވި ހަފްލާގައި ރިޝްމީ އާއި ރަވީ. -- ފޮޓޯ: ރިޝްމީ އިންސްޓަގްރާމް
އެ ހަފްލާއިން އެންމެ ފާހަގަކޮށްލެވުނު ހެދުންތަކުގެ ތެރޭގައި ރިޝްމީގެ ހެދުން ހިމެނެ އެވެ. ހެދުމުގެ މަތީގައި ކަޅުކުލައިން ހުރިއިރު ތިރީބައި ފަހާފައި އޮތީ ރަތާއި، ނުލާ،ފެހި، އަދި ރީނދޫ ކުލަ އާއި އެހެން ބައިވަރު ކުލަ ހިމެނޭ ޑިޒައިން ފޮއްޗަކުން ފަހާފަ އެވެ. ހެދުމުގެ އަތް އުޅަނބޮއްޓަށްވުރެ ތަންކޮޅެއް މައްޗަށް ހުރިއިރު އަތުގައި އަދި ހެދުމުގެ ޓޮޕްގެ ތިރީގައި ބީޑްސް ބޭނުންކޮށްފައިވެ އެވެ. ހެދުމުގެ ތިރީބައި ހުރީ އެއް ފަރާތަކުން ފަޅާލައިފަ އެވެ. މިއީ އިސްމާއިލް ޖުމާހްގެ ޑިޒައިނެކެވެ.
ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފްލާގަިއ ޝިޔާ. -- ފޮޓޯ: ސޭންޑީ އިންސްޓަގްރާމް
ޝިޔާ އަކީ ފިލްމީ ދާއިރާގައި މާ މަޝްހޫރު ނަމެއް ނޫނެވެ. ބައިސްކޯފުގެ "ތިން ބިބީ" ގައި އުޅޭ ޝިޔާ ހުރީ ސޭންޑީގެ ޑިޒައިނެއްގަ އެވެ. ހުދުކުލައިގެ އެ ހެދުން ހުރީ ކަކުލުން ކުޑަ ތަންކޮޅެއް ތިރިއަށެވެ. ހެދުމުގެ އަތް ދިގުކޮށް ހުރިއިރު އަތުގެ އެއް ފަރާތަކުން އޮތީ އެއްކޮށް ފަޅާލައި ދޫކޮށްލައިފަ އެވެ. ނިއުމާގެ އިވެންޓުން ފެނުނު އެންމެ ރީތި ހެދުންތަކުގެ ތެރޭގައި ޝިޔާގެ ހެދުން ހިމެނެ އެވެ.
ނިއުމާގެ އެ އިވެންޓުގައި ޝީލާ ފެނުނީ ވެސް ސިމްޕަލް ރީތި ހެދުމެއްގަ އެވެ. ބޭބީ ޕިންކް ކުލައިގެ އެ އިވްނިން ޑްރެސްގެ އަތް ހުރީ އުޅަނބޮއްޓަށްވުރެ މައްޗަށެވެ. އަދި ކޮނޑުމަތިން އަތަށް ރުލެއް އަރުވާފައި ހުރުމުން ރީތިގޮތެއް ހުއްޓެވެ. ކަންފަތުގައިލާ އެއްޗެއް ފިޔަވާ އިތުރު ގަހަނާއެއް ބޭނުންކޮށްފައެއް ނެތެވެ.
އަބްދުﷲ މުއާޒް (މުއާ)ގެ އައުޓްފިޓް ވެސް ސިމްޕަލްވެފަ ރީއްޗެވެ. ނޭވީ ބްލޫ ކުލައިގެ އަތް ދިގު ގަމީހަކާއެކު މަޑު މުށްކުލައިގެ ފަޓްލޫނެއްގައި ބެގީކޮށްފަ އެވެ. އެކުލައިގެ ބެލްޓަކާއެކު އަރާފައިހުރީ ވެސް މުށިކުލައިގެ ބޫޓަކަށެވެ. މުއާގެ މި އައުޓްފިޓް އެފަދަ ހަފްލާއަކާއި ވަރަށް ގުޅެ އެވެ.