By: Ifraz Ali
އައިފޯން ބޭނުންކުރާ މީހުނަށް އެންމެ ގިނައިން މަލާމަތް ރައްދުވާ އެއް ކަމަކީ އައިފޯންގެ ޗާޖިން ކޭބަލް އަވަސް އަވަހަށް ހަލާކުވުމެވެ. ބައެއް މީހުން މަހަކު އެއް ފަހަރު އަދި ދެ ފަހަރު ވެސް އާ ޗާޖިން ކޭބަލެއް ގަންނަން ޖެހެ އެވެ. އެހާ މޮޅު ފޯނެއްގެ ޗާޖިން ކޭބަލަށް މިހެން މި ވަނީ ކީއްވެގެންބާ އެވެ؟
ގިނަ މީހުނަށް ހަމަ ވާގޮތަކީ ޗާޖަރު ރަނގަޅަށް ނުބެލެހެއްޓެނީ އެވެ. ގިނަ ފަހަރަށް ހަލާކު ވަނީ ޗާޖަރުގެ ކޮޅު ފޯނަށް ޖެހުމަށް ފަހު، އަބަދު ކޭބަލް ބަނޑިކުރަން ހަދައިގެން އޭގެ ކޮޅުން ބުރިވާތީ އެވެ. މިހެން ވުމުގެ ފުރުސަތު ބޮޑުވަނީ ޗާޖަށް ޖެހުމަށް ފަހު ވެސް ފޯނާ ކުޅޭތީ އެވެ.
ކޮންމެ ވައްތަރެއްގެ ޗާޖަރެއް ނަމަވެސް، އޭގެ ކޭބަލް އެކި ގޮތްގޮތަށް ބަނޑިކުރާ ނަމަ އަވަހަށް ހަލާކުވުމުގެ ފުރުސަތު ބޮޑުވެ އެވެ. އެކަމަކު އެންޑްރޮއިޑް ފޯނުތަކާ ހިލާފަށް އައިފޯންގެ ކޭބަލް ހެދުމަށް ބޭނުންކޮށްފައި ހުންނަ މެޓީރިއަލް އަކީ ވެސް ވަރަށް ސޮފްޓް މެޓީރިއަލްއަކަށް ވުމުން ފަސޭހައިން ހަލާކުވުމުގެ ފުރުސަތު އޮވެ އެވެ.
ވިސްނާލަންވީ ބައެއް ކަންކަން
- ކޭބަލް ބޮނޑިކޮށްގެން ނުގެންގުޅުން
- ކޭބަލަށް ބާރުލައިފައި ނުދެމުން
- ޗާޖް ކުރުމަށް ފަހު ސްވިޗް އޮފް ކުރުން
- ޗާޖް ކުރުމަށް ފަހު ސޮކެޓުން ނައްޓާލައިފައި ބޭއްވުން
- ތެތް ތަނެއްގައި ކޭބަލް ނުބާއްވާ
- ގަންނަނީ އޮރިޖިނަލް ކޭބަލްތޯ ޗެކްކުރުން
މިވެސް ކޭބަލް ސަލާމަތްކުރެވިދާނެ ގޮތެއް
ފަސޭހައިން ޗާޖިން ކޭބަލް ހަލާކުވިޔަ ނުދިނުމަށް ބޭނުންކުރެވިދާނެ ވަރަށް އަގުހެޔޮ ޕްރޮޑަކްޓުތައް މިހާރު އެބަހުއްޓެވެ. އޭގެން އެކައްޗަކީ ކޭބަލް ވިންޑާ އެވެ. މިއަށް ކޭބަލް އޮޅާލައިފައި ބޭއްވިދާނެ އެވެ. ރައްކާތެރި ގޮތުގައި ކޭބަލް ގެންގުޅުމަށް މިއީ ރަނގަޅު އެއްޗެކެވެ.
ޗާޖިން ކޭބަލް ލައިން ސޭވާ؛ މީގެ އެކި ޑިޒައިންތަކުގެ އެއްޗެހި ހުރޭ.
އައިފޯންގެ ޗާޖަރު ކޮޅު އަބަދު ބިންދައިގެން ދާ ނަމަ އެތަނަށް ލައްވަން ޗާޖިން ލައިން ސޭވާއެއް ވެސް ހޯދިދާނެ އެވެ. މާ ބޮޑު ހަރަދެއް ނުކޮށް ހައްލެއް ހޯދަން ބޭނުން ނަމަ ކޭބަލްގެ ކޮޅުގައި ޓޭޕް ވެސް އޮޅިދާނެ އެވެ.