10 Aug 2019

އީދު ފޮޓޯތައް އެޑިޓްކޮށްލާނެ އެޕްތަކެއް

އީދު ފޮޓޯތައް އެޑިޓްކޮށްލާނެ އެޕްތަކެއް

By: Ifraz Ali

އީދުގެ ފޮޓޯތަކުން މާދަމާ ސޯޝަލް މީޑިއާ ފުރާލާނެ އެވެ. ކޮންމެ މަޖަލެއް ނެގިޔަސް އެ ކުޅިވަރެއްގެ ފޮޓޯތައް ފުލުފުލުން ނަގައި ރައްކާކުރާނެ އެވެ. ޖަހާނެ ސަކާރަތެއް ނިންމައިފައި ދެން އޮންނަނީ އެ ފޮޓޯތައް ނެގި މީހެއްގެ އަތުން ހޯދައި، އެ އެއްޗެއްހި ރީއްޗަށް އެޑިޓުކޮށްލައި އިންސްޓަގުރާމަށް ވިޔަސް އަޕްލޯޑުކޮށްލުމެވެ.

ލިބާސް އީދު ވެސް މާދަމާ އޮންނާނެ އެވެ. އެހެންވީމާ ލިބާސް ލައިގެން މާދަމާ ތި ނަގަން ގަސްތުކުރާ ފޮޓޯތައް ވެސް ރީއްޗަށް އެޑިޓުކޮށްލަން މި މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްލެވިދާނެ އެވެ. މި އެޕްތައް އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ހިލޭ ލިބެން ހުންނާނެ އެވެ.

މި އެޕުތަކުން އެޑިޓްކޮށްފައި ވިޔަސް "ދޯ" ގެ ހަފުތާގެ ރީތި ފޮޓޯތަކަށް، މި އީދުގެ ފޮޓޯތައް ފޮނުވައްޗެވެ. ޖެހޭނީ ސޯޝަލް މީޑިއާ އަށް ދޫކޮށްލާއިރު ReethiDho# ބޭނުންކޮށްލާށެވެ.

1. ވިސްކޯ ކެމް

ވިސްކޯ ކެމް ހުންނާނެ ގޮތް.

މިއީ ޕާސަނަލް ފޭވަރިޓެވެ. މި އެޕްގައި ވަރަށް ސަޅި ފިލްޓާސްތަކެއް ދީފައި ހުރެ އެވެ. އޭގެ ތެރެއިން ބައެއް ފިލްޓާސްތައް ހިލޭ ބޭނުންކުރެވޭނެ އެވެ. އަދި ފިލްޓާއަކަށް ކުޑަވެސް ބަދަލެއް ގެންނަން ބޭނުން ނަމަ މި އެޕްގައި ވަރަށް ގިނަ އެޖަސްމަންޓް އޮޕްޝަންތައް ވެސް ދީފައިވެ އެވެ. އިންސްޓަގުރާމް ފީޑް ރީތިކޮށްލަން ބޭނުންވާ މީހުންނަށް މިއީ ފައްކާ އެޕެކެވެ.

2. ސްނެޕްސީޑް

ސްނެޕްސީޑް ހުންނާނެ ގޮތް.

ގޫގުލްގެ މި އެޕުގައި ވެސް ފޮޓޯ އެޑިޓުކުރަން ވަރަށް ގިނަ އެޖަސްމަންޓް އޮޕްޝަންތައް ދީފައިވެ އެވެ. އަދި މި އެޕްގެ މޫނުމަތި ވެސް ރީތިވެފައި ބަލަން ފަސޭހަވީމަ، ފޮޓޯ އެޑިޓުކުރަން ފަސޭހަ އެވެ. މި އެޕް އެންމެ މަޝްހޫރީ ވެސް އެ ކަމަށެވެ. މީގައި ވެސް ގިނަ ފިލްޓާސްތަކެއް ހުރެ އެވެ. އެހެން އެޕްތަކާއި ހިލާފަށް މި އެޕުން އަމިއްލަ ފިލްޓާސްތައް ވެސް ހެދެ އެވެ.

3. އެޑޯބީ ފޮޓޯޝޮޕް އެކްސްޕްރެސް

އެޑޯބީ ފޮޓޯޝޮޕް އެކްސްޕްރެސް ހުންނާނެ ގޮތް.

މި އެޕްގައި ވެސް ކުރިން ބުނި އެޕްތަކުގައި ހުރި، ހުރިހާ ފީޗާތަކެއް ހުރެ އެވެ. ތަފާތުވާ ތަންކޮޅަކީ މި އެޕްގައި އެމީހަކު ބޭނުން ފޮޓޯއަކަށް ފިލްޓާއެއް ލުމުން، އަސްލު ފޮޓޯގައި ހުންނަ އެންމެ އާންމު މައްސަލަތައް ކަމަށްވާ ކަލާ ޓެމްޕަރޭޗާ އާއި އެކްސްޕޯޝާގެ މައްސަލަތައް އަމިއްލައަށް ހައްލުކޮށްދޭނެ އެވެ. މި އެޕް ބޭނުންކުރުމުގެ ކުރިން ފްރީ އެޑޯބް އައިޑީ އެކައުންޓަކަށް ސައިން އިން ވާންޖެހޭނެ އެވެ.

4. ފުޑީ

ފުޑީ އެޕް ހުންނާނެ ގޮތް.

އީދު ދުވަހު ވަރަށް ގިނަ ކާ އެއްޗެހީގެ ފޮޓޯތައް ވެސް ނަގާނެތާ އެވެ. އެ ފޮޓޯތައް އެޑިޓުކޮށްލަން ބޭނުންކުރަންވީ މި އެޕެވެ. މީގައި 30 ފިލްޓާ އިނދެ އެވެ. އެޑިޓިން ފީޗާތައް ހުންނަނީ ވެސް ކާ އެއްޗެހީގެ ފޮޓޯތަކާއި ގުޅޭ ގޮތަށެވެ. ހާއްސަކޮށް ކާ އެއްޗެހީގެ ކުލަ ރީއްޗަށް ހެޔޮވަރުކޮށްލަދެ އެވެ.

5. ފޮޓޯ ކޮލާޖް

ފޮޓޯ ކޮލާޖް އެޕް ހުންނާނެ ގޮތް.

ނަގާ ފޮޓޯތައް ވައިބާ ގުރޫޕުތަކަށް ބަރިބަރިއަށް ފޮނުވާލީމާ ބޮލަށް އުނދަގުލެވެ. އެ ހުރިހާ ފޮޓޯތަކެއް އެއްކޮށްލައިފައި އެއް ފޮޓޯއަކަށް ފޮނުވާލުން ކިހިނެއްވާނެ ހެއްޔެވެ. ފޮޓޯ ކޮލާޖް އެޕް ބޭނުންކޮށްގެން ކޮލާޖެއް ހެދީމަ ނިމުނީ އެވެ. އެހެން އެޕްތަކުން ވެސް ކޮލާޖް ހެދެޔޭ ހިތަށް އަރާފާނެ އެވެ. އެކަމަކު އެ އެޕްތަކާއި ހިލާފަށް މީގައި ކޮލާޖް ހާދާނެ މާ ގިނަ ލޭއައުޓްތަކެއް ހުރެ އެވެ.

ފޮޓޯގްރަފީ އެޕަލް ސްޓޯރް ގޫގުލް އެޕްސް އަޟްހާ އީދު

Popular