16 Sep 2020

By: Ifraz Ali

ފޭސްބުކަށް "އެވެޓާ" އަންނަކަން އެ ކުންފުނިން އިއުލާންކުރީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ދުނިޔޭގެ އެކި ގައުމުތަކަށް މި ފީޗާ ދެމުން ގޮސް، އެންމެފަހުން ރާއްޖެއާ ހިސާބަށް މި ފީޗާ ލިބުނީ އިއްޔެ އެވެ. އެއާ އެކު މިހާރު ފޭސްބުކަށް ވަދެފި ނަމަ، އެވެޓާ ނޫން އެހެން އެއްޗެއް ނުފެނެ އެވެ. ފޭސްބުކަށް އާ ކަމެއް ތައާރަފުވާއިރަށް، އަބަދު ވެސް މި ފޯރިގަނޑު އޮވެ އެވެ.

މިހާރު އެވެޓާ އަޕްޑޭޓް ނުކޮށް ތިބީ ކޮން ބައެއް ހެއްޔެވެ؟

މިހެން މި އެހީ، އެންމެން އެވެޓާ އަޕްޑޭޓްކުރާތީ އެކަމާ ބޮލަށް އުނދަގޫވެގެން، އެ ޝަކުވާކުރާ ބައެއް މީހުން ފޭސްބުކްގައި ގިނަވެގެން އުޅޭތީ އެވެ. މީމް ޕޭޖުތައް ވެސް ފުރިފައި އޮތީ މިކަމާ ބެހޭ މީމްތަކުންނެވެ. އެކަމަކު އަނެއް ބަޔަކަށް މިވަރުގެ މަޖާކަމެއް އިއްޔެ އާއި މިއަދަކު ނެތެވެ.

"ފޭސްބުކާ ދުރަށް މި ނައްޓާލީ، އެވެޓާ ސީޒަން ނިމުނީމާ ގޮވާލާތި،" ދިވެހި މީމް ޕޭޖެއްގައި ލިޔެފައި އޮތެވެ.

ސްނެޕްޗެޓްގެ "ބިޓްމޯޖީ" އަދި އެޕަލްގެ "އެނިމޯޖީ" އާ ހަމަ ދާދި އެއްގޮތް މި ފީޗާ ބޭނުންކޮށްގެން، އެމީހެއްގެ އަމިއްލަ ކާޓޫން އެވެޓާއެއް ހެދެ އެވެ. އެމީހަކާ އެންމެ ވައްތަރުވާ ގޮތަށް، އަމިއްލައަށް އެވެޓާ ޑިޒައިންކޮށްލެވެ އެވެ. އަދި ކޮމެންޓް ކުރުމަށާއި ފޭސްބުކް ސްޓޯރީސް އަދި މެސެންޖާގައި ވެސް ސްޓިކާއެއްގެ ގޮތުގައި މި އެވެޓާ ބޭނުންކުރެވޭނެ އެވެ.

އަލަށް މި ފީޗާ ދޫކޮށްލިއިރު، ބައެއް މީހުން ވަނީ ފޭސްބުކް ޕްރޮފައިލް ޕިކްޗާގެ ގޮތުގައި ވެސް އެވެޓާ ބޭނުންކޮށްފަ އެވެ. އަދި އެވެޓާ އަޕްޑޭޓް ކުރިކަން ރައްޓެހިންނަށް އަންގާލުމަށްޓަކައި ސްޓޭޓަސްއެއްގެ ގޮތުގައި ވެސް ޝެއާކުރަމުންދެ އެވެ.

ފޭސްބުކް ސޯޝަލް މީޑިއާ

Popular