18 Feb 2021

އެންމެ ފަހުގެ ރީތި ޓްރެންޑްތަކުގެ ވާހަކަ ދައްކަން ބަލާއިރު އެ ލިސްޓަށް މި އަންނަނީ އަލުން އެނބުރި އައިސްފައި ހުރި ބައެއް ސްޓައިލްތަކެވެ. އުންމީދަކީ ދެން އެންމެ އަވަހަށް ރީތި ހެދުމެއް ފަހަން ބޭނުންވާ އިރު މި އާޓިކަލް އަކީ އެހީއަކަށް ވުމެވެ.

ބްރިޖަޓަން ސީރީޒުން ފެނުނު ކަހަލަ ޕްރިންޓު

އާރޑަމް

ނެޓްފްލިކްސްގައި މިހާރު އެންމެ ގަދަޔަށް ހިނގަމުން އަންނަ ސީރީޒްގައި ދައްކާ ބައެއް ސްޓައިލްތައް މި ވަނީ މީހުންގެ ހިތްތަކުން ވެސް ޖާގަ ހޯދައިފަ އެވެ. ރީޖަންސީ ޒަމާނުގައި ހެދުންއެޅި ގޮތަށް ސްޓައިލްތައް ދައްކުވައިދޭ މި ސީރީޒްގައި ބޭނުންކޮށްފައިވާ ކަަހަލަ ކުދި މާ ޖެހި ޕްރިންޓުތަށް ކުރިއަށްވުރެ މަގުބޫލު ވެއްޖެއެވެ.

ބަބުލްގަމް ޕިންކް

ރޮކްސަންޑާ

އަދި މި އަހަރުން މި ހިނގީ އެންމެ ދެ މަހެވެ. އެކަމަކު މި ކުލަ އަކީ މުޅި މި އަހަރު މީހުންގެ އަލަމާރިތައް ފުރާލާނެ ކުލައެއް ކަމަށް ޓްރެންޑު ފޯކާސްޓު ކުރާ މީހުން އެބަ ބުނެ އެވެ. އަދި މިއީ ހަމަ އެކަނި އަންހެނުންނަށް ހާއްސަ ކުލައެއްވެސް ނޫނެވެ. އެކަމަކު ޕިންކު ކުލަ ވީމާ ކަމުނުދާ މީހެއް ނަމަ އަވަހަށް ދެން އިން ޕޮއިންޓް ކިޔަން ފަށާށެވެ.

އައިލެޓް ޑިޒައިންތައް

ސެސިލީ ބަންސެން

އައިލެޓް ސްޓައިލަކީ ވަކި ވައްތަރެއްގެ ލޭސް ފޮއްޗެކެވެ. މި ފޮތީގައިި ޖިއޮމެޓްރިކް އަދި މާޖެހި ޑިޒައިންތައް ދައްކުވައިދޭގޮތަށް ބޮޅުތަކެއް ކަނޑައި ގޮށްވަޅުގެ ކައިރި ޖަހާގޮތަށް ރޮދި ޖަހާފައި ހުރެއެވެ. މި ފޮތީގެ ސްޓައިލްތަކަކީ ވަރަށް ރޮމެންޓިކް އަދި އަންހެންވަންތަ ސްޓައިލްތަކެކެވެ. މީގެ ޑިޒައިިންތަށް ބައެއް ފަހަރު ފެންނަމުން އައިސްފައި ވިއަސް މި އަހަރަކީ މި ސްޓައިލްގެ ވަރުގަދަ އަހަރެއްކަން ޑިޒައިނަރުން ފަހުގެ ޝޯތަކުގައި ވަނީ ހާމަކޮށްދީފައެވެ.

ފުއްޕި އަތްކުރި

އެލީ ސާބް

މިދިޔަ އަހަރުން ފެށިގެން މި އަހަރާ ހަމައަށް އައި އެންމެ ސަޅި އެއް ސްޓައިލަކަށް ވެގެން މި އައީ ފުއްޕި އަތްކުރިއެވެ. އަށްޑިހައިގެ އަހަރުތަކުގައި އެންމެ ހިޓު އެއް ޓްރެންޑު އަހަރުމެންނަށް ވެސް ވަރަށް ކަމުގޮސްފި އެވެ. އަތްދިގު ކޮށާއި، އުޅަބޮއްޓާއި ހަމައަށް އަދި ނުވަތަ އަތް ކުރުކޮށް ވެސް މި ސްޓައިލަށް ހެދުން އަޅައެވެ.

ފައިކުރި ފުޅާ ފަޓުލޫނު

ކްލޯއޭ

ސްކިނީ ޖިންސުތަކާއި އެއްކަލަ ފައިކުރި ފުޅާ ޖިންސު އހަށް ބާއްވާލާށެވެ. މި އަހަރުގެ އެއްޗަކީ ފައިކުރި ފުޅާ ފަޓުލޫނެވެ. އެއްގޮތަކުން މި ސްޓައިލަކީ ލައިގެން އުޅެން ނިކަން ފަސޭހަ ސްޓައިލެކެވެ. އެކަމަކު އިސްކޮޅުން ކުރު މީހުން މީގެ ފަޓުލޫނުލާ ނަމަ މާ ކުރުކަމަށް ދައްކަންޏާ ވިސްނާލަން ޖެހޭ ގޮތަކެއް ހުންނާނެވެ. މިސާލަކަށް، ތަންކޮޅެއް އުސް ފައިވާނަކަށް އެރުމާއި އެއާ އެކު ލާ ޓޮޕަކީ ގަޔަށް މާ ދޫ ޓޮޕަކަށް ނުވުން ހިމެނެއެވެ.

ވިދުވަރެއް

ވިދާ އެކި ކަހަލަ ފޮތިން ފަހާފައި ހުންނަ ހެދުމާއި ޓޮޕު ވެސް މި އަހަރުގެ ލިސްޓަށް ވަނީ އައިސްފައެވެ. އޮފީހަށާއި ކޮފީއަށް ދާން ނުލިއަސް ހާއްސަ ހަފްލާއެއް ވިދުވާލަން ރަނގަޅުވާނެއެވެ.

ކުލަކުލައިގެ ރޮނގު

ޑިއޯ

ރޮނގުދެމި ޓީޝާޓު ކަހަލަ އެއްޗެހި އަހަރެމެން ދިވެހިންގެ ސްޓައިލަކުން ދުވަހަކު ވެސް ނުފިލަ އެވެ. އެކަމަކު މިފަހަރުގެ ތަފާތަކީ ގިނަ ކުލަތަކުން ދަމާލާފައި ހުންނަ ރޮނގުތަކެވެ. މީ ވަރަށް ޕޮޒިޓިވް އަދި އުފާވެރި އިހުސާސެއް ގެނެސްދޭނެ ކުޑަ ބަދަލެކެވެ.

ލިސްޓު މި ހިސާބުން ކުރުކޮށްލީ އެވެ. އެކަމަކު މި ލިސްޓުގައި މި ހުރި ސްޓައިލްތައް ކުރިއަށް ހުރި އާޓިކަލްތަކުގައި އިތުރަށް ތަފްސީލުކޮށްދޭނަމެވެ.

ފެޝަން

Popular