9 Feb 2020

By: Aishath Maaha

އާ ހެދުމެއް ލައިގެން ބޭރަށް ނުކުތް ދުވަހު ރައްޓެއްސަކާ ދިމާވެގެން އެ ހެދުމަށް ތައުރީފްކުރި އެވެ. ކޮން ބްރޭންޑެއްހޭ އެހުމުން، މިއީ ބްރޭންޑެޑް ހެދުމެއް ނޫނޭ މިއީ މިވެނި ފިހާރައަކުން ވަރަށް އަގުހެޔޮކޮށް ގަތް ހެދުމެކޭ ބުނި ހިސާބުން އެ ހެދުން ހަޑިވެއްޖެ އެވެ. ކިތަންމެ ރީއްޗަސް ތިޔައީ ބްރޭންޑެޑް ހެދުމެއް ނޫން ދޯ އޭ ކިޔާފައި ކޮށްލީ މަލާމާތެކެވެ.

މިއީ ބައެއް ފަހަރަށް ދިމާވާ ކަމެކެވެ. ލާ ހެދުމަށް ބަލައިފައި މީހާ ޖަޖުކުރުމެވެ. މަޝްހޫރު ބްރޭންޑްތަކުގެ ހެދުން ނުލާ ނަމަ އެ މީހާ ދަށްކޮށްލެވެނީ އެވެ. ވަކި ފިހާރަތަކަކުން ހެދުން ނުގަންނަ ނަމަ އެކީގައި އުޅެވޭ ފެންވަރަށް ނާރަނީ އެވެ.

މިއަށް ބައެއް މީހުން ދޭ ރައްދަކީ ބޮޑު އަގުގައި ބްރޭންޑެޑް ހެދުން ގަތުމަކީ ބޭކާރު ހަރަދެއް ކަމަށެވެ. އޭގެ ބަދަލުގައި ހެޔޮ އަގުގައި ވެސް ކޮލިޓީ ހެދުން ގަނެވިދާނެ ކަމަށެވެ. އަގޮ ބޮޑުކޮށް ހެދުން ގަތުމުގެ ބަދަލުގައި އެ ފައިސާއަށް ގިނަ ހެދުން ގަތުން ބުއްދިވެރި ކަމަށެވެ.

ބްރޭންޑެޑް ހެދުން އަގު ބޮޑަށް ގިނަ ދުވަހު ގެންގުޅެވޭ ކަމަށް ބުނެ އެ ދިފާއުުކުރާ މީހުން ބުނަނީ ކޮލިޓީ ޔަގީންކުރަން ވެސް އެންމެ ރަނގަޅު ގޮތަކީ ބްރޭންޑެޑް ހެދުން ގަތުން ކަމަށެވެ. އެއީ ބްރޭންޑެޑް އެއްޗެހީގެ ކޮލިޓީއަކީ އިތުބާރު ކުރެވޭ ކޮލިޓީއެއް ކަމަށް މުޅި ދުނިޔެ ވެސް ގަބޫލުކުރާތީ އެވެ. ނަމަވެސް ބްރޭންޑެޑް ނޫނަސް ރަނގަޅު ކޮލިޓީގެ އަންނައުނު ލިބޭނެ އެވެ.

ރަނގަޅު ކޮލިޓީ ދެނެގަންނާނެ ގޮތް

- ރަނގަޅު ކޮލިޓީއެއްގެ އަންނައުނުގައި ބޭނުންކޮށްފައި ހުންނާނީ ދަގަނޑު ޒިބެވެ. ޕްލާސްޓިކް ޒިބަކީ ދަށް ކޮލިޓީގެ ނިޝާނެކެވެ. އޭގެ ޒިބު އަވަހަށް ހަލާކުވާނެ އެވެ.

- އިތުރު ގޮށް ހުންނާނެ. ރަނގަޅު ކޮލިޓީއެއްގެ ހެދުމެއް / ގަމީހެއް ގައި އިތުރަށް ގޮށް ހަރުކޮށްފައި ހުންނާނެ އެވެ. އެއީ ގިނަ ދުވަހު ބޭނުންކުރުމަށެވެ. ހަލާކުވާ ގޮށެއް ނުވަތަ ނެއްޓޭ ގޮށެއްގެ ބަދަލުގައި ހަރުކޮށްލާނެ ގޮށެކެވެ.

- ރަނގަޅު ކޮލިޓީއެއްގެ އަންނައުނު ހޯދާ ނަމަ ނެޗުރަލް ފައިބާ ހޯދުން މުހިންމެވެ. އެއީ ދޮވުނަސް ބާ ނުވެ އާކޮށް ހުންނާނެތީ އެވެ. އެގޮތުން ކޮޓަން، ވޫލް، ސިލްކު ފަދަ މެޓީރިއަލްތައް ބޭނުންކުރެވިދާނެ އެވެ.

- ހެދުމެއް ގަތުމުގެ ކުރިން، އެ ހެދުން ފަހާފައިވަނީ ކޮލިޓީ ރޮއްޖަކުންތޯ ޔަގީންކުރަންވާނެ އެވެ. އަދި ފެހުމުގެ ކޮލިޓީއަށް ބަލަންވާނެ އެވެ. ވަރުގަދަކޮށް ފަހާފައި ހުރެއްޖެ ނަމަ އެއީ ކޮލިޓީ ކަމަށް ނިންމިދާނެ އެވެ.

- ޕެޓާން ހުންނަ އެއްޗެއް ގަންނަ ނަމަ ދެ ފޮތިކޮޅު ގުޅުވާފައި ހުރީ ދިމާވާގޮތަށްތޯ ބަލަންވާނެ އެވެ. ދަށް ކޮލިޓީގެ އެއްޗެހީގައި ޕެޓާން ދިމާނުވުމަކީ އާންމު ކަމެކެވެ.

- ރަނގަޅު ކޮލިޓީ ދެނެގަންނާނެ އަނެއް ގޮތަކީ ގޮށާއި ގޮށްވަޅަށް ބެލުމެވެ. ރަނގަޅު ކޮލިޓީގައި ގޮށް ހުންނާނީ ރަނގަޅަށް ހަރުކޮށްފަ އެވެ. އަދި ގޮށްވަޅު ވެސް ރީތިކޮށް ވަރުގަދަކޮށް ކައިރިހަދާފަ އެވެ.

ފެޝަން

Popular