29 Sep 2020

By: Ifraz Ali

މިއީ ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފުކުރި، "މޯލްޑިވްސް ބޯޑަ މައިލްސް" ޕްރޮގްރާމުން ހާއްސަ ޝައުގުވެރިކަމެއް އަތުލި ފޮޓޯޝޫޓްގެ ވާހަކަ އެވެ؛ އިހުގައި ދިވެހިން ހެދުން އަޅައި އުޅުނު ގޮތާ ގުޅޭނެހެން، ތިން ދަރަޖައަކަށް ބަހާލައިގެން، ޓޫރިސްޓުންނަށް ޕޮއިންޓުދޭ އަދި ލިބޭ ޕޮއިންޓުގެ އަދަދަށް ބަލައި، އިނާމާއި ޑިސްކައުންޓް ވެސް ދޭ މި ޕްރޮގްރާމްގެ ތިން ދަރަޖަ އަކީ، އައިދަ، އަންތަރަ އަދި އަބާރަނަ އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދުގެ ހުސައިންގެ ކޮންސެޕްޓަކަށް ކުރިއަށް ގެންދިޔަ މި ފޮޓޯޝޫޓަކީ އިމިގްރޭޝަންގެ މީޑިއާ ޓީމާއި، މޭކަޕް އާޓިސްޓް އަދި ސްޓައިލިސްޓް ރިޒްނާ އަހްމަދު އަދި ފޮޓޯގްރާފާ ނަވީން ސައީދުގެ މަސައްކަތެކެވެ. ފޮޓޯޝޫޓް ޑައިރެކްޓުކުރީ އިމިގްރޭޝަންގެ މުވައްޒަފެއް ކަމަށްވާ އަބްދުﷲ ވިޝާމެވެ.

އައިދަ

މާނަ އަކީ އަލިގަދަ ތަރި އެވެ. މިއީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ދެވޭނެ، ފުރަތަމަ ލެވަލް އެވެ. މި ލުކްގައި މި ދައްކައިދެނީ އިހުގައި އެންމެ އާދައިގެ މީހުން ހެދުން އެޅި ގޮތެވެ. މި ލުކްގައި ފިރިހެން މޮޑެލް އަކީ އަޙުމަދު ފައްރާޙް އެވެ. އަންހެން މޮޑެލްއަކީ ދީނާ އަބޫބަކުރެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ފޮޓޯޝޫޓް: އައިދަ | ފޮޓޯ: ނަވީން ސައީދު | މޭކަޕް އެންޑް ސްޓައިލް: ރިޒްނާ އަހްމަދު | ތްރީޑީ އެނިމޭޝަންސް: އަލީ މާހިރް

އަންތަރަ

މި ބަހުގެ މާނަ އަކީ ރިވެތި، މޮޅެވެ. މިއީ ދެ ވަނަ ލެވެލް އެވެ. މި ލުކްގައި މި ދައްކައިދެނީ ތަންކޮޅެއް ހައިބަތު ބޮޑު ބޭފުޅުންނެވެ. ވަޒީރުންނާއި މުއްސަނދިން ބޭފުޅުން ހެދުން ތުރުކުރައްވާ އުޅުއްވި ގޮތެވެ. މި ލުކްގައި ފިރިހެން މޮޑެލް އަކީ އަޙުމަދު އަޝްފަން އެވެ. އަންހެން މޮޑެލް އަކީ މަރިޔަމް އަބްދުﷲ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ފޮޓޯޝޫޓް: އަންތަރަ | ފޮޓޯ: ނަވީން ސައީދު | މޭކަޕް އެންޑް ސްޓައިލް: ރިޒްނާ އަހްމަދު | ތްރީޑީ އެނިމޭޝަންސް: އަލީ މާހިރް

އަބާރަނަ

މިއީ އެންމެ މަތީ ލެވެލް އެވެ. މިއީ ރަސްރަސްކަލުންގެ ކޮލީ ނަންފުޅުގައި ހިމެނޭ ނަމެކެވެ. މި ލުކްގައި މި ދައްކަނީ ރަސްރަސްކަލުންނާއި އެބޭފުޅުންގެ އަނބިއަނބިކަނބަލުން ހެދުން ތުރުކުރައްވާ އުޅުއްވި ގޮތެވެ. މި ލުކްގެ ފިރިހެން މޮޑެލްގެ ގޮތުގައި ފެންނަނީ އަހްމަދު އާމިރެވެ. އަދި އަންހެން މޮޑެލްއަކީ ޝަފިއްޔާ ސްޓެއިންހިލްބާ އެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ފޮޓޯޝޫޓް: އަބާރަނަ | ފޮޓޯ: ނަވީން ސައީދު | މޭކަޕް އެންޑް ސްޓައިލް: ރިޒްނާ އަހްމަދު | ތްރީޑީ އެނިމޭޝަންސް: އަލީ މާހިރް

"މޮޑެލުންގެ މޭކަޕާއި ސްޓައިލް ކުރުމުގައި ރިޒް ބޮޑަށް ވިސްނީ ވީހާ ވެސް ބޮޑަށް އޮތެންޓިކް ކުރަން. މިސާލަކަށް ހެއާ ސްޓައިލް، އަހަރެމެންނަށް މިސްކޮންސެޕްޝަނެއް އައިސްފައި އޮންނަނީ ވަކި ގޮތަކަށޭ، ސަޑުނަގާފައި މިހެން މި ހުންނަނީ. އެކަމަކު ރިޒްމެން ހެދި ރިސާޗުން ދައްކަނީ އޭރުގައި ވެސް މީހުންގެ ޕާސަނަލް ޕްރިފަރެންސް، އަމިއްލަ ގޮތްތަކަކަށް ވެސް ސްޓައިލް ކުރިކަން،" މި ލުކްތައް ގެނެސްދިނުމަށް ރިސާޗުތައް ހެދިއިރު އެނގުނު ބައެއް ކަންކަން މޭކަޕް އާޓިސްޓް، ރިޒްނާ ކިޔައިދިނެވެ.

"މިސާލަކަށް ދެ ވަނަ އަށް އިންނަ ލުކްގައި. އޭގައި މަރީގެ އިންނަނީ ވަރަށް ހިމަ ފައްޓަރެއް ސައިޑަކަށް އަޅުވައިފައި. އެއީ އާންމުކޮށް ފެންނަ ކްލެސިކް ފައްޓަރުބައެއް ނޫން. އޭތީގައި ވެސް އަހަރެމެންނަށް، މިކަމުގެ ރިސާޗް ހެދިއިރު ފެނުނު ގޮތެއް އެ ވެސް. ތަންކޮޅެއް ނޯބްލް މީހުން އޭރު ސްޓައިލް ބަދަލުކުރަން އަޅާ އުޅުނު ގޮތެއް އެއީ،" އާންމުކޮށް ފެންނަ އޭރުގެ ބައެއް ލުކްތަކާ، ކުޑަކޮށް ތަފާތުކޮށްލާފައި ވާނެ ކަމަށް ވެސް ބުންޏެވެ.

"އެގޮތަށް ކުދިކުދި ތަފާތުތައް ލާފައި، ތިން ދަރަޖައިގެ، ތިން ލުކް ތައްޔާރުކުރީ."

View this post on Instagram

A post shared by Maldives Immigration (@immigrationmv) on

ރިޒް ބުނީ އަންހެން މޮޑެލުން ނެގިއިރުގައި ބެލީ، މޮޑެލިންގައި އުޅޭ އަދި މި ލުކްތައް ވަރަށް ފަސޭހައިން ޕުލް-އޮފް ކޮށްލެވިދާނެ މޮޑެލުންނަށް ކަމަށެވެ. ފިރިހެން މޮޑެލުން ހިޔާރުކުރީ ރިޒް އާއި އިމިގްރޭޝަން ޓީމް ގުޅިގެންނެވެ. ފިރިހެން މޮޑެލުންގެ ގޮތުގައި އެ ފެންނަނީ އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އެމީހުން ހިޔާރުކުރުމުގައި ބެލީ، ޓްރެޑިޝަނަލް ފިރިހެން ލުކެއް ޕުލް-އޮފް ކުރެވިދާނެ މީހުންނަށް ކަމަށް ރިޒް ބުންޏެވެ.

"ސްޓޫޑިއޯގައި ފޮޓޯތައް ނަގާފައި، އަހަރެން ރީޓަޗްކޮށްފައި ބޭނުންވާ ވަރަށް ފައިންކޮށްފައި، ފޮނުވީ އިމިގްރޭޝަންގައި ތްރީޑީ އެނިމޭޝަން ހަދާ ކުއްޖަކަށް އޭގެ ބެކްގްރައުންޑްތައް ހަދަން،" އެ ލުކްއަކާ ގުޅޭ ގޮތަށް ކޮންމެ ފޮޓޯއެއް ބެކްގްރައުންޑްގެ މަސައްކަތް ކުރީ އިމިގްރޭޝަންގެ ތްރީޑީ އެނިމޭޓާ، އަލީ މާހިރް ކަމަށް ފޮޓޯގްރާފާ ނަވީން ބުންޏެވެ.

"މީތި ޝޫޓްކުރަމުން ދިޔައިރު ވެސް ހިއެއް ނުކުރަން މިހާ އެންޑް ރިޒާލްޓް މިހާރު ފުރިހަމަ ވާނެ ކަމަކަށް. އަދި އެކީގައި މިހާތަނަށް މަސައްކަތް ކުރެވުނީ އެންމެ ސަޅި ޓީމަކީ މިއީ،" ރިޒް އާއި ނަވީން ބުންޏެވެ.

"މޮޑެލުންނާއި ރިޒް އާއި ނަވީން އާއި އިމިގްރޭޝަންގެ މީޑިއާ ޓީމް، ވަރަށް ވަގުތު ދީގެން ކުރި ވަރަށް ބޮޑު ގްރޫޕް މަސައްކަތެއް މިއީ. މީގެ އެންޑް ޕްރޮޑަކްޓްއާ މެދު އަޅުގަނޑުމެން އެންމެން ވެސް ވަރަށް ހިތްހަމަޖެހޭ،" އިމިގްރޭޝަންގެ ފަރާތުން ވިޝާމް ވިދާޅުވި އެވެ.

ދިވެހިރާއްޖެ ޓޫރިޒަމް މޯލްޑިވްސް އިމިގްރޭޝަން ސަގާފަތް

Popular