By: Ifraz Ali
ފޭސްބުކުން "ކެއާ ރިއެކްޓް" ތައާރަފުކޮށްގެން، އޭގެ އަވައިގައި މީހުން ޖެހުނުތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެ އެވެ. އެ ފޯރި މަޑުމަޑުން ކެނޑެމުން ދަނިކޮށް އަނެއްކާ ވެސް، ސޯޝަލް މީޑިއާގެ އެންމެ ނުފޫޒުގަދަ އެއް އެޕް ކަމަށްވާ ފޭސްބުކުން މި ވަނީ އާ ކަމެއް ތައާރަފުކޮށްފަ އެވެ.
މިއަށް ކިޔަނީ "ފޭސްބުކް އެވެޓާ" އެވެ.
ސްނެޕްޗެޓްގެ "ބިޓްމޯޖީ" އާ އެއްގޮތް މި ފީޗާ ބޭނުންކޮށްގެން، ހަމަ އެގޮތަށް، އެމީހެއްގެ އަމިއްލަ ކާޓޫން އެވެޓާއެއް ހެދޭނެ އެވެ. ކޮމެންޓް ކުރުމަށާއި ފޭސްބުކް ސްޓޯރީސްގައި އަދި މެސެންޖާގައި ސްޓިކާއެއްގެ ގޮތުގައި މި ބޭނުންކުރެވޭނެ އެވެ.
"މި ފީޗާއާ އެކު ފޭސްބުކް މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން އަދި އިތުރަށް ވަރުގަދަކޮށްދޭނެ،" ފޭސްބުކް އެޕްގެ ހެޑް، ފިޑްޖީ ސައިމޯ ބުންޏެވެ.
މިދިޔަ އަހަރު ޔޫރަޕްގެ ބައެއް ގައުމުތަކުގައި ޓެސްޓްކުރި މި ފީޗާ ކުރިއަށް އޮތް ތަނުގައި ގިނަ ގައުމުތަކަށް ލިބޭނެ ކަމަށް ފޭސްބުން ވަނީ ބުނެފަ އެވެ. އެމެރިކާގައި ފޭސްބުކް ބޭނުންކުރާ މީހުނަށް މި ފީޗާ ލިބޭނެ ގޮތް ވަނީ މިދިޔަ ހަފުތާ އިން ފެށިގެން ހަދައިފަ އެވެ.