19 Jan 2019

މިއުޒިކާ ދުރުން ލަފްވާގެ އެހެން ވާހަކަތަކެއް

ހޮބީއެއްގެ ގޮތުގައި ލަވަ ކިޔަސް، އަބަދުވެސް ލައްފަ ޝައުގުވެރިވީ ޑިޒައިނިންގެ ކަންކަމަށް

ހޮބީއެއްގެ ގޮތުގައި ލަވަ ކިޔަސް، އަބަދުވެސް ލައްފަ ޝައުގުވެރިވީ ޑިޒައިނިންގެ ކަންކަމަށް

By: Shamila Ibrahim

މިއުޒިކްގެ އާއިލާއަކަށް އުފަންވި މަރިޔަމް ލަފްވާ ހަސަން (ލައްފަ) ކުޑައިރުއްސުރެ އުޅެމުން ދިޔައީ މިއުޒިކީ ދުނިޔެއެއްގައެވެ އުމުރުން ފަސް އަހަރުގައި ލަވަ މުބާރަތްތަކަށް އަރަން ފެށި އެވެ. ޓީވީއެމުން ބޭއްވި "އެ ހަނދާނުގައި" ޝޯއިން ވިދާލިއެވެ. ކާފަގެ ހަނދާނުގައި ކީ ލަވަޔަކުން ލައްފަގެ ނަން ބޮޑަށް އެނގުނެވެ.

ހޮބީއެއްގެ ގޮތުގައި ލަވަ ކީ ނަމަވެސް، އަބަދުވެސް ލައްފަ ޝައުގުވެރީ ޑިޒައިނިންގެ ކަންކަމަށެވެ. ކޮމާސް ސްޓްރީމް ކިޔެވިޔަސް، ކުރެހުމާއި ފޮތްތަށް ޑިޒައިން ކުރުމާއި ހެޑިން ލިއުން ފަދަ ކަންކަމަކީ ވަގުތު ހުސްކޮށްގެން އިނދެ އޭރު ލައްފަ ކުރި ކަންކަމެވެ. ހިތުގައި އޭރުވެސް އޮތީ ޑިޒައިނަރަކަށް ވުމުގެ ހުވަފެނެވެ.

ލައްފަ

ގްރެފިކް ޑިޒައިނިންގެ މަސައްކަތުގައި ނުވަ އަހަރު!

"ޒިބްރާ ކްރޮސް" ގައި ސީނިއާ ގްރެފިކް ޑިޒައިނަރެއްގެ މަގާމު ލައްފަ ފުރަމުން އަންނަތާ ނުވަ އަހަރުވީއެވެ. ކިޔަވައިގެން ރާއްޖެ އައި ގޮތަށް ފުރަތަމަ ވަން ވަޒީފާގައި ހަރުލައި، މިކަމުންވެސް އަންނަނީ ކާމިޔާބު ހޯދަމުންނެވެ.

"ޒިބްރާ ކްރޮސް" އަށް ލައްފަ ތައްޔާރު ކޮށްދިން އޭނާގެ މަސައްކަތެއް

މަސައްކަތަށް ހުސްވާން، ލަވަ ކިޔުމާ ދުރަށް ޖެހިލައިގެން ހުއްޓަސް، އަދިވެސް ލަވައިގެ ދުނިޔެއިން ގެއްލުނީއެއް ނޫނެވެ. ހޮބީއަށްވުރެ ބޮޑަށް، ކިޔެވި ދާއިރާއިން ކުރިއަށްދާން އޭނާ ބޭނުންވީއެވެ.

"ސޯ ލަފްލީ" ގެ ވެޑިން ކާޑު ތަކެއް

"ސްކޫލް ފޮތްތައް ވެސް ހަމަ ކޮންމެ އަހަރަކު ވަކި ގޮތަކަށް، ވަކި ތީމަކަށް ހަދަނީ. ފްރެންޑްސް އާއި ފެމެލީ އެހެން ކުދިންގެ ފޮތްތަށް ވެސް އޭރު ޑިޒައިން ކޮށްދެން. ކުދިން ފޮތްތައްވެސް ޕާސް ކުރާނެ ލައްފައަށް ހެޑިން ލިޔަންވެސް،." ޑިޒައިނިންގެ ދާއިރާގެ ދުރު ހަނދާނެއް އާ ކޮށްލަމުން ލައްޕަ ކިޔައިދިނީ ސްކޫލް ދައުރުގެ ވާހަކައެވެ.

ޑިޒައިނިންގެ ތެރެއިން ކޭކްގެ ދުނިޔެއަށް!

އާއިލާ އެންމެންނަށް ވެސް އުފަންދުވަހުގެ ޑެކަރޭޝަންތަކާއި އެ ނޫން ވެސް ހާއްސަ މުނާސަބަތު ތަކުގެ ހުރިހާ ކަމެއްގެ ޕްލޭނަރަކީ އަބަދުވެސް ލައްފައެވެ. އެހެން އުޅެމުންގޮސް، ޑިޒައިނިންގެ ކަންކަމަށް ލޯ ހުޅުވި، އިތުރަށް ޑެކަރޭޝަންގެ ކަންކަމުގައި އުޅޭ ހިތްވީއެވެ.

އޭރު އެކަހަލަ ކޮންމެ ސެލެބްރޭޝަނަކަށް ކޭކް އަޅަނީ އަމިއްލައަކަށް ނޫނެވެ. ގަންނަ ކޭކް އަމިއްލަ ގޮތަކަށް ޑިޒައިން ކުރުމުގައި އޭރު ލައްފަގެ ސިކުނޑި އުޅެނީ ވަރަށް ބުރަކޮށެވެ. ލައްފަގެ ސްޓައިލަށް ޔުނިކް ގޮތަކަށް އަބަދުވެސް ބަދަލުކޮށްލައެވެ.

ލައްފަ، ފިރިމީހާއާ އެކު ނަގާފައިވާ ފޮޓޯއެއް

އެހިސާބުން ބެކް ޑޮރޮޕްގެ ޑެކަރޭޝަންގެ ތެރެއަށްވެސް މަޑުމަޑުން ވަދެވުނެވެ. ފޮޓޯއެއް ނަގަން ހިތްގައިމުވާނެ ގޮތްގޮތަށް ވިސްނައިގެން ފަހަރަކު ސެލެބްރޭޝަނެއްގައި ދެން ފެށީ ލައްފަގެ ޑެކަރޭޓިން ހުނަރު ދައްކާށެވެ.

"އޮފީސް ކޮލީގްސް ރީތި އެއްޗެއް ފެނުނީމަ ވަރަށް ގިނައިން ބުނާނެ މި ހާދަ ލަފްލީ އެއްޗެކޭ، ލައްފަ ކަހަލަ އެއްޗެއް ދައްކާލުމުގެ ގޮތުން އެމީހުން އެހެން ކީ ފުރަތަމަ. ދެން ފެމިލީ ތެރޭ ވެސް އޮފީސް ތެރޭ ވެސް "ލަފްލީ" އެ ނަން ހަރުލީ ލައްފައަށް. އެހެންވެ ހިތަށް އެރީ މި ސަޅި ނަމެކޭ ލައްޕަ ފިއުޗާގަ ކަމެއް ކުރިޔަސް ކިޔަން. އެހެން އައި ނަމެއް ސޯ ލަފްލީ އަކީ،" އިންސްޓަގްރާމްގައި އޭނާގެ ކޭކް ބިޒްނަސް މަގުބޫލްވަރު އެނގެނީ އެ ނަމުގައި ހުޅުވައިފައިވާ އެކައުންޓުންނެވެ.

ލައްފަގެ ޔުނީކް ބައެއް މަސައްކަތްތައް

ކޭކްތަކާއި އެ ނޫނަސް ދެތިން ފޮޓޯ އަޕްލޯޑް ކޮށްލިޔަސް، "ސޯ ލަފްލީ" އެކައުންޓް އެކްޓިވް ކޮށްލީ އެ ހުޅުވިތާ ދުވަސްތަކެއް ފަހުންނެވެ. ހަނދާންވެގެން އެ އެކައުންޓަށް ވަދެ ބެލިއިރު ލައްފައަށް ލިބުނު ހައިރާންކަން ބޮޑެވެ. ސަތޭކައަށްވުރެ ގިނަ މެސެޖް ލިބިފައިވާއިރު، ގިނައީ އޯޑަރަށް ކޭކް އަޅަންތޯ އަހާފައި ކޮށްފައިވާ މެސެޖާއި ލައްފަގެ ކޭކްތަކަށް ތައުރީފް ކޮށް ލިބިފައިވާ މެސެޖްތަކެވެ.

އޯޑަރަށް ކޭކް ނުހެދެންވީ ސަބަބެއް ލައްފައަކަށް ނުފެނުނެވެ. ޝައުގުވެރިކަން އެބަ ހުއްޓެވެ. އެކަންވެސް ވަގުތު ހޯދައިގެން ކުރަން ފެށީއެވެ.

އުމުރުން ދިހަ ބާރަ އަހަރުއްސުރެ ފޮނި ކާ އެއްޗެހި ހެދުމުގައި ލައްފަ ފާހަގަކޮށްލެވޭނެއެވެ. އޭރު ކޮންމެހެން ކޭކް އަޅަނީ މާ ބޮޑު ވިސްނުންތަކެއްވެސް ވިސްނައިގެނެއް ނޫނެވެ. ގޭގައި ކާލާށެވެ.

ލަފްވާ

"(ފުރަތަމަ) ކޭކް ވެސް އަޅާކަށް ނޭނގެ، އައިސިން ވެސް ޖަހާކަށް ނޭނގެ. އަމިއްލަ ނޮލެޖް ޔޫސްކޮށްގެން ޔޫޓިއުބް ޓިއުޓޯރިއަލްސް ބަލަމުން ކޭކް އަޅަން ވެސް ފެށީ، އައިސިން ވެސް ޖަހަން ފެށީ. އަދިވެސް ކޭކް ކޯހެއް ނުހަދަން. އޭރު ހިތަށް އެރި ހަދަން، އެކަމަކު މިހާރު ދެން ވަރަށް ފަރިތަވެ، ލައްފަގެ ކޭކް ވެސް މީހުންނަށް މީރު ވެގެން ރެސިޕީ ވެސް ބަލައިގަތީމަ ކޮންމެހެން ކޭކް އަޅަން (ދަސްކުރަން) ކޯހެއް ހަދަން ބޭނުންނުވަނީ."

"(އެކަމަކު) ބޭނުން ފިއުޗާގަ (މިކަމުން) ސެޓްފިކެޓެއް ވެސް އޮންނަން. ވަރަށް ގިނައިން ރިކުއެސްޓް އާދޭ ކޭކް ކޯސް ހިންގަން. ހިތަށް އަރަނީ އެ ގޮތަށް ކޭކް ކޯހެއް ބަޔަކަށް ހަދައިދޭއިރު، އަމިއްލަ މީހާގެ ވެސް އިންނަންވާނޭ ދޯ ސެޓިފައިޑް އެއްޗެއް. އެހެންވެ، އެ ގޮތަށް ވިސްނާފަ ވެސް ބޭނުން ކޭކް ކޯހެއް ހަދަން. އެކަމަކު ސްޕެޝަލައިޒްޑް ވާނީ ހަމަ ބަޓާ ކްރީމާ ބަޓާ ކޭކްގަ."

ކޭކް އަޅާ އެހެން މީހުންނާ ޚިލާފަށް ލައްފަ ބޭނުންވަނީ ލައްފަގެ ސްޓައިލްގައި ކުރިއަށް ދާށެވެ. ފޮންޑެންޓް-ބޭސް މީހަކަށް ވުމަށްވުރެ ހުސް ބަޓާ ކްރީމާއި ބަޓާ ކޭކް އަޅާ މީހެއްގެ ގޮތުގައި މީހުންނަށް އެނގޭށެވެ.

"މިހާރު ކޭކް ހަދާއިރު ބޮޑަށް ބަލަނީ ލައްފަ ކިޔެވި އެތި ޔޫސް ކުރެވޭތޯ. ހުރިހާ ކޭކެއް ވެސް ހުންނާނީ ފުރަތަމަ ޑިޖިޓަލީ ހަދާފަ ޑިޒައިން ކޮށްފަ. ދެން މޮކަޕްއެއް ކްލައިންޓަށް ދައްކާފަ، ކްލައެންޓް އެޕްރޫވް ކުރީމަ ހަދަނީ. އަމިއްލަ އޯން ޑިޒައިންސް ހުންނާނީ ހަދާފަ"

ޑިޖިޓަލް މޮކްއަޕް އާއި އަސްލު ކޭކްގެ ފޮޓޯތަކެއް

ކޭކްގެ ބިޒްނަސްގެ ތެރެއިން ލައްފަ ކުރަނީ އަދި މިކަން އެކަންޏެއް ވެސް ނޫނެވެ. ކޭކާ ޑިޒައިނިންއާ ގުޅުވާލައިގެން، ގޭގެއަށް ގޮސް ޕްރައިވެޓް އެނިވާސަރީ ސެޓަޕްސް ކަހަލަ ބައެއް ސެޓަޕްތައް ވެސް ހަދައެވެ. އޭގެ ފަހުން އައިސް ވެޑިން ސެޓަޕްތައް ވެސް އޯޑަރަށް ހަދަން ފެށިއެވެ. ޕާޓީ ސެޓަޕްތަކަށް އޯޑަރަށް ރަށްރަށަށް ވެސް ގޮސް އުޅެއެވެ. ނިއު އިޔާއަށްފަހު މިހާރު އަންނަނީ ވެލަންޓައިންސް ސެޓަޕް އޯޑަރު ތަކުން ވެސް ލައްފަގެ ބިޒީ ޝެޑިއުލް ފުރަމުންނެވެ.

ބްރައިޑަލް ޝަވާއަކަށް ލައްފަގެ ސެޓަޕްއެއް

"އޮފީހަށް ދަމުން ވަރަށް އުނދަގޫ ކޭކް އަޅަމުން، ޑެކަރޭޓް ކޮށް ހަދަން. ލައްފަ ފްރީ ނޫނިއްޔާ މަންމަ ބޭކް ކޮށްދޭނެ. މަންމަގެ ހެލްޕް ވަރަށް ބޮޑަށް ލިބޭތީ އަސްލު މިހާރު މިކަމުން މި ކުރިއަށް ދެވެނީ،" މަންމަގެ އެހީތެރިކަމާއެކު ކޭކްގެ ދުނިޔޭގައި ލައްފަ މި އަންނަނީ ފިޔަ ޖަހަމުންނެވެ. މަންމަ އާއި ފިރިމީހާ އަދި އާއިލާގެ އެހީތެރިކަމާ ނުލައި މި ހިސާބަށް ނާދެވެނޭ ކަމަށް ލައްފަ ބުނީ އެ އެންމެންނަށް ޝުކުރުވެރިވަމުންނެވެ.

ލަފްވާ

ބިޒީކޮށް އުޅެމުންވެސް މަދުމަދުން ޓްރެވެލްއަށް!

"އަސްލު ޓްރެވެލް އެއް ނުކުރަމޭ އެހާ ގިނައެއް ކޮށެއް،" ވާހަކަ ކުރުކޮށްލަމުން ހިނިގަނޑެއް ޖަހާލާފައި ލައްފަ ބުނީ މިހެންނެވެ. އެކަމަކު ލައްފަގެ އިންސްޓަގްރާމް ފީޑް ބުނެދެނީ އެހެން ވާހަކައެވެ. މަދުން ދިޔަޔަސް، ދާ ފަހަރަކު ރަނގަޅަށް "އެންޖޯއީ" ކޮށްލާކަން އެނގެއެވެ.

ލައްފަ ބުނީ އާންމުކޮށް ދަތުރުކޮށް އުޅެނީ ވީކެންޑްތަކުގައި އާއިލާއާއެއްކޮށް ކަމަށާއި ނޫނީ ދެން ރިސޯޓްތަކަށް ދަނީ ފިރިމީހާއާއި އެއްކޮށް ކަމަށެވެ.

ލައްފަ އާއި އޭނާގެ ފިރިމީހާ

"ލައްފަ ހަމަ ވަރަށް ކުރީގަ ވެސް ތަނަކަށް ގޮއްސިއްޔާ ވަރަށް ފޮޓޯ ނަގާނެ. މިހާރުވެސް ހަމަ ކޮންމެތަނަކަށް ދިޔަޔަސް ފޮޓޯ ނަގަން. ވަރަށް ބޭނުން ފޮޓޯގްރަފާއަކަށް ވާން ވެސް. އެންމެ ކުރާ ހިތުން ކުރާ އެއް ކަންތައް އެއީ ފޮޓޯ ނެގުން. ދެން ކިޔަވާފަ ހުރި އެއްޗަކާ ގުޅުވައިގެން ވަރަށް ބަލައިގެން ފޮޓޯ ނަގަނީ ލައިގެން ހުންނަ ހެދުމާއި ދަބަހާއި އަރާ ފައިވާނާ ވެސް ގުޅުވައިގެން."

ރާއްޖޭން ބޭރު ބައެއް ގައުމުތަކަށާއި ރާއްޖެ ތެރޭގެ ހިތްގައިމު ބައެއް ރަށްރަށަށް ވެސް ގޮސްފައިވާ ލައްފަ ދަތުރުކޮށް އުޅެނީ އެކްސްޕްލޯ ކުރާ ހިތްވާލެއް ބޮޑުކަމުންނެވެ. އެއްފަހަރު ދާ ގައުމަކަށް ދެވަނަ ފަހަރު ދެވުނަސް، ދެން ބަލަނީ ކުރިން ނުދެވޭ ހިސާބަކަށް ދެވޭތޯއެވެ. އާ ކަންކަން ހޯދާ ބެލުމަށް ޝައުގުވެރިއެވެ.

ޑިޒައިންކުރުން ކޭކް ޑެކޮރޭޝަން

Popular