10 Feb 2019

މަށަކީ ޑިވެލޮޕަރެއް، މިއީ އަހަރެން ނަތީޖާ ނެރޭ ގޮތް

ދިވެހި އޮންލައިން ނޫސްތަކުގައި އުޅޭ މީހުން ބުނާނީ މިއީ އެމީހުންގެ އަމިއްލަ މީހެއް ކަމަށެވެ. އެކަމަކު މިއީ މީޑިއާގެ މޫނުމަތިން ކިޔުންތެރިންނަށް ފެންނަ ނަމެއް އަދި މޫނެއް ނޫނެވެ.

ދިވެހި އޮންލައިން ނޫސްތަކުގައި އުޅޭ މީހުން ބުނާނީ މިއީ އެމީހުންގެ އަމިއްލަ މީހެއް ކަމަށެވެ. އެކަމަކު މިއީ މީޑިއާގެ މޫނުމަތިން ކިޔުންތެރިންނަށް ފެންނަ ނަމެއް އަދި މޫނެއް ނޫނެވެ.

By: Ahmed Nadym

ދިވެހި އޮންލައިން ނޫސްތަކުގައި އުޅޭ މީހުން ބުނާނީ މުހައްމަދު އަފްޒަލް އާމިރަކީ އެމީހުންގެ އަމިއްލަ މީހެކޭވެ. އެކަމަކު 27 އަހަރުގެ މި ޒުވާނާ އަކީ މީޑިއާގެ މޫނުމަތިން ކިޔުންތެރިންނަށް ފެންނަ ނަމެއް އަދި މޫނެއް ވެސް ނޫނެވެ. ނަމަވެސް ދިވެހިންގެ އޮންލައިން ނޫސްވެރިކަން މި ޒަމާނުގެ ޓެކްނޮލޮޖީއާ އެއް ހަމައަކަށް ގެންގޮސް، ދިވެހިންގެ އޮންލައިން ނޫސްވެރިކަމާއި އޮންލައިންކޮށް އަހަރެމެން ނޫސްކިޔާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނުވި މުހިންމު ނަމަކަށް އޭނާ ވާނެކަން ޔަގީނެވެ. ދިވެހި ނޫސްވެރި އާއިލާގެ ތެރޭގައި "އަޕޯ" ގެ ނަމުން މަޝްހޫރުވެފައިވާ މުހައްމަދު އަފްޒަލް އާމިރަކީ ޔަގީނަށް ވެސް ދިވެހިންގެ އޮންލައިން މީޑިއާތަކާ އެންމެ ރައްޓެހި އެންމެ ޒުވާން ޑިވެލޮޕަރެވެ.

މިވަގުތު އޭނާ މަސައްކަތްކުރަމުން އަންނަނީ މެލޭޝިއާގެ، ކާ ޝެއަރިން ކޮމްޕެނީއެއް ކަމަށްވާ، ސޯކާގެ ޕްރޮޖެކްޓެއްގައި ލީޑް އިންޖިނިއަރެއްގެ ގޮތުގައެވެ. އޭނާ ބުނީ ދިވެހި މީޑިއާގެ އޮންލައިން ވިއުގައިގެ ތެރެއިން ނުކުމެ މެލޭޝިއާގެ މިނިވަން ޖައްވަށް ޖައްސާލީ ދެ ތިން މަހުގެ ޕްލޭނެއް ބޮލުގައި ރާވައިގެން ކަމަށެވެ. ނަމަވެސް އެ ހިޔާލު ބަދަލުވެ، އެތަނުން ހުޅުވުނު ދޮރުތަކުން އޮހެމުންދާ ފުރުސަތުތަކާ އެކު އޭނާ މިހާރު ބުނަނީ އެކޮޅުގައި އެއްކޮށް މަޑުކޮށްލުމުގެ ވިސްނުން "ބޮލުގައި ކޯޑްކޮށް" މިހާރު ނިމިއްޖެ ކަމަށެވެ.

ދެން މި އޮތީ އަޕޯގެ މި ކާމިޔާބު ލައިފާއި އޭނާގެ ޕްރޮޑަކްޓިވް ދުވަސްތަކާ ބެހޭ ގޮތުން އަދި ނަތީޖާނެރެން އޭނާ ގެންގުޅޭ ވިސްނުމާއި ތަރުތީބާއި އަހުލާގާ ބެހޭ ގޮތުން ދިން އިންޓަވިއުއެވެ.

އަޕޯ އަހަރެމެންނަށް އޭނާގެ ވާހަކަތައް ކިޔައިދެނީ. --ފޮޓޯ: ހުސެއިން ވަހީދު

- މިހާރު ދިރިއުޅެނީ؟

އަޕޯ: މިހާރު 10 މަސް ވެއްޖެ އެކޮޅުގައި އުޅޭތާ. "އަސްލު ފުރަތަމަ ވިސްނީ އެކްސްޕްލޯކޮށްލަން 2-3 އަހަރަށް ދާނީއޭ. އެކަމަކު މިހާރު ބޭނުންވަނީ އެއްކޮށް، ފުލްޓައިމްކޮށް އެކޮޅަށް ބަދަލުވެ އެމީހުންނާ އެކު މަސައްކަތްކުރަން. މެލޭޝިއާގެ ސޯކާ ނަމަކަށް ކިޔާ ކޮމްޕެނީއެއްގައި މި މަސައްކަތްކުރަނީ. ސޯކާ އަކީ ކާޝެއަރިން ޕްލެޓްފޯމެއް. ސައުތު އީސްޓް އޭޝިއާގެ އެފަދަ އެންމެ ކާރު ޕްލެޓްފޯމު އެމީހުންނަކީ.

- މި ދުވަސްކޮޅުގެ މަސައްކަތަކީ؟

އަޕޯ: މި ދުވަސްކޮޅު، މިހާރު ޕްރޮބޭޝަން ހަމަވެގެން، އަމިއްލަ ޓީމެއް އެކުލަވައިލުމުގެ މަސައްކަތް މި ކުރަނީ. ކުދިން ހަޔާކޮށްގެން ސޯކާގެ އާ ޕްރޮޑަކްޓެއް އުފެއްދުމުގެ މަސައްކަތަށް މި ތައްޔާރުވަނީ މިހާރު. ޕްރޮބޭޝަން ޕީރިއަޑް ނިމި، އެމީހުންނާ އެކު ލީޑް އިންޖިނިއަރިން ޕޯސްޓެއްގައި މި އުޅެނީ މިހާރު.

- މިހާރު ގެންގުޅޭ މޮބައިލް ފޯނަކީ؟

އަޕޯ: އައިފޯނު 10. އެކަމަކު ވަރަށް ހިތްހަމަނުޖެހޭ ފޯނާ ދޭތެރޭ އަސްލު. އެޕަލް މި ބޭނުންކުރަނީ އެމީހުންގެ މި އިކޯސިސްޓަމްގައި ތާށިވެފައި ހުރީމަ އަސްލު. އައި ވުޑް ރާދާ ޕްރިފާ އަ ޕިކްސެލް ފޯނެއް.

- މަސައްކަތްކުރާ ކޮމްޕިއުޓާ؟

އަޕޯ: މެކް ބުކް ޕްރޯއެއް. އެއަށް ސްވިޗުކުރިތާ މިހާރު ގާތްގަނޑަކަށް 10 އަހަރު ވަނީ. އެއީ އޭގެ ޓޫލިންގެ ގޮތުންނާއި، އަނެއްހެން ވައިރަސް ނާރާތީކީއެއް ނޫން. ވައިރަސް އަރާނެ ކޮންމެ އެއްޗަކަށް ވެސް. އެކަމަކު ޑިވެލޮޕަރުންނާއި ޑިޒައިނަރުންނާ ފްރެންޑްލީ އެއްޗަކަށްވީމަ އެއާ އެކު މި އުޅެވެނީ. ކްރިއޭޓިވް ފީލްޑަށް ހަމަ އެންމެ ބަރާބަރީ މެކް ކަމަށް މި ބަލަނީ.

އަޕޯގެ ގޭގައި އޭނާ ބޭނުންކުރާ ވޯކްސްޓޭޝަން: މިއީ އަބަދުވެސް ބަދަލުވާ ސްޓޭޝަނެއް ކަމަށް އަޕޯ ބުނޭ.

- އަޕޯ މަސައްކަތްކުރާ ގޮތް ސިފަކޮށްދޭނެ އެއް ބަސް؟

އަޕޯ: "ކްރިއޭޓިވް"

** ** ** **

ސުވާލާއި ޖަވާބު:

އަޕޯ

މަސައްކަތުގެ އެއް ދުވަސް، މިހާރު ފެށިގެން ގޮސް ނިމެން ދެން އުޅޭ ގޮތް އަހަރެމެންނަށް ކިޔާލަދީބަލަ؟

އަޕޯ: މުޅި ދުވަސް އޮންނާނީ ޕްލޭންކޮށްފައި. ވަކިން ހާއްސަކޮށް މިހާރު މި މަސައްކަތްކުރާ ޓީމުގެ ގޮތުން، ކޮންމެހެން ވެސް ގޫގްލް ކަލަންޑާ ބޭނުންކުރަން ޖެހޭ. ކަލަންޑާ ބަލާލީމަ އެނގޭނެ މިއަދު އޮންނާނީ މިކަންކަތައްކަން. އޭރުން މުޅި ދުވަހަށް ސެޓުވެލަން އެނގޭނެ. ދެން ބަލާނީ ހޭލައިގެން ކޮފީއެއް ބޯލައިގެން ތޯ އޮފީހަށް ނައްޓާލާނީ، ކައިގެންތޯ ދާނީ ނުވަތަ އޮންދަވޭގަ ޓޭކްއަވޭއެއްތޯ ހަދާލާނީ. އެއަށް ފަހު އޮފީހަށް ގޮސް މީޓިން އޮވެއްޖެ ނަމަ މީޓިންތަކަށް އަރާލައި ހެނދުނު އަބަދުވެސް ފުރަތަމަ ކަމަކަށް އެޓެންޑްވަނީ އީމެއިލްސްތަކަށް. ވަކި ވަގުތެއް އެކަމަށް ހުސްކޮށްލީމަ ދެން އެ ދުވަހަށް އީމެއިލްސްގެ ކަންތައް ނިމުނީ. އާންމުކޮށް ދެ ތިން ގަޑިއިރު އަހަރެންނަށް ކޯޑިން ކަހަލަ މަސައްކަތެއް ކޮށްލަން ލިބޭނީ. ދެން ބައިވަރު މީޓިންސް އާއި ޑިސްކަޝަން ސެޝަންތައް ވެސް އައިސްދާނެ ކަލަންޑާ ހުންނަ ގޮތަކުން. މި ދުވަސްކޮޅު އެންމެ ގިނަ ވަގުތު ނަގަނީ އަހަރެމެން އާ ޕްރޮޖެކްޓެއް ފަށާތީ އެކަމަށް ބޭނުންވާ ޓީމު އިންޓަވިއުކޮށް މީހުން ނެގުމުގައި.

އެޕްސް އާއި ގެޖެޓްސް ނުވަތަ ސްމާޓް އެހެން އާލާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ބޭނުންކުރެވޭ އެއްޗެހިތައް ކިޔައިދީބަލަ؟

އަޕޯ: އެޕަލް ވޮޗު. އައިޕެޑް. އައިޕެޑް ވަރަށް ޔޫޒްކުރަން މޯނިންގަޑީގައި. ނޯޓިފިކޭޝަންސްތަކާއި އަޕްޑޭޓްސްތައް ބަަލައިލަން. މިސާލަކަށް (މެލޭގައި މިހާރު އުޅޭއިރު) ގެއިން އޮފީހަށް ދާން ވިއްސަކަށް މިނެޓު ނަގާނެ. ދެން އޮފީހުން ގެއަށް އަންނަން އެނަގާ ވަގުތާއެކު އެ ލިބޭ 40 މިނެޓު ތެރޭގައި އޯޑިއޯ ބްކްސް ވެސް އަޑުއަހާލަން ވެސް އައިޕެޑް ޔޫޒްކުރަން ޓްރެވަލްކުރާއިރު. ދެން އިއާޕޮޑްސް ވެސް އެންމެފަހުން ގަނެފިން މިހާރު ނުގަންނަން ހުރެފައި. މިއީ އެޕަލްގެ އިކޯސިސްޓަމުގައި ތާށިވީމަ މަޖުބޫރުވާ ކަންތައްތައް.

ޑެއިލީކޮށް ބޭނުންކުރާ އެޕަަކަށް ނަގާ ނަމަ، ސްލެކް. ރާއްޖޭގައި އެހާ މަގްބޫލުނުވިޔަސް އަހަރެމެން (އެކުގައި މަސައްކަތްކުރާ މީހުން) އެންމެގިނައިން ބޭނުންކުރާ އެޕަކީ އެއީ މެސެޖުކުރަން. ދެން ކޯޑުކުރަން މިހާރު ބޭނުންކުރަނީ ވިޝުއަލް ސްޓޫޑިއޯ. ރައްޓެހިންނާ ޗެޓުކުރަން ޓެލެގްރާމް. ދެން ނިއުސް ފީޑް ބަލަން ބޭނުންކުރަނީ ކްރޯމްގެ ޕެންޑާ.

އެގޮތަށް، އެ އެޕަކާ ނުލައި، އެ ގެޖެޓަކާ ނުލައި މިއަދު އަޕޯ އަށް އުޅެން އުނދަގޫވާނެ އެއްޗެހިތަކަކީ ކޮބައިތަ؟

އަޕޯ: އެހެން ބަލާ ނަމަ، (ޑިޒައިން ޓޫލް) ސްކެޗް، އެއީ ޑިޒައިން ނަމަ އެއާ ނުލައެއް ނޫޅެވޭނެ މިހާރަކު. ކޯޑިން އަށް ބަލާ ނަމަ ކޯޑް އެޑިޓާސް ބަދަލުވޭ ދޭތެރެދޭތެރެއިން ސީޒަންއަކަށް. އެކަމަކު އެގޮތަށް ބަދަލުވެ އަބަދު ގެންގުޅެވޭ އެކައްޗަކަށް ވާނެހެން ސްކެޗް.

އަޕޯގެ ވޯކްސްޕޭސް ސެޓްއަޕް ހުންނަ ގޮތް ސިފަކޮށް ބޭނުންކުރާ އެއްޗެހިތައް ކިޔާލަދީބަލަ؟

އަޕޯ: ދެ ސްޓޭޝަން މި އިންނަނީ. އެއީ ގޭގަ އިންނަ ސްޓޭޝަން އާއި އޮފީހުގައި ހުންނަ ސްޓޭޝަން. އޮފީސް ސްޕޭހަކީ އެންމެނަށް ޖެނެރަލައިޒްކޮށްފަ ހުންނަ ތަނެއް. ދެން ގޭގައި އިންނާނީ ވަރަށް ބަލައިގެން ބޭނުންވާ ގޮތަށް ހަދައިގެން ގެންގުޅޭ ސްޓޭޝަނެއް. އެއީ މޭޒު ވެސް އަހަރެން ބޭނުންވާ ގޮތަކަށް އެލެވޭޓްކޮށް ބޭނުންގޮތަކަށް ބަދަލުކޮށްލަން ކަސްޓަމައިޒްކޮށްގެން ހަދާފައި ހުންނާނީ. އެއީ އެހާ ގިނައިރު ކޮމްޕިއުޓާ ކައިރީގައި މަސައްކަތްކުރަން އިންނައިރު އަރާމުކޮށް ހުރުމަށް ވަރަށް ބަލަން. އެކަމަކު ފަހުންފަހުން އައިސް އެންމެ ޕްރޮޑަކްޓިވް މަސައްކަތް ކުރެވިފައި ހުންނާނީ ކެފޭތަކުގައި. މަސައްކަތްކުރަން ވަކި ސްޓޭޝަނެއް ބޭނުމެއް ނުވޭ. ފަހުން ވިސްނުނީ ކެފޭތަކުގައި މީހާ މާ ޕްރޮޑަކްޓިވްއޭ އަދި.

ބައެއް މީހުން ހުންނާނެ އެމީހުންގެ ސްޓޭޝަންތަކުގައި މަތި މައްޗަށް ސްކްރީން ޖަހާލާފައި ވެސް. އެކަމަކު އަހަރެން ބަލަނީ ވީހާ ވެސް މިނިމަލިސްޓިކް ގޮތެއް ގެންގުޅެވޭތޯ. އެކަމަކު ތަންކޮޅެއް ހާޑްކޮށް ކޯޑްކުރާއިރު ޑިޒައިނިން އަށް ބަލާފައި ފަށާއިރު ދެ ސްކްރީން ބޭނުންކުރަން.

އަޕޯގެ އޮފީސް ސްޓޭޝަން: އޭނާ ބުނަނީ އޮފީހަކަށްވުރެން ކެފޭއެއްގައި މަސައްކަތްކޮށްލުމުން ނެރެވޭ ނަތީޖާ މާ ފޮނިކަމަށް.

މަސައްކަތެއް ނުވަތަ ޕްރޮޖެކްޓެއްގައި އުޅޭއިރު ނަގާ ޝޯޓްކަޓްސްތަކާއި ޑެޑްލައިން ޓާގެޓަށް ވާސިލުވާން މަސައްކަތްކުރާ ގޮތާއި ވިސްނުން ގެންގުޅޭ ގޮތަކީ ކޮބައިތަ؟

އަޕޯ: އަހަރެން އަބަދުވެސް ގެންގުޅެން ޓު ޑޫ ލިސްޓެއް. އޭގައި ކަލާ ކޯޑްކޮށްފަ، ހުރިހާ މަސައްކަތަކާއި ދުވަސްތަކެއް ފާހަގަކޮށްފައި ހުންނާނީ. އެކަމަކު އެކަަހަލަ ޓު ޑޫ ލިސްޓެއް ނެހެދުން ވެސް ބައެއް ފަހަރަށް ރަނގަޅު. ޓް ޑޫ ލިސްޓެއް ހަދާ ނަމަ އެކަން ކުރަނީ ޕްރޮޖެކްޓެއް ފެށުމުގެ ކުރިން. ޖެނެރަލްކޮށް ހަދާލާ ލިސްޓެއް އެއީ. އެކަމަކު އޭގެ އިތުރު ތަފްސީލަށް ދާ ނަމަ ނޯޓު ފޮތެއް ނަގައިގެން އެ ދުވަހެއްގެ ޓާސްކްތައް ލިޔެގެން ނިންމަމުން ދާނީ. އާންމުކޮށް ލާސްޓް މިނެޓް އެއްޗެހީގައި މަސައްކަތްކުރާއިރު ނޯޓުފޮތެއް ލިޔެލައިގެން ނުވަތަ ގަނޑެއްގައި ނޯޓުކޮށްލައިގެން މަސައްކަތްކުރަނީ.

މަސައްކަތުގައި އުޅޭއިރު ކިހާ އާންމުކޮށް ބްރޭކް ނަގަންތަ؟ ސިކުނޑި އާއި ބޮޑީ ރީޗާޖުކޮށްލަން ކީއްކޮށްލަނީ؟

އަޕޯ: އާންމުކޮށް އަހަރެމެން މަސައްކަތްކުރާއިރު އޮފީހުގައި ހުންނާނެ މަސައްކަތްކުރަން ތިބެވިދާނެ އެކި އޮޕްޝަން ސްޓޭޝަންސްތައް. މިސާލަކަށް ޑެސްކު ކައިރީގަތޯ ނުވަތަ ބީންބޭގެއްގަތޯ. ދެން އެގޮތަށް އަބަދުވެސް އެއް ތަނުން އަނެއް ތަނަށް ބަދަލުވެ ބަދަލުވެ އުޅޭނީ މަސައްކަތުގައި އުޅޭއިރު. ބައެއް ދުވަސްތަކުގައި ހުންނަން ކުޑަކުޑަ ކޮޓަރިއަކަށް ވަދެ އެކަނިމާއެކަނި ވެސް ލަވަޖަހާލައިގެން. ޑިޕެންޑިން އޮން ދަ މޫޑް އެ ހުރިހާ ކަމެއް ވެސް. ނުވަތަ މީހަކާ އެކުގައި ކުރަން ޖެހޭ މަސައްކަތެއް ނަމަ ދެ މީހުން އަނގަތަޅާލަތަޅާލަ ތިބެގެން ވެސް މަސައްކަތްކުރަން. ދެން ބްރޭކެއް ނަގާ ނަމަ އޮފީހުން ނުކުމެ ކައިރި ތަނަކުން ކެފޭއަކަށް ވަދެލަނީ. އެގޮތަށް ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ބްރޭކަކަށް ނަގަނީ އާންމުކޮށް. މާ ބޮޑު ބްރޭކެއް ނޯވޭ. ދެން މިސާލަކަށް ދަންވަރު މަސައްކަތްކުރާ ރެއެއްގައި އެއްކޮށް ފުނޑިއެއްޖެ ނަމަ ލެޕްޓޮޕް ނުވެސް ނިއްވާ ލައްޕާލާފައި ވަގުތުން ޖައްސާލަނީ.

އަޕޯ އޭނާގެ ފެވަރިޓް ކެފޭ ސްޕޮޓެއްގައި މަސައްކަތްކޮށްލަނީ: އޮފީހުގެ މާހައުލުން ނުކުމެ މިގޮތަށް ކުރާ މަސައްކަތް މާ ފޮނިކަމަށް އޭނާ ބުނޭ.

ރެސްޓްކުރުމެއް ނެތި އެންމެ ބިޒީކޮށް އެންމެ ގިނައިރު މަސައްކަތްކުރި ޕްރޮޖެކްޓާއި ތަޖުރިބާ ކިޔައިދީބަލަ؟

އަޕޯ: އެގޮތަށް މަސައްކަތްކުރި ޕްރޮޖެކްޓަކަށް ވާނެ ގާޒާ ޓެލެތޯން. އެއީ ދެ ދުވަހުން ނިންމި މަސައްކަތެއް އެންމެން ހޭލާ ތިބެގެން. ދެން ވީނިއުސްގެ އެޕް ލޯންޗުކުރުމުގެ މަސައްކަތުގައި ވެސް އުޅުނިން ހޭލާ. އެގޮތަށް ހޭލާ ހުރެގެން މަސައްކަތްކުރެވިފައި ހުންނާނެ ދެ ދުވަސް ވަންދެން ވެސް. ނެޕެއް ނަގާލާފައި ތެދުވެ އަނެއްކާވެސް ފަށަނީ. އެކަމަކު އެގޮތަށް މަސައްކަތްކުރުމަކީ ރަނގަޅު ގޮތެއް ކަމަކަށް މިހާރަކު ގަބޫލެއް ނުކުރަން. މިހާރު މަސައްކަތްކުރަނީ ނިދާފަ ރަނގަޅަށް ރެސްޓްކޮށްގެން. އޭގެ ފައިދާ ވެސް ފެނޭ ޕްރޮޑަކްޓިވިޓީ އިން.

ރަސްމީ މަސައްކަތް އެއްފަރާތެއްގައި ބާއްވާފައި، އަމިއްލަ ޝައުގުވެރިކަމާ އެކު ކޮށްލާ ކަންކަމަކީ ކޮބައިތަ؟

އަޕޯ: އަހަރެން ވަރަށް ފޮތް ކިޔަން. ބޮޑަށް އޯޑިއޯ ބުކްސް މިހާރު. އެގޮތުން ބަލާއިރު ވެސް ކްރިއޭޓިވް، ފީލްޑާ ގުޅޭ ކަހަލަ ފޮތްތައް ގިނައިން ކިޔެނީ. އޯޑިއޯ ބުކްސް އަށް ދަނީ އެއީ މިހާ ބިޒީކޮށް އުޅޭއިރު އެންމެ ރަނގަޅު އޮޕްޝަނަށްވީމަ. ދެން މަސައްކަތުން ގެއަށް ގޮސް ފިލްމެއް ބަލާލާ ރައްޓެހިންނާ އެކު ބޭރަށް ގޮސް ކެއުން.

އަޕޯ (ކ2) އޭނާގެ ބައެއް އެކުވެރިންނާއި ކޮލީގުންނާއެކު: މެލޭޝިއާ އަކީ ދިވެހި ޑިވެލޮޕަރުންނަށް ސިލިކޮން ވެލީއެއް.

އަޕޯގެ ކޮލިޓީ މަތިކުރަން ނުވަތަ އެ ފެންވަރު ދަމަހައްޓަން އަމިއްލަ އަށް ރެގިއުލާކޮށް ކުރަނީ ކޮން ކަންކަމެއް؟

އަޕޯ: ދެ ކަމެއް އަހަރެން ގަބޫލުކުރަން. ފުރަތަމަ ކަމަކީ، އަދިކިރިޔާ މި އެނގެނީ ކުރިން އެ މަސައްކަތްކުރާ ގޮތަށް ހުއްޓާނުލައި މަސައްކަތްކުރުމަކީ ސިއްހަތަށް ރަނގަޅު ކަމެއް ނޫންކަން. އެހެންވީމަ މަސައްކަތްކުރަމުން ގޮސް ހުއްޓަން ޖެހޭ ވަގުތަށް މަސައްކަތް ނިންމުން. އޭގެ އިތުރުން މަސައްކަތް އެއްކޮށް ދޫކޮށްލާފައި ރިލެކްސިން ވަގުތު ވެސް ހޭދަކުރުން މުހިންމު. އެކަމަކު ހަމަ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވަކި ވަގުތަކުން ވަގި ވަގުތަކަށް މަސައްކަތްކޮށް ނިންމާލުމަށް ފަހު ގެއަށް ގޮސް އެ ނަގަން ޖެހޭ ރެސްޓް ނަގަން.

އަޕޯގެ ތި ކެރިއަރުގައި އެންމެ އުފާވާ ކަންތައް އަހަރެމެންނަށް ކިޔައިދީބަލަ؟

އަޕޯ: އެންމެ އުފާވަނީ މީހުން އެ މަސައްކަތެއް ބަލައިގަނެ އެޕްރެޝިއޭޓްކުރީމަ. ވަރަށް ގިނަ މަސައްކަތްތަކަކީ އަހަރެން ވަރަށް ކުރާހިރުން ކުރާ ކަންކަން. އެ މަސައްކަތެއް ނިމިގެން އެ ލިބޭ ހިތްހަމަޖެހުން އެއީ ވަރަށް ބޮޑު އެއްޗެއް. ޕާފެކްޓް މަސައްކަތެއްކޮށްގެން އެ މަސައްކަތެއް ނެރެވުން އެއީ ވަަރަށް އުފާވާ ވަގުތެއް. އެހާ ގިނަ ވަގުތު ހޭދަކޮށްގެން ކުރާ މަސައްކަތް މީހުން ބަލައިގަތުން އެއީ ވަރަށް ހާއްސަ ކަމެއް.

އިންޓަވިއު ސްފްޓްވެއާ ޑިވެލޮޕަރުން

Popular